މިއަދާ ހަމައަށް އިސްލާމީ ހިދާޔަތު ދެމިގެން އައިސްފައިމިވަނީ މުދައްރިސުންގެ މަތިވެރި މަސައްކަތުންކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަހީމް މިފަދައިން ވިދާޅުވެފައިވަނީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އެގޮތުން ޝަހީމް ވިދާޅުވީ މިއަދާ ހަމައަށް އިސްލާމީ ހިދާޔަތު ދެމިގެން އައީ މުދައްރިސުންގެ މަތިވެރި މަސައްކަތުން ކަމަށާއި، މުދައްރިސުން ލިބިގަންނަންވީ ފިލާވަޅަކީ ރާއްޖެ އިސްލާމީ ހިދާޔަތުގެ ތެރެއަށް އައިސްފައި އޮތީ މުއައްލިމެއް ނުވަތަ މުދައްރިސެއްގެ ސަބަބުން ކަމަށެވެ.
މިއަދަކީ ރާއްޖެ އިސްލާމްވި ދުވަހުގެ އިތުރުން މުދައްރިސުންގެވެސް ދުވަހެއެވެ. އެހެންކަމުން މުދައްރިސުންނަށް އަލިއަޅުވާލައްވާ ޝަހީމް ވިދާޅުވީ މުދައްރިސުން އެ މަތިވެރި އަޒުމު އާކޮށް އިސްލާމް ދީނުގެ ހިދާޔަތުގެ މައްޗަށް މި ގައުމު ތަރުތީބު ކުރުމަށް އާ އަޒުމަކާއެކު މުދައްރިސުން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.
މީގެއިތުރުން ޝަހީމް ވަނީ ހެޔޮ ކަންތައްތަކަށް އަމުރުކޮށް ނުބައި ކަންތައްތައް ނަހީކުރުމުގެ އަސާސް މުޖުތަމައުގައި ދަމަހައްޓަން ޖެހޭ ކަން ފާހަގަކުރައްވާ މި ސަރުކާރުން މަސައްކަތް ކުރާނީ އަބަދުވެސް އިސްލާމް ދީނުގެ ގޮތްތައް ދެމެހެއްޓުމަށް ކަމަށް ވިދާޅުވެފައެވެ.
ޝަހީމް އިތުރަށް ވިދާޅުވީ އިސްލާމް ދީނުގެ ހަޟާރަތު ކުރިއެރުމަށް އަޒުމުގައި މަސައްކަތް ކުރާ ސަރުކާރެއް އޮތުމަކީ އުފާކުރަން ޖެހޭ ކަމެއް ކަމަށެވެ.