މަންޝާގެ ބާރު ހަޅޭކުގެ އަޑާއެކީ އޭނާގެ އަނގައި ތެރެއިން ނިކުމެގެން ދިޔައީ ކަޅުކުލައިގެން ދުންގަނޑެކެވެ. އެ ދުންތައް އެއްކޮށް ބޭރުވުމާ އެކީ މަންޝާގެ ދެލޯ މެރި ގައިން ވަރު ދޫވެ ޓައިލްސް މައްޗަށް ވެއްޓުނެވެ.

ތަނަށް ވެރިވި ހަމަހިމޭންކަމުގެ ތެރެއިން ޒޭބާ އެތާ ނެތްކަން ޒިބާނަށް އިހްސާސް ވިއެވެ. ކުއްލިއަަކަށް ޒިބާން ގާތްވެލީ މަންޝާ ކައިރިއަށެވެ. މަންޝާގެ ހާލު ކިހިނެއްތޯ ބަލަން އޭނާ ބޭނުން ވިއެވެ. "މަންޝާ.. މަންޝާ.. ލޯ ހުޅުވަބަލަ... މަންޝާ..." މަންޝާ ނޭވާނުލާ ކަން ޒިބާނަށް އެނގުނީ އެވަގުތެވެ. ދެލޯ ކަރުނުން ފުރިފައިވާ ހާލުގައި ޒިބާން ބަލާލީ ބެލްކަނީގައި ހުރި ތަޒްކިޔާއާ ދިމާއަށެވެ. ގޮތްހުސްވެފައި ތަޒްކިޔާ ބަލަން ހުރި ނަމަވެސް ދެން ހަދާނެގޮތެއް ތަޒްކިޔާއަކަށް ނޭނގުނެވެ. އެމަންޒަރު ބަލަން ތަޒްކިޔާގެ ހިތަކަށް ކުޅަދާނައެއް ނުވިއެވެ.

މަންޝާގެ މޭގައި އަތްއަޅަމުން ޒިބާން ދިޔައީ ހުއްޓުމެއް ނެތި މަންޝާއަށް ގޮވަމުންނެވެ. ކުއްލިއަކަށް އަތުގައި އޮތް ބޭސްފުޅި ނަގާ މަންޝާގެ ހުޅުވިފައިވާ އަނގައިގެ ތެރެއަށް ތިންތިކި ޖަހާލީ ސަކޭރާ ބުނެފައިވާ ގޮތަށެވެ. ޒިބާންގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ. މަންޝާގެ ހަށިގަނޑުގައި އޮޅުލައިގަނެ ބާރު ބާރަށް ރޯން ފެށިއެވެ. މަންޝާގެ ބަނޑުގައިވާ ދަރިފުޅު ތޮޅިލި ކަމުގެ އިހްސާސް ޒިބާނަށް ކުރުމުން ސިހިފައި މަންޝާ ދުރުކޮށްލިއެވެ. މަންޝާގެ މޫނަށް ބަލާލަމުން ބަނޑުގައި އަތްޖައްސާލަމުން ޒިބާން ލޯ މަރާލިއެވެ.

"ޒިބާން... ޒިބާން..." ޒިބާނަށް މީހަކު ގޮވާލި އަޑަށް ބޭރަށް ބަލާލިއެވެ. ބެލްކަނީގައި ތަޒްކިޔާގެ އިތުރުން ޒޭބާއާ ސަކޭރާ ހުއްޓެވެ. އަތްދަނޑި މައްޗަށްލާ މަންޝާ އުރާލައިގެން ޒިބާން ބޭރަށް ނިކުތީ އެމީހުންނަށް އެތެރެއަށް ނުވަދެވޭނެ ކަން އެނގޭތީއެވެ. ބެލްކަނީގެ ޓައިލްސްމަތީ މަންޝާ ބޭއްވުމުން ސަކޭރާ އޭނައާ ގާތްވެލަމުން ޒިބާނަށް ބަލާލިއެވެ. "ބޮބޮޑު ދައިތާ... މަންޝާ ސަލާމަތް ކޮށްދީ... ހެޔޮ ނުވާނެ..."

ސަކޭރާ ބޯޖަހާލިއެވެ. މަންޝާގެ ބޮލުގެ ދެފަރާތުގައި އަތް ޖައްސާލަމުން ސަކޭރާ ތުންތަޅުވަމުން ދިޔައެވެ. ސަކޭރާ މިހެން ހުރެ މަސައްކަތް ކުރާތާ އެތައް އިރެއް ވެއްޖެއެވެ. އަދިވެސް މަންޝާ ނޭވައެއް ނުލައެވެ. ޒިބާން ގޮތްހުސްވެފައިވާ ފަދައިން ހުރީ ބެލްކަނީގެ ބިއްލޫރިގަނޑުގައި ނިތްކުރި ޖައްސައިގެންނެވެ. އޭރު ތަޒްކިޔާއާ ޒޭބާ ދިޔައީ ނުހުއްޓި ރޮމުންނެވެ.

މަންޝާގެ ނިތްކުރިން އަތް ނެގުމަށްފަހު މަންޝާގެ މޭގައި ސަކޭރާ އަތް ޖައްސާލިއެވެ. ހަމައެއާއެކު މަންޝާ ދެލޯ ބޮޑުކޮށްލަމުން ފުން ނޭވާއެއް ލިއެވެ. ކޮށިއަރާ ކަހަލަ ގޮތަކަށް ކެއްސަމުން ދެލޯ ބޮޑުކޮށްލިއެވެ. ނޭވާ ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ވަށައިގެން ތިބި މީހުންނާ ދިމާއަށް މަންޝާ ބަލާލިއެވެ. "ހޭއި.. މަން... މަން... ކިހިނެއްތަ؟.. ހޭއި.. މީ ޒިބާނޭ..."

"ޒިބާން... ޒިބް..." މަންޝާއަށް އިތުރު އެއްޗެއް ނުބުނެވުނެވެ. އޭނާގެ ހެއަށް ގޮތްވިއެވެ.

"މަން.. މަންޝާ... ލޯ ހުޅުވަބަލަ.. މަން... ބޮޑުދައިތާ މަންޝާއަށް ކިހިނެއްވީ..." ޒިބާން ސަކޭރާއާ ދިމާއަށް ބަލާލިއެވެ.

"ޒިބާން ލަސްނުކޮށް މަންޝާ ހޮސްޕިޓަލަށް ގެންދޭ... އިންސާނުންގެ ގަޔަށް ޖިންނިން ވަނުމަކީ އިންސާނުންނަށް ވަރަށް ވޭން ތަހައްމަލު ކުރަން ޖެހޭ ކަމެއް... މަންޝާގެ ސިކުނޑިއަށް ވަރަށް ބޮޑަށް ގެއްލުންވެފަ އެހުރީ... ޒިބާން އަވަސް ކުރޭ... ބޮޑުދައިތައަށް މަޑުކުރެވޭކަށް ނެއް.." ސަކޭރާ މިހެން ބުނަމުން އެތަނުން ދާން އުދުއްސައިގަތެވެ. މަންޝާ ގޮވައިގެން އެތެރެއަށް ޒިބާން ވަނެވެ. އެވަގުތު ޒޭބާ އެތެރެއަށް ވަދެ މަންޝާގެ ފޯނު ނަގާ މަދީހާގެ ނަންބަރަށް ގުޅާލިއެވެ. މަދީހާ ފޯނު ނެގުމާއެކީ ޒޭބާ ވާހަކަ ދެއްކިއެވެ. "މަންމާ... ކޮންތާކު ތިހުރީ؟.." ޒޭބަ ވާހަކަ ދެއްކީ މަންޝާގެ އަޑުންނެވެ.

"މަންމަ މިއެރީ ޓެކްސީއަށް... ހުޅުމާލެއަށް ދާން އުޅޭ ވާހަކަ ބުނީމެއްނު..." މަންޝާއަށް ޖަވާބު ދިނުމަށްފަހު މަދީހާ ޓެކްސީ ޑްރައިވަރު ކައިރީ ދާންވީ ހުޅުމާލެ ޓާމިނަލަށް ކަަމަށް ބުންޏެވެ.

"މަންމާ.. އާހް.. އާދެބަލަ މިގެއަށް.... މ. ރެޑްލައިޓް... އަަހަރެންނަށް ގޮތެއް އެބަވޭ... މަންމާ.. އަވަހަށް އާދެބަލަ... ޕްލީސް... އަހަރެން ގޮވައިގެން ހޮސްޕިޓަލަށް ދާން..." ޒޭބާ މިހެން ބުނެ ފޯނު ކަނޑާލީ މަދީހާ މިހާރު މިދަނީ ކަމަށް ބުނުމުންނެވެ. ފޯނު ކަނޑާލުމަށްފަހު ޒޭބާ އެމްބިއުލަންސަށް ގުޅާލިއެވެ. އެއަށްފަހު މަންޝާ ކައިރީ މަޑުކޮށްގެން ޒޭބާއާއި ޒިބާން ތިއްބެވެ. ޒިބާންގެ މޫނަށް ޒޭބާ ބަލާލިއެވެ. ޒޭބާއަށް ކުރެވުނު ކަންތަކުގެ ނަތީޖާ ފެނި އޭނާ ދެރަވިއެވެ. މަންޝާއަށް މިހެން ވެދާނެ ކަމަކަށް ޒޭބާ ހިއެއް ނުކުރެއެވެ. ޒިބާން ހިތާހިތުން ދުއާ ކުރަމުން ދިޔައެވެ. މަންޝާއަށް ދެރަގޮތެއް ނުވޭތޯއެވެ.

*** *** *** *** *** ***

ގޭތެރެއަށް މަދީހާ އައިސް ވަނެވެ. މަދީހާ އެގެއަށް އައި ފުރަތަމަ ފަހަރުކަމުން ދާންވީ ދިމާލެއް އޭނާއަކަށް ނޭނގުނެވެ. މަންޝާގެ ނަންބަރަށް ގުޅޭތޯ މަދީހާ މަސައްކަތް ކުރިއެވެ. ކުއްލިއަކަށް ކުރިމަތީ ހުރި ސިޑިއާ ދިމާލުން އަޑެއް އިވުމުން މަދީހާ މައްޗަށް ބަލާލިއެވެ. ސިޑިމަތިން ފެންނަން ހުރި ދޮރު ހުރީ ހުޅުވާފައެވެ. އެހެންކަމުން މަދީހާ ސިޑިން މައްޗަށް އެރިއެވެ. ދޮރުން އެތެރެއަށް ބޯދިއްކޮށްލަމުން މަދީހާ ސަލާން ގޮވާލިއެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވިއެވެ. އެއީ ކުޑަ ސިޓިންގް ރޫމެކެވެ. ކުރިމަތިން ފެންނަން ހުރި ކޮޓަރިއާ ދިމާއަށް މަދީހާއަށް ބަލާލެވުނީ އެނދުމަތީ ފެންނަން އޮތީ އޭނާގެ ދަރިފުޅު ހެން ހީވުމުންނެވެ. މަދީހާ ދުވެފައި އެތެރެއަށް ވަނެވެ. މަންޝާ އޮތީ އެނދުމަތީގައެވެ.

"މަންޝާ.. މަންޝާ ދަރިފުޅާ ހޭލަބަލަ... މަންޝާ ކިހިނެއްތަވީ؟..." މަދީހާއަށް ރޮވޭގޮތް ވިއެވެ. ފޯނު ނަގާ އަޒީމްގެ ނަންބަރަށް އޭނަ ގުޅީ އަޒީމް އަދި ގެއަށް ނާންނާތީއެވެ. މަދީހާއަށް މަންޝާ ގުޅާފަ އަަންނަން އެދުނު ގޮތުން ކަމެއް ގޯސް ވެއްޖެކަން މަދީހާއަށް ނަގައިގަނެވުނެވެ. އެހެންކަމުން އެ ފޯނު ކަނޑާލުމާ އެކީ މަދީހާ ވަގުތުން އަޒީމަށް ގުޅިއެވެ. އަޒީމްވެސް ގެއަށް މިދަނީކަމަށް ބުނެ ފޯނު ކަނޑާލިއެވެ.

ގެއަށް އައިސް މަންޝާ އޮތްގޮތުން އަޒީމް ނައިސް ލަސްވާތީ މަދީހާ ގުޅި ނަމަވެސް އަޒީމް ފޯނެއް ނުނަގައެވެ. މަދީހާ އިތުރަށް ބިރުގަނެ ކަންބޮޑުވާ ގޮތްވިއެވެ. ދުވެފަ ފާޚާނާއަށް ވަދެ ފެންފޮދެއް ގެނެސް މަންޝާގެ މޫނުގައި އުނގުޅާލިއެވެ. މަންޝާ ކުޑަކޮށް ލޯ ހުޅުވާލި ނަމަވެސް އަނެއްކާ ވެސް ޚަބަރު ހުސްވަނީއެވެ. ކޮޓަރި ތެރެއަށް މީހަަކު ވަތްހެން ހީވުމުން މަދީހާ ދޮރާ ދިމާއަށް ބަލާލިއެވެ. ކޮޓަރިއަށް ވަނީ އަޒީމެވެ. އަޒީމް ހުރީ އޭނާ ވަޒީފާއަށް ދާ ޔުނީފޯމުގައެވެ. އަޒީމާ އެކީ އެމްބިއުލަންސްގައި އައި މީހުންވެސް އެތެރެއަށް ވަނެވެ. އެންމެން މަސައްކަތް ކުރީ މަންޝާ ހޮސްޕިޓަލަށް ގެންދާށެވެ. މަންޝާއަށް ވީ ކިހިނެއް ކަމެއް އެއިން އެކަކަށްވެސް ނޭނގެއެވެ.

ބެލްކަނީގައި އެމަންޒަރު ބަލަން ޒިބާނާ އެކީ ތަޒްކިޔާއާ ޒޭބާ ތިއްބެވެ. އޭރުވެސް ޒިބާނަށް ރޮވެނީއެވެ. ޒިބާން ރޯ ތަން ބަލަން ހުންނަން ޒޭބާއަކަށް ކުޅަދާނައެއް ނުވިއެވެ. ޒޭބާ އެމީހުންނާ ދުރަށް ޖެހިލުމަށްފަހު ވައިގެތެރެއަށް އަރައިގެން ދިޔައީއެވެ.

ޒިބާންގެ އަތުގައި ހިފާލަމުން ތަޒްކިޔާ ބާރުކޮށްލިއެވެ. ތަޒްކިޔާއާ ދިމާއަށް ޒިބާން ބަލާލިއެވެ. މަންޝާ އޭރު އެގެއިން ނެރެ އެމްބިއުލަންސަށް ލަނީއެވެ. ޒިބާނާ ތަޒްކިޔާއާ އެކުގައި މިސްރާބު ޖެހީ އެމްބިއުލަންސް ދިޔަ ހޮސްޕިޓަލާ ދިމާއަށެވެ.

*** *** *** *** *** ***

މީރާ އޮތީ އޭޑީކޭ ހޮސްޕިޓަލުގެ އަވަސް ފަރުވާދޭ ކޮޓަރީގައި އެނދުމަތި ކޮށްފައެވެ. މީރާގެ މަންމަ ޞަފޫރާ އެބަޔަށް ވަދެ މީރާ އޮތް އެނދު ކައިރިއަށް ލެފިގަތެވެ. އޭރު އެ އެނދުކައިރީ ޟިރާރާ އާމިނަ މަޑުކޮށްގެން ތިއްބެވެ. ޞަފޫރާ އެތެރެއަށް ވަދެ އެނދުގައި އޮތް މީރާއާ ގާތްވެލިއެވެ. އޭރު މީރާއަށް އޮތީ ނިދިފައެވެ. ދަރިފުޅުގެ ބޮލުގައި ފިރުމާލަމުން ޞަފޫރާ އާމިނައާ ދިމާއަށް ބަލާލިއެވެ. "ކިހިނެއްވީއޯ ޑޮކްޓަރ ބުނީ؟..." ޞަފޫރާގެ މޫނުވަނީ މިލާފައެވެ. ސިޑިން ވެއްޓުނު ފަހުން މީރާއަށް ދިމާވަމުން ދިޔަ ކަންތައްތަކުން އޭނާ ކަންބޮޑުވިއެވެ.

"އިރުކޮޅަކުން ޓެސްޓުތަކުގެ ނަތީޖާ ލިބޭނެ ކަމަށް ބުނި... އަދިވެސް މީރާ ހުންގަނޑު މައިތިރި ނުވޭ... އެކަމަކު ހޮސްޕިޓަލަށް ގެނައި ފަހުން މިހާރު ހުން މަޑުވެއްޖެ..." އާމިނަ މިހެން ބުނަމުން މީރާގެ އަތުގައި އަތް ޖައްސާލިއެވެ.

އަތު ކުރީގައި އަޅާފައި އޮތް ގަޑިއަށް ބަލާލުމަށްފަހު ޟިރާރު ވާހަކަ ދެއްކިއެވެ. "އާމިނާ... އަހަރެން މިދަނީ ނަމާދަށް... ބަންގި ގޮވާ ގަޑިވެސް ޖެހެނީ..."

އާމިނަ ބޯ ޖަހާލުމުން ޟިރާރު އެތަނުން ނުކުމެގެން ދިޔައެވެ. އެވަގުތު އާމިނަ ގާތު މިވެގެން އުޅޭ ގޮތަކާ ބެހޭ ގޮތުން އޮޅުން ފިލުވަން ޞަފޫރާ ސުވާލުކުރަން ފެށިއެވެ. އާމިނައަށް އެނގޭ މިންވަރަށް އޭނާ ޖަވާބު ދިނެވެ.

އެމީހުން ވާހަކައިގަ ތިއްބާ އެތަނަށް ރިޔާޒް އައިސް ވަނީ ނަރުސް ކުދިން ގެންނަން ބުނި ބޭސް ސިޓީއަށް ބޭސް ގަނެގެންނެވެ. ރިޔާޒް އަތުގައި އޮތް ކޮތަޅު ނަރުސްކުދިންނާ ހަވާލުކުރުމަށްފަހު ރިޔާޒް ގާތްވެލީ މީރާ އޮތް އެނދު ކައިރިއަށެވެ.

"މީރާއަށް މިވާ ގޮތެއް ބަލަން ހިނގާ.. ރިޔާޒްގެ މަންމަ ކިޔައިދީފި ވެގެން އުޅޭ ގޮތް... ކީއްވެ ލަސްކުރަނީ... ހިނގާ އަވަހަށް މިކަމުން ސަލާމަތްވާން މަސައްކަތް ކުރަން..." ޞަފޫރާގެ ދަރިފުޅަށް ވެފައި އޮތް ގޮތް ފެނުމުން އޭނާއަކަށް ކެތެއް ނުވިއެވެ.

އެވަގުތު އެ އެނދުގެ ވަށާ ދަމާފައިވާ ފަރުދާ ކަހާލަމުން އެތެރެއަށް ވަނީ މީރާ ބަލަމުން ދާ ޑޮކްޓަރެވެ. "މީރާގެ ފިރިމީހާ ދެއްތޯ... ބޭރަށް ދުރުވޭ.. އަޅުގަނޑު ވާހަކައެއް ދައްކާލަން ބޭނުން..."

ޑޮކްޓަރގެ އެދުމަށް ރިޔާޒް ބޭރަށް ނިކުތެވެ. އަވަސްފަރުވާދޭ ކޮޓަރީގެ ކައުންޓަރ ކައިރިއަށް ޖެހިލަމުން ޑޮކްޓަރ އަތުގައި ހުރި ގަނޑުތައް ރިޔާޒަށް ދައްކާލަމުން ވާހަކަ ދެއްކިއެވެ. "ހެދި ސްކޭނުން ބޭބީއަށް އެއްވެސް ގެއްލުމެއް ނުވާކަން ކަށަވަރު.. އަޅުގަނޑު ބޭސްތަކެއް ދީފަ ހުންނާނެ... އެބޭސް ބޭނުން ކުރުމުން ބްލީޑިންގް އެއްކޮށް ހުއްޓޭނެ.. އެކަމަކު ޕޭޝަންޓް އެއްވެސް ގޮތަކަށް ތެދުވެ އުޅެގެން ނުވާނެ.. ހަމަ ފުލް ބެޑް ރެސްޓް.. ހެދި ލޭގެ ރިޕޯޓްތަކުން ދައްކާ ގޮތުގައި ހިމަގްލޮބިން ވަރަށް ދަށް... ސޯ ވީ އެންމެ އަވަހަކަށް ލޭއަޅަން އެބަޖެހޭ... މީރާގެ ބްލަޑް ގްރޫޕަކީ އޭބީ ޕޮޒިޓިވް.. އެހެންވީމަ ދެ ޑޯނާރ ހޯދާލައިގެން ދުރުވޭ... ކްރޮސްމެޗް ދިމާވާ ކަމަށްވަންޏާ ވަގުތުން ލޭ އެޅުމުގެ ކަންތައް ހަމަޖެހޭނެ... މިހާރު މީރާ އެޑްމިޝަންގެ ލިޔެކިއުންތައްވެސް ހަމަޖާއްސާލަން ޖެހޭ... ލޭ އަޅާފަ ވާނުވާ މޮނިޓަރ ކޮށްފަ ދެން ޕޭޝަންޓް ޑިސްޗާޖް ކޮށްލެވޭނީ..."

އެނދުމަތިކުރުމުގެ ކަންތައް ހަމަޖައްސަން ދިން ފޯމް ހިފައިގެން މީރާ އޮތް އެނދު ކައިރިއަށް ރިޔާޒް ޖެހިލިއެވެ. ރިޔާޒް އެނދު ކައިރިއަށް އައުމުން ވީ ކިހިނެއްތޯ ބަލަން އާމިނައާ ޞަފޫރާ ސުވާލު ކުރިއެވެ. "މީރާ ގަޔަށް ލޭ އަޅަން ޖެހޭތީ ލޭ ހޯދަންވީ.. އޭބީ ޕޮޒިޓިވް... އަހަރެން މިދަނީ އެޑްމިޝަންގެ ކަންތައް ހަމަޖައްސަން..." ރިޔާޒް މިހެން ބުނެ އަވަސް ފަރުވާދޭ ކޮަޓަރިން ބޭރަށް ނިކުންނަމުން އޭނާގެ ފޯނު ނަގާ ވައިބާރގެ ބައެއް ގްރޫޕުތަކުގައި ވަރަށް އަވަހަށް އޭބީ ޕޮޒިޓިވް ލޭ ބޭނުންވާ ކަމަށް ލިޔެ މެސެޖެއް ފޮނުވާލިއެވެ.

އެޑްމިޝަން ފޯމް ހަވާލުކުރަން ޖެހެނީ މައުލޫމާތު ދޭ ކައުންޓަރަށް ކަމަށްވާތީ ރިޔާޒް އެ ކައުންޓަރާ ގާތްވެލިއެވެ. ފޯރމް ފުރާ ހުރިހާ ކަމެއް ނިންމާލުމަށްފަހު ރިޔާޒް ބޭނުުންވީ އޭނާގެ ބައެއް ރައްޓެހިންނަށް ގުޅައިގެން ލޭގެ ކަންތައް އަވަހަށް ހަމަޖައްސާށެވެ. މީރާއަށް އެވާ ގޮތްތަކުން ރިޔާޒްގެ ސިކުނޑީގައި ރިހުމެއް އުފެދިފައި ހުއްޓެވެ. އެ ދެމަފިރިންނަށް ލިބެން އުޅޭ ދަރިފުޅަށް ގެއްލުމެއް ވާކަށް ރިޔާޒެއް ނޭދެއެވެ.

ފޯނުގެ ސްކްރީނަށް ބަލަމުން ރިޔާޒް ހޮސްޕިޓަލުން ނިކުތުމަށް ހިނގައިގަތެވެ. ދޮރާހަމައަށް ދެވުމާއެކީ ރިޔާޒްގެ ސަމާލުކަން ހުއްޓުނީ އިވެމުން އައި ސައިރިންގެ ބާރު އަޑަށެވެ. އެމްބިއުލެންސް އައިސް މަޑުކޮށްލީ އޭޑީކޭ ހޮސްޕިޓަލްގެ މައި ދޮރާށި ކުރިމައްޗަށެވެ. އެވަގުތު އެމްބިއުލަންސްގެ އިންތިޒާރުގައި ހޮސްޕިޓަލް ދޮރުކައިރީ ތިބި ނަރުހުންނާ މަސައްކަތު މީހުން އަވަސް ވެގަތީ އެމްބިއުލަންސްގެ ތެރެއިން ބަލިމީހާ ނެރެ އެތެރެއަށް ވެއްދުމަށެވެ.

ރިޔާޒް ފޯނު ހިފައިގެން އެއްފަރާތެއްގައި މަޑުކޮށްލައިގެން ހުރީ އެ މީހުންނަށް ތަން ދައްކާށެވެ. ފޯނުގެ ޑިސްޕްލޭއަށް ބަލަން ހުރި ރިޔާޒަށް އެމީހުންގެ ފަހަތުން އައި އަޒީމް ފެނުނެވެ. އަޒީމް ހުރީ އޭނާ ވަޒީފާއަށް ދާ ޔުނީފޯމްގައެވެ. އެހިސާބުން އެނދުގައި އެތެރެއަށް ވައްދާ ބަލިމީހާއާ ދިމާއަށް ރިޔާޒްގެ ސަމާލުކަން ހުއްޓުނެވެ. މަންޝާ ކަން އެނގުމުން ރިޔާޒް ގަސްތު ކުރީ އެތެރެއަށް ވަންނާށެވެ.

މަންޝާ ގޮވައިގެން ހޮސްޕިޓަލް ތެރެއަށް ވަތް އިރު އަޒީމަށް ހޮސްޕިޓަލު ތެރެއިން މީހަކު ފެންނަ ވަރެއް ނޫނެވެ. އޭނާގެ ކަޅި ހުއްޓިފައި ވަނީ މަންޝާގެ ހަށިގަނޑާ ދިމާއަށެވެ. އަވަސްފަރުވާދޭ ކޮޓަރިއަށް މަންޝާ ވެއްދުމުން ރިޔާޒް ވެސް އެތެރެއަށް ވަނެވެ. މަންޝާ އެނދުމަތި ކުރީ މީރާއާ ޖެހިގެން އޮތް ހުސް އެނދުގައެވެ. އެ އެނދުވަށާ ފޮތިގަނޑު ދަމާލުމަށްފަހު ޑޮކްޓަރުންގެ ޓީމް މަންޝާއަށް ފަރުވާދޭން ފެށިއެވެ. އަވަސްފަރުވާދޭ ކޮޓަރީގައި އުޅުނު އަންހެން ޑޮކްޓަރެއް އައިސް އަޒީމާއި މަދީހާމެން ކައިރީ އެތައް ސުވާލެއް ކުރިއެވެ. މަންޝާއަށް ވީ ގޮތް އޮޅުން ފިލުވާށެވެ.

ޖަވާބުގައި މަންޝާ ބަނޑުބޮޑުކަމާއި ރަށުން ހެދި ޓެސްޓުތަކުގެ ރިޕޯޓްތައް މަދީހާ ދައްކާލިއެވެ. އަދި ދެދުވަހެއް ވަންދެން މަންޝާ ބޮލުގަ ރިއްސާފަ ހުރިކަމާ އެމީހުން ގެއަށް ދިޔަ ވަގުތު މަންޝާގެ ހެއެއް ނެތްކަމަށް އަޒީމް ބުންޏެވެ. މަންޝާ ބަނޑުބޮޑުވީ ފަހުން އިތުރު ޓެސްޓް ތަކެއް ހަދާފަ ނެތުމުންނާ އެކީ އެމީހުން ބޭނުންވީ ލޭގެ ޓެސްޓުތަކަކާ އަދިވެސް އެހެނިހެން ޓެސްޓްތައް ހަދާށެވެ. އެއަށްފަހު ވަކި ޖަވާބެއް ދެވޭނެ ކަމަށް ބުންޏެވެ. އަޒީމް އަތަށް އެމީހުން ހަވާލުކުރި ގަނޑުކޮޅު ހިފައިގެން އަޒީމް ބޭރަށް ނުކުތީ މެމޯ ކޮޅެއް ހައްދާށެވެ.

އަވަސް ފަރުވާދޭ ކޮޓަރިން ބޭރަށް ނިކުތުމާ އެކީ ފަހަތުން މީހަކު ގޮވާލުމުން އަޒީމް ބަލާލިއެވެ. ފަހަތުގައި ހުރި ރިޔާޒެވެ. އޭނާއަށް ލިބުނު ހައިރާންކަމުން ހޮސްޕިޓަލުގަ ކީއްކުރާނީތޯ އަހާލިއެވެ.

"މި އުޅެނީ މިރާ ހުންއައިސް ހޭނެތޭތީ... މީރާ އެއޮތީ އެމަޖެންސީ ރޫމުގަ.. ލޭ ހޯދަން ބުނެގެން މިއުޅެނީ... ލޭމަދުވަނިއްޔޯ... މަންޝާއަށް ކިހިނެއްވީ؟..." ރިޔާޒް ބޭނުންވީ މަންޝާއަށް ވީ ގޮތެއް އޮޅުން ފިލުވާށެވެ.

"ނޭނގެ މަ ޑިއުޓީއަށް ދާން ގޮސް ފެރީއަށް އަރައަރަ ހުއްޓާ މަންޝާ މަންމަ ގުޅާފަ ބުނީ މަންޝާއަށް ގޮތެއްވާތީ ގުޅި ވާހަކަ.. އެހެންވެ އަވަހަށް މަ ގެއަށް އައީ.. އޭރު އޭނަގެ ހެޔެއް ނެތް... ބޮލުގަ ރިއްސާތީ މި ދޭތެރެއިން އުޅުނީވެސް.. ދެން ނޭނގެ... މީރާ ކިހިނެއް؟... ކޮން ގްރޫޕެއްގެ ލެއެއްތަ ތި ހޯދަނީ؟..." ކައުންޓަަރުގައި އިން އަންހެންކުއްޖާ އަތަށް މެމޯ ހައްދަން ހަވާލުކުރި ގަނޑުކޮޅާ މަންޝާގެ އައިޑީކާޑް ހަވާލުކުރަމުން އަޒީމް ވާހަކަ ދެއްކީ ރިޔާޒާއެވެ.

"އޭބީ ޕޮޒިޓިވް... ރައްޓެހިންނަށް މެސެޖް ކޮށްގެން މިއުޅެނީ... ދެންމެ މީރާގެ މަންމަ ބުނި މީހަކު ވެއްޖެޔޯ... އޭނާ މިހާރު އެބަ އާދޭ ކްރޮސްމެޗް ހަދަން... އަދި އެކަކު ބޭނުންވޭ..." ރިޔާޒް ވާހަކަ ދައްކަމުން އަނެއްކާވެސް ބަލާލީ ވައިބާރ ގްރޫޕުން މީހަކު މެސެޖް ކޮށްފައި އޮތްތޯއެވެ.

"އަަހަރެން މިހުރީނު... މަމީ އޭބީ ޕޮސިޓިވް... މިކަންތައް ނިންމާލަފަ ހިންގާ ޓެސްޓު ހަދަން ދާން... އަހަރެން ލޭ ނުދޭތާ މީހާރު އަހަރެއް ވެއްޖެ..." ކައުންޓަރުގައި އިން ކުއްޖާ ބުނި އަދަދަށް ފައިސާ ދައްކާލަމުން އަޒީމް ވާހަކަ ދެއްކިއެވެ. މެމޯކޮޅު ލިބުމުން ރިޔާޒާއި އަޒީމް މިސްރާބުޖެހީ އަވަސް ފަރުވާދޭ ކޮޓަރިއަށެވެ. އޭރު މަދީހާ ހުރީ ބޭރުގައެވެ.

މަންޝާގެ މަންމަ ފެނުމުން ރިޔާޒް ހިނިތުންވުމެއް ރައްދުކޮށްލަމުން ވާހަކަ ދެއްކިއެވެ. "މަންޝާގެ މަންމަ ދޯ... އަޅުގަނޑަކީ ރިޔާޒް... އަޅުގަނޑަކީ މީރާގެ ފިރިމީހާ.. މަންޝާގެ ވަރަށް ގާތް ރައްޓެއްސެއް މީރާއަކީ.... މީރާވެސް އެބައޮތް މިތާ ޖެހިގެން އޮތް އެނދުގަ އެޑްމިޓް ކޮށްފަ...."

މަދީހާ ހިނިތުންވުމެއް ރައްދުކޮށްލި ނަމަވެސް މަދީހާ ހުރީ ވާހަކަ ދެއްކޭ ވަރަށްވުރެ ބޮޑަށް ހާސްވެފައެވެ. މަދީހާ ގާތު ބޭރުގައި މަޑުކޮށްގެން ތިހުރީ ކިހިނެއްވެގެންތޯ އަޒީމް އެހުމުން މަދީހާ ޖަވާބުދިނެވެ. "ޑޮކްޓަރުން ވެއްޖެ އެތެރޭގަ.... އެހެންވެ މީނީ...." ޑޮކްޓަރުންގެ ޓީމެއް މަންޝާއަށް ފަރުވާ ދިނުމުގައި މަސައްކަތް ކުރަމުން ދިޔައެވެ. އަޒީމް މެން ތިބީ ކެތްމަދުވެފައެވެ.

އިރުކޮޅެއްފަހުން އަންހެނުންގެ ހާއްސަ ޑޮކްޓަރެއް އަޒީމާ ވާހަކަ ދެއްކުމަށް ގާތްވެލިއެވެ. "ޕޭޝަންޓްގެ ހާލު އެހާ ރަނގަޅެއް ނޫން... ލޭގެ ޕްރެޝަރ ވަރަށް ދަށްވެފަ ހުރީ... މާބަނޑު ދުވަސްވަރު ކުރީކޮޅު ވަރަށް ގިނަ ޕޭޝަންޓުންނަށް ވާކަމެއްމީ... ހޯމޯންސް ލެވެލް މަތިވެގެން ދާފަދަ ދުވަސްވަރެއްގައި ޕޭޝަންޓް ޑީހައިޑްރޭޓް ވުމުގެ ސަބަބުން ލޭގެ ޕްރެޝަރ ދަށްވެ ބޯއެނބުރުމަކީ އެކަށީގެންވާ ކަމެއް... އެހެންވެ ޕޭޝަންޓް އެޑްމިޓްކޮށްގެން މޮނިޓަރކުރަން ޖެހޭނީ... މި ވަގުތު އޭނައަށް ބޭނުންވަނީ އަރާމް... އަދި ބަނޑުބޮޑުވުމަށްފަހު ހަދަންޖެހޭ ލޭގެ ޓެސްތުތައް ވެސް ނުހަދާ ހުރުމުން އެ ޓެސްޓުތައް ހަދަން ޖެހޭނީ..." ޑޮކްޓަރ ވާހަކަ ނިންމާލުމަށްފަހު އަވަސްފަރުވާދޭ ކޮޓަރީގައި ހުރި ކައުންޓަރަށް ގާތްވެލިއެވެ. އެވަގުތު އަޒީމް އަަތަށް ނަރުސްކުއްޖެއް ގެނެސްދިނީ އެޑްމިޝަންގެ ކަންތައް ހަމަޖައްސާ ފޯމެވެ. އެ ފޯރމް ހިފައިގެން އަޒީމް ބޭރަށް ނިކުންނަމުން ރިޔާޒް ގާތު ލޭގެ ޓެސްޓު ހަދަން ދާން ހިނގާށޭ ބުނެލިއެވެ.

ދެމީހުން އަވަސްވެގަތީ ކައުންޓަރާ ދިމާއަށެވެ. މެމޯކޮޅެއް ހައްދާލުމަށްފަހު އެމީހުން އަވަސްވެގަތީ ލެބޯޓްރީއަށެވެ. މީރާއަށް ލޭދިނުމަށް ކްރޮސްމެޗް ދިމާވޭތޯ ހަދާ ލޭގެ ޓެސްޓުތައް ހެދުމަށެވެ. އެއަށްފަހު އެދެމީހުން ނިކުތީ އެޑްމިޝަން ކަންތަކުގައެވެ. "އެމަޖެންސީގަ އޮތް ޕޭޝަންޓް މީރާގެ ރޫމް ހަމަޖެހޭނީ ކޮންއިރަކު..." އަޒީމާ އެކީ ކައުންޓަރާ ގާތްވެލަމުން ރިޔާޒް އަހާލިއެވެ.

"ކުޑަ އިރުކޮޅަކުން ހަމަޖެހޭނެ.. ހަމަޖެހޭއިރަށް ތިފަރާތުން ދެއްވާފައިން ނަންބަރަށް ގުޅާލާނަން..." އަދަބުވެރިކަމާއެކު ކައުންޓަރުގަ އިން ކުއްޖާ ވާހަކަ ދެއްކިއެވެ. އެވަގުތު ރިޔާޒްގެ ފޯނަށް މެސެޖެއް އައިސްގެން ފޯނަށް ބަލާލިއެވެ.

"އަޒީމް އަހަރެން ދަނީ އެތެރެއަށް... ތިކަންތައް ނިންމާލަފަ އާދޭ އިނގޭ... މަންމަ އެ މެސެޖް ކުރީ ލޭ ދޭން ބުނި އަނެއްސޮރު އައިސްގެން.... ރިޕޯޓްތައް ލިބުނީމަ ގުޅާނަން... ދަނީ އިނގޭ..." ރިޔާޒް އަވަސް ފިޔަވަޅުތަކެއްގައި މިސްރާބު ޖެހީ އަވަސްފަރުވާދޭ ކޮޓަރިއާ ދިމާއަށެވެ.

އަވަސްފަރުވާދޭ ކޮޓަރިއަށް ވަތްއިރު އެތަނަށް ޞަފޫރާ ގުޅައިގެން ގެނައި މީހާ އައިސް ހުއްޓެވެ. އެހެންކަމުން ރިޔާޒް އަވަސްވެގަތީ އެމީހާ ގޮވައިން ލޭގެ ޓެސްޓުތައް ހަދަން ދިއުމަށެވެ. ރިޔާޒް ނިކުތް އިރު އެތަނަށް މުނީރާ އައިސް ވަންނަނީއެވެ. މުނީރާ އައިސް ވަނީ މަންޝާ އެނދުމަތި ކޮށްފައިވާ ދިމާއަށެވެ. މަދީހާ އޭރު ހުރީ އެތާ އެކަންޏެވެ. މުނީރާ އައިސް މަދީހާ ގާތަށް ހުއްޓެމުން ވާހަކަ ދއްކިއެވެ. "މިހާރު މަންޝާ ކިހިނެއްތަ؟... ކިހިނެއްވެގެން ވީކަމެއްތަ މީ؟..."

ކުއްލިއަަކަށް މަންޝާއަށް މިދިމާވި ކަންތަކުން މުނީރާ ވެސް ހުރީ އަޖައިބު ވެފައެވެ. "ޑޮކްޓަރުން ބުނީ ލޭ މަދު ވަނީއްޔޯ... އަދި ޓެސްޓުތައް ހެދީމަ ވާނުވާ އިނގޭނީ..." މަދީހާގެ ވާހަކަ މެދުކެނޑުނީ އެވަގުތު މަންޝާގެ މެރިފައިވާ ދެލޯ ހުޅުވާލުމުންނެވެ.

އެހެންކަމުން މަދީހާ އަވަހަށް ނަރުސްކުއްޖަކަށް ގޮވާލަމުން މަންޝާ ގާތަށް ކައިރިވެލިއެވެ. މަންޝާގެ އަތުގައި މަދީހާ ފިރުމާލިއެވެ. ދެލޯ ބޮޑުކޮށްލަމުން މަންޝާއަށް ބަލާލެވުނީ އޭނާ އޮތްތަން ގަބޫލު ނުކުރެވުމުންނެވެ. ވަށައިގެން މުޅިތަނަށް ބަލާލަމުން ކައިރީގައި ހުރި މަދީހާއާ ދިމާއަށް މަންޝާ ބަލާލިއެވެ.

"ކީއްވެ އަހަރެން ހޮސްޕިޓަލަށް ގެނައީ..." މަންޝާއަށް އޭނާގެ ބަނޑުގައި އަތް ޖައްސާލީ ބޭއިޚްތިޔާރުގައެވެ.

"އަނެއްކާ ބޭބީއަށް ކަމެއްވީތަ؟..." ހާސްވެފައި އޮވެ މަންޝާއަށް އެހެން އަހާލެވުނީ ވީ އެއްވެސް ކަމެއް އޭނާގެ ހަނދާނަށް ނާންނާތީއެވެ.

"މަންޝާއެއް ނޫންތަ މަންމައަށް ގުޅާފަ ބުނީ ބޮލުގަ ރިއްސާ ވާހަކައާ ހޮސްޕިޓަލަށް ދާން އަވަހަށް އަންނާށޭ..." އޭރު ވީ ކަންތައް މަންޝާއަށް ހަނދާންކޮށްދޭން މަދީހާ ވީގޮތް ކިޔައި ދިނެވެ. ގަދައަށް ބޮލުގަ ރިއްސުމުުގެ ސަބަބުން މަންޝާއަށް އެވަގުތު ވާނުވާ ނޭނގުނީ ކަމަށް މަދީހާއަށް ގަބޫލު ކުރެވުނެވެ.

"ކޮން ދުވަހެއްގެ ވާހަކައެއް ތި ބުނަނީ... އަހަރެެން މިއަދު ރަށުން އައީ... ރަށުން އައިސް ގޭގަ ހުއްޓާ ޒުހާ އައި... ދެން... ދެން..." މަންޝާ ދެލޯ ބާރުކޮށްގެން އޮވެ އޭރު ވީކަންތައް ހަނދާން ކުރަން މަސައްކަތް ކުރިއެވެ. މަންޝާގެ ބޮލުގެ އެއްފަރާތަށް ތޫނު ތަދެއް އަރަމުން ދިޔައެވެ. އެތަދަށް ކެތް ނުކުރެވޭތީ ބޮލުގައި މަންޝާ އަތް ޖައްސާލިއެވެ.

"އެކަމަކު ދަރިފުޅާ ރަށުން އައިތާ މިހާރު ހަތަރު ދުވަސް މިވީ...." މަދީހާއަށް އެހެން ބުނެވުނު އިރު އެ އެނދު ކައިރިއަށް ޑޮކްޓަރަކާ އެކީ ނަރުސް ކުއްޖެއް އައެވެ.

"ހެއި މަންޝާ... ކިހިނެއްތަ؟..." ޑޮކްޓަރ މަންޝާއާ ސުވާލުކޮށްލަމުން މަންޝާގެ މޫނަށް ބަލާލިއެވެ. އެއަށްފަހު މަންޝާގެ އަތުގެ ކުޑަހުޅުގައި ހިފަހައްޓާލަމުން ވިންދު ބަލާލިއެވެ.

"ރަނގަޅު... އާހް... އެކަމަކު ވަރަށް ބޮޑަށް ބޮލުގަ ރިއްސާ..." މަންޝާ ވާހަކަ ދައްކަމުން އެނާގެ އަތުގެ ހުދުހަން ކަހަން ފެށިއެވެ.

"މަންޝާ... އާ ޔޫ ހެވިން އެނީ ސްޓްރެސް އެޓް ހޯމް... ބަނޑުބޮޑު ދުވަސްވަރު ކަންކަމާ މާ ބޮޑަށް ފިކުރުކޮށް ވިސްނުމަކީ މާ ބަނޑުމީހާއަށާ ބަނޑުގައިވާ ކުއްޖާއަށް ރަނގަޅު ކަންތައްތަކެއް ނޫން.. މަންޝާގެ ހަށިގަނޑުން ވަރަށް ފެންމަދުވެފަ ހުރިކަން ފާހަގަ ވޭ... ވަރަށް ބޮޑަށް ޑީ ހައިޑްރޭޓް ވެފަ ތިހުރީ... ގިނައިން ދިޔާ އެއްޗިސް ބޭނުން ކުރަން ވާނެ.. އަދި ރަނގަޅު ކާނާވެސް ބޭނުން ކުރާންވާނެ... މަންޝާގެ އަތް ތިހެން ވަރަށް ގަދައަށް ކަހާތަ؟..." މަންޝާ ނުހުއްޓި އޭނާގެ އަތް ކަހަމުން ދާތީ ޑޮކްޓަރ އަނެއްކާވެސް ސުވާލެއް ކޮށްލިއެވެ.

"ނޭނގެ... މިހާރު ވަރަށް ކަހާ..." މަންޝާ ނުކަހަން މަސައްކަތް ކޮށްގެން އޮތް ނަމަވެސް އެނާއަށް އަތް ނުކަހާ އޮވެވޭ ގޮތެއް ނުވިއެވެ.

"ނާރސް ޕްލީސް ޑޫ ހާ ލިވަރ ފަންކްޝަން ޓެސްޓް ވިތް ދި އަދާ ޓެސްޓްސް... އެންޑް ސްޓަރޓް އެން އައިވީ.... އަޅުގަނޑު މަންޝާ އޮބްޒަވޭޝަންގަ ބާއްވާލާނަން... ޓެސްޓްތަކުގެ ނަތީޖާ ލިބުނީމަ އަދި ވަކި އެއްޗެއް ބުނަން އިނގޭނީ... ދިޔާ އެއްޗިސް ގިނައިން ނަގަން ވާނެ..." ޑަކްޓަރ މިހެން ބުނުމަށްފަހު އެ ތަނުން ނިކުތެވެ.

*** *** *** *** *** ***

މަންޝާގެ އެޑްމިޝަން ފޯމް ކައުންޓަރާއި ހަވާލުކުރުމަށްފަހު އަޒީމް އަވަސްވެގަތީ އޭޑީކޭ އިން ބޭރަށް ނިކުންނާށެވެ. އަޒީމްގެ ފޯނު ނަގާ އޭނާގެ އޮފީހުގެ ނަންބަރަށް ގުޅާލަމުން މިއަދު އޮފީހަށް ނުދެވޭނެ ކަމަށާ އަޒީމް މިވަގުތު މިއުޅެނީ އަންހެނުން ބަލިވެގެން ހޮސްޕިޓަލުގައި ކަމަަށް ބުނަމުން ހަފްތާއެއްގެ ޗުއްޓީ ހަމަޖެއްސޭތޯ މަސައްކަތް ކުރިއެވެ. އެ ފޯނަށް ވާހަކަ ދައްކަދައްކާ ހުއްޓާ އަޒީމްގެ ޖީބުގައިވާ މަންޝާގެ ފޯނު ރިންގް ވާތީ އެފޯނު ނަގާ ބަލާލިއެވެ. މަންޝާގެ ފޯނަށް އެ ގުޅަނީ ނަވާފް ކަމުން އަޒީމް މަޑުޖެހިލިއެވެ. އޮފީހަށް ގުޅައިގެން އިން ކޯލު ނިންމާލުމަށްފަހު ނަވާފްގެ ކޯލު ނަގާ ކަންފަތުގައި ފޯނު ޖައްސާލިއެވެ.

"ހެއި މަން.. އަހަރެމެން މިތިބީ އެއަރޕޯޓުގަ.. ބިޒީކަމުން ނުގުޅުނީ... އެކޮޅަށް ގޮއްސަ ގުޅާނަން އިނގޭ..." އެކޮޅުން ވާހަކަ ދެއްކީ ޒުހާއެވެ. އަޒީމް އެ ކޯލަށް ޖަވާބު ދިނެވެ. ކުއްލިގޮތަަކަށް މަންޝާ ހޮސްޕިޓަލަށް ގެނައި ވާހަކައާ ޑޮކްޓަރުން އަދި ވަކި ޖަވާބެއް ނުދޭ ކަމަށް ވެސް ބުންޏެވެ. އަޒީމް ޒުހާގެ ފޯނަށް ވާހަކަ ދައްކަމުން މަޑު ފިޔަވަޅުތަކެއްގައި އޭޑީކޭގެ ގޯތިތެރެއިން ބޭރަށް ނިކުމެ ސޯސަންމަގުގެ ދެފަރާތަށް ބަލާލިއެވެ. އެވަގުތު އަޒީމްގެ ލޮލުގައި އަޅައިގަތީ ދުރުދުރުން ހޮސްޕިޓަލާ ދިމާއަށް ހިނގާފައި އައި ޟިރާރެވެ.

"އަޅެ... މަށަށް ވާނުވާ ވައިބާރ ކުރާތި... އަހަރެން އެކޮޅަށް ގޮޮއްސަ އަޒީމަށް ގުޅާނަން.. އޭނައަށް ރަނގަޅަށް ބަލާތި... މަންޝާއަށް ކަމެއްވާކަން އަހަންނަށް ފާހަގަވާތާ ދުވަސްކޮޅެއް ވެއްޖެ.. އޭނަ އަހަންނާ ވަރަށް ދުރު ވެއްޖެ... އެއީ އެހެންޏާ މަންޝާ އުޅޭ ގޮތެއް ނޫން... ދެން ބޭއްވީއޭ... ފުރަން ދާން މިދަނީ.. ބާއި..." ޒުހާގެ ފޯނު ކަނޑާލަމުން އަޒީމް މަޑުކޮށްލީ ޟިރާރާ އެކީ އެތެރެއަށް ވަންނާށެވެ. ޟިރާރު އެ އަންނަނީ މީރާ ގާތަށް ކަން އަޒީމަށް އެނގުނެވެ.

"އަޒީމް... ކީއްކުރާނީ؟.. މިތާ މީރާ އެބައޮތް އެޑްމިޓްކޮށްފަ...." އަޒީމާ އަރާ ހަމަވުމުން ޟިރާރު ވާހަކަ ފެށިއެވެ.

އާން ތިކަން އިނގޭ... އަހަރެން މިއައީ މަންޝާ ގޮވައިގެން.. އޭނާ ހޭނެތިގެން.. އަދި ވާގޮތެއް އެނގޭނީ ޓެސްޓުތަކަށް ފަހުން... މިތަނަށް އައިތަނުން ރިޔާޒާ ދިމާވެއްޖެ... މީހާރު މީރާ ގަޔަށް ލޭ އަޅަން ޖެހިގެން އުޅެނީ... ލޭ މަދު ވަނިއްޔޯ..." ޟިރާރާ ސަލާމްކޮށްލަމުން މީރާގެ ހާލަތު އަޒީމް ބަޔާންކުރިއެވެ.

"އެހެންތަ... މިހާރު ލޭ ދޭނެ މީހަކު ވެއްޖެތަ؟..." ޟިރާރުގެ ސުވާލު ވަރަށް ކުރެވެ.

"އާން... އަހަރެންނާ... އަދި އެހެން މީހަކު ވެސް ވެއްޖެ..." އަޒީމް އަތުގައި އޮތް މަންޝާގެ ފޯނު އޭނާގެ ޖީބަށް ލަމުން ހޮސްޕިޓަލު ތެރެއަށް ވަންނަން އެނބުރިލިއެވެ.

"ކޮންތާކު މަންޝާ އޮތީ؟... ހިނގާބަލަ އެމަންޖެ ކައިރިއަށް ދާން... މަންޝާވެސް ބަނޑުބޮޑު ދޯ... މީރާއާ މަންޝާއާ މި ބަނޑުބޮޑުވީ ދާދި އެކުއެކީގަ ދޯ..." ޟިރާރުގެ ވާހަކަ އެހިސާބުން މެދުކެނޑުނީ އޭނާގެ ފޯނު ވައިބްރޭޓް ވުމުންނެވެ. ފޯނު ނަގާ އޭގެ ޑިސްޕްލޭއަށް ޟިރާރު ބަލާލިއެވެ. އެހިސާބުން ޟިރާރުގެ ފިޔަވަޅު މަޑުޖެހުނެވެ.

"އެމަރޖެންސީ ރޫމްގަ... މީރާ އާ ޖެހިގެން އަނެއް އެނދުގަ މަންޝާ އޮތީ..." ވާހަކަ ދައްކަމުން އޭރު އަޒީމް އެތެރެއަށް ވަންނަން ހިނގައިގަތީއެވެ. އަޒީމަށް ގޮވާލަމުން ޟިރާރު މިދަނީ ކަމަށް ބުނެލިއެވެ.

އަޒީމް އެތެރެއަށް ވަދެގެން ދިޔައީ އޮފީހުން އެދުނު ފަދައިން އެމީހުންގެ މެނޭޖަރުގެ ނަންބަރަށާ އެޗްއާރުގެ ނަންބަރަށް މެސެޖެއް ކުރަމުންނެވެ. އަވަސްފަރުވާދޭ ކޮޓަރިއަށް ވަދެ އޭނާ ގާތްވެލީ މަންޝާއޮތް އެނދު ކައިރިއަށެވެ. އަޒީމަށް އެހިސާބަށް ދެވުނު އިރު މަންޝާމެން ދައްކަމުން ދިޔަ ވާހަކަ ސާފުކޮށް އަޑުއިވުނެވެ.

"މުނީރައްތަ ކޮބާ އަފްނާނު؟... ހަސަންބެގެ ޚަބަރެއް ނުވޭތަ؟..." މަންޝާ ވާހަކަ ދެއްކީ މަދީހާމެންނާއެވެ. ރަށުން އައި ފަހުން އަފްނާންމެންނަށް ދިމާވި ކަންތައް މަދީހާ ގުޅާފަ ކިޔައިދިން ނަމަވެސް އެއިން އެއްވެސް ވާހަކައެއް މަންޝާއަކަށް ނޭނގެއެވެ. އޭނާގެ ހަނދާނުގައި ހުރީ އީދު ދަތުރު ނިންމާފަ މާލެއަށް އައި ދުވަހާ ހަމައަށެވެ.

"އަޅެ މަންޝާއަށް މަންމަ ގުޅާފަ ކުރިން ދުވަހުވެސް ވާހަކަ ދެއްކިން... އެއިން އެއްވެސް ކަމެއް ހަނދާން ނުވަނީތަ؟..." މަދީހާ ހުރީ އަންތަރީސް ވެފައެވެ.

"ކޮންއިރަކުތަ މަންމަ ގުޅީ؟..." މަންޝާ ދެބުމަގޮށް ޖަހާލަމުން ވާހަކަ ދެއްކިއެވެ.

(ނުނިމޭ)