އދ. ދިގުރަށުގައި ވިހާފައި ކުނިގޮނޑަށް އެއްލާލާފައި އޮއްވާ ފެނުނު ތުއްތު ކުއްޖާގެ މަރުގެ މައްސަލައިގައި ޑިއެންއެންއޭ ރިޕޯޓް ހުށަހަލާފައިވާ އިރު، މި މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
ވިހެއުމަށް ފަހު، ކޮތަޅަކަށް ލާފައި އެ ރަށު ކުނިގޮނޑަށް އެއްލާލާފައި އޮއްވާ ފެނުނު ކުއްޖާގެ މައްސަލާގައި ދައުލަތުން ދައުވާކޮށްފައިވަނީ ސްރީލަންކާގެ ރައްޔިތެއްކަމަށްވާ ހިރަންޏާ ކުމުދުމާލި ޑި އަލްވިސްގެ މައްޗަށެވެ. މި މައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން ވަނީ ތިން ދައުވާއެއް އުފުލާފައެވެ. އެއީ އެނގި ހުރެ މީހަކު މެރުމުގެ ދައުވާ އާއި ކުޑަކުއްޖެއްގެ ސިއްހަތަށް އުނިކަން އަތުވެދާނެ ފަދަ އަމަލެއް ކުރުމުގެ ދައުވާގެ އިތުރުން އެނގިހުރެ މަރެއް ފޮރުވުމުގެ ކުށުގެ ދައުވާއެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ޑީއެންއޭ ރިޕޯޓް ހުށަހަޅާފައެވެ. ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް މަދަނީ މިންގަނޑުން ބަލާއިރު އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް އެ ކޯޓުން ވަނީ ނިންމާފައެވެ. ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ފުރުސަތު ދިނުމުން ދައުލަތުން ބުނީ އެއްވެސް ހުށަހެޅުމެއް ނެތް ކަމަށެވެ. ނަމަވެސް ހިރަންޏާގެ ދިފާއީ ވަކީލް ވިދާޅުވީ ހުށަހެޅުންތައް ހުށަހަޅަން އިތުރު މުއްދަތެއް ބޭނުންވާ ކަމަށެވެ.
އެކަމާ ގުޅިގެން ކްރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އިހްސާން ވިދާޅުވީ، ކޯޓުގެ ވަގުތު ބޭކާރު ކުރަން އެއްވެސް ހުށަހެޅުމެއް ހުށަހެޅުމެއް ހުށަހަޅައިގެން ނުވާނެ ކަމަށެވެ. އަދި އަންނަ މަހުގެ ހަތް ވަނަ ދުވަހުގެ ކުރިން ހުށަހެޅުންތައް ހުށަހަޅަން ޖެހޭނެ ކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި ހިރަންޏާ ބުނީ އޭނާ ބަންދުގައި ހުންނަތާ 10 މަސް ދުވަސް ވެފައިވާ ކަމަށާއި ޖަލުގައި ހުންނައިރު އެހީތެރިވާނެ މީހަކު ނެތް ކަމަށެވެ. މިކަމާ ގުޅިގެން ގާޒީ ވިދާޅުވީ، މި މައްސަލާގެ ޝަރީއަތުގެ އަޑުއެހުންތައް އަންނަ ނޮވެމްބަރު މަހު ކުރިއަށް ގެންދައުމަށް ތާވަލުކޮށްފައިވާ ކަމަށާއި އަދި އަޑުއެހުންތައް ވެސް ކުރިއަށް ގެންދާނީ މެދުކެނޑުމެއް ނެތި ކަމަށެވެ.
މީގެ އިތުރުން މި މައްސަލާގައި ދެ ފަރާތަށް އެއްބަސްވެވޭ ކަމެއް އޮތް ނަމަ އެކަން ފާހަގަކުރުމަށާއި، އޭރުން ހެކިބަސް ނަގަންޖެހޭ ހެކިންގެ އަދަދު މަދުވެ، މައްސަލަ އަވަހަށް ނިންމޭނެ ކަމަށް ގާޒީ ވިދާޅުވިއެވެ. އަދި އިއުތިރާފް އެއްބަސްވުމެއް ހަދަން ބޭނުންނަމަ އެ ފުރުސަތު އޮތް ކަމަށް ވެސް ގާޒީ ވަނީ ވިދާޅުވެފައެވެ.
މި މައްސަލައިގައި ޕީޖީ އޮފީހުން ތުހުމަތުކުރާ ގޮތުގައި ހިރަންޏާ ކުމުދުމާލި ޑި އަލްވިސް ބަލިވެއިނީއްސުރެ، ކުއްޖާގެ ސިއްހަތު ސަލާމަތުން ބެހެއްޓުމުގެ ގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައެއް ނުވެއެވެ. އޭނާ އުޅުނީ ބަލިވެ އިންކަން ވެސް ސިއްރުކޮށްގެން ކަމަށް ޕީޖީން ބުނެއެވެ.