ރައީސް ޑރ. މުހައްމަދު މުއިއްޒު އަވަހާރަކޮށްލާނެ ކަމަށް ބުނެ އެމަނިކުފާނަށް މަރުގެ އިންޒާރު ދިން މައްސަލަ ހަރުކަށި އިބާރާތުން ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކުށްވެރިކޮށްފިއެވެ.
މިކަމާ ގުޅިގެން ޕީއެންސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް އަވަހާރަ ކޮށްލާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި މީހަކު އިންޒާރު ދިން މައްސަލަ އާމެދު އެ ޕާޓީ އިން ކަންބޮޑުވާކަމަށާއި، މިކަމުގައި ހަލުއި ތަހުގީގެއް ހިންގަން ޖެހޭ ކަމަށެވެ. ޕީއެންސީ އިން ބުނީ ރައީސްގެ ފުރާނައަށް ނުރައްކާވާނެ ފަދަ އަމަލެއް ހިންގާނެ ކަމަށް ފާޅުގައި މީހަކު ބުނެފައިވާތީ މި މައްސަލަ ތަހުގީގީ އިދާރާތަކުން އިސްކަން ދީގެން ބަލަން ޖެހޭ ކަމަށެވެ.
ޕީއެންސީ އިން ވަނީ މި މައްސަލައިގައި އެކަށީގެންވާ ހަލުއި ތަހުގީގެއް ހިންގުމަށް ތަހުގީގީ އިދާރާތަކަށް ގޮވާލާފައެވެ. އަދި ރައީސްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެންމެ އެދެވޭ ގޮތެއްގައި މަސައްކަޔް ކުރުމަށްވެސް ދައުލަތުގެ އިދާރާތަކަށް އެ ޕާޓީ އިން ވަނީ ގޮވާލާފައެވެ.
ޕީއެންސީގެ އިތުރުން މި މައްސަލަ އާއި ގުޅިގެން މާލެ ސިޓީ ކައުންސިލުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އެ ކައުންސިލުން ބުނީ ދިވެހި ރައްޔިތުންގެ ތަނަވަސް އަގުލަބިއްޔަތުން އިންތިހާބު ކޮށްފައިވާ ރައީސް މުއިއްޒު އަވަހާރަ ކޮށްލާނެ ކަމަށް ބުނުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
މިއީ ޓެރަރިޒަމްގެ އަމަލެއް ގޮތުގައި ސިފަ ކުރަމުން މާލެ ސިޓީ ކައުންސިލުން ބުނީ މި އިންޒާރު ދިން ފަރާތް ހޯދާ އޭނާ އާމެދު ގާނޫނީ ގޮތުން އެޅެން ހުރި އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށާއި، މިފަދަ އަމަލުތައް ތަކުރާރު ވިޔަ ނުދިނުމަށް އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް ކަމާ ބެހޭ މުއައްސަސާތަކަށް ގޮވާލާ ކަމަށެވެ.
ފޭސްބުކް ސޯޝަލް މީޑިއާ ޕޭޖަކުން ރޭ ގެނެސްދިން ލައިވްއަށް ކުރި ކޮމެންޓެއްގައި 'އަބްލޯ މައިދު ޔޫސެފް'ގެ ނަމުގައި ހަދާފަ އޮތް އެކައުންޓަކުން ވަނީ ރައީސް އަވަހާރަކޮށްލާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ. އެވަގުތު އެ ޕޭޖުން ލައިވް ކުރަމުން ދިޔައީ ރޭ އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ބޭއްވި ބައްދަލުވުމުގައި ރައީސް ދެއްވަމުން ގެންދެވި ތަގުރީރެވެ.
އެއާއެކު ރޭ އެކްސްގައި ފުލުހުންގެ ތަރުޖަމާނު އަދި އެސިސްޓެންޓް ކޮމިޝަނާ އަހްމަދު ޝިފާން ވިދާޅުވީ، ރައީސް މުއިއްޒަށް ސީރިއަސް އިންޒާރުތަކެއް ދިން މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.
އަދި އެ ކޮމެންޓުގެ މައްސަލަ ފުލުހުން ބަލަމުންދާކަން އިއުލާން ކުރި ފަހުން އޭނާގެ ފޭސްބުކް އެކައުންޓުގައި ވަނީ އެހެން ޕޯސްޓުތަކެއް ވެސް ކޮށްފައެވެ. މަލާމާތު ރާގަށް ކުރި އެ ޕޯސްޓުގައި އޭނާ ހައްޔަރު ކުރުމަށް ފުލުހުންގެ ކިބައިން އެދިފައި ވެއެވެ. އެއާއެކު އޭނާ މީގެ ކުރިން ފޭސްބުކްގައި އެފަދައިން ކޮށްފައި ހުރި ކޮމެންޓުތަކެއްވެސް ވަނީ ދައުރުވާން ފަށާފައެވެ.
އާދާއިގެ ކަމެއްގެ ގޮތުގާ ބަލާއިގެން ނުވާނެ މިހާރުވެސް އެބުނަނީ ގޮންޖާފާ ތިމެންނަ ހޯދާ ހައްޔަރު ކޮށްބަލާށޭ ސީރިއަސް މަސްއަލައެއް އަވަސް ކުރޭ ހޯދާތި އަމަލެއް ހިންގަންދެން ބަލަން ނުތިބޭ ފިކުރުހިންގާ