އެތައްހާސް ބަޔަކު އެއްވި މިއަދުގެ ހުކުރުނަމާދުގެ ހުތުބާ އީރާނުގައި ވަރަށް ހާއްސައެވެ. މިއަދު ހުތުބާ ދެއްވީ ރޫހީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީއެވެ.
އޭނާގެ ހުތުބާގައި ޔަހޫދީ އިޒްރޭލު ކުށްވރި ކުރައްވަމުން، އީރާނުން އިޒްރޭލަށް ދިން މިސައިލް ހަމަލާތައް ދިފާއު ކުރައްވައި ވާހަކަ ދެއްކެވިއެވެ. އެއީ އާންމު ހިދުމަތެއްގެ ގޮތުން އީރާނުން ކުރި ކަމެއް ކަމަށާއި ފަލަސްތީނާއި ލުބުނާނުގެ ހިޒްބުއްލޯ އަށް މަދަދުވެރިވުމުގައި އީރާނު ދެމި އޮންނާނެ ކަމަށް ވިދާޅުވިއެވެ.
ކައިރީގައި ބަޑިއެއް ބަހައްޓަވައިގެން ހުންނަވާ ދެއްވި ހުތުބާގައި "މާގިނަ ދުވަހަކު އިޒްރޭލް ދެމިއެއް ނޯންނާނެ" ކަމަށް ވިދާޅުވެ އަޑުހަރުކޮށް ގޮވާލެއްވީ 'އަހަރެމެން މިތިބީ ކަލޭމެނާއެކު' ކަމަށެވެ.
ހާމަނާއީ އެ އިޝާރާތް ކުރެއްވީ ހަމާސް އާއި ހިޒްބުއްލޯ އަށެވެ.
5 އަހަރަށް ފަހު ހާމަނާއީ ހުތުބާ މި ދެއްވި ވަގުތަކީ އިޒްރޭލުން އޭނާ އަަވަހާރަ ކޮށްލުމަށް ކެތްމަދުވެފައި އޮތް ވަގުތެކެވެ. އީރާނުގެ ރިވޮލިއުޝަނަރީ ގާޑުންގެ ބައެއް ކޮމާންޑަރުންނާއި، އީރާނުގައި ހުންނަވަނިކޮށް ހަމާސްގެ ލީޑަރު އަވަހާރަ ކޮށްލުންފަދަ ހާދިސާތައް ދާދީ ގާތްގާތުގައި ވަނީ ހިނގާފައެވެ.
މީގެ އިތުރުން އިޒްރޭލުން ވަނީ އީރާނުން މަދަދު ލިބޭ ހިޒްބުއްލޯގެ ލީޑާޝިޕްގެ ގިނަ ބަޔަކުވެސް އަވަހާރަ ކޮށްލާފައެވެ.
މި ހަމަލާތަކުގެ ބަދަލު ހިފަން އީރާނުން އިހަށްދުވަހު އިޒްރޭލަށް މިސައިލް ހަމަލާތަކެއް ދީފައި ވާ އިރު، ޖުމްލަ 180 މިސައިލް ބޭނުން ކުރިކަމަށް ބުނެފައި ވެއެވެ. އަދި އަމާޒަށް ގިނަ މިސައިލް ވާސިލު ވި ކަމަށާއި އިޒްރޭލަށް ފިލާވަޅެއް ދެވުނު ކަމަށް ވެސް ބުނެފައި ވެއެވެ. މިއާއެކު އީރާނުން ވަނީ، ގަތަރު މެދުވެރިކޮށް އެމެރިކާ އަށް މެސެޖެއްވެސް ދީފައެވެ. އެ މެސެޖްގައި ބުނެފައި ވަނީ ބަދަލު ހިފުމުގެ ގޮތުން ދިން ހަމަލާ ނިމުނީ ކަމަށާއި، ނަމަވެސް އިޒްރޭލުން އީރާނަށް ހަމަލާއެއް ދީފިނަމަ ދެން ދޭ ހަމަލާ މާ ވަރުގަދަ ވާނެ ކަމަށެވެ.