މޫސުން ގޯސްވެ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ، މީޓްރޮލޮޖިކަލް ސެންޓަރުން މިއަދު ހެނދުނު 6:45 އިން 10:45 އަށް ނެރެފައިވާ އެ ސަމާލުގައި ވަނީ ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށްފައެވެ.
އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ކަނޑުތައްވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މި ސަމާލު ނެރެފައި ވަނީ އުތުރުގެ އަތޮޅުތަކަށް ކަމަށްވާއިރު މީގެ ކުރިން ވަނީ އުތުރަށް ހުދު ސަމާލު ވެސް ނެރެފައެވެ. އަދި ހދ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ވެސް މީގެ ކުރިން ހުދު ސަމާލު ނެރެފައި ވެއެވެ.
ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށް ނެރުނު އެ ސަމާލުގައި ބުނެފައި ވަނީ ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 30 މޭލަށް ވައި ގަދަވެ ރާޅުގެ އުސްމިނުގައި 2-5 ފޫޓް ހުންނާނެ ކަމަށެވެ.
ފާއިތުވި 3-4 ހަފްތާ މޫސުން ރަނގަޅު ވުމަށްފަހު އަނެއްކާވެސް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާ ކޮށްފައިވާއިރު މި ހަފްތާއަކީ ސްކޫލް ޗުއްޓީ ހަފްތާކަމުން ގިނަ ބަޔަކު ދަތުރުފަތުރު ކުރަމުންދާތީ މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.