ކުރިއަށް އޮތް 5 ދުވަހު ރާއްޖެ ސަރަހައްދުގެ ކަނޑުގަދަވާނެ ކަމަށް ލަފާކޮށް، އެކަމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) އަންގައިފިއެވެ.

ރާއްޖޭ ސަރަހައްދުގެ މޫސުމުގެ ބާރު ގަދަވެފައިވާ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 5 ދުވަހު އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުގައި އާންމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލު ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ދެކުނުގެ ސަރަހައްދުގައި 13 މޭލައި 23 މޭލު ބާރުމިނުގައި ވައި ޖެހޭނެ ކަމަށް މެޓް އޮފީހުންނެވެއެވެ.

ވިލާގަނޑުގައި ގާތްގަނޑަކަށް ގަޑިއަކު 45 މޭލާއި 55 މޭލަށް ވައިގަދަވާނެ ކަމަށާއި ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފައެވެ. އަދި ގަދަވަޔާއެކު ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

މެޓް އޮފީހުން އިތުރަށް ބުނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށެވެ.

ގަދަވަޔާއެކު ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީ މެޓް އޮފީހުން ވަނީ ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ. އަދި ކަނޑުދަތުރުކުރާ ފަރާތްތަކުން، ދަތުރުތަކަށް ފެއްޓުމުގެ ކުރިން އެންމެ ފަހުގެ މޫސުމީ މައުލޫމާތު ހޯދުމަށް ވެސް މެޓް އޮފީހުން އިލްތިމާސްކޮށްފައިވެއެވެ.