ޒިބާން ރުޅި ގަދަވާ ގޮތްވިއެވެ. އަޑުބާރު ވަމުން ދިޔައެވެ. ޒިބާންގެ އަނގައިން ނިކުންނަމުން ދިޔަ ކޮންމެ ބަހެއް ތަޒްކިޔާއަށް އަޑުއަހަން އުނދަގޫ ވިއެވެ.
"ޒިބާން.. ހުއްޓާލާ... ތި މަންޝާ އުޅެނީ ޒިބާނާ ހެދިއެއް ނޫން.. އަހަރެން އެތަނަށް ދިޔައިރު އޭނާ ހުރީ ކޮންމެވެސް ފިރިހެނަކާ ތަތްވެގެން... މަންޝާ އަމިއްލައަށް އޭނަޔާ ގައިގޯޅިވަމުން ދިޔައީ.. އަހަރެން އެވަރުން ވެސް މަޑުކޮށްގެން ހުރީ... ގޭތެރެއަށް ވަންނަން މަސައްކަތް ކުރިން.. އެކަމަކު އަހަންނަކަށް ނުވަދެވުނު... ދެން އޭނަ އަމިއްލައަށް އަހަރެން ފެނިގެން ބޭރަށް ނިކުތީ... އޭނަ ބުނީ ޒިބާން ކައިރީ ބުނާށޯ.. އޭނަ އުޅެނީ ވަރަށް އުފަލުގަޔޯ...ބޭހާ ނުލާވެސް ވިހޭނެޔޯ... އަހަރެން އައިތާކަށް ދާށޯ..."
"މަންޝާ އެހެނެއް ނުބާނެ... އަހަރެން ގަބޫލެއް ނުކުރާނަން... ތީހުސް ދޮގު... މަންޝާއަކީ އެހާ ފޮނި ބޮޑު މީހެއް ނޫން..." ތަޒްކިޔާ ދެއްކި އެއްވެސް ވާހަކައެއް ޒިބާން ގަބޫލެއް ނުކުރިއެވެ.
"އެކަމަކު ޒިބާޏް.. ތަޒްކިޔާ ދޮގެއް ނުހަދާނެ..." ސަކޭރާ ތަޒްކިޔާއާ ގާތްވަމުން އޭނާގެ އަތުގައި އޮތް ބޭސް ފުޅި ނެގިއެވެ.
"ހުވާކޮށްފަ މި ބުނަނީ... އަހަރެން ބުނީ ހުސް ތެދު... ޒިބާން އަމިއްލައަށް ގޮސް އަހަންވީނުން... އަހަރެން މި ބުނީ ތެދުތޯ ނޫނީ ދޮގުތޯ..." ތަޒްކިޔާއަށް ރަނގަޅަށް ވާހަކަ ދެއްކޭ ގޮތެއް ނުވިއެވެ. އޭނާއަށް ރޮވެނީއެވެ. އެހެންކަމުން އިތުރު ވާހަކަ ނުދައްކާ އެތަނުން ދާން އޭނާ އެނބުރުނެވެ.
"ތަޒްކީ... ތަޒް..." ތަޒްކިޔާ ހިފަހައްޓަން ސަކޭރާ މަސައްކަތް ކުރިއެވެ. ސަކޭރާ ގޮވުމުން ވެސް ތަޒްކިޔާ ބަލާވެސް ނުލާ އެތަނުން ދިޔައީއެވެ. ތަޒްކިޔާއަކީ ދޮގުހަދާ މީހެއް ނޫންކަން ސަކޭރާއަށް އެނގެއެވެ. އޭނާއަކީ ނުބައި ހުރިހާ ކަންތައްތަކާ ދުރުގައި އުޅޭ، އަދި ޒިބާންދެކެ ނުލާހިކު ގަޔާވާ މީހެކެވެ. ޒިބާންގެ ހަރުކަށި ބަސްތަކުން އޭނާގެ ހިތް ކުދިކުދި ވެއްޖެކަން ސަކޭރާއަށް އެނގުނެވެ.
ގޮތް ހުސްވެފައިވާ ޒިބާނަށް ބާކީ އޮތީ އެއް ދުވަސް ކަން ހަނދާންކޮށްދީ ކެތްކުރަން ނަސޭހަތް ދީ އެނޫން ގޮތެއް ދެން ނެތްކަމުގައި ސަކޭރާ ބުންޏެވެ. ޒިބާން ރުޅި ގަދަވިއެވެ. އޭނާގެ ލޮލުން އަލިފާން ކަނި ބުރަމުން ދިޔައެވެ. މަަންޝާގެ ހަށިގަނޑުގައި އަޅަމުންދާ ވޭނާއި ރިހުން އޭނާއަށް އިހްސާސް ކުރެވޭތީ އެކަމާ އޭނާ ހުރީ ދެރަވެފައެވެ. މަންޝާއަށް އެހީވާން ބޭނުންވި ނަމަވެސް ޒިބާން ބަންދު ކުރުމުން ސައިބްރޯތު ދެކެވެސް އިންތިހާއަށް ރުޅި އައެވެ.
*** *** *** *** *** ***
އަފްނާނުގެ ކޮޓަރި ތެރެއަށް މުނިރާއާ މަދީހާގެ ނަޒަރު ހުއްޓިފައި ހުރިއިރު އެ މުޅި ކޮޓަރި ވަނީ އެބަޑިބަޑިން ޖަހާފައެވެ. މުޅި ކޮޓަރީގައި ވަނީ ފޮތްތަކާއި ގަނޑުތަކެވެ. އަލަމާރި ކައިރީގައި އަފްނާންގެ ހެދުންތައް އުކާލާފައި ހުއްޓެވެ. ކޮޓަރި ތެރޭގައި ވާ ހުރިހާ އެއްޗެއް ވަނީ ތަޅުން މައްޗަށް އުކާލާފައެވެ. މުނީރާ ކޮޓަރި ތެރެއަށް ވަނެވެ.
އެ ކޮޓަރި ތެރެއިން އަފްނާން ފެންނާކަށް ނެތެވެ. މުނިރާގެ ފަހަތުން އެތެރެއަށް ވަތް މަދީހާއަށް ދޮރު ބިއްދަށް ބަލާލެވުނީ އަފްނާން ފިލާ ހުރެދާނެތީއެވެ. މުނީރާގެ ބަސްތަކާއި އަމަލު ހުރިގޮތުން ޚުދު އޭނާ ވެސް އެ ހުރީ ބިރުގެންފައެވެ. ދޮރު ބިއްދޮށުގައި ވެސް އަފްނާން ނެތުމުން މަދީހާ ކޮޓަރިތެރެއަށް ވަނެވެ. ބިންމަތީގައި ހުރި ކަރުދާސްތަަކަށް ނަޒަރު ހިންގާލިއަސް މުޅިންވެސް ފެންނަނީ "އައިމް ސޮރީ" ޖަހާފައިވާ ގަނޑުތަކެވެ.
މަދީހާ ގޮސް އެ ކޮޓަރީގައި ހުރި ސިންގަލް އެނދު ކައިރިއަށް ހުއްޓިލިއެވެ. "ކޮބާ އަފްނާން؟.." ފުން ނޭވާއެއް ބޭރުކުރަމުން މަދީހާ އަހާލިއެވެ. އެވަގުތު މުނީރާގެ ކަޅި އަމާޒްވީ ބޮކި ދިއްލާފަ ހުރި ފާޚާނާއާ ދިމާއަށެވެ. ފާޚާނާ ދޮރުގައި އަތް ޖައްސާލުމާއި އެކީ އެ ދޮރު ވަރަށް ފަސޭހައިން ހުޅުވުނެވެ. އެތެރެއަށް ބޯ އަރިކޮށްލަމުން މުނީރާ ބަލާލިއެވެ.
ފާޚާނާ ތެރެއަށް މުނީރާ ބަލާލީ އަފްނާން އެތެރޭގައި ހުންނާނެ ކަމަށް ހީކޮށް ހުރެއެވެ. ނަމަވެސް ފާޚާނާގައި އަފްނާން ނެތުމުން މުނީރާ ހައިރާންވިއެވެ. ފާޚާނާ ދޮރު ލައްޕާލަމުން ކޮޓަރިތެރެއަށް އެނބުރުނީ ފާޚާނާ ކައިރީ ހުރި ސްވިޗުން ފާޚާނާގެ ބޮކިވެސް ނިއްވާލަމުންނެވެ. އޭރުވެސް މުނީރާގެ މޫނުމަތިން ފާޅުވަމުން ދިޔައީ ރުޅިވެރިކަމެވެ. "ކޮބާ އަފްނާން؟..." އަނގައިން ނުބުނެ އެ ކޮޓަރިން ނިކުތުމަށް މުނީރާ ހިނގައިގަތުމުން މަދީހާއަށް އަހާލެވުނެވެ.
"މަށަކަށް ނޭނގެ އޭނަ ދިޔަ ތަނެއް؟... އޭނަ ދެން މިގެއަށްވެސް ނައިއްޔާ އަހަންނަށް ރަނގަޅީ... އަހަންނަށް އޭނަ ގޮވައިގެނެއް ނޫޅެވޭނެ... އެއީ މަށަށް ޖެހިފަހުރި ބޮޑު މުސީބާތެއް..." ކުދިކިޔަމުން މުނީރާ އެކޮޓަރިން ނިކުތެވެ.
މަދީހާ ހުރީ ހައިރާން ވެފައެވެ. އަފްނާން ދާނީ ވެސް ވަކި ކޮންތާކަށް ހެއްޔެވެ. އަފްނާން ގާތުގައި ރޭގަ ނިދަން ދާށޭ ބުނެ މަދީހާ ނިދަން ކޮޓަރިއަށް ދިޔަ ހަނދާން ވިއެވެ. އޭރު އަފްނާނު އިނީ ބޭރު ސިޓިންގް ރޫމުގައެވެ. އަފްނާނަކީ އެހާ ހެނދުނާ ހޭލައިގެން އުޅޭ ކުއްޖެއް ނޫންކަން މަދީހާއަށް އެނގެއެވެ. އެހެންކަމުން އަފްނާނަށް ވީ ގޮތެއް ބަލަން މަދީހާ ބޭނުން ވިއެވެ. މަދީހާ ލައިގެން ހުރި ހައުސްކޯޓުގެ ޖީބު ތެރެއަށް އަތްކޮށްޕާލީ އޭނާގެ ފޯނު ނަގާށެވެ. ފޯނު ނަގާ އަފްނާންގެ ނަންބަރު ހޯދާލުމަށްފަހު އެ ނަންބަރަށް ގުޅާލިއެވެ.
ފޯނު ރިންގް ވޭވޭ ގޮސް ކެނޑުނު އިރުވެސް އެ ފޯނަށް އަފްނާން ޖަވާބެއް ނުދެއެވެ. މަދީހާ އަނެއްކާ ވެސް ގުޅާލިއެވެ. މިފަހަރުވެސް ވީހަމަ އެހެންނެވެ. މުޅި ކޮޓަރި ތެރޭގައި އުކާލާފައިވާ ސާމާނުތަކަށް ނަޒަރު ހިންގާލަމުން މަދީހާ އެ ކޮޓަރިން ބޭރަށް ނިކުތީ މެންދުރަށް ކައްކާށެވެ.
*** *** *** *** *** ***
އަޒީމް ކައިރީ އިބްޒީމާ އަންނަން ބުނި ތަނަށް އާދެވުމުން ފޯނު ނަގާ އިބްޒީމާގެ ނަންބަރަށް ގުޅާލިއެވެ. މާ ގިނަ އިރުތަކެއް ނުވެ އިބްޒީމާ ފޯނު ނަގާ އަޒީމް ގާތު އެތާ މަޑުކުރުމަށް އެދުނެވެ. އަޒީމް ސައިކަލު ޕާކްކުރުމަށްފަހު މަގުގެ އެއްފަރާތުގައި މަޑުކޮށްގެން ހުރީ އޭނާގެ މަންމަ އަންނަން ދެނެވެ. ކުރިމަތިން ފެންނަން ހުރި އުސް އިމާރާތުގެ މައިދޮރު ހުޅުވާލަމުން އިބްޒީމާއާ ޒިމްނާ ނިކުތުމުން އަޒީމް ހިނިތުން ވެލިއެވެ. މަގު ހުރަސް ކުރުމަށްފަހު އަޒީމް ގާތަށް އައިސް ހުއްޓެމުން ސައިބޯން އެ ހިސާބު ކައިރީ ހުރި ރެސްޓޯރަންޓަކަށް ދާން އިބްޒީމާ އެދުނެވެ. ޖެހިގެން ހުރި މަގުގައި ވަރަށް ރަނގަޅު ރެސްޓޯރަންޓެއް ހުންނާނެ ކަމަށް ބުނެ އަޒީމް ހިނގައިގަތެވެ. އަޒީމްގެ ފަހަތުން އިބްޒީމާއާ ޒިމްނާ ވެސް ހިނގައިގަތެވެ.
ރެސްޓޯރަންޓަށް ވަދެ އަޒީމް އެތަނަށް ބަލާލިއެވެ. ހެނދުނުގެ ވަގުތެއް ކަމުން އެ ރެސްޓޯރަންޓުގައި މާގިނަ މީހުންނެއް ނެތެވެ. ހުސްކޮށް ހުރި މޭޒުތަކުން ކަނެއްގައި ހުރި މޭޒާ ދިމާއަށް ޒިމްނާ އިޝާރާތްކޮށްލަމުން އެދިމާއަށް ހިނގައިގަތެވެ. ގޮނޑީގައި އިށީންނަމުން ވެއިޓަރަކަށް އަޒީމް ގޮވާލިއެވެ.
ތިން މީހުންނަށް ސައިބޯން އެއްޗިއްސަށް އޯޑަރު ދިނުމަށްފަހު އަޒީމްގެ ފޯނާ ކުޅެން ފެށިއެވެ. "ކޮބާ ކޮން އިރަކުތަ ޖޮބަށް ނުކުންނަނީ؟... މަންމަ ބުނި ޒިމީ ޖޮބަކަށް ދާން އުޅޭ ވާހަކަ..." އަޒީމް ވާހަކަ ދައްކަމުން ޒިމްނާއާ ދިމާއަށް ބުމަ އަރުވާލިއެވެ.
"ވަރަށް އަވަހަށް ހަމަ ޖެހޭނެ.. އެއީ އަހަރެމެން ރަށު ކައުންސިލަރު ހޯދައިދިން ވަޒީފާއެއް... ދޯ މަންމާ..." ޒިމްނާ ވެސް އޭނާގެ އަތުގައި އޮތް ފޯނުގެ ސްކްރީން ހުޅުވާލަމުން ވާހަކަ ދެއްކިއެވެ.
"އަޒީމް... މަންމަ ވަރަށް ބޮޑު ވާހަކައެއް ދައްކަން ވެފަ އެބަ އޮތް... މަންޝާ އެއީ ކޮންކަހަލަ ކުއްޖެއްތަ؟.. އޭނަ އަކީ ދަރިފުޅާ އެކަށީގެންވާ ކަހަލަ ކުއްޖެއް ނޫން... އެއަށް ވުރެ އަޚްލާޤީ ފެންވަރު ދަށްވެފަ ޒާތްގަނޑު ބޮޑު އަންހެނެއް އެއީ... އަހަރެންނާ އޭނަ ވާހަކަ ދެއްކި އަޑު އިވުނު ނަމަ އަޒީމަށް އިނގޭނީ... އޭނަ ނުގަނޭ ލަދެއް ވެސް... ދެން އެކަމަކު ކީއްކުރާނީ.... އަޒީމަށް ކަމުދިޔަ ކުއްޖާ ވިއްޔަ... ތިކަމާ މަންމަ ގަބޫލު ނުވެ ވަކި ކިހިނެއް ހަދާނީ.. މަންމަ ދެއްކި ނައުރީނާ ކައިވެނި ކުރިނަމަ ކިހާ ރަނގަޅު ވީސް... މީހަކާ އިނުމުގެ ކުރިން އެމީހަކީ ތިމާގެ މައިންބަފައިންނަށް ކިހާ ހެޔޮ މީހެއްތޯ ބަލަންވާނެ.. ފިރިހެން ކުއްޖަކަށް ވީމަ ތިމާގެ މައިންބަފައިންގެ ކަންތައްތައް ކޮށްދޭން ހުންނާނީ ތިމާގެ އަނބިމީހާ ކަން އަޒީމަށް ނޭނގުނީމަ މަންމަ ވަރަށް ދެރަވޭ... މިއަދު މަންމަ މިހުރީ މުސްކުޅިވެފަ... އަލިތައްކާނު ދުނިޔޭގައި ހުރިނަމަ..."
އިބްޒީމާގެ ޝަކުވާތައް އެއް ފައްޗަކަށް ބަންޑުން ކޮށްލިއިރު ޒިމްނާ އިނީ ފާޑަކަށް ބޮލުގަ ރިއްސާފައެވެ. "ދެން މަންމާ... ތިހާ ޑްރާމާ ނުވެބަލަ... މަންމަ ބަލަން އަހަރެން މިހުރީނު... އައްދޯއި..."
ޒިމްނާ ދައްކަމުން ދިޔަ ވާހަކަ މެދުކެނޑުނީ މޭޒު ދަށުން ޒިމްނާގެ ފަލަ މަސްގަނޑުގައި އިބްޒީމާ ވިކައިގަތުމުންނެވެ. ތުންގަނޑު ވިކާލަމުން އިބްޒީމާއާ ދިމާއަށް ޒިމްނާ ލޯ އަޅާލިއެވެ. އަޒީމަށް މި މަންޒަރު ފެނުނު ނަމަވެސް މަންމައާ އިދިކޮޅަށް އެއްވެސް އެއްޗެއް ބުނާކަށް ބޭނުމެއް ނުވިއެވެ.
"ޒިމްނާ އަބަދަކު ނުހުންނާނެއްނު... ޒިމްނާ ވެސް ކޮންމެވެސް ދުވަހަކުން މީހަކާ އިންނާނެ.. ދެން އެ އާއިލާގެ މަސްއޫލިއްޔަތާ ހެދި މަންމައަށް އަޅާ ނުލެވިފަ އޮންނާނީ... މަންމަގެ މި އެކަނިވެރި ދިރިއުޅުމާ ދޭތެރޭ އަޒީމް ވިސްނާ ނުލާތީ ދޯ މިވީ ހުރިހާ ދުވަހު މަންމައަށް ގުޅާ ނުލީވެސް... ގައިމު އެ މަންޝާ ވެސް އަޒީމް ކައިރީ ނުބުނޭތަ މަންމައަށް ގުޅާލާ ށޭ..."
ދެންވެސް އިބްޒީމާ މަސައްކަތް ކުރީ މަންޝާގެ ކުށެއް ދެއްކޭ ތޯއެވެ. ނަމަވެސް އެއިން އެއްވެސް ވާހަކައަކަށް އަޒީމް ސަމާލުކަމެއް ނުދެއެވެ. އެމީހުން ދިން އޯޑަރަށް ކާ އެއްޗިހި ވެއިޓަރު ގެނެސް ދިނުމުން އެންމެން ހެނދުނުގެ ސައި އިންސާފް ކުރަން ފެއްޓިއެވެ. "ދަރިފުޅު ބޮނީ ހަމައެކަނި ކޮފީއެއްތަ؟ ކީއްވެ ކާ އެއްޗެއް ނުގެނައީ..." ރޮއްޓާ މަސްހުއްޏާ ޖައްސައިގެން ކަމުން އިބްޒީމާ ސުވާލުކުރީ އަޒީމް ކާއެއްޗެއް ނުގެންނާތީއެވެ.
"އަހަރެން ސައި ބޮއެގެން މިހުރީ... ބަނޑުހައެއް ނުވޭ... މަންމަމެން ރަނގަޅަށް ސައިބޯލާ..." ކޮފީތަށިން އެތިފޮދެއް އަޒީމް ބޯލިއެވެ.
ސައި ބޮއެގެން އަޒީމް މިސްރާބުޖެހީ މަންމަމެން ގެއަށް ގެންގޮސްދިނުމަށެވެ. އެގެއާ ހަމައަށް ދެވުމުން އަޒީމް ހިނގައިގަތީ އޭނާގެ ސައިކަލާ ދިމާއަށެވެ. "ދަރިފުޅާ.. މަޑުކޮށްލަބަލަ.. މަންމަ އެބަ އަންނަން އެއްޗެއް ހިފައިގެން... ނުގޮސް މަޑުކުރައްޗޭ... އިނގޭ..."
އިބްޒީމާގެ އެދުމަށް އަޒީމް ސައިކަލު ކައިރީ މަޑުކޮށްލިއެވެ. އަޒީމާ އެކީ އެކަހެރިކޮށް ވާހަކަ ދައްކާލަން ލިބުނު ރަނުގެ ފުރުޞަތުގެ ބޭނުން ހިފަން ޒިމްނާ ބޭނުން ވިއެވެ. އެހެންކަމުން އިބްޒީމާ ގެއަށް ވަތް އިރުވެސް ޒިމްނާ އަޒީމް ކައިރީ މަޑުކުރިއެވެ.
"ބޭބޭ... މަންމަ އެ ދައްކާ ވާހަކަ ގަބޫލު ނުކުރިއްޔާ ރަނގަޅު ވާނީ.. ރޭގަ މަންމަ ކުރި ކަމެއް ކިޔައިދެންތަ؟..." ޒިމްނާ ވަރަށް ހުޝިޔާރެވެ. އިބްޒީމާ ނެތް ދަނޑިވަޅެއްގަ ނޫނީ އެފަދަ ވާހަކައެއް ދެއްކުމަކީ އެހާ ފަސޭހަ ކަމެއް ނޫންކަން އެނގެއެވެ. އެހެންކަމުން މަންޝާއާ އިބްޒީމާއާ ބަހުސް ކުރަން މެދުވެރިވި ސަބަބު އަލިފުން ޔާއަށް އަޒީމަށް އޭނާ ކިޔައި ދިނެވެ. އެކަމުގައި މަންޝާގެ ކުށެއް ނެތްކަން އޭނަ ސާބިތުކޮށްދޭން ބޭނުންވިއެވެ.
"މަންމަ އެކަހަލަ ކަމެއް ނުކުރާނެ..." ޒިމްނާ ދެއްކި ވާހަކަތައް އަޒީމް ގަބޫލު ކުރާކަށް ބޭނުމެއް ނުވިއެވެ.
"ގޭގައި އެހުންނަ ފަންޑިތަ ހަދާ ފޮތްތައް މަންމަ ހާވާ ތަން އަހަރެން ދެކެން.. އެ އަލަމާރި ހުންނާނީ ތަޅުލާފަ.. އަހަރެމެންނަށް އަތްލަންވެސް މަނާވާނެ... ދޭތެރެ ދޭތެރެއިން ބޮޑު ބޭބެމެންވެސް އައިސް އެކަހަލަ ވާހަކަތައް ދައްކާ އަޑުއަހަން... އަހަންނަށް ޔަގީން މަންމަ އެރޭ ބޮނޑިބަތް އެއްޗަށް ކޮންމެސް އެއްޗެއް އެޅިކަން.. އެހެންނޫނީ އަހަރެން ކާން އުޅުނީމަ ހިފެހެއްޓީ ކީއްވެ؟... ދުވަހަކުވެސް ކައިގެން ފަލަވެދާނޭ މަންމަ ނުބުނާނެ... ދެން އެހެން ބުނުމާ އެކީ މަންމަ ގޮސް އެ ބޮނޑިބަތް އެތި އަޅާލީ ޑަސްބިނަށް..." ފޯރީގައި ޒިމްނާ ދައްކަމުން ދިޔަ ވާހަކަ މެދުކަނޑާލީ އިބްޒީމާ ގެއަށް ވަތް ދޮރާށިން އަނބުރާ ނިކުތުމުންނެވެ. އޭރު އިބްޒީމާގެ އަތުގައި ބޮޑު ކޮތަޅެއް އޮތެވެ.
"އަން މި ޕާރުސަލް ގެންގޮސް އަހަރެމެން ރަށު ޟިރާރާ ހަވާލު ކުރޭ... މީހަކު ދިން ހަދިޔާއެއް އެއީ... ދެން މި އޮތީ ދަރިފުޅަށް މަންމަ ގެނެސްދިން ހަދިޔާ..." އަޒީމް އަތަށް އިތުރު ކުޑަ ކޮތަޅެއް ދިއްކޮށްލަމުން އިބްޒީމާ ވާހަކަ ނިންމާލިއެވެ. އަޒީމަށޭ ކިޔާފަ ދިން ކޮތަޅަށް އަޒީމް ރަނގަޅަށް ބަލާލިއެވެ. އެއީ އަޒީމަށް އެންމެ ކަމުދާ އައްޑޫ ބޮނޑިއެވެ.
"މަންމަތަ ހެދީ..." މަންމަ ހަދާ ބޮނޑި ކާ ހިތުން އަޒީމް ހުރީ ކުޅު ދިޔާވެފައެވެ. އަނގައިގެ ކޮލުދަތްތައް ފެންނަ ވަރަށް ހިނިތުން ވެލަމުން އިބްޒީމާ އާއެކޭ ބުނެލިއެވެ.
"ދެން ދަނީ އިނގޭ... ގެއަށް ގޮސް މިކާނީ..." ސައިކަލުގެ މުށްގަނޑުގައި އެ ކޮތަޅު އަޅުވާލުމަށްފަހު ސައިކަލަށް ތަޅުދަނޑި ޖަހަމުން އަޒީމް ވާހަކަ ދެއްކިއެވެ. އަދި ޒޯނުން ސައިކަލު ނެރެ ސްޓާޓް ކޮށްލަމުން ޒިމްނާއާ ދިމާއަށް ބަލާލިއެވެ. އޭރު އިބްޒީމާ ގޭތެރެއަށް ވަދެއްޖެއެވެ. ޒިމްނާ ހުރީ އަޒީމް އޭނައާ ދިމާއަށް ބަލާނެ ވަގުތަކަށް ބަލަބަލައެވެ. ދެއަތަށް ބޯހޫރަމުން އޭނާ ދެއަތުން އިޝާރާތެއް ކުރަމުން ތުންފަތް ހަރަކާތް ކުރިއެވެ. ހަރަކާތް ހުރިގޮތުން ޒިމްނާ އެބުނި އެއްޗެއް އަޒީމަށް ނަގައިގަނެވުނެވެ.
"އެ ބޮނޑި ނުކާތި..."
އަޒީމަށް އޭނާގެ ކޮއްކޮ އެ އުޅޭ ގޮތުން ޖެހިލުންވާ ގޮތް ވިއެވެ. ޒިމްނާ އެހެން އެބުނީ ކީއްވެ ހެއްޔެވެ. އަނެއްކާ މަންމަ އެ ބޮނޑިއަށް ފަންޑިތައެއް ހެދީ ބާވައޭ އަޒީމްގެ ސިކުނޑީގެ ކަނަކުން ގޮވާލިއެވެ. ސައިކަލުގައި އަޒީމް މިސްރާބު ޖެހީ ނަވާފްމެން ގެއާ ދިމާއަށެވެ.
*** *** *** *** *** ***
އަބަދު ގޭތެރޭގައި ހުންނަން ޖެހުމުން ޒިބާން ހުރީ އިންތިހާއަށް ފޫހިވެފައެވެ. ގޭތެރޭގައި ސަކޭރާ ބަހައްޓާފައި ހުރި ސާމާނުތައް ހާވަމުން އޭނާ ދިޔައީ އެއްޗެއް ފެނޭތޯއެވެ. ޒިބާންގެ އިންތިޒާރުގެ ވަގުތަށް ނިމުމެއް އަންނަން ގާތްވަނީކަން އޭނާއަށް އެނގުނެވެ. ބިއްލޫރި ފުޅިއެއްގައި ހުރި ފެން ޒާތުގެ އެއްޗެއް ނެގުމަށްފަހު އޭނާ ބިއްލޫރި މޭޒާ ގާތްވެލިއެވެ. އެއީ ސަކޭރާ ބޭސްހަދާ މޭޒެވެ. ޒިބާން އަތުގައި ހުރި ސާމަނުތަކުން އެއްޗެއް ތައްޔާރު ކުރަމުން ދިޔައީ ވަރަށް ބަލައިގެން މަޑުމަޑުންނެވެ. އެވަގުތު އެގޭތެރެއަށް ވަދެގެން އައި ތަޒްކިޔާ ފެނުމުން ޒިބާންގެ ދެބުމަ ގޮށް ޖަހާލިއެވެ.
"ކޯއްޗެއްތަ ތި ހަދަނީ؟..." ޒިބާން ކުރަން ހުރި މަސައްކަތް ހުއްޓާލަމުން ތަޒްކިޔާއާ ދިމާއަށް ބަލާލިއެވެ. ތަޒްކިޔާއާ ދިމާއަށް އޭނާ ފުން ނަޒަރަކުން ބަލާލީ އޭނާގެ ފަރާތުން ކަމެއް ފާހަގަވާކަން ޒިބާނަށް އެނގުނެވެ. ޒިބާން ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. ތަޒްކިޔާއަށް އެކަމުން އިހްސާސްވި ހިތްހަމަޖެހުން ދެނެގަންނަށް ޒިބާނަށް އެނގުނެވެ. ތަޒްކިޔާގެ ހިތުގައި ޒިބާނަށް ހާއްސަ މަގާމެއް ދެވިފައިވާކަންވެސް އޭނާއަށް އެނގުނެވެ.
"ކިހިނެއްވީ؟... ތަޒްކީއަށް އެހީއެއްވާކަށް ނޭނގޭނެ... އެއަށްވުރެ ތަޒްކީ މާފިނޑި..." ޒިބާން ބޭނުންވީ ގަސްތުގައި ތަޒްކިޔާ ދެރަކޮށްލާށެވެ. ތަޒްކިޔާގެ ހިތުގައި ޖައްސާލާށެވެ.
މޭޒުމަތީގައި އޮތް ރިހިފަށް ނަގަމުން ތަޒްކިޔާ އެ ފަށަށް ބަލާލީއެވެ. އެއީ ވަރަށް ރީތި ގެތުމަކުން ގަތާފައިވާ ފަށެކެވެ. "ވާއު... ވަރަށް ރީތި މީ ކޮން ފަށެއް؟..." ޒިބާން ދެކެ ރުޅިއައިސްފައި ހުންނަން ބޭނުން ނުވާތީ ތަޒްކިޔާ އަނެއްކާވެސް ސުވާލެއް ކޮށްލިއެވެ. ޒިބާން ހުރީ އޭނަ ދެކެރުޅި އައިސްފަކަން ތަޒްކިޔާއަށް އިނގޭތީ އޭނާ ބޭނުންވީ ޒިބާންއާ ވާހަކަ ދައްކައިގެން އޭނާގެ ރުހުން ހޯދާށެވެ.
ޒިބާން ކުރަން ހުރި މަސައްކަތް އޭރު ނިމެނީއެވެ. ބިއްލޫރިން ހަދާފައިވާ ފަތި ބޯޅައެއް ކަހަލަ ފުޅިއެކެވެ. އޭގެ ތެރެއަށް ޒިބާންގެ އަތުގައިވާ ފުޅީގައި ހުރި ފެން އަޅާލިއެވެ. އެވަގުތު ތަޒްކިޔާއަށް އެ ބޯޅައެއްކަހަލަ އެތީގެ އެތެރެއަށް ބަލާލެވުނެވެ. ފެންއަޅާ ނިމުމުން ޒިބާން އޭގެ ތުން ބައްދާލަން ރިހި ކުލައިގެ މައްޗެއް ހަރުކޮށްލިއެވެ. އަދި އެ މަތިގަނޑުގެ ކޮޅުގައި ބޮޅެއް ހަރުކޮށްލީ އޭނާގެ ލޮލުން ފޮނުވާލި އަލިފާން ކަންޏަކުންނެވެ. ކައިރީގައި ހުރި ފެން އެއްޗަށް އެ ބޯޅަ ލިއެވެ. މިހާރު އެ ވައްތަރީ ފަށެއްގެ ފުލަކާއެވެ.
މަންޒަރު ބަލަން އިން ތަޒްކިޔާއަށް އެ ފޫ ވަރަށް ކަމުދިޔައެވެ. "އަހަންނަށް މީތި ދޭންވީނު... ޕްލީސް.. މީތި ވަރަށް ލޯބި..."
"ނޫނޭ... ތީ ތަޒްކީއަކަށް ނޫން.. ތީ މަގޭ މަންޝާއަށް... މި މަލަކީ އަހަރެންނާ މަންޝާގެ ލޯބީގެ ނިޝާން.... އެ ފެންގަނޑު ތެރޭގައި އިން މާ ވަށައިގެން އެފެންނަ ކުދި ވިދުންތައް ނިސްބަތް ކޮށްދެނީ އަލިފާން ކޮކާ.... މީ އަހަރެން އޭނާއަށް ހާއްސަކޮށް ދޭން ހެދި އެއްޗެއް... އަހަރެންގެ ހަނދާނެއްގެ ގޮތުގަ... ރީތި ދޯ..." ޒިބާން އެ ފަށު ފުލުގައިވާ ހުރިހާ އެއްޗެއް ކިޔައިދެމުން ތަޒްކިޔާގެ މޫނަށް ބަލާލިއެވެ. ޒިބާން ބޭނުންވީ ތަޒްކިޔާ ހަސަދަވާ ވަރެއް ބަލާށެވެ. އެ ބިއްލޫރި ފުލުގެ ތެރޭގައި ވާ ފެންތަކު ތެރޭގައި ވަނީ ރަތްކުލައިގެ ބެރެބެދި މަލެކެވެ. އެއްރުފިޔާގެ ފޮއްޗެއްގެ މިނަށް އޮތް ރަތްމާ ވަށައިގެ ހުދު އަދި ރަންކުލައިގެ ވިދުންތަކެއް ފާޅުވެއެވެ. ޒިބާން ބުނި ފަދައިން އެ ރަމްޒުކޮށްދެނީ އަލިފާން ކޮކާތަކެވެ.
"އަސްލުވެސް ވަރަށް ރީތި... މަންޝާ އިޒް ސޯ ލަކީ..." ތަޒްކިޔާގެ މޫނުމަތީގައިވާ ހިނިތުންވުން މިލާ މޯޅިވިއެވެ. އެއީ މަންޝާއަށް ދޭން ހަދާ އެއްޗެއްކަން އެނގުމުން އޭނާ ފޫހި ވިއެވެ. ތަޒްކިޔާ ދެކޭ ގޮތުގައި މަންޝާއަކީ ޒިބާނަށް އެންމެ އެކަށީގެންވާ މީހާއެއް ނޫނެވެ. ނަމަވެސް އެއީ ޒިބާންގެ އަމިއްލަ ނިންމުމެކެވެ. އެކަމަށް ފާޑު ކިޔަން ތަޒްކިޔާއަކީ ވަކި ކާކު ހެއްޔެވެ.
ހިޔާލަކަށް ގެއްލިފައި ހުއްޓާ ތަޒްކިޔާގެ އަތުގައި އޮތް ރިހިފަށް ޒިބާން އަތުލިއެވެ. އަދި އެފަށަށް ޒިބާން ހެދި ފޫ މަހާލިއެވެ. އެއް އަތުން އެ ފަށް ހިއްލާލަމުން އަނެއް އަތުން ފުލުގައި ހިފާ އަނބުރާލިއެވެ. އެ ފުލުގައިވާ ފެނުގެ ތެރޭ ވިދާ ކުނޑިތައް އެ ބެރެބެދިމާ ވަށާ އެނބުރެން ފެށިއެވެ.
*** *** *** *** *** ***
ސްކޫލު ދަށަށް ދާން މަދީހާ ނިކުތީ މެންދުރަށް ކެއްކުމަށްފަހު ފެންވަރައިގެންނެވެ. ސިޓިންގް ރޫމް ސޯފާގައި ދުފާލަ ދުފާލަ އިން މުނީރާއަށް ބަލާލަމުން މަދީހާ ވާހަކަ ދެއްކިއެވެ. "އެސޮރުމެން މިއަދު ނިމެނީ އެގާރަގަޑި ބައިގަ ދޯ..." މުނީރާ ޖަވާބެއް ނުދެއެވެ. ހީވަނީ ކަމަކަށް ގެއްލިފައި އިން ހެނެވެ. އެހެންކަމުން މަދީހާ މުނީރާއަށް ދެބުރަކަށް ގޮވާލިއެވެ.
ސިހިފައި މުނީރާ ބަލާލީ އޭނާއަށް މަދީހާ ގޮވާތީއެވެ. "ކީކޭ؟.. މަށަށް ގޮވިންތަ؟..."
"މިއަދު އަމާންމެން ނިމެނީ އެގާރަގަޑި ބައިގަދޯ... އަހަރެން މިދަނީ އެކުދިން ބަލާ އިނގޭ..." ފައިވާނަށް އަރަމުން މަދީހާ އަޅައިގެން ހުރި ބުރުގާ ރީތިކޮށްލަމުން މުނީރާއާ ވާހަކަ ދެއްކިއެވެ. އާއެކޭ ބުނަމުން މުނީރާ ބޯ ޖަހާލިއެވެ. ގެއިން ބޭރަށް ނިކުމެ މަދީހާ އަތުގައި އޮތް ފޯނަށް ބަލާލިއެވެ. އެގާރަގަޑި ބައިވާން ފަނަރަވަރަކަށް މިނެޓް ހުރުމުން މަޑު ހިނގުމެއްގައި ސްކޫލު ދޮށަށް ދެވޭނެކަން އޭނާއަށް އެނގުނެވެ. އެހެންކަމުން އަނެއްކާވެސް މަދީހާ ގުޅާލީ އަފްނާންގެ ނަންބަރަށެވެ.
މިފަހަރު އަފްނާން ފޯނު ނެގިއެވެ. "ހަލޯ... އަފޫ ކޮންތާކު ތިއުޅެނީ... ގެއިން ބޭރުގަ އުޅޭތާ ކޮންއިރެއް؟... ދައްތަ ކައިރީ ނުބުނެ ކީއްވެ ބޭރަށް ދިޔައީ؟.. މަންމަ އައިސްފި... ކޮންއިރަކުން ގެއަށް އަންނަނީ؟..." އަފްނާން ފޯނު ނެގުމާއެކީ މަދީހާ ވާހަކަ ދައްކަން ފެށިއެވެ. އެކޮޅުން ވާހަކަ ނުދައްކަނީސް އެތައް ސުވާލެއް މަދީހާ ކުރަން ފެށިއެވެ.
*** *** *** *** *** ***
ސޯފާގައި އިން މުނީރާ ވިސްނަމުން ދިޔައީ އަފްނާން ދާނެ ވަކި ތަނެއް ނޭނގޭތީއެވެ. އެ ފޮޓޯތައް ފެނުނު ވަގުތު މުނީރާ ހުރީ އިންތިހާއަށް ރުޅި އައިސްފައި ކަމުން އެތައް އެއްޗެއް ކިއިއްޖެއެވެ. އަފްނާން ގެއަށް އަންނާނެ ވަގުތަކަށް މުނީރާ ބަލަބަލާ އެހެން އިންނަތާ ކޮން އިރެއް ހެއްޔެވެ. ސޯފާއިން ތެދުވެ މުނިރާ މިސްރާބު ޖެހީ އަފްނާނުގެ ކޮޓަރިއާ ދިމާއަށެވެ.
(ނުނިމޭ)