އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް އިޒްރޭލާ ދެކޮޅަށް ދެކުނު އެފްރިކާ އިން އިސްވެ ހުށަހަޅައިގެން ކުރިއަށްދާ މައްސަލައިގެ ތެރެއަށް ވަނުމަށް ހުށަހަޅަން ޖެހޭ "ޑެކްލެރޭޝަން އޮފް އިންޓަވެންޝަން" މިއަދު ހުށަހަޅައިފިއެވެ.
ގާޒާގައި އިޒްރޭލުން ހިންގާ ގަތުލުއާންމުގެ މައްސަލާގައި އިޒްރޭލަށް އަދަބު ދިނުމަށް އައިސީޖޭއަށް ދެކުނު އެފްރީކާގެ ފަރާތުން ހުށަހަޅާފައި ވަނީ ޑިސެންބަރު 29، 2023 ގައެވެ. މި މައްސަލާގައި، ދެކުނު އެފްރިކާއިން ހުށަހަޅާފައި ވަނީ، އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ގާޒާގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކަކީ، 1948 ވަނަ އަހަރުގެ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް (ޖެނޮސައިޑް ކޮންވެންޝަން) އާ ހިލާފު އަމަލުތަކެއް ކަމަށެވެ.
އެޓާނީ ޖެނެރަލް އޮފީހުން ބުނީ، މިއަދު ހުށަހެޅި އިންޓަވެންޝަން ބިނާކޮށްފައި ވަނީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން "އިންސައިޓްމަންޓް ޓު ކޮމިޓް ޖެނޮސައިޑް" އަދި "ޑިއުޓީ ޓު ޕަނިޝް ދަ އިންސައިޓްމަންޓް އޮފް ޖެނޮސައިޑް" މާނަކޮށްފައިވާ ގޮތާ ގުޅޭ ގޮތުން ކަމަށެވެ. އިޒްރޭލުގެ ބާރުގެ ދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ހިންގަމުންދާ ޢަމަލުތައް ކުށްވެރިކޮށް، އެ އަމަލުތަކަކީ ޖެނޮސައިޑް އަދި އެޕާތައިޑްގެ އަމަލުތަކެއް ކަމަށާއި، އެއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ޖަރީމާތަކެއް ކަމަށް ދިވެހި ސަރުކާރުން ދަނީ ކެނޑިނޭޅި ވަކާލާތު ކުރަމުން ކަމަށް ބުނެފައި ވެއެވެ.
ފަލަސްތީނާއި އިޒްރޭލުގެ މައްސަލައަށް އޮތް ހަމަ އެކަނި ދެމެހެއްޓެނިވި ހައްލަކީ، 1967 ވަނަ އަހަރުގެ ކުރިން އޮތް ސަރަހައްދީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުން ކަމަށް އެތާނީ ޖެނެރަލް އޮފީހުން ބުނެފައި ވެއެވެ.
ޕަލަސްޓިނަށް އިޒްރޭލުން ދެމުންދާ ހަމަލާގެ މައްސަލައަށް ރާއްޖެއިން ތަދައްހުލުވުމަށް ހުށަހަޅާފައިވާ އިރު، އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި ކުރިއަށްދާ "އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް (ދަ ގެމްބިއާ ވ. މިޔަންމާ)" މައްސަލައަށް ވެސް ރާއްޖެިއން ވަނީ ތަދައްހުލުވުމަށް ހުށަހަޅާފައެވެ. އަދި މި ހުށަހެޅުން އައިސީޖޭ އިން ވަނީ ބަލައިވެސް ގެންފައެވެ.