ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ރަށްރަށުގައި ފެންބޮޑުވެ، ގެއްލުންވަމުން އަންނައިރު މިއަދު ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކޮށް ބައެއް ސަރަހައްދުތަކަށް 50 މޭލަށް ވައި ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ލަފާކޮށްފިއެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މިއަދު ހެނދުނު 10:00 އިން 14:00 އަށް ލ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ހުދު ސަމާލުނެރެފައިވާއިރު މެޓުން ވަނީ އެ ސަރަހައްދަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށްފައެވެ.

މީގެ އިތުރުން ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ރީދޫ ސަމާލު ނެރެފައެވެ. ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދަށް ކަނޑުތައް ވެސް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާއިރު ރީނދޫ ސަމާލު ނެރެފައި ވަނީ މިއަދު މެންދުރު ފަހާއި ހަމައަށެވެ.

ކުރިއަށް އޮތް ފަސް ދުވަހުވެސް ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ އިދާރާއިން ވަނީ ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލާއި 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައެވެ. އެހެންކަމުން ކަމާއި ގުޅޭ އިދާރާތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށް، ގޭގެއަށް ފެން ނުވަންނާނެހެން ވެލި ބަސްތާ ޖެހުމަށާއި، ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.