ވޭތުވެ ދިޔަ މަސް ދުވަހު މަސްވެރިން ކިރާފައިވާ މަހުގެ ފައިސާ މިއަދު ޖަމާވަނުން ދާނެ ކަަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީން (މިފްކޯ) އިން ބުނެފިއެވެ.

މިފްކޯ އިން ބުނީ، މިދިޔަ އޮގަސްޓް މަހުގެ 24 ވަނަ ދުވަހުން ފެށިގެން މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް މިފްކޯއަށް ކިރި މަހުގެ ޖުމްލަ އަގަކީ 17,350,903 ރުފިޔާ ކަމަށެވެ.

ސަރުކާރުގެ އެހީތެރިކަމާއެކު މި ފައިސާ އެއްކޮށް އޮޑިވެރީންނަށް މިއަދު ޖަމާވަމުންދާނެ ކަމަށާއި ސަރުކާރުން މިފްކޯއަށް ދެމުންދާ އެހީތެރިކަމާ އެއްބާރުލުން ފާހަގަކުރާ ކަމަށް އެ ކުންފުިން ބުނެއެވެ.

މަސް ކިރާތާ 48 ގަޑިއިރުތެރޭ މަހަށްވާ ފައިސާ ދޫކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅަކަށްވާއިރު މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ނުދައްކާ ހުރި ގިނަ އަދަދެއްގެ ފައިސާ ނުލިބުމާއެކު މިދިޔަ ޖޫންމަހު މަސްވެރިން ވަނީ ވަރުގަދަ އިހުތިޖާޖުތަކެއް ވެސް ކޮށްފައެވެ. އެ އާއެކު ސަރުކާރުގެ އެހީއާއެކު މިފްކޯއިން ވަނީ މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދައްކާ ހަލާސް ކޮށްފައެވެ.

އަދި ގަވާއިދުން ފައިސާ ދިނުމުގެ އިންތިޒާމު ހަމަޖެއްސުމަށް މިފްކޯއިން ވަނީ ބައިނަލްއަގްވާމީ ބާޒާރުގައި ގަނޑުކުރި ކަޅުބިލަމަހުގެ އަގު ހުރި މިންވަރަށާއި، މަސް ގަނެ އެކްސްޕޯޓުކުރުމަށް ހިނގާނޭ ހަރަދުތަކަށް ބަލައި ކޮންމެ ހަފްތާއަކު ވަކި އަގެއް ހަމަޖެއްސުމަށް ނިންމާ އެ އުސޫލުން ކަން ކުރަމުންނެވެ.