ޔޫއެފްއާ ޗެމްޕިއަންސް ލީގުގެ މި ސީޒަންގެ މުބާރާތުގެ ފުރަތަމަ ބުރު ނުވަތަ ލީގު ފޭސްގެ ދެވަނަ ރައުންޑްގެ މެޗުތަކުގައި ތަފާތު ނަތީޖާތަކެއް ފެނިގެން ހިނގައްޖެއެވެ.
މި ގޮތުން، ޔޫރަޕްގެ ބޮޑެތި ކްލަބްތައް ކަމަށްވާ ބާސަލޯނާ، މެންޗެސްޓާ ސިޓީ، ބޮރޫޝިއާ ޑޯޓްމަންޑް، އަދި ލިވަޕޫލް ފަދަ ކްލަބްތައް މޮޅުވި އިރު އެންމެ ފަހުގެ ޗެމްޕިއަން ރިއާލް މެޑްރިޑް އަދި ޖާމަނީގެ ބަޔާން މިއުނިކް މިވަނީ ބަލިވެފައެވެ.
ރިއާލް ބަލިވީ ފްރާންސްގެ ކްލަބް ލިލް އަތުން 1-0 އިންނެވެ. ލިލްގެ ދަނޑުގައި ރޭ ކުޅުނު މިމެޗުގައި އެޓީމުން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ލިބުނު ޕެނަލްޓީ އަކުން ޖޮނަތަން ޑޭވިޑްއެވެ. ރިއާލްއިން މެޗުގައި ގިނައިން ހަމަލާ އުފެއްދި ނަމަވެސް އެޓީމަށް ލިލްގެ ޑިފެންސް ފޫއެޅުވޭނެ ގޮތެއް ނުވިއެވެ.
1982 ވަނަ އަހަރު ކުޅުނު ޔޫރަޕިއަން ކަޕް ފައިނަލް މެޗުގެ ނަތީޖާ ރޭ އެސްޓަން ވިލާއިން ވަނީ ނަކަލުކޮށްފައެވެ. މިގޮތުން އެޓީމުން މީގެ 42 އަހަރު ކުރިން ޖާމަނީގެ ބަޔާން މިއުނިކް 1-0 އިން ބަލިކޮށް ތަށި އުފުލާލި އިރު އެތަށް އަހަރަކަށް ފަހު އަލަށް ޗެމްޕިއަންސް ލީގުގައި ކުޅޭ ވިލާއިން ވަނީ ރޭ ވެސް 1-0 އިން ބަޔާން ބަލިކޮށްފައެވެ.
އެސްޓަން ވިލާގެ ދަނޑުގައި ކުޅުނު މިމެޗުގެ ހަމައެކަނި ލަނޑު މެޗުގެ 79 ވަނަ މިނެޓްގައި ޖަހާ ދިނީ ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުތް ޖޯން ޑުރާންއެވެ.
އާ ފޮމެޓަށް ކުޅޭ ފުރަތަމަ ސީޒަންގައި ޗެމްޕިއަންސް ލީގުގެ ގްރޫޕް ފޭސްގެ ދެވަނަ ރައުންޑްގެ މެޗުތައް ނިމުނު އިރު ތާވަލުގެ ކުރީގައި އޮތީ ޑޯޓްމަންޑެވެ. ދެ މެޗުން މޮޅުވެގެން ޖުމް؛ލަ 6 ޕޮއިންޓްގައި 7 ޓީމެއް އޮތް އިރު އޮޓަމެޓިކްއިން ދެވަނަ ބުރަށް ދާން ފުރުސަތު ލިބޭނީ އެންމެ ގިނައިން ޕޮއިންޓް ހޯދާ 8 ޓީމަށެވެ.
ދެން 9 ވަނަ އިން 24 ވަނައާ ދެމެދު ތިބޭ ޓީމުތައް ޖެހޭ ދެ ލެގުގެ ޕްލޭ އޮފް ދެމެޗު ކުޅެގެން ގަދަ 16 އިން ޖާގަ ކަށަވަރު ކުރާށެވެ.
25 އިން ތިރީގައިވާ ޓީމުތައް މުބާރާތުން ކަޓާނެއެވެ. އަދި މި ސީޒަންގައި މި ޓީމުތަކަށް ޔޫރަޕާ ލީގުން ވެސް ޖާގަ ނުލިބޭނެއެވެ.