ގާޒާގެ ރައްޔިތުންނަށް ކުރަމުންދާ އަނިޔާތަކާ ދެކޮޅަށް ޔުނިވަސިޓީތަކުން އަޑު އުފުލަން ޖެހޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ރޭ އެމެރިކާގެ ޕްރިންސްޓަން ޔުނިވަސިޓީގެ ޕަބްލިކް އެންޑް އިންޓަނޭޝަނަލް އެފެއާޒް ސްކޫލްގައި ދެއްވި ތަގުރީރުގައެވެ. އެގޮތުން ރައީސް ވިދާޅުވީ މިއަދު ދުނިޔެއިން ފެންނަ ބޭއިންސާފާއި އަނިޔާވެރިކަމުގެ ހިތި ހަގީގަތް ހުރިހާ ފަރާތްތަކުންވެސް ގަބޫލު ކުރަން ޖެހޭނެ ކަމަށާއި، ގާޒާގައި ހިންގަމުންދާ އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލާ އިހުތިޖާޖު ކުރުމަކީ ޔުނިވަސިޓީތަކުން ކުރަން ޖެހޭ ކަމެއް ކަމަށެވެ.

ރައީސް ޕްރިންސްޓަން ޔުނިވަސިޓީގައި ދެއްވި ތަގުރީރުގައި މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް ވަނީ ސަލާމަތީ މަޖިލީހުގައި ދެއްވި ބަޔާނުގައި އެކުވެރި ދައުލަތްތަކުގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުންނަށް ލިބިފައިވާ ވީޓޯކުރުމުގެ ބާރު އުވާލައި، އދ.ގެ ސަލާމަތީ މަޖިލީހުގެ އޮނިގަނޑަށް މުހިއްމު އިސްލާހުތަކެއް ގެނައުމަށްވެސް ގޮވާލައްވާފައެވެ.

އެގޮތުން ރައީސް ވިދާޅުވީ ސުލްހަ ބެލެހެއްޓުމުގައި އދ.ގެ ސަލާމަތީ މަޖިލީހަށް ހަވާލުކުރެވިފައިވ ޒިންމާ އަދާނުކުރެވޭތީ އދ.ގެ ނިޒާމަށް ދުނިޔެއިންކުރާ އިތުބާރު ގެއްލެމުންދާކަން ފާހަގަކުރައްވާފައެވެ. ގާޒާގައި ހިންގަމުންދާ ހަމަނުޖެހުންތަކަށް އިޝާރާތްކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަލާމަތީ މަޖިލީހަށް ފެންނަ ފަށުގައި ނަސްލުނައްތާލުމުގެ އަމަލުތައް ނިއުޅެމުންދާއިރުވެސް، ބައިނަލްއަގްވާމީ ގާނޫނު ނެގެހެއްޓުމުގައި އެ މަޖިލިސް ނުކުޅެދިފައިވާކަމަށެވެ.

ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އިސްރާއީލުން ހިންގާ ގަތުލުއާންމު ހުއްޓުވުމަށް ސަލާމަތީ މަޖިލީހަށް ލިބިފައިވާ ބާރު ކަނޑުވާލަނީ ވީޓޯގެ ބާރުންކަމަށާއި، އަދަބެއް ނުދެވި، އަނިޔާވެރި އިސްތިއުމާރު ދެމެހެއްޓުމަށް އިސްރާއީލަށް ފުރުސަތު ފަހިކޮށްދެނީވެސް ވީޓޯގެ ބާރުންކަމަށް، ރައީސް ވަނީ ވިދާޅުވިއެވެ.