އިންޑިއާގެ ސަރުކާރާ އެކު ރާއްޖޭގެ ސަރުކާރުން ބާއްވާ ގާތް ގުޅުން ފެނިވަޑައިގެން އެކަމާ އުފާފުޅު ކުރައްވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވެފައި މި ވަނީ ރައީސުލްޖުމްހުރިއްޔާގެ ދެކަނބަލުން އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅާއެކު ދެ ގައުމުގެ ގުޅުން ބަދަހިވަމުންދާ މަންޒަރު ފެނުމުންނެވެ.

ނަޝީދު ވިދާޅުވީ، މި ދެ ގައުމަކީ މިއުޒިކާއި ފިލްމާއި ކާބޯތަކެއްޗާއި ސަގާފަތާއި ތާރީހާއި ޖިއޮގްރަފީ ފަދަ ގިނަ ކަންތައްތަކަކާ އެކު އޮތް ގުދުރަތީ ބައިވެރިން ކަމަށެވެ. އަދި އަބަދުވެސް އެކުވެރިންގެ ގޮތުގައި ދެމި ތިބެންވާނެ ކަމަށެވެ.

ކަންކަން ހަމައަކަށް އެޅެމުން ގޮސް ގުޅުން ބަދަލިވަމުންދާ މަންޒަރު ފެނުމުން ވަފަށް އުފާފުޅު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ދެ ގައުމުގެ އުފެދެމުންދާ ގާތް ގުޅުން ފާހަގަ ކުރައްވާ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އާއި ރައިސް ޑރ. މުއިއްޒަށް މަރުހަބާ ވިދާޅުވާ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އިންޑިއާއަށް ކުރައްވާ މި ދަތުރުފުޅަކީ މިއަދުން ފެށިގެން މި މަހުގެ 10 ވަނަ ދުވަހަށް، އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސްގެ މި ދަތުރުފުޅުގައި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ، އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ، އަދި އެ ގައުމުގެ އިސް ވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި އެ މަނިކުފާނު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން އެ ގައުމަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ. ނަމަވެސް ރައީސް މުއިއްޒު ވަނީ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިންވަނަ ދައުރަކަށް މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މިދިޔަ ޖޫން މަހު ވެސް އިންޑިއާއަށް ވަޑައިގެންފައެވެ.