އެކުވެރި ދައުލަތްތަކުގެ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުންނަށް ލިބިފައިވާ ވީޓޯކުރުމުގެ ބާރު އުވާލައި، އދ.ގެ ސަލާމަތީ މަޖިލީހުގެ އޮނިގަނޑަށް މުހިއްމު އިސްލާހުތަކެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

ރޭ ސަލާމަތީ މަޖިލީހުގެ ދެއްވި ބަޔާނުގައި ދުނިޔޭގެ ސުލްހަ ބެލެހެއްޓުމުގައި އދ.ގެ ސަލާމަތީ މަޖިލީހަށް ހަވާލުކުރެވިފައިވާ ބުރަ ޒިންމާގެ މަތިން ހަނދުމަފުޅުކޮށްއަރުވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ މަޖިލީހުގެ ނާގާބިލުކަމުގެ ސަބަބުން، އދ.ގެ ނިޒާމަށް ދުނިޔެއިންކުރާ އިތުބާރު ގެއްލެމުންދާކަން ފާހަގަކުރައްވާފައެވެ.

އެފަދައިން އިތުބާރު ގެއްލެމުންދަނީ، ހަމަހަމަކަމާއެކު ތަމްސީލުކުރުމާއި، ޖަވާބުދާރީވުމާއި، ދެފުށްފެންނަ ގޮތަށް މަސައްކަތްކުރަން ނުކުޅެދިފައިވާތީކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހަމައެހެންމެ ލިޔެކިޔުންތަކުގެ މައްޗަށް ބިނާކޮށްގެން ކުރާ މަޝްވަރާގެ އަލީގައި ސަލާމަތީ މަޖިލީހަށް އިސްލާހު ގެނައުމަށް ވަނީ އިންޓާގަވަމެންޓަލް ޕްރޮސެސް އެއް ހުށަހަޅުއްވާފައެވެ.

މިގޮތުން ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ސަލާމަތީ މަޖިލީހުގައި ހާއްސަ ޖާގައެއް ދިނުމަށް ދިވެހިރާއްޖެއިން ކުރާ އިލްތިމާސް އެމަނިކުފާނު ތަކުރާރުކުރެއްވިއެވެ.

އަދި ގާޒާގައި ހިންގަމުންދާ ހަމަނުޖެހުންތަކަށް އިޝާރާތްކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަލާމަތީ މަޖިލީހަށް ފެންނަ ފަށުގައި ނަސްލުނައްތާލުމުގެ އަމަލުތައް ނިއުޅެމުންދާއިރުވެސް، ބައިނަލްއަގްވާމީ ގާނޫނު ނެގެހެއްޓުމުގައި އެ މަޖިލިސް ނުކުޅެދިފައިވާކަމަށެވެ. ފަލަސްތީނުގެ ނަސްލު ނައްތާލުމަށް އިސްރާއީލުން ހިންގާ ގަތުލުއާންމު ހުއްޓުވުމަށް ސަލާމަތީ މަޖިލީހަށް ލިބިފައިވާ ބާރު ކަނޑުވާލަނީ ވީޓޯގެ ބާރުންކަމަށާއި، އަދަބެއް ނުދެވި، އަނިޔާވެރި އިސްތިއުމާރު ދެމެހެއްޓުމަށް އިސްރާއީލަށް ފުރުސަތު ފަހިކޮށްދެނީވެސް ވީޓޯގެ ބާރުންކަމަށް، އެމަނިކުފާނު ވިދާޅުވިއެވެ.

މި މައްސަލަ ޙައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހެޅުއްވީ، ހިނދުން ހިނދަށް ހައްލު ހޯދައިދެވޭނެ ނިޒާމެއްގެ ތެރެއިން، މުޅި ބައިނަލްއަގްވާމީ މުޖުތަމައުން އީޖާދީ ޙައްލު ހުށަހެޅޭނޭ އޮނިގަނޑެއް ބިނާކުރުމަށެވެ.

''އެ ބަޔަކަށް ޚިދުމަތް ކުރުމަށް އަޅުގަނޑުމެން އިންތިޚާބުކުރި ރައްޔިތުންގެ އިތުބާރު އަނބުރާ ހޯދުމަށްޓަކައި، އެ ރައްޔިތުންނަށް އަޅުގަނޑުމެން އިތުބާރުކުރަމާ ހިންގަވާ"
ރައީސް

މިއީ އދ.ގެ މެންބަރު ގައުމެއްގެ ގޮތުގައި ދިވެހިރާއްޖެ ހޭދަކޮށްފައިވާ 59 އަހަރު ދުވަހުގެ ތެރޭގައި، އެ ޖަމްޢިއްޔާގެ ސަލާމަތީ މަޖިލީހުގައި ދިވެހި ރައީސަކު ބަޔާނެއް އިއްވެވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ވީޓޯ ބާރަކީ 15 މެމްބަރުންގެ މައްޗަށް އެކުލެވޭ އދ. ގެ ސެކިއުރިޓީ ކައުންސިލަށް ހުށަހަޅާ އެއްވެސް މައްސަލައެއްގައި ކަނޑައެޅިފައިވާ ގައުމުތަކުގެ ތެރެއިން އެއްވެސް ގައުމަކުން ނެގެޓިވް ވޯޓެއް ލައިފިނަމަ އެ ގަރާރު ނުވަތަ އެ ނިންމުން ފާސް ނުވުމެވެ. ވީޓޯ ކުރުމުގެ ބާރު ލިބިގެންވާ ފަސް ގައުމަކީ އެމެރިކާ އާއި އިނގިރޭސިވިލާތާއި ޗައިނާ އާއި ފްރާންސް އަދި ރަޝިއާ އެވެ. އެ ގައުމުތަކުން ވީޓޯގެ ބާރު ބޭނުން ކުރަމުންދަނީ އެ ގައުމުތަކުގެ އަމިއްލަ މަސްލަހަތު ހިމާޔަތް ކުރުމުގެ ބޭނުމުގައެވެ.