12 ޕިކަޕް ބެޓެރީ ވަގަށް ނެގި ކަމުގެ ތުހުމަތުގައި 2 މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ސ. މަރަދޫ ފޭދޫ މާކަރީ ލައިޓް، އުމުރުން 32 އަހަރުގެ އަލީ އަހްސަން އަދި ސ.ފޭދޫ އަނަސް، އުމުރުން 43 އަހަރުގެ މުހައްމަދު ނީޒާދުއެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ މިއަދު ހެނދުނު 6:45 ހާއިރު، ފަރީދީ މަގާއި ޗާންދަނީ މަގު ގުޅޭ ހިސާބުން ދުއްވާފައި ދިޔަ ޕިކަޕެއްގައި ތިބި ބަޔަކާމެދު ތުހުމަތު ކުރެވިގެން ހުއްޓުވައި ބަލައިފާސްކޮށްފައިވާ ކަމަށެވެ. ޕިކަފު ބަލައިފާސްކުރުމުގެ ތެރޭގައި ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 12 ޕިކަޕް ބެޓެރީ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް އެންމެ ގިނައިން ހުށަހެޅިފައި ވަނީ ވައްކަމާ ގުޅޭ މައްސަލަތަކެވެ. އެގޮތުން މި އަހަރުގެ ތެރޭގައި 2،831 ވައްކަމުގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވެއެވެ.