ޑޮލަރު މާރުކުރަން ޖެހޭ އުސޫލަށް ބަދަލު ގެނައުމަށް ނިންމި ނިންމުމަކީ އެއްބަސްވެވޭނެ ކަމެއް ނޫން ކަމަށާއި ހުށަހެޅި ކަންބޮޑުވުންތަކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އިޖާބަ ދީފައި ނުވާ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ބުނެފިއެވެ.
މަޓީން ބުނީ، ބޭރު ފައިސާއިން ފަތުރުވެރިކަމަށް ކޮންމެ އަހަރަކު ލިބޭ އާމްދަނީން 750 މިލިއަން ޑޮލަރާ ހަމައަށް ރާއްޖޭގެ ބޭންކުތަކުން މާރުކުރަން ޖެހޭ ގޮތަށް ގަވައިދަށް ބަދަލު ގެނައި އިރު، އެ ގަވާއިދުތައް ބަދަލު ގެނައީ ކަމާ ގުޅުން ހުރި ސްޓޭކް ހޯލްޑަރުންނާ މަޝްވަރާ ކުރުމަށް ފަހުގައި ކަމަށް އެމްއެމްއޭ އިން ބުނި ކަމުގައި ވިޔަސް އެކަން ހިނގީ އެގޮތަށް ނޫން ކަމަށެވެ.
އެގޮތުން އެމްއެމްއޭ އިން އެދިގެން އެ ޖަމިއްޔާއާއެކު ބައްދަލުވުމެއް ބޭއްވި ކަމަށާއި ބޭރު ފައިސާއާ ބެހޭ ގަވާއިދުގައި ހިމެނުމަށް އެމްއެމްއޭއިން ހުށަހެޅި ހުށަހެޅުންތަކަކީ އެއްބަސް ވެވޭނެ ކަންތައްތައް ނޫން ކަމަށް ބުނެފައިވާނެ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ. އަދި އެ ޖަމިއްޔާ އިން ވާނީ އެ ހުށަހެޅުންތަކާ ގުޅިގެން ކަންބޮޑުވުންތަކެއް ވެސް ހިއްސާކޮށްފައި ކަމަށް ވެސް މަޓީން ބުނެއެވެ.
ނަމަވެސް އެ ގަވާއިދު ގެޒެޓުގައި ޝާއިއުކޮށްފައި ވަނީ އެއިން އެއްވެސް ކަންބޮޑުވުމަށް އިޖާބަ ނުދީ ކަމަށް ވެސް މަޓީން ފާހަގަ ކުރެއެވެ.
ބޭރު ފައިސާއާ ބެހޭ ގަވައިދު އިސްލާހުކޮށް އިއްޔެ އިން ފެށިގެން އަމަލުކުރަން ފެށުމާއެކު އެމްއެމްއޭ އިން މާޗް 1، 1987 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުން އައި މަނިޓަރީ ގަވާއިދު ވަނީ އުވިފައެވެ.
ބޭރު ފައިސާއާ ބެހޭ ގަވައިދާ ގެނައި އިސްލާހުގެ ތެރޭގައި ހިމެނެނީ ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ފެސިލިޓީތަކަކުން ވެސް ކަނޑައަޅާފައިވާ ވަކި އަދަދެއް ބޭންކުތައް މެދުވެރިކޮށް މާރުކުރަން ޖެހޭ ގޮތަށެވެ. މި ގަވައިދުގެ ދަށުން ބޭރު ފައިސާއިން ލިބޭ އާމްދަނީ ރާއްޖޭގައި ހިފެހެއްޓުން ހަރުދަނާކޮށް ބޭރު ފައިސާގެ ލިކުއިޑިޓީ އިތުރުކުރުމުގެ ގޮތުން ފިޔަވަޅުތަކެއް ވަނީ އަޅާފައެވެ.
އެގޮތުން ކެޓަގަރީ އޭ ގެ ގޮތުގައި ހިމެނޭ ރިސޯޓުތަކާއި، އިންޓަގްރޭޓަޑް ރިސޯޓުތަކާއި، ރިސޯޓު ހޮޓާތަކާއި، ހޮޓާތަކާއި، ފަތުރުވެރިކަމުގެ އުޅަނދުފަހަރާއި އެނޫންވެސް އެފަދަ ތަންތަނުން ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރުގެ ރޭޓުން މީލާދީ މަހެއްގައި އައިސްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ރުފިޔާއަށް މާރުކުރަން ޖެހެއެވެ. ކެޓަގަރީ ބީގެ ގޮތުގައި ހިމެނޭ ގެސްޓްހައުސްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓްރީކޮށްފައިވާ ތަންތަނުން ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރުގެ ރޭޓުން މީލާދީ މަހެއްގައި އައިސްފައިވާ ޖުމްލަ ފަތުރުވެރިންނަށް ޖެހޭ އަދަދު ބޭންކަކަށް ރުފިޔާއަށް މާރުކުރަން ޖެހެއެވެ.
އެހެންކަމުގައި ވާ ނަމަ، މިދިޔަ އަހަރު ރާއްޖެ އަށް އައި 1.8 މިލިއަން ފަތުރުވެރިންގެ ތެރެއިން 1.5 މިލިއަން ފަތުރުވެރިން އައީ ރިސޯޓުތަކަށް ކަމަށް ވަންޏާ ރިސޯޓުތަކުން ޑޮލަރު މާރުކޮށްގެން އަހަރަކު 750 މިލިއަން ޑޮލަރު ލިބޭނެއެވެ.
ފަތުރުވެރިކަމުގެ ދާއިރާއިން ބޭންކުތަކަށް 2019 ވަނަ އަހަރު 153 މިލިއަން ޑޮލަރު މާރުކުރި ނަމަވެސް މިދިޔަ އަހަރު އެ އަދަދު ވަނީ 68 މިލިއަން ޑޮލަރަށް ދަށްވެފައެވެ. އަލަށް ގެނައި އިސްލާހުގެ ސަބަބުން ފަތުރުވެރިކަމުގެ ޖުމްލަ އާމްދަނީގެ 15 ވަރަކަށް ޕަސެންޓު ބޭންކްތަކުގައި މާރުކުރެވިގެން ދާނެއެވެ.