ދ. ކުޑަހުވަދޫ ކައިރީގައި އޮއްވާ އަލިފާން ރޯވި މުދާ އުފުލާ ބޯޓު އަޑިއަށް ގޮސްފި ކަމަށް ފުލުހުން ބުނެފިއެވެ.

މި ބޯޓުގައި އަލިފާން ރޯވެފައި ވަނީ މިއަދު ހެނދުނު 6 ހާއިރުއެވެ. އެއާއެކު ފުލުހުންނާއި ކޯސްޓު ގާޑުން ވަނީ އެ ބޯޓުގައި ރޯވި އަލިފާން ނިއްވާލުމަށް މަސައްކަތް ކޮށްފައެވެ.

މި ހާދިސާއާ ގުޅޭ ގޮތުން އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނީ، އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރަމުން ދަނިކޮށް މިއަދު މެންދުރު ފަހު 2:45 ހާއިރު އެ ބޯޓު އަޑިއަށް ގޮސްފައިވާ ކަމަށެވެ.

އަދި އެ ބޯޓުން ދަތުރުކުރީ 5 މީހުން ކަމަށާއި އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި ހާދިސާ ހިނގި އިރު އެ ބޯޓުގައި މުދާ ހުރި ކަން ނުވަތަ ނޫން ކަން އަދި ސާފުވާ ގޮތެއް ނުވެއެވެ. އަދި މ ހާދިސާ ހިނގަން މެދުވެރިވީ ސަބަބު ވެސް ސާފުވާ ގޮތެއް ނުވެއެވެ.