އީރާނުން މަދަދުދޭ ލުބުނާނުގެ ހިޒްބުއްލޯ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ހަސަން ނަސްރުއްލޯ، އަވަހާރަ ކޮށްލުމުގެ ބަދަލު އިޒްރޭލުގެ ކިބައިން ހިފާނެ ކަމަށް އީރާނުން ބުނެފިއެވެ.
އިޒްރޭލުން ނަސްރުﷲ އަވާހަރަ ކޮސްލީ މިދިޔަ ހުކުރު ދުވަހު ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ރަށްބޭރުގައި ހުރި ހިޒްބުއްލޯގެ ކޮމާންޑް ސެންޓަރަށް ދިން ވަރުގަދަ ހަމަލާތަކުގައެވެ.
ޖުމްލަ 10 ބޮމެއް ބައްޓާލައި ޖުމްލަ 7 އިމާރާތެއް ބިމާ ހަމަކޮށްލި އެ ހަމަލާގައި މަރުވެ ދިޔަ މީހުންގެ އަދަދުތައް ސާފު ނުފިނަމަވެސް ހިޒްބުއްލޯ ގެ ލީޑަރު ނަސްރުﷲ އާއި އީރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ ޖެނެރަލަކާއި އިތުރު އިސް ބައެއް ލީޑަރުން ޝަހީދުވެފައި ވާ ކަމަށް ހަބަރުތައް ބުނެއެވެ.
ނަސްރުﷲ އަކީ ލުބުނާނުގެ ބައްޕަ އަދި އިޒްރޭލުގެ އުދުވާނުން ލުބުނާން ސަލާމަތް ކޮށްދެއްވާނެ ލީޑަރު ކަމުގައި ގިނަ ބަޔަކު ގަބޫލު ކޮށް އޭނާއަށް ތަބާވަމުން ގޮސްފައި ވާ އިރު ހިޒްބުއްލޯ އަކީ އީރާނުގައި މިހާރު އޮތް ސަރުކާރުގެ ފުރިހަމަ މަދަދު ލިބޭ އީރާނުގައި ވެސް މަގުބޫލު ލީޑަރެކެވެ.
ނަސްރުއްލޯ އަވަހާރަ ވުމާ ގުޅިގެން އީރާނުގައި ހިތާމަފާޅުކުރުމުގެ 5 ދުވަސް އިއުލާން ކޮށްފައި ވާ އިރު އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ ވިދާޅުވެފައި ވަނީ ނަސްރުއްލޯ އަވަހާރަ ކޮށްލުމުގެ ބަދަލު އިޒްރޭލުގެ ކިބައި ނުހިފާ ދޫނުކުރައްވާނެ ކަމަށެވެ.
ނަސްރުއްލޯ އަވަހާރަ ވުމުން އެމެރިކާއިން އެކަމާ އުފާކޮށް އިޒްރޭލަށް ތާއީދު ކޮށްފައި ވާ އިރު މެދުއިރުމައްޗާއި އެހެން ބައެއް ގައުމުތަކުން ވަނީ، އެ ހާދިސާ އާ ގުޅިގެން މެދުއިރުމަތީގައި ހަނގުރާމައިގެ ހުޅުގަނޑު ފަޅައިގެން ގޮސް ހަނގުރާމަ ފުޅާވެދާނެތީ ކަންބޮޑުވެފައެވެ.
އިޒްރޭލުގެ ކިބައިން ބަދަލު ހިފަން އީރާނުން ވައުދުވާ އިރު އީރާނުގެ ލީޑަރުންވެސް ތިބީ އިޒްރޭލުގެ ރާޑަރުގައެވެ. ކޮންމެ ފަދަ ވަގުތެއްގައި ވެސް އިޒްރޭލުގެ ހަމަލާއެއް އަމާޒުވެދާނެ ހާލަތެއްގައި އޮތް ވަގުތެއްގައި އިޒްރޭލުން ރާވައިގެން ދިން ހަމަލާތަކުގައި ހިޒްބުއްލޯގެ ލީޑާޝިޕްގައި ހިމެނޭ 8 ބޭފުޅަކު ދާދި ގާތްގާތުގައި އަވަހާރަ ކޮށްލާފައެވެ. މިހާރު މި ލިސްޓުން ދުނިޔޭގައި ހުންނެވީ 'ބަދުރު' ޔުނިޓުގެ ކޮމާންޑަރު އަބޫ އަލީ ރިދާއެވެ.