2 ފަތުރުވެރިއެއްގެ ދަބަސް ވަގަށް ނަގައި، އެ ދަބަހުގައި ހުރި ތަކެތި ވިއްކާލި މީހަކު ހައްޔަރުކޮށްފިއެެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގދ. ތިނަދޫ، ރަންފަރު އުމުރުން 41 އަހަރުގެ ޒަބީހް މުހައްމަދުއެވެ.

ފުލުހުން ބުނީ މޭރީ ބްރައުންއާ ދިމާ ބޮޑުތަކުރުފާނު މަގު ބުރުމަތީގައި ޗައިނާގެ 2 ފަތުރުވެރިންގެ ދަބަސް ހަނދާން ނެތި ބާއްވާފައިވަނިކޮށް ގެއްލިފައިވާ ކަމަށް ރޭ 7:12 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ދަބަސް ހޯދުމަށް ގަލޮޅު ޕޮލިސްގެ ފުލުހުން ކުރި މަސައްކަތުން ރޭ 10:15 ހާއިރު ދަބަސް ހޯދައި، ދަބަހުގެ ވެރިފަރާތާ ދަބަސް ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ދަބަހުގައި ހުރި ބައެއް ތަކެތި ހޯދާފައި ވަނީ ވިއްކާލާފައި ވަނިކޮށް ކަމަށެވެ. ދަބަހުގައި ހުރި ތަކެތީގެ ތެރޭގައި ލެޕްޓޮޕް، ހާޑް ޑްރައިވް، ޕަވާ ބޭންކް، ޕާސްޕޯޓް އަދި އަންނައުނާއި އެހެނިހެން ތަކެތި ހިމެނޭ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.