"ޒިބާން..." އެ ބޭސް ފުޅި އެއްލާލުމުން އަޑުގެ ނެތް ތަނަށް ސަކޭރާ ހަޅޭއްލަވައިގަތެވެ.
ވައިގެ ތެރޭގައި ދޮރާ ހަމައަށް އެ ފުޅި ދިޔައީ ވަރަށް ހަލުވި ސްޕީޑެއްގައެވެ. ނަމަވެސް އެ ފުޅި ގޭ ދޮރުން ބޭރުނުވަނީސް ތަޒްކިޔާ އެ ފުޅީގައި ހިފިއެވެ. މަންޝާއަށް ބޭސް ދޭން ދާނީ އަހަރެން..." ރުޅިއައިސް ރަތްވެފަައި ހުރި ޒިބާނާ ދިމާއަށް ބަލަމުން ތަޒްކިޔާ ވާހަކަ ދެއްކިއެވެ.
ޒިބާން އައިސްފައިވާ ރުޅި މަޑުވި ކަަހަލައެވެ. "އެކަމަކު ތަޒްކީއަކަށް ނުވެސް އިނގޭނެ... ދެން ކިހިނެއް؟.. ކޮންމެ ކަހަލަ ކަމެއްވެސް ދިމާވެދާނެ.. ތަޒްކީ ދާނެ ކަމެއް ނެތް؟... ތި އާއިލާއަށް އެނގިއްޖިއްޔާ އަހަރެން ދެކެ ރުޅި އަންނާނީ... ނުވިތާކަށް ބައްޕަވެސް ރުޅި އަންނާނެވަަރު އަހަންނަަށް އިނގޭ..." ނަމަވެސް ޒިބާން މަސައްކަތް ކުރީ ތަޒްކިޔާ ނުފޮނުވާ ވޭތޯއެވެ.
"ތެދެއް.. ތަޒްކީ ދާނެ ކަމެއް ނެތް... ތަޒްކީއަށް ކަމެއް ވެއްޖިއްޔާ އަހަރެމެން ތި އާއިލާއަށް ދައްކާނީ ކޮން މޫނެއް..." ސަކޭރާ ކުރިޔަށް ޖެހިލީ ތަޒްކީޔާ އަތުން އެ ބޭސްފުޅި ހޯދާށެވެ.
"ނޫން.. މި ބުނީނު އަހަރެންނޭ ދާނީ... އަހަރެން މިކަން މި ކޮށްދެނީ ޒިބާނަށް ކޮށްދޭ ކަމެއްގެ ގޮތުގައި... އަހަރެންނަށް ވާނެ... އަހަންނަށް ހަދަންވީ ގޮތް ކިޔައިދީ..." ތަޒްކީޔާ ކުރިއަށް ޖެހިލީ ޒިބާން ގާތަށެވެ. އޭރު ޒިބާން ގެ ދިއްލިފައިވާ ރަތް ދެލޮލުގެ ކުލަ މަޑުވެއްޖެއެވެ.
ތަޒްކިޔާ ފޮނުވުން ފިޔަވާ އިތުރު ގޮތެއް ޒިބާނަކަށް ނެތެވެ. މަންޝާއަށް ޝިފާ ލިބޭތޯ މިބޭސްް ދިނުމަކީ މުހިއްމު ކަމެކެވެ. އެހެންކަމުން މަންޝާ ގާތަށް ދާންވީ ގޮތާ ހަދަންް ވީ ގޮތް ތަޒްކިޔާއަށް ކިޔައިދޭން ޒިބާން އަވަސްވެގަތެވެ.
*** *** *** *** *** ***
ފަތިސްވީ އިރު މަންޝާ އޮތީ އެނދުގައި އޮށޯވެގެން އަޒީމް ގެއަށް އަންނާނެ ވަގުތެއްގެ އިންތިޒާރުގައެވެ. އެހެން އޮއްވާ ގޭގެ މައި ދޮރު ހުޅުވާލިކަން އެނގުނެވެ. އެނދުގައި އޮށޯވެގެން މަންޝާ އޮތީ ނިދާކަމަށް ހަދައިގެންނެވެ. ނަމަވެސް އިރުކޮޅެއް ވީ އިރު މަންޝާގެ ނޭފަތުގައި މަސް ވަސް ޖެހިއްޖެއެވެ. މިއަދުވެސް އަޒީމް އެއައީ މަސް ހިފައިގެންނެވެ. މަންޝާއަށް އެނދުގައި އެހެން އޮންނާކަށް ނުކެރުނެވެ. ފޯނުން ގަޑިއަށް ބެލާލެވުނެވެ. އޭރު ގަޑިން ހެނދުނު ހަ ގަޑި ބައިވަނީ އެވެ. އަޒީމް ވަންނާނެ ވަގުތެއްގެ އިންތިޒާރުގައި އިތުރު ފަނަރަ މިނެޓް ވަންދެން މަންޝާއަށް އެހެން އޮންނަން ޖެހުނެވެ.
ކޮޓަރީގެ ދޮރު ހުޅުވާލާފަ އެތެރެއަށް ވަތް އަޒީމާ ދިމާއަށް މަންޝާ ބަލާލިއެެވެ. "ރޭގަ ނަވާފްމެން މަސްބާނަން ދިޔައީ... އެމީހުން މަސްްބާނަން ދޯނީގައި ނައްޓާލީ... ޑިއުޓީގަ ހުރީމަ އަހަންނަށް ނުދެވުނު. އެމީހުން އައި އިރު ގެނެސްދިން ރެހި ކޮތަޅެއް ހިފައިގެން މިއައީ..." އަޒީމް ގަމީސް ބާލަމުން ފާޚާނާއަށް ވަންނަންދާން އުޅުނެވެ. އެވަގުތު މަންޝާ އައިސް އަޒީމް ގާތަށް ހުއްޓުނެވެ. އަޒީމްގެ ގައިގާ ބައްދާލިއެވެ.
"ކޮން އިރަކު މަންމަމެން ދިޔައީ؟... ޒިމީ ވަރަށް އުފަލުން ހުރީ މަންޝާ ޕްރެގް ވާހަކަ ބުނީމަ..." މަންޝާގެ ބުރަކަށީގައި ފިރުމާލަމުން އަޒީމް ވާހަކަ ދެއްކީ ނުލާހިކު ލޯތްބާ އެކީގައެވެ.
"އަޒީމްގެ މަންމަ އެއީ ކޮންކަހަލަ މީހެއްތަ؟.. މަންމަ އުޅުނީ ފަންޑިތަ އަޅައިގެން މަށަށް އެއްޗެއް ކާން ދޭން ވެގެން... ވަރަށް ފޫހިވޭ... އެއީ ހަމަ އައްޑޫ މީހުންގެ ވައްތަރު... އެމީހުންނަކީ ފިސާރި މޮޅަށް ފަންޑިތަ ހަދަން އެނގޭ ބައެކޯލަ... އަދި ފުރަތަމަ ދިމާވި ދުވަސް ވިއްޔާ... މަގޭ ހިތަށްވެސް އެރިޔޭ ކޮންމެވެސް ނުބައެއް އެބަ އުޅެޔޭ... އަހަރެން މަންމައާ ދިމާއަށް ބުނީ ފަންްޑިތަ އަޅާފަ ނޫންހޭ ބޮނޑިބަތް އެތި ދިނީ... ބުނީމަ ރުޅިއައިސްގެން މަށަށާ އަޒީމަށް މޮޔައަށް ގޮވާފަ ނިކުމެގެން ހިނގައްޖެ..." ވާހަކަ ކިޔައިދީ ނިންމާލުމަށްފަހު މަންޝާ ފުން ނޭވާއެއް ބޭރުކޮށްލިއެވެ.
މަންޝާ ދެއްކި ވާހަކަތައް އަޒީމަކަށް ގަބޫލެއް ނުކުރެވުނެވެ. މަންޝާގެ ދެއަތުގައި ހިފާ ގަޔާ ދުރަށް މަންޝާ ޖައްސާލެވުނެވެ. " ބަލަ އަހަރެންނަކީ ވެސް އައްޑޫ މީހެކޭ... އަހަރެން އެހެނެއް ނޫނެއްނު..." އަޒީމް ސުވާލުކޮށްލީ ޝަކުވާގެ ރާގަކަށެވެ.
"އަޒީމްގެ ބައްޕައަކީ އެކަން ނުލާހިކު މޮޅަށް ދަންނަ މީހެއްނު.. އެއީ ކުރީގަ ރަށުގައި ފަންޑިތަ ސިހުރު ހަދަން ނަން މަޝްހޫރު ފިރިހެނެއްނު..." މަންޝާގެ ދުލުން ނިކުތް ބަސްތަކުން އަޒީމް ހައިރާން ވިއެވެ. އެހާ ކުރީގެ ވާހަކަތަކެއް މަންޝާއަށް އެނގެންވީ ކިހިނެއް ހެއްޔެވެ. އަދި އަޒީމްގެ އާއިލާއާ ބެހޭ މާ ގިނަ ވާހަކައެއް މަންޝާއާ ހިއްސާ ނުކުރާކަންވެސް އަޒީމަށް އެނގެއެވެ. އަލިތައްކާން މަރުވިތާ ވެސް ނަވާރަ އަހަރު ވެއްޖެއެވެ.
މަންޝާ ހުރީ އަޒީމްގެ މޫނަށް ބަލާށެވެ. އަޒީމަށް އިތުރު އެއްޗެކޭ ނުބުނެވެނީސް މަންޝާ އަނެއްކާވެސް އަޒީމްގެ ގައިގާ ބައްދާލިއެވެ. އަޒީމްގެ ކޮަލަށް ބޮސްދެމުން ރެހިތައް ތެލުލަންވީތޯ ސުވާލުކޮށްލިއެވެ. "އާން.... އަހަރެން މިއަންނަނީ ފެންވަރާލައިގެން... ވަރަށް ވަރުބަލި..." މަންޝާއާ ދުރަށް ޖެހިލަމުން އަޒީމް ފާޚާނާއަށް ވަނެއެވެ.
ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލި ވަގުތު މަންޝާއަށް ބެލްކަނީގައި މީހަކު ހުރި ކަމުގެ އިހްސާސް ވިއެވެ. ބެލްކަންޏާ ދިމާއަށް އެނބުރިލީ އެ އައީ ކާކުތޯ ޔަގީން ކުރާށެވެ. ނޫކުލައިގެ އަލިކޮޅެކެވެ. އެހެންކަމުން މަންޝާ އަވަސް ފިޔަވަޅުތަކެއްގައި ބޭރަށް ނިކުތީ އެ އައީ ސަކޭރާ ކަމަށް ހީކޮށެވެ. ނަމަވެސް އެ އަލިގުޅަ މީހެއްގެ ސިފައަށް ބަދަލުވީ އިރު އެއީ ސަކޭރާ އެއް ނޫނެވެ. އެއީ އެހެން މުއުމިން ޖިންނިއެކެވެ.
"މަންޝާ... އަހަރެން މި އައީ ޒިބާން ފޮނުވައިގެން..." ތަޒްކިޔާ މަޑުމައިތިރި ކަމާއި ލޯތްބާ އެކީ ވާހަކަ ދެއްކީ އެއީ ޒިބާންގެ ލޯބިވެރިޔާއަށް ވީތީއެވެ. މަންޝާ ދިރިއުޅޭ ގެއާ ހަމައަށް އާދެވުނު އިރު ތަޒްކިޔާއަށް އާދަޔާ ޚިލާފް ބާރުތަކެއް އިހްސާސްވިއެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް އޭނާއަކަށް ދެނެގަންނާކަށް ނޭނގުނެވެ. މަންޝާގެ ބަނޑުގައިވާ ޒިބާންގެ ދަރިފުޅުގެ ސަބަބުން ތަޒްކީޔާއަށް ފާހަގަވާ ކަމެއް ކަމަށް އޭނާއަށް ނިންމުނެވެ.
"ކޮބާ ޒިބާން؟.. ކީއްވެ އޭނަ މިތަނަށް ނައީ؟.. ކޮން ދުވަހެއް ނާންނަތާ؟... ތީ ޒިބާންގެ މެސެޖް ޕާސްކުރަން މި ދެމެދުގެ ކަނދުފައްޗެއްތަ؟..." މަންޝާ ވާހަކަ ދެއްކީ ޒިބާން ނައުމުން އެކަމާ ހިތްހަމަ ނުޖެހިފަ ހުރެއެވެ. ނަމަވެސް އެއީ މަންޝާގެ ބަސްތަކެއް ނޫނެވެ. އެއީ ޒޭބާގެ ބަސްތަކެވެ. އެ ވާހަކަތައް އަޑުއަހަން ހުރި ތަޒްކިޔާއަށް ލިބުނީ ހައިރާން ކަމެކެވެ. ޒިބާންދެކެ އިންތިހާއަށް ލޯބިވާ މަންޝާގެ ހުރި ނުރަނގަޅު ސިފަތައް ފެނިފައެވެ.
"ޒިބާނަށް މިވަގުތު އާދެވޭކަށް ނެތް... އެހެންވެ އަހަރެން މިއައީ... އަހަންނަށް ކިޔަނީ ތަޒްކިޔާ... ޒިބާންގެ ބޮޑުދައިތަ ހަދައިދިން ބޭހެއް ހިފައިގެން މިއައީ.. މީ މަންޝާއަށް ވާ އުނދަގޫތަކުން ސަލާމަތްކޮށްދޭން ހަދާފައިވާ ބޭހެއް... ކޮންމެ ދުވަހަކު ތިން އިރަށް މި ބޭހުން ތިން ތިިކި އަނގަޔަށް ޖަހާލާ..." ބޭސް ފުޅި ދިއްކޮށްގެން ހުރެ ތަޒްކިޔާ ވާހަކަ ދެއްކީ އޭނާއަށް ޒިބާންމެން ކިޔައިދިން މައުލޫމާތުތައް ރަނގަޅަށް ކިޔައިދެވޭތޯ އެ ކިޔައިދިން އެއްޗިސް ހަނދާން ކުރަމުންނެވެ.
"ތަޒްކީ އޯ ވަޓް އެވާރ... ކޮންމެހެން މަށަށް ތި ބޭސް ދޭނެ ކަމެއް ނެތް؟... އަހަންނަށް ތިބޭހާ ނުލާވެސް މިކުއްޖާ ވިހޭނެ... ކަލޭ ތިއައި ތާކަށްދޭ... އަދި ޒިބާން ކައިރީ ބުނޭ އަހަރެން މިއުޅެނީ އަޒީމާ އެކީ ވަރަށް ހެޕީކޮށޭ..." މިހެން ބުނެ މަންޝާ ބެލްކަނި ދޮރު ހުޅުވާ ކޮޓަރިއަށް ވަނެވެ.
މަންޝާއަށް ހަމައަށް އައި އިރު ތަޒްކިޔާ ހުރީ އެހާ ބިރުގަނެ ޖެހިލުންވެފައެވެ. ނަމަވެސް މަންޝާ ކަންތައް ކުރި ގޮތުން މަންޝާ ގާތަށް އައުމުގެ ބޭނުމަކީ ކޮބައިބާވައޭ ތަޒްކިޔާގެ ހިތަށް އެރިއެވެ. ކިބުރުވެރިކަން ބޮޑު އެ އަންހެނާ ތަޒްކިޔާ ދިން ބޭހުގައި ނުހިފުމުން މަންޝާ ދެކެ ފޫހިވިއެވެ. ބޭކާރު ދަތުރެއް ކުރެވުނީތީ ތަޒްކިޔާ ހުރީ ރުޅިއައިސްފައެވެ. މަންޝާއަކީ ޒިބާނާ އެކަށީގެންވާ ކަހަލަ އަންހެނެއް ނޫނޭ އޭނާގެ ހިތަށް އެރިއެވެ.
އަލިގުޅައެއްގެ ސިފައަށް ބަދަލުވެގެން ޒިބާން ގާތަށް ދާން ތަޒްކިޔާ ދަތުރު ފެއްޓިއެވެ.
*** *** *** *** *** ***
އަފްނާން ކޮބާތޯ ބަލާލަން އެ ކޮޓަރީގެ ދޮރުގެ ތަޅުގައި މަދީހާ ހިފާލިއެވެ. ކޮޓަރި ހުރީ އެތެރެއިން ތަޅުލާފައިކަމުން މަދީހާ ޓަކި ޖާހާލިއެވެ. ނަމަވެސް ޚަބަރެއް ނުވުމުން އަދި އަފްނާނަށް ނުހޭލެވެނީ ކަމަށް ނިންމާ މަދީހާ ގެއިން ނިކުތުމަށް ހިނގައިގަތީ އަމާނާއި އީމާން ސްކޫލަށް ދާން ގަޑި ޖެހިދާނެތީއެވެ. ފޯނު އަތަށް ލައިގެން ގެއިން ނިކުތުމުގެ ކުރިން ގަޑި ބަލާލީ މުނީރާ އަންނާނެތީއާ ވެސް އެކީގައެވެ.
ގެއިން ބޭރަށް ނިކުތް އިރު އަމާނާއި އީމާނާ ދެކުދިން ތިބީ މަދީހާ އަންނަން ދެން މަޑުކޮށްގެންނެވެ. ގޭގެ ދޮރު ތަޅުލުމަށްފަހު ސްކޫލާ ދިމާއަށް ދާން ހިނގައިގަތް ވަގުތު މަދީހާގެ ފިޔަވަޅު މަޑުކޮށްލީ މުނީރާގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. ފަސް އެބުރި އަޑު އައި ދިމާއަށް ބަލާލިއިރު މުނީރާ ޓެކްސީގެ ދޮރު ލައްޕާލަމުން ގެއާ ދިމާއަށް ހިނގައިގަތެވެ. މުނީރާ އަތަށް ތަޅުދަނޑި ހަވާލުކުރުުމަށްފަހު މަދީހާ ސްކޫލްދޮށަށް ދާން އަވަސް ވެގަތެވެ.
ގެއަށް ވަދެ މުޅި ގޭތެރެއަށް މުނީރާ ނަޒަރު ހިންގާލިއެވެ. ގޭތެރެއިން މީހެއްގެ ހިލަމެއް ނުވާތީ މިވަގުތު އަފްނާން އޮންނާނީ ނިދާފަ ކަން އެނގުނެވެ. އެހެންކަމުން މުނީރާ ވަނީ އޭނާގެ ކޮޓަރިއަށެވެ. ކޮޓަރީގައި މުނީރާގެ މަންމައެއް ވެސް ނެތެވެ. މަންމަ ވީ ކޮންތާކު ބާވައޭ ހިތަށް އެރިއެވެ. ނަމަވެސް މިވަގުތު މުނީރާ ބޭނުންވީ ފެންވަރާލާށެވެ. ފެންވަރައިގެން ނިކުތް އިރު މަދީހާ ގޭގައި އުޅޭކަން އެނގުނެވެ. ތުވާލީން އިސްތަށިގަނޑު ހިއްކާލައިގެން ބޭރަށް ނިކުތީ އިސްތަށިގަނޑު ހާވާލައިގެންނެވެ. ބަދިގެ ފަރާތުގައި މަދީހާ އުޅޭކަން އެނގުނީ ތެލި ތަށިތައް ތަޅުވާ އަޑު އިވޭތީއެވެ.
"ދައްތާ.. ކޮބާތަ މަންމަ؟... މަންމަ ކޮންތާކަށް ދިއައީ؟.." ގޭގައި ހަދީޖާ ނެތުމުން މުނީރާ ސުވާލު ކުރީ މަދިހާއާއެވެ.
"މަންމަ ވީ ސަފިއްޔައްތަމެން ގޭގަ... ރޭގަ ސަފިއްޔައްތަ އައިސް އެގެއަށް ހިނގާށޭ ބުނީމަ ދިޔައީ.. ދެތިން ހެދުމެއް ހިފައިގެން އަމާ ދިޔައީ... އަހަރެންވެސް ބުނިން މުނީރާ އައިމަ ދާނަމޭ... ހުޅުމާލެ ނުލާހިކު ހިތްފަސޭހަ ވާނެ... ދެދުވަހަށް ޖައްސާލަން ރަނގަޅެއްނު..." އަމާނާއި އިމާމެން ސައިބުއި ތަށިތައް ނަގާ ސިންކު ދޮށާ ގާތްވަމުން މަދީހާ ވާހަކަ ދެއްކިއެވެ.
"އަހަރެން ނުދާނަން... ހަސަނު މަރުވީމަވެސް ރަށު މީހުންނަށް ކުށްވެރި ކުރަން އެނގުނީ އަހަރެން ވިއްޔަ.. އެ އުޅޭ ފާތުމަ މެންނަށް ހީވަނީ އީދެއް އައިސްގެން އުޅޭހެން... ދޯނި މަތީވެސް އެ ދައިތަގަނޑުގެ އަނގަ ދެވަރެއް ނުވެ... މަ ހިތަށް އަރާ މީހުންގެ ދިރިއުޅުމުގެ ވާހަކަ ދައްކައިގެން އަޅެ އެމީހުންނަށް ލިބެނީ ކޮން އުފަލެއް ބާއޭ؟... ވަރަށް ފޫހިވޭ..." ބަދިގެ ތެރޭ މަދީހާއާ ވާހަކަދައްކަން ހުއްޓާ ކުއްލިއަކަށް މަޖުދީ ހަވާލުކުރި ފޯނު މަތިން މުނީރާ ހަނދާންވިއެވެ. އެނބުރި ކޮޓަރިއާ ދިމާއަށް އަވަސް ފިޔަވަޅުތަކެއްގައި ހިނގައިގަތެވެ.
އެނދުމަތީ ބާއްވާފަ އޮތް އަތްދަބަސް ނަގާ އޭގެ އަރިމަތީ ޖީބަށް އަތްކޮށްޕާލީ ހަސަނުގެ ފޯނު ނަގާށެވެ. ފޯނު އަތު ޖެހުމާއެކީ އަވަހަށް ނަގާ އެ ފޯނު ހުޅުވަން މަސައްކަތް ކުރިއެވެ. ނިއުޅުވާލާފައި އޮތް މުނީރާގެ އިސްތަށިގަނޑުގެ ތެރެއަށް އެއް އަތުގެ އިނގިލިތައް މަހާލަމުން ފޯނަށް ބަލަމުން ދިޔައެވެ. ފޯނުގެ ކޯލްސްތަކާ މެސެޖް ބައެވެ. އެއަށް ފަހު ފޯނުގެ ގެލެރީ ބައެވެ. އެފޯނުގައި އަފްނާނާ ހަސަނުގެ އެތައް ފޮޓޯއަކާ ވީޑިއޯއެއް ހުއްޓެވެ. މުނީރާއަށް އެމަންޒަރު ފެނުމުން އެނދުމައްޗަށް ތިރި ވެވުނެވެ. ވީޑިއޯގައި އަފްނާން ޖައްސަމުން ދިޔަ ވައްތަރު ފެނި މުނީރާ އަންތަރީސް ވިއެވެ. މިއީ އޭނާ ބަނޑުއަޅާ ވިހޭ ދަރި ބަވައޭ ހިތަށް އެރިއެވެ.
އަފްނާން ލައިގެން ހުރި ކުރު ހެދުމުގައި އަރިއަރިއަށް މޮޑެލްކޮށް ނަށަމުން ދިޔައެވެ. ހެމުން ހަސަނު އެ މަންޒަރު ވީޑިއޯ ކުރަމުން ދިޔައެވެ. އަފްނާން އޭނާގެ ބައްޕަ ހިތްހަމަޖައްސައި ދޭން ޖައްސަމުން ދިޔަ ވައްތަރުތައް ފެނި މުނީރާގެ ރުޅި އިންތިހާއަށް އެރިއެވެ. އެ ރުޅިގަނޑުމަތީގައި ހުރެ ގައި ހުރި ބާރެއްލާ އެ ފޯނު ތަޅުގަނޑުމަތީ ޖެހިއެވެ. ޖެހުމާއެކީ އެފޯނުގެ ޑިސްޕްލޭ އެކީ ކުދިކުދިވިއެވެ.
ކޮޓަރީގެ ދޮރުހުޅުވާފަ މުނީރާ ނިކުތް އިރު ހިވަނީ މޮޔަވެފައި ހުރި މީހެއް ހެންނެވެ. އޭނާގެ ހޭވިފައިވާ ކިސުޅި އިސްތަށިގަނޑުގައި ތެޔޮނުލާ އޮތުމުގެ ސަބަބުން ވަނީ ފުއްޕާފައެވެ. ދެލޯ ބޮޑުކޮށްގެން ހުރި އިރު އޭނާގެ މޫނު ވަނީ ރަތްވެފައެވެ. އަފްނާނުގެ ކޮޓަރީގެ ދޮރު ކުރިމައްޗަށް ހުއްޓުމަށްފަހު އޭނާ އެ ކޮޓަރީގެ ދޮރުގައި މުށްކަވާލަމުން ބަންބަންލާފައި ޖަހާލިއެވެ. "އޭ އަފްނާނޫ.. ކަލޭ ކޮންމެހެން މަށަށް ފިލައިގެން އޮންނާނެ ކަމެއް ނެތް.. އަދި ލަދެއް ވެސް ނުގަނެ އެއްނު މިތާ އުޅޭކަށް.. ކަލޭ ތިތަނުން ނިކުމޭ..."
އަޑުގެ ނެތް ތަނަށް ހަޅޭއްލަވަމުން ދިޔަ މުނީރާގެ އަޑަށް ދުމެއް ޖަހާފަ މަދީހާ ނިކުތީ ވެގެން އުޅޭ ގޮތެއް ބަލާށެވެ. އޭރުވެސް މުނީރާ ހުރީ އަފްނާންގެ ކޮޓަރި ކުރިމަތީގައެވެ.
"ކިހާ ދެރަވެއްޖެ ކަމެއްތަ؟ މިކޮޓަރި ހުޅުވާށޭ... ކަލޭގެ ނުލަފާކަމުން ވީ ކަންތައް މީ... ކަލެއާ ހެދި ކަލޭ ބަފާ މަރުވީވެސް... އެކަމުގެ ބަދުނާމު އަހަރެންގެ ބޮލުގަ މީހުން އަޅުވާއިރު ލަދު ގަންނަން މި ޖެހުނީ އަހަރެންނަށް... އަހަރެން ހިތަށް އަރާ އަހަރެން ކީއްކުރަން ވިހޭ ދަރިއެއް ބާވައޭ މީ... މީތިގަނޑު މަރާލަންވީ..." މުނީރާ އެނބުރިލީ ބަދިގެއާ ދިމާއަށެވެ. މުނީރާ ހުރި ގޮތް ފެނި މަދީހާ ވެސް ހުރީ ޖެހިލުން ވެފައެވެ. އޭނާގެ ބަރު ވަރުގަދަ އަޑުން ހަޅޭއްލަވާ އިރު އޭނާ ހިވާނީ ދުނިޔޭން މޮޔަވެފައިވާ މީހެއް ހެންނެވެ. އެއް އަރިއަކަށް މަދީހާ ޖެހިގެން ހުރީ އެ ހަނި ގޯޅި ތެރެއިން މުނީރާއަށް ދާން ތަން ދައްކާށެވެ.
މުނީރާ ބަދިގެއިން ނިކުތީ ބޮޑު ވަޅިއެއް ހިފައިގެންނެވެ. މުނީރާގެ އަމަލު ހުރި ގޮތުން އޭނާ ކުރަން އެ އުޅެނީ ކިހާވަރެއްގެ ކަމެއްކަން މަދީހާއަށް ނަގައިގަނެވުމުން އޭނާއަކަށް ހިމޭނަކުން ނުހުރެވުނެވެ." މުނީރާ ބަލަ ހަމަޖެހިބަލަ...އޭއި..."
"ދައްތަ ހިމޭނުން ހުރޭ.. މިކަމުގެ ތެރެއަށް ވަންނާނެ ކަމެއް ނެތް.. މަންޝާ މިފަދަ ކަމެއް ކުރިނަމަ އިނގޭނީ އަންނަ ރުޅިއަކާ ވާ ގޮތެއް..." މުނީރާ އެދިޔަ ބާރު މިނުގަ ގޮސް އަނެއްކާ ދޮރުގަ ތަޅަން ފެށިއެވެ.
"އަފްނާނު... ކަލޭ މިދޮރު ހުޅުވާނީތަ.. ނޫނީ މަ ދޮރު ވައްޓާލަންވީތަ؟..." މުނީރާގެ އަޑު ދިޔައީ އެއް ފަހަރެށްވުރެ އަނެއް ފަހަރު ގަދަ ވަމުންނެވެ.
މަދީހާ އަނެއްކާވެސް މަސައްކަތް ކުރީ މުނީރާއަށް ވިސްނައި ދެވޭތޯއެވެ. "މުނީރާ.. އިހަށް ތި ރުޅި މަޑުކޮށްބަލަ... ހެޔޮ ނުވާނެ... ތިހެން އުޅެންޏާ އެމަންޖެ ބިރުން ވެސް ދޮރު ނުހުޅުވާނެ ދޯ..."
"މަގޭ ދެކެ އޭނަ މިއަދު ބިރުގަންނަން ޖެހޭތަ.. އެކުރިކަމެއް ކުރި އިރަކު ހެއްދެވި ފަރާތް ދެކެ ބިރެއް ނުގަނޭތަ..." މުނީރާ ވާހަކަ ދެއްކިއިރު މުޅި މީހާ ރޫރޫ އަޅަމުން ދިޔައެވެ.
"އަފްނާން.. ދަރިފުޅާ ތި ދޮރު ހުޅުވަބަލަ..." އަފްނާން ކޮޓަރި ދޮރުގައި މަދީހާ ޓަކި ޖެހިއެވެ. ނަމަވެސް އެތެރެއިން އެއްވެސް ޖަވާބެއް ނުލިބުނެވެ. މުނީރާ އޭނާގެ ކޮޓަރިއަށް ދިޔައެވެ. އަދި އެނބުރި އައީ ތަޅުދަނޑި ފައްޗެއް ހިފައިގެންނެވެ. އޭނާ އެ އައި ގޮތަށް އައިސް އޭގެން ތަޅުދަނޑިއެއް ތަޅަށް ލައްވާލުމަށްފަހު ތަޅު އަނބުރާލިއެވެ. ދޮރު ހުޅުވުމާ އެކީ މުނީރާއަށާ މަދީހާއަށް ބަލާލެވުނީ މުޅި ކޮޓަރި ތެރެއަށެވެ. ކޮޓަރި ތެރެ އަނދިރިކަމުން ތަނެއް ދޮރެއް ފެންނަ ވަރެއް ނޫނެވެ. އެހެންކަމުން ބޮކި ދިއްލާލިއެވެ.
*** *** *** *** *** ***
ބޮކި ނިއްވާލަމުން ފާޚާނާއިން ނިކުމެ ރީތި ވާ މޭޒާ އަޒީމް ގާތްވެލިއެވެ. އިސްތަށިގަނޑުން ފެން ހިއްކާލަމުން ރީތިވާ މޭޒުމަތީ ބޭއްވި ފޯނަށް އަޒީމް ބަލާލީ މިސްޑް ކޯލެއް އައިސްފައި ވޭތޯއެވެ. ކޯލެއް އައިސްފައިވާތަން ފެނުމުން އަޒީމް ފޯނު ނަގާ ބަލާލީ ކޮނޑުމަތީގައި ތުވާލި އަޅުވާލަމުންނެވެ. އަޒީމްގެ ފޯނަށް ގުޅާފައި ވަނީ އޭނާގެ މަންމައެވެ. އެހެންކަމުން އަޒީމް މަންމައަށް އަވަހަށް ގުޅާލިއެވެ.
"ހަލޯ... ދަރިފުޅާ ޑިއުޓީއިން ދޯ ތި އައީ... މިހާރު ނިދަން ދޯ ތި އުޅެނީ..." އިބްޒީމާ ވާހަކަ ދެއްކީ ވަރަށް ލޯތްބާ އެކީގައެވެ.
"ދެންމެ ފެންވަރައިގެން މި ނުތީ... ކިހިނެއްވީ.. މަންމަ ގުޅާފަ އޮތީމަ މި ގުޅީ..." އަޒީމް ވާހަކަ ދައްކަމުން ލޯގަނޑުން އަޒީމްގެ މޫނަށް ބަލާލިއެވެ.
"އާދެބަލަ މިގެއަށް... ދަރިފުޅަށް ދޭންވެފަ އޮތް އެއްޗެއް ވެސް އެބަ އޮތް... އަދި ދައްކަންވެފަ އޮތް ވާހަކައެއް ވެސް އެބަ އޮތް..." އިބްޒީމާގެ އެދުމަށް އަޒީމް އާއެކޭ ބުނަމުން އިރުކޮޅަކުން ދާނަމޭ ބުނެ މަންމަ ކައިރިއަށް ދާން ގަމީހަކާ ޖިންސެއް ނެގިއެވެ. މަންމަ ކައިރިއަށް ނުގޮސްފިއްޔާ ދެން ނުނިދޭ ވަރަށް ގުޅާނެކަން އެނގޭތީ އަވަހަށް ތައްޔާރު ވިއެވެ.
ކޮޓަރިން ބޭރަށް އަޒީމް ނިކުތް އިރު މަންޝާ އުޅުނީ ރެހިތައް ތެލުލައެވެ. "އަޒީމް.. މީތަ ގެނައި ރެހި ކޮޅަކީ.. އަދި މިރުސްވެސްލާފަ ދޯ ބެހެއްޓީ..." އަޒީމް ފާޚާނާއަށް ވަންނަން ދިޔައީ ގެނައި ރެހި ކޮތަޅުން ބައެއްގަ ލޮނު މިރުސް އުނގުޅާ ދީފައެވެ.
"އާން މަންޝާއަށް ފަސޭހަކޮށްދޭންވެގެން އެހެން ހެދީ... ތީ އަދި އެއްބައި.. އަނެއް ބައި ހުންނާނެ އައިސް އަލަމާރީގަ... މަންމަ ގުޅައިގެން މިދަނީ.... ލަހެއް ނުވާނެ... މެންދުރު ކައިގެން ދެން ނިދާނީ... ވަރަށް ވަސްގަނޑު މީރު... ދަނީ އިނގޭ..." ބޭރު ދޮރުން ނިކުންނަމުން އެއް ފައްޗަކަށް އަޒީމް ވާހަކަ ދައްކާ ނިންމާލަމުން ގޭގެ މައިދޮރު ލައްޕާ ތަޅުލިއެވެ.
އަޒީމް އެ ދިޔައީ އެ ސިހުރުވެރި އިބްޒީމާ ކައިރިއަށް ކަން އެނގުމުން މަންޝާ ދެލޯ އަޅާލިއެވެ. އަދި ތެލުލަން އަޅާފަހުރި ރެހިތައް އުނދުޅިން ހަލުވާލިއެވެ. އަދި ތެލު ނުލެވި އެއްބައި ހުރުމުން އެބަަޔަށް މަންޝާ ބަލާލީ ދަހިވެތި ނަޒަރަކުންނެވެ.
މުށް ޖަހާފައި ލޮނު މިރުސް ހާކާފަ ހުރި ރޯ ރެހިތައް ނަގާ އަނގަފުރާ އަޅާލި އިރު ހީވަނީ މިއިން ދުވަހަކު ކާން ނުލިބި ހުރި މީހެއް ހެންނެވެ. މަންޝާގެ އަނގައިގެ ދެމިޔަ ކަނުގައި ލޮނު މިރުސްތައް ހޭކިފަ ހުއްޓެވެ. އަނގަ ފުރާ އަޅާފަ ހުރި މަސްތައް ހަފަމުން ދިޔަ އިރު އެއްމިޔަކަނުން މަހުގެ ލެއާއެކީ ސޮނި ފައިބަމުން ދިޔައެެވެ. އޭރު މަންޝާގެ ދެލޯ ވަނީ މެރިފައެވެ. ތުންފަތަށް ވެރިވެފައިވާ ހިނިތުންވުމުން އޭނާއަށް އެރޯމަސް ކެއުމުން ލިބެމުންދިޔަ ހިތްހަމަޖެހުން ހާމަވެއެވެ.
*** *** *** *** *** ***
ގޭތެރޭ ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި ޒިބާނަށް އިރުއިރުކޮޅާ ބަލަމުން ދިޔައީ އެގޭ މައި ދޮރާ ދިމާއަށެވެ. ތަޒްކިޔާ އަންނާނެ ވަގުތެއްގެ އިންތިޒާރުގައި ޒިބާން އެހެން އިންނަތާ ކޮން އިރެއް ހެއްޔެވެ. ފަތިސް ނަމާދަށް ފަހު ދުނިޔެ މައްޗަށް އަލިވީފަހުން ދުނިޔެއަށް ފޭބި ތަޒްކިޔާގެ ޚަބަރެއް ނުވުމުން ޒިބާން ހުރީ ހިތް ނުތަނަވަސް ވެފައެވެ. ތަޒްކިޔާ ލަސްވާންވީ ސަބަބެއް އެނގެން އޭނާ ބޭނުންވިއެވެ.
ޒިބާން ކުރަމުން ދިޔަ އިންތިޒާރަށް ނިމުމެއް އައިސްފިއެވެ. ތަޒްކިޔާ އެނބުރި އެގެއަށް އައުމުންނެވެ. މޭޒު ކައިރީ މަސައްކަތެއްގައި އަވަދިނެތި ހުރި ސަކޭރާ ވެސް ޒިބާން ގާތަށް ޖެހިލިއެވެ. ތަޒްކިޔާގެ ފަރާތުން މަންޝާގެ ޚަބަރު ދަބަރު އޮޅުން ފިލުވަން ޒިބާން ހުރީ ކެތްމަދުވެފައެވެ.
"ކޮބާ ކިހިނެއްވީ؟... މަންޝާ ރަނގަޅުތަ؟... ބުނިންދޯ ތަޒްކީ އައީ އަހަރެން ފޮނުވައިގެންނޭ.. ކީކޭތަ އޭނަ ބުނީ... ތަޒް... ތަޒް.. ވާހަކަ ދައްކަބަލަ..."
ތަޒްކިޔާ ހިމޭނުން ހުރުމުން ޒިބާނަށް އެތައް އުނދަގޫތަކެއް ވިއެވެ. ނަމަވެސް އޭނާ ހުރީ ޒިބާންގެ ހަރަކާތްތަކަށް ގެއްލިފައެވެ. ޒިބާނަށް ވެފައި ހުރި ގޮތުން އޭނާ މަންޝާ ދެކެ ލޯބިވާ ވަރު ތަޒްކިޔާއަށް އެނގޭތީ ހިތުގައި ޖެހުނެވެ. ޒިބާންގެ ތެދުވެރި ލޯތްބަށް މަންޝާ އެވަނީ ކިހާ ބޮޑު ބޭވަފާތެރިކަމެއް ހެއްޔެވެ. ތަޒްކިޔާ އަނގައިން ބަހެއް ނުބުނެ ހުރެ ޒިބާނާ ދިމާއަށް ދިއްކޮށްލީ އޭނާގެ އަތެވެ. ޒިބާން ކުރިއަށް ޖެހި ތަޒްކިޔާގެ އަތުގައި އަތް ޖައްސާލަމުން އެއީ ކޮން އެއްޗެއްތޯ ސުވާލު ކޮށްލީ ވާނުވާ ނޭނގޭ ހާލުގައެވެ. ތަޒްކިޔާގެ އަތުގެ އިނގިލިތައް ހުޅުވާލިއެވެ. އެއާއެކު ޒިބާންގެ މޫނަށް ޖަންބުކުލަ އަރައިގެން ދިޔައެވެ.
"ނުވާނެކަން އިނގޭއިރު ކީއްވެތަ އަމިއްލައަކަށް އެތަނަށް ދާނަމޭ ބުނީ... އެހާ ލަސްވީމަ ވެސް ހިތަށް އެރިއޭ ކިހިނެއްވީ ބާވައޭ... ތަޒް... ދެން ކިހިނެއްތަ އޭނައަށް އެބޭސް އަހަރެން ފޮނުވާނީ..." ޒިބާން ރުޅި ގަދަވާ ގޮތްވިއެވެ. އަޑުބާރު ވަމުން ދިޔައެވެ. ޒިބާންގެ އަނގައިން ނިކުންނަމުން ދިޔަ ކޮންމެ ބަހެއް ތަޒްކިޔާއަށް އަޑުއަހަން އުނދަގޫ ވިއެވެ.
(ނުނިމޭ)