އުރީދޫ މޯލްޑިވްސްގެ އީ-ވޮލެޓު، 'އެމް-ފައިސާ'ގެ ހިދުމަތް ދިނުމަށް އެ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏަކަށް ހުއްދަ ދޫކޮށްފިއެވެ.

އުރީދޫއިން ހުއްދަ ދޫކޮށްފައި ވަނީ ޓެކްފިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ. ރާއްޖޭގައި އިލެކްޓްރޯނިކް ފައިސާގެ ހިދުމަތް ދިނުމުގެ ހުއްދަ އެ ކުންފުންޏަށް ދީފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވެސް ވަނީ ހާމަކޮށްފައެވެ.

މާލީ ހިދުމަތް ދިނުމުގެ ލައިސެންސް ދެވޭނީ އެކަމަށް ހާއްސަ ކުންފުންޏެއްގެ ދަށުން ރަޖިސްޓްރީކޮށްގެން އެކަނިއެވެ. އެހެންކަމުން މާދަމާ އިން ފެށިގެން އެމް-ފައިސާގެ ހިދުމަތްތައް ޓެކްފިން މޯލްޑިވްސްގެ ދަށުން ދިނުމަށް ވަނީ ނިންމާފައެވެ. އުރީދޫ އެމް-ފައިސާ އަކީ ފަސޭހަކަމާއެކު ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ޓްރާންސްފާ ކުރުމުގެ އިތުރުން ވިޔަފާރިތަކަށް ފައިސާ ދެއްކޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަނެކެވެ.

އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، އުރީދޫގެ ބިލް އަދި ރާސްޓަސް ގެ އިތުރުން މީޑިއާނެޓް ފަދަ އެކި ހިދުމަތްތަކަށް ބިލް ދެއްކުންވެސް ފަސޭހަކޮށްދެއެވެ. މީގެ އިތުރުން އެމް-ފައިސާ އިން ވަނީ ގިނަ ފައުންޑޭޝަންތަކާ ގުޅިގެން ކަސްޓަމަރުންނަށް ބޭނުންވާ ފައުންޑޭޝަނަކަށް ސަދަގާތް ކުރުމުގެ ފުރުސަތުވެސް ފަހިކޮށްދީފަ އެވެ.

އެމް-ފައިސާއިން ހިދުމަތް ބޭނުންކުރުމަށް، އުރީދޫ އެޕް ޑައުންލޯޑްކޮށް، ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރަކަށްވެސް ރަޖިސްޓާ ކޮށްލެވޭނެއެވެ. މީގެ އިތުރުން ބީއެމްއެލް، އެސްބީއައި އަދި އެމްއައިބީ މެދުވެރިކޮށް އޮންލައިންކޮށް ކަސްޓަމަރުންނަށް އެމް-ފައިސާ ވޮލެޓަށް ފައިސާ ޖަމާ ކުރުމުގެ ފުރުސަތު އެމް-ފައިސާ އިން ވަނީ މި ބޭންކްތަކާ ގުޅިގެން ފަހިކޮށްދީފައެވެ.