އަބުރު ކަތިލަންޏާ ކަތިލިޔަސް ކޮރަޕްޝަނަށް ޖާގަ ދެވެން ނެތް ކަމަށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރ އިސްމާއީލް ސުހައިލް ވިދާޅުވެއްޖެއެވެ.

ރައްޔިތުން ވިއްކަން ހަވާލުކުރި ތެޔޮފޮދުން ވައްކަން ކުރަނީ ކަމަށް ބުނެ ސުހައިލް އަށް އަމާޒުވި އިލްޒާމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ސުހައިލް ވިދާޅުވީ މަގާމާ ހަވާލުވެ ވަޑައިގެން އެންމެ ފުރަތަމަވެސް މަސައްކަތް ފެއްޓެވީ ކުންފުނީގެ ތެރޭގައި ހިންގަމުންދިޔަ ބޮޑެތި ވައްކަންތައް ހުއްޓުވާ ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ދިނުމަށް ކަމަށެވެ.

އެފްއެސްއެމް އާމެދު ގެއްލިފައިވާ އިތުބާރު އަލުން ހޯދުމަށާއި، ކޮރަޕްޝަނަށް ނޫނެކޭ ބުނުމުން ބައެއް ފަރާތްތަކުން އަބުރު ކަތިލަން މަސައްކަތް ކުރިނަމަވެސް ސަރުކާރުން ހަވާލުކުރި ޒިންމާ އަދާކުރަން އަތުކުރި އޮޅާލާ ރައްޔިތުންނަށް ވަފާތެރިކަން ދެއްކިގޮތަށް ކުރިއަށްއޮތް ތަނުގައިވެސް ދެއްކުމަށް ތައްޔާރަށް ހުންނެވި ކަމަށް ސުހައިލް ވަނީ ވިދާޅުވެފައެވެ.

ތެޔޮ ބޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ލައްވާ ތެޔޮ ވިއްކައިގެން ލިބޭ ފައިސާގެ ތެރެއިން ބައެއް އެމްޑީއަށް ދޭން އަންގާފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކަނީ ހަގީގަތާ ހިލާފު ވާހަކަތައްކަން ފާހަގަ ކުރައްވާ ސުހައިލް ވިދާޅުވީ، އެއީ ވަކި ބަޔަކު ޑޮމިނޭޓު ކުރަން ބޭނުންވާ ގޮތަށް ކުންފުނީގެ ބޯޓުތައް ޑޮމިނޭޓު ނުކުރެވިގެން އެކަމުގެ ބަދަލު ހިފަން ކުރާ މަސައްކަތެއް ކަމަށެވެ.

ތެލުގެ ވަގު ވިޔަފާރި ކުރުމުގައި ކޮރަޕްޝަންގެ އަމަލު ހިންގުމުގެ ފުރުސަތު ދެވެން ނެތްކަމަށްވެސް ސުހައިލް ވަނީ ވިދާޅުވިއެވެ. ސުހައިލް އާ ދެކޮޅަށް މި ރޭވުން ރޭވުމުގައި އަޑީގައި ތިބީ އެފްއެސްއެމްގެ ބޯޓުތަކުގައި ތިބި އެމްޑީޕީގެ ބައެއް ކަމަށް އޭނާ ތުހުމަތު ކުރައްވައެވެ.

މީގެކުރިންވެސް ވަނީ އެފްއެސްއެމް އިން ގއ. މާމެންދޫ އަދި ގއ. ނިލަންދޫއަށް ފޯރުކޮށްދިން ތެލުގައި ފެން ހުރި ކަމަށް ބުނެ ބަޔަކު ވާހަކަތަކެއް ދައްކާފައެވެ. އެކަމާ ގުޅިގެންވެސް "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ސުހައިލް ވިދާޅުވީ ކަސްޓަމަރުންނަށް ތެޔޮ ޑެލިވަރީ ކޮށްދެނީ ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތަށް ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ކަމަށާއި، އެފްއެސްއެމް އިން ޑެލިވާ ކުރި ތެލުގައި ފެން ހުރި ކަމަށް ދެކެވޭ ވާހަކައަކީ ކުންފުނީގެ އަގު ވައްޓާލަން ބަޔަކު ކޮށްފައިވާ ކަމެއް ކަމަށެވެ.