ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ވަންނަ ހުރިހާ ބޭރު ފައިސާއެއް ބޭންކުތަކަށް ޖަމާކުރަން ލާޒިމްކޮށްފިއެވެ.
އެމްއެމްއޭއިން އާންމުކުރި ފައިސާ އާ ބެހޭ ގަވައިދުގައިވާ ގޮތުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން މީރާގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތައް 30 ދުވަހުގެ ތެރޭ އަލުން ރަޖިސްޓްރީކުރަން ހުށަހަޅައި، މީރާގައި ރަޖިސްޓްރީވާތާ 30 ދުވަހުގެ ތެރޭ އެމްއެމްއޭ އަށް ހުށަހަޅަން ވާނެއެވެ.
އެ ގަވައިދުގައިވާ ގޮތުން:
- ފަތުރުވެރިކަމުގެ ހިދުމަތްދޭ ފަރާތްތަކުން ހިދުމަތުގެ ތަފްސީލު އަންނަ މަހުގެ 28 ގެ ކުރިން އެމްއެމްއޭ އަށް ހުށަހަޅަން ވާނެ
- ކޮންމެ މަހަކު ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭ ބޭރު ފައިސާގެ ޖުމްލަ އަދަދު އެ މަހަށް ފަހު 87 ދުވަސްކުރިން ބޭންކެއްގައި ހުށަހަޅާފައިވާ ބޭރު ފައިސާގެ އެކައުންޓަކަށް ޖަމާކުރަން ޖެހޭނެ، އަދި އެމްއެމްއޭ އަށް ހުށަހަޅަން ވާނެ
ގަވައިދުގައިވާ ގޮތުން ރާއްޖޭގައި ހުރިހާ މުއާމަލާތެއް ކުރަން ވާނީ ރުފިޔާއިންނެވެ. އެކަމަކު ގަވައިދުގައި 12 ދާއިރާއެއް އިސްތިސްނާކޮށްފައިވެއެވެ. އެ ދާއިރާތަކަކީ:
- ސަރުކާރަށް / ދައުލަތަށް ހޭދަކުރާ ފައިސާ
- ރެމިޓަންސް ހިދުމަތްދޭ ފަރާތްތަކާ އެކު ހިންގާ މުއާމަލާތްތައް
- ފަތުރުވެރިކަމުގެ ދާއިރާއަށް ވިއްކާ އިންޝުއަރެންސް ޕޮލިސީތަކާ ބެހޭ މުއާމަލާތްތައް
- ބޭރުގެ މުއާމަލާތްތައް
- ފަތުރުވެރިންނަށް ވިއްކާ މުދަލާއި ހިދުމަތުގެ އަގު
- ބޭރުކުރެވޭ މުދަލާއި ހިދުމަތުގެ އަގު
- ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއަކުން ގަންނަ މުދަލެއް / ހިދުމަތެއް
- ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއަކުން ޑިވިޑެންޑް ދިނުމުގައި ހިއްސާދާރުންނާ ދެމެދު ހިންގާ މުއާމަލާތްތައް
މީގެ އިތުރުން ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއެއްގެ ހިއްސާ ގަނެވިއްކުމާއި ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއަކުން ބޭނުންނަމަ މުސާރަ އާއި އިނާޔަތް ދިނުމާއި ޑިއުޓީ ފްރީ ފިހާރަތަކުން ފަތުރުވެރިންނަށް ވިއްކާ މުދަލުގެ އަގު މި ގަވައިދުގެ ތެރެއިން އިސްތިސްނާވެއެވެ.
މި ގަވައިދުގައިވާ ގޮތުން އިސްތިސްނާވާ ހާލަތްތައް ފިޔަވައި އެހެނިހެން ހާލަތެއްގައި އެފަދަ މުއާމަލާތްތައް ބޭރު ފައިސާއިން ކޮށްފިނަމަ އެ ފަރާތެއް 5،000 ރުފިޔާ އާއި އެއް މިލިއަން ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ.