"ދެން ތިބުނީ އެހެންނޫންނަމަ ނާންނާނަމޭތަ؟... އަސްލު އިންނާނަމޭ ބުނެ އެނބުރި ރަށަށް އަންނާނަމޭ ބުނީ އެއީ އަހަރެން ހައްލާލަން ދެއްކި ވާހަކައެއްނު ދޯ... އަހަރެން ކައިރިއަކަށް ނާންނާނެ... އެހެން ނޫންނަމަ... އަހަރެން އެވާހަކަ ނުބުންޏަސް އާދެވެންޖެހޭނެ.... އެދުވަހު ވީގޮތް ކިޔައިދޭންވީތަ... އަހަރެން ޟިރާރަށް ގުޅިން...."

----------------------------------------------------------------

ކާށިދޫގައި ސަރުކާރުން ކުރަމުން ދިޔަ މަސައްކަތެއްގައި ޟިރާރު އެރަށަށް ދިޔައީ ސުޕަވައިޒަރެއްގެ ވަޒީފާގައެވެ. އެރަށަށް ގޮސް ޟިރާރު ހުރީ މަދީހާ މެން ގޭގައެވެ. މާ ގިނަ ދުވަސްތަކެއް ނުވެ މަދިހާ އާއި ޟިރާރާ ދެމެދުގަ ލޯބީގެ ގުޅުމެއް ހިނގަން ފެށިއެވެ. މަދީހާއަކީ ދުވަހަކު ވެސް އެހެން ފިރިހެނަކާ އެކީ އެފަދަ ގުޅުމެއް ހިންގާފައިވާ މީހެއް ނޫނެވެ. ޟިރާރަކީ އޭނާގެ ފުރަތަމަ ލޯތްބެވެ. މަދީހާ ހުރީ ޟިރާރުގެ ލޯބީގައި ދިވާނާ ވެފައެވެ. ހަ މަސް ދުވަހުގެ މުއްދަތަށް އައިސް ހުރި ޟިރާރު ރަށުން ދަމުން އެނބުރި އަންނާނަން ކަމަށް މަދީހާ ގާތު ވައުދު ވިއެވެ.

އިންތިޒާރުގައި މަދީހާ ދުވަސްތައް ގުނަން ފެށިއެވެ. އެއްމަސް ދުވަސް ވީ އިރުވެސް ޟިރާރުގެ ޚަބަރެއް ނުވިއެވެ. ރަށު އޮފީހުގައި އުޅޭ ރައްޓެއްސެއް މެދުވެރިކޮށް ޟިރާރަށް ގުޅޭނެ ނަަންބަރެއް ހޯދީ އެތައް އާދޭހެއް ކޮށްގެންނެވެ. ރަށަށް އޭރު މަސައްކަތު އައިސް ތިބި މީހުންގެ މައުލޫމާތު ލިޔެފައިވާ ފޮތެއް ނަގާ ހާވާލަމުން ޟިރާރަށް ގުޅޭނެ ނަންބަރެއް މަދީހާއަށް ދިނެވެ. އެންމެފަހުން ނަންބަރު ލިބުމުން ޟިރާރަށް ގުޅީ ރަށު އޮފީހުންނެވެ. އެ ނަންބަރަކީ ޟިރާރުމެން ގޯތި ނަންބަރެވެ. އެހެން ނަމަވެސް އެފޯނު ނެގީ ޟިރާރެއް ނޫނެވެ. އެއީ މަދީހާއެކޭ ދާދި އެއް އުމުރެއްގެ އަންހެނެކެވެ.

"ހަލޯ.... ޟިރާރާ ބައްދަލު ކޮށްލެވިދާނެ ތޯ؟..." މަދީހާ ވާހަކަ ދެއްކީ މަޑުމަޑުންނެވެ. ނަމަވެސް އޭނާގެ ހިތުގެ ވިންދު ވަނީ އިންތިހާއަށް އަވަސް ވެފައެވެ. މަހަކަށް ފަހު ޟިރާރާ ވާހަކަ ދައްކާލުމުގެ ފުރުޞަތު ލިބުމުންނެވެ.

"ޟިރާރު މިވަގުތު ވީ ނަމާދަށް ގޮސް.... ތީ ކޮން ކުއްޖެއް... ޟިރާރު އައިމަ އަޅުގަނޑު ބުނެލާނަން..." އެ އަންހެން މީހާ ވާހަކަ ދައްކަމުން ދިޔަ އިރު ފަހަތުން ކުޑަކުއްޖެއްގެ ރުއިމުގެ އަޑު އިވުނެވެ.

"އަޅުގަނޑުގެ ނަމަކީ މަދީހާ... މީ ކާށިދޫ ކުއްޖެއް... ޟިރާރާ ވަރަށް ބޮޑު ވާހަކައެއް ދައްކާލަން... އަޅުގަނޑު މާދަމާ ހަވީރު 4 ޖަހާއިރު ގުޅާނަން... ޟިރާރު ގާތު ބުނެދެއްވާތި..." މަދީހާ ފޯނު ބޭއްވީ ވަރަށް އުފަލުން ހުރެއެވެ. މާދަމާ ޟިރާރާ ވާހަކަ ދެއްކޭނެ ކަމުގެ އުންމީދުގައެވެ.

ޖެހިގެން އައި ދުވަހު ގޭތެރޭގައި ކުރަން ޖެހޭ މަސައްކަތްތައް ނިންމާލުމަށްފަހު ރީތިވެގެން ހަވީރު ހަތަރެއް ޖެހުމުގެ މާކުރިން މަދީހާ އޮފީސް ދަށަށް ދިއައެވެ. ގަޑީގެ ކަށި ހިނގާލެއް ލަސްކަމުން މަދީހާ އިރުއިރުކޮޅުން ގަޑިއަށް ބަލާލައެވެ. މަދީހާގެ އެކުވެރިޔާ އޮފީހުން ބޭރަށް ނިކުތީ ބަރާބަރު ހަވީރު ހަތަރެއް ޖެހުމުންނެވެ. ދުވެފައި މަދީހާ އައިސް ޟިރާރަށް ގުޅައިދިނުމަށް އެދުނެވެ. މަދީހާގެ މޭގަނޑު ތެޅޭ ވަރުން ވާހަކަ ދައްކަންވެސް އުނދަގޫވެފައިވާ ކަހަލައެވެ. ހެވި ދިލިފައި ހުރެ ފޯނު އަތްގަނޑު ކަންފަތުގައި ޖައްސާލިއެވެ. އަދި ގުޅަންޖެހޭ ނަންބަރުތަކަށް އިނގިލި ކޮށްޕާލުމަށްފަހު އަނބުރާލީމެވެ. މިގޮތަށް ހަ ނަންބަރު އަނބުރާލުމާއެކީ ފޯނުން ރިންގްވާ އަޑު އިވެން ފެށިއެވެ. މަދީހާ އިނީ ކެތްމަދުވެފައެވެ. އެކޮޅުން ފޯނު ނެގުމާ އެކީ ދެއަތުން ކަންފަތުގައި ޖަހާފައިވާ ފޯނުގެ އަތްގަނޑުގައި ހިފާލަމުން މަދީހާ ވާހަކަ ދެއްކީ ހާސްވެފައި ހުރި ވަރުންނެވެ. "ޟިރާރުތަ؟..."

ނަމަވެސް އެކޮޅުން އިވުނީ ޟިރާރުގެ އަޑެއް ނޫނެވެ. "ތީ ކާކު؟.. ޟިރާރު ކިހިނެއް ދަންނަނީ؟.." އެއީ މަދީހާއަށް ކުރިން ދުވަހު ވެސް އިވުނު އަަޑެވެ.

ލަދުން ހުރެ އިސްޖަހާލަމުން މަދީހާ ޖަވާބު ދިނެވެ. "އަޅުގަނޑުގެ ނަމަކީ މަދީހާ... ޟިރާރާ އަޅުގަނޑާ ރައްޓެހިވެގެން އުޅެނީ... ކައިވެންޏަށް ތައްޔާރުވާން ބުނެފަ އޮތީމަ މިގުޅީ ޚަބަރެއް ނުވާތީ..."

"މަދީހާ... ރަނގަޅު ވާނީ ތިކަން ކުރަން ނޫޅުނިއްޔާ... އަހަންނަކީ ޟިރާރުގެ އަންހެނުން... ޟިރާރު އަހަންނަށާ މަދީހާއަށް ވެސް އޮޅުވާލީ.. އަހަރެންގެ ތުއްތު ފިރިހެން ކުއްޖެއް ވެސް އެބަ ހުރި... އެސޮރު ވިހޭ އިރުވެސް ޟިރާރެއް ނާދޭ... އެކަމަކު ފަހުން ގުޅާފަ ލިބުނީ ފިރިހެން ކުއްޖެއް ކަން އެނގުނީމަ ވަރަށް އަވަހަށް އައިސްފި... އަހަރެންނަށް އަަހަރެން ފިރިމީހާ އަނބުރާ ލިބުނީ މިދަ ރިފުޅުގެ ސަބަބުން... މަދީހާ ހެޔޮނުވާނެ... މިއާއިލާ ރޫޅާލަން ނޫޅޭ... އާދޭސް ކޮށްފަ މިބުނަނީ... އަހަރެންގެ މިކައިވެނި ހަލާކުވެއްޖިއްޔާ އަހަރެން އުޅޭނީ ކިހިނެއް..." ރޮމުން އެކޮޅުން އެ އަންހެންމީހާ ވާހަކަ ދެއްކިއެވެ. މަދީހާއަށް ބުނާނެ އެއްވެސް އެއްޗެއް ނޭނގުނެވެ. ގަބުވެފަ އެހުރިގޮތަށް ހުރެވުނީއެވެ. ފޯނުގެ އަތްގަނޑު އަތުން ދޫވިއެވެ.

ދެން ވީގޮތެއް މަދީހާއަށް އެނގުނު އިރު އޭނާ އޮތީ އޭނާގެ ގޭގައެވެ. އޭރު އެނދުގެ ދެފަރާތުގަ ތިބީ މަދީހާގެ މަންމައާއި މުނީރާއެވެ. ކިހިނެއްވީތޯ ބަލަން އެމީހުން ސުވާލުކުރަމުން ދިޔައިރު ހަދީޖާ ދިޔައީ އަތުން އަނބުރާ ފައްކާއަކުން މަދީހާގެ މޫނަށް ވައި އަރުވަމުންނެވެ.

ނޭނގެއޭ ބުނެ މަދީހާ އޮތް ތަނުން ތެދުވިއެވެ. "ދަރިފުޅުގެ ބައްޕަ ހުރީ ވަރަށް ބޮޑަށް ކަންބޮޑުވެފަ..." އެހެންބުނަމުން ހަދީޖާ އެކޮޓަރިން ނިކުތެވެ. ނަަމަވެސް މުނީރާ މަޑުކުރިއެވެ. އަދި ހަދީޖާ ބާއްވާފަ ދިޔަ ފަންކާ ނަގަމުން ވިހުރުވަން ފެށިއެވެ.

"ޟިރާރުބެއަށް ގުޅިއްޖެތަ؟... ކޮންއިިރަކުންނޯ ކައިވެނީގެ ކަންތައް އޮތީ...." މުނީރާ ވާހަކަ ދެއްކިއިރު އޭނާ ހުރީ އެކަމާ ވަރަށް ގަޔާވެފައި ކަން އެނގުނެވެ. މަދީހާ ބަޑި ފަޅައިގެން ދިޔައެވެ. މުނީރާގެ ގައިގާ އޮޅުލައިގަނެ ރޯން ފެށިއެވެ. "މުނީރާ... އޭނަ އަހަންނަށް މަކަރު ހެދީ.. އޭނާ ނާންނާނެ... އޭނާ ނާންނާނެ... އަހަރެން ބަނޑު ވެސް ބޮޑު..."

އެކޮޓަރި ދޮރުމަތީ ހުއްޓިގެން ހުރި ފިކުރީއަށް އެ ވާހަކަތައް އަޑު އިވުނެވެ. އޭނާއަށް އެކަމުން ވަރަށް އަސަރު ކުރިއެވެ. ކޮޓަރިއަށް ނުވަދެ ނިކުންނަން އެނބުރި ލި ވަގުތު ފިކުރީ ޚަބަރު ހުސްވެ ތަޅުން މައްޗަށް ވެއްޓުނެވެ. އެއަޑަށް މުނީރާ ދުވެފައި ކޮޓަރިން ނިކުތެވެ. މަދީހާ އެނދުން ނުތެދުވެ އިނީ އަދިވެސް ބޯ އަނބުރާތީއެވެ. ބޭރުން މުނީރާ ރޮއެގަތް އަޑު މަދީހާގެ ކަންފަތުގައި ޖެހުނެވެ.

"ބައްޕާ.... ބައްޕާ.... ނޫން.. ނޫން... އަމާ... ބައްޕައަށް ގޮތެއް ވެއްޖެ....އަވަހަށް އާދެބަލަ..."

----------------------------------------------------

"އެދުވަހު ބައްޕަ ނިޔާވީ... އަހަރެން ޟިރާރަށް ނުގުޅި ސަބަބަކީ ޟިރާރުގެ ދިރިއުޅުމުގެ ތެރެއަށް ވަންނަން ބޭނުން ނުވާތީ... ޟިރާރު އަހަރެންނަށް އޮޅުވާލީ..." މަދީހާ ލޮލުން ފޭބި ކަރުނަތައް ބުރުގަލުގެ ކަނުން ފޮހެލިއެވެ.

"މަދީހާ... އަހަންނަށް މާފްކުރޭ.. އާމިނަ އަހަރެން ގާތު މަދީހާ ގުޅި ވާހަކައެއް ނުބުނޭ.. ވެދާނެ އަހަރެން ގެއްލިދާނެ ކަމުގެ ބިރު ހިތުގައި އޮތީމަ ކަމަށް ވެސް.. އަހަރެން މިކުރި ކަންތަކުގެ ޝަޒާ އަހަންނަށް މި ލިބެނީ.. އަހަރެންގެ ހުރި އަންހެން ދަރިފުޅު ރޫހީ މަރުވިތާ އަދި މާގިނަ ދުވަހެއް ވެސް ނުވޭ... އަހަރެމެންގެ ދިރިއުޅުން މި ވަނީ ފަޅުވެފަ... މަންޝާއަށް ގޮތެއްވާކަށް އަަހަރެން ބޭނުމެއް ނޫން..." ޟިރާރު ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ ލޮލުން ވެސް ކަރުނައިގެ އަސަރު ފާޅުވަމުން ދިޔައެވެ.

"މަންޝާއަށް ދެރަގޮތެއް ނުވާނެ.. ކީއްވެ ޟިރާރު ތިހެން ތިބުނީ..." މަދީހާ ވާހަކަ ދެއްކީ ހައިރާންވެފައި ހުރެއެވެ. ޟިރާރު އެ ކިޔާ އެއްޗެއް މަދީހާއަކަށް ނަގައެއް ނުގަނެވުނެވެ. މަންޝާ ކައިރިއަށް ދާން ހިނގާށޭ ބުނެ މަދީހާ ގޮނޑިން ތެދުވިއެވެ. އެވަގުތު އެމީހުންގެ ކަޅި ހުއްޓުނީ ލިފްޓު ކައިރީ މަޑުކޮށްގެން ތިބި އަޒީމާއި ރިޔާޒް ފެނުމުންނެވެ.

"މަންޝާ އެއީ އަހަރެންގެ ކޮއްކޮ ތަ؟... އަހަރެން ވަރަށް އުފާވެއްޖެ... މަންޝާއާ ބައްދަލުކުރަން ދަމާ... ދައްތާ އަޅުގަނޑުމީ ރިޔާޒް... ބައްޕަގެ ދޮށީ ފިރިހެން ކުއްޖާ.... މަންޝާ އަޅުގަނޑަށް ވުރެ ކުޑަވާނެ ދެއްތޯ..." މަދީހާއާ ސަލާމް ކޮށްލަމުން ރިޔާޒްމެން ހިނގައިގަތީ މަންޝާ އޮތް ކޮޓަރިއާ ދިމާއަށެވެ. ރިޔާޒްގެ ފަރާތުން ފެނުނު ހިތްހެޔޮކަމާއި ގާތްކަން ފެނި މަދީހާއަށް އުފަލުން ރޮވުނެވެ.

އެ މީހުން ކޮޓަރިއަށް ވަދެވުމާ އެކީ މަންޝާ ލޯ ހުޅުވާލިއެވެ. އަތްތިލަ މުށްބާރު ކޮށްލީ މަންޝާގެ އަތުގައި އެއްޗެއް އޮތްކަން އިހްސާސް ވުމުންނެވެ. އެހެންކަމުން މަންޝާ އެއަތުގައި އޮތް ފަށް ގައި ދަށަށް ކޮށްޕާލަމުން ކޮޓަރިއަށް ވަތް މީހުންނާ ދިމާއަށް ބަލާލިއެވެ.

ޟިރާރު އައިސް މަންޝާގެ އެނދު ކައިރީ ހުއްޓުމުން މަންޝާ ހިނިތުންވެލިއެވެ. އެ އެންމެން ކޮޓަރި ތެރެއަށް ވަނުމުން މަންޝާގެ ހަށިގަނޑަށް އުނދަގޫތަކެއް ވަމުން ދިޔައެވެ. އެކަން ފޮރުވަމުން މަންޝާ ވާހަކަ ދެއްކިއެވެ. "ރިޔާޒްގެ ބައްޕަ ދޯ؟.."

"ދަރިފުޅާ... މީ މަންޝާގެ ވެސް ބައްޕަ... މީ މަންޝާގެ އަސްލު ބައްޕަ... ބައްޕައަށް އަދި ކިރިޔާ މި އެނގުނީ... ދެން އެ ވާހަކަ ބާއްވާ ދަރިފުޅު އަވަހަށް ރަނގަޅު ވާންވީ..." ޟިރާރު ބުނި ޖުމްލަ އަޑު އިވުމުން މަންޝާ ދެލޯ ބޮޑުކޮށްލަމުން ބަލާލީ މަދީހާއާ ދިމާއަށެވެ. އޭރު މަދީހާ ހުރީ ބުރުގަލުގެ ކަނުން އޭނާގެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ފޮހޭށެވެ.

މަންޝާގެ ބަލާލުމުން އެބުނީ ކީކޭކަން މަދީހާއަށް ދެނެގަންނަން އެނގުނެވެ. ބަހެއް ނުބުނެ މަދީހާ ބޯ ޖަހާލީ އެއީ ތެދެކޭ ބުނާ ފަދައިންނެވެ. އެތައް ދުވަހަކަށްފަހު މަންޝާއަށް އޭނާގެ އަސްލު ބައްޕަ ފެނުމުން ބަޔާންކުރަން ދަތި އެތައް އިހްސާސެއް ކުރިއެވެ. މަންޝާގެ ދެލޯ ފޮހެލަން އޭނާގެ އަތް ހިއްލާލިއެވެ. އެވަގުތު ރިޔާޒްގެ ލޮލުގައި މަންޝާގެ އަތްތިލައިގައިވާ ކަޅު ލަކުނު އަޅައިގަތެވެ.

"މީ ކިހިނެއް ކޮން އިރަކު ވީކަމެއް.... ބައްޕާ... ބަލާބަލަ.. މީރާގެ މޭމަތީގަ އިނީ ހަމަ މިކަހަލަ ތަނެއް..." މަންޝާގެ އަތް ޟިރާރަށް ދައްކާލަމުން ރިޔާޒް ވާހަކަ ދެއްކިއެވެ. ޟިރާރު އެތަނަށް ބަލާލަމުން މަންޝާގެ މޫނަށް ބަލާލިއެވެ. އަލިބެ ދެއްކި ވާހަކަތައް ޟިރާރުގެ ކަންފަތުގައި ގުގުމާލިއެވެ.

"އަހަރެން ބެލި ބެލުމުގަ ޟިރާރުގެ އެހެން ދަރިއެއް ހުރިކަމަށް އެބަ ދައްކާ... ޟިރާރުގެ އާއިލާއާ މިދިމާވާ ކަންތައްތަކާ އެކުއްޖާއާ ވެސް ގުޅުމެއް އެބަވޭ..."

ޟިރާރު މަޑުމަޑުން ތުންތަޅުވާލިއެވެ. އަލިބެ ބުނެފައިވާ ކަހަލަ ކިއެވެއްޔެއް ކިޔަވާލިއެވެ. އެކަމުން މަންޝާއަށް އުނދަގޫވާ ގޮތްވިއެވެ. ހާސްވެ މީހާ ތެޅެން ފެށިއެވެ. މި މަންޒަރު ބަލަން ކައިރީގައި ހުރި ޒިބާނަކަށް ކެތެއް ނުކުރެވުނެވެ.

"އޭ... ކޮން ކިޔެވެއްޔެ ތި ކިޔަނީ... ތި ކިއެވެލި ކިޔުން ހުއްޓާލާ... ކަލޭ ތިއުޅެނީ އަހަރެން މަރާލަންތަ..." މަންޝާގެ ދުލުން ނިކުތް ބަސްތައް އަޑުއިވިފަ އެންމެން ތިބީ ހައިރާންވެފައެވެ. ޟިރާރު އަނގައިން ބަހެއް ވެސް ނުބުނެ އެކޮޓަރިން ބޭރަށް ނިކުތެވެ.

"ކިހިނެއް އެވީ... މަންޝާ... މަންޝާ.. ކީކެތަ ތި ކިޔަނީ... ކޮން އިރަކު މަންޝާ އައްޑޫ ބަސް ދަސް ކުރީ..." މަންޝާގެ ގައިގާ ހިފާ ތަޅުވަމުން އަޒީމް ވާހަކަ ދެއްކިއެވެ.

"ކީކޭ... ކިހިނެއްވީތަ؟... އަހަރެން ކީކޭތަ ކިއީ؟..." މަންޝާ އެހެން ބުނުމުން އެންމެންގެ ލޯ ބޮޑުވެގެން ދިޔައެވެ. މަދީހާއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ރަށަށް ގޮސްގެން އުޅުނު އިރުވެސް މަންޝާގެ ފަރާތުން އާދަޔާޚިލާފް ކަންތައްތަކެއް ވަނީ މަދީހާއަށް ފާހަގަވެފައެވެ. ނަމާދެއް ވެސް ނުކުރެއެވެ. އީދުނަމާދަށް އެންމެން ދިޔަ އިރުވެސް މަންޝާ ނުދިއުމުން މަދީހާމެން ހީކުރީ އޭނާ ބަލިވީމަ ވީކަމެއް ކަމަށެވެ. ރަށުގައި އުޅުނު ބައެއް މީހުން ޖިންނި މޮޔަވީމަ ކުރާ ކަންތައްތަކުގެ ވާހަކަ މަދީހާއަށް ވަނީ އަޑު އިވިފައެވެ. ކިތަންމެ ރެއަކު ކޮޓަރީގައި ހުރެ މަންޝާ އެކަނި ވާހަކަ ދައްކާ އަޑު މަދީހާއަށް ވަނީ އިވިފައެވެ.

"އަޒީމް... މަންޝާ.. ސަލާމަތް ކޮށްދީ.. ތީ ރަނގަޅު ކަމެއް ނޫން..." މަދީހާއަށް ރޮއިގަނެވުނެވެ. މަންމައަށް ވަމުން ދިޔަ ގޮތް ފެނި މަންޝާ އިނީ ގަބުވެފައެވެ. އެވީ ކުޑަ ވަގުތުކޮޅު ތެރޭގައި އޭނައަށް ކުރެވުނީ ކީއް ކަން ނޭނގުނީ ކީއްވެ ހެއްޔެވެ.

"މަންޝާގެ މަންމާ... ހާސް ނުވޭ.. އަހަރެމެން މިއުޅެނީ މީރާއަށް ވެސް މިއެތި އުނދަގޫ ކުރާތީ... ކުރިން އަހަރެންގެ ކޮއްކޮ ވެސް މަރުވީ ފަރުވާ ނުފެށެނީސް.. އެހެންވެ އަހަންނަށް ފެންނަނީ މިކަން ލަސްނުކޮށް އަވަސް ކުރަން... ބައްޕައާ ވާހަކަ ދައްކައިގެން އަލިބެ ގެންނަންވީ... އަހަރެން މިކަންތަކުގަ މަންޝާގެ ގާތުގަ ހުންނާނަން... މަންޝާއަށް ދެރަގޮތެއް ވިޔަކަ ނުދޭނަން... އަހަރެންގެ ދެން ހުރި ކޮއްކޮ ގެއްލޭކަށް ބޭނުމެއް ނޫން..." ރިޔާޒް ވާހަކަ ދައްކަމުން މަދީހާ ސޯފާގައި ބޭންދިއެވެ. އެވަގުތު މުނީރާ، މަދީހާއާ ގާތްވެލިއެވެ.

"މަންޝާ.. ދެން ނިދާލާ....މާ ބޮޑަށް ނުވިސްނާ..." އަޒީމް މަންޝާގެ ގައިމަތީގަ ފޮތިގަނޑު އަޅައިދިނުމަށްފަހު ރިޔާޒާ އެކީ ބޭރަށް ނިކުތުމަށް ހިނގައިގަތެވެ.

*** *** *** *** *** ***

އެތައް އަހަރެން ފަހުން މަންޝާއަކީ ޟިރާރުގެ ދަރިއެއް ކަން އެނގުނު ދުވަހު މަންޝާއަށް މިވަނީ އެ ޖިންނީގެ ދުއްތުރާ ޖެހިފައެވެ. ފޯނު ނަގާ އަވަހަށް އަލިބެއަށް ޟިރާރު ގުޅާލިއެވެ.

"އަލިބެ ބުނީ ރަނގަޅަށް... އަހަރެންގެ އިތުރު އަންހެން ކުއްޖެއް އެބަ ހުރި... އޭނާ އެ ހުރީ ޖިންނި މޮޔަވެފަ.. ރޫހީ ވާހަކަ ދެއްކި ދުވަހެކޭ ތަފާތެއް ނެތް.... އެއީ ހަމަ އެ ޖިންނި.. ކިއެވެލި ކިޔެވުމުގެ ކަންތައް އަވަސް ކުރަންވީ... ދެން މިކަން ލަސްކުރާނެ ކަމެއް ނެތް...." ޟިރާރު އަލިބެއާ ވާހަކަ ދައްކާ ނިންމާލިއިރު ރިޔާޒާއި އަޒީމް އެކޮޓަރިން ނިކުތެވެ.

"ރިޔާޒް ކިހިނެއްތަ މިވަނީ؟... މިކަމާ މަންޝާއާ ގުޅުން އޮތީ ކިހިނެއް... މިވާ ގޮތެއް މަށަށްވެސް ކިޔައިދީބަލަ..." އަޒީމް ހުރީ ވެގެން އުޅޭ ގޮތެއް އޮޅުން ފިލުވަން ބޭނުން ވެފައެވެ.

"މީ އަހަރެމެންގެ އާއިލާއާ އަޅައިގަނެގެން އުޅޭ ޖިންނިއެއް... މަންޝާއަށް މީތި އަވަލުމަކީ އެކަށީގެންވާ ކަމެއް... މަންޝާއަކީ ބައްޕަގެ ދަރިއެއްނު... އޭތީގެ މަގްސަދު ބެލޭނީ ކިޔެވެލި ކިޔަވައިގެން އޭތި ގެނެސްގެން... މީރާ ބަހައްޓައިގެން އަހަރެމެން ކިޔެވިން... އެކަމަކު ކިޔަވައިގެން އެކަހަލަ ކަމެއް ނުކުރެވުނު... ފަހަރުގަ އެއީ ބައްޕަގެ އަސްލު ދަރިއެއް ނޫން ވީމަ އެހެންވެދާނެ ދޯ.. ދެން މަންޝާ ބާއްވައިގެން ކިޔަވަނިކޮށް މިކަން ވެދާނެހެން ހީވަނީ..." އަޒީމަށް ކަންތައް ވެފައިވާ ގޮތް ރިޔާޒް ކިޔައިދިނެވެ.

"ދަރިފުޅާ ބައްޕަ މިދަނީ އެ ފޮތްތައް ހިފައިގެން އަލިބެ ކައިރިއަށް... މިތާ ހޮސްޕިޓަލުގަ ތިކުދިން މަޑުކުރޭ.. ކަމެއް ގޯސްވަންޏާ ބައްޕައަށް ގުޅާތި..." މިހެން ބުނެ ޟިރާރު ހޮސްޕިޓަލުން ނިކުތުމަށް ހިނގައިގަތެވެ.

ކޮރިޑޯގެ އެއްފަރާތެއްގައި މަޑުކޮށްގެން ތިބި ޒިބާނާއި ތަޒްކިޔާއަށް އެމީހުން ދެއްކި ހުރިހާ ވާހަކައެއް އަޑުއިވުނެވެ. "ޒިބާން... ދެން ކިހިނެއް ހަދާނީ... އެމީހުން ފަންޑިތަ ހަދަން އެއުޅެނީ..."

"މިކަމުގަ ތާށިވާނީ ޒޭބާ... އޯނޯ... ހިނގާ ގެއަށް ދާން..." ޒިބާނާ އެކީ ތަޒްކިޔާ އެރީ ލިފްޓްގެ އެއްފަރާތުން ބޭރު ފެންނަ ގޮތަށް ހުރި ކުޑަދޮރު މައްޗަށެވެ. ދެމަޚްލޫގުގެ އަތް ގުޅުވާލަމުން އެކީގައި މައްޗަށް ދާން މިސްރާބު ޖެހިއެވެ.

ޒިބާންމެން ގެއަށް އައިސް ވަތް އިރު އެމީހުންގެ އިންތިޒާރުގައި ސަކޭރާއާ ސައިބްރޯތުމެން ތިއްބެވެ. "(ހާދަ ލަސްވީ... ކޮބާ މަންޝާ މިހާރު ކިހިނެއް؟..."

ސަކޭރާ އެހެން އެހުމުން ޒިބާން މަންޝާ ރަނގަޅުވަމުން ދާ ކަމަށް ބުންޏެވެ. "ޒޭބާ ގައިތެރޭގައި ހުރި ދުވަސްތައް މަންޝާ ހަނދާނުގައެއް ނެތް.... އެހެންނޫން ހުރިހާ ކަމެއްވެސް ރަނގަޅު..."

ޒިބާން މިހެން ބުނުމަށްފަހު ބިއްލޫރި މޭޒު ކައިރިއަށް ގޮސް ހުއްޓުނެވެ. އެތާ ޒޭބާ ހުރިކަން ޒިބާނަށް އެނގުނީ އެވަގުތެވެ. ޒިބާން ހުރީ ޒޭބާއާ ދިމާއަށް ބަލާށެވެ. އޭނާގެ ސިކުނޑީގައި އެތައް ކަމެއް އުތުރި އަރަމުން ދިޔަ ވަގުތެކެވެ. މަންޝާގެ ހާލަތާ ޟިރާރުމެން ފަންޑިތަ ހަދަން އުޅޭކަމެވެ. އެކަމުގެ ތެރޭގައި އޭނައާއި ކޮއްކޮ ޒޭބާ ބެދޭނެ ކަން ކަށަވަރުވިއެވެ. އައި ރުޅިއާ އެއްވަރަށް ވީ ފޫއްސެއްގެ ބޮޑުކަމުން ޒިބާން މުށްކަވާލަމުން ބިއްލޫރި މޭޒުމަތީގައި ޖެހިއެވެ. އެވަގުތު އެ ބިއްލޫރި ގަނޑު އެތަނަށް ކުދިކުދިވެގެން ފޭބިއެވެ.

"ޒިބާން... ކިހިނެއް ވެގެން ތިއުޅެނީ... ތިހާ ރުޅިއައިސްގެން ތިއުޅެނީ ކީއްވެތަ؟.." ސަކޭރާ ވާހަކަ ދައްކަމުން ޒިބާން ގާތަށް ޖެހިލިއެވެ. އޭރު އެންމެންގެ ނަޒަރު ހުއްޓިފައި ވަނީ ޒިބާނާ ދިމާއަށެވެ. ޒޭބާގެ ލޮލަށް ހުއްޓުމެއް ނެތި ކަރުނަ ޖަމާވީ ޒިބާން ރުޅި އައިސްގެން އެއުޅެނީ އޭނާއަށް ކަންތައް ކުރެވުނު ގޮތުންކަން އިހްސާސްވުމުންނެވެ. މަންޝާއަށް އެހާ ބޮޑު ވޭނަކާއި ތުރާލެއް އެ ޖެހުނީ ޒިބާން ބުނި ބަހަށް އޭނާއަށް ހިމޭނުން ނުހުރެވުނީމައެވެ. އެކަމާ ޒޭބާ މިހާރު ހިތާމަ ކުރެއެވެ. ޒިބާނަށްޓަކައި ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވާން އޭނާ އެހުރީ ތައްޔާރަށެވެ.

"ޒިބާން ކީއްކުރާކައްތަ އެވަގުތު ވާހަކަ ދެއްކީ.. އަދި އެވެސް މަންޝާ މެދުވެރިއަކަށް ހަދައިގެން ވިއްޔާ ވާހަކަ ދެއްކީ... ޟިރާރުއަށް ކަމެއް ގޯސްވެއްޖެކަން ނަގައިގަނެވުނީ އެހިސާބުން... ދެން ކިހިނެއް ހަދާނީ..." އޭރު ހޮސްޕިޓަލުގައި ވީ ކަންތައް ތަޒްކިޔާއަށް ރަނގަޅަށް އެނގުނެވެ. ޒިބާނަށް ވިސްނާނުލާ އެޅުނު ފިޔަވަޅު ރަނގަޅު ނޫން ކަން ވެސް އެނގެއެވެ. އެކަމުގެ ސަބަބުން ދެން އެމީހުންނަށް ކުރިމަތިލާން ޖެހޭނީ ކިހާވަރެއްގެ ކަންތައް ގަނޑެއްކަން ވެސް އެމީހުންނަކަށް ނޭނގެއެވެ. އެނގޭހާ ވެސް އެއްޗަކީ އިންސީންނާއި ޖިންނީންގެ މެދުގައި މިވީހާތަނަށް ހިނގާ ހަނގުރާމަ ތަކުގައި ގިނަ ފަހަރަށް ބަލިވެ ފަނާވެގެން ދަނީ ޖިންނިން ކަމެވެ.

"އެމީހާ ގަނޑު އެކިޔަވާ އެއްޗެއްގެ ސަބަބުން އަހަރެންގެ ދަރިފުޅަށް ގެއްލުމެއް ވަންދެން ހިމޭނުން ހުންނަންވީތަ.. އަހަރެން ގޮތެއް ނުހެދިނަމަ މަންޝާގެ ބަނޑު އަސްލު ހުންނަން ޖެހޭ ވަރަށް ފުއްޕާލިނަމަ ދެން ވާނެ ގޮތް އެނގޭތަ... އެހިސާބުން އެމީހުން މަސައްކަތް ކުރާނީ އަހަރެން އެކަނި ހޯދާކަށް ނޫން... އެ ދަރިފުޅު މަރާލާކަށް ވެސް އެމީހުން ފަހަކަށް ނުޖެހޭނެ..." ޒިބާންގެ ރުޅި ކޮންޓްރޯލް ވާގޮތެއް ނުވިއެވެ. ތަޒްކިޔާއާ ދިމާލަން މޭ ފުއްޕާލައިގެން ހުރެ ކުރިއަށް ފިޔަވަޅު އަޅަމުން އައި އިރު ހީވީ ދެންމެ ދެންމެ އަރައިގެންފާނެ ހެންނެވެ.

"ސައިބްރޯތު ހެޔޮ ނުވާނެ ޒިބާންމެންނަށް އެހީވެދީ..." ސަކޭރާ އާދޭހުގެ ރާގަކަށް ސައިބްރޯތާ ވާހަކަ ދެއްކިއެވެ.

"ސަކޭރާ... ތީކީ އެހާ ފަސޭހަ ކަމެއް ނޫން... އެމީހުން ފަންޑިތަ ހަދަން އެއުޅެނީ ކޮންދުވަހެއްގަތޯ އަހަރެން ބަލައިފިން... އެކަން ކުރަން އެއުޅެނީ މި ހުކުރު ވިލޭރޭ... އެއީ އަހަރެމެންގެ ބާރު ދަށްވެގެންދާ ރެއެއްކަން އެމީހުންނަށް އިނގޭ.. އަހަރެމެން ކިތަންމެ ބޭނުން ވިޔަސް އެކަމުގަ ކާމިޔާބެއް ނުވާނެ.. އެކަން އެމީހުން އެކުރަނީ ޝައިތޯނުންގެ އެހީގަ... އަހަރެމެން އެތަނަށް ފައިބައިފިއްޔާ އަހަރެމެންގެ މުޅި އާއިލާގެ ވަސްވެސް މި ދުނިޔޭން ފޮހެލާނެ... ވެގެން ވަންޏާ ޒިބާން ވެސް އެރޭ ބިމަށް ނުފޭބުން ރަނގަޅުވާނީ..." ސައިބްރޯތުގެ ވާހަކަ ނިމުމާއެކީ ޒިބާން އެތަނުން ދުމެއް ޖަހާފަ ނިކުތެވެ. އެމީހުން ގޮވުމުން ވެސް ޒިބާން މަޑެއް ނުކުރިއެވެ.

"ޒިބާން ނުދޭ... މަޑުކުރޭ... މިވަގުތު ބިމަށް ނުފައިބޭ... ހެޔޮނުވާނެ ޒިބާން..." އެކޮޓަރީގެ އެއް ކަނެއްގައި އެކަނިމާ އެކަނި އިން ޒޭބާ ތެދުވެ ކުރިއަށް ޖެހިލަމުން ބުނެލިއެވެ. އެއަޑަށް ސައިބްރޯތު ފަސްއެނބުރި ޒޭބާއާ ދިމާއަށް ބަލާލިއެވެ. ބޮޑުވެފައިވާ ޒޭބާގެ ބަނޑާ ދިމާއަށް ބަލަން ހުރުމަށްފަހު ސައިބްރޯތު ވާހަކަ ފެށިއެވެ.

"މީ ހުސް ކަލެއާ ހެދި ވާ ކަންތައް.. ސަކޭރާ އާދޭސް ކުރިވަރުން ކަލޭ މިތާ ބަހައްޓަން އަހަރެން އެއްބަސްވީ... ދެން އިތުރު އެއްވެސް އެހީތެރިކަމެއް ކަލެއަކަށް ނުލިބޭނެކަން ހަނދާން ބަހައްޓާތި... ކަލޭ ތިހުރީ އިންސާނެއްގެ ދަރިއަކަށް ބަލިވެ... ކިހިނެއް މިކަންތައްގަނޑުން އަހަރެމެން ސަލާމަތް ވާނީ... މިކަމުގަ މިއާއިލާ އެންމެން ރައްކާ ކުރަން ޖެހޭނެ... ސަކޭރާ އަހަރެން އެބަ އަންނަން... ނަމަ ނަމަ ސަކޭރާ ބިމަށް ނުފައިބާތި..." ސައިބްރޯތުގެ އެދުމަށް ސަކޭރާ ބޯޖަހާލުމުން ސައިބްރޯތު އެތަނުން ނިކުމެގެން ދިޔައީއެވެ.

*** *** *** *** *** ***

މީރާ އެނދުމަތިކޮށްފައިވާ ކޮޓަރި ދޮރު ހުޅުވާލުމަށްފަހު ރިޔާޒް އެތެރެއަށް ވަތް އިރު އޭނާގެ ބޯ ވަނީ ހާސްވެފައެވެ. މަންޝާއަށް ވީ ގޮތް އޭނާއަށް ފެނުނެވެ. އެއީ ރަނގަޅު ކަމެއް ނޫންކަން ރިޔާޒަށް ދެނެގަންނަން އެނގުނެވެ. ރޫހީ މޮޔަވެފައި ހުރި ދުވަސްވަރު އޭނާއަށް ވަމުންދިޔައީ ވެސް އެފަދަ ގޮތްތަކެކެވެ. ރޫހީގެ ހަށިގަނޑު ތެރޭގައި ހުރެ ވާހަކަ ދެއްކި ޖިންނީގެ އަޑު ރިޔާޒަކަށް ހަނދާން ނައްތައެއް ނުލެވޭނެއެވެ. އެއީ އިއްޔެ ހިނގި ކަމެއްހެން އޭނާގެ ސިކުނޑީގައި ހަރުލާފައިވާ ބިރުވެރި ހާދިޘާއެކެވެ.

ކޮޓަރިއަށް ވަތް އިރު ރިޔާޒްގެ މޫނުމައްޗަށް ލުއި ހިނިތުންވުމެއް ވެރިކުރުވޭތޯ ލައްކަ މަސައްކަތް ކުރިއެވެ. މި ހުރިހާ ކަމެއްގެ ސަބަބުން މީރާ ވިސްނާ ފިކުރު ކުރާކަށް ރިޔާޒެއް ނޭދެއެވެ. އެނދުމަތީ އޮށޯވެގެން އޮތް މީރާއަށް ނިދިފައި އޮތުމުން ރިޔާޒް ބަލާލީ ސޯފާގައި އިން އާމިނައަށެވެ. އާމިނަގެ މޫނުމަތިން ފާޅުވަމުން ދިޔައީ ނުތަނަވަސް ކަމެވެ.

މަންމަގެ ހާލާ މެދު ރިޔާޒަށް ވިސްނާލެވުނީ އެވަގުތުއެވެ. ބައްޕަގެ އެހެންބަނޑަކަށް ދަރިއަކު ހުރިކަން އެނގުމުން އާމިނަ އެއިނީ ދެރަ ވެފައެވެ. ރިޔާޒް އާމިނަ ގާތުގައި އިށީންނަމުން ވާހަކަ ދެއްކިއެވެ. "މަންމާ... މަންޝާއަކީ ބައްޕަގެ ދަރިއެއް... މަންމަ އެކަމާ ތިހުރީ ދެރަވެފަތަ؟..."

އާމިނަ ދެއަތަށް ބޯހޫރުވާލިއެވެ. "ނޫން ރިޔާޒް... މަންމަ ދެރަވެފަ މިހުރީ އެހެންވެއެއް ނޫން... މަންމައަށް މަދީހާއަކީ ކާކުކަން އެނގޭ.. މަދީހާގެ ދަރިއަކު ހުރިކަން އެނގުނުނަމަ އެދުވަހު މަދީހާ ގާތު ނުގުޅާށޭ ނުބުނީމުސް... އަންހެނަކަށް ވެހުރެ އެހެން އަންހެނަކު ހިތުގައި ޖައްސާ އެފަދަ ހާލަތެއްގައި އެކަނިވެރިކޮށްލާކަށް އަހަރެންނަކަށް ކުޅަދާނަ ނުވީސް... މަދީހާ ގާތު ދެން ނުގުޅާށޭ، ރިޔާޒްގެ ބައްޕަ ހޯދަން މަސައްކަތް ނުކުރާށޭ މަންމަ ބުނީ އެއިން އެއްވެސް ކަމެއް ނޭނގޭތީ... އެހެން ނޫންނަމަ މަންޝާއަށް ވެސް ޟިރާރުގެ އެހެން ދަރިންނަށް ލިބުނު ހުރިހާ އެއްޗެއް ހިއްސާކޮށްގެން ގެންގުޅުނީމުސް... މަންޝާ މިހާރު ރަނގަޅުތަ؟..." މަންޝާއާ އޭނާގެ މަންމައާ ދޭތެރޭ އާމިނަގެ ހިތް ސާފެވެ.

"މަންޝާ ރަނގަޅެއް ނޫން... ރޫހީއަށް އަވަލާފަ ހުރި އެތި މަންޝާއަށް އުނދަގޫ ކުރަމުން ދަނީ... މަންޝާގެ އަތް ތިލަމަތި ހުރީ ފިހިފަ.. އަހަރެން ބުނިން ހަމަ ތިކަހަލަ ތަންގަނޑެއް މީރާ މޭމަތީގަ އެބަހުއްޓޭ.. އެހިސާބުން ބައްޕަ ކޮންމެވެސް އެއްޗެއް ކިޔަވަން ފެށީމަ މަންޝާގެ ވާހަކަ ދެއްކުން ބަދަލުވެ އަޑު ބަދަލުވި... އެއީ މަންޝާއެއް ނޫން.. އެއީ ރޫހީ ގަޔަށް ވަތް ޖިންނި..." ރިޔާޒް ހުރިހާ ވާހަކައެއް އާމިނައަށް ކިޔައިދިނެވެ.

"ތީ ތި ޟިރާރުގެ ކަންތަކުން ވާ ކަންކަން... ޟިރާރު ވެއްޖެ ތަނަކުން މީހަކު ފެންނަ އިރަށް އެމީހަކާ އެކީ ދަރިން ހޯދަން.. އެހެން ނޫން ނަމަ މިއަދު މަންޝާއަކަށް އެ އުނދަގުލެއް ނުޖެހުނީސް... ކިހާ ދެރަ.. ދެން ކިހިނެއް ހަދާނީ... އަޒީމް މިކަމާ ކީކޯ ބުނަނީ؟.." އާމިނަ ކަންތައް ބޮޑުވިއެވެ. ހާސްވެފައި އިންވަރުން އާމިނަގެ ވާހަކަ ދެއްކުންވެސް އަވަސްވެފައި ހަލުވިއެވެ. އާމިނަ ބުނި އެއްޗަކާ ދޭތެރޭ ރިޔާޒަށް ވިސްނާލެވުނެވެ. ބައްޕަ އަބަދުވެސް އެހެން އުޅެނީބާވައޭ ރިޔާޒްގެ ހިތަށް އެރިއެވެ. މަންމަ ބުނި ބަހަށް ވިސްނަން އިން ރިޔާޒް އިތުރު ވާހަކައެއް އަހަން މިވަގުތު ފަސްޖެހުނެވެ. ސަބަބަކީ މީ އެފަދަ ވާހައެއް ދައްކަން އެންމެ ރަނގަޅު ވަގުތައް ވެސް ނުވީމައެވެ.

"އަޒީމް ވެސް ބޭނުންވީ ބައްޕަގެ ލަފާ... މަންޝާ އެކަމުން ސަލާމަތްކުރަން.. ބައްޕަ ވީ މިހާރު އަލިބެ ކައިރިއަށް ގޮސް... ހުރިހާ ކަމެއް ވަރަށް އަވަހަށް ފަށާނަން ކަމަށް ބުނީ... އިރާދަކުރެއްވިއްޔާ މަންޝާ ސަލާމަތް ވާނެ..." ރިޔާޒް ވާހަކަ މެދުކަނޑާލަމުން ސޯފާއިން ތެދުވެ ފޯނަށް ބަލާލިއެވެ.

"ރިޔާޒް... މަންމަ ވަރަށް ބިރުގަނޭ.. މަންމަ ބޭނުމެއް ނޫން އެ ފަންޑިތަ ހަދާ ތަނަށް ރިޔާޒް ދާކަށް.. ކުރިން ފަހަރުވެސް ފަންޑިތަ ހެދި ރޭ އަލިތައްކާނު މަރުވި ހަނދާން އަހަރެން އެބަހުރި... ހެޔޮ ނުވާނެ ތިކަމާ ގާތް ނުވާތި..." އާދޭހުގެ ރާގަކަށް ރިޔާޒާ ވާހަކަ ދައްކަމުން ރިޔާޒްގެ އަތުގައި އާމިނަ ހިފާލިއެވެ. އާމިނަ ބިރުގަނެފައި ހުރިވަރު ފެނުމުން ރިޔާޒް އެކަމުގެ ތެރެއަށް ނުވަންނާނަން ކަމަށް އެއްބަސްވެ ބޯ ޖަހާލިއެވެ. ނަމަވެސް މަންޝާގެ މަންމައަށް ވީ ވައުދު ރިޔާޒްގެ ހަނދާނަކުން ފިލައިގެން ނުދެއެވެ.

(ނުނިމޭ)