ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް ޑޮލަރު މާރު ކުރުމަށާއި، އެ ކުންފުނީގެ އާމްދަނީ އާއި ތިޖޫރީން ޖުމްލަ 9 މިއަލިއަން ރުފިޔާ ގެއްލިފައިވާ އިރު މި ހިޔާނާތުގައި ޝާމިލް ވަނީ ޕީއެސްއެމްގެ ކުރީގެ ފައިނޭންސް ޑިރެކްޓަރާއި އޭނާގެ ދަރިއެއް ކަމަށް އޮޑީތާ ޖެނެރަލް އޮފީހުން ބުނެފިއެވެ.

މި މައްސަލަ ތަހުގީގުކޮށް އޮޑިޓާ ޖެނެރަލް އޮފީހުން އާންމު ކުރި އޮޑިޓް ރިޕޯޓުގައި ބުނާ ގޮތުގައި، ޕީއެސްއެމް އަށް ބޭނުންވާ ޑޮލަރު ގަތުމުގެ ނަމުގައި 2020 ވަނަ އަހަރުން ފެށިގެން މި އަހަރުގެ އެޕްރީލު މަހުގެ ނިޔަލަށް ޕީއެސްއެމްގެ ބޭންކް އެކައުންޓުން ނެގި ފައިސާގެ ތެރެއިން 4,583,701 ރުފިޔާ ގެއްލިފައިވާ ކަމަށެވެ.

ހަމައެއާއެކު 2017 ވަނަ އަހަރުން ފެށިގެން މި އަހަރުގެ އެޕްރީލު މަހުގެ ނިޔަލަށް އާމްދަނީ އާއި އަދި އެހެނިހެން ގޮތްގޮތުން ބަލައިގަނެފައިވާ ފައިސާގެ ތެރެއިން 4,260,295 ރުފިޔާ އާއި ޕީއެސްއެމްގެ ތިޖޫރީގައި ހުރި ފައިސާގެ ތެރެއިން 190,087 ރުފިޔާއާއެކު ޖުމުލަ 9,034,083 ރުފިޔާ ގެއްލިފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.

ޑޮލަރު ގަތުމަށް 2020 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރުގެ އެޕްރީލު މަހުގެ ނިޔަލަށް އެކި ފަހަރު މަތިން ޖުމުލަ 373,988 ޑޮލަރަށްވާ 5,785,346 ރުފިޔާ ޕީއެސްއެމްގެ ބޭންކް އެކައުންޓުން ނަގާފައިވާއިރު އެ ފައިސާގެ ތެރެއިން 4,583,701 ރުފިޔާއަށްވާ 297,257 ޑޮލަރު ޕީއެސްއެމް އަށް ލިބިފައިނުވާކަމަށް އެ އޮޑީތް ރިޕޯޓުގައި ބުނެފައި ވެއެވެ. ޑޮލަރު ގަތުމަށް ނެގި ފައިސާގެ ތެރެއިން ޕީއެސްއެމް އަށް ލިބިފައިވަނީ ހަމައެކަނި 1,201,645 ރުފިޔާއަށްވާ 76,731ޑޮލަރެވެ.

ޑޮލަރު ގަތުމަށް ޗެކު މެދުވެރިކޮށް ނެގި 4,500,867 ރުފިޔާގެ ތެރެއިން 968,580 ރުފިޔާ ޕީއެސްއެމްގެ ކުރީގެ،ފައިނޭންސް ޑިރެކްޓަރު ހަވާލުވެ ސޮއިކޮށްފައިވާކަން މި އޮޑިޓް ރިޕޯޓުގައި ބުނެފައި ވެއެވެ. ބާކީ ހުރި ފައިސާ ނުލިބިގެން ފައިސާ ނަގަން ބޭންކަށް ދިއަ މުވައްޒަފުންނާ މެދު އެއްވެސް ފިޔަވަޅެއް އަޅާފައިނުވުމާއި އަދި އާންމު ގޮތެއްގައި ޕީއެސްއެމްގެ ބޭންކް އެކައުންޓުން ރުފިޔާ ނަގައިގެން ޑޮލަރު ގަތުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ޕީއެސްއެމްގެ ކުރީގެ، ފައިނޭންސް ޑިރެކްޓަރު ކަމަށްވާތީ ޑޮލަރު ގަތުމަށް ބޭންކުން ނެގި ފައިސާ އޭނާއާ ހަވާލުކޮށްފައިވާކަމަށް ބެލެވޭ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.

އޮންލައިން ޓްރާންސްފާ ހަދައިގެން 1,284,479 ރުފިޔާގެ ޑޮލަރު ގަތުމަށް ނަގާފައިވާއިރު ޖުމުލަ 75,491 ޑޮލަރަށްވާ 1,164,068 ރުފިޔާ އެކިފަހަރު މަތިން ޖަމާކޮށްފައި ވަނީ ޕީއެސްއެމްގެ ކުރީގެ، ފައިނޭންސް ޑިރެކްޓަރުގެ ދަރިއެއްގެ ބޭންކް އެކައުންޓަށް ކަމަށް ވެސް މި ރިޕޯޓުގައި ބުނެފައި ވެއެވެ. އޮންލައިން ޓްރާންސްފާ ހަދައިގެން ޑޮލަރު ގަތުމުގެ ނަމުގައި ނަގާފައިވާ ފައިސާގެ ތެރެއިން 403,122 ރުފިޔާގެ ޕޭމަންޓް ވައުޗަރުގައި ފައިސާ ހަރަދު ކުރުމުގެ ހުއްދަ ދިނުމުގެ ގޮތުން ހަމަ އެކަނި ސޮއިކޮށްފައި ވަނީ ޕީއެސްއެމްހެ ކުރީގެ، ފައިނޭންސް ޑިރެކްޓަރުކަމާއި އަދި އެއްވެސް ފަރާތެއް ސޮއިނުކޮށް 30,886 ރުފިޔާ ޓްރާންސްފާ ކޮށްފައިވާކަމަށް ވެސް އޮޑީޓް ރިޕޯޓުގައި ބުނެފައި ވެއެވެ.

ރާއްޖެއިން ބޭރުގެ ކުންފުންޏެއްގެ 10 ބިލަކަށް ފައިސާ ދެއްކުމަށް ބޭނުންވާ ޑޮލަރު ގަތުމަށް އެއް ފަހަރަށް ވުރެ ގިނަ ފަހަރު އެ ބިލްތައް ބޭނުންކޮށްގެން ތަކުރާރުކޮށް ޑޮލަރު ގަތުމުގެ ނަމުގައި ޕީއެސްއެމްގެ ރުފިޔާ އެކައުންޓުން އިތުރަށް ޖުމުލަ 254,152 ރުފިޔާ ނަގާފައިވެއެވެ. އަދި އިތުރު ހަތަރު ފަރާތެއްގެ 11 ބިލަކަށް ފައިސާ ދެއްކުމަށް ޑޮލަރު ގަތުމަށް އެކި ފަހަރުމަތިން 1,146,153 ރުފިޔާ ޕީއެސްއެމްގެ ބޭންްކް އެކައުންޓުން ފައިސާ ނެގުމަށްފަހު އެ ބިލްތަކަށް ދައްކަންޖެހޭ ފައިސާ އަލުން ޕީއެސްއެމްގެ ބޭންކް އެކައުންޓުން ދައްކާފައިވެސް ވެއެވެ. މީގެ އިތުރުން، އިތުރު ތިން ބިލަކަށް ފައިސާ ދެއްކުމަށް 15,000 ޑޮލަރު ގަތުމަށް 231,300 ރުފިޔާ ޕީއެސްއެމްގެ ބޭންކް އެކައުންޓުން ނެގުމަށްފަހު ޕީއެސްއެމްގެ ޑޮލަރު އެކައުންޓަށް އެހެން ފަރާތްތަކުން ޖަމާކޮށްފައިވާ ޑޮލަރު ބޭނުންކޮށްގެން އެ ބިލްތަކަށް ފައިސާ ދައްކާފައިވާކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.

ޑޮލަރު ގަތުމަށް ނެގި ފައިސާއަށް ލިބުނު 76,731 ޑޮލަރުގެ ތެރޭގައި ޕީއެސްއެމްގެ ކުރީގެ ފައިނޭންސް ޑިރެކްޓަރުގެ އަމިއްލަ ޑޮލަރު އެކައުންޓުން ޓްރށންސްފާކޮށްފައިވާ 10,947 ޑޮލަރާއި އޭނާ އޭޓީއެމް މެދުވެރިކޮށް ޖަމާކުޜީ 8,060 ޑޮލަރާޢީ އަދި އޭނެގޭ ދަރިއެއްގެ އެކައުންޓުން ކުންފުޏީގެ އެކައުންޓަށް ޖަމާކޮށްފައިާ 36,071ޮ ޑޯލަރު ހިމެނޭކަން ތަހުގީގަށް ފާހަގަވެފައިވާ ކަމަށް އޮޑިޓުން ފާހަގަ ކުރެއެވެ.

ރާއްޖެއިން ބޭރުގެ ފަރާތްތަކަށް މި އަހަރުގެ އެޕްރީލު މަހުގެ ނިޔަލަށް ޕީއެސްއެމުން 1.8 މިލިއަން ޑޮލަރު ނުދައްކާ ހުރިއިރު، ޑޮލަރު ގަތުމަށް ނެގި ޖުމުލަ 5.79 މިލިއަން ރުފިޔާގެ ތެރެއިން ޕީއެސްއެމްގެ ޑޮލަރު އެކައުންޓަށް ޖަމާކުރަމުން ޣޯސްފައިވަނީ މައިގަނޑު ގޮތެއްގައި އެމެޒޯން ވެބް ސާވިސަސްގެ ބިލްތަކަށް ފައިސާ ދެއްކުމަށް ބޭނުންވާ މިންވަރަށްކަމާއި އެ ކުންފުންޏަށް ފައިސާ ދައްކަމުން ގޮސްފައިވަނީ ޕީއެސްއެމުން ދައްކަންޖެހޭ މަހު ފީ ނުދައްކައިފި ނަމަ އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތައް މެދުކަނޑލުމުގެ ފުރުސަތު އޮތުމުން ކަން ފާހަގަކުރެވިފައިވާ ކަމަށް އޮޑިޓުން ބުނެއެވެ.

ޕީއެސްއެމް އަށް 2017 ވަނަ އަހަރުން ފެށިގެން މި އަހަރުގެ އެޕްރީލު މަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި ލިބުނު ނަގުދު ފައިސާގެ ތެރެއިން 4,260,295 ރުފިޔާ ޕީއެސްއެމްގެ ބޭނުމަށް ބޭނުން ނުކޮށް އަދި އެ ފައިސާ ޕީއެސްއެމްގެ ބޭންކް އެކައުންޓަށާއި ތިޖުރީއަށް ވައްދާފައެއް ނުވެއެވެ. އެ ފައިސާގެ ތެރެއިން 4,148,060 މިލިއަން ރުފިޔާ އެންމެ ފަހުން ޕީއެސްއެމްގެ ތެރެއިން ހަވާލު ވެފައިވަނީ ޕީއެސްއެމްގެ ކުރީގެ، ފައިނޭންސް ޑިރެކްޓަރު ކަމަށް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.

ޕީއެސްއެމްގެ ތިޖޫރީގައި ޕެޓީކޭޝް ފިޔަވައި ނަގުދުން ހުންނަން ޖެހޭ 190,087 ރުފިޔާ ބޭންކް އެކައުންޓަށް ޖަމާކުރުމަށް އޮގަސްޓު 7، 2021 ގައި ޕީއެސްއެމްގެ ކުރީގެ ފައިނޭންސް ޑިރެކްޓަރު ހަވާލުވެފައިވާކަން އެނގެން އޮތް ކަމަށާއި އެ ފައިސާ ޕީއެސްއެމްގެ ބޭންކް އެކައުންޓަށް ޖަމާކޮށްފައި ނުވާކަމާއި އެ ފައިސާ ގެއްލިފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެއެވެ.