ރިޔާޒްގެ މަންމައަށް ވަމުން ދިޔަ ގޮތްތައް ފެނި ޖެހިލުން ވިއެވެ. އާމިނަ އެބުނި ދުވަހަކީ ރިޔާޒަށް ވެސް ހިތުން ފޮހެލަން އުނދަގޫ ދުވަހެކެވެ. ކޮޓަރިން ނިކުމެ ކޮޓަރީގެ ދޮރު ލައްޕާލަމުން ރިޔާޒް އޭނާގެ މަންމައާ ވާހަކަ ދެއްކިއެވެ.
"މަންމާ... ހަމަޖެހިބަލަ... މީ އަޒީމްގެ މަންމަ ދިން އެއްޗެއް... ބައްޕައަށް ދޭށޭ ބުނީ..." ރިޔާޒް ވާހަކަ ދެއްކީ ވަރަށް މަޑުންނެވެ. ރިޔާޒާ ދިމާއަށް އާމިނަ ބަލާލީ ހައިރާންވެފައި ހުރެއެވެ.
"އަދިވެސް އިބްޒީމާ މި ކުޅިގަނޑު ހުއްޓާކަށް ނޫޅޭތަ؟... ރިޔާޒް މިއިން އެއްވެސް ކަމެއްގަ އުޅޭކަށް އަހަރެން ގަބޫލެއް ނޫން..." އާމިނަ ދެލޯ ފޮހެލަމުން ވާހަކަ ދެއްކި ނަމަވެސް އޭނާގެ ލޮލުން ކަރުނައެއް ނުހިކެއެވެ.
"މަންމާ... ބިރުނުގަނެބަލަ.. އިރާދަކުރެއްވިޔާ އަހަރެމެންނަށް އެއްވެސް ގޮތެއް ނުވާނެ... ރޫހީއަށް ދިމާ ކުރި ޖިންނި މަންމައަށް ވެސް އުނދަގޫ ކުރިއެއްނު.. އަނެއްކޮޅުން މީރާއާ ވެސް ދިމާ ކުރީ... ބައްޕަ މިކަން ކުރާނީ ގައިމުވެސް މި އާއިލާއަށް ރަނގަޅަކަށް..." ސޯފާގައި އާމިނަ ބޭންދުމަށްފަހު ރިޔާޒް މިސްރާބު ޖެހީ ކާމޭޒުމަތީ ބަހައްޓާފަ ހުރި ފޮތްތަކާ ދިމާއަށެވެ.
ޟިރާރު އައިސް ގެއަށް ވަނީ އެވަގުތުއެވެ. ޟިރާރު ވަނުމާ އެކީ އާމިނަ ޟިރާރާ ދިމާއަށް ބަލާލިއެވެ. އާމިނަ އިން ގޮތް ފެނުމުން ކޮންމެވެސް ކަމެއް ގޭތެރޭގައި ހިނގައިފިކަން ޟިރާރަށް އެނގުނެވެ. "ކިހިނެއްވީ އާމިނާ؟..."
"މަގޭ ކައިރީ ނުވެސް ބުނަމެއްނު މިވަރުކަމެއް ކުރަން އުޅޭ އިރު... އިބްޒީމާ އަތުން އެ ފޮތްތައް ގެނައި ކީއްކުރާކަށްތަ؟..." ޝަކުވާގެ ރާގަކަށް އާމިނަ އެހެން ބުނި އިރު ރިޔާޒް ފޮތްތައް ހިފައިގެން ސޯފާއާ އަރާ ހަމަވަނީއެވެ. ޟިރާރު އެވަގުތު ބަލާލީ ރިޔާޒްގެ އަތުގައި ހުރި ފޮތްތަކާ ދިމާއަށެވެ. ރިޔާޒް ބަހެއް ނުބުނެ ހުރީ އޭނާގެ ބައްޕަ ބުނާ އެއްޗަކަށް ބަލާށެވެ.
"ކޮން އިރަކު ފޮތްތައް ލިބުނީ؟... މިއަދު ދެބުރަކަށް އިބްޒީމާ ވެސް މަށަށް ގުޅައިފި ތި ފޮތްތައް ލިބުނުތޯ އަހަން..." ރިޔާޒް އަތުގައި ހުރި ފޮތްތަކުގައި ހިފަމުން ޟިރާރު ސުވާލުކޮށްލިއެވެ.
"މެންދުރު އަޒީމް އައިސް ފޮތްތައް ހަވާލުކުރީ... ބައްޕާ މިކަމުން އަހަރެމެންގެ އާއިލާއާ އަޅައިގަނެގެން މިއުޅޭ ޖިންނީގެ ކިބައިން ސަލާމަތް ވެވޭނެތަ؟... މަންމަ ތިކަމާ ވަރަށް ބިރުން އެއުޅެނީ..." ރިޔާޒް ބޭނުންވީ އެއީ އެންމެ ރަނގަޅު ގޮތްތޯ ބަލާށެވެ. ރިޔާޒަށް އެފަދަ ކަންތައްތަކާބެހޭ ގޮތުން މާގިނަ އެއްޗެއް ނޭނގޭތީ އޭނާވެސް ބުރަވީ ބައްޕަގެ ނިންމުމަށެވެ.
"އާން... އާމިނަ ރޫހީއަށް ބަނޑުބޮޑު އިރުން ފެށިގެން އަހަރެމެންގެ އާއިލާއާ އަޅައިގަނެގެން އުޅުނު ޖިންނިއެއްގެ ކިބައިންވެސް ސަލާމަތްވީ މިފޮތްތަކުގެ އެހީގަ... ވޭތުވެދިރަ 19 އަހަރު ތެރޭގައި މި އާއިލާއަށް އެފަދަ އެއްވެސް އުނދަގުލެއް ނުވެ މިހުރީ އެދުވަހު އެހެދުނު ފަންޑިތައަކުން... އެހެންވެ މިފަހަރު ވެސް މިފޮތްތަކުގެ އެހީގައި އަހަރެމެންގެ އާއިލާއާ ދިމާކޮށްގެން މިއުޅޭ ޖިންނީގެ ކިބައިން ސަލާމަތް ވެވޭނެކަމަށް ބައްޕަ ގަބޫލު ކުރަނީ..."
ޟިރާރުގެ ވާހަކަ މެދުކެނޑުނު ތަނާ ރިޔާޒްގެ ކަންފަތުގައި ޖެހުނީ މީރާ ރޮއިގެން އަޑެވެ. އެންމެންނަށް އެއްފަހަރާ ކޮޓަރިއާ ދިމާއަށް ބަލާލެވުނެވެ. އޭރު ކޮޓަރި ދޮރު މަތީ ހުއްޓިގެން މީރާ ހުރި ގޮތުން އެންމެން ހާސްވިއެވެ. ދެލޯ ބޮޑުކޮށްގެން މީރާ ހުރެ ކުރިއަށް އެޅި ފިޔަވަޅާ އެކީ ކަނޑާލި ރުކެއްހެން ބިންމައްޗަށް ވެއްޓުނެވެ. ރިޔާޒް ދުވެފައި ގޮސް މީރާ ކައިރިއަށް ތިރިވިއެވެ. ޟިރާރާއި އާމިނަ ވެސް މީރާ ގާތަށް ދިއައެވެ.
"ރިޔާޒް... މީރާ ސޯފާ މައްޗަށް ގެނޭ.. އާމިނަ ދޭ ފެންތައްޓެއް ގެންނަން..." ހަދާނެ ގޮތެއް ނޭނގިފައި ހުރި ރިޔާޒަށް ހަދަންވީ ގޮތް ކިޔައި ދިނީ ޟިރާރެވެ. ރިޔާޒްގެ އަތްދަނޑި މައްޗަށް ލާ މީރާ އުރާލައިގެން ގެނެސްް ސޯފާގައި ބޭއްވިއެވެ. މީރާގެ ގައި ދަށުން ރިޔާޒްގެ އަތް ދަމައިގެން ވަގުތު ރިޔާޒްގެ އަތުގައި ތެތް އެއްޗެއް ހޭކުނުހެން ހީވިއެވެ. އަތަށް ބަލާލުމަށްފަހު މީރާގެ ސްކިނީއަށް ބަލާލިއެވެ. ކުކުޅު ބިސްކުލައިގެ ސްކިނީގައި ލޭ ހޭކިފައި ހުރިކަން ރިޔާޒަށް އެނގުމުން ރިޔާޒް ތެޅިގަތެވެ. ޖިންސު ޖީބުގައި އޮތް ފޯނު ނަގާ އަވަހަށް އެމްބިއުލަންސަށް ގުޅަން ނަންބަރު ޑައަލް ކޮށްލިއެވެ.
*** *** *** *** *** ***
ފޯނު ރިންގްވާ އަޑަށް އަޒީމް ފުންމައިގެން ތެދުވެ ގަޑިއަށް ބަލާލިއެވެ. އިރު އޮއްސުމުގެ ސަބަބުން މުޅި ކޮޓަރިތެރެ ވަނީ އަނދިރި ވެފައެވެ. ފޯނު ނަގާ އަޒީމް ބަލާލީ އެ ގުޅަނީ ކާކުތޯ ބަލާށެވެ. އިބްޒީމާ ކަން އެނގުމުން އަޒީމް ފޯނު ނަގާ ކަންފަތުގައި ޖައްސާލި ވަގުތު އާފުރިލިއެވެ.
"އަޒީމް.. ކީއްވެތަ އަހަރެން ގުޅީމަ ތި ފޯނު ނުނަގަނީ... ގުޅާ ގުޅާ މޮޔަ ވެއްޖެ..." އިބްޒީމާގެ ޒީލަގަދަ އަޑު ޖެހުމުން އަޒީމް ދެލޯ މަރާ ބާރުކޮށްލިއެވެ.
"ކީކޭ މަންމާ... އަހަރެން ގެއަށް އައިސް ނިދީއޭ... މިއަދު ފަތިހު ގެއަށް އައި ގޮތަށް އޭރު އުޅުނީ.. އަނެއްކޮޅުން މިރޭ ޑިއުޓީއަށްވެސް ދާން ޖެހޭ އެހެންވެ މެންދުރު ނިދަން ޖައްސާލީ..." ލޮލުގެ ކަނުގައި އިނގިލި ޖައްސާ ފޮހެލަމުން ވީގޮތް އަޒީމް ކިޔައި ދިނެވެ.
"އަހަރެން ހަވާލުކުރި އެތި ޟިރާރަށް ގެންގޮސް ނުދޭތީ މި ގުޅަނީ.. ކޮން އިރަކުތަ އެ ޕާރުސަލް ގެންގޮސްދޭނީ... އެ ގަޑީގަ އެގެންގޮސްދީފަ ނިދަން ގޮސް އޮތްނަމަ..." އިބްޒީމާ އަޒީމަށް ގުޅި ސަބަބު ހާމަ ކުރިއެވެ.
"މަންމާ... އަހަރެން އެހަވާލުކޮށްފީމޭ..." ދެލޯ އުނގުޅަމުން އަޒީމް އެނދުން ތެދުވިއެވެ.
"ދެންމެ މަ ޟިރާރަށް ގުޅީމަ ވެސް ބުނި އެ ނުލިބޭ ވާހަކަ.. ކާކާތަ އެ ހަވާލުކުރީ...." އިބްޒީމާ ކުރި ސުވާލަށް ޖަވާބުދެމުން އަޒީމް އެ ޕާރުސަލް ހަވާލުކުރީ ރިޔާޒަށޭ ބުންޏެވެ.
"ސާބަސް އަޒީމަށް.. އަހަރެން ބުނީ ޟިރާރާ ހަވާލު ކުރާށޭ ދޯ... ދެން ކީއްކުރަން ރިޔާޒާ ހަވާލު ކުރީ... މީހަކު ކަމެއް ކޮށްދޭށޭ ބުނީމަ ކޮށްދޭ ގޮތްތަ ތީ... އެންމެ ކުޑަމިނުން މަންމައަށް ގުޅާފަ ބުނި ނަމަ އަހަރެންނަށް މިހާ ތެޅޭކަށް ނުޖެހުނީހެއްނު.. ހޫން. ދެން ފޯނު ބާއްވަނީ.. ޟިރާރަށް ގުޅާފަ ބުނީމަ ދޯ އިނގޭނީ ވެސް...." އިބްޒީމާ ފޯނު ކަނޑާލުމުން އަޒީމް ޗުސް ކަނޑާލިއެވެ. ރީތިވާ މޭޒު ކައިރިއަށް ގޮސް ކޮޓަރީގެ ބޮކި ދިއްލާލަމުން ލޯގަނޑު ކުރިމައްޗަށް ހުއްޓުނެވެ. އަޒީމްގެ އިސްތަށިގަނޑުގައި އަތްހާކާލާމުން ލޯގަނޑާ ގާތްވަމުން މޫނަށް ބަލާލިއެވެ.
"ކާކުތަ އެ ގުޅީ؟..." ދެލޯ ހަނިކޮށްގެން އޮވެ އަޒީމާ ދިމާއަށް އެނބުރެމުން މަންޝާ އަހާލިއެވެ. އަޒީމް ފޯނުގަ ހުރެ ވާހަކަ ދައްކާ އަޑަށް މަންޝާއަށް ހޭލެވުނީކަން އަޒީމަށް އެނގުނެވެ.
"އެގުޅީ މަންމަ...." އަޒީމް ފާޚާނާއަށް ވަންނަން ދާން އެނބުރިލި ވަގުތު ރީތިވާ މޭޒުމަތީ އޮތް މަންޝާގެ ފޯނު ރިންގްވާ ތަން ފެނުނެވެ. އެ ފޯނު އޮތީ ސައިލެންޓަށް ލާފައި ކަމުން ރިންގްވާ އަޑެއް ނީވެއެވެ. ފޯނު ނަގަމުން އަޒީމް ބުނެލިއެވެ. "މަންޝާގެ ފޯނަށް ޒުހާ ވެސް އެވަރަށް ގުޅާ އިރު ފޯނަށް ޖަވާބު ނުދެނީ ކީއްވެތަ؟.. ސައިލެންޓަށް ލާފަ އޮންނަންޏާ ނޭނގޭނެ ދޯ މީހަކު ގުޅިއަސް... އަން މިއޮއް ގުޅާނީ މަންޝާގެ މަންމަ..." މަންޝާއާ ދިމާއަށް ފޯނު ދިއްކޮށްލަމުން އަޒީމް ވާހަކަ ދެއްކިއެވެ.
އެ ފޯނަށް ޖަވާބު ދޭން ބޭނުން ނުވާތީ މަންޝާ ތުން އޫކޮށްލަމުން ދެއަތަށް ބޯ ހުރާލީ އެނދުން ތެދުވަމުންނެވެ. "ކިހިނެއްތަ ތިއުޅެނީ؟... މަންޝާ މާލެ އައި ފަހުން މަންމަ ކައިރިއަށް ގޮސް ވެސް ނުލަމެއްނު... އަން ވާހަކަ ދައްކަބަލަ..." އަޒީމް ފޯނު ނަގާފަ މަންޝާއާ ދިމާއަށް ފޯނު ދިއްކޮށްލިއެވެ. އަނގަޔަށް ވައްތަރެއް ޖައްސަމުން އެ ފޯނު ނަގާ ކަންފަތުގައި ޖައްސާލަމުން ހަލޯއޭ މަންޝާ ބުނެލިއެވެ.
"ދަރިފުޅާ... ފޯނަށް ކިހިނެއް ހަދައިގެންތަ ތި އުޅެނީ... މިގެއަށް ނާންނަނީ ކީއްވެތަ؟... މަންޝާ ރަނގަޅުތަ؟..." މަދީހާ ވާހަކަ ދެއްކީ ވަރަށް ލޯބިންނެވެ.
"އާން މަންމާ ރަނގަޅު.. އެކަމަކު މިއުޅެނީ ވަރަށް ބޮޑަށް ބޮލުގަ ރިއްސާތީ.. އެހެންވެ ބޭރަށް ވެސް ނުނިކުންނަން... ތިގޭ އެންމެން ރަނގަޅުތަ؟.." މަންޝާއާ ދިމާއަށް އަޒީމް ބަލަން ހުރުމުން މަންޝާ ވާހަކަ ދެއްކީ ވަރަށް ލޯބިންނެވެ.
"ދަރިފުޅާ... ވަރަށް ބޮޑު ވާހަކައެއް ބުނަންވެގެން މާލެ އައި ދުވަހުން ފެށިގެން މަންޝާއަށް މަންމަ ގުޅިން.... މިގޭތެރޭގަ ވަރަށް ގިނަ ކަންތައްތައް ހިނގައިފި.... އިނގޭތަ ހަސަންބެ މަރުވި ކަން... ރަށުގަ ދިމާވި ކަންތައްގަނޑަށް ފަހު އޭނަ އަމިއްލައަށް މަރުވީ އަހަރެމެން ފުރި ރޭ... މިހާރު އަފްނާން ވެސް ގެއިން ފިލައިގެން ހިނގައްޖެ.. ނޭނގެ ވީތަނެއް ވެސް.. މުނީރާ ބޭނުމެއް ނުވޭ އަފްނާން ގެއަށް އަނބުރާ ގެންނާކަށް... މަންމަ ވަރަށް ދެރަވޭ... އަފްނާން ކިހިނެއް އެކަނިމާ އެކަނި އުޅޭނީ ވެސް..." މަދީހާ އެއްފައްޗަކަށް ހުރިހާ ވާހަކައެއް މަންޝާއަށް ކިޔައިދިނެވެ.
"އެހެންތަ؟.. ނޭނގެ... އަޅެ އަފްނާން ދެން ނާންނާނެތަ؟... ކޮބާ މާމަ؟..." މަންޝާ އެނދުން ތެދުވަމުން މަދީހާ ދެއްކި ވާހަކައަށް ޖަވާބުދިނެވެ.
"މާމަ ވީ ހުޅުމާލޭގަ... މަންމަ ވެސް މިރޭ މިއުޅެނީ ހުޅުމާލެއަށް ދާން ކަމަށް... މާދަމާއަކީ ހުކުރު ދުވަހެއްނު... އެކޮޅުގަ ގޮސް މަޑުކޮށްލާފަ ސްކޫލު ހުޅުވޭ ދުވަހަށް އަންނަން ކަމަށް... ދަރިފުޅާ ފަހުން ގުޅާނަން. މިގަޑީ ފޯނު ބޭއްވީ އިނގޭ..." މަދީހާގެ ފޯނު ކަނޑާލަމުން މަންޝާ ފޯނު އެނދުމައްޗަށް ހޫރާލިއެވެ. އޭރު އަޒީމްވީ ފާޚާނާގައެވެ. މަންޝާ ލައިގެން ހުރި ހެދުން ބޭލުމަށްފަހު ފާޚާނާއަށް ވަންނަން މިސްރާބު ޖެހިއެވެ.
*** *** *** *** *** ***
"އަަހަރެންނަކީ އެއް އިރަކު ވެސް ޒިބާން ހިފަހައްޓައިގެން ގެންގުޅުނު މީހެއް ނޫން... އެހެންވެ ކަންނޭނގެ ޒިބާން ތިހިސާބަށް ތި ދިޔައީ ވެސް... ބައްޕަ މި ދައްކާ ވާހަކަ ކަނުލާ އަޑު އަހާތި... ދަރިފުޅު މިތާ ބައްޕަ ހިފެހެއްޓީ ދަރިފުޅުގެ ރައްކަލަކަށް... އެމީހުން ފަންޑިތަ ހަދައިގެން ދަރިފުޅުމެން ހޯދަން މަސައްކަތް ކުރަމުން ދާތީ... ބައްޕަ މިދޭ އެއްޗަށް ވަރަށް ބަލައިގެން އުޅޭތި... މީ ޒިބާން އެ ފަންޑިތަވެރިންގެ ލޯތަކަށް ފޮރުވައިދޭނެ ވަސީލަތެއް... ހަނދާންކޮށް މި އަނގޮށްޓި ޒިބާންގެ އަތުން ނުނަގާތި..." ސައިބްރޯތު ވާހަކަ ދައްކަމުން އައިސް ޒިބާން ކުރިމައްޗަށް ހުއްޓުނެވެ. އަދި އޭނާގެ އަތް ހުޅުވާލަމުން ޒިބާނާ ދިމާލަށް ރިހި އަނގޮށްޓިއެއް ދިއްކޮލިއެވެ. އެއީ ހުދުކުލައިގެ އެހެއް ޖަހާފައިވާ ވަރަށް ރީތި އަނގޮށްޓިއެކެވެ.
ސައިބްރޯތުގެ މޫނަށް ބަލަން ހުރުމަށްފަހު ޒިބާންގެ އިނގިލީގައި އެ އަނގޮށްޓި އެޅިއެވެ. އަނގޮށްޓި އެޅުމާއެކީ އޭގެ ހުދު އެހަށް ރަތްކުލަ އަރައިގެން ދިޔައެވެ. އެވަގުތު ޒިބާންގެ ދެލޯ ވެސް ރަތް ކުލައިން ދިއްލުނެވެ. "ބޮޑުދައިތާ އަހަަރެން މިދަނީ... މި ބޭސް މަންޝާއަށް ދީފަ އަންނާނަން..." ޒިބާން އެތަނުން ދާން ހިނގައިގަތް ވަގުތު ޒިބާންގެ ކުރިމައްޗަށް ތަޒްކިޔާ އެރިއެވެ. "އަހަރެން ވެސް ދާނަން..." ތަޒްކިޔާގެ އެދުމަށް ޒިބާން ބޯ ޖަހާލިއެވެ.
އެވަގުތު ތަޒްކިޔާއަށް ސަކޭރާ ގޮވާލިއެވެ. "ތަޒްކީ... މަޑުކުރޭ... މިހިފައިގެން ދޭ.. ތަޒްކީއަށް ގެއްލުމެއް އައިސްދާނެތީ ދޭ އެއްޗެއް މީ..."
ތަޒްކިޔާ އަތަށް ސަކޭރާ ދިނީ ހުދުކުލައިގެ ހިލަކޮޅެކެވެ. ތަޒްކިޔާގެ މުށުތެރެއަށް އެ ހިލަކޮޅުލާ ބާރުކޮށްލަމުން ސަކޭރާއަށް ޝުކުރު އަދާ ކުރިއެވެ. ޒިބާނާ އެކީ ދާން ތަޒްކީ ހިނގައިގަތެވެ. އެމީހުންގެ ފިޔަވަޅު އެހިސާބުން ހުއްޓުނީ ސައިބްރޯތު ގޮވާލުމުންނެވެ. "ޒިބާން.. ތަޒްކިޔާއަށް ރަނގަޅަށް ބަލާތި..."
ދެމީހުން އެކީ މިސްރާބު ޖެހީ މަންޝާމެން ދިރިއުޅޭ ގެއާ ދިމާއަށެވެ. ވިލާތަކުގެ ތެރެއިން އެ ދެމަޚްލޫގު ދަތުރުކުރަމުން އައިސް ޒިބާން މަޑުޖެހިލިއެވެ. ތަޒްކީ ވެސް މަޑުޖެހިލަމުން ޒިބާނާ ދިމާއަށް ބަލާލިއެވެ. ފުން ނޭވާއެއް ބޭރުކޮށްލަމުން އޭނާގެ އިސްކޮޅަށް ދެމިލިއެވެ. ޒިބާންގެ ހުދު އިސްތަށިގަނޑު ކަޅުކުލައަށް ބަދަލުވިއެވެ. އިސްތަށިގަނޑުގެ ތަންތަންކޮޅުގައި ވަނީ ރަތްކުލަ ޖައްސާފައެވެ. ޒިބާންގެ ހަންގަނޑުގެ ކުލަ ބަދަލުވެ މަންޝާ ކައިރިއަށް ޒިބާން ދާ ސިފައަށް އެއްކޮށް މީހާ ބަދަލުވިއެވެ.
ޒިބާނާ ދިމާއަށް ތަޒްކިޔާ ބަލަން ހުރީ އަޖައިބުވެފައެވެ. މަންޝާ ކައިރިއަށް ދަމުން ޒިބާންގެ ސިފަ ބަދަލުކޮށްލީ މަންޝާއަށް އޭނާ ފެންނަ އިރު ހުންނަ ގޮތަށެވެ. ތަޒްކިޔާ ހުއްޓުން އަރާފަ އެހުރި ގޮތަށް ހުރީ ޒިބާންގެ ރީތިކަން ފެނިފައެވެ. ޒިބާން މަޑުމަޑުން ތަޒްކިޔާއާ ކައިރިއަށް ޖެހިލިއެވެ. ތަޒްކިޔާގެ ހިތްއަވަސްވަމުން ދިޔައެވެ. އޭނާއަށް ޒިބާން އެހުރި ސިފަ ވަރަށް ކަމުދެއެވެ.
"ޒިބާން..." ތަޒްކީއަށް ބުނެވުނީ އެހާ ވަަރަށެވެ.
"ތަޒްކީ ހިނގާ ދާން..." ތަޒްކިޔާގެ އަތުގައި ހިފަމުން ޒިބާން ކުރިއަށް ޖެހިލިއެވެ. ތަޒްކިޔާގެ އަތުގައި ޒިބާން ހިފުމުން އޭނާއަށް ތަފާތު އިހްސާސެއް ކުރަމުން ދިޔައެވެ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެމީހުންނަށް ތިބެވުނީ މަންޝާމެެންގެ ގެއާ ވަރަށް ކައިރީގައެވެ. ތަޒްކިޔާއާއި ޒިބާން އައިސް ތިރިކުރީ މަންޝާގެ ކޮޓަރީގައިވާ ބެލްކަންޏަށެވެ. ޒިބާން ކުރިއަށް ވަންނަން އެޅި ފިޔަވަޅު ހުއްޓުނެވެ. ބެލްކަނީގައި ދަމާފައިވާ ފޮތިގަނޑު ވަޔާ ވިހުރިލި ވަގުތު އެތެރެއިން ޒިބާނަށް ފެނުނު މަންޒަރުން ފަހަތަށް ފިޔަވަޅެއް އެޅުނެވެ.
މަންޝާ ހުރީ އަޒީމް ގައިގައި ބައްދާލައިގެންނެވެ. މަންޝާ ހުރީ ބެލްކަންޏަށް ފުރަގަސް ދީގެން ކަމުން އޭނާއަށް ޒިބާނެއް ނުފެނެއެވެ. އެދެމީހުންގެ ހަށިގަނޑުގައި އެއްވެސް ފޭރާމެއް ނެތެވެ. ތަޒްކިޔާ ކިޔައި ދިން ވާހަކަތައް ޒިބާންގެ ކަންފަތުގައި ގުގުމާލިއެވެ. ޒިބާނަށް އެމަންޒަރު ބަލާކަށް ކުޅަދާނައެއް ނުވިއެވެ. ޒިބާނަށް ކުރަމުން ދިޔަ އިހްސާސްތަކުން އޭނައަށް ވަނީ ކިހިނެއް ކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގެއެވެ. ދެއަތް މުށްކަވާލަމުން ޒިބާން އެ ދޮރަށް ފުރަގަސްދިނެވެ.
ތަޒްކިޔާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ޒިބާނަށް އެފެނުނީ ކުރިން ދުވަހު ތަޒްކިޔާއަށް ވެސް ފެނުނު މަންޒަރެވެ. ޒިބާނަށް ވަމުންދާ ގޮތް ފެނި ތަޒްކިޔާ ހިތުގައި ޖެހުނެވެ. ޒިބާންގެ ކޮނޑުގައި ހިފާލަމުން ވާހަކަ ދައްކަން އޭނާ އަނގަ ހުޅުވާލިއެވެ. އެއްޗެކޭ ނުބުނެވެނީސް ޒިބާން ތަޒްކިޔާގެ އަތް ފޮޅުވާލިއެވެ. ހަމަ އެ ދަނޑިވަޅުގައި ތަޒްކިޔާއާ ކުރިމަތިލާން ޒިބާން އެނބުރުނެވެ. ތަޒްކިޔާ ދެކެ ރުޅި އައުމުގެ ބޭނުމެއް ނެތްކަން ޒިބާނަށް އެނގުނެވެ. އެހެންކަމުން ތަޒްކިޔާ އަތުގައި ހިފަމުން ބެލްކަނިން މައްޗަށް އުދުއްސައިގަތެވެ. ވިލާތަކާ ހަމަޔަށް އެރުމުން ތަޒްކިޔާ ޒިބާން ހުއްޓުވިއެވެ. "ޒިބާން... މަޑުކޮށްބަލަ..."
ޒިބާން ހުރީ ހަމައިގައި ނޫންކަން ތަޒްކިޔާއަށް އެނގުނެވެ. ޒިބާންގެ މޫނުމަތިން ފެންނަމުން ދިޔައީ ތަފާތު ކަމެކެވެ. އޭނާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. ދެލޮލުން ފާޅުވަމުން ދިޔައީ މަޑު ރަތް ކުލައެކެވެ. ޒިބާނަށް ހިތްވަރުދޭން ބުނާނެ އެއްޗެއް ތަޒްކިޔާއަކަށް ނޭނގުނެވެ. ނުވިސްނާ ހުއްޓާ ތަޒްކިޔާގެ ގައިގައި ޒިބާން ބައްދާލިއެވެ.
ތަޒްކިޔާ ގަނޑުވި ކަހަަލައެވެ. ޒިބާންގެ ހިތް ކުދިކުދިވެއްޖެ ކަން ތަޒްކިޔާއަށް އެނގުނެވެ. ޒިބާންގެ ގައިގައި ތަޒްކިޔާގެ އަތް ޖައްސާލަން ވެސް ނުކެރިފައި ހިމޭނުން ހުރީ ދެއަތް އެލުވާލައިގެންނެވެ. ޒިބާން ދުރަށް ޖެހިލަމުން ތަޒްކިޔާދެކެ ރުޅި އާދެވުނީތީ އެކަމަށް މައާފަށް އެދުނެވެ.
"ނޫން ޒިބާން.. ތިހެން ނުބުނޭ... އަހަރެންނަށް ފެންނަނީ ޒިބާން އެނބުރި މަންޝާ ކައިރިއަށް ދާން... މަންޝާ އެހެން ހެދި ސަބަބެއް އޮޅުން ފިލުވަންވެސް ޖެހޭނެ... އަނެއްކޮޅުން މަންޝާގެ ބަނޑުގައިވާ ދަރިފުޅައްޓަކާވެސް ޒިބާން މަންޝާއާ ކުރިމަތި ލާން ޖެހޭނެ... މަންޝާ ކިހިނެއް އެ ކުއްޖާ އެކަނި ގެންގުޅޭނީ..." ތަޒްކިޔާ ބުނި އެއްޗަކާ ދޭތެރޭ ޒިބާން ވިސްނާލިއެވެ. އެނބުރި މަންޝާ ކައިރިއަށް ދާން އޭނާ ބޭނުންވިއެވެ. ޒިބާނަށް އެހާ ބޮޑު އޮޅުވާލުމެއް އޮޅުވާލި ސަބަބު އޭނާ އެނގެން ބޭނުންވިއެވެ.
*** *** *** *** *** ***
އަޒީމް އޮފީހަށް ދާން ކޮޓަރިން ނިކުމެގެން ދިއުމުން މަންޝާ ގަޔަށް ހެދުމެއް މަހާލިއެވެ. ގެތެރޭގައި ލައި އުޅޭކަހަލަ ޓީޝާޓަކާ ހަރުވާޅެކެވެ. އަޒީމް ގެއިން ނިކުތުމުން މަންޝާ އައިސް ކޮޓަރިއަށް ވަނެވެ. އެވަގުތު ބެލްކަނީގައި ހުރި އަލިގުޅަ އޭނާގެ ލޮލުގައި އަޅައިގަތެވެ. އެއީ އެތައް ދުވަހެއް ވަންދެން ޒޭބާ ބައްދަލުކުރަން ބޭނުންވެފައި ހުރި ޒިބާންކަން އެނގުމުން މަންޝާގެ ތުންފަތާ ކުޅެލީ ލާނެއް ހިނިތުންވުމެކެވެ. މަންޝާގެ ހަށިގަނޑުުގައި ހިނގަމުން ދަނީ ޒޭބާގެ ބާރެވެ. އެނދުގައި އިށީނދެގެން މަންޝާ އިނީ ޒިބާނަށް ފުރަގަސް ދީގެންނެވެ.
ޒިބާނާ އެކީ ތަޒްކިޔާ ބެލްކަނީގައި ހުއްޓެވެ. ޒިބާން ބެލްކަނިން އެތެރެއަށް ވަންނަމުން ތަޒްކިޔާ ދިމާއަށް ބަލާލިއެވެ. ތަޒްކިޔާ ލުއި ހިނިތުންވުމެއް ރައްދުކޮށްލަމުން ބޯ ޖަހާލިއެވެ. ޒިބާން އެ ކޮޓަރި ތެރެއަށް ވަދެ އެނދު ކައިރިއަށް ޖެހިލިއެވެ. މުޅި ކޮޓަރި ތެރެއަށް ވަށައިގެން ޒިބާން ބަލާލިއެވެ. އާދަޔާ ޚިލާފް ބާރެއް އެކޮޓަރި ތެރޭގައިވާ ކަމުގެ އިހްސާސް އޭނާއަށް ކުރެވުނެވެ. އެންމެ މީހެއްގެ ބާރެއް ނޫނެވެ. ދެތިން މީހެއްގެ ބާރު އޭނާއަށް އިހްސާސް ވިއެވެ. މި ކުރިމަތި ލާންޖެހެނީ ކިހާވަރެއްގެ ކަންތައްގަނޑަކާ ކަމެއް ޒިބާނަކަށް ނޭނގެއެވެ.
"މަންޝާ..." ޒިބާން މަޑުމަޑުން މަންޝާއަށް ގޮވާލިއެވެ.
"ހަހަހަ... އައީތަ... ހާދަ ދުވަހެއް ވެއްޖޭ ޒިބާންގެ އިންތިޒާރުގަ އަހަރެން ހުންނަތާ؟..." މަންޝާ ވާހަކަ ދެއްކި ނަމަވެސް އެއަޑުގައި ތަފާތުކަމެއް ވާކަން ޒިބާނަށް ދެނެގަންނަން އެނގުނެވެ.
"ކީކޭ... މަންޝާ ކިހިނެއް ތި ވާހަކަ ދައްކަނީ..." ޒިބާން ކުރިއަށް ޖެހިލިއެވެ.
"އަަހަރެން ދެކެ ލޯބިވާ ނަމަ ތިން ދުވަސް ވަންދެން ނައިސް ހުރީ ކީއްވެ... އަހަރެން ހާދަ އިންތިޒާރެއް ކޮށްފީމޭ..." މަންޝާ އެއްފަރާތަށް ބޯއަރިކޮށްލަމުން އޭނާގެ ފަހަތުގައި ހުރި ޒިބާނާ ދިމާއަށް ބަލަމުން ވާހަކަ ދެއްކިއެވެ. މަންޝާގެ ބަލާލުމުން އޭނާގެ ހަށިގަނޑުގައި އެހުރީ ޒޭބާކަން ޒިބާނަށް ދެނެގަންނަން އެނގުނެވެ.
"ޒޭބާ... ކީއްކުރަން މަންޝާގެ ގަޔަށް ވަނީ؟... އަހަރެންނަށް ބަދަލުހިފަންތަ ތިއުޅެނީ..." ޒިބާން ރުޅިގަދަވިއެވެ.
"އަހަރެންނަށް ވައުދުވި ކަންތައް ނުނިމެނިސް ކުޅި އަނބުރާލީ ޒިބާން... ޒިބާން މިއަދު އަހަރެން އެކަނި ކޮށްލިއިރު އިނގޭތަ އަހަރެންނާ އަޅާލާނެ އެކަކުވެސް ނެތްކަން..." ޒޭބާގެ އަޑު ފާޅުވީ އެހިސާބުންނެވެ. ޟިރާރަށް ބަދަލުހިފަމުން ދިޔަ ކަންތަކުން ޒިބާން އަތް ފޮޅާލި ހިސާބުން ޒޭބާ ހުރީ އެކަމާ ހިތްހަމަ ނުޖެހިފައެވެ. ޒޭބާއާ އެކީ މަންމަގެ މަަރަށް ބަދަލުހިފަން ދުނިޔެއަށް އައި ޒިބާން ބަދަލުވުމުން އޭނާގެ ހިތަށް ވަނީ ވަރަށް ބޮޑު އަސަރެއް ކޮށްފައެވެ.
މަންޝާގެ ހަށިގަނޑުގައި ހުރެ ޒޭބާގެ ބާރު ހިންގަމުން ދިޔަކަން ޒިބާނަށް އެނގުމުން އޭނާ އިންތިހާއަށް ރުޅިއައެވެ. "ތި ބަދަލު ހިފާނެކަމެއް ނެތް.... ތިކަން ހުއްޓާލާ ޒޭބާ؟..." ޒިބާން އާދޭސް ކުރިއެވެ.
"ދޫކޮށްލާށޭ... ބަލަ އަހަރެންގެ މަންމައަށް އެމީހުން ހެދި ގޮތް އެހާ ފަސޭހައިން ޒިބާން ހަނދާން ނެތުނީތަ؟... އަހަރެން ކިހިނެއް އުޅެ ބޮޑުވީ.... ދެއާއިލާއިން ވެސް އަހަރެން ބަލައި ނުގަތް... މީ ހުސް އެ ޟިރާރުގެ ނުބައިކަން..." މަންޝާގެ ހަށިގަނޑަށް ވާ ކޮންމެ ގެއްލުމަކުން ޒިބާންގެ ހިތަށް އަސަރު ކުރާނެކަން ޒޭބާއަށް އެނގެއެވެ. ޒިބާންގެ ސިކުނޑިއާ ކުޅެލަން އެއީ އެންމެ ރަނގަޅު ގޮތްކަން އޭނާއަށް ވިސްނުނެވެ.
މަންޝާގެ ހަށިގަނޑު އުއްޑުން އެނދުމައްޗަށް ވެއްޓުނެވެ. ދެއަތް ފަހަތަށް ދަމާލަމުން ބޮލާ ދިމާލުން އަތް ތިލަ ވިއްދާލިއެވެ. އެއަށްފަހު މެދުހަށި އުފުއްލާލަމުން އެނދުމަތީގައި މަންޝާ ހުރީ ހަތަރު މޮށްގަނޑު ޖަހައިގެން އުއްޑުންނެވެ. ހާވާލާފައިވާ މަންޝާގެ އިސްތަށިގަނޑު އޮތީ އެނދުމަތީގައި ކޭތިލަކޭތިލައެވެ. ލައިގެން ހުރި ޓީޝާޓު މައްޗަށް އެރުމުގެ ސަބަބުން ބަނޑުއޮތީ ހާސާކޮށް ފެންނާށެވެ. ކުރިއަށް އޭނާ ޖެހިލީ އެހެން ހުރެއެވެ. ޒިބާނަށް އެމަންޒަރު ބަލާކަށް ކެތެއް ނުވިއެވެ.
"ޒޭބާ ކިހިނެއް ހަދަން ކަމަށްތަ ތިއުޅެނީ.." ޒިބާންގެ ބާރު ބޭނުންކޮށްގެން ޒޭބާ ބަލިކުރަން ބޭނުންވި ނަމަވެސް ބާރުގެ ބޭނުންކުރަން އޭނާ ފަސްޖެހުނެވެ. އެކަމުގެ ސަބަބުން މަންޝާގެ ހަށިގަނޑަށް ގެއްލުމެއް ލިބޭކަށް އޭނާ ބޭނުމެއް ނުވިއެވެ. ގަބުއަރާފައި ހުރި ޒިބާނަށް ހޭވެރިކަމެއް ވީ ބެލްކަނި ބިއްލޫރިގަނޑުގައި އެއްޗެއް ޖެހުނު އަޑަށެވެ. އޭރު ބިއްލޫރިގަނޑު ކައިރީގައި ތަޒްކިޔާ މަންޒަރު ބަލަން ހުއްޓެވެ. އޭނަ ރުޅިއައިސް ރަތްވެފައި ހުރީ ގޭތެރެއަށް އޭނައަށް ނުވަދެވޭތީއެވެ. އޭނާއަށް އެގޭތެރެއަށް ވަދެވޭ ގޮތެއް ނުވިއެވެ.
"އޯ... ހޫޒް ދެޓް... ތަޒްކިއްޔާ.... ހަހަހަހަ... އޭނަ ކިތަންމެ ވަރެއް ދެއްކިއަސް މިގެއަކަށް ނުވަދެވޭނެ... މިގޭ މީހަކު ގެއަށް ވަންނަން ދައުވަތު ނުދޭހާ ހިނދަކު ނުވަދެވޭނެކަން އޭނައަށް ނޭނގެނީތަ... ގަމާރު..."
މަންޝާ ތެދުވެ ހިންދެމިލިއެވެ. ކަރު ދެފަރާތަށް އަރިކޮށްލަމުން ޒިބާނާ ދިމާއަށް ހިނގައިގަތެވެ. "ޒިބާން އަހަރެން ބުނާ ކަންތައް ކުރީމަ ނޫނީ މަންޝާގެ ހަށިގަނޑުން އަހަރެން ނުނިކުންނާނަން..." ޒޭބާ ބޭނުންވީ އޭނާ ބޭނުންވާ ކަންތައް ކުރަން ޒިބާން އެއްބަސް ކުރުވާށެވެ. އެއްމިޔަކަނުން ހިނިއައިސް ހުރެ އޭނާ ޒިބާން ކައިރިއަށް ފިޔަވަޅެއް އަޅާލިއެވެ. ޒިބާން ވަށާ ހިނގަމުން ދިޔަ އިރު އޭނާ އަޒީމާ ގާތްވީމަ ޒިބާނަށް އަސަރު ކުރާނެކަން އެނގޭކަމަށް ވެސް ބުންޏެވެ. މިހުރިހާ ކަމެއް ތަކުރާރުކޮށް ކުރަމުން ދާނެކަމަށާއި އެކަން ހުއްޓާނީ ޒިބާން ޟިރާރަށް ބަދަލުހިފުމަށް އެހީވާން އެއްބަސްވުމުން ކަމަށް ވެސް ޒޭބާ ބުނަމުން ދިޔައެވެ.
"ޒޭބާ... ކިހިނެއް ވެގެން ތިއުޅެނީ.. ބަލާބަލަ ތި ކިއޭ އެއްޗެއް... މިއަދު އަހަރެންނަށް ޒޭބާ ތިދެނީ ކިހާ ބޮޑު އަނިޔާއެއް... އާއިލާ އެއްވެސް މީހަކު ބަލައި ނުގަތް ކުއްޖަކަށް ވީއިރު އަހަރެން ޒޭބާ ބެލީ ކިހާ ލޯބިން... އަހަރެން ނެތްނަމަ ޒޭބާއަށް ވާނެގޮތް ހިތަކަށް ނާރާތަ.. އަހަރެންނަށް ކުޑަކުއްޖަކު ގެންގުޅެން ނުވެސް އިނގޭނެ އޭރު.. އެކަމަކު އަހަރެންގެ އާއިލާއާ ދެކޮޅަށް ޒޭބާ ގެންގުޅުނީ ކިހާ ލޯބިން... މިއަދު މަންޝާގެ ބަނޑުގަ އެއޮތީ އަހަރެންގެ ދަރިއެއް.. މަންޝާއަކީ އަހަރެން މިދުނިޔޭއިން އެންމެ ލޯބިވާ މީހަކީ.. އެކަމަކު ޒޭބާގެ ބަދަލު ހިފުމުގަ ތިހެދޭ ގޮތްތަކުން މަންޝާގެ ހަށިގަނޑަށް ތިދެވެނީ ކިހާބޮޑު އަނިޔާއެއް... މަންޝާއަށް ލިބޭ ކޮންމެ އަނިޔާއަކީ އަހަރެންނަށް ވެސް ލިބޭ އަނިޔާއެއް... އާދޭސްކޮށްފަ މިބުނަނީ.. ތިހެން ނުހަދާ... އަަހަރެންގެ ފުރާނަ ގެންދިޔަޔަސް ހެޔޮ މަންޝާ ދޫކޮށްލާ.... މަގޭ ލޯބި ޒޯއީއަށް ވާނެވަރު ޒޭބާއަށް ނުވިސްނެނީތަ؟..." ޒިބާން ކަކޫ ޖަހާ ތިރިވެ ރޯން ފެށިއެވެ. އޭނާއަށް ގޮތްހުސްވި ކަހަލައެވެ. މަންޝާއާ ޒޭބާގެ ދެމެދުން އޭނާއަށް ވަކި މީހަކު ހިޔާރު ކުރަން އުނދަގޫ ވިއެވެ. ޒޭބާއަކީ އޭނާ އެކަނިމާ އެކަނި ބެލި އޭނާގެ ލޯބިވާ ކޮއްކޮއެވެ. ދެން އެހެރީ އޭނާގެ ފުރާނަ ފަދަ މަންޝާއެވެ.
ޒިބާން ދެއްކި ވާހަކަތަކުން ޒޭބާގެ ސިކުނޑިއަށް ކޮންމެވެސް އެއްޗެއް އެރި ކަހަލައެވެ. ޒޭބާގެ އަތް އުފުލާލަމުން އަތަށް ބަލާލިއެވެ. އަދި މަޑުމަޑުން ބަނޑުގައި އަތް ޖައްސާލިއެވެ. އެވަގުތު މަންޝާގެ ބަނޑުގައި ވާ ދަރިފުޅުގެ އިހްސާސް އޭނާއަށް ކުރެވުނެވެ. އެ ކުއްޖާއަށް މިހާލު ޖެއްސުމުގެ ބޭނުމަކީ ކޮބައިބާވައޭ އޭނާގެ ހިތަށް އެރިއެވެ. ޒިބާން އޭނާއަށްޓަކައި ވީ ގުރުބާނީ އޭނާގެ ހަނދާނަށް އައެވެ. ކުޑައިރު އޭނާއަށް ކާންދީ ޖިންނިން އުޅޭ ގޮތަށް އުޅެން އޭނާއަށް އެތައްކަމެއް ދަސްކޮށްދިނެވެ. ޒޭބާ އުފަންވި ދުވަހުން ފެށިގެން އާއިލާ ތެރޭގައި ޒިބާނާ ދިމާއަށް ކީ އެއްޗެހިތައް ޒޭބާގެ ކަންފަތުގައި ގުގުމާލިއެވެ.
"އަހަރެންނަށް މާފްކުރޭ ޒިބާން.. އެކަމަކު ޟިރާރު އަހަރެންގެ މަންމަ މަރާލީ.. އަހަރެންގެ މަންމަ ހުރިނަމަ އަހަރެމެން ގަނަތެޅޭކަށް ނުޖެހުނީސް... ޒިބާން އަހަރެން ވެސް ބަނޑުބޮޑު.. މަންޝާއަށް މިހެން ހަދާކަށް ބޭނުމެއް ނޫން... އެކަމަކު ޟިރާރަށް ބަދަލު ހިފަން އޭނަގެ ހުރިހާ ކުދިންގެ ދުވަސް ދުއްވާލާނަން..." މަންޝާގެ ދެލޮލުން ނޫކުލައިގެ ވިދުން ފާޅުވެގެން ދިޔައެވެ. ޒޭބާ ގޯހެއް ހަދާފާނެތީ ޒިބާން ބިރުގަތެވެ. ޟިރާރުމެން މިހާރު ފަންޑިތަ ހަދާކަމާ އެމީހުންގެ ބާރުން ޒޭބާ އަންދާލާކަށް ޒިބާން ބޭނުމެއް ނުވިއެވެ.
"ޟިރާރަށް ހިފާ ބަދަލުގައި މަންޝާއަށް އަނިޔާ ދެނީ ކީއްކުރަން.. މީ ޟިރާރުގެ ދަރިއެއްކަން ވެސް އޭނައަކަށް ނުވެސް އެނގޭނެ... މަންޝާއަށް ދެރައެއް ދީގެން ޟިރާރަށް އަސަރެއް ކުރާނެތަ؟... ބަދަލު ހިފައިގެން ޒޭބާގެ ހިތަށް ފިނިކަމެއް ލިބޭނެތަ؟... ބަދަލު ހިފުމުން މަންމަ އެނބުރި އަންނާނެތަ؟... އަހަރެން ޒޭބާއާ އެއްކޮޅަށް ހުންނާނެހެން ހީވޭތަ؟..." ޒޭބާގެ ނިންމުން ބަދަލުކޮށްލެވޭނެ ކަހަލަ އެތައް ސުވާލެއް ޒިބާން ކުރަމުން ދިޔައެވެ.
މަންޝާ އެހުރިތަނަށް ހުއްޓުނެވެ. ކަކޫޖަހާ ތިރިވެ ޒީބާނާ ދިމާއަށް އޭނާ ބަލާލިއެވެ. ޒޭބާގެ ލޮލުގެ ކުލަ މަޑުވެގެން ދިޔައެވެ. އޭރު އޭނާގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވަމުން ދިޔައެވެ. ޒިބާން އެބުނީ ތެދެއްކަން ޒޭބާއަށް އެނގުނެވެ. މަންމަ ދެން އެނބުރިއެއް ނާންނާނެއެވެ.
"ސޮރީ ޒިބާން... އަަހަރެންގެ މޮޔަ ސިކުނޑިއަށް ތިހުރިހާ ކަމެއް ނުވިސްނުނީ....އަހަންނަށް މައާފް ކުރޭ..."
އިސް އުފުލާލަމުން މަންޝާގެ އަނގަ ތަންމިނަށް ހުޅުވާލިއެވެ. ކޮޓަރިތެރޭގައި ބާރު ވައިރޯޅިއެއް އެނބުރިގެން ކަހަލައެވެ. މަންޝާގެ އިސްތަށިގަނޑު ވެސް ވަޔާ އެކީ ވިހުރެމުން ދިޔައެވެ. މަންޝާގެ އަނގައިން ނިކުތް ބާރު ހަޅޭކުގެ އަޑާ އެކީ އޭނާގެ އަނގައި ތެރެއިން ނިކުމެގެން ދިޔައީ ކަޅުކުލައިގެން ދުންގަނޑެކެވެ. އެ ދުންތައް އެއްކޮށް ބޭރުވުމާއެކީ މަންޝާގެ ދެލޯ މެރި ގައިން ވަރު ދޫވެ ޓައިލްސް މައްޗަށް ވެއްޓުނެވެ.
(ނުނިމޭ)