ޒޭބާ ބުނި ބަސްތަކުން މަންޝާގެ ހަނދާނަށް އައީ ޒިބާނާ އެކު ދައްކާފައިވާ ވާހަކަތަކެވެ. "ނޫން ޒޭބާ... އަހަރެމެން ދިޔުމަށް ވުރެ ޒިބާން ސަލާމަތްކުރުން ބުއްދިވެރި ވާނީ.. އެމީހުން ޒިބާން އަންދާލާނެ..." މަންޝާއަށް ރޮވުނެވެ. އަޒީމްމެންގެ އަތްދަށުވެފައިވާ ޒިބާން އެތަނަށް ދޫކޮށްލާފައި ދާން މަންޝާ ބޭނުމެއް ނުވިއެވެ
"ބޮޑާ ނުހާކާ ހިނގާ ދާން...." ޒޭބާ އިތުރު އެއްޗެކޭ ނުބުނެ މަންޝާގެ އަތުގައި ހިފާލިއެވެ. މަންޝާއަށް ތެދުވެ އެނދުމަތީ އިށީނދެވުނީ ޒޭބާގެ އެހީގައެވެ. މަންޝާ އަތުގައި ހިފާ ކުޑަދޮރާ ދިމާއަށް ދާން އެޅި ފިޔަވަޅު ހުއްޓުނީ ޒޭބާގެ ބަނޑަށް ވާންވެ ގަދަ ތަދެއް އިހްސާސް ވުމުންނެވެ. ވޭނީ އާހަކާއެކީ ޒޭބާ މަންޝާގެ އަތުން ދޫކޮށްލިއެވެ. އަދިއެއަށްފަހު މަންޝާ ގާތުގައި އެނާ ބުންޏެވެ. "އެނދުގަ އިށީނދެގެން އިނދެ ފުންނޭވާ ލަމުންދޭ... މަންޝާ... އަހަރެންނަށް މަންޝާ ގޮވައިގެން ދެން ނުދެވޭނެ..."
މަންޝާ ގޮވައިގެން ދާން ކިތަންމެ މަސައްކަތެއް ކުރިއަސް ބޮޑުދައިތަ ކައިރިއަށް މަންޝާ ނުގެންދެވޭނެކަން ޒޭބާއަށް އެނގުނެވެ. މަންޝާ އޭރުވެސް ހުރީ ބިރެއް ފެނިފައި ހުރިހެންނެވެ. ޒޭބާ ބުނިހެން އެނދުގައި އިށީނދެގެން މަންޝާ އިނެވެ. މަންޝާގެ ކުރިމަތީގައި ހުރި ޒޭބާ އޭރު ބަންޑުގައި އަތް އަޅައިގެން ހުރެ ބިންމައްޗަށް ތިރިވަމުން ދިޔައެވެ.
ޒޭބާގެ ބަނޑުގައި ރިއްސާފައިވަނީ އިންތިހާއަށެވެ. އޭނާއަށް ދެން ކެތް ނުކުރެވޭނެކަން އެނގުނެވެ. އިސްއުފުލާމުން ސީލިންގާ ދިމާއަށް ޒޭބާ ބަލާލިއެވެ. އޭރު ޒޭބާގެ ދެލޯވަނީ ނޫކުލައިން ދިއްލިފައެވެ. ދެލޯ ބޮޑުކޮށްގެން އިނދެ ޒޭބާ އަނގަ ހުޅުވާލިއެވެ. އޭރު އޭނާގެ ސިފައަށް ބަދަލުތައް އަންނަން ފަށައިފިއެވެ. މޫނުމައްޗާ ގައިގެ ހަންގަނޑުގައި ހުޅުނބުތައް ފަޅަންފެށިއެވެ. ބުޅި އިސްތަށިގަނޑުގެ ފޯލިތައް ވަޔާ އެކު ވިިހުރެމުން ދިޔައިރު އެ އިސްތަށިގަނޑު ބޯވައެއްގެ ފައިތަކެއްހެން ވިހުރިލަ ވިހުރިލަ ހުއްޓެވެ. މުޅިގަޔަށް ވަނީ އަޅިފާޑުގެ ކުލައެއް އަރާފައެވެ.
ހަތަރު މޮށްގަނޑު ޖަހައިގެން ހުރެ ޒޭބާ ދަތްކުނޑި ވިކާލިއެވެ. ޒޭބާގެ ހަޅޭކުގެ އަޑާއެކީ އޭނާގެ ބުރަކަށިން ކަށިތަކެއް ނިކުތެވެ. އޭނާލައިގެން ހުރި ކަޅު ހެދުން ފޫ ދުއްވާލާފަ އެ ކަށިތައް ނިކުތް އިރު ޒޭބާ ދިޔައީ އުންކާރު ދެމުންނެވެ. އެ މަންޒަރު ބަލަން މަންޝާ އިނީ ގަބު ކައިފައެވެ. އޭނާގެ ހަމަ ލޮލުން އެމަންޒަރު ފެންނާތީ ބިރުގަތެވެ. ދުވަހަކުވެސް ނުފެންނަ ކަހަލަ ބިރުވެރި ސިފައަކަށް ޒޭބާ ހުރުމުން މަންޝާ ހުރީ ހުއްޓުން އަރާފައެވެ.
ފެންތަކަކާ އެކީ ޒޭބާގެ ބަނޑުދަށަށް އެނާވިހެއި ކުއްޖާ ވެއްޓުނެވެ. އެކުއްޖާ އޮތީ ޒޭބާ ހުރިހެން އަޅިކުލައަކަށް ހުޅުނބު ފަޅާފައެވެ. އެ ކުއްޖާ ގެ ފޫޅުދަނޑީގައި ޒޭބާ ދަތްއަޅާ ބުރިކޮށްލުމަށްފަހު ފޫޅުގެ ކޮޅު ގޮށްޖަހާލިއެވެ. އެއަށް ފަހު އެކުއްޖާ އެއްފަރާތުގަ ބާއްވާފަ ޒޭބާ ތެދުވަން މަސައްކަތް ކުރަމުން މަންޝާއާ ދިމާއަށް ބަލާލިއެވެ. ބިރުން ވިރިފައި އިން މަންޝާއަށް ތެޅިގަނެވުނެވެ. "ނޫން.. ނޫން... އަހަރެންނަށް ގޮތެއް ނުހަދާތި.. އަހަރެން މަރާނުލާތި... ނޫން.. ދުރަށް ދޭ..."
ބިރުގެންފައި އިންވަރުން މަންޝާއަށް ވާހަކަ ދައްކަން ވެސް އުނދަގޫވިއެވެ. އަދި ގައިގާ އަޅަމުން ދިިޔަ ވޭނުން މަންޝާ ދިޔައީ ތުރުތުރު އަޅަމުންނެވެ. ޒޭބާ ކުރިއަށް ޖެހި މަންޝާއާ ގާތްވެލަމުން އޭނާގެ އަތުގައި ހިފާލިއެވެ. ޒޭބާގެ އަތުގައި ހުރި ލޮނދި ފާޑުގެ އެއްޗެތި މަންޝާގެ ގައިގާ ޖެހުމުން މަންޝާ ފަކުރުގަތެވެ. ނަމަވެސް އެއިން ކަމަކާ ވިސްނޭ ވަރަށް ވުރެއް މަންޝާ އިނީ ވަރުބަލިވެފައެވެ.
"ޝްޝްޝް.. މަންޝާ އަހަރެން މިއައީ މަންޝާއަށް ގެއްލުމެއް ދޭކަށް ނޫން.. ޒިބާން ބުނެގެން އެހީވާން... މަންޝާ ވިހާ ވަގުތު ޖެހިފަ ތިހުރީ.. ފުންކޮށްނޭވާލަމުން ތަދަށް ހިފާ..." މަންޝާ ލައިގެން ހުރި ހަރުވާޅު ބާލަމުން ޒޭބާ ބުނެލިއެވެ. ކަކުލާ ހަމައަށް ހުރި ހެދުންކޮޅު ޒޭބާ މައްޗަށް އަރުވާލިއެވެ. ގައި ހުރި ބާރެއްލަމުން ބަނޑުގައި ރިހޭ ރިހުމާ އެކު މަންޝާ ތަދަށް ހިފާލިއެވެ.
މަންޝާއަށް އެހީވުމުގެ ގޮތުން މަންޝާގެ އަތުގައި ޒޭބާ ހިފާލިއެވެ. "އަދި ބާރަށް ހިފާލާ... މާ ގިނަ އިރެއް ނުވާނެ.. މަންޝާ... އަދި ތަންކޮޅެއް ބާރަށް..." އޭރުވެސް ޒޭބާ ހުރީ އެ ބިރުވެރި ސިފައިގައެވެ. މަންޝާ ވިއްސަން މަސައްކަތް ކުރަމުން ދަނިކޮށް ކުއްލިއަކަށް މަންޝާގެ ހެޔަށް ގޮތްވެ ގައިން ވަރުދޫވާކަން ޒޭބާއަށް އެނގުނީ ޒޭބާގެ އަތުން މަންޝާ ދޫ ކޮށްލުމުންނެވެ.
"މަންޝާ... މަންޝާ... ލޯ ހުޅުވަބަލަ..." ޒޭބާ ދެބުރަކަށް މަންޝާއަށް ގޮވާލިއެވެ. މަންޝާ ދެލޯ ހުޅުވާލީ ވަރަށް ވަރުންނެވެ. ޒޭބާ ތަދަށް ހިފަން އެދުމުން ދެން ނުވާނޭ ބުނާ ފަދަ ގޮތަކަށް މަންޝާ ބޯހޫރުވާލިއެވެ.
"ޒޭބާ... އަހަރެންގެ ދަރިފުޅު ސަލާމަތްކޮށްދީ... އަހަރެންނަށް ދެން ނުވާނެ... މިކުއްޖާ ސަލާމަތްކޮށްދީ..." މަންޝާ ވާހަކަ ދައްކަމުން ދިޔައިރު އަނގައިގަ އެއްވެސް ވަރެއްނެތެވެ. ކަރުތެރެ ހިކިފައިވުމުން މަންޝާ ކޮށިކެއްސުމެއް އެރިއެވެ. ޒޭބާއަށް ދެން ހަދަންވީ ގޮތް ހުސްވީ އެހިސާބުންނެވެ.
ޒިބާނަށް އޭނާ ވީ ވައުދު ފުއްދަން ބޭނުންވިއެވެ. އެންމެ ފަހުން ޒޭބާއަށް ވިސްނުނު އެންމެ މޮޅު ގޮތަށް ކަންކުރަން ނިންމިއެވެ. މަންޝާގެ އަތުގައި ހިފާލަމުން މަންޝާގެ މޫނަށް ޒޭބާ ބަލާލިއެވެ. މަންޝާގެ ހަށިގަނޑުގައި އެއްވެސް ވަރެއް ނެތްކަން ޒޭބާއަށް އެނގުނެވެ. މަންޝާގެ އެސްފިޔަތަކަށް ވަނީ ބަރުވެފައެވެ. ޒޭބާ ފުންނޭވާއެއް ލަމުން މަންޝާގެ އަތުގައި ބާރަށް ހިފާލިއެވެ. މަންޝާގެ ހަށިގަނޑު ތެރެއަށް ފުރޭނިގެން ޒޭބާ ދިޔުމުން މަންޝާގެ ދެލޯ ނޫކުލައިން ދިއްލުނެވެ. ޒޭބާ އެތައް މަސައްކަތެއް ކުރަމުން ދިޔައީ މަންޝާގެ ހަށިގަނޑަށް ގެއްލުމެއް ނުދީ މަންޝާގެ ބަނޑުގައިވާ ދަރިފުޅު ސަލާމަތް ކޮށްދެވޭތޯއެވެ. މިހާރު މަންޝާގެ ހަށިގަނޑުގައި އެ ހިނގަނީ ޒޭބާގެ ބާރެވެ.
އެނދުގައި އޮށޯންނަމުން މަންޝާގެ ދެފައި ދުރުކޮށްލިއެވެ. އެނދުގެ އަރިމަތީގައިވާ ދަނގަނޑުގަނޑުގައި ހިފާ ބާރުކޮށްލަމުން މަންޝާ ތިރީ ތުންފަތުގައި ދަތް އަޅާ ބާރުކޮށްލިއެވެ. ގަޔަށް ލެވުނު ބާރެއްލާ ވިހަން ތަދަށް ހިފާލިއެވެ. ރިހުން ކުޑަވަމުން ދާތީ ޒޭބާ އުންކާރު ދެމުން އައީ ވަރަށް އުނދަގުލުންނެވެ. މާ ގިނަ ވަގުތެއް އެކަމަކަށް ނުނެގިއެވެ. މަންޝާ އޮތް އެނދުމައްޗަށް ކުޑަ ކުއްޖާ ވިހެއުމާ އެކީ ޒޭބާ މަންޝާގެ ހަށިގަނޑު ތެރެއިން ނިކުތެވެ. މަންޝާ ވިހެއީ އަންހެން ކުއްޖެކެވެ. އެކުއްޖާ އޮތީ އިންސާނެއްގެ ސިފައިގައި ވިޔަސް ބުރަކަށީގައި އާދަޔާ ޚިލާފަށް ގިނައިން ކެހެރި ހުއްޓެވެ. އެކުއްޖާ ނަގާ އުރާލަމުން ޒޭބާ އެތުއްތު ކުއްޖާގެ ނިތްކުރިއަށް ބޮސްދިނެވެ. އޭރު ޒޭބާގެ ލޯކަރުނުން ފުރުނެވެ.
ތަޅުން މަތީ އޮތް ޒޭބާގެ ދަރިވެސް އުރާލިއެވެ. ދެކުދިން ގައިގަ ބައްދާލުމަށްފަހު މަންޝާ ގާތުގައި އެދެކުދިން ބާއްވާ ލިއެވެ. ޒޭބާ މިހާރު ހުރީ އޭނާގެ ރީތި ސިފައިގައެވެ. މަންޝާގެ ބޮލުގައި ފިރުމާލަމުން ޒޭބާ ވާހަކަ ދެއްކިއެވެ. "މަންޝާ.. އަހަރެން މިދަނީ ޒިބާން ސަލާމަތް ކުރަން... ޒިބާނަށް އެއްވެސް ދެރަގޮތެއް ނުވާނެ...." ޒޭބާ ދައްކަމުން ދިޔަ ވާހަކަ މަންޝާއަށް ސާފެއް ނުވެއެވެ. އޭނާގެ ލޮލަށް ފެންނަމުން ދިޔަ މަންޒަރު މުޅިންފުސްވެ އެކީ ލޯމެރުނެވެ.
މަންޝާގެ ކައިރީގައި ތިބި ދެކުދިންގެ ފޫޅުދަނޑިކަނޑާ ރީތިކޮށްފައިވާކަން މަންޝާއަށް އެނގުނެވެ. އެކުދިންނާ ދިމާއަށް މަންޝާ ބަލާލިއެވެ. ދެކުދިން ވެސް ތިބީ ނިދާފައެވެ. މަންޝާ އެ ދެކުދިންގެ ގައިގާ ފިރުމާލުމަށްފަހު ތެދުވިއެވެ. އޭރު މަންޝާ އޮތް އެނދުގައިވަނީ ހުސް ލެއެވެ. މަންޝާ ބިންމައްޗަށް ބަލާލީ އޭނާ ލައިގެން ހުރި ހަރުވާޅު ހޯދާށެވެ. މަޑުމަޑުން އެނދުން ފޭބުމަށްފަހު މަންޝާ އޭނާގެ ހަރުވާޅު ލިއެވެ. ކުދިންނާ ދިމާއަށް މަންޝާ އެނބުރިލީ ކުދިން އަޑުއަޑު ލައްވާތީއެވެ. އެކުދިން އޭރު އެ އެނދަކު ނެތެވެ. އެކުދިން އޭރު ތިބީ އުޑަކު ބިމަކު ނުޖެހިއެވެ. ހީވަނީ މީހަކު އެކުދިން އުރާލައިގެން ހުރިހެނެވެ.
ކުރިިއަށް ފިޔަވަޅު އަޅަމުން މަންޝާ ވާހަކަ ދެއްކިއެވެ. "މަގޭ ދަރި....." އެހިސާބުން އެ ދެކުދިން ކުޑަދޮރާ ދިމާއަށް ދިޔައެވެ. ހީވަނީ މީހަކު އެކުދިންތައް ގެންދަނީ ހެންނެވެ. މަންޝާގެ ހަށިގަނޑުގައި މާ ބޮޑުވަރެއް ނެތުމުން ކުޑަދޮރާހަމައަށް އަވަހަކަށް ނުދެވުނެވެ. މަންޝާ އެހިސާބަށް ދާން ވާ އިރަށް އެ ދެކުދިން ވައިގެ ތެރެއިން ވިލާތަކާ ދިމާއަށް ދަތުރު ފެއްޓިއެވެ.
"ނޫން.... މަގޭ ދަރިފުޅު.... ނުގެންދޭ.... މަގޭ ދަރިފުޅު ގެނެސްދީ...." މަންޝާ ރޮއެ އާދޭސްކުރަމުން ދިޔަ ނަމަވެސް އެކުދިންތައް ދިޔައީ ދުރަށެވެ. އެކުދިންގޮސް ލޮލުކޮޅަށް ގެއްލުނު ދިމާާއަށް ބަލަހައްޓައިގެން މަންޝާ ހުރިއިރު އޭނާއަށް ރޮވެނީއެވެ. ކުޑަދޮރު ކައިރިން ތަޅުންމައްޗަށް ތިރިވެ ރޮމުން ދިޔައިރު މަންޝާގެ ގައިގާ މާ ބޮޑު ވަރެއް ނެތެވެ. ތެދުވަން މަސައްކަތް ކުރަން އުޅުނު ނަމަވެސް ތެދުވެވޭ ވަރެއްވެސް ނެތެވެ. ތަޅުންމަތީ ކޭއްތެމުން އެކޮޓަރީގެ އަނެއް ބިތުގައި ހުރި ދޮރާ ދިމާއަށް މަންޝާ ފިރުކިގަތީ ޒިބާނަށް ގޮވަމުންނެވެ. ދޮރާ ހަމައަށް ދެވުމުން މަންޝާ އެ ދޮރުގެ ތަޅުގައި ހިފާލިއެވެ. ނަމަވެސް އެދޮރުވަނީ ބޭރުން ތަޅުލާފައެވެ.
ދޮރުގައި ލައްވަމުން މަންޝާ ރޯން ފެށިއެވެ. "ޒިބާން އަހަރެމެންގެ ދަރިފުޅު އެ ގެންދިޔައީ... އަޅެ ނޫން.... އަޒީމް އޭނާ ދޫކޮށްލާ...."
*** *** *** *** *** ***
އަލިބެ ހުރީ އޭނާގެ މަސައްކަތްތަކުގައި ގެންގުޅޭ ޖިންނި އެތަނަށް ނައިސްގެން ކަންބޮޑުވެފައެވެ. އެ ދަނޑިވަޅުގައި މަންޝާ އޮތް ކޮޓަރި ދޮރު ކައިރިން އައި ޒޭބާ ފެނުމުން ޒިބާންގެ ދެލޯ ބޮޑުވިއެވެ. ޒިބާން ބުނިގޮތް ނޫން ގޮތަކަށް ޒޭބާ ކަންކުރަން އުޅޭކަން ޒިބާނަށް އެނގުނެވެ. "ދޭ މިތަނުން ދޭ...." ޒިބާން ވާހަކަ ދެއްކީ ޒޭބާއަށް އިވޭނެ ވަރަށެވެ. އެދެމީހުން ދައްކާ ވާހަކަ އެތަނުގައި ތިބި އިންސާނުންނަކަށް އަޑެއް ނީވެއެވެ.
"ޒިބާން.. އަހަރެން ޒިބާން ސަލާމަތްކޮށްދޭނަން.. އަހަންނަށް އެކުދިންނާ މަންޝާ ގެންދެވޭގޮތެއް ނުވި..." ޒޭބާ ވާހަކަ ދައްކަމުން އައިސް ހުއްޓުނީ ޟިރާރު ކުރިމައްޗަށެވެ. އެވަގުތު އެތާ ތިބި އެންމެންގެ ލޯ މައްޗަށް ޒޭބާ ފާޅުވީ އޭނާގެ އަތުގައި އޮތް އަނގޮއްޓި ނަގާ ޒިބާނާ ދިމާއަށް ހޫރާލުމުންނެވެ.
"ނޫން... ޒޭބާ ތިހެދީ ކިހިނެއް؟..." ވައިގެތރެއިން ބާރު ސްޕީޑުގައި ޒިިބާންއާ ދިމާއަށް ދަތުރު ކުރި އަނގޮއްޓީގައި ހިފަމުން ބުނެލިއެވެ. ޒޭބާ މިކަމުގެ ތެރޭގައި ނިމިގެން ދާން ބޭނުން ނުވާތީ ޒިބާން އެހިސާބަށް އައިސް އެކުރި މަސައްކަތް ވެސް ފެނަށް ދިޔައީއެވެ.
"ޒިބާން.. އަހަރެންނަށް ވީ ވައުދު ހަނދާން ބަހައްޓާތި؟... އަހަރެންނަށް ކުރެވުނު ކުށް ރަނގަޅުކުރަން މި މަސައްކަތް ކުރަނީ...." މިހެން ބުނެ ޒޭބާ މަސައްކަތް ކުރީ ޟިރާރުމެންނާ ކުރިމަތިލާށެވެ.
އެންމެންގެ ލޯ މައްޗަށް ޒޭބާ ފާޅުވުމުން އެންމެން ހައިރާންވެފައި ބަލަން ތިއްބެވެ. މިވަނީ ކިހިނެއްކަމެއް އަލިބެއަކަށް ނޭނގުނެވެ. ޟިރާރު ވެސް ހުރީ އަންތަރީސް ވެފައެވެ. އަޒީމް ޒޭބާއަށް ގޮވާލަން އަނގަހުޅުވާލި ވަގުތު ޟިރާރު ވާހަކަ ދެއްކުމުން އަޒީމް ހުއްޓުން އެރިއެވެ. "ކައޭޝާ... ކައޭޝާ ކިހިނެއް ދުނިޔޭގަ ތިހުރީ... އަހަރެން ކަލޭ ނައްތާލިން...."
"ކައޭޝާއޭ... އެއީ ކައޭޝާއެއް ނޫން.. އެއީ ޒޭބާ.... ޒޭބާވެސް ތީ ޖިންނިއެއްތަ؟..." އަޒީމްގެ ޖުމްލަ އަޑުއިވިފައި ޟިރާރު ހުރީ ވާނުވާ ނޭނގިފައެވެ. ޟިރާރަށް އެއީ ކައޭޝާ ކަން ޔަގީނެވެ. އަޑު ބާރުކޮށް ޒޭބާ ހިނިގަނޑެއް ޖަހާލިއެވެ. ވާނުވާ ނޭނގިފައި އެންމެން އެމަންޒަރު ބަލަން ތިއްބެވެ. ޟިރާރަށް އޭނާގެ މާޒީ ސިފަވި ކަހަލައެވެ. އެއީ ހަމަ އެ މޫނެވެ. ވަލުތެރެއިން ފެނިގެން ޟިރާރުގެ ހިިތް މޮޔަކޮށްލި ޒުވާނާއެވެ.
ޟިރާރާ ދިމާއަށް ކުރިއަށް ޖެހެމުން ޒޭބާ ވާހަކަ ދެއްކިއެވެ. "ކައޭޝާއޭ ކަލޭ ކައޭޝާއަށް ގޮވާކަށް ލަދެއް ވެސް ނުގަނޭތަ؟... މަމީ ކައޭޝާއެއް ނޫން... މަމީ ކައޭޝާގެ ދަރި... މަމީ ކަލޭގެ ދަރިއެއް... ކަލޭ ތަނަކުން މީހަކު ފެންނައިރަށް ހިތާވާން ޖެހޭ ވިއްޔަ... މަންމަ އިންސާނަކަށް ބަލިވެއިނުމުން އާއިލާއިން ވަކިކޮށް އެކަހެރިކޮށްލީމަ މި ދުނިޔެއަށް އައިސް މިތާ އުޅުނީ... ދެން ކަލޭގެ ދަރިއަކަށް މަންމަ ބަނޑުބޮޑު ވާހަކަ ބުނީމަ ކަލޭ ހެދީ ހުސް މަކަރު.. އަހުދުތަކާ ވައުދުތައް ވެފަ މަންމަ ވިހަންވެފަ އޮތްރޭ ކަލޭ ފަންޑިތަ ހަދައިގެން މަންމަގެ ދުވަސް ދުއްވާލީ... އެކަމަކު.. އަހަރެން އެރޭ ސަލާމަތްވީ އަހަރެންގެ ބޭބެ ޒިބާނާ ހެދި... އޭނާ އަހަރެން އެތަނުން ސަލާމަތްކުރީ... މިލަކުނަކީ އެރޭ އަހަންނަށް އެތަނުން ލިބުނު އަނިޔާއެއް.. މަންމަ މަރުވެގެން ދިޔައިރު އަހަރެންގެ ގައިގަވެސް އަލިފާން ރޯވި.... ބޮޑުވެގެން އައި އިރު އަހަރެންގެ މަންމަގެ މަރުގެ ބަދަލު ހިފަން އަހަރެން އަޒުމް ކަނޑައެޅިން... ކަލެއާ ކައިރިވާން ވަރަށް މަސައްކަތް ކުރިން.. އަބަދު ތަވީދުތައް އަޅައިގެން ހުންނަ މީހަކާ ކައިިރި ނުވެވޭނެކަން އެނގުނު ހިސާބުން ރޫހީއާ ދިމާ ކުރީ... އެކަން ކުރީ އަހަރެންގެ ރޭވުމާ އެއްގޮތަށް އަހަރެންގެ ބޭބެ.. ދެން މަންޝާއާ ވެސް އުނދަގޫކުރަން ނިންމީ އެއީވެސް ކަލޭގެ ދަރިއަކަށްވީމަ... ހަމަ އެހެންމެ ކަލެއަށް ލިބެން އުޅޭ ކާފަ ދަރީގެ ދުވަސްވެސް ދުއްވާލަން އަހަރެން އުޅުނިން..."
ޒޭބާގެ ވާހަކަ އެހިސާބުން މެދުކެނޑުނު އިރު ޒޭބާ ހުރީ ޟިރާރާ މޫނު ޖެހޭހާ ކައިރީގައެވެ. ޟީރާރުގެ އަތުގައި ޒޭބާ ހިފީ ޟިރާރުގެ ދުވަސް ދުއްވާލާށެވެ. އެކަމުން ޒޭބާގެ ހަށިގަނޑަށް އުނދަގޫވެ ޒޭބާގެ އަތްތިލަ އަނދަން އުޅޭހެން ހީވިއެވެ. ޟިރާރުގެ ގައިގާ އަޅާފައިވާ ތަވީދުގެ ސަބަބުން ޟިރާރުގެ ދުވަސް ދުއްވާނުލެވޭނެކަން ޒޭބާއަށް އެނގުމުން ޟިރާރުގެ އެއަތުގައި ހިފާ ޒޭބާ އަނބުރާލިއެވެ. ރޮމުން ހަޅޭއްލަވަމުން ޟިރާރު އެހުރިތަނަށް ތިރިވި ނަމަވެސް ޟިރާރަށް ވާހަކައެއް ނުދެއްކުނެވެ. އޭނާގެ އަނގަވަނީ އެއް އަރިއަށް ދަމައިގެންފައެވެ. ޒޭބާއާ ދިމާއަށް ޟިރާރު ބަލާލީ އާދޭސްްކުރާ ހާލުގައެވެ. އޭނާގެ އަތުން ދޫކޮށްލާށޭ ބުނާ ފަދައަކުންނެވެ.
އަލިބެ ގެންގުޅޭ ފެންތަށިން ފެންގޮއްޓެއް ޒޭބާގެ ގަޔަށް ބުރުއްސާލުމުން އަލިފާނުގައި ފެންޖެހުނީމަ ގޮވާ ފާޑު އަޑެއްކިއެވެ. އަދި ޒޭބާގެ ގައިގަ ފެން ޖެހުނު ދިމާތަކުން ދުން އެރިއެވެ. ޒޭބާ ގައިން ނެގި ދިލައިން ދުރަށް ޖެހެން ފިޔަވަޅު އެޅި ނަމަަވެސް ޒޭބާއަކަށް އެހުރި ފިޔަވަޅުމަތިން ފަހަތަކަށް ނުޖެހެވުނެވެ. މަޒީގެ ވާހަކަތައް ޒޭބާ ކިޔައިދެމުން ދިޔަ ވަގުތު އަލިބެ ވަނީ ޒޭބާ ވަށާ ލޮނުން ބުރެއް ކުރަހާފައެވެ. އަދި އެބުރުން ޒޭބާއަށް ނުނިކުމެވޭނެ ގޮތް ހަދާފައެވެ. އަލިބެއަށް ނޭނގޭ ކަމަކީ ޒިބާން އެތާ ހުއްޓަސް އެމީހުންނަށް އޭނާ ނުފެންނަކަމެވެ. ޒިބާން ހުރީ އޭނާ ބަނދެވިފައި ހުރި ބުރުން ސަލާމަތް ވެފައެވެ.
ޒޭބާ ސަލާމަތްކުރަން ހަދަންވީ ގޮތެއް ޒިބާނަކަށް ނުވިސްނުނެވެ. ޒޭބާގެ އަމަލުތައް ހުރިގޮތުން ޒޭބާ މިހާރު ހައްޔަރުވެއްޖެ ކަން ޒިބާނަށް އެނގުނެވެ. ޒިބާން މަސައްކަތްކުރީ އޭނާއަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދޭނެ މީހަކު ހުރިތޯ ބަލާށެވެ. ޒިބާންގެ އަތުގައި އަޅާފައިވާ އަނގޮއްޓީގައި ފިރުމަމުން ޒިބާން ތުންތަޅުވަމުން ދިޔައީ އޭނާގެ އާއިލާ މީހަކަށް ސިގްނަލެއް ދެވޭތޯއެވެ. ޒޭބާ އެފަދަ ކަމެއް ކުރީ އެކަމަށް ޒިބާން ނުވިސްނާ ހުއްޓައެވެ.
އަޒީމް އެވަގުތު ޟިރާރު ދުރަށް ޖެއްސިއެވެ. ޟިރާރުގެ އަނގަ އޭރުވެސް ވަނީ އެއް އަރިއަށް ދަމައިގެންފައެވެ. ޒޭބާ ހިފި އަތުގެ އިނގިލިތައްވެސް ވަނީ ފާޑަކަށް އެނބުރިފައެވެ. "ދެން ތިބުނަނީ ޒެބާއާ މަންޝާއަކީ ދެބޭންނޭތަ؟... ދެން ކީއްވެ އަހަރެން ކައިރިއަށް ޒޭބާ އައީ... ޒޭބާ އަހަރެންގެ ދިރިއުޅުމާ ކުޅެން މަށާ ހިތާވީ ކީއްކުރަން...." އަޒީމަށް ހިމޭނަކުން ނުހުރެވުނެވެ. އަޒީމް ރުޅިއައިސްފަ ހުރެ ވާހަކަ ދެއްކީ އަޑަށް ބާރު ލަމުންނެވެ.
"އާން.. އަހަރެންނަކީ މަންޝާގެ ކޮއްކޮ... ބަލަ އެ ފަންޑިތަ ހަދަން އެތަނަށް ދިޔައީ ކަލޭގެ ބަފާ އަލިތައްކާނު... އެހެންވެ ކަލެއަށް ބަދަލުހިފީ... ކަލެއަށް އުނދަގޫ ކުރީ... އަލިތައްކާނާ އިބްޒީމާގެ ހުރި ނުބައިކަމުން މި ފަންޑިތަ ހަދަން ޟިރާރު މަސައްކަތް ކުރީ" ޒޭބާގެ ވާހަކަ މުޅިންހެން ހުއްޓާލީ އެ ޓެރަސް މައްޗަށް ފާޅުވި ސައިތޯނާ ފެނިފައެވެ.
އެއީ ވަރަށް ބިޔަކޮށް ހުރި އެއްޗެކެވެ. މުޅިގައިގަ ކެހެރި ފަޅާފައި ހުރިއިރު އޭނާގެ ދެލޯ ވަނީ ރަތްކުލައިން ދިއްލިފައެވެ. އޭނާގެ ބޮލުގައި ދެ ދަޅުވެސް ހުއްޓެވެ. ނުބައި ސިފައަކަށް ހުރި އެތި ފެންނަނީ ހަމައެކަނި އަލިބެއަށެވެ. އަލިބެ އެ ޖިންނިއާ ވާހަކަ ދައްކިއެވެ. "ކަލޭ ހާދަ ލަސްވީ... މިހާރު ކޭތަ ހިފާގަޑި ކައިރިވަނީ އަހަރެންނަށް މިތާ މިތިބަ ދެ ޖިންނި ނައްތާލެވޭނެތަ؟..." އަލިބެ ހުހަށް ހުރި ތަނބާ ދިމާއަށް އެނބުރިގެން ހުރެ ވާހަކަ ދައްކަން ފެށުމުން އަޒީމް ހުރީ ޖެހިލުންވެފައެވެ.
އެ ޖިންނި ދެއަތަށް ބޯހޫރާލިއެވެ. "އަހަރެން ނުލާ މިތާ އަހަންނަށް ދެޖިންނިއެއް ނުފެނޭ..... އަހަންނަށް ފެންނަނީ މިހިރަ އަންހެން އެތި..." ދުރުގައި ހުއްޓިގެން ހުރި ޒިބާން އޭތީގެ ލޮލަށް ވަނީ ވަންހަނާވެފައެވެ. "އެހެންވެއްޖިއްޔާ އަނެއް ޖިންނި މަކަރުހަދާފަ އެ ފިލީ... އޭނަ ހޯދައިގެން ގެނޭ... ކޮންމެ ގޮތެއް ހަދާފަވިޔަސް އޭނަ މިތަނަށް ގެންނަން ވާނެ... ކޭތަ ހިފާ ވަގުތު މިކަން ކުރެވޭނީ...." އަލިބެގެ ބަހަށް އެ ޖިންނި ބަލާލީ ޓެރަސްމަތީގައި ހުރި ކޮޓަރިއާ ދިމާއަށެވެ. އޭނާ ދެ ބުރަކަށް ނޯއް ދަމާލިއިރު ހީވަނީ އޭނާއަށް ކޮންމެވެސް ކަމެއް އެނގިއްޖެ ހެނެވެ.
*** *** *** *** *** ***
"ޒިބާން... ޒީބާން.. މަގޭ ދަރިފުޅު އެ ގެންދިޔައީ.... އެ ކުއްޖާ ގެނެސްދީ.. އަހަރެން މޮޔަވެދާނެ...އަޒީމް ޒިބާން ދޫކޮށްލާ...." ދޮރުގައި ލައްވެގެން ހުރެ މަންޝާ ރޮމުން ވާހަކަ ދައްކަމުން ދިޔައެވެ. އޭނާ ދައްކަމުން ދިޔަ ވާހަކަ ރަނގަޅަށް ސާފުނުވާވަރަށް އޭނާއަށް ވަނީ ގިސްލެވިފައެވެ. ދޮރުގައި ތަޅަން ހުރި މަންޝާއަށް ބަލާލެވުނީ ކުޑަދޮރާ ދިމާއަށެވެ. އޭރު ކުޑަދޮރުކައިރިން ރަތްކުލައިގެ އަލިގުޅައެއް ފާޅުވިއެވެ.
"ޒިބާން.. އެމީހުން އަހަރެންގެ ދަރިފުޅު ގެންގޮއްސި...." ކުޑަދޮރު ކައިރިއަށް މަންޝާ ދާން ތެދުވިއެވެ. ދެއަތުން ދެލޯ ފޮހެލަމުން ނޭފަތް ދަމާލިއެވެ. މަންޝާ ކުޑަދޮރު ކައިރިއަށް ގޮސް ހުއްޓުމުން އެ އަލިގުޅަ މަންޝާގެ ބޯމަތިން ކޮޓަރި ތެރެއަށް ވަނެވެ. މަންޝާ ކުޑަދޮރަށް ފުރަގަސްދެމުން އެތެރެއަށް ބަލާލީ ހިނިތުންވަމުންނެވެ. ނަމަވެސް އޭރު އެތެރޭގައި ހުރީ ޒިބާނެއް ނޫނެވެ. އެއީ ބިރުވެރި ސިފައަކަށް ހުރި ނުބައި ޖިންނިއެކެވެ. "ކޮބާ އަހަރެންގެ ޒިބާން؟... ތީ ކާކު؟..." މަންޝާ ވާހަކަ ދެއްކީ ޖެހިލުންވެ ހުރެއެވެ.
"އަހަރެންވެސް މި ހޯދަނީ ޒިބާން...ކޮބާ އޭނާ..." އޭތީގެ ބަރުއަޑުން ވާހަކަ ދައްކާލި އިރު މަންޝާ ހުރީ ސިހިސިހިއެވެ. ފަހަތަށް ޖެހި ކުޑަދޮރުގައި މަންޝާ އަތް އަޅުވާލީ ދެން ފަހަތަށް ނުޖެހެވޭނެކަން އެނގުމުންނެވެ.
(ނުނިމޭ)