ޓެކްސީ ދުއްވަން އިން ޑްރައިވަރު ކުރިމަތީ ހުރި ކުޑަ ލޯގަނޑުކޮޅުން ފަހަތް ބަލާލީއެވެ. އޭނާއަށް އެމަންޒަރު ވަރަށް ސާފުކޮށް ފެނުނެވެ.

*** *** *** *** *** ***

ދެލޯ މަރައިގެން އޮތް މަންޝާއަށް ލޯ ހުޅުވުނީ އޭނާގެ މޫނަށް ފިނި ކަމެއް އިހްސާސް ވުމުންނެވެ. ދެލޯ ފިއްތާ ބާރުކޮށްލުމަށްފަހު މޫނުގައި ޖެހުނު ފެން ތިކިތައް ފޮހެލަން އަތް އުފުލާލަން މަސައްކަތް ކުރި ނަމަވެސް މަންޝާގެ އަތެއް ނުނެގުނެވެ. ދެލޯ ތަންމިނަށް ހުޅުވާލަމުން އަތާ ދިމާއަށް ބަލާލެވުނީ އެވަގުތެވެ.

މަންޝާ އޮތީ ދަގަނޑު އެނދެއްގައި ދެއަތާއި ދެފައި ވަލެއްގެ އެހީގައި އައްސާފައެވެ. މަންޝާގެ ގައިމަތީގައި އަޅާފައި ވަނީ ހުދުކުލައިގެ ފޮތިގަނޑެކެވެ. ބިރުވެރިކަމެއް މަންޝާގެ ހިތަށް ވެރިވީ އެވަގުތު ކަންފަތުގައި ޖެހުނު އަޑުންނެވެ. މަންޝާ އޮތް އެނދު ވަށާ ދުރުދުރުގައި ވަށްބުރެއްހެން އެތުރިގެން ހަތް ފިރިހެނުން ތިބީ ތަޅުން މަތީގައި ދެފައިވަށްކޮށްގެން، ގަނޑުތަކެއް ހިފައިގެން، އެގަނޑުގައިވާ އެއްޗެއް ކިޔަވާށެވެ. އެއިން ކޮންމެ މީހަކު ވެސް ދިޔައީ އަޑު ބާރުކޮށް ކިޔަވަމުންނެވެ.

ކިޔަވަން ތިބި މީހުންގެ ތެރޭގައި ދަންނަ މީހަކު ހުރިތޯ ބަލަން މަންޝާ މަސައްކަތް ކުރި ނަމަވެސް އެވަގުތު މަންޝާގެ ސަމާލުކަން ހުއްޓުނީ އޭނާ އެ އޮތް ތަނަށެވެ. އެއީ އުޑުމަތި ހާސާކޮށް ފެންނަން އޮތް ތަނެކެވެ. މަންޝާގެ ބޮލާ ދިމާލުން މަތީގައި ފެންނަން ހުރި ފުރިހަމަ ރީތި ހަނދެކެވެ. އުޑުމަތި ސާފު ރެއެއް ކަމަކު ވައިގަދަވަމުން ދިޔަކަން މަންޝާއަށް އިހްސާސްވިއެވެ. ގައިން ނަގަމުން ދިޔަ ތޫނު ތަދާއި ދަށްބަނޑަށް ވަމުން ދިޔަ އުނދަގުލުން މަންޝާއަށް ރޮއެގަނެވުނެވެ.

"ހުއްޓާލާ.. އަހަރެންނަށް ތަދުވޭ... ނޫން ހުއްޓާލާ..." އަޑުގެ ނެތްތަނަށް ހަޅޭއްލަވަމުން މަންޝާ ދިޔައީ އޭނާގެ ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނަށް ކެތްނުކުރެވިގެންނެވެ.

ދުރުގައި އަޒީމް ހުރީ އޭރު އަލިބެ ދިން ތަވީދު ހިފަހައްޓައިގެންނެވެ. އެ ތަވީދު އަޒީމްގެ އަތުގައި އައްސާލަން ގާތްވެލީ ޟިރާރެވެ. ޟިރާރާއި އަޒީމާއި އަލިބެގެ އިތުރުން ދެން އެތާ ތިބީ ކިޔަވަން ތިބި ހަތް ފިރިހެނުންނެވެ. އެމީހުން ކައިރީގައި ރިޔާޒެއް ނެތެވެ. މަންޝާ ހަޅޭއްލަވާ އަޑަށް އެމީހުން މަންޝާއާ ދިމާއަށް ބަލާލިއެވެ. އަލިބެ އެދުނީ އަދި މަންޝާއާ ގާތް ނުވުމަށެވެ.

"ކިހިނެއްވީ؟... މިހާރު އޭނަ ހޭ އެރީމަ އަލިބެ އަހަން ބޭނުންވާ ސުވާލުތައް ކުރެވިދާނެއްނު..." އަޒީމް ބޭނުންވީ ވީ އެންމެ އަވަހަކަށް މަންޝާ ރަނގަޅު ކޮށް މިކަންތަކުން ސަލާމަތްވާށެވެ.

"އަހަރެމެންނަށް މިކަން ކާމިޔާބު ކުރުމަށް އެހީވާން ހުރި އެންމެ ވަރުގަދަ އެކަކު އަދި މިތަނަށް ނައިސްގެން މި ހުރީ.. އޭނާ އައިމަ މިކަން ފަށަން ވާނީ..." އަލިބެ ވަށައިގެން އެ ޓެރަސް މައްޗަށް ބަލާލިއެވެ. އެއީ ދިހަބުރީގެ ބޮޑު އިމާރާތެއްގެ އެންމެ މަތީގައިވާ ޓެރަސް ބައެވެ. ޓެރަސްގެ ވަށައިގެން ބަހައްޓާފަ ހުރި މާ ޓުކުރިތައްވެސް ހީވަނީ ވަޔާ ވިއްސައިގެން ހިނގައިދާނެ ހެންނެވެ.

"ކީއްވެތަ އޭނައަށް ނާދެވިގެން އެ އުޅެނީ؟..." އަލިބެއާ ގާތްވެލަމުން ޟިރާރު އަހާލިއެވެ. ކެތްމަދުވެފައި ހުރި އަޒީމް ހުރީ ތެޅިލަތެޅިލައެވެ.

"އަހަރެމެންނަށް މިކަމުގަ ހުރަސް އަޅާ ބަޔަކު އެބަ އުޅޭ... އެމީހުން ކިތަންމެ ވަރަކަށް މިކަން ކުރުމަށް ހުރަސް އަޅަން އޭނަ ހިފެހެއްޓިއަސް ކޭތަ ހިފުމާއެކީ އެމީހުންގެ އަތުން އޭނަ ވީއްލިގެން އަންނާނެ... އަދި ގަޑިން ބާރަ އެޖެހީ..." އަތުކުރީގައި އަޅާފައިވާ ގަޑިއަށް ބަލާލަމުން އަލިބެ ވާހަކަ ދެއްކިއެވެ.

"ކޭތަ ހިފާނީ އަދި ދޮޅުގަޑިއިރު ފަހުން.... ހާދަ ވަގުތެއް އެބަ އޮތޭ... މަންޝާ މާ އަވަހަށް ދޯ އެ ހޭއެރީ..." މަންޝާ ކައިރިއަށް ދާން ހިނގައިގަންނަމުން އަޒީމް ވެސް އޭނާގެ އަތުގައި އޮތް ފޯނަށް ބަލާލިއެވެ. މަންޝާ އޮތީ ދާހިއްލާ ފޯވެފައެވެ. ދެލޯ މަރާ ފިއްތާލައިގެން އޮތް އިރު މަންޝާ އޮތީ އޭނާގެ ތިރީ ތުންފަތުގައި ދަތް އަޅައިގެންނެވެ.

ކުއްލިއަކަށް މަންޝާ ދެލޯ ބޮޑުކޮށްލަމުން އަޒީމާ ދިމާއަށް ބަލާލި ގޮތުން އަޒީމް ސިހިގެން ފަހަތަށް ޖެހުނެވެ. އޭރުވެސް ޓެރަސްގައި ތިބި ކިޔަވާ މީހުންތައް ނުހުއްޓި ކިޔެވެލި ކިޔަވަމުން ދިޔައެވެ.

"އަހަރެން ފަންޑިތަ ހަދަން ނާންނާނަމޭ ވެސް ބުނީމަ ނިންދަވައިގެން މިތަނަށް ތިގެނައީ ކީއްކުރަން؟.. ނަރުސްކުދިން ދިން ބޭހެކޭ ކިޔާފަ އަޒީމް ދޮގު ހެދީ ދޯ... ހޮސްޕިޓަލުން ނަރުސްކުދިން ބޭސް ދެންޏާ ބޭސްދޭން އަންނާނީ އެމީހުން... ބަލަ އަހަރެންގެ ދަރިއަށް މިކަމުން ގެއްލުމެއް ވެއްޖިއްޔާ ޔޯ.... އާދޭސްކޮށްފަ މިބުނަނީ އަަހަރެންގެ އަތް މޮހެލަދީ..." މަންޝާގެ ދެލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ. މަންޝާގެ މޫނަށް އޭރުވަނީ ޖަންބު ކުލަ އަރާފައެވެ.

"ޝްޝްޝް... އަޑުގަދަނުކޮށް މަޑުން އޮވޭ... އަހަރެން ބޭނުމެއް ނޫން މަންޝާ އަބަދު ތިހެން އުޅޭކަށް.. އަހަރެން މަންޝާއާ ކައިވެނި ކުރީ ފޮނި އުންމީދުތަކެއް ކޮށްގެން... އަހަރެންގެ މަންމަ ބުނީ ރަނގަޅަށް... މި ކައިވެނި ނުކުރެވުނު ނަމައޭ މިހާރު ހިތަށް އަރާ..." މަންޝާއާ ގާތްވަމުން އަޒީމް ވާހަކަ ދެއްކީ ހަމައެކަނި މަންޝާއަށް އިވޭނެ ވަރަށް މަޑުމަޑުންނެވެ.

"ދެން އަހަރެން ވަރިކޮށްލަން ވީނު... އަހަރެން ވެސް ބޭނުމެއް ނޫން އަޒީމާ އެކީ އުޅޭކަށް... އަހަރެން މިހާރު ލޯބިވާ އެހެންމީހަކު އެބަ ހުރި... އަހަރެން ވަރިކޮށްލާ... މިކަން ނުކޮށްވެސް އަޒީމަށް އަހަރެން ދޫކޮށްލެވިދާނެއްނު... ދެން ކީއްކުރަން ހަދާ ފަންޑިތައެއްތަ މީ..." މަންޝާގެ އުނަގަނޑު ވަށައިގެން ރިއްސަމުން ދާތީ އުއްޑުން އޮންނަން އުނދަގޫ ވިއެވެ. އެއްފަރާތަށް އެނބުރެވޭތޯ އަތުގައި އައްސާފައިވާ ވާތަކުން މިންޖުވާން ލަކި ޖަހަމުން މަންޝާ ގަދަ ހެދިއެވެ. ނަމަވެސް ކާމިޔާބެއް ލިބޭގޮތެއް ނުވިއެވެ.

"ވަރިކުރާށޭ... ކަލޭގެ ހަޔާތްކުޑަ ކަން ބަލާބަލަ... މަ ކަލޭ ވަރިއެއް ނުކުރާނަން... ތިއުޅެނީ އަހަރެންގެ ހަގީގަތް އަދި ނޭނގިގެން... އަހަރެންނަކީ އަހަރެން އެ އެއްޗެއް ބޭނުންވެއްޖެ ނަމަ އެއެއްޗެއް ހާސިލް ކުރާ މީހެއް... އަހަރެންނަކީ ތިހާ ފަސޭހައިން ބަލި ގަބޫލުކުރާ މީހެއް ނޫން... އަދި އަހަރެން އަތުގަ އޮތް އެއްޗެއް ޖަހައިގަނެއްޖެ މީހެއްގެ ދުވަސް އަހަރެން ދުއްވާލާނަން... މަންޝާއަކީ މަގޭ މީހެއް... ހަމަ އެކަނި މަގޭ.... އަޑު އިވިއްޖެ... އަހަރެން ފޫހިވިޔަސް ކަލޭ ދުލެއް ނުކުރާނަން... ކޮންމެ ހާލެއްގަވެސް މަންޝާއަށް ޖެހޭނީ އަހަންނާއެކީ އުޅެން.... މިރޭ ތި ޖިންނިއެއްގެ ދުވަސް ދުއްވާލާނަން... އޭގެ ހިޔަނިވެސް އަހަރެމެންނާ ނޭޅެވޭނެ ވަރު ކޮށްލާނަން..." އަޒީމް ދަތްކުނި ވިކާލަމުން ވާހަކަ ދައްކަމުން ދިޔަ ގޮތުން މަންޝާ ހިތުގައި ޖެހުނެވެ. މިއީ މީގެ ކުރިން މަންޝާއަށް ފެނުނު އަޒީމް ބާވައޭ އޭނާގެ ސިކުނޑީގައި ސުވާލު އުފެދުނެވެ. ކިތަންމެ ގިނަ ދުވަސްތަކެއް ވަންދެން އެކުގައި އުޅުނަސް މީހަކު ދަސްނުވެދާނެ ކަން މަންޝާ މިހާރު ގަބޫލު ކުރެއެވެ.

"އަހަރެންނަށް އެހެންމީހަކު ދެކެ ލޯބިވެވުނީ އަޒީމާ ހެދި.. އަޒީމް ވެސް އެހެން އަންހެނަކާ ހެދި އުޅެން ފެށީމަ.. އަހަރެން އައީ އަހަރެންގެ އަމިއްލަ ނަފްސަށް ވިސްނައިދެމުން.... އެކަމަކު އަޒީމް ހުރީ އޭރު ހައްދު ފަހަނަ އަޅާފަ... މިކަމުގަ އަޒީމަށް އަހަރެން އެކަނި ކުށްވެރި ކުރެވޭކަށް ނެތް... އޭނައަށް ގެއްލުމެއް ދީފިއްޔާ އަހަރެން އަޒީމާ އެކީ ދިރިއުޅޭކަށް ނުހުންނާނަން ކަން ހަނދާން ބަހައްޓާތި" މަންޝާގެ އަޑު އިހުނަށް ވުރެއް ބާރެވެ.

"ކައިވެންޏަށް އެހާ ދުވަސްވީއިރު އަހަރެން ވެސް ހުރީ މަންޝާ ދެކެ ފޫހިވެފަ... ދަރިއަކު ހޯދަން މަސައްކަތް ކޮށްކޮށް އަހަރެން ވެސް މި ދިރިއުޅުން ދެކެ ފޫހިވެ ވަރުބަލިވީ... ދެން ފަހުން އަހަންނަށް ވިސްނުނީ އެހެން ކައިވެންޏެއް ކުރުމޭ މީގަ ބުއްދިވެރީ... އެ ޚިޔާލު އަހަރެންގެ ބަދަލުވީ މަންޝާ ބަނޑުބޮޑުކަން އެނގުނު ހިސާބުން..." އަޒީމް ދައްކަމުން ދިޔަ ވާހަކަ މެދުކެނޑުނީ އަޒީމްމެން ކައިރިއަށް އަލިބެއާ ޟިރާރުމެން އަންނަން ފެށުމުންނެވެ. އޭރުވެސް މަންޝާ ދިޔައީ ގަދަ ހަދަމުންނެވެ. އަލިބެގެ މުށު ތެރެއަށް ފެންގޮށްޓެއް އަޅާލުމަށް ފަހު މަންޝާގެ ގަޔަށް ބުރުއްސުވާލަމުން ތުންތަޅުވާލިއެވެ. އެފެންތައް މަންޝާގެ ހަށިގަނޑުގައި ޖެހުމުން ކަރުބުޑުން މަންޝާ ހަޅޭއްލަވައިގަތެވެ.

"މަންޝާ.... ކަލެއާ އަވަލައިގެން އުޅޭ ޖިންނި މިތާ އެބަ ހުރިތަ؟..." އަލިބެގެ އަޑަށް ދެލޯ ބޮޑުކޮށްލަމުން މަންޝާ ބަލާލީ ބޯމަތިން ފެންނަން ހުރި ހަނދާ ދިމާއަށެވެ. އެވަގުތު މަންޝާގެ ލޮލުގައި އަޅައިގަތީ ރަތްކުލައިގެ ބޮޑު އަލިގުޅައެކެވެ. އެ އަލިގުޅަ އައީ ވަރަށް ވެސް ހަލުވި ކޮށެވެ. ޓެރަސް މައްޗަށް އެއަލިގުޅަ ތިރިވުމާއެކީ މަންޝާގެ ހިތް ތެޅިގަތެވެ.

"ޒިބާން ނޫން.. މިތަނުން ދޭ.. އެމީހުން ޒިބާން ގެންނަން ބޭނުންވެގެން އަހަންނަށް މިހެން އެ ހަދަނީ.. ޕްލީސް މިތަނުން ދޭ... ޒިބާން..." އަޑުގެ ނެތްތަނަށް ޒިބާން ގާތު އެތަނަށް ނާންނާށޭ ކިޔާ މަންޝާ ހަޅޭއްލަވަމުން ދިޔައެވެ. ޒިބާން ފަހަތަކަށް ނުޖެހެއެވެ. މަންޝާ ސަލާމަތްކުރަން އޭނާ ހިތްވަރުކޮށް ކުރިއަށް ފިޔަވަޅު އެޅީ އޭނާގެ ހަށިގަނޑަށް ވަމުންދާ އުނދަގޫތަކާ ހަނގުރާމަ ކުރަމުންނެވެ. ޒިބާންގެ ނަން މަންޝާ ބޭނުން ކުރުމުން އަލިބެގެ އިޝާރާތަށް ހަތްމީހުންގެ ކިއެވެލި ކިއުން ހުއްޓާލިއެވެ.

"ޒިބާން ކަލޭ އަހަރެންގެ ލޯ ކުރިމައްޗަށް ފާޅުވޭ... އެހެން ނޫނީ..." ކިޔެވެލި ކިޔަވަން ތިބި ހަތް މީހުންގެ މެދުގައި ޖަހާފައިވާ އަލިފާންގަނޑަށް ފެންގޮއްޓެއް ބުރުއްސުވާލަމުން އަލިބެ ވާހަަކަ ދެއްކީ ވަށައިގެން ވާ މާހައުލަށް ނަޒަރު ހިންގަމުންނެވެ. އެވަގުތު އެ އަލިފާންގަނޑުގެ ހުޅު ބޮޑުވެގެން ދިޔައެވެ. އަލިބެ ކުޑަ ވަގުތުކޮޅަކަށް މަޑުޖެހިލުމަށްފަހު އޭނާގެ އަތުގައި ހުރި ފެންފުޅިން ފެންފޮދެއް މަންޝާގެ ގަޔަށް ބުރުއްސާލިއެވެ. އަލިފާން ޖެހުނީމަ ވާކަހަލަ ތަދެއް މަންޝާއަށް އިހްސާސް ވިއެވެ. ނެގި ތޫނުތަދާ އެކީ މަންޝާގެ އުނަގަނޑުގަޔާ ބަނޑުގެ ރިހުން ގަދަވިއެވެ. އަޑުން އަޑުނަގާ މަންޝާއަށް ގޮވާލެވުނީ ޒިބާންގެ ނަމުންނެވެ. އެވަގުތު ޒިބާން އައިސް މަންޝާގެ ގާތަށް ހުއްޓި މަންޝާގެ އަތުގައި ފިރުމާލަމުން އޭނާ އަލިބެއާ ކުރިމަތިލިއެވެ.

"އަހަރެން މިހުރީ.. ދެން މަންޝާ ދޫކޮށްލާ.." ޒިބާން ވާހަކަ ދެއްކިއެވެ. ޒިބާންގެ އަޑު އެތާ ތިބި އެންމެންނަށް އިވުނެވެ. މަންޝާ ފިޔަވާ އެވަގުތު ޒިބާން ފެންނަނީ އަލިބެއަށް އެކަންޏެވެ.

"ކަލޭ އަހަރެމެންގެ ގާތަށް އައިސް ތިއުޅެނީ ކޮން ބޭނުމަކު... މިކުރާ ސުވާލުތަކަށް ޖަވާބު ދީ..." އަލިބެ އަޑު ބާރުކޮށް ބުނެލިއެވެ. ޒިބާން ޖަވާބެއް ނުދީ އެހުރި ތަނަށް ކަކޫ ޖަހާ ތިރިވިއެވެ.

"އަހަރެން މިތަނަށް އައީ ޟިރާރަށް ބަދަލު ހިފަން.. އެ ކަމުގެ ތެރޭގައި އަަހަންނަށް މަންޝާ ދެކެ ލޯބި ވެވުނީ... އަހަރެން މަންޝާއަށް އެއްވެސް ގޯނާއެއް ނުކުރަން... އަހަރެންނަށް ކުރެވިފައިވާ ކުށްތަކަށް އަހަރެން ތައުބާވެ އިސްލާހުވާން ބޭނުން..." ޒިބާން މިހެން ބުނީ އިސްޖަހާލަމުންނެވެ. އޭނާ ގަދަ ހަދަން ބޭނުން ނުވާ ކަހަލައެވެ. ޒިބާން އެހުރި ދިމާލު ވަށާ ހިނގަމުން އަލިބެ ވާހަކަ ދެއްކި އިރު އޭނާ ދިޔައީ ޒިބާން ވަށާ ބުރެއް ކުރަހަމުންނެވެ. އަލިބެގެ އަތުގައި ހުރި ލޮނު ކޮތަޅުން ލޮނު އަޅައިގެން އެ ބުރު ފުރިހަމަ ކޮށްލިއެވެ.

"އަހަރެން ކަލޭގެ ފަރާތުން އެތައް ސުވާލުތަކެއްގެ ޖަވާބު ބޭނުން... ކަލޭ ދޮގު ނުހަދާ ހުރިހާ ސުވާލަކަށް ޖަވާބު ދޭން ޖޭހޭނެ.. އެހެން ނޫނީ.. އެކަމުން އަނިޔާ ވާނީ މަންޝާއަށް...." އަލިބެގެެ އަޑު ބާރުކޮށްލަމުން ވާހަކަ ދެއްކިއެވެ.

އެނދުގައި އޮތް މަންޝާ ދެއަތަށް ބޯ ހޫރަމުން ދިޔައެވެ. ޒިބާން އެކަމަށް އެއްބަސް ވެދާނެތީ މަންޝާ ބިރުގަތެވެ. ޒީބާނާ ވަކިވުމުގެ ވަގުތު އައިސް ޖެހިއްޖެ ކަމުގެ އިހްސާސް އޭނާއަށް ކުރަމުން ދިޔައެވެ. ޒިބާން އެވަގުތު މަންޝާއަށް ދިމާއަށް ބަލާލިއެވެ. މަންޝާގެ ސިކުނޑީގައި ފުނި ޖެހެމުން ދިޔަ ސުވާލުތަކާއި އާދޭސް އޭނާއަށް އެނގުނެވެ. މަންޝާގެ ހިތުގެ ގޮވުންތަކަށް ފުރަތަމަ ފަހަރަށް ފުރަގަސް ދޭން ޖެހޭތީ ޒިބާން އިންތިހާއަށް ދެރަވިއެވެ. ޒިބާންގެ ހިތް ފަޅައިގެންދާހާ ވިއެވެ. ޒިބާނަށް މިކަންތައް ހުއްޓުވެން އޮތީ އޭނާގެ އަމިއްލަ ނަފްސު ގުރުބާން ކޮށްގެންނެވެ. ޒިބާންގެ ދަރިފުޅާއި ޒޭބާއާއި މަންޝާ ސަލާމަތްކުރަން އޭނާ ބޭނުން ވިއެވެ.

*** *** *** *** *** ***

ދެއަތަށް ހިނގާލަ ހިނގާލަ ހުރި ޒޭބާ ފެނުމުން ސަކޭރާ ސުވާލުކޮށްލިއެވެ. "ދަރިފުޅާ... ކިހިނެއްވަނީ... މިރޭ ދަރިފުޅު ވިހާނެ... މިހާރު ތަދުވޭތަ..." ސަކޭރާ ކުރަމުން ދިޔަ ސުވާލުތައް ޒޭބާގެ ކަންފަތަށް އަޑު ނީވޭ ކަހަލައެވެ. އޭނާގެ ހިޔާލާ ފިކުރު ހުރީ މުޅިން އެހެން ދިމާލެއްގައެވެ. ޒިބާން ގޮވާލާނެ ވަގުތެއްގެ އިންތިޒާރުގައި ހުރި ޒޭބާއަށް އޭނާ ވިހަން ގާތްވެއްޖެ ކަމުގެ ސިގްނަލް އަޅަން ފަށައިފިއެވެ.

ދެ ކަކުލުގައި އަތް ވިއްދާލަމުން ޒޭބާ ގުދުވެލީ އޭނާގެ ހަށިގަނޑަށް އަންނަމުން ދިޔަ ބަދަލުތަކަށް ލުޔެއް ލިބޭތޯއެވެ. ފުން ނޭވާތަކެއް ދޫކުރަމުން ޒޭބާ ތެދުވެ ހިންދެމިލިއެވެ. އެވަގުތު އެގޭތެރެއަށް ވަދެގެން އައި ތަޒްކިޔާ ފެނުމުން ޒޭބާ ހުއްޓުނެވެ. "ކޮބާ ޒިބާން؟..." ތަޒްކިޔާ ކުރި ސުވާލަށް ޒޭބާއަކަށް ޖަވާބުދެވޭ ގޮތެއް ނުވިއެވެ. ޒޭބާ ހުރީ ވާހަކަ ދައްކަން އުނދަގޫވެފައެވެ.

"ޒިބާން މިތާކު ނެތް؟... ކިހިނެއްވީ؟..." ސަކޭރާ ދެއަތް ފޮޅާލަމުން ވާހަކަ ދެއްކިއެވެ.

"އަހަންނާ އެކީ ބޭރުގަ ހުރެފަ ދެންމެ ކުއްލިއަކަށް ޒިބާން ދިޔައީ ބުނެވެސްނުލާ.. އަހަރެން ހީކުރީ ގެއަށް ކަމަށް އައީ؟..." ތަޒްކިޔާ ވާހަކަ ދެއްކީ ސަކޭރާއާ ނަމަވެސް ތަޒްކިޔާގެ ސަމާލުކަން ހުއްޓިފައި ވަނީ ޒޭބާއަށެވެ. ޒޭބާ ކުރިއަށް ހިނގައިގަތީ ބޭރަށް ނިކުންނާށެވެ. ޒޭބާ ގެއިން ބޭރަށް ނިކުންނަން އުޅޭތަން ފެނި ސަކޭރާ ގޮވާލިއެވެ. "ޒޭބާ... ކޮންތާކަށް ތިދަނީ.. މިގަޑި ތަނަކަށް ދާނެކަމެއް ނެތް... މިހާރު މިބޭސް ތައްޔާރުކޮށް ނިމެނީ..."

ޒޭބާ ފަސްއުނބުރި ސަކޭރާއާ ދިމާއަށް ބަލާލަމުން ހިނިތުންވެލަން މަސައްކަތް ކުރިއެވެ. "ބޮޑުދައިތާ... އަހަރެންނަށް ދެން މިތާ ހުރެވޭކަށް ނެތް... ޒިބާން އަހަރެންނަށް އެބަ ގޮވާ... އަހަރެން ދާން ވީ ވަގުތު އައިސް ޖެހިއްޖެ... މަންޝާ ސަލާމަތް ކުރަން އެބަ ޖެހޭ... ކޭތަ ހިފުމުގެ ކުރިން މަންޝާ ސަލާމަތް ކުރެވިގެން ނޫނީ ކާމިޔާބެއް ނުލިބޭނެ..." ޒޭބާ މިހެން ބުނެ ބޭރަށް ދާން ހިނގައިގަތެވެ.

"ކީކޭ.. ޒިބާން ކައިރީ ނުދާށޭ ބުނީމަ އެވަރުން ވެސް އެތަނަށް ދިޔައީތަ؟.. ޒޭބާ... މިވަގުތު ގޮސްގެން ޒޭބާއަށް ތި ހަނގުރާމައާ ކުރިމަތިލެވޭނެތަ؟.. އެހާވަރެއް ޒޭބާ ގައިގަ ނުހުންނާނެ..." ސަކޭރާ ދައްކަމުން ދިޔަ ވާހަކައަށް ބީރު ކަންފަތެއް ދެމުން ޒޭބާ އެގެއިން ނިކުތެވެ. ޒޭބާގެ ފަހަތުން ތަޒްކިޔާ މިސްރާބުޖެހީ އެވަގުތެވެ.

ވައިގެ ތެރޭ ދަތުރު ކުރަމުން ދިޔަ ޒޭބާގެ ކުރިމައްޗަށް ހުއްޓެމުން ޒޭބާގެ އަތުގައި ތަޒްކިޔާ ހިފެހެއްޓިއެވެ. "ޒޭބާ... ތި ކުރަނީ މޮޔަ ކަމެއް... އެތަނަށް ދާނެ ކަމެއް ނެތް؟...." ތަޒްކިޔާގެ ބަސް ހުއްޓުނީ ޒޭބާގެ އަތުގައިި އަޅާފައިވާ އަނގޮއްޓި ފެނުމުންނެވެ.

"ތަޒްކީ.. އަހަރެންނަށް މިހުރިހާ ވާހަކައެއް ދައްކާނެ ވަގުތެއް ނެތް.. ޒިބާން އެހެރީ އެތާ ހައްޔަރުވެފަ.. ޒިބާން ބުނި ގޮތަށް އަހަރެން މިކަންތައް ކުރަނީ އެކަމަކު... ތަޒްކީއަށް އަހަންނަށް ކަމެއް ކޮށްދެންޏާ އަހަރެން ބުނާ ގޮތެއް ހަދައިދީ.. މިވާހަކަ އެއްވެސް މީހެއް ގާތު ނުބުނާތި؟... އާހް.." އުނަގަނޑަށް އަރަމުން ދިޔަ ތަދަށް ކެތްނުވެގެން ޒޭބާއަށް ރޮވުނެވެ. ޒިބާންގެ ރޭވުން ތަޒްކިޔާއަށް ކިޔައިދިން އިރު ތަޒްކިޔާގެ ލޮލަށް ވެސް ކަރުނަ ޖަމާ ވިއެވެ. ޒޭބާ މަޑުކުރުމެއް ނެތި ދުނިޔެއަށް ދިއުމަށް ދަތުރު ފެއްޓިއެވެ. ތަޒްކިޔާ އެހުރި ފިޔަވަޅުމަތީ ގުޑިލަން ވެސް ނޭނގި ހުރީ ދެން ވެދާނެގޮތަކާ މެދު ހިތުގައި ބިރުވެރިކަން އަށަގަންނަން ފެށުމުންނެވެ.

ތަޒްކިޔާ އާއި ޒޭބާ ދެއްކި ހުރިހާ ވާހަކައެއް އަޑުއަހަން ދުރުގައި ސަކޭރާ ހުއްޓެވެެ. ޒިބާން އެވާ ގުރުބާނީ އަކީ ކިހާ ބޮޑު ގުުރުބާނީއެއް ކަން ސަކޭރާއަށް ވިސްނުމުން ޒިބާނަށް އެހީވާން އޭނާ ބޭނުން ވިއެވެ. އެނބުރި ގެއާ ދިމާއަށް ދާން ސަކޭރާ މިސްރާބު ޖެހީ އަވަސް ހައްލެއް ހޯދުމުގެ ބޭނުމުގައެވެ.

*** *** *** *** *** ***

"ކަލޭ މިއާއިލާއާ އަވަލީ ކޮން ހިސާބަކުން؟...ކަލޭ ބުނި ޟިރާރަށް ބަދަލެއް ހިފާށޭ އައީ... އެއީ ކޮން ބަދަލެއް...؟" އަލިބެގެ ސުވާލުތަކަށް ޖަވާބެއް ނުދީ ޒިބާން މަޑު ޖެހިލިއެވެ. މަންޝާއާ ދިމާއަށް ބަލާލުމަށްފަހު ޒިބާން ވާހަކަ ދައްކަން ފެށިއެވެ. އޭރުވެސް ޒިބާން އިނީ ދެކަކޫ ޖަހައިގެންނެވެ.

"އަަހަރެން ހުރިހާ ސުވާލަކަށް ޖަވާބު ދީފާނަން... މަންޝާ ދޫކޮށްލާ... މަންޝާ މިތަނުން ދުރަށް ގެންދޭ..." ޒިބާން ދައްކަމުން ދިޔަ ވާހަކަތައް އަޒީމަށާއި ޟިރާރަށް ވެސް އިިވުނެވެ. ނަމަވެސް އެމީހުންނަކަށް ޒިބާނެއް ނުފެނުނެވެ.

"އަލިބޭ... އޭނަ ބުނާހެން ހަދަމާ.. އަދި ތިބުނާ އަނެއް ޖިންނި ވެސް މިތަނަށް ނާދެވޭ އިރު އޭނާ ބުނާ ގޮތް ހެދުން ކަންނޭނގެ ބުއްދިވެރި ވާނީ... އެހެންނޫނީ އޭނަގެ ފަރާތުން އެއްބާރުލުން ނުލިބިއްޖިއްޔާ މިކަން ކުރަން ވަރަށް އުނދަގޫވާނެ... އޭނާ ދޫކޮށްލަން ބުންޏަސް ދޫކުރާކަށް އަހަންނަކަށް ނުފެނޭ..." އަލިބެގެ ކަންފަތް ދޮށުގައި ޟިރާރު މިހެން ބުނުމުން އަލިބެ އެކަމަށް ބޯ ޖަހާލިއެވެ.

"މިހިރަ ކޮޓަރިއަށް މަންޝާ ވައްދާ... އެއަށްވުރެ ދުރަކަށް މަންޝާއެއް ނުގެންދެވޭނެ...." އަލިބެ މިހެން ބުނުމުން ޒިބާނަށް ހިތްހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލެވުނެވެ. އޭރުވެސް މަންޝާ ދިޔައީ އޭނާގެ ހަށިގަނޑަށް ވަމުން ދިޔަ އުނދަގޫތަކަށް ކެތްނުކުރެވިގެން ތެޅި ފޮޅެމުންނެވެ. އަޒީމާއި ޟީރާރާ އެކީ ކިޔަވަން ތިބި މީހުންގެ އެހީގައި މަންޝާ އޮތް އެނދުގައި ހިފާ އެ ކޮޓަރިއަށް އެނދު ވައްދަން އެމީހުން މަސައްކަތް ކުރިއެވެ.

"ނޫން ޒިބާން... މިތަނުން ދޭ.. އެމީހުން އެ އުޅެނީ ޒިބާން އަންދާލަން..." މަންޝާ ރޮމުން ވާހަކަ ދައްކަމުން ދިޔައީ މޮޔައެއް ހެނެވެ. އަޒީމްމެންގެ ނިޔަތް ރަނގަޅު ނޫންކަން މަންޝާއަށް އިނގެއެވެ.

ލިފްޓު ކައިރީ ހުރި ދިހަ ފޫޓު ދިހަ ފޫޓުގެ ކޮޓަރި ތެރެއަށް މަންޝާ ވެއްދުމަށްފަހު އެމީހުން އެތަނުން ނިކުމެގެން ދިޔައެވެ. އެކޮޓަރިން އެންމެފަހު މީހަކަށް ނިކުތުމަށް ހިނގައިގަތީ ޟިރާރެވެ. ކޮޓަރިން ނިކުންނަމުން މަންޝާއާ ދިމާއަށް ޟިރާރު ބަލާލިއެވެ. އޭރު މަންޝާ އޮތީ ދާހިއްލާ ފޯވެފަކަން ޟިރާރަށް އެނގުނީ މަންޝާގެ މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިތައް އޭނާގެ މޫނުގައި ތަތްވެފައި ހުރުމުންނެވެ.

ކޮޓަރީގައި ހުރި ފަންކާގެ ސްވިޗް ޟިރާރު ޖައްސާލީ މަންޝާގެ ހަށިގަނޑަށް ފިނިކަމެއް ލިބޭނެ ކަމަށެވެ. ނަމަވެސް އެ ފަންކާ މަސައްކަތް ނުކުރާތީ ޟިރާރު ގާތްވެލީ އެކޮޓަރީގެ އެއް ފަރާތުގައިވާ ކުޑަދޮރު ހުޅުވާލާށެވެ. ކުޑަ ދޮރު ހުޅުވާލުމުން އެ ކޮޓަރި ތެރެއަށް ފިނި ވައިރޯޅިއެއް ވައްދާލިއެވެ. ރޮއިރޮއި އޮތް މަންޝާއަށް ބަލަމުން ޟިރާރު އެ ކޮޓަރިން ނިކުމެ ދޮރުފަތް ލައްޕާލިއެވެ.

ޓެރަސްއަށް ނިކުތް ޟިރާރު ފެނުމުން އަޒީމް އަތް ހަނާ އަޅާލިއެވެ. އަޒީމް ގާތަށް ބޮޑު ފިޔަވަޅުތަކެއްގައި ހިނގާފައި ގޮސް ޟިރާރު ހުއްޓުނެވެ. "ޟިރާރުބެއަށް އެ ޖިންނި ފެނޭތަ؟..."

އަޒީމް ސުވާލުކޮށްލި އިރު އޭނާގެ ކަޅި އަމާޒުވެފައި ވަނީ ލޮނުން އަޅާފައިވާ ވަށް ބުރަށެވެ. ނޫނެކޭ ބުނަން ޟިރާރު ދެއަތަށް ބޯ ހޫރުވާލިއެވެ. "ކިކީއްވެ އަހަރެމެންނަށް އޭނަ ނުފެންނަނީ..." އަޒީމް ހުރީ މަންޝާއާ އަވަލައިގެން އުޅޭ ޖިންނި ބަލާލަން ބޭނުންވެފައެވެ.

"އެމީހުންގެ އަތުގަ އެބާރު އޮންނާނީ.. އަހަރެމެންނަށް ފެންނަ ގޮތަށް އެމީހުން ފާޅުވާނީ އެމީހުން ބޭނުންވެއްޖެ ހިނދެއްގަ... އެމީހުން ބޭނުންވާ ބަޔެއްގެ ލޯމައްޗަށް އެމީހުން ފާޅުވާނީ..." ޟީރާރަށް އެކަން އެނގިފައިވަނީ ކުރިން ފަހަރު ހެދި ފަންޑިތައިގެ ސަބަބުންނެވެ.

އެ ދެމީހުންނަށް އަލިބެ ކުރަންހުރި މަސައްކަތް ފެނުމުން އަވަސްވެގަތީ އަލިބެ ގާތަށެވެ. އެއްފަރާތެއްގައިވާ މޭޒުކައިރީ އަލިބެ ހުރީ ފޮތެއް ހުޅުވައިގެންނެވެ. އޭނާ ތުންތަޅުވަމުން ދިޔައިރު އޭނާ އެދަނީ ކޮންމެވެސް ކިޔެވެއްޔެއް ކިޔަވަމުންކަން އެނގުނެވެ. މޭޒުމަތީގައި ދުންދަނޑިތަކެއް ޖާހާފައި ހުރި އިރު ވަތުތައްޓެއްގައި ލޭ ޒާތުގެ އެއްޗެއް ވެސް ހުއްޓެވެ.

"އަދިވެސް އޭނާއަށް މިތަނަށް ނާދެވިގެން އެއުޅެނީ.. އޭނާ މިތަނަށް ނައިސް މިކަމެއް ކާމިޔާބެއް ނުވާނެ...." އަލިބެ ބޯ ހާސްވާ ގޮތްވިއެވެ.

ވަށްބުރު ތެރޭ އިށީނދެގެން އިން ޒިބާން ބަލާލީ ހަނދާ ދިމާއަށެވެ. ޒިބާންމެންގެ ރޭވުން ކާމިޔާބު ކުރެވޭނެހާ ވަގުތު އޮތުމުން ޒޭބާއަށް އޭނާ ގޮވާލިއެވެ. ޒިބާންގެ އަޑު އެއިން އެއްވެސް އިންސާނަކަށް ނީވޭނެ ހެންނެވެ. އެވަގުތު ޒިބާންގެ ލޮލުގައި އަޅައިގަތީ ދުރުން ފެންނަމުން ދިޔަ ނޫކުލައިގެ އަލިގުޅައެވެ.

*** *** *** *** *** ***

އެނދުމަތީ ދެއަތަށް ލަކިޖަހަމުން ދިޔަ މަންޝާގެ ބަނޑަށް ވަމުން ދިޔަ ތަދަށް ކެތްކުރެވޭ ވަރެއް ނޫނެވެ. ބަލަބަލާ ހުއްޓާ މަންޝާގެ ބަނޑު ފުއްޕަން ފަށައިފިއެވެ. އޭނާއަށް އޭނާ ވިހަން ގާތްވެއްޖެ ކަން ރޭކާލުމުން ދެލޮލުން ކަރުނަ ފޭބިއެވެ. ސަލާމަތްވެވޭނެ ގޮތެއް ނެތެވެ. އެހެންއޮވެ ދެން ހަދާނެގޮތެއް ވެސް އޭނާއަކަށް ނުވިސްނުނެވެ.

ހަތަރެސްފައި މޮހެވޭތޯ ލަކިޖަހާޖަހާ މަންޝާ ވަނީ ވަރުބަލިވެފައެވެ. ކުޑަދޮރުން އެތެރެއަށް ޖެހުނު ވައިރޯޅިއާ އެކީ ކުޑަދޮރުގައި ހަރުކޮށްފައިވާ ދޮރުފޮތިތައް ހެލިލިއެވެ. މަންޝާގެ މޫނު އަނބުރާލަމުން ކުޑަދޮރާ ދިމާއަށް ބަލާލީ ނޫކުލައިގެ ވިދުމެއް ކޮޓަރި ތެރެއަށް ފާޅު ވުމުންނެވެ.

ކޮޓަރި ތެރެއަށް ވަތް ނޫކުލައިގެ އަލިކޮޅު ހުއްޓުނީ މަންޝާ އައްސާފަ އޮތް އެނދު ކައިރިއަށެވެ. އެވަގުތު އެއަލިގުޅަ ބޮޑުވެ އެ އަލިކަމުގެ ތެރެއިން ޒޭބާގެ ސިފަ ފާޅުވިއެވެ. މަންޝާއަށް ޒޭބާ ފެނުނު ހަނދާން އެބަހުއްޓެވެ. ޒޭބާ އޭނާއަށް ހެދިގޮތް ޒިބާން ވަނީ ކިޔައި ދީފައެވެ. އެހެންކަމުން މަންޝާ ބިރުގަނެ ފަސްޖެހޭ ގޮތްވިއެވެ. އޭނާގެ ބަނޑުގައިވާ ދަރިފުޅަށް ޒޭބާ އިހާނެތި ގޮތެއް ހަދާފާނެތީއެވެ.

މަންޝާ ސަލާމަތްކުރަން ޒޭބާ އަވަސް ވެގަތެވެ. މަންޝާގެ އަތުގައި އައްސާފައިވާ ވާތައް މޮހެލަން ޒޭބާ މަސައްކަތް ކުރިއެވެ. އެވާތަކުގައި ޒޭބާ އަތްލުމާއެކީ އޭނާގެ އަތަށް ހޫނުވެ ދުން އަަރަން ފެށުމުން ޒޭބާ އަތްފޮޅާލަމުން ދުރަށް ޖެހުނީ ޗޫސް ދަމަމުންނެވެ. ޒޭބާއާ ދިމާއަށް ކަޅިޖަހާނުލާ ބަލަން އޮތް މަންޝާގެ ލޮލުގައި އެވަގުތު އަޅައިގަތީ ޒޭބާގެ ބޮޑުވެފައިވާ ބަނޑެވެ. އަނެއްކާ ވެސް ޒޭބާ އެވާތަކުގައި ހިފާލިއެވެ. އަދި ގައި ހުރި ބާރެއްލާ ވާ ގަނޑުގައިހިފާ ދަމައިގަތެވެ. މަންޝާ ވެސް އެވަގުތު އެ އަަތަށް ބާރުލާ ދަމައިގަތެވެ. އެވާގަނޑުގައި ހިފަހައްޓައިގެން ހުންނަތާ ގިނަ އިރުވުމުން ޒޭބާގެ އަތްތިލައަށް ކަޅުކުލަ އަަރަން ފެށިއެވެ.

ހުރިހާ ވާތަކެއް މޮހެވުމުން މަންޝާގެ ގައިމަތީގައި އަޅާފައިވާ ހުދު ފޮތިގަނޑު ނަގާ ޒޭބާ ދުރަށް ޖައްސާލިއެވެ. މަންޝާގެ ބޮޑު ބަނޑާ ދިމާއަށް ޒޭބާ ބަލާލަމުން މަންޝާގެ އަތުގައި ހިފަމުން ޒޭބާ ވާހަކަ ދެއްކިއެވެ. "މަންޝާ ހިނގާ ދާން... މަންޝާ ތިއުޅެނީ ވިހަން... އަހަރެން މިއައީ މަންޝާ ބޮޑުދައިތަ ކައިރިއަށް ގެންދަން.... ބިރު ނުގަންނާތީ އަހަރެން މަންޝާގެ އަތުގައި ހިފައިގެން ހުރިހާ ހިނދަކު މަންޝާއެއް ނުވެއްޓޭނެ..."

ޒޭބާ ބުނި ބަސްތަކުން މަންޝާގެ ހަނދާނަށް އައީ ޒިބާނާ އެކު ދައްކާފައިވާ ވާހަކަތަކެވެ. "ނޫން ޒޭބާ... އަހަރެމެން ދިޔުމަށް ވުރެ ޒިބާން ސަލާމަތްކުރުން ބުއްދިވެރި ވާނީ.. އެމީހުން ޒިބާން އަންދާލާނެ..." މަންޝާއަށް ރޮވުނެވެ. އަޒީމްމެންގެ އަތްދަށުވެފައިވާ ޒިބާން އެތަނަށް ދޫކޮށްލާފައި ދާން މަންޝާ ބޭނުމެއް ނުވިއެވެ.

(ނުނިމޭ)