300 އަށްވުރެ ގިނަ ބަނގުރާ ފުޅިއާއެކު ހުޅުމާލެއިން ދެ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ގަވާއިދާ ހިލާފަށް ބަނގުރާ ބޭނުންކޮށް އެތަކެތީގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލެ ފޭސް 3 ގައި އޮޕަރޭޝަނެއް ހިންގި ކަމަށާއި މި އޮޕަރޭޝަނުގެ ތެރެއިން ފޭސް 3 ގެ ކޮންސްޓްރަކްޝަން މަސައްކަތްކުރާ ސައިޓަކުން ދެ ބިދޭސީއަކު އަތުލައިގެންފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި ދެ ބިދޭސީން ބަލާ ފާސްކުރި އިރު 324 ދަޅު ބަނގުރާ، 378 ފުޅި ބަނގުރާ އަދި ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 5 ލީޓަރުގެ 10 ފުޅިއާއި 500 އެމްއެލްގެ ހަތް ފުޅި ފެނިފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ އާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ ޕަރަން ދާސް ނަމަކަށް ކިޔުނު 49 އަހަރުގެ ބިދޭސީ ފިރިހެނެއްގެ އިތުރުން އަލް އަމީން ނަމަކަށް ކިޔުނު 30 އަހަރުގެ ބިދޭސީ ފިރިހެނެއް ކަމަށެވެ. މީގެއިތުރުން ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ދާ ކަމަށެވެ.

މި އަހަރުގެ 1 ޖެނުއަރީން ހުސްވި އޮގަސްޓު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ފުލުހުންގެ ޑްރަގް އެންފޯސްމަންޓްއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފާސް ހިސާބުތަކުން ހާމަވާ ގޮތުގައި 2024 ވަނަ އަހަރުގެ ފުރަތަމަ 8 މަސް ދުވަހު ޖުމްލަ 282 މިލިއަން ރުފިޔާގެ މަސްތުވާތަކެއްޗާއި ބަނގުރާ ވަނީ އަތުލައިގެންފައެވެ.

ތަފާސްހިސާބުތަކުން ހާމަވާ ގޮތުގައި މިފަދަ މައްސަލަތަކުގައި 8554 މީހުން ބަލާ ފާސްކޮށްފައިވާއިރު 712 މީހުން ވަނީ ހައްޔަރުކޮށްފައެވެ. މަސްތުވާތަކެއްޗާއި ދެކޮޅަށް ޖުމްލަ 113 އޮޕަރޭޝަނެއް ފުލުހުންގެ ޑްރަގް އެންފޯސްމަންޓްއިން ހިންގާފައިވާއިރު 80 ބިދޭސީން ވަނީ އިމިގްރޭޝަނާއި ހަވާލުކޮށްފައެވެ.