ރާއްޖެއަށް އެތެރެކުރަން އުޅުނު 3 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

އަތުލައިގަނެވުނު މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އަދި ހެރޮއިން ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

ކަސްޓަމްސްއިން ބުނީ މި ދިޔަ ހޮނިހިރު ދުވަހު ވައިގެމަގުން ރާއްޖެ އެތެރެ ކުރަން އުޅުނު 2،440 ގްރާމްގެ ކޮކެއިން އަތުލައިގަނެވިފައި ވާ ކަމަށެވެ. އަދި މިދިޔަ ހޯމަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެ ކުރަން އުޅުނު 1،040 ގްރާމްގެ ހެރޮއިން އަތުލައިގެނެވިފައި ވާ ކަމަށެވެ.

މަސްތުވާތަކެތި ފެނުމާ ގުޅިގެން، ފުރަން ގޮސް ހުރި ޒުވާނަކު މިދިޔަ ހޯމަ ދުވަހު ވެލާނާ އެއާޕޯޓުގެ ޑޮމެސްޓިކް ޓާމިނަލުން ވެސް ވަނީ ހައްޔަރު ކޮށްފައެވެ.

ފުލުހުން ބުނެފައި ވަނީ ހަށިގަނޑުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެންދަން އުޅުނު މި މައްސަލައާ ގުޅިގެން އަބްދުﷲ ފަސީހު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު 340 ގްރާމްގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނިފައިވާ ކަމަށެވެ.

މިި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހާޒިރު ކުރުމުން، ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް ފަސް ދުވަސް ޖަހައިފައެވެ.