ދިވެހި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކުރެއްވި، އަދި ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ބޮޑުބޭބޭފުޅު އަބްދުލް މަޖީދު މާހިރު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

އަބްދުލް މަޖީދު އަވަހާރަވުމާ ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ ދިވެހިރާއްޖޭގެ އިސް ރަށްވެހީންގެ ތެރެއިން ނުހަނު ގަދަރުވެރި، ހިދުމަތްތެރި އަދި ތަޖުރިބާކާރު ހަރުދަނާ ޝަހްސިއްޔަތެއް އަބްދުލް މަޖީދު އަވަހާރަވި ހަބަރު އަޑު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ.

ރައީސް ވިދާޅުވީ އަބްދުލް މަޖީދަކީ މާލޭ މުނިސިޕަލް ކައުންސިލްގެ ރައީސްކަމުގެ އިތުރަށް ސަރުކާރުގެ އެކި އިދާރާތަކުގައި އިސް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެއް ކަމަށެވެ.

އޭގެ އިތުރުން އަބްދުލް މަޖީދަކީ ދިވެހި ބޭސްވެރިކަމާއި ދިވެހި ތާރީހާއި އާދަކާދައިގެ އެތައް މައުލޫމާތެއް މިއަދުގެ ޖީލަށް އޮޅުންފިލުއްވައިދެއްވި އުސްތާޒެއް ކަމަށާއި ގައުމަށް ހިދުމަތްތެރި އިލްމީ ގާބިލް ދަރީންތަކެއް ތަރުބިއްޔަތުކުރެއްވި އަގުހުރި ބައްޕައެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އަބްދުލް މަޖީދަކީ ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ ބޮޑުބޭބޭފުޅެވެ. އަދި ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލާއި އިނގިރޭސިވިލާތުގެ ސަފީރުކަން ކުރެއްވި ފަރަހަނާޒް ފައިސަލްގެ ވެސް ބައްޕާފުޅެވެ.

އަބްދުލް މަޖީދު އަވަހާރަވީއިރު އުމުރުފުޅަކީ 96 އަހަރެވެ.