އަންނަ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިހާބު ބާއްވާ ތާރީހް އަންނަ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހަށް ފަސްކޮށްފިއެވެ.

އެ ޕާޓީން ކުރި އިއުލާނެއްގައި ބުނީ، އެ އިންތިހާބަށް ކުރިމަތިލުމުގެ ޝައުގުވެރިކަން ހުރި މެންބަރުންނަށް އެކަމަށް އެދި ހުށަހެޅުމުގެ ދެވިފައިވާ މުއްދަތުވެސް އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން މިހާރު އިންތިހާބަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުގެ އިރުއޮއްސި 6:00 އާ ހަމައަށް ކަމަށް ޕީއެންސީން ބުނެއެވެ.

އަދި މުއްދަތުތައް އިތުރުކޮށްފައި ވަނީ އެ ޕާޓީގެ މަގާމުތަކަށް ޝައުގުވެރިވާ ގިނަ ފަރާތްތަކުގެ އެދުމުގެ މަތިން ކަމަށް ޕީއެންސީން ބުނެއެވެ.

މި އިންތިުހާބުގައި ހޮވަން ހަމަޖެހިފައިވާ މަގާމުތަކަކީ، ދާއިރާގެ ރައީސް އާއި ނައިބު ރައީސް، ޒުވާނުންގެ ހަރަކާތުގެ ރަށުގެ ރައީސް އަދި އަންހެނުންގެ ހަރަކާތުގެ ރަށުގެ ރައީސް، ސްޓިއަރިން ކޮމިޓީގެ މެންބަރުންނެވެ. އެގޮތުން ސްޓިއަރިން ކޮމިޓީއަށް އިންތިހާބު ކުރާ މަގާމުތަކަކީ ކޮމިޓީގެ އާންމު މެންބަރު، ޒުވާނުންގެ މެންބަރު އަދި އަނެހެނުންގެ މެންބަރެވެ.

މި އިންތިހާބުގެ ވޯޓާސް ލިސްޓް އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހު އިއުލާނު ކުރާނެ ކަމަށް ބުނެފައި ވާއިރު، ޝަކުވާ ހުށަހެޅުމަށް ހުޅުވާލާނެއެވެ. ފައިނަލް ލިސްޓު އާންމު ކުރާނީ އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހު ކަމަސް މީގެ ކުރިން ވަނީ ބުނެފައެވެ.