އަފްނާން ގެއަށް އަންނާނެ ވަގުތަކަށް ބަލަބަލާ މުނީރާ އިންނަތާ ކޮން އިރެއް ހެއްޔެވެ. ސޯފާއިން ތެދުވެ މުނިރާ މިސްރާބު ޖެހީ އަފްނާނުގެ ކޮޓަރިއާ ދިމާއަށެވެ.
އެ ކޮޓަރިއަށް ވަތް އިރު އަދިވެސް އެކޮޓަރި އޮތީ އެހެންނެވެ. ބިންމައްޗަށް އުކާލާފައިވާ ގަނޑުތަކަށް ބަލަމުން މުނިރާ އެތެރެއަށް ވަނެވެ. އަފްނާން ނިދާ އެނދުގައި އިށީނުމަށްފަހު އެނދުމަތީގައި ފިރުމާލިއެވެ. މުނީރާގެ ދެލޮލުން ކަރުނަ ނީރާލިއެވެ. ދެލޯ ފަދައިން ބަލާ ބޮޑުކުރި ދަރިފުޅު ނުބައި މަގަށް އެޅިގެން ދިޔައިރު ވެސް އެއިން ކަމެއް މުނީރާއަށް ފާހަގަ ނުވީތީ އޭނާ އަމިއްލަ ނަފްސު ކުށްވެރި ކުރިއެވެ. އެކަމަކީ ހަމައެކަނި އަފްނާނުގެ ކުށެއް ނޫން ކަން އޭނާއަށް އެނގެއެވެ. އެކަމުގައި ހަސަނުގެ ބޮޑު އަތެއް ވާކަން އޭނާ ގަބޫލު ކުރެއެވެ.
އެނދުމަތިން ތެދުވަމުން ބިންމައްޗަށް އުކާލާފައިވާ އަފްނާނުގެ ހެދުންތައް އޭނާ ނެގިއެވެ. އަފްނާނުގެ ހެދުންތަކުން ވަސްބަލާލުމުން އެއީ ދޮވެފަ ހުރި ހެދުންތައްކަން އެނގޭތީ އެ ހެދުންތައް ފަތް ޖަހާލިއެވެ. އެ ކޮޓަރީގައި ހުރި ދެ ދޮރުފަތްލީ އަލަމާރި ހުޅުވާލީ އެ ހެދުންތައް އޭގައި ބަހައްޓާށެވެ.
އެވަގުތު ގޭގެ މައި ދޮރު ހުޅުވާލަމުން އެތެރެއަށް ވަދެ ކުދިން ގާތު އެއްޗެހި ބަދަލުކޮށްގެން ކާން އައުމަށް މަދީހާ އެދުނެވެ. އެއަށްފަހު ބަދިގެ ފަރާތަށް ގޮސް ދެކުދިންނަށް ކާން ހެދިއެވެ. އަމާނާ އީމާން ކޮޓަރިން ނިކުތީ ހެދުން ބަދަލުކޮށްގެންނެވެ. ގޭގައި ލާ ޝޯޓަކާ ޓީޝާޓެއް ލައިގެންނެވެ. ދެ ކުދިން ކާން ފެށުމުން މަދީހާ އަވަސްވެގަތީ މުނީރާއާ ވާހަކަ ދައްކާށެވެ. މުނީރާގެ ކޮޓަރިއަށް ވަތް އިރު އޭނާ ފެންނަން ނެތުމުން މަދީހާ ދެން ގޮސް ވަނީ އަފްނާނުގެ ކޮޓަރިއަށެވެ.
ކުރިން ކޮޓަރިތެރޭ އުކާލާފައިވާ އަންނައުނުތައް ނެތްކަން މަދީހާއަށް ފާހަގަވިއެވެ. ބިންމަތީ ހުރި ގަނޑުތަކާއި ފޮތްތައް ވެސް އޭރުވަނީ އެއްފަރާތަށް ޖައްސާފައެވެ. އަފްނާނުގެ ހެދުންތައް އުނގުމަތީ ބަހައްޓައިގެން މުނީރާ އިން ގޮތް ފެނި މަދީހާގެ ލަގޮނޑީގައި ރިއްސާލިއެވެ. "މުނީރާ.. އެމަންޖެ ދިޔަތަނެއް ބަލަން ވެއްޖެއްނު... އަހަންނަށް ފެންނަނީ ފުލުހުންނަށް ގުޅަން... އަހަރެން އަފްނާނަށް ގުޅިން... އަފްނާންގެ ފޯނު ނެގީ ފިރިހެނެއް..." މަދީހާގެ ވާހަކަ އެހިސާބަށް ދިއުމުން އިސް އުފުލާލަމުން މަދީހާއާ ދިމާއަށް މުނީރާ ބަލާލިއެވެ.
"އެމީހާ ބުނީ ދެންމެ މި ޓެކްސީއަށް އެރި ކުއްޖެއްގެ ފޯނޯ އެއީ.... ފޯނު ޓެކްސީގަ ބާއްވާފަޔޯ ދިޔައީ... އަހަރެން އެހިން އެ ކުއްޖާ ކޮންތާކަށް ހޭ ފޭބީ... ބުނީމަ ބުނީ ހުޅުމާލެ ފެރީ ޓާމިނަލަށޯ... އަދި އެމީހާ ބުނީ.. މެންދުރު ނަމާދުން ފައިބައިގެން އެ ފޯނު ހިފައިގެން މިގެ ކައިރިއަށް އަންނާނަމޯ..." މަދީހާ ވާހަކަ ދެއްކީ ވަރަށް އަވަހަށެވެ. ހީވަނީ ލައި ނުގަނެގެން އުޅޭ މީހެއް ހެންނެވެ.
"އަފްނާން ހޯދަން އުޅޭނެ ކަމެއް ނެތް... އޭނާ ދެން ނާންނާނެ..." މުނީރާގެ އަނގައިން ނިކުތް ޖުމްލައިން މަދީހާގެ ދެލޯ ބޮޑުވިއެވެ. ވެގެން އުޅޭ ގޮތް ނޭނގޭ ހާލުގައި ސުވާލުގެ ނަޒަރަކުން މުނީރާއާ ދިމާއަށް މަދީހާ ބަލަން ހުއްޓެވެ.
"އަހަންނަށް ހެޔޮ އޭނަ ނަޔަސް... ނައިއްޔާ ރަނގަޅީ ވެސް... އަހަރެންނާ މި ކުޑަ އާއިލާ ބަދުނާމުވުން ނޫން ކަމެއް ނުވާނެ... ދައްތަ ވެސް ދެން އޭނަ ހޯދަން ނޫޅޭތި... އަހަރެންނަށް ކަމެއް ކޮށްދެންޏާ މީގެ ފަހުން އަފްނާނުގެ ނަން ވެސް ނުގަންނާތި... އަހަންނަށް އަފްނާން މަރުވެއްޖެ... އަފްނާން ކިޔާ ކުއްޖެއް އަހަރެންގެ ނުހުންނާނެ... އަފްނާން މަރުވެއްޖެ... އަހަރެން އޭނަ ފަސްއަޅާ ވަޅުލައިފިން..." މުނީރާ ތެދުވެ ކޮޓަރިން ނިކުންނަށް ހިނގައިގަތެވެ.
"އެކަމަކު މުނީރާ... ތިހެން ނުބުނޭ... އެމަންޖެ އެކަނި ކިހިނެއް އުޅޭނީ... އަދި އެ މަންޖެއަށް ވީ ނަވާރަ އަހަރު.." އަދިވެސް މަދީހާ މަސައްކަތް ކުރީ މުނީރާއަށް ވިސްނައި ދެވޭތޯއެވެ.
"އަން މިކިޔާ.. އޭރުން އެނގޭނެ އަހަރެން މިހެން މިބުނީ ކީއްވެގެން ކަން..." މަދީހާގެ އަތަށް ފަތްޖަހާފައި އޮތް ކަރުދާސް ގަނޑެއް ދިއްކޮށްލަމުން މުނީރާ ވާހަކަ ދެއްކިއެވެ. އެ ގަނޑުގައި މަދީހާ ހިފުމުން މުނީރާ އެ ކޮޓަރިން ނިކުތެވެ. އޭރު ކޮޓަރި ދޮރު ކައިރީގައި އަމާނާއި އިމާން ހުއްޓިގެން ހުރިތަން ފެނުމުން މުނީރާގެ ފިޔަވަޅު ހުއްޓުނެވެ.
"މިތާ ކީއްކުރަން ތި ތިބީ... ދޭ ކައިގެން ފިލާވަޅުތައް ހަދަން... ބޮޑެތި މީހުން ދައްކާ ވާހަކަ އަޑުއަހަން މި މީހުން ވެސް ނިކަން ފޯރި ހުންނާނެ..." މުނީރާ އެ ކޮޓަރިން ނިކުތުމަށްފަހު އަމާނާއި އީމާން ކާން ބަދިގެއަށް ފޮނުވާލިއެވެ.
ކޮޓަރީގެ ދޮރު ލެއްޕުމާ އެކީ މަދީހާގެ އަތުގައި އޮތް ގަނޑުކޮޅު ނިއުޅުވާލިއެވެ. އެއީ އަފްނާން އޭނާގެ މަންމައަށް ލިޔެފައިވާ ވަދާއުގެ ސިޓީއެކެވެ. ސިޓީ ކިޔަމުން ދިޔަ އިރު މަދީހާގެ ދެލޯ ކަރުނުން ތެމުނެވެ. މަދީހާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކުން އެ ސިޓީ ތެތްމަމުން ދިޔައެވެ. ކޮންމެ ކަރުނަ ތިއްކެއް ޖެހޭ ދިމާލުގަ ހުރި އަކުރުތަކުގެ ދެލި ފޭދެމުން ދިޔައެވެ.
*** *** *** *** *** ***
ނަވާފްމެން ގެއަށް ވަދެ އެގޭ ސޯފާގައި އަޒީމް އިށީނެވެ. އަޒީމް އަތަށް އޭނާގެ މަންމަ ދިން ކޮތަޅަށް ބަލާލިއެވެ. އޭނާގެ މަންމަ އެ ދިނީ ކޮން އެއްޗެއް ހެއްޔެވެ. އެއީ ޟިރާރަށް މީހަކު ދިން އެއްޗެއް ބާއެވެ. ސިޓިންގް ރޫމުގައި އަޒީމް މަޑުކޮށްގެން އިނީ ނަވާފް އަންނަން ދެނެވެ. ތުއްތު ޒަފްރީން ރޯ އަޑު އޭރު ސިޓިންގް ރޫމަށް އިވެއެވެ.
"އަޒީމް ކޮން ހިޔާލެއްގަ... ތީ ކޯއްޗެއް... ހަދިޔާއެއްތަ؟.." ބްރައުން ޕޭޕަރުން ޕާރުސަލް ކޮށްފައިވާ އެއްޗަށް އިޝާރާތް ކުރަމުން ނަވާފް ވާހަކަ ދައްކަމުން އައިސް އަޒީމްގެ މަގަތުގައި އިށީނެވެ.
"ކޮބާ މަންޝާ؟.. ރަށުން އައި ފަހުން މިހާރު ދެމީހުން ކިހިނެއް ވަނީ؟..." އަޒީމާ މަންޝާގެ ގުޅުން ހުރި ގޮތް ބަލާލަން ނަވާފް އަހާލިއެވެ.
"ރަނގަޅު... މި އުޅެނީ އަދި މާ ވަރުގަދަ ކަމަކާ ޖެހިގެނެއްނު... އަހަރެންގެ މަންމަ އައިސްގެން... ނޭނގެ ބޯ ހަލާކުވާވަރުވެއްޖެ... ފަންޑިތަ ހަދައިގެން އައިސް މަންޝާއަށް ދޭން އުޅުނީއްޔޯ.. މަންޝާއަށް ކަމެއް ގޯސްކަން އެނގިގެން އެ ނުކޭމަ މަންމަ ރުޅި އައީ... އަހަރެން ކޮއްކޮ ވެސް ބުނި މަންމަ ދޭ އެއްޗެއް ވިއްޔާ ނުކާށޯ... ދެން އަނެއް ހެޑޭކް..." އަޒީމް އޭނާގެ އެކުވެރިޔާއަށް ހުރިހާ ވާހަކައެއް ކިޔައި ދޭން ބޭނުންވިއެވެ.
"ދެން މީ ކޯއްޗެއް؟..." އަޒީމް އަތުގައި އޮތް ޕާރުސަލަށް އިޝާރާތް ކުރަމުން ނަވާފް ވާހަކަ ދެއްކިއެވެ.
"ނޭނގެ... މީ ކޯއްޗެއް ކަމެއް. ރިޔާޒްގެ ބައްޕައަށް ދޭށޯ ކިޔާފަ މަންމަ ދިން އެއްޗެއް މީ..." އަޒީމް އަތުގައި އޮތް ޕާރްސަލް ކޮތަޅުން ނަގަމުން ރަނގަޅަށް އެ ޕާރްސަލަށް ބަލާލިއެވެ. އެވަގުތު ޕާރުސަލުގެ އެއްފަރާތުން ޓޭޕްގަނޑު ވަކިވެފައިވާތަން އަޒީމަށް ފެނުނެވެ. އޭގައި ވާ އެއްޗެއް ބަލާލުމަށް އަޒީމްގެ ޝައުގުވެރިކަން އިތުރުވިއެވެ. އެހެންކަމުން އެ ދޭތެރެ ފޭކޮށްލަމުން ބަލާލިއެވެ.
"އޭ... ދެން ތީ ކޮންކަމެއް... ރިޔާޒް ބައްޕައަށް ތި ހުރިގޮތަށް ގެންގޮސްދީ..." ނަވާފަށް އެހިސާބަށް ބުނެވުނު އިރު އަޒީމް އެ ޕާރުސަލް ގަނޑުގައިވާ ޓޭޕްތައް ނައްޓާލަމުން އޭތި ނިއުޅުވަނީއެވެ. ދެމީހުންގެ ލޯ ތަރި ބުރައިގެން ދިޔައީ އެ ޕާރްސަލް ތެރޭގައި ހުރި ފޮތްތަށް ފެނިފައެވެ. ބާވެގެން ގަނޑުތައް ރަތްވެފައިވާ ފޮތްތަކެކެވެ. އެ ފޮތްތަކުގައި ވާ އެއްޗެއް ބަލަން އަޒީމް އިތުރަށް ޝައުގުވެރިވިއެވެ.
އެންމެމަތީގައި އޮތް މުށިކުލައިގެ ބޭރުގަނޑެއްލާފައިވާ ފޮތް ހުޅުވާލިއެވެ. ފޮތުންވެ ސް ދުވަނީ ފާޑެއްގެ ދުން ވަހެކެވެ. ގަނޑުތައް ވަނީ ރަތްވެފައެވެ. އޭގެ ލިޔުންގަނޑުގެ ބައެއް ދިމަދިމާލުން ދެލިވެސް ވަނީ ފޭދިފައެވެ. ގަނޑުތައް އުކަމުން ދިޔައިރު އޭގައި ފާޑު ފާޑުގެ އަކަތައް ކުރަހާފައި ހުއްޓެވެ. އެތަނުން އެއް ދިމާލެއްގައި ކުރަހާފައިވާ ތަރިއެއް ޒާތުގެ ކުރެހުމުގައި ވަނީ ކުލަތަކެއް ޖައްސާފައެވެ. އަޒީމް އެ ކުލަ ޖައްސާފައިވާ ތަރީގެ މަތީގައި އަތް ހާކާލިއެވެ. އެވަގުތު އަޒީމްގެ ހަނދާނަށް އައީ މީގެ އެތައް އަހަރުތަކެއްގެ ކުރީގެ ހަނދާނެކެވެ.
ހުޅުދޫގައި އަޒީމްމެންގެ އާއިލާ ދިރިއުޅެމުން ދިޔަ ގެއަކީ އޭރު ރަށުގައި ހުރި އެންމެ ތަނަވަސް އެއް ގެއެވެ. އަޒީމްގެ ބައްޕަ އަލިތައްކާނު ބުރަކޮށް ކޮންމެވެސް މަސައްކަތެއްގައި އުޅުނު ދުވަސްވަރެކެވެ. އެދުވަހު އެގެއަށް ޟިރާރު އައިސް އަލިތައްކާނާ ވާހަކަ ދެއްކިއެވެ. އެ ވަގުތަކީ އަޒީމް ކުރަހަން ގެންގުޅުނު ފޮތް ހޯދަމުން ދިޔަ ވަގުތެކެވެ.
"އުސްފަސްގަނޑު ސަރަހައްދުގައި އެމީހުން ޖިފްޓިގަނޑެއް ހަދައިފި.... މާދަމާ ރެއަށް ހުރިހާ ކަމެއް ނިންމޭނެ... އަހަރެންނަށް މިކަމުން ސަލާމަތް ވެވޭނެކަން ޔަގީންތަ؟..." ޟިރާރު ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ އަޑުން ކަމަކާ ހާސްވެފައި ހުރިކަން އެނގެއެވެ.
"ބައްޕާ... އަޅުގަނޑުގެ ފޮތް ނުފެނުނު... ކުރަހާ ފޮތް ކޮބާތަ؟..." ދިހަ އަހަރުގެ އަޒީމަކީ ކަންތައްތައް ހޯދާ ބަލަން ފޯރި ހުންނަ ކުއްޖެކެވެ. އެހެންކަމުން އެވަގުތު އަލިތައްކާނު ގާތަށް ފޮތެކޭ ކިޔާފަ އޭނަ ދިޔައީ ވެސް އެ ބޭނުމުގައެވެ.
"ދަރިފުޅާ ދޭ އެތެރެއަށް... ބައްޕަ ކޮޓަރީގަ އަޒީމްގެ ކުރަހާ ފޮތް އޮތް ...ދޭބަލަ އެ ހޯދަން... އިބްޒީމާ.. އިބްޒީމާ... ފަނިތައްޓެއް ގެނެސްދީބަލަ.. މީނީ ޟިރާރު އައިހޭ..." އަލިތައްކާނު ގޮވާލި އަޑަށް އެތެރެގެއިން އިބްޒީމާ ނިކުތެވެ. ތަބަކެއްގެ ތެރޭގައި ދެ ފަނިތަށި ބަހައްޓައިގެން އިބްޒީމާ އައި އިރު އޭނާގެ ބޮޑުވެފައިވާ ބަނޑު އަޒީމަށް ފެނުނެވެ. އޭރު އިބްޒީމާ އިނީ ވިހަން ކައިރިވެފައެވެ.
އަޒީމް އެތެރެއަށް ދިޔައީ ބައްޕަ މަސައްކަތް ކުރާ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަދެ ވަށައިގެން ބަލާލިއެވެ. އޭނާ ކުރަހަން ގެންގުޅޭ ފޮތް އެތާ އޮތްތޯއެވެ. އަތުގައި އޮތް ކުލަ ފަންސޫރުތަކުގައި ބާރަށް ހިފަހައްޓައިގެން ހުރެ މުޅި ކޮޓަރި ތެރެއަށް ނަޒަރު ހިންގާލިއެވެ. ހުޅުވާފައިވާ ކުޑަދޮރުން އެތެރެއަށް ޖެހުނު ވައިރޯޅިއަކާ އެކީ މޭޒުމަތީގައި ހުޅުވާފަ އޮތް ފޮތުގެ ގަނޑުތައް އުކާލިއެވެ. އަޒީމްގެ ސަމާލުކަން އެހިސާބުން ދިޔައީ މޭޒުމަތީގައި ހުޅުވާފައި އޮތް ފޮތަށެވެ.
ޟިރާރު ފޮނުވާލާފަ އަލިތައްކާނު އޭނަ މަސައްކަތް ކުރާ ކޮޓަރިއަށް ވަނެވެ. އޭރު އަޒީމް އިނީ ގޮނޑިއެއްގެ މައްޗަށް އަރައިގެން މޭޒުމަތީގައި ހުޅުވާފަ އޮތް ފޮތް މަތީ ބަނޑު އަޅައިގެންނެވެ. އަލިތައްކާން މޭޒާ ގާތްވެލިއެވެ. އޭރު ފަހަރަކު ކުލައެއް ނަގަމުން އަޒީމް ދިޔައީ އެފޮތުގައި ކުލަ ޖައްސަމުންނެވެ. އަޒީމް ކުލަޖައްސަމުން ދިޔައީ ތަރިއެއްގެ ބައްޓަމަށް ކުރަހާފައިވާ އަކައެއްގެ މަތީގައެވެ.
"އަޒީމް... މިދެން ކިހާ ދެރަވެއްޖެ ކަމެއް... ކުރަހާ ފޮތާ ބައްޕަ ގެންގުޅޭ ފޮތާ ވަކި ކުރަން ނޭނގެނީތަ.... ހަމަ މިހާރު މި ކޮޓަރިން ނިކުމޭ...." އަޒީމްގެ ކަންފަތުގައި ހިފައިގެން ދަމަމުން ގެންގޮސް އެ ކޮޓަރިން އަޒީމް ނެރުނެވެ. އަދި އެއަށްފަހު ދޮރު ލައްޕާ ތަޅުލިއެވެ.
އަލިތައްކާން ހިފި ކަންފަތުގައި ފިރުމަމުން އަޒީމް ދިޔައީ އޭނާގެ މަންމަ އުޅޭ ކޮޓަރިއަށެވެ. އޭރު އެ ކޮޓަރީގައި ހުރީ އޭނާގެ މަންމަ އެކަނި ނޫން ކަން އެނގުނެވެ. "އާމިނަ ދެން ނުރޮއި ހުއްޓާލާ... އާމިނައަށް މިއިން އެއްވެސް ކަމެއް އެނގޭ ކަމަށް ހަދާނެ ކަމެއް ނެތް... އަނެއްކޮޅުން އާމިނަ ވެސް ތިހުރީ ވިހަން ގާތްވެފަ... އަލިތައްކާނު ދޭތިން އެކައްޗަށް ހިފާނަން ކަމަށް ބުނި.. އެ ޖިންނިއަކީ ވަރަށް ބާރުގަދަ ޖިންނިއެއް... އެހެންވެ މާދަމާ ރޭ މިކަންތައް ކުރަން އެދިމާ ކުރަނީ ވެސް... ހަނދު ފުރިހަމަ ވާ ރޭތަކުގަޔާ ކަޅުފޮއެ ރޭތަކަކީ މިކަންކަން ކުރަން އެންމެ ރަނގަޅު ރޭތައް... ހާސްނުވޭ... އަލިތައްކާނު މަސައްކަތް ފެށުމުގެ ކުރިން އަހަރެމެންގެ ރައްކަލަކަށް ހަށިރައްކާ ތައްޔާރު ކުރާނެ..." އާމިނަގެ ބުރަކަށީގައި ފިރުމަމުން އިބްޒީމާ ނަސޭހަތް ދެމުން ދިޔައެވެ. އާމިނަގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން ނޭފަތް ދަމާލިއެވެ.
ދޮރު ކައިރީ ފިލާ ހުރި އަޒީމަށް ސިހުމެއް ލިބުނީ މީހަކު އޭނާގެ ކޮނޑުގައި ހިފާލުމުންނެވެ. ސިހިފައި އޭނާ ފަހަތް ބަލާލީ އެއީ އަލިތައްކާނު ކަމަށް ހީކޮށް ހުރެއެވެ. "އަހަން ރިޔާޒްތަ؟... ހިނގާ ކުޅެން ބޭރަށް...." އަޒީމާ ދާދި އެއް އުމުރެއްގެ ރިޔާޒް ފެނުމުން އަޒީމަށް ހިތްހަމަ ޖެހުމުގެ ނޭވާއެއް ލެވުނެވެ.
"މިގެއަށް އައިސް އަޒީމް ހޯދާތާ ކޮންއިރެއް... ހިނގާ ހޮކީ ކުޅެން..." އެ ދެކެދިން އެކީގައި ގޯތިތެރެއަށް ނިކުތެވެ.
-----------------------------------------------------------------------------------
"އަޒީމް.. އަޒީމް... އޭ.. ކޮން ހިޔާލެއްގަ..." ނަވާފް ވާހަކަ ދެއްކުމުން ވެސް އަޒީމްގެ ހިލަމެއް ނުވުމުން އޭނާގެ އަތުގައި ހިފާ ތަޅުވާލިއެވެ. ސިހިފައި އަޒީމް ބަލާލީ ނަވާފާ ދިމާއަށެވެ. ބުނާނެ ވަކި އެއްޗެއް އަޒީމްގެ ސިކުނޑިއަކަށް ނުވިސްނުނެވެ.
"އަޒީމް... މީ ގެންގުޅެން ހެޔޮ ވާވަރުގެ އެއްޗެއް ނޫން... މީ ފަންޑިތަ ސިހުރު ހަދާ ކަހަލަ ފޮތްތަކެއް... މިކަން ކުރުމަކީ ރަނގަޅު ކަމެއް ނޫން... އަޒީމްގެ މަންްމައަށް މި ފޮތްތައް ލިބުނީ ކިހިނެއް... އަދި ރިޔާޒް ބައްޕައަށް މި ފޮނުވާ ސަބަބަކީ ކޮބާ؟..." ނަވާފް ހުރީ ވަރަށް ހާސްވެފައެވެ. އަޒީމްގެ އާއިލާއަކީ މިފަދަ ކަންކަން ކުރާ ބައެއްކަން ނަވާފަށް ނޭނގި އޮތަސް މި ހުރިހާ ކަމެއް އެންމެ ގާތުން ފެނިފައި ވަނީ ރިޔާޒަށެވެ. އެހެންކަމުން މި ވާހަކަތައް ނަވާފަށް ތަފްސީލުކޮށް ކިޔައިދޭން އަޒީމް ބޭނުމެއް ނުވިއެވެ.
"ސީރިއަސްލީ.. މަށަކަށްވެސް ނޭނގެ... އެކަމު ދޭށޭ ބުނި އެއްޗެއް ހަވާލުކުރީމަ ނިމުނީނު... އަހަރެމެންނަށް މި ފެނުނު ކަމަށް ނުހެދިއްޔާ ރަނގަޅު ވާނީ...." ކޮތަޅު ތެރެއަށް ހުރިހާ ފޮތްތަކެއް އަޒީމް ލިއެވެ.
"ކޮންކަމެއް އިނގޭކަމަކަށް ނުހަދާށޭތަ ތިބުނީ؟... މަންޝާ ކޮބާތަ؟.. އަހަރެން ގުޅާ ގުޅާ މޮޔަ ވެއްޖެ ފޯނަށް ޖަވާބެއް ދޭން ނޭނގެނީތަ؟.. އަޅެ މިސްޑް ކޯލް ފެނިގެން ގުޅާލާ ނަމަވެސް ކިހާ ރަނގަޅު... މެސެޖް ވެސް ކޮށްފިން... އޭނަ އަނެއްކާ ރަނގަޅުތަ؟..." ތުއްތު ޒަފްރީން އުރައިގެން ކޮޓަރިިން ނިކުތް ޒުހާ ވާހަކަ ދައްކަމުން އައިސް އަޒީމް ކުރިމަތީ ހުއްޓުނެވެ.
"އޯޝިޓް.. އަޅެ މަ ހަނދާން ނެތުނީ... މަންޝާ ކައިރީ އެ ވާހަކަ ބުނަން ހުރީ... ބަޓް ހަމަ އެއްގޮތަކށް ވެސް ހަނދާނެއް ނުވި... ކޮން އިރަކުތަ ފުރަނީ؟..." ނިތްކުރީގައި ފިރުމަމުން އަޒީމް ޖަވާބު ދިނީ ނަވާފްމެން އާއިލާ މެލޭޝިޔާއަށް ބަދަލުވާ ވާހަކަ މަންޝާ ކައިރީ ބުނަން ހަނދާން ނެތުނީމައެވެ.
"މިރޭ ފުރަނީ.... އެހެންވެ އަހަރެން މިދަނީ އެގެއަށް ދާން.... ނަވާފް އަހަރެން އަންނާނަން.. ޒަފްރީން ގޮވައިގެން މިދަނީ..." ކޮނޑުގައި ދަބަސް އަޅުވާލަމުން މަންޝާމެން ގެއަށް ދާން ޒުހާ ހިނގައިގަތެވެ. "ކާރަަށް ގުޅަންތަ؟... މިއޮއް އަވިދަގަ ގަޑީގަ ހިނގާފަ ދާނެ ކަމެއް ނެތް؟..." ނަވާފް ތެދުވެ ދޮރުކައިރިއަށް ދިޔައެވެ. ޒުހާ ފޮނުވާލާފަ ގޭތެރެއަށް ނަވާފް ވަތްއިރު އަޒީމް ފޯނާ ކުޅެން އިންތަން ފެނުނެވެ. ނަވާފް އައިސް އަޒީމް ގާތުގައި އިށީންނަމުން ޓީވީ ހުޅުވާލިއެވެ.
"އަސްލު ވަރަށް މިސްވާނެ ދޯ... ދެން މާލެ އާދެވޭނީވެސް ލައްކަ ދުވަސް ފަހުން.. ބަޓް ޔޫ ގާއިސް އާ ސޯ ލަކީ... ކިޔަވަން ލިބޭ މިކަހަލަ ފުރުސަތުތައް ގެއްލުވާލާކަށް ނުވާނެ... ނޫންތަ؟..." ނަވާފް ކޮނޑުގައި ޖަހާލަމުން އަޒީމް ވާހަކަ ދެއްކީ އޭނާގެ އެކުވެރިޔާއަށް ކިޔަވަން ދާން ލިބުނު ފުރުސަތަށް ތާއީދު ކުރަމުންނެވެ.
"ނަސީބެއް އެކޮޅުގަ ބޮޑުބޭބެމެން ފެމިލީ އުޅޭކަން.. އެހެން ނޫންނަމަ ކުދިވެރިންނާ ޒުހާ ބަހައްޓާފަ ދާން ޖެހޭނީ... ޒުހާމެން ނުގެންދެވޭ ނަމަ އަހަރެން މި ސްކޮލަޝިޕް ދޫކޮށްލީމުސް... ކުދިންނަށް އަޅާލުމާއި ލޯބި އެންމެ ބޭނުންވާ ދުވަސްވަރެއްގަ ދުރުގަ ހުރުމަކީ ރަނގަޅު ކަމެއް ނޫން ދޯ..." ނަވާފް ވިސްނަން އިނދެ ބުނި ޖުމްލައިން އަޒީމް ގާތަށް އައީ ހިންޏެވެ.
"ކޮންމެ ހެން ތިހެން ނުކިޔާ... ޒުހާ ނެތީމަ ކެތް ނުވާނޭ ބުނޭ...." ނާވާފާ ދިމާކޮށްލަން ލިބުނު ފުރުސަތުގެ ބޭނުން އަޒީމް ހިފިއެވެ. ދެމީހުންނަށް އެއްފަހަރާ ހެވުނެވެ.
*** *** *** *** *** ***
އޮފީހުގައި މަސައްކަތް ކުރަން އިން ނަމަވެސް ރިޔާޒްގެ ސިކުނޑީގައި މުޅިން އެނބުރެނީ މީރާގެ ހިޔާލެވެ. މެންދުރު ކާގަޑީގެ ކުރިން އޮފީހުގައި ބޭއްވި ބައްދަލުވުމުގައި އިން ރިޔާޒަށް އެ މީޓިންގައި ދެއްކި އެއްވެސް ވާހަކައަަކަށް ސަމާލު ކަމެއް ނުދެވުނެވެ. މީޓިންގް ކުރިއަށް ދިޔައިރު ރިޔާޒްމެން ޑިޕާޓްމަންޓާ ހަވާލުވެގެން ހުރި މެނޭޖަރު ކުރި ސުވާލު ރިޔާޒަށް އަޑު ނީވޭ ކަހަލައެވެ. އަތުގައި އޮތް ގަލަން ތަޅުވާލަ ތަޅުވާލަ އޭނާ އިނީ މުޅިން އެހެން ދުނިޔެއެއް ގައެވެ.
މީޓިންގް ނިންމާލުމާ އެކީ އެންމެން މީޓިންގް ރޫމުން ބޭރަށް ނިކުތުމަށް އަވަސްވިއެވެ. އެވަގުތު މެނޭޖަރު، ރިޔާޒަށް ގޮވާލުމުން ރިޔާޒް މީޓިންގް ރޫމުގައި މަޑު ކުރިއެވެ. ހުރިހާ މުވައްޒަފުން ނިކުތުމުން ކައިރީ ހުރި ގޮނޑީގައި ރިޔާޒް އިށީނުމަށް މެނޭޖަރު އަކްރަމް އެދުނެވެ.
"ރިޔާޒް.. ހާދަ ބޮޑު ފިކުރެއްގަ އުޅޭހެން ހީވެއޭ... އަންހެނުން މާ ބޮޑަށް ބަލީތަ؟..." އަކްރަމް ވާހަކަ ދެއްކީ ރިޔާޒްގެ ފަރާތުން ފަހަކަށް އައިސް ފެންނަމުންދާ ތަފާތު ކަންތައްތައް ފާހަގަވުމުންނެވެ. ރިޔާޒްގެ ކޮއްކޮ ނިޔާވި ކަމާއި މަންމަ ބަލިވެގެން އުޅުނު ކަން އަކްރަމަށް އިނގެއެެވެ. އަދި ވަރަށް ފަހުން މީރާ ހޮސްޕިޓަލުގައި އެޑްމިޓް ކުރިންކަން ވެސް އޭނާއަށް އިނގޭތީ ރިޔާޒް ގާތުގައި ފިކުރު ބޮޑުވެފައި ހުންނަނީ ކީއްވެތޯ ބަލަން އަކްރަމް ސުވާލު ކޮށްލިއެވެ.
"އާދެ... އަންހެނުން އެހާ ރަނގަޅެއް ނޫން... އަސްލު އަޅުގަނޑު ޗުއްޓީއެއް ބޭނުންވެފަ މި ހުރީ.. އެކަމަކު ޗުއްޓީއެއް ނަގާކަށް ވެސް ނުކެރޭނެ..." ރިޔާޒް އޭނާގެ ހާލަތު ބަޔާން ކުރަމުން އިސް ޖަހާލިއެވެ.
"ނޫނޭ ތިކަމާ ހާސް ނުވޭ... ރިޔާޒަކީ ކިހާ ދުވަހެއް ވަންދެން މި ކުންފުންޏަށް ހިދުމަތް ކޮށްދިން މުވައްޒަފެއްކަން އަހަންނަށް އިނގޭ... ދިރިއުޅުމުގަ އެކި މީހުންނަށް ދިމާވާނީ އެކިކަހަލަ ކަންތައްތައް... ރިޔާޒަށް ލީވެއް ލިބޭނެ ގޮތެއް ހަމަޖައްސައި ދޭނަން... އަހަރެން އެޗް.އާރާ ވާހަކަ ދައްކާނަން... އަވަހަށް ލީވަށް އެދޭ ފޯރމް ފުރާލާ... އިތުރު ކަމެއް ބޭނުން ވިޔަސް ޑޯންޓް ހެސިޓޭޓް... ހުރިހާ ކަމެއްވެސް އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ... ދެން އެންމެ ރަނގަޅު ދިޔަޔަސް...." ރިޔާޒަށް ދާން ހުއްދަ ލިބުމުން ގޮނޑިން ތެދުވެ އޭނާ މެނޭޖަރަށް ޝުކުރު އަދާ ކުރިއެވެ.
މީޓިންގް ރޫމުން ނިކުމެ އޭނާގެ ކެބިނަށް ދިޔައިރު މުނާޒް ހުރީ ރިޔާޒް އަންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ. "ހޭ.. ކިހިނެއްވީ؟... ހިނގާ ލަންޗަށް ދާން..." ރިޔާޒްގެ ކޮނޑުގައި ޖަހާލަމުން މުނާޒް ވާހަކަ ދެއްކިއެވެ.
"ނޯ ތޭންކްސް.. އަހަރެން ބޭނުމީ ގެއަށް ދާން.. ވައިފް ވަރަށް ބަލި... ޗުއްޓީއެއް ހަމަޖެއްސޭތޯ މިއުޅެނީ... ދެން ދަނީ އިނގޭ..." މޭޒުމަތީ އޮތް ސައިކަލު ތަޅުދަނޑި ނެގުމަށްފަހު ކެބިނުން ނިކުންނަމުން ރިޔާޒް ވާހަކަ ދެއްކިއެވެ.
"މީރާއަށް މަގޭ ސަލާމް.... އެހެންވެއްޖިއްޔާ އަހަރެން ރަޝާދާ އެކީގަ މިދަނީ..." ރިޔާޒްގެ ފަހަތުން ނިކުންނަމުން މުނާޒް މިސްރާބު ޖެހީ ރަޝާދުގެ ކެބިނަށެވެ.
އޮފީހުން ނިކުމެ ނިކުމެ ހުރި ރިޔާޒްގެ ފޯނު ރިންގްވާން ފެށުމުން ފިޔަވަޅު މަޑުކޮށްލަމުން ފޯނު ނަގާ ޑިސްޕްލޭއަށް ބަލާލިއެވެ. "ހަލޯ ކިހިނެއް ވީ؟.." ރިޔާޒް މަޑު ފިޔަވަޅެއްގައި ސައިކަލް ޕާކްކޮށްފައިވާ ޒޯނާ ދިމާއަށް ހިނގައިގަތެވެ.
"ވަރަށް ބޮޑު ވާހަކައެއް ދައްކަން ވެފަ އެބައޮތް... އަދި ރިޔާޒްގެ ބައްޕައަށް ދޭންވެފަ އޮތް އެއްޗެއްވެސް އެބައޮތް؟... ކިހިނެއް ހަދަންވީ؟.." އަޒީމްގެ އެދުން ހާމަ ކުރުމުން ރިޔާޒް އޭނާ މިދަނީ ގެއަށް ކަމަށް ބުނެ އަޒީމް ގާތު ގޭދަށަށް އައުމަށް އެދުނެވެ. ފޯނު ޖީބަށް ލުމަށްފަހު ރިޔާޒް ސައިކަަލށް އަރާ މިސްރާބު ޖެހީ މީރާ ކައިރިއަށް ދާށެވެ.
ސައިކަލުގައި ގެއާ ހަަމައަށް އާދެވުނު އިރު އަޒީމް ހުރީ އެގޭ ދޮރުމަތީގައި މަޑުކޮށްގެންނެވެ. ސައިކަލުން ފައިބައިގެން ގެއާ ދިމާއަށް ރިޔާޒް ހިނގައިގަތް އިރު އަޒީމްގެ އަތުގައި އޮތް ކޮތަޅަށް ބަލާލެވުނެވެ. "މީ ކާކު ދިން އެއްޗެއް؟..." އަޒީމް އަތުގައި އޮތް ކޮތަޅު ރިޔާޒާ ދިމާއަށް ދިއްކޮށްލުމުން ރިޔާޒް އަހާލިއެވެ.
"ތީ މަންމަ ދިން އެއްޗެއް... އެކަމަކު ބުނީ މީހަކު ދިން އެއްޗެކޯ... އަހަންނަށް އިނގޭ ތީ މަންމަ ދިން އެއްޗެއް ކަން... އަހަރެމެން ކުޑައިރު އަހަރެންގެ ބައްޕަ ކޮޓަރިއަށް ވަދެ މި ފޮތްތައް ބަލާ ހަނދާން އަހަރެން ވޭ... އެ ދުވަހު ވީ ކަންތައް އަހަރެން ދުވަހަކު ވެސް ހަނދާނުން ނުފިލާނެ... ޟިރާރުބެއާ ވާހަކަ ދައްކަބަލަ... މި ފޮތް ހޯދާނަމަ އެމީހުން އެ އުޅެނީ ވަރަށް ވަރުގަދަ ކަމެއް ކުރަންކަން އަހަންނަށް އެނގޭ... ދެން ދަނީ ވާހަކަ ދައްކަން މަޑުކުރެވޭކަށް ވެސް ނެތް... އަހަރެންނަށް ވަރަށް ލަސްވެސް އެބަވޭ..."
އަޒީމްގެ ވާހަކަ ނިންމާލަމުން އޭނާގެ އަތުގައި އަޅާފައިވާ ގަޑިއަށް ބަލާލިއެވެ. އަދި އޭޑީކޭއާ ދިމާއަށް އަޒީމް ހިނގައިގަތެވެ. އަޒީމް ދިޔަ ދިމާއަށް ބަލަން ހުރުމަށްފަހު ރިޔާޒް ގެއަށް ވަންނަން ހިނގައިގަތެވެ. އަޒީމް ދެއްކި ވާހަކަތަކުން ރިޔާޒަށް ކޮންމެވެސް ވަރެއްގެ އުނދަގުލެއް ވެއްޖެއެވެ. އެ ކޮތަޅުގައި ވާ އެއްޗެއް ބެލުމުގެ ޝައުގުވެރިކަން ބޮޑުވި ނަމަވެސް ރިޔާޒް އެޕާޓްމަންޓަށް ވަދެ ފުރަތަމަ ވެސް މިސްރާބު ޖެހީ މީރާ ކޮބާތޯ ބަލާށެވެ.
ކޮޓަރިއަށް ވަތް އިރު މީރާ އޮތީ ނިދާފައެވެ. އެހެންކަމުން މީރާއަށް އުނދަގޫ ނުކޮށް ރިޔާޒް ބޭރަށް ނިކުތެވެ. ކާމޭޒުމަތި ހުރީ ހުސްކޮށްކަމުން މޭޒުމަތީ އެ ފޮތް ކޮތަޅު ބެހެއްޓުމަށްފަހު އޭގެން ފޮތެއް ނަގާ ހުޅުވާލިއެވެ. ގަނޑުތައް އުކަމުން ގޮސް ތަރިއެއްގެ ބައްޓަމަށް ކުރަހާފައިވާ އަކަ ފެނުމާ އެކު ރިޔާޒް ހުއްޓުނެވެ. އެއީ ހަމަ އެ ފޮތެވެ. އަޒީމް ކުލަ ޖެއްސި ފޮތެވެ. އެދުވަސް ރިޔާޒް ރަނގަޅަށް ހަނދާން ހުއްޓެވެ.
--------------------------------------------------------------------------
"މީ ހާދަ ފާޑެއްގެ ފޮތެކޭ... އަޒީމް ބައްޕައަށް އެނގިއްޖިއްޔާ ރުޅި އަންނާނެއްނު..." ރިޔާޒް ހުރީ އަޒީމް ކުލަ ޖައްސާފަ އޮތް ގަނޑަށް ބަލާށެވެ.
"ޝްޝްޝް... ފޮތް ލައްޕާ... އާދޭ ނުކުންނަށް.. ބައްޕަ އައިއްސިއްޔާ ރުޅިއަންނާނެ... ހިނގާ ކޮޓަރިއަށް ދާން..." އަޒީމް ހުރީ ދޮރު ކައިރީ ފާރައަށެވެ. މީހަކު އައުމުގެ ކުރިން އެ ދެކުދިން އެތަނުން ނިކުންނަށް ބޭނުންވިއެވެ. އެމީހުންގެ ޕްލޭން ދިޔައީ ވަރަށް ކާމިޔާބުކޮށެވެ. ގޭތެރޭގައި އެތައް ބަޔަކު އުޅުނު އިރުވެސް އެއިން އެއްވެސް މީހަކަށް ނުފެނި އަޒީމާއި ރިޔާޒް އެކޮޓަރިން ނިކުމެ އަޒީމްގެ ކޮޓަރިއަށް ދިޔައެވެ.
"މިގޮތަށް ކޮންމެ ދުވަހަކު މިގެއަށް އާދެވޭ ނަމަ ދޯ... ހާދަ މަޖާވާނޭ..." އެނދުގައި އޮށޯންނަމުން ރިޔާޒް ވާހަކަ ދެއްކިއެވެ.
"އަސްލުވެސް ވަރަށް މަޖާ ވާނެ... އޭ... ޝްޝްޝް.... މީހަކު އެބަ އާދޭ ކަންނޭނގޭ... ނިދާ ކަމަށް ހަދާ..." ދެކުދިން ވެސް ބިށްދޮށަށް އެނބުރުނެވެ. އެ ދެކެދިންނަށް ބިށްދޮށަށް އެނބުރި ހަމަޖެހުނު ވަގުތު އެ ކޮޓަރީގެ ދޮރު މީހަކު ހުޅުވާލިއެވެ. ދެލޯ ފިއްތާ ބާރުކޮށްގެން އަޒީމާއި ރިޔާޒް އޮތީ އަތަކަށް ގުޑިވެސް ނުލައެވެ. އެމީހުން ހޭލަ ތިބިކަން އެނގިއްޖިއްޔާ ޟިރާރާއި އަލިތައްކާނު އިންތިހާއަށް ރުޅި އަންނާނެ ކަން އެނގެއެވެ. އަޒީމާއި ރިޔާޒާ ތިބީ ހޭލާ ކަމުން ދޮރު ކައިރީ ތިބި މީހުން ދައްކަމު ންދިޔަ ވާހަކަ ރަނގަޅަށް އިވުނެވެ.
"ކުދިވެރިން ނިދާފަ ތިބީ...." އަލިތައްކާން މިހެން ބުނުމާއެކީ ދެން ވާހަކަ ދެއްކީ ޟިރާރެވެ.
"އަހަރެން ހީކުރީ މިހާއިރު ވީރު އާމިނަ ވިހާނެ ކަމަށް... އަދިވެސް ރިހުމަކަށް ބަދަލެއް ނާދޭ... ފާތުމާ ބުނި ދެން މާ ގިނަ އިރެއް ނުވާނެ ޔޯ... ކޮބާތަ އިބްޒީމާ؟..." ޟިރާރުގެ ވާހަކަ މެދުކަނޑާލުމުން އަލިތައްކާނު ފުން ނޭވާއެއް ބޭރުކޮށްލިއެވެ.
"އިބްޒީމާ ދޯ.. އޭނަ ވެސް ބަނޑުގަ ރިއްސާތީ އެ އުޅެނީ..." އަލިތައްކާނު އަތުގައި މިއަދު އެޅި ތަވީދުގައި އަތް ޖައްސާލަމުން ޟިރާރުމެން ތަވީދު އެޅިތޯ ޔަގީން ކޮށްލިއެވެ. އެއަށްފަހު ކޮޓަރި ތެރެއަށް ވަނެވެ. އަޒީމާ ރިޔާޒްގެ އުނަގަނޑުގައި ތަވީދު އައްސާފައި އޮތްތޯ އަލިތައްކާނު ބަލާލިއެވެ. ނިދާކަމަށް ހަދައިގެން ތިބި ދެކުދިން ގުޑިނުލާ އޮތެއް ކަމަކު އެމީހުން ތިބީ ވަރަށް ބިރުންނެވެ.
(ނުނިމޭ)