"ކޮންއިރަކުތަ މަންމަ ގުޅީ؟..." މަންޝާ ދެބުމަގޮށް ޖަހާލަމުން ވާހަކަ ދެއްކިއެވެ.

"ހަސަންބެގެ މަރަށް ފަހު އަފްނާން ގެއިން ފިލައިގެން ހިނގައްޖެ... މަންޝާއަށް ކިހިނެއްތަ ވީ؟... ކޮން ކަމެއްތަ އެންމެފަހު ހަނދާނުގައި ހުރީ...." މަދީހާ ހުރީ ހާސްވެފައެވެ. މި ފަހުން ހިނގި އެއްވެސް ކަމެއް މަންޝާގެ ހަނދާނުގަ ނެތްކަން އެހިސާބުން މަދީހާއަށް ޔަގީން ވިއެވެ.

"ރަށުން އައި ދުވަހު ޒުހާ އައި.. ޒުހާ ދިޔަ ފަހުން ދެން ގެއަށް އައީ.... ޒޭބާ... އާން ޒޭބާ... ކޮބާތަ އަޒީމް؟.." އެނދުމަތިން ބޯ ހިއްލާލަމުން އަޒީމް އެތާ ނެތްކަން އެނގިގެން އަޑަށް ބާރުލަމުން މަންޝާ އަހާލިއެވެ.

"ކީކޭ؟... ކޮން ދުވަހަކު މަންޝާ އާއި ޒޭބާއާ ދިމާވީ؟..." ދުރުގައި ހުރިހާ ވާހަކައެއް އަޑުއަހަން ހުރި އަޒީމަށް އެކަމުން ލިބުނީ ހައިރާން ކަމެކެވެ. އެހެންކަމުން އަޒީމް މަންޝާ ގާތަށް ޖެހިލަމުން ވާހަކަ ދެއްކިއެވެ.

"މިއަދު ދިމާވީ... އޭނަ އައިސް އަހަރެންނަށް ހުރިހާ ވާހަކައެއް ކިޔައިދިން... އަހަރެން ރަށުން އައީ މިއަދެއް ނޫން ތަ... އޭނައާ އަޒީމާ އޮތް ގުޅުން ދިޔަ ހިސާބު އޭނަ ވަރަށް ރަނގަޅަށް ކިޔައި ދިން...." އެހިސާބަށް ވާހަކަ ދިޔައިރު މަންޝާގެ ލޮލުން ކަރުނަ ފޭދުނެވެ.

"ހަމަޖެހިބަލަ... މަންޝާ.... މިއަދަކު ނޫނޭ ރަށުން އައީކީ.. މަންޝާ ރަށުން އައިތާ ހަތަރު ދުވަސް ވީ... ޒުހާ މިއަދު ގެއަށް އައި.. އެކަމަކު މަންޝާ އެންމެ ފަހަރަކު ވެސް ޒުހާއާ ވާހަކަ ދައްކަން ބޭރަށް ވެސް ނުނިކުމޭ... މަންޝާއަށް ތިކިއޭ ނުކިއޭ އިނގޭތަ..." މަންޝާއަށް ވިސްނައި ދޭން އަޒީމް މަސައްކަތް ކުރިއެވެ. މިއަދު ވީ ކަންތައްތައް ހަނދާންކޮށް ދޭން މަސައްކަތް ކުރިއެވެ. މަދީހާއާ މުނީރާގެ ކުރިމަތީގައި ޒޭބާގެ ވާހަކަ ދެއްކުމުން އަޒީމް ހުރީ ހިސާބަކަށް ލަދުގަނެފައެވެ.

"ކޮންމެހެން އެއީ ނުވާ ކަމަށް ހެދޭނެ ކަމެއް ނެތް.. އަހަަރެން ރަށަށް ދިޔަ އިރުވެސް ތިމީހުން ރައްޓެހިވެގެން ހުޅުމާލެއަށް ބައްދަލުކުރަން ދާކަން މަށަށް އިނގޭ.. ރަށުގަ ހުރި އިރު ވެސް އަޒީމް އަހަންނަށް ގުޅާވެސް ނުލާ.. ކޮބާތޯ ވެސް ބަލާ ނުލާ... އަހަރެންނަށް އިނގޭ އަޒީމް ހުރީ ކިހާ ހިސާބެއްގަ ކަން.. ރަށުުގަ ހުއްޓާ ގުޅި ދުވަހު ވެސް އަޒީމް ހުރީ އެ ޒޭބާ ގޮވައިގެން... މިއަދު އޭނަ އައިސް އަހަރެން ގާތުގަ ދެއްކި ހުރިހާ ވާހަކައެއް އަހަރެން ހަނދާން އެބަ ހުރި... އޭނަ ބުނީ...އޭނަ ބުނީ..." އެހިސާބަށް ވާހަކަ ދިޔައިރު މަންޝާއާ ޒޭބާ ދެއްކި ހުރިހާ ވާހަކައެއް އޭނާގެ ހަނދާނަށް އައެވެ. ޒޭބާއަކީ އިންސާނެއް ނޫން ކަމާއި، މަންޝާގެ ބަނޑުގައިވާ ދަރިފުޅުގެ ހަގީގަތް ޒޭބާއަށް އެނގޭ ކަމާއި، ޒޭބާގެ ބަނޑުގައި ވަނީ އަޒީމްގެ ދަރިއެއްކަމުގެ ވާހަކައެވެ. އަދި އެއަށްފަހު މަންޝާގެ އަތުގައި އޭނާ އަތް އެޅި ކަމާއި އެހިސާބުން މަންޝާއަށް ނޫކުލައިގެ އަލިކަމެއް ފެނި އޭގެތެރެއަށް ގެނބިގެން ދެވުނު ކަމެވެ.

އެ ހުރިހާ ވާހަކައެއް ދައްކައިފިއްޔާ ކަންތައް ވެދާނެ ގޮތަކާ ދޭތެރޭ މަންޝާ ވިސްނާލިއެވެ. އަދި މަޑުމަޑުން މަންޝާގެ އަތުގައި ފިރުމާލެވުނެވެ. ޒޭބާ އޭނާގެ އަތުގައި ހިފި ދިމާ ހުރީ ފާޑަކަށް ކަޅުވެފައެވެ. ހީވަނީ ހަންގަނޑު ފިހިފައި ހުރިހެނެވެ.

އެނދު ކައިރިއަށް ޑޮކްޓަރުންގެ ޓީމެއް އެވަގުތު އެއްވީ އެތަނުގައި އަޑުގަދަ ވުމުގެ ސަބަބުންނެވެ. އެހެންކަމުން މަދީހާ އާއި މުނީރާ އަވަސް ފަރުވާދޭ ކޮޓަރިން ނިކުތެވެ. ޑޮކްޓަރުންތައް އައިސް މަންޝާއާ އަޒީމާ ވާހަކަ ދެއްކިއެވެ. މަންޝާގެ ހަނދާނުން ހަތަރު ދުވަސް ތެރޭ ހިނގާފައިވާ ކަންތައްތައް ނެތްކަމަށް އަޒީމް ބުންޏެވެ. އެހެންކަމުން ޑޮކްޓަރުންގެ ޓީމް މަންޝާއަށް ވީ ގޮތެއް ބެލުމުގައި އަވަސްވެގަތެވެ.

*** *** *** *** *** ***

ވައިބްރޭޓް ވަމުން ދިޔަ ފޯނު ކޯލަށް ޖަވާބު ދޭން ކަންފަތުގައި ޟިރާރު އެފޯނު ޖައްސާލިއެވެ.

"ކީކޭ އަލިބޭ؟.. އަހަރެން ބުނި އެއްކަލަ ފޮތްތައް އަހަރެންނަށް މިއަދު ލިބިއްޖެ.... އެ ފޮތްތައް ހިފައިގެން ދާންކަމަށް އުޅުނީ އެކަމަކު ނުދެވިގެން އުޅެނިކޮށް މީރާ ހޮސްޕިޓަލަށް ގެނެސްގެން މިއުޅެނީ... މިތަނުުން ހަމައަކަށް އެޅޭއިރަށް އެފޮތްތައް އަހަރެން ގެންގޮސް ދޭނަން... އަންނަ ހުކުރުވިލޭރޭ ކިޔެވެލި ކިޔެވޭ ވަރަށް ހުރިހާ ކަމެއް ހަމަޖެއްސެން ވާނެ..." ޟިރާރު ބޭނުންވާ ގޮތް ހާމަ ކުރިއެވެ.

"ތިކަން އޮތީ ތިހެން... މިކަން އަވަސްކުރި ވަރަކުން ކުދިންނަށް ލިބޭ އަނިޔާތަކުން އަވަހަށް ސަލާމަތް ވެވޭނީ... އަހަރެން މިކަހަލަ މަސައްކަތް ކޮށް އުޅެނީ ވަރަށް ބަލައިގެން... މިވަރުގެ ބޮޑުު ކަންތައްގަނޑެއް ކުރަން ވިސްނާ އިރު މީ ކިހާ ވަރެއްގެ ކަމެއްތޯ ވެސް އަހަރެން ބަލަން ޖެހޭ..." އަލިބެގެ ވާހަކަ އެހިސާބުން މެދުކެނޑުނީ ޟިރާރު ވާހަކަ ދެއްކުމުންނެވެ. "އަލިބޭ ހާސްނުވޭ.. އަލިބެ ބުނި އަދަދަކަށް އަހަރެން ފައިސާ ދީފާނަން...."

"މިވަރުގެ ކަމަކީ ހެޔޮ އަގެއްގަ ކޮށްދެވޭނެ ކަންކަމެއް ނޫން... ދެން އަގު ކިޔާނީ މަސައްކަތް ނިންމާފަ ދޯ... އަލިބެ ކަންބޮޑު ވަނީ މިކަމުގެ ބޮޑުކަމުން.... މިކަމުން އައިސްދާނެ ހުރިހާ ކަންތައްތަކަކަށް ފުރިހަމައަށް ތައްޔާރުވާން އަހަރެން ބޭނުން... އަހަރެންނަށް އެއްވެސް ކަމެއް ސިއްރުު ނުކުރައްޗޭ!..." އަލިބެގެ އަޑުގައި އެކުލެވިފައިވާ ހާސްކަން ޟިރާރަށް ފާހަގަވިއެވެ.

އިތުރު ވިސްނުމަކާ ނުލާ ޟިރާރުގެ ޖަވާބު އައީ ވަރަށް އަވަހަށެވެ. "އަލިބެއަށް އަހަރެން ސިއްރުކުރަން ޖެހޭ ވަރުގެ ކަމެއް ނޯންނާނެ.... އަލިބެއަށް ހުރިހާ ކަމެއްވެސް އަހަރެން ކިޔައިދީފަ އޮންނާނީ... ރޫހީއަށް ދިމާވި ހުރިހާ ކަމެއް ވެސް އަލިފުން ޔާއަށް ކިޔައި ދިނިން..."

ޟިރާރުގެ ޖަވާބު އަޑުއެހުމަށްފަހު އަލިބެ ފުން ނޭވާއެއް ބޭރު ކޮށްލިއެވެ. "އަހަރެން ބެލި ބެލުމުގަ ޟިރާރުގެ އެހެން ދަރިއެއް ހުރިކަމަށް އެބަ ދައްކާ... ޟިރާރުގެ އާއިލާއާ މިދިމާވާ ކަންތައްތަކާ އެކުއްޖާއާ ވެސް ގުޅުމެއް އެބަވޭ..." އަލިބެގެ ވާހަކަ މިހިސާބަށް ދިޔަ އިރު ޟިރާރަށް ހުރެވުނީ ގަބުވެފައެވެ. އަލިބެ އެ ބުނި އެއްޗެއް ޟިރާރުގެ ކަންފަތުގައި ދެ ބުރަކަށް ގުގުމާލިއެވެ. "ޟިރާރުގެ އެހެން ދަރިއެއް ހުރި ކަމަށް އެބަ ދައްކާ..."

އެހުރި ފިޔަވަޅު މައްޗަށް ޟިރާރު ހުއްޓުން އެރިއެވެ. މާޒީގެ އެތައް އަހަރުތަކެއް އޭނާގެ ސިކުނޑިިތެރޭ އެނބުރިގެން ދިޔައެވެ. އަލިބެ އެބުނާ އޭނާގެ ދަރިއަކީ ކާކުކަން އޭނާ ހޯދާނީ ކިހިނެއް ބާވައޭ ހިތަށް އެރިއެވެ. އެންމެ ފަހުގެ ނިންމުމަކަށް އޭނާއަށް ވިސްނުނު އެންމެ މޮޅު ގޮތަކީ ފާލު ބެލުމެވެ. އަލިބެ ގާތު ފަހުން ގުޅާނަމޭ ބުނެ ޟިރާރު އެފޯނު ކަނޑާލި އިރު އޭނާގެ ބޮލަށް ހުރީ ބަރުވެފައެވެ.

ހޮސްޕިޓަލް ތެރެއަށް ވަދެގެން ދިޔައިރު ވެސް ޟިރާރު ވިސްނަމުން ދިޔައީ އެކަންތަކާ މެދުގައެވެ. އަވަސްފަރުވާ ދޭ ކޮޓަރިއަށް ވަންނަން ޟިރާރު ކުރިއަށް އެޅި ފިޔަވަޅު ހުއްޓުނީ ގޮނޑިބަރީގައި ތިބި އަންހެނުންތަކެއް ދައްކަމުން ދިޔަ ވާހަކަ ކަންފަތުގައި ޖެހުމުންނެވެ.

"މުނީރާ އަހަރެންގެ މަންޝާ... އެމަންޖެ އެއްވެސް ކަމެއް ހަނދާނެއް ނެތް... އަޅެ... މަ ބުނި ހެނެއްނު އެވީ.. އައްޑޫ މީހުންނާ ޖެހުނީމަ ވަކި މޮޅުތަކެއް ވެއްޖެތަ.. އެއީ ވަރަށް ނުބައި ބައެއް... އެއީ ބޭވަފާތެރިން... އަޒީމެކޭ ޟިރާރެކޭ ކޮބާ ތަފާތަކީ... މިއަދު މަންޝާއަށް އެހެން އެވީ އަހަރެން ބުނި ބަސް ގަބޫލު ނުކޮށް ގޮސް އައްޑޫ މީހަކާ ކައިވެނި ކުރީމަ... އަހަރެންނަށް ހެދީ ކިހިނެއް.. އެ ޟިރާރު އޮޅުވާލީ މަކަރު ހެދީ..." ރޮމުން ރޮމުން ވާހަކަ ދައްކަމުން ދިޔަ މަދީހާގެ ބަސްތައް ހުއްޓުނީ އޭނާގެ ކުރިމައްޗަށް މީހަކު އެރުމުންނެވެ.

ގޮނޑީގައި އިށީނދެގެން ތިބި މުނީރާ އާއި މަދީހާއަށް ބަލާލެވުނީ ކުރިމައްޗަށް ހުއްޓުނު މީހާއާ ދިމާއަށެވެ. ފައި ކޮޅުން ފެށިގެން މައްޗަށް މަދީހާ ބަލާލިއެވެ. އެސޫރަ ފެނުމުން މަދީހާއަށް ކޮޅަށް ތެދުވެވުނީ ބޭއިޚްތިޔާރުގައެވެ. "ޟިރާރު..."

އަށާވީސް އަހަރުފަހުން މަދީހާ ފެނުމުން ވެސް ޟިރާރަށް އެއީ ކާކުކަން ދެނެގަންނަން އެނގުނެވެ. "މަދީހާ.... މާލޭގަ ކީއްކުރަނީ..." މަދީހާ މެން ދެއްކި ވާހަކަ ސާފުކޮށް ޟިރާރަށް އަޑު އިވުނެވެ. މަދީހާ ދެއްކި ވާހަކަތަކުން ޟިރާރަށް ކަމެއް ޝައްކު ވިއެވެ. ނަމަވެސް ޟިރާރުގެ ހިތުގައި އުފެދެމުން ދިޔަ ވަހުމް ޔަގީން ކުރަން ބޭނުންވާތީ އޭނާ ބޭނުންވީ މަދީހާއާ ރީއްޗަށް ވާހަކަ ދައްކާށެވެ.

ތުންގަނޑު ވިކާލަމުން މަދީހާ އަނެއް ފަރާތަށް އެނބުރުނެވެ. މުނީރާ ގޮނޑީގައި ހިމޭނުން އިނީ ބުނާނެ ވަކި އެއްޗެއް އޭނާގެ ދުލަށް ނައިމައެވެ. އެއްފަހަރު ޟިރާރުގެ މޫނަށް އަނެއް ފަހަރު މަދީހާގެ މޫނަށް ބަލަން މުނީރާ އިނީ ގަބުވެފައެވެ.

"މަދީހާ... ރުޅިއައިސްފަތަ... ވާހަކަ ދައްކަބަލަ؟... ކޮބާތަ ފިރިމީހާ؟... މަންޝާ އެއީ މަދީހާގެ ދަރިއެއް ކަން މަށަށް ކުރިން ވެސް ޝައްކުވި... މަދީހާއާ އޭނާ ވައްތަރީ... ކަޅަކަސް މަދީހާއެކޭ ހަމަ އެއްވެސް ތަފާތެއް ނެތް..." ޟިރާރު ވާހަކަ ދަައްކަމުން ދިޔައީ ވަރަށް މަޖާވެފައެވެ. އެއަޑު އަހަން ހުރި މަދީހާއަށް އަނގައިން ނުބުނެ މަޑަކުން ނުހުރެވުމެވެ.

"ރުޅި އައިސްފަ ހޭ... ރުޅި ނާންނަ ވަރެއްތަ؟... ލަދެއް ނުގަނޭތަ ފިރިމީހާ ކޮބާހޭ އަހާކަށް... މަންޝާއާ ބެހޭ ގޮތުން ވާހަކަ ދައްކާއިރު ލަދެއް ނުގަނޭ ދޯ... ބަލަ މިހާރުތަ މަންޝާ ފެނިގެން ތި އުޅެނީ... މަންޝާއަކީ ކާކުކަން އެނގޭތަ؟..." މަދީހާ ވާހަކަ ދައްކަމުން ދިޔަ އިރު އޭނާގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހުނެވެ. މަންޝާ ބަލިވެގެން އެޑްމިޓް ކުރި ފަހުން މަދީހާ ހުރީ އެކަމާ ވިސްނާ ވިސްނާ ބޯ ގޮވާފައެވެ. އަޒީމް ވީ ބޭވަފާތެރިކަން އެނގުމުން އޭނާ ހުރީ އައްޑޫ މީހުން ދެކެ އިންތިހާއަށް ރުޅި އައިސްފައެވެ. މި ފަދަ ވަގުތެއްގައި ޟިރާރުު އައިސް އޭނާގެ ކުރިމައްޗަށް ހުއްޓި ހުރެ މަންޝާއާ ބެހޭ ގޮތުން ވާހަކަ ދެއްކުމުން މަދީހާގެ ރުޅި ދެގުނައަށް އިތުރުވިއެވެ.

ސުވާލުން ފުރިފައިވާ ނަޒަރަކުން މަދީހާއާ ދިމާއަށް ޟިރާރު ބަލަން ހުރީ އޭނާއަށް ވާނުވާ ނޭނގޭތީއެވެ. އަނެއްކާ ވެސް އެ ހަމަހިމޭން ކަން ނަގާލީ މަދީހާއެވެ. "މަންޝާ ހޯދަން ތިއައީ ކީއްކުރާކަށް... އަހަރެން އެކަނިމާ އެކަނި އޭނަ ބޮޑު ކުރީމަތަ މިއަދު ތި އައީ..." އެތައް އަހަރެއް ވަންދެން ސިއްރު ކުރި ވާހަކަ އޭނާގެ ދުލުން ބޭރުވާން ފެށުމުން މަދީހާ ހުއްޓުނެވެ.

"ކީކޭތަ ތި ކިޔަނީ؟... ތި ކިޔާ އެއްޗެއް ސާފުކޮށް ބުނެބަލަ..." އެތަނުން ދާން ހިނގައިގަތް މަދީހާގެ އަތުގައި ހިފަމުން ޟިރާރު އަހާލީ މަދީހާ ކިޔާ އެއްޗެއް އޮޅުން ފިލުވާށެވެ.

"ދޫކޮށްލާ..." މަދީހާ މަސައްކަތް ކުރީ އޭނާގެ އަތް ފޮޅުވާލާށެވެ. ނަމަވެސް ޟިރާރު އެ އަތުގައި ހިފާ ބާރު ކޮށްލިއެވެ. ފެންކަޅިވެފައި ހުރެ ޟިރާރާ ދިމާއަށް ބަލާލަމުން މަދީހާ އެންމެ ފަހުން ބުނެލިއެވެ.

"މަންޝާއަކީ ޟިރާރުގެ ދަރިއެއް... އަހަރެން ކައިވެންޏެއް ނުކުރަން..." އެ ހިސާބުން މަދީހާ ބަޑި ފަޅައިގެން ދިޔައެވެ. ޟިރާރަށް އެ އިވުނު ޖުމްލައިން މަދީހާގެ އަތުން ދޫކޮށްލެވުނެވެ. މަދީހާ އަވަސް ފިޔަވަޅުތަކެއްގައި އަވަސް ފަރުވާދޭ ކޮޓަރިއަށް ވަންނަން ފިޔަވަޅު އަޅާލިއެވެ. މަދީހާ ހުއްޓުން އެރީ އަވަސްފަރުވާދޭ ކޮޓަރި ކުރިމަތީ ހުރި އާމިނަ ފެނުމުންނެވެ.

ޟިރާރާ މަދީހާގެ ދެމެދުގައި ދެކެވުނު ހުރިހާ ވާހަކައެއް އާމިނައަށް އަޑު އިވުނެވެ. ޟިރާރު އެނބުރެމުން މަދީހާއަށް ގޮވާލިއެވެ. ނަމަވެސް އިތުރު ބަހެއް ނުބުނެވި ހުއްޓުން އެރީ މަދީހާގެ ފަހަތުގައި ހުއްޓިގެން ހުރި އާމިނަ ފެނުމުންނެވެ.

ޟިރާރު ކަރު ކެހިލިއެވެ. ދެލޯ ބޮޑުވި ނަމަވެސް މާ ބޮޑުކަމެއް ނުހިނގާ ކަމަށް ހަދަން އޭނާ މަސައްކަތް ކުރިއެވެ. އާމިނަ އެއް ފަރާތަށް ޖެހިލުމުން މަދީހާ އަވަސް ފަރުވާދޭ ކޮޓަރި ތެރެއަށް ވަދެގެން ދިޔަތަން ބަލަން އިން މުނީރާ ވެސް ގޮނޑިން ތެދުވެ މަދީހާ ފަހަތުން އަވަސް ފަރުވާދޭ ކޮޓަރިއަށް ވަނެވެ. އާމިނަ ކުރިއަށް ޖެހިލަމުން ޟިރާރާ އެއް ހަމައަކަށް އައިސް ހުއްޓުނު އިރު އާމިނަ ހުރީ ފެންކަޅި ވެފައެވެ.

"އެއީ ދޯ ކާށިދޫ މަދީހާ...." އާމިނަ މިހެން ބުނުމަށްފަހު އަނބުރާ އެތެރެއަށް ވަންނަން ހިނގައިގަތީ ޟިރާރުގެ ފަރާތުން ޖަވާބެއް ލިބޭނެކަމަށް މަޑުކުރަން ބޭނުން ނުވާތީއެވެ.

ޟިރާރުގެ ބޮލުގައި ރިއްސާލީ އެ ހިސާބުންނެވެ. ޟިރާރަށް ހީވީ ދުނިޔެ ވަށާ އެނބުރެން ފެށި ހެންނެވެ. އެތައް އަހަރުތަކަކަށް ފަހު އޭނާގެ އިތުރު ދަރިއެއް ހުރިކަން އެނގުމުން އަޖައިބު ވިއެވެ. އާމިނަ ފަހަތުން ޟިރާރު އެތެރެއަށް ވަނީ މަދީހާއާ ވާހަކަ ދައްކަން އާމިނަ މަސައްކަތް ކޮށްފާނެތީއެވެ.

އާމިނަ ގޮސް ހުރީ މީރާގެ އެނދު ކައިރީ ކަމުން ޟިރާރު މަޑު ހިނގުމެއްގައި ގޮސް މަންޝާ އެނދު ކައިރީ މަޑުކޮށްލިއެވެ. އެމަންޒަރު ބަލަން އާމިނަ ހުރީ ހިތްމަތީ ގާ ބުރިއެއް ބާއްވައިގެންނެވެ.

އެތަނަށް ވެރިވެފައިވާ ހަމަހިމޭންކަން ނަގާލީ ޟިރާރެވެ. "މަންޝާ... މިހާރު ކިހިނެއްތަ؟..."

ޟިރާރު ކުރި ސުވާލަށް ޖަވާބު ދިނީ އަޒީމެވެ. "ދެން އަދި ނޭނގެދޯ ވާގޮތެއް... ކޮބާ ރިޔާޒް؟.. އަހަރެން މިދަނީ ގެއަށް... ޔުނީފޯމް ބަދަލުކޮށްލައިގެން އަންނާނަން..." އަޒީމް ބޭރަށް ދާން ހިނގައި ގަތުމުން ޟިރާރު ބަލާލީ އަނެއް ފަރާތުގަ ހުރި މަދީހާގެ މޫނަށެވެ. މަދީހާ ހުރީ އެއްފަރާތަށް މޫނު އަނބުރައިގެންނެވެ. ޟިރާރާ ދިމާއަށް އޭނާ ބަލަން ބޭނުން ނުވާ ކަހަލައެވެ. މަދީހާ ހުރި ގޮތުން ޟިރާރު އެތާ މަޑުކުރާކަށް ގަސްތެއް ނުކުރިއެވެ. އެހެންކަމުން ޟިރާރު ނިކުތީ މީރާގެ އެނދު ކައިރިއަށް ދިއުމަށެވެ.

ރިޔާޒް އައިސް އެމަޖެންސީ ކޮޓަރިއަށް ވަދެ މީރާ އެނދުމަތި ކޮށްފައިވާ ދިމާއަށް ގާތްވެލިއެވެ. އޭރު އެދިމާއަށް އިތުރު އެނދެއް ކައިރިކޮށްގެން އުޅުނީ މީރާ ރޫމަށް ބަދަލުކުރާށެވެ. ދެން އެމީހުން އަވަސްވެގަތީ ލިފްޓާ ދިމާއަށެވެ. މީރާއަށް ލިބުނީ ފަސްވަނަ ފަންގިލާއިން ކޮޓަރިއެކެވެ.

މަދީހާ ހުރީ އަނގައިން އެއްވެސް ބަހެއް ނުބުނެއެވެ. އޭރު މަންޝާ އޮތީ ދެލޯ މަރާލައިގެންނެވެ. ނިދާ އިންޖެކްޝަންގެ ބާރުން އޭނާއަށް ވަނީ ނިދިފައެވެ. މަންޝާ އޮތީ ނިދާފަކަން ޔަގީން ވުމުން މުނީރާއަށް ހިމޭނަކުން ނުހުރެވުނެވެ. "މަދީހާ... ޟިރާރަކަށް މަންޝާ ހުރިކަމެއް ނޭނގެންޏާ ކިހިނެއްތަ އޭނާ މަދީހާއާ އަޅާލާނީ... އަހަރެން ހީކުރީ މަދީހާ އޭނައަށް ގުޅާފަ ބަނޑުބޮޑު ވާހަކަ ބުނިކަމަށް... ނުބުނަންޏަކާ ނޭނގޭނެ ދޯ... ޟިރާރު ދެކެ އައި ރުޅީގެ ވަރު މިހާރު ތިބާލަނީ އަޒީމަށް... އެއީ އެންމެ ރަނގަޅު ގޮތެއް ނޫނެއްނު.."

މުނީރާ ވާހަކަ ދައްކަން ފެށުމުން ވެސް މަދީހާ އެ ހުރިގޮތަށް ހުރީއެވެ. ފުން ނޭވާއެއް ބޭރުކޮށްލުމަށްފަހު މުނީރާއާ ދިމާއަށް ބަލާލިއެވެ. "މަންޝާއާ އެކީ އުޅެމުން އޭނަ އެހެން އަންހެނަކާ ހިތާވީމަ އެއީ މަންޝާއަށް ލިބޭ ކިހާބޮޑު ގެއްލުމެއް... އެއަންހެން ކުއްޖާއަށް މީނަ މީހަކާ އިނދެގެން ހުރިކަން ވެސް ނޭނގި ދާނެ ދޯ.. އެކަމަކު އަޒީމަށް އިނގެއެއްނު އޭނާގެ އަންބެއް ހުރިކަން... އެއަށް ކިޔަނީ މަކަރު ހަދާ އޮޅުވާލުން.. ދެން އަހަންނަކަށް ނުފެނޭ އޭނަ މިތަނަށް އަންނާކަށް... މަންޝާއަށް އޭނަ ފެނުނީމަ ވާނީ ދެރަ.. އަންނާނީ ރުޅި.. އެކަން އެންމެ ރަނގަޅަށް އިނގޭނެ މީހަކީ އަހަރެން..."

"މަންޝާ ބަނޑު ވެސް ބޮޑު.. މި ވަގުތު އެ ދެމަފިރިން ދުރު ކުރުމަށް ވުރެ ރަނގަޅު ވާނީ އެ ދެމަފިރިން ކައިރި ކުރިއްޔާ... އެހެންނޫނީ މަންޝާ ވެސް އޭނާގެ ދަރި އެކަނިމާ އެކަނި ގެންގުޅެން ޖެހިދާނެ... ދައްތައަށް އިނގޭނެ ދައްތަ އުޅުނު ހާލު... ތީކީ އެންމެ ރަނގަޅު ގޮތެއް ނޫން.. އެންމެންނަކީ ޟިރާރެއް ނޫން... އަޒީމަށް ފުރުސަތެއް ދިނުން މީގަ ރަނގަޅު ވާނީ... އަހަރެމެން އެއްޗެކޭ ބުނުމަށް ވުރެ މަންޝާ ބޭނުންވާ ގޮތެއް ބެލިއްޔާ ކީއްތަ.... މަންޝާއަށް ދޯ އިނގޭނީ އަޒީމަށް މައާފް ކޮށްފަ އޭނައާ އެކީ އުޅެން ބޭނުންވަންޏާ ވެސް... އަހަރެމެން އެކަމަށް ފާޑެއް ކިޔާކަށް ނުފެނޭ.." މުނީރާ ދިޔައީ އެކި ގޮތްގޮތަށް މަދީހާއަށް ވިސްނައިދެމުން، މަދީހާގެ ހިޔާލު ބަދަލުކޮށްލެވޭތޯއެވެ.

އެ ދެމީހުން ވާހަކަ ދައްކަން ތިއްބާ އެތަނަށް ނަރުސްކުދިންތަކެއް އައެވެ. އެއްކުއްޖަކު އަތުގައި ހުރި ތަބަކުގެ ތެރޭގައި ވަނީ އައިވީ ގުޅަން ބޭނުންކުރާ ސާމާނުތަކެވެ. އެތަބަށް އެނދު ކައިރީ ހުރި ކަބަޑުމަތީ ބެހެއްޓުމަށްފަހު މަންޝާގެ ވައަތަށް ނަރުސްކުއްޖާ ބަލާލިއެވެ. އެއަށްފަހު މަދީހާ ގާތުގައި އެއީ ކިހިނެއްވެފައި ހުރި ތަނެއް ތޯ ސުވާލު ކޮށްލިއެވެ. މަދީހާ އޭނާގެ ކޮނޑު އަރުވާލަމުން ނަރުސްކުއްޖާ ހިފަހައްޓައިގެން ހުރި އަތަށް ބަލާލީ ހައިރާންވެ ހުރެއެވެ. އެއީ މީގެ ކުރިން މަންޝާގެ އަތުގައި ހުރިތަނެއް ނޫންކަން މަދީހާއަށް އެނގެއެވެ.

މަންޝާގެ އަތްތިލަ މަތިން ބައެއްވަނީ ފިހިފައެވެ. އެހެންކަމުން ނަރުސް ކުއްޖާ ކެނިއުލާ ގުޅަން ގާތްވެލީ މަންޝާގެ ކަނާއަތަށެވެ. ނަރުސްކުއްޖާ ގޮވާލުމުން މަންޝާގެ ނިދި ބަރުވެފައިވާ ދެލޯ މަޑުމަޑުން ހުޅުވާލިއެވެ. ނަރުސް ކުއްޖާ ކެނިއުލާ ގުޅަނީ ކަމަށް ބުނުމުން މަންޝާ ބޯ ޖަހާލިއެވެ. އަދިއެއަށް ފަހު އަނެއްކާ ދެލޯ މަރާލިއެވެ. ދެން ހުރި ނަރުސްކުއްޖާ މަންޝާގެ ލޭގެ ޕްރެޝަރ ބަލަން ގާތްވެލަމުން މަންޝާ ރޫމަށް ބަދަލުކުރަން އުޅޭ ވާހަކަ ބުންޏެވެ.

މަންޝާ ވެސް ބަދަލުކުރީ ފަސްވަނަ ފަންގިފިލާއިން ކޮޓަރިއަކަށެވެ. ކޮޓަރިއަށް އެމީހުންނަށް ދެވުމުން މަދީހާ އަޒީމްގެ ނަންބަރަށް ގުޅާލުމަށްފަހު މަންޝާ ބަދަލުކުރެވުނު ކޮޓަރީގެ ހުންނަ ތަން ކިޔައިދިނެވެ. އަޒީމް އިރުކޮޅަކުން މި އަންނަނީ ކަމަށް ބުނެ ފޯނު ކަނޑާލިއެވެ. މަދީހާ، އަޒީމަށް ގުޅުމުން އެކަމާ އެންމެ ބޮޑަށް ހިތްހަމަޖެހުނީ މުނީރާއެވެ. މުނީރާ ދެއްކި ވާހަކައިން މަދީހާގެ ނިންމުމަށް ކޮންމެވެސް ބަދަލެއް އަސްފި ކަމަށް ގަބޫލު ކުރެވުނެވެ.

އެ ކޮޓަރީގައި ހުރި ގޮނޑީގައި މުނީރާ އިށީނދެގެން އިނުމުން މަދީހާ ގާތްވެލީ ކޮޓަރީގެ އެއް ފަރާތުގައި ހުރި ސޯފާއާ ދިމާއަށެވެ. ސޯފާގައި ފޫޖައްސާލުމާ އެކީ މަދީހާގެ ފޯނު ރިންގްވާން ފެށިއެވެ. ފޯނު ނަގާ ކަންފަތުގައި ޖަހާލަމުން ހަލޯއޭ މަދީހާ ބުނެލީ ވައި އަޑުންނެވެ. އެކޮޅުން އެ ވާހަކަ ދައްކަނީ މަދީހާގެ މަންމަ ހަދީޖާއެވެ. ވައި އަޑުން ދައްކާ ވާހަކައެއް ހަދީޖާއަކަށް ނީވޭނެތީ މަދީހާ ކޮޓަރިން ބޭރަށް ނިކުންނަމުން މުނީރާ ގާތު ކޮޓަރީގައި މަޑުކޮށްލައްޗޭ އަތުގެ އިޝާރާތުން ބުނެލިއެވެ. މަދީހާ އެ ކޮޓަރިން ނިކުތީ މަންޝާއަށް ހޭލެވިދާނެތީއެވެ.

ކޮޓަރިން ބޭރަށް ނިކުމެ ދޮރު ރަނގަޅަށް ލައްޕާލުމަށްފަހު މަދީހާ ވާހަކަ ދެއްކިއެވެ. "އަމާ... އަހަރެންނަށް ނުދެވުނީއްޔޭ... ބޮލުގަ ރިއްސާތީ މަޑުކުރީ.. ދެން އަހަރެން ހުޅުމާލެ ދާނީ އަންނަ ހަފްތާ ބަންދުގަ..." ފޯނުގައި ހުރެ ވާހަކަ ދައްކަމުން އެ ކޮރިޑޯ އިން ބޭރަށް ނިކުންނަ ދިމާއަށް ދާން މަދީހާ ހިނގައިގަތެވެ. މަންޝާއަށް ދިމާވި ކަންތައް ހަދީޖާއާ ހިއްސާކުރަން މަދީހާ ފަސްޖެހުނެވެ.

*** *** *** *** *** ***

ކޮޓަރީގެ ދޮރު ލެއްޕުނު އިރު ޒިބާނާ ތަޒްކިޔާއަށް ހުރެވުނީ މަންޝާ އެނދުމަތި ކޮށްފައިވާ ކޮޓަރި ތެރޭގައެވެ. ކޮޓަރިތެރެއަށް ޒިބާން ބަލާލިއެވެ. އެވަގުތު ގޮނޑީގައި އިށީނދެގެން އިން މުނީރާ ފެނުމުން ޒިބާން ބަލާލީ އެނދުމަތީގައި ނިދިފައި އޮތް މަންޝާއަށެވެ. ތަޒްކިޔާ އެނދުގެ އެއްފަރާތުގައި ހުއްޓެމުން މަންޝާ އެއޮތީ ނިދާފަ ކަމަށް ބުންޏެވެ.

"ކިހިނެއް ދެން މަންޝާއާ ވާހަކަ ދައްކާނީ.. ހިނގާ ދާން... ބައްޕައާ ބޮޑުދައިތަ ހުންނާނެ ޒިބާން އަންނަންދެން އިންތިޒާރުގަ..."

"މަޑުކުރޭ ...އަހަންނަށް މަންޝާއާ ވާހަކަ ދެއްކޭނެ..." މިހެން ބުނަމުން ޒިބާން އައިސް މަންޝާގެ ވާއަތުގައި ހިފާލިއެވެ. މަންޝާގެ އަތުގައި ޒިބާން ހިފާލުމާ އެކު މަންޝާގެ އަތުގެ އިނގިލިތަށް މުށްކަވާލަމުން ބާރުކޮށްލިއެވެ. ފޮތެއް ހިފައިގެން ކިޔަން އިން މުނީރާއަށް މަންޝާ ގުޑިލިހެން ހީވުމުން މަންޝާއާ ދިމާއަށް ބަލާލިއެވެ. ނަމަވެސް އެތަނުން މުނީރާއަށް މަންޝާ ފިޔަވާ އިތުރު މީހަކު ނުފެނެއެވެ. މަންޝާ އޮތީ އޭރުވެސް ގަދައަށް ނިދާފައެވެ.

ޒިބާން ދެ ލޯ މަރާލުމުން ތަޒްކީޔާ ސޯފާ ކައިރިއަށް ޖެހި އެތާ މަޑުކޮށްލިއެވެ. ޒިބާނާ މާންޝާއާ ދިމާލަން ތަޒްކިޔާ ބަލާލިއެވެ. އެވަގުތު މަންޝާގެ އެސްފިޔަތަކަށް ބާރުކޮށްލިއެވެ. ދެލޯ މެރިފައިވީ ނަމަވެސް މަންޝާގެ ކަޅި ދެއަތަށް ދަތުރުކުރަމުން ދިޔައިރު ހީވަނީ އޭނާ އޮތީ ހުވަފެނެއްގައި ހެނެވެ.

އިވެމުން ދިޔަ އަޑުތަކަށް ސަމާލުކަން ދީގެން އޮތުމަށްފަހު ކުއްލިއަކަށް ދެލޯ ހުޅުވާލަމުން ވަށައިގެން މަންޝާ ބަލާލިއެވެ. އޭރުވެސް އޭނާގެ އަތުގައި މީހަކު ހިފާފާ ހުރިކަމުގެ އިހްސާސް ކުރެވުނެވެ. ފެންނަމުން ދިޔަ މަންޒަރުން މަންޝާ ހައިރާން ވިއެވެ. އެއީ ހާދަ ރީތި މަންޒަރެކެވެ. ފިލްމުތަކުން ނޫނީ މަންޝާއަށް ނުފެންނަ މަންޒަރެކެވެ. އެއީ ރާއްޖޭގެ މާހައުލެއް ނޫނެވެ. އެ ވޯޓާފޯލްއިން ފައިބަމުން ދިޔަ ފެންތަކުގެ އަޑު އެހިސާބުގައި ގުގުމާލަ ގުގުމާލަ ހުއްޓެވެ. ވަށައިގެން ވަނީ ފެހިކަމެވެ. ވައިސާފު ރީތި މާހައުލެކެވެ. ދޫނިތައް ގޮވާ އަޑުތައް އިވެމުން ދިޔައެވެ.

މަންޝާ ދެން ބަލާލީ އޭނާގެ ފަހަތަށެވެ. އޭރު ފަހަތުގައި ހުއްޓިގެން ހުރި ޒިބާން ފެނުމުން މަންޝާގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. ޒިބާންގެ އަތުގައި ހިފަމުން މަންޝާ ގާތްވެލިއެވެ. "ޒިބާން... އައި މިސްޑް ޔޫ..." ޒިބާންއާ މަންޝާއާ ދެމީހުން ވެސް ހުރީ ހުދުކުލައިގެ ހެދުމެއްގައެވެ. މަންޝާގެ ހުދުކުލައިގެ ހެދުމުގެ ފަސްބައި ވަރަށް ދިގެވެ. ބިންމަތީގައި އޮތް ފެހިކަން ގަދަ ވިނަގަނޑު މަތީގައި ހެނދުން ކޭއްތިލަ ކޭއްތިލަ އޮތެވެ. ޒިބާން ވެސް ހުރީ ހުދުކުލައިގެ ޓީޝާޓަކާ މަޑު ނޫކުލައިގެ ޖީންސެއް ލައިގެންނެވެ.

"އައި މިސްޑް ޔޫ ޓޫ... މަން... މިހާރު ކިހިނެއް ވަނީ.. ބޮލުގަ ރިއްސާތަ..." ޒިބާން އަހާލިއެވެ. މަންޝާ އޭނާގެ ބޮލުގައި އަތް ޖައްސާލިއެވެ. ކުޑަ ތަދު ކަމެއް ހުރިކަން މަންޝާއަށް އެނގުނެވެ.

"ޒިބާން.. އަހަރެންނަށް ކިހިނެއްތަވީ... އަޒީމްމެން ބުނި ރަށުން އައިފަހުން ހަފްތާއެއް ވަނީޔޯ... އަދި އިނގޭތަ އެ އަޒީމް ރައްޓެހިވެގެން އުޅޭ ޒޭބާ ގަނޑު އައި.. އަހަންނާ ބައްދަލު ކުރަން.. އޭނައަކީ ވެސް ޖިންނިއެކޯ ބުނީ.. އަދި މީ ޒިބާންގެ ދަރިއެއް ކަން ވެސް އިނގެ ޔޯ... އޭނަ ވަރަށް ބިރުވެރި ގޮތަކަށް ހުންނަނީ... އެއީ ކޮން ކަހަލަ ކުއްޖެއް ތަ؟..." މަންޝާ ސުވާލުކޮށްލަމުން ޒިބާންގެ މޭގައި ބޯ އަޅާލިއެވެ.

"މަން... އެއީ ޒޭބާ.. އަހަރެންގެ ކޮއްކޮ... އަސްލު އޭނަ މަންގެ ހަށިގަނޑަށް ވަނީ ބަދަލު ހިފަން ބޭނުންވެގެން.. އެކަމުގެ ސަބަބުން މަންގެ ހަނދާނުން އެ ދުވަސްތައް ފޮހެވިފަ ތި ހުރީ... ދެން އެކަމާ މާ ބޮޑަށް ނުވިސްނާ... އެ ދުވަސްތައް ހަނދާންކުރަން އުޅުނަސް ހަނދާނެއް ނުވާނެ.. ސަބަބަކީ އެ ދުވަސްތަކުގަ މަންގެ ހަށިގަނޑުގެ ބޭނުން ހިފާ ދުނިޔޭގަ އެކި ކަންތައްތައް ކުރަމުން ދިޔައީ ޒޭބާ..." މަންޝާގެ އިސްތަށިގަނޑުގަ ފިރުމާލަމުން ޒިބާން ވާހަކަ ދެއްކިއެވެ.

"ދެން ކީއްވެ އޭނަ އަހަރެން ގަޔަށް ވަނީ.. ކޮން ބަދަލެއް ހިފަން.. އަޒީމައްތަ؟... ދެން އޭނަ އަހަރެން ގައިން ނިކުތީ ކިހިނެއް؟..." މަންޝާ އިތުރު ސުވާލުތައް ކުރަމުން ޒިބާނާ ދުރަށް ޖެހިލަމުން ޒިބާންގެ މޫނަށް ބަލާލިއެވެ.

"އެއީ އަޒީމަށާ މަންޝާގެ އަސްލު ބައްޕައަށް ހިފާ ބަދަލެއް... އަހަރެން އޭނައަށް ވަރަށް ވިސްނައިދީގެން އޭނަ މަންޝާ ގައިން ނިކުތީ... ދެން އެވާހަކަ ބާއްވަ... އަހަރެން މި އައީ މަންއާ އެކީ ލޯބީގެ ވަގުތު ކޮޅެއް ހޭދަކޮށްލަން... އިނގޭތަ މީ ކޮން ތަނެއް ކަން..." ވަށައިގެން ވާ މާހައުލަށް އިޝާރާތްކޮށްލަމުން ޒިބާން އަހާލިއެވެ.

"ނޭނގެ.. މީ އިންޑިޔާގެ ތަނެއްހެން ހާދަ ހީވެޔޭ... ކޮންމެވެސް ފިލްމަކުން ފެނުނު ތަނަކާ ވަރަށް ވައްތަރު..." މަންޝާ އެހެން ބުނެލީ އެތަނުގައިވާ ތަފާތު ކުލަތަކަށް ބަލަމުންނެވެ. ތަންކޮޅެއް ދުރުގައި ހުރި ބިޔަ ރަތްމަލުން ފުރިފައިވާ ބެރެބެދި ގަސް ފެނުމުން ޒިބާން އެދިމާއަށް މަންޝާ އުރާލައިގެން އުދުއްސައިގަތެވެ. "ވާއު... ދިސް އިޒް ސޯ ބިއުޓިފުލް..." މަންޝާއަށް އެހެންބުނަމުން ޒިބާންގެ ކޮލުގައި ބޮސްދިނެވެ.

ގަހާ ހަމައަށް ދެވުމުން ޒިބާންގެ ހަށިގަނޑު ގަސްދަށަށް ތިރިކޮށްލީ މަޑުމަޑުންނެވެ. އެވަގުތު މަންޝާގެ ބަނޑަށް ހީލިއަރައިގެން ދިޔައެވެ. މަންޝާ ބިންމަތީ ބެހެއްޓުމުން އެ ގަހަށް ރަނގަޅަށް ބަލާލިއެވެ. އެއީ މަންޝާމެން ރަށުގައި ހުރި ގަހަށް ވުރެ ބިޔަ ބޮޑު ގަހެކެވެ. އެ ގަސް ވަނީ ރަތްކުލައިގެ ބެރެބެދިމަލުން ފުރިފައެވެ. އިރު އޮއްސެމުން އައި ވަގުތެއް ކަމުން އެ މަންޒަރު ވަރަށް ވެސް ރީއްޗެކެވެ.

ގަސްދޮށުގައި ވެރިފައިވާ މާތަކުގެ މަތީގައި މަންޝާ އިށީނެވެ. ޒިބާން މަންޝާގެ ގާތުގައި އިށީންނަމުން މަންޝާގެ އަތުގައި ހިފާ އަތްތިލަ ހުޅުވާލީއެވެ. "މަންޝާ... މީ އަހަރެން މަންޝާއަށް ދޭ ވަރަށް ހާއްސަ ހަދިޔާއެއް... މިހަދިޔާ ރަމްޒުކޮށް ދެނީ އަހަރެމެންގެ ލޯބި..." ޒިބާން ވާހަކަ ދެއްކީ ވަރަށް ލޯބިންނެވެ.

މަންޝާގެ އަތްތިލަމަތީ ބޭއްވި ފަށަށް ބަލާލިއެވެ. އޭގައި ވަނީ ބިއްލޫރި ފުލެކެވެ. އެ ފުލުގެ ތެރޭގައި ވަނީ ރަތްކުލައިގެ ބެރެބެދިމަލެކެވެ. ފަށުގައި ހިފާ މަންޝާ އެ ފަށް އުފުލާލަމުން ފުލުގައި ހިފާ އަނބުރާލިއެވެ. ބެރެބެދިމާ ވަށާ އެނބުރެމުން ދިޔަ ރަންކުލައިގެ ކުނޑިތައް ފެނުމުން މަންޝާ ހިނިތުންވެލިއެވެ. "ވަރަށް ލޯބި... ތޭންކްސް..." މަންޝާއަށް އެ ހަދިޔާ ވަރަށް ކަމުދިޔައެވެ. އެވަގުތު އެމީހުން އެތިބި ގަސްދަށަށް ދިމަދިިމާލުން އަލިފާން ކޮކާތައް ފާޅުވިއެވެ. ޒިބާންގެ އުނގުގައި މަންޝާ ބޯއަޅާލަމުން ދެލޯ މަރާލިއެވެ.

*** *** *** *** *** ***

މަދީހާ ފޯނުގައި ހުރެ ލިފްޓާ ދިމާލަށް ނިކުމެވޭ ހިސާބަށް ދެވުމުން ފެންފުޅިއެއް ގަންނަން ޖެހޭކަން ހަނދާން ވިއެވެ. ތިރިއަށް ދާން ހިތަށް އަރާ ހުރެ ފޯނު ހައުސްކޯޓުގެ ޖީބަށްލަމުން މަދީހާ އެދޮރުން ބޭރަށް ނިކުތެވެ. ލިފްޓުގެ ދޮރު ހުޅުވަން ހަދަންވީ ގޮތެއް މަދީހާއަކަށް ނޭނގުނެވެ. ދޮރު ކައިރީ މަޑުކޮށްގެން ހުއްޓާ ފަހަތުން މީހަކު ގޮވާލި އަޑަށް މަދީހާ ފަސްއެނބުރި ބަލާލިއެވެ. އެއީ ޟިރާރުކަން އެނގުމުން މަދީހާގެ ހިތް ބާރުބާރަށް ތެޅިގަތެވެ. އެހާ ދުވަސް ވުމުން ވެސް މަދީހާގެ ހިތަށް ބުނެދޭން ނޭނގޭ ކަހަލަ އިހްސާސެއް ކުރަން ފެށިއެވެ.

"އަހަރެން ވާހަކަ ދައްކާލަން ބޭނުން... މަދީހާ ބޭނުމިއްޔާ ފަހުން ވެސް ވާހަކަ ދެއްކި ދާނެ..." މަދީހާގެ ފަރާތުން އެތައް ސުވާލުތަކެއްގެ ޖަވާބު ހޯދަން ބޭނުންވެފައި އިން ޟިރާރު ވާހަކަ ދައްކަމުން އޭނަ އިށީނދެގެން އިން ގޮނޑިއާ ޖެހިގެން ހުރި ހުސް ގޮނޑި ދައްކާލިއެވެ. "މަންޝާ ވެސް އޮތީ މި ބުރީގަ ކަން އިނގޭތީ މިތާ މަޑުކޮށްގެން މީނީ މަދީހާއާ ބައްދަލުކުރަން..." މަޑު ފިޔަވަޅުތަކެއްގައި އައިސް މަދީހާ އެ ގޮނޑީގައި އިށީނެވެ. ކަޅިޖަހާނުލާ މަދީހާގެ މޫނާ ދިމާއަށް ބަލަން ޟިރާރު އިނެވެ.

"މަދީހާ އަހަރެންނަށް އެންމެ ފަހަރަކު ގުޅާލި ނަމަވެސް.... އަހަރެން އައީމުސް..." ޟިރާރު ވާހަކަ ފެށިއެވެ. އޭނާގެ ޖުމްލަ ނިމުނު ލަފްޒު އަޑުއިވުމުން މަދީހާ ކުއްލިއަކަށް ޟިރާރާ ދިމާއަށް ބަލާލިއެވެ.

"ދެން ތިބުނީ އެހެން ނޫން ނަމަ ނާންނާނަމޭ ތަ؟... އަސްލު އިންނާނަމޭ ބުނެ އެނބުރި ރަށަށް އަންނާނަމޭ ބުނީ އެއީ އަހަރެން ހައްލާލަން ދެއްކި ވާހަކައެއްނު ދޯ... އަހަރެން ކައިރިއަކަށް ނާންނާނެ... އެހެން ނޫންނަމަ... އަހަރެން އެވާހަކަ ނުބުންޏަސް އާދެވެން ޖެހޭނެ.... އެދުވަހު ވީގޮތް ކިޔައިދޭން ވީތަ... އަހަރެން ޟިރާރަށް ގުޅިން...."

(ނުނިމޭ)