ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.
ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ފުރަތަމަ ހުދު ސަމާލު ނެރެފައިވަނީ އިއްޔެއެވެ. އޭގެ ފަހުން ހަތަރު ވަރަކަށް ފަހަރު އެ ސަމާލު ދަންމާލާފައި ވާއިރު މިއަދުގެ މެންދުރު 12:00 ގެ ނިޔަލަށް އެ ސަމާލު ނެރެފައި ވެއެވެ.
މެޓުން ނެރުނު ސަމާލުގައި ބުނީ މި ސަރަހައްދުތަކަށް މިއަދު ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށާއި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދަށް ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ބެލެވޭ ކަމަށް ވެސް މެޓުން ބުންޏެވެ. އަދި އެ ވަގުތުތަކުގައި ކަނޑުތައް ގަދަވާނެ ކަމަށް ވެސް ވަނީ ލަފާ ކޮށްފައެވެ.
މީގެ އިތުރުންވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ވާނެ ކަމަށް އެ އިދާރާއިން ލަފާކޮށްފައި ވެއެވެ.
ފާއިތުވި 3-4 ހަފްތާ މޫސުން ރަނގަޅު ވުމަށްފަހު އަނެއްކާވެސް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާ ކޮށްފައިވާއިރު ކުރިއަށް މިއޮތީ ސްކޫލް ފުރަތަމަ ޓާމް ބަންދެވެ. އެއާއެކު ގިނަ އަދަދެއްގެ ބަޔަކު އަތޮޅު ތެރެއަށާއި މާލެއަށް ދަތުރު ކުރަމުންދާއިރު މޫސުމަށް ސަމާލުކަން ދީ ރައްކާތެރި ކަމުގެ ފިޔަވަޅު އެޅުމަކީ މުހިންމު ކަމެކެވެ.