މަރާމާތަށް ފަހު މާލޭގެ އާސަހަރާ އާއި އާސަހަރާ މިސްކިތް ހުޅުވައިފި އެވެ.

އާ ސަހަރާއަށް ދާ މީހުން މަޑުކުރާނެ ޖާގަ އިތުރު ކުރުމަށް، ދެ ބުރީގެ އިމާރާތެއް ހެދުމުގެ މަސައްކަތް، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު މޭޔަރަކަށް ހުންނެވިއިރު ސިޓީ ކައުންސިލުން ފެށީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގަ އެވެ.

އެ މަސައްކަތް އޭރު ހަވާލުކުރީ ޕީއެންޕީ މޯލްޑިވްސް ނަމަކަށް ކިޔާ ކުންފުންޏަކަށް 4.9 މިލިއަން ރުފިޔާ އަށެވެ. އެކަމަކު އެއް މަސް ދުވަހަށް ހަވާލުކުރި އެ މަސައްކަތް ނުނިމި، ދިގުލައިގެން ދިއުމުން ކައުންސިލުން އެއްބަސްވުން ބާތިލުކޮށް މިދިޔަ ޑިސެމްބަރުގައި އެ މަސައްކަތް ހަވާލުކުރީ ބީސިކްސް އިވެންސްޓްމަންޓަށް 4.6 މިލިއަން ރުފިޔާއަށެވެ. އޭރު ކުރީގެ ކުންފުންޏަށްވެސް ވަނީ 3.6 މިލިއަން ރުފިޔާ ދީފަ އެވެ.

އާސަހަރާ މިސްކިތުގެ ތިރީ ބައިގެ މަސައްކަތް ނިންމައި މި މަހުގެ ކުރީކޮޅު ވަނީ އާއްމުކޮށް ހުޅުވާލައިފަ އެވެ. ނަމަވެސް، އެއްކޮށް ނުހުޅުވާތީ ކަށުނަމާދު ކުރުން ވަނީ މަޑު ޖައްސާލާފައެވެ.

އާސަހަރާ މިސްކިތުގެ މަސައްކަތް އެއްކޮށް ނިންމާ، މިއަދު ހުޅުވާދެއްވީ ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. މި ރަސްމިއްޔާތުގައި މާލެ ސިޓީގެ މޭޔަރު، އާދަމް އާޒިމާއި ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝާއި މިނިސްޓާ އޮފް އިސްލާމިކް އެފެއާޒު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މާލެ ސިޓީ ކައުންސިލުން ބުނި ގޮތުގައި އާސަހަރާގެ މަސައްކަތްތައް ނިންމާފައި ވަނީ މޭޔަރު އާޒިމްގެ އިސްނެންގުވުމާއި، މަސައްކަތުން ވަރަށް ގިނަ ބައެއްގެ ދީލަތި އެހީއާއެކު ކަމަށެވެ. އެގޮތުން ި މި މަސައްކަތް މަރާމާތު ކުރުމަށް އެހީވި ފަރާތްތަކަކީ، އެލިއާ އިންވެސްޓްމެންޓް، އެޕޯލޯ އިންވެސްޓްމެންޓް، ހައިމަން ކޮންސްޓްރަކްޝަން، ބީ6 ކޮންސްޓްރަކްޝަން، ޕްރޯ އޭސީ އިންޖިނިއަރިންއެވެ.

އާސަހަރާ ބަންދު ކޮށްފައިި ހުރި ދުވަސްވަރު މާލެ އާއި ވިލިމާލޭގައި ނިޔާވާ މީހުންގެ ޖަނާޒާ ބާއްވަމުންގެންދިޔައީ ހުޅުމާލޭގައެވެ. ނަމަވެސް މިއަދު އާސަހަރާ ހުޅުވުމާއެކު މާލެ އާއި ވިލިމާލޭގައި ނިޔާވާ މީހުންގެ ޖަނާޒާ ކަންތައްތައް ކުރިއަށް ގެންދާނީ ކުރިއެކޭވެސް އެއްފަދައިން މާލޭ އާސަހަރާ މިސްކިތުގައެވެ.