"އިސްރާފް ކުރާކަށް ނުވާނެ.. މަންމަ ކާލާ..." ޒިމްނާ އެހެންބުނުމުން އިބްޒީމާ އެ ތައްޓަށް ބަލާލިއެވެ.

މަންޝާއަށް ދޭން އޭނަ ތައްޔާރު ކުރި ފުރަތަމަ ހަމަލާ ފެއިލް ވީއެވެ. އޭނާ ސޯފާގައި ވިސްނާލަން އިނެވެ. އެވަގުތު ޒިމްނާ އޭނާގެ މަންމަގެ އަތުން އެތަށި އަތުލިއެވެ. ޒިމްނާއަކީ ބޮނޑިބަތް ކާން ފޯރި ހުންނަ ކުއްޖެކެވެ. އިބްޒީމާއަށް ތެޅިގަނެވުނެވެ. "ނޫން ޒިމީ.. އެހާ ގިނައިން ކާނެ ކަމެއް ނެތް... ފަލަ ވެދާނެ..." އިބްޒީމާ އެތަށި އަތުލައިގެންް ބަދިގެ ތެރެއަށް ހިނގައިގަތެވެ.

މަންޒަރު ބަލަން އިން މަންްޝާ ގާތަށް ހިނިއައެވެ. ނަމަވެސް އެކަން ނުދައްކަން އޭނާގެ ކަޅި އަމާޒްކޮށްލީ ޓީވީއާ ދިމާއަށެވެ. ދޮރުގައި މީހަކު ޓަކި ޖަހާލުމުން މަންޝާ ދޮރާ ދިމާލަށް އަވަސް ވެގަތެވެ. އަތުގައި އޮޅާލާފަ އޮތް ފައްސަތޭކަ ރުފިޔާ ނިއުޅުވާލަމުންނެވެ. ޕިއްޒާ ހިފައިގެން އެނބުރުނު އިރު މަންޝާ ކުރިމަތީގައި އިބްޒީމާ ހުއްޓެވެ.

"ދަރިފުޅު ދޭ އިށީންނަން.. މަންމަ މިއަންނަނީ ޕިއްޒާ ފޮތި ތައްޓަކަށް ލައިގެން..." މަންޝާގެ އަތުގައި އޮތް ޕިއްޒާ ފޮށިގަނޑުގައި ހިފަމުން އިބްޒީމާ ވާހަކަ ދެއްކިއެވެ.

"މި ޕިއްޒާ ފޮށިގަނޑުން ނަގާ ތަށިތައްޓަށް ލާކަށް ނުޖެހޭނެ.. ހަމަ މަތި ނަގާފަ ކާންވީ..." އިބްޒީމާގެ މޫނަށް ބަލަން ހުރެ މަންޝާ ވާހަކަ ދެއްކި އިރު އޭނާގެ އަޑުގައި ހަރުކަށި ކަމެއް ހުއްޓެވެ. މަންޝާގެ ލޮލުން ފާޅުވަމުން ދިޔަ ނުރުހުމުގެ ކުލަވަރު ފެނި އިބްޒީމާ އެ ޕިއްޒާ ފޮށިގަނޑުން ދޫކޮށްލިއެވެ. ޓީވީ ބަލަން އިން ޒިމްނާގެ ސަމަލުކަން ހުއްޓިފައި ވަނީ އެމީހުންނާ ދިމާއަށެވެ. ފަހަރި މާ އަޑު ބާރުކޮށް ވާހަކަ ދެއްކުމުން ޒިމްނާ ވެސް އިނީ ހިސާބަކަށް ހައިރާން ވެފައެވެ.

"ކިހިނެއްތަ ވީ؟..." ވީ ގޮތް އޮޅުން ފިލުވަން ޒިމްނާ ބޭނުން ވިއެވެ. އެތައް ދުވަހަކަށްފަހު މަންމައާ ބޭބެގެ ގުޅުން ރަނގަޅު ވުމުން އެގުޅުމަށް ހީނަރުކަމެއް އަންނަން ބޭނުން ނުވާތީއެވެ.

"މަންމަ ކައިރީ އަހާބަލަ ބޮނޑިބަތް އެއްޗަށް ކޮން ފަންޑިތައެއް ހޭ އެޅީ...." މަންޝާގެ ރުޅި ގަދަވަމުން ދިޔަކަން އެމީހުންނަށް އެނގުނެވެ. ޒިމްނާއަށް އެކަން ފާހަގަވިއެވެ. މަންމަ ވަކިން ހާއްސަކޮށް އަޅައިގެން އައި ބޮނޑިބަތް ތަށި ކާން ޒިމްނާ އުޅުމުން ފަލަވެދާނޭ ކިޔާ އިބްޒީމާ ބަހަނާ ދެއްކިމަތިން ހަނދާން ވިއެވެ.

ޒިމްނާއަށް ބަލާލެވުނީ އިބްޒީމާއާ ދިމާއަށެވެ. ޝައްކުގެ ނަޒަރަކުންނެވެ. މަންމަމެންގެ އާއިލާއަކީ އެފަދަ ކަންތައްތައް މޮޅަށް ދަންނަ ބަޔަކަށް ވުމުން ޒިމްނާއަށް އޭނާގެ މަންމަ އެފަދަ ކަމެއް ކޮށްފާނެކަމާމެދު ޝައްކު އުފެދުނެވެ.

އިބްޒީމާ އެތާ މަޑުކުރާކަށް ގަސްތެއް ނުކުރިއެވެ. ހިނގާ ދާން... މީ މީހަކު އަންނަ ވަރު ތަނެއް ނޫން.. އަޒީމް އެހުރީ މޮޔަވެފަ.. މީ މޮޔަ އަަންހެނެއް.. ހިނގާ މިތަނުުން އަވަހަށް ދާން..." އިބްޒީމާ އެގެއިން ނިކުމެގެން ދަމުން މަންޝާއާ ދިމާއަށް ލޯ އަޅާލިއެވެ. ޕިއްޒާ ފޮށިގަނޑު ހުުޅުވާލަމުން ޕިއްޒާ ފޮއްޗެއް ނަގާ މަންޝާ އޭގަ ދަތް އެޅިއެވެ. އެމީހުން ދިއުމުން މަންޝާގެ ލޮލުގެ އިޝާރާތަށް ދޮރުފަތް ބަންލާފަ ޖަހާލިއެވެ.

*** *** *** *** *** ***

ދޮރުފަތް ލައްޕާލަމުން މުނީރާ ހިނގައިގަތީ އަތިރިއާ ދިމާއަށެވެ. މަޖުދީ ވެސް ޕިކަޕުން ފޭބިއެވެ. އަދި މުނީރާ ގާތަށް ހިނގައިގަތީ ޖިންސުގެ ދެޖީބަށް އަތްޖަހައިގެން ހުރެއެވެ. ރޭގަނޑުގެ ވަގުތެއް ކަމުން ފިނިކަން އިހްސާސް ވާތީއެވެ.

ބޯޓު ކައިރިއަށް އެތައް ބަޔަކު އެއްވެފައި ތިއްބެވެ. ކުރީބައިގައި މުނީރާ ދޯންޏަށް އަރަން ބޭނުން ނުވާތީ އެނާ ގަސްތުކުރީ ދުރުގައި މަޑުކޮށްލާށެވެ. ރަށަށް އައި ފަހުން ހަސަނުގެ މަރާބެހޭގޮތުން މީހުން ފާޑުފާޑުގެ ސުވާލުކުރާތީ މުނީރާ ހުރީ ހިސާބަކަށް ބޮލުގަ ރިއްސާފައެވެ. ހަޑިގޮތަކަށް ހަސަނު މަރުވުމުން މުނީރާވެސް އެކަމުގައި ލަދުގަންނަން ޖެހުނެވެ. އޭރުވެސް ތޮށިގަނޑުމަތީ ތިބި ހަތަރު އަންހެނެއްގެ ކަޅި އަމާޒު ވެފައި ވަނީ މުނީރާއަށެވެ.

ދުރުގައި ހުރި ހިލަ ގޮނޑިތަކާ ދިމާއަށް މުނީރާ ހިނގައިގަތީ ކޮނޑުގައި އޮތް އަތްދަބަހުން އޭނާގެ ފޯނު ނަގަމުންނެވެ. ފޯނުގައިވާ ގަޑިއަށް ބަލާލަމުން އޭނާ އެ ގޮނޑީގައި އިށީނެވެ. މަޖުދީ ވެސް މިސްރާބު ޖެހީ އެ ދިމާއަށެވެ. މަދީހާގެ އެދުމަށް މުނީރާ އެކަނި ދޫކޮށްލާފައި އެތަނުން ދާކަށް މަޖުދީއަަކަށް ނުކެރުނެވެ. މުނީރާއާ ޖެހިގެން ކަހަލަ ގޮތަކަށް އެހިލަ ގޮނޑީގައި މަޖުދީ ވެސް އިށީނެވެ.

މަޖުދީގެ ލޮލުގައި ވެސް އަޅައިގަތީ ދުރުގައި އެމީހުންނާ ދިމާލަށް ކަޅި ހުއްޓައިގެން ތިބި ލޯތަކެވެ. "މިރަށު މީހުންނަށް އާ އެއްޗެއް ފެނިގެން އުޅޭ ކަހަލަ.... ދެން ހަމަ އެހާވަރަށް ބަލަން ޖެހޭތަ..." މަޖުދީ ހުރީ ހިތްހަމަނުޖެހިފައެވެ. ރަށުމީހުންގެ ފާޑުންނެވެ.

މުނީރާ ބަހެއް ނުބުނެ އިނީއެވެ. އުޑުމައްޗަށް މުނީރާގެ ނަޒަރު ހިންގާލީ ވައި ގަދަވާކަމުގެ އިހްސާސެއް ވުމުންނެވެ. އޭރު މުޅި އުޑުމަތިވަނީ ބަނަ ކޮށްލާފައެވެ. ހީވަނީ ހަމަ ދެންމެ ވާރޭ ވެހިދާނެ ހެންނެވެ. ފުންނޭވާއެއް ބޭރުކޮށްލަމުން މުނީރާ ބަލާލީ މަޖުދީއާ ދިމާއަށެވެ. މަޖުދީ އިނީ އޭނާގެ ފޯނަށް ބަލާށެވެ. ފޯނުން ކޮންމެވެސް ކަމެއް ކުރާހެން ހީވުމުން މުނީރާ ބޯ އަރިކޮށްލަމުން ބަލާލިއެވެ. އޭރު މަޖުދީ އިނީ ފޯނުން ގޭމެއް ކުޅޭށެވެ.

"މަޖުދީ... ބުނީމެއްނު ކޮންމެވެސް އެއްޗެއް ފެނުނު ވާހަކަ... މަޖުދީއަށް ހަސަނުގެ ކުޅިގަނޑު އެނގުނީ ކިހިނެއްތަ؟..." މުނީރާ ވާހަކަ ދައްކަމުން ދިޔަ އިރު އެންމެ ވަގުތު ކޮޅަކަށް ވެސް މަޖުދީއަށް ބެލުން ހުއްޓައެއް ނުލައެވެ.

"އާން އެވާހަކަ ހަނދާން ނެތިފައޭ މީނީ... މަޑުކުރޭ...." މަޖުދީ ތެދުވަމުން ވާހަކަ ދެއްކިއެވެ. ޖިންސު ޖީބުގެ ތެރެއަށް އަތްކޮށްޕާލަމުން ޖީބުން އެއްޗެއް ނެގިއެވެ. އަދި މުނީރާ އަތަށް ދިއްކޮށްލިއެވެ.

މުނީރާއަށް ބަލާލެވުނީ މަޖުދީގެ އަތަށެވެ. ހައިރާން ކަމާއެކީގައެވެ. "މަޖުދީއަށް ކިހިނެއް މި ފޯނު ލިބުނީ؟...." މަޖުދީ އަތުގައި އޮތް ފޯނު ނަގަމުން މުނީރާ ވާހަކަ ދެއްކިއެވެ. އެއީ ހަސަނުގެ ފޯނެވެ.

"ތުނޑީ ކޮޅުން އައި ކުދިންތައް ހަސަނު މަރުވެފަ އޮތް ވާހަކަ ބުނުމުން އަހަރެން އެތަނަށް ދިޔައީވެސް ފިރިހެނުންތަކަކާ އެކީގަ... އެތަނުން ހަސަނު ފެނުނީމަ އަަހަރެން ވަށައިގެން ގޮނޑުދޮށަށް ބަލާލިން.. އޭރުވެސް ހިތަށް އެރި ސަބަބެއް ނެތި ހަސަނު އެކަހަލަ ކަމެއް ކޮށްފާނެ ބާވައޭ... ދެން ތަންކޮޅެއް ދުރުގައި ހަސަނުގެ ފަޓްލޫނު އޮއްވާ ފެނުނީ... އެތަނަށް އަހަަރެން ދިޔަ އިރު ފަޓްލޫނު ކައިރީ ފޯނާ ވޮލެޓާ އޮތް.. އެތާ ތިބި އެއްވެސް މީހަކަށް ނޭނގޭނެ ހެން އަހަރެން ފޯނު ނެގީ... އެއަށް ފަހު ފުލުހުންނަށް ގުޅީ... އޭރު އެ ފޯނު އޮތީ ނިވިފަ.. ދެން ގެއަށް އައިސް ފޯނު ޗާޖްކޮށްގެން ފޯނު ހުޅުވީ... ހަސަނު ޕިން ކޯޑެއްވެސް ނުޖަހާ ހުރިކަމުން ވަރަށް ފަސޭހައިން ހުޅުވިއްޖެ.... ތިފޯނުގަ ހުރި އެއްޗެއް މުނީރާވެސް ބަލާލީމަ އެނގޭނެ އަަހަރެން އެހެން ބުނީ ކީއްވެގެން ކަން.... މިވަގުތު އަހަރެން އަތުގަ ތިފޯނު އޮތުމަކީވެ އެހާ ރަނގަޅުކަމެއްވެސް ނޫން.. އެހެންވެ މުނީރާއާ މިހަވާލުކުރީ...." މަޖުދީގެ ވާހަކަ ނިންމާލަމުން ފުންނޭވާއެއް ބޭރުކޮށްލިއެވެ. އެފޯނު އޭނާގެ އަަތުގައި އޮވެ މީހަކަށް އެކަން އެނގިދާނެތީ ބިރުގަތެވެ.

މަޖުދީއާ ދިމާއަށް މުނީރާ ބަލާލިއެވެ. ނަމަވެސް އެވަގުތު މުނީރާއަށް ހުރެވުނު ތަން އެނގުމުން އެ ފޯނު ބަލާކަށް ބޭނުމެއް ނުވިއެވެ. މުނީރާގެ ފޯނުން ގަޑިން ވީއިރު ބަލާލީ ތޮށިގަނޑު ކައިރިން މީހުން މަދުވެއްޖެހެން ހީވުމުންނެވެ. "މަޖުދީ އަހަރެން ދެން ދަނީ... މިވާހަކަ އެއްވެސް މީހެއް ކައިރީ ދުވަހެއްގެ ކޮޅުން ވިޔަސް ނުދަައްކާތި... މަދީހާ ގާތުގަވެސް... މި މާހައުލުގަ އުޅެން ހަމަ ނުކުޅަދާނަވާނެ... މިރަށު މީހުން ތިބޭނީ މީހަކަށް މަލާމާތް ކޮށްލާނެ ފުރުސަތަކަށް ބަލަބަލަ... ދެން ދަނީއޭ... ހިތް ހެޔޮކުރާތި..." މުނީރާ ކޮނޑުގައި އަތް ދަބަސް އަޅުވަމުން އެ ހިލަ ގޮނޑިމަތިން ތެދުވެ ދޯންޏާ ދިމާއަށް ހިނގައިގަތެވެ.

ދޯންޏަށް އެރިއިރު ވެސް އެތައް ބައެއްގެ އަމާޒަކަށް ވެފައި ވަނީ އަމިއްލައަށް މަރުވި ހަސަނުގެ ހުވަފަތް އަންހެނުން މުނީރާއެވެ. މުނީރާ ގަސްތުކުރީ އޮށޯވެ ދެލޯ މަރާލާށެވެ. ދޯންޏަށް އެރުމަށްފަހު ހަސަނުގެ ފޯނު އަތްދަބަހަށް ލިއެވެ. ދޯނީގައި އެފޯނު ހާވާ ބެލުމަކީ ރަަނގަޅު ކަމަކަށް ނުވާނެތީއެވެ. އަރިއަކަށް އޮށޯވެ ބަނޑު ދަށަަށް އަތް ދަބަސްލާ ބައްދާލަމުން މުނީރާ ދެލޯ މަރާލިއެވެ. އޭރު ދޯނި ސްޓާރޓް ކޮށްފިއެވެ. ދޯނި ހިފަހައްޓަަން އައްސާފައިވާ ވާތަށް މޮހެލުމުން ރަށު ފަަޅުން ނުކުތުމަށް ދޯނި ދުއްވާލީ މަޑު ސްޕީޑެއްގައެވެ.

"ހަސަނު މަރުވެފަ އޮތް ގޮތް ދެކުނިންތަ؟... މި މުނީރާ އޭނަ ކައިރިން ވަރިވާށޯ އުޅުނީ.. ކުދިންކޮޅު ގޮވައިގެން މާލެ ދިޔައީވެސް ހަސަނު ބަހައްޓާފަ... އެބޭގަނޑު މޮޔަވެގެން އަމިއްލައަށް މަރުވީ... ފޯއް ބުރިކޮށްލައިގެން... އަދި މި މުނީރާ ރަށަށް މިއައީ އެކަނިމާ އެކަނި ދަރިންކޮޅުވެސް ބަހައްޓާފަ... ކޮން ކަހަލަ އަންހެނެއްތަ މީ..." ދެލޯ މަރާ ތަގުޅިކޮށްގެން އޮތް މުނީރާގެ ކަންފަތުގައި ޖެހުނީ ކައިރީ ހުރިމީހާ ދައްކަމުން ދިޔަ ވާހަކައިގެ އަޑެވެ.

"އޭ ފާތުމާ ގަޑިން ވީ ކިހާއިރެއްތަ؟...." އިތުރު މީހެއްގެ އަޑު މުނީރާއަށް އިވުނެވެ.

އެމީހުންނާ ދިމާއަށް އެނބުރިލަމުން މުނީރާ ވާހަކަ ދެއްކީ އެމީހުންނަށް އޭނަ ހޭލާ އޮތްކަން އަންގާލާށެވެ. "ގަޑިން އެގާރަ ޖެހީ...."

*** *** *** *** *** ***

"ދެން ދޭ ނިދަން މިހާރު އެއޮއް ގަޑިން އެގާރަ ޖެހީ... ސްކޫލް ދުވަސް ދުވަހު އެހާ ލަހުން ނިދާކަށް ނުވާނެ.... ދެން ޓީވީ ނިއްވާލާފަ ދޭ ނިދަަން.. މިހާރު ވެސް މާ ލަސްވެއްޖެ...." މަދީހާ ވާހަކަ ދެއްކީ މުނީރާގެ ދެ ފިރިހެން ކުދިންނާއެވެ. އެކުދިން އޭރުވެސް ތިބީ ޓީވީ ބަލާށެވެ. އެވަގުތު މަދީހާގެ ފޯނު ރިންގްވާތީ މަދީހާ ފޯނު ނަގާ ބަލާލިއެވެ.

"ހަލޯ.. ކީކޭ މަޖުދީ؟... ކޮބާ މުނީރާ؟.." މަދީހާ އެހެން ބުނުމާއެކީ ސޯފާގައި ޓީވީ ބަލަން ތިބި އަަމާނާއި އިމާން ތެދުވެ ކޮޓަރިއަށް ދާން ދުއްވައިގަތެވެ.

"މަދީހަައްތާ... ބޯޓު ފުރައިފި.. ފަތިހަށް މާލެ ދާނެ... މޫނީރާއަށް ރަނގަޅަށް ބަލައްޗޭ... އޭނަ ވަރަށް ވިސްނާ ކަން އެނގޭ... ރަށު މީހުުން އުޅޭ ފާޑުންވެސް ވާނީއެހެން.. ހަސަނުގެ މަރަކީ މުނީރާގެ ސަބަބުން ވީ ކަމެއްކަމަށް އެމީހުން ދެކެނީ... އަތަކަށް ޖެހިލެވޭކަށް ނޯވޭ... ކޮންމެ ދިމާއަކަށް ދިޔަޔަސް ދައްކަނީ އެވާހަކަ..." މަޖުދީ ހުރީ އެކަމާ ނުރުހިފައިކަން އޭނާގެ އަޑުންވެސް އެނގުނެވެ.

"މަޖުދީ ވަރަށް ބޮޑަށް ޝުކުރިއްޔާ... މަޖުދީގެ ތި އެހީތެރިކަން ދައްތަ އަބަދުވެސް ހަނދާން ހުންނާނެ... އެކަމަކު އަހަރެން މިހާރު ހާސްވަނީ އެ މަންޖެއާ ދެތެރޭ... ހަސަނުގެ ފޯނު މުނިރާއާ ހަވާލު ނުކުރައްޗޭ؟..." މަދީހާ އޭނާއަށް ފެންނަގޮތް އެދުނެވެ.

"އަހަރެން އެވާހަކަ ނުދައްކަން ހުރީ.. އެކަމަކު ފަހު ވަގުތު ފުރަން ދޯންޏަށް އަރަން ގޮސް މުނީރާ އެވާހަކަ އަހައިފި.. ދެން އަހަރެން ފޯނު ދީފިން..." މަޖުދީ އޭނާ ކަންތައް ކުރިގޮތް ތެދުތެދަށް ކިޔައިދިނެވެ.

"އަޅެ ދެނޯ... އެ މެސެޖް ފެނިއްޖިއްޔާ ޔޯ...." މަދީހާގެ ވާހަކަ މެދުކެނޑުނީ ބަދިގެ ފަރާތުން އަފްނާން އޯކާ ދެމޭ އަޑު އިވުމުންނެވެ. ފަހުން ގުޅާނަމޭ ބުނެ މަދީހާ ފޯނު ކަނޑާލުމަށްފަހު ބަދިގެ ފަރާތަށް ދިއުމަށް އަވަސްވެގަތެވެ.

ބަދިގެ ތެރެއަށް ވަތް މުނީރާގެ ނޭފަތުގަ ޖެހުނީ ކުޅިގަދަ ގިތެޔޮ މިރުހެއްގެ ވަހެވެ. އަފްނާނުގެ ބަތްތަށީގެ އެއްބައި ހުސްނުކޮށް ހުއްޓެވެ. އޭނާ އޭރު ސިންކު ދަށަށް ގުދުވެގެން އޮވެ ހޮޑުލަނީއެވެ. އަަފްނާން ގާތަށް ޖެހިލުމަށްފަހު މަދީހާ އޭނާގެ ބުރަކަށީގައި ފިރުމާލިއެވެ. "ކިހިނެއްވީ ހޮޑު ލެވުނީ...؟" މަދީހާ ސުވާލު ކުރީ އަފްނާން ދޭ ޖަވާބެއް ބަލާށެވެ.

ތުން ފުހެލަމުން އަފްނާން ދެކޮނޑު އަރުވާލީ ނޭނގެއޭ ބުނާފަދަ އަކުންނެވެ. އޭރު އަފްނާން ދާހިއްލާ ފޯވެއްޖެއެވެ. އަފްނާން ހުސްނުކޮށްހުރި ބަތްތަށި ގެންގޮސް ކުނިއެއްޗަށް އަޅާލި ވަގުތު މޭޒުމަތީ ހުރި ތަށީތެރޭ އޮތް ލުނބޯ ފަޅިއާ މިރުގެ ތަނޑި މަދީހާގެ ލޮލުގައި އަޅައިގަތެވެ. "އަފޫ އެ ބޮޑު މިރުސް އެއްކޮށް ކާލީތަ؟... އެހާ ކުޅިކޮށް ކާކަށް ހެޔޮ ނުވާނެ.. މިއަދު ހަތަރު ދަަމު ނުކައި ހުރެފަ ތިކެއީ ހުސްް މިރުސް... ދެން ހޮޑުވެސް ލެވޭނެ ދޯ..." އަފްނާން އުޅޭ ގޮތުން މަދީހާ ކަންބޮޑުވިއެވެ.

"ދައްތާ އޯކޭ ވާނެ... ނެތްތަ ފޯއް ކޮޅެއް..." އަފްނާނު ސިޓިންގް ރޫމަށް ދިޔައިރު އޭނާގެ ދިޔައީ ޗޫސް ދަމަމުންނެވެ. ކުޅިކޮށް ކެއުމުގެ ސަބަބުން އަފްނާނުގެ ތުންފަތްވަނީ ރަތްވެފައެވެ.

"އުހުން ހުންނާނެ... މި ގެންނަނީ..." ސޯފާގައި އަފްނާން އިށީނުމުން މަދީހާ ވަނީ މުނިރާގެ ކޮޓަރިއަށެވެ. އެކޮޓަރިއަށް ވަދެ ފޯއްތަބަށް ހިފައިގެން މަދީހާ ނުކުތްއިރު އަފްނާން އިނީ ޓީވީ ބަލާށެވެ. ފޯއް ތަބަށް ދިއްކޮށްލުމުން ބިލަތް ގަނޑުން ބައެއް ވަކިކޮށްލުމަށްފަހު ދެތިން ފޯއް ފޮއްޗާއެކީ ކޮލުތެރެއަށްލާ އެނާ ހަފާލިއެވެ. މަންޒަރު ބަަލަން ހުރި މަދިހާ ހިން ދިރުވާލިއެވެ. ހަސަނުގެ މަރަށް ފަހު މަދީހާއަށް ދުފާކަށް ނުކެރެއެވެ. އަނގަޔަށް ފޯއް ފޮއްޗެއްލާން އުޅުނަސް ހަސަނުގެ މަރު އޭނާގެ ހަނދާނަށް އަންނާތީއެވެ.

"މާލަސްނުކޮށް ނިދަން ދައްޗޭ... ދައްތަ މިދަނީ ނިދަން... ހެނދުނު ހޭލަންވެސް ޖެހޭ... މުނީރާ ބޯޓުން ފުރައިފި... ހެނދުނު ގެއަށް އަންނާނެ..." ކޮޓަރިއަށް ވަންނަން ދަމުން ބޭރު ދޮރު ތަޅުލެވިފައި ހުރިތޯ މަދީހާ ޔަގީން ކޮށްލިއެވެ. ބަދިގޭގެ ބޮކިތައް ނިއްވާލުމަށްފަހު ކޮޓަރިއަށް ވަންނަމުން އަފްނާނާ ދިމާއަށް އޭނާ ބަލާލިއެވެ. އަފްނާނަށް ވަމުންދާ ގޮތް އޭނާއަށް އެނގޭ ކަހަލައެވެ. އެއްދުވަސް ވަރެއްގައި މަދީހާ އުޅުނު ގޮތް އޭނާގެ ހަނދާނަށް އައެވެ.

މަދީހާ ކޮޓަރިއަށް ވަނުމުން އަފްނާން އޭނާގެ ފޯނުން އެއްކަލަ ގޮތް ނޭނގޭ ނަންބަރަށް ގުލާލިއެވެ. އެކޮޅުން ފޯނު ނެގީ އެތައް އިރެއް ވީފަހުންނެވެ. "ކޮބާ... ކަލޭ އަަހަރެންނަށް ފޮނުވަން ބުނި މެސެޖް އަދިވެސް ނުލިބޭ... އަހަރެން ބުނިން ދޯ އަވަސް ކުރާށޭ.... އައިޑޯންޓް ހޭވް ޓައިމް..." ވައިއަޑުން އަފްނާން ވާހަކަ ދެއްކި ކަމުގައި ވީނަމަވެސް އޭނާ ހުރީ ރުޅިއައިސްފައިިކަން އޭނާގެ ވާހަކަ ދެއްކުމުގެ ރާގު ގަނޑުން އެނގެއެވެ.

ފޯނު ކަނޑާލުމަށްފަހު ސޯފާ މައްޗަށް ފޯނު ހޫރާލިއެވެ. އަދި އަމިއްލަ އިސްތަށިގަނޑުގެ ތެރެއަށް އަތް ކޮށްޕާލަމުން ބާރުކޮށްލިއެވެ. އަފްނާން ވަނީ ގޮތް ހުސްވެފައެވެ. އޭނާ ހަދާންވީގޮތެއް ޚުދު އޭނާއަކަށްވެސް ނުވިސްނުުނެވެ. ބައްޕަގެ މަރުގެ ސަބަބަކީ އަފްނާން ކަމަށް އޭނާ ކުށްވެރިކުރާ ކޮންމެ ފަހަރަކު އަމިއްލައަށް މަރުވާން ހިތަށް އަރައެވެ. ރިމޯޓް ނަގާ ޓީވީ ނިއްވާލުމަށްފަހު ފޯނު ހިފައިގެން ކޮޓަރިއާ ދިމާއަށް އަފްނާން މިސްރާބު ޖެހިއެވެ. ކޮޓަރިއަށް ވަނުމަށްފަހު މޭޒު ކައިރީ އިށީނެވެ.

ފޮތަކާ ގަލަމަކާ ނަގައިގެން އިން އިރު އޭނާ ދިޔައީ އެކި ޒާތްޒާތުގެ އެއްޗެހި އެ ގަނޑުގައި ލިޔެ ކުރަހަމުުންނެވެ. ބައެއް އަކުރުތައް މަތިމަތިން ލިޔެ ދެލީގެ ކުލަ ފަވަމުންނެވެ. އެ ގަނޑުގައި ވަނީ ހިތްތަކެއް ކުރަހާފައެވެ. ދަން ޖެހިފައިވާ މީހަކުވެސް ކުރަހާފައެވެ. އިނގިރޭސި އަކުރުތަކުން ލިޔެފައިވާ ލިޔުމުގައި ވަނީ 'އައި ކާންޓް ޓޭކް ދިސް އެނީމޯ.. ފޮގިވްމީ... އައިވޮނަ ޑައި..' (ދެން ކެތެއް ނުކުރެވޭނެ.. އަހަންނަށް މައާފްކުރޭ.. އަހަަރެން ބޭނުމީ މަރުވާން...) މިހެންނެވެ. މޭޒުމަތީ ބޯ އަޅައިގެން ރޯލަ ރޯލަ އަފްނާން އޮތީ ގޮތްހުސްވެފައެވެ. އެވަގުތު އަފްނާނުގެ ލޮލުގައި އަޅައިގަތީ މޭޒުގެ އެއްފަރާތެއްގައި އޮތް ކަތުރެވެ.

ކަތުރު ނެގުމަށްފަހު ގޮނޑިން ތެދުވެ އަލަމާރީގައިވާ ލޯގަނޑު ކުރިމައްޗަށް ހުއްޓުނެވެ. އަފްނާންގެ ދިގު އިސްތަށިގަނޑު ކޮނޑާ ހަމައަށް ކޮށާލިއެވެ. ލޯގަނޑު ކުރިމަތީހުރެ އަމިއްލަ ސިފައަށް ބަލާލިއެވެ. އޭނާއަށް ފެންނަނީ މުޑުދާރު މީހެކެވެ. ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެމުން އަފްނާން ލޮލުގައި އަނދުން އަޅާލިއެވެ. އޭނާގެ ސިފަ ބަދަލުކުރަން އުޅޭ ކަހަލައެވެ.

އެވަރަކުން އަަފްނާން ހިތްހަމަ ޖެހޭ ގޮތެއް ނުވިއެވެ. އަތުން ޖަހާ މޭޒުމަތީ ހުރި ފޮތްތަކާ ގަލަން އަޅާފަހުރި ތަށިތައް ބުރުވާލިއެވެ. އަދި ކަކޫޖަހާ ތިރިވެ މޫނު ނިވާކޮށްލަމުން އިސްޖާހާލީ ރޮމުންނެވެ. އޭނާ ބިރު ގަންނަނީ މަންމައަށް ފޯނު ލިބިއްޖިއްޔާ ވާނެ ގޮތެއް ނެނގޭތީއެވެ. އަފްނާނު އޭނާގެ ބައްޕައަށް ފޮނުވި މެސެޖް މަންމައަށް ފެނިއްޖިއްޔާ ޒިންދަގީގައި ހަކުރުލާނެކަން އެނާއަށް އެނގެއެވެ.

މޫނުމަތިން ދެއަތް ނަގަމުން އަފްނާން ދެލޯ ފޮހެލަމުން ނޭފަތް ދަމާލިއެވެ. އެވަގުތު ބިންމަތީގައި ވެއްޓިފައިވާ ގަނޑުތަކަށް އޭނާ ބަލާލިއެވެ. މުޅި ކޮޓަރި ތެރޭގައިވަނީ ފޮތްކާއި ގަނޑުތަކެވެ. އެތަނުން އޭނާގެ ލޮލުގައި އަޅައިގަތީ ބިންމަތީގަވާ ފޮތްތައް ކައިރީ އޮތް ކަޓަރެވެ. ކަޓަރު ނަގާ އެއް އަތުން އޭގެ ތިލަ ހުޅުވާލިއެވެ. އަނެއް އަތް މުށްބާރުކޮށްލަމުން ކުރިއަށް ދިއްކޮށްލި އިރު ކަޓަރުގެ ތިލަ އަތާ ގާތްކޮށްލިއެވެ. އަފްނާންގެ އަތް ތުރުތުރު އަޅަމުން ދިޔައެވެ.

*** *** *** *** *** ***

މީރާ ނިދުމުން ރިޔާޒް ކޮޓަރިން ބޭރަށް ނުކުތީ ވަރަށް މަޑުން ސިއްރު ސިއްރުންނެވެ. މީރާއަށް ހޭލެވިދާނެތީއެވެ. ރިޔާޒް ނުކުންނާނެ ވަގުތެއްގެ އިންތިޒާރެއްގައި ޟިރާރު އިނީ ބޭރު ސޯފާގައެވެ. ރިޔާޒް އައިސް ޟިރާރު ގާތު ސޯފާގައި އިށީނދެ އޭނާގެ ބައްޕަގެ މޫނަށް ބަލާލިއެވެ.

"ބައްޕާ އެ ޖިންނިއަށް މީރާއަށް އެއްވެސް އުނދަގުލެއް ނުކުރެވޭކަން ޔަގީންތަ؟..." ރިޔާޒް ހުރީ ވަރަށް ކަންބޮޑު ވެފައެވެ.

"އާން... އުނދަގުލެއް ނުކުރެވޭނެ.. މީރާއަތުގަ އެއޮތީ މީހާރު އާ ތަވީދެއް އަޅާފަ... އަސްލު މިހާރު މީރާއަށް އެވާ ގޮތްތަކަކީ އޭނާ މާ ބޮޑަށް ބިރުން އުޅޭތީ ވާގޮތެއް... ދުވަސްކޮޅެއް ވީމަ އެކަން ހަމަޔަކަށް އެޅޭނެ..." ޟިރާރު ވާހަކަ މެދުކަނޑާލުމަށްފަހު އިސް ޖަހާލިއެވެ.

"އަަހަރެން ހިތަށް އަރާ އަލިބެއަށް މިކަން ކުރެވިދާނެ ބާއޭ... މިހާރު އެ ޖިންނި ހޯދާތާ އެއްދުވަސްވެއްޖެ.. އަދިވެސް އެ ޖިންނި ނުގެނެވިގެން އެއުޅެނީ.. ނުވެސް ހޯދުނު... އަހަރެން ބޭނުން މިކަން ވަކި ކޮޅެއްގަ ޖައްސަން... ރޫހީ މަރުވެގެން ދިޔައީވެސް މިކަންތައް ގަނޑުގެ ތެރޭގައި... އަހަރެންގެ މުޅި އާއިލާއާ ޖައްސާލާފަ ހުރި އެއްޗެއްކަން އެއީ މިހާރު އަހަންނަށް އެބަ ވިސްނޭ... އެކަމަކު... މިހެންވާންވީ ގޮތެއް ބައްޕައަކަށް ނުވިސްނުނު..." ޟިރާރު ދައްކަމުން ދިޔަ ވާހަކައައް ރައްދުގައި ބުނާނެ އެއްޗެއް ރިޔާޒަކަށް ނުވިސްނުނެވެ.

"ދަރިފުޅު ދެންދޭ ނިދަން... ބައްޕަވެސް މި އޮށޯންނަނީ... މާދަން އޮފީހަށްވެސް ދާން ޖެހޭނެއްނު...." ޟިރާރު މިހެން ބުނެ ސޯފާއިން ތެދުވިއެވެ. ސިޓިންގް ރޫމުގައި ހުރި ފާޚާނާއަށް ޟިރާރު ވަނުމުން ރިޔާޒްވެސް ހިނގައިގަތީ އޭނާގެ ކޮޓަރިއާާ ދިމާއަށެވެ. ސިހިފައި ރިޔާޒަށް ބަލާލެވުނީ ކޮޓަރި ދޮރާ ދިމާއަށެވެ. އާމިނަ ހުރި ގޮތުން ރިޔާޒް ރަނގަޅަށްވެސް ބިރުގަތެވެ.

"މަންމާ.. ކިހިނެއްވީ؟..." ރިޔާޒް ސުވާލުކޮށްލުމާ އެކީ އާމިނަ އޭނަގެ ތުނބުގައި ޝަހާދަތް އިނގިލި ޖައްސާލަމުން އަޑު މަޑުކުރަން އެދުނެވެ. ރިޔާޒް ކަންބޮޑުވިއެވެ. މަންމަގެ މިޒާޖުގައި މިހުންނަ ގޮތަކުން މަންމަ މިހާރު ސިކުނޑި ހަމަ ނުޖެހެނީ ބާވައޭވެސް ހިތަށް އަރާފަހަރު އާދެއެވެ.

"ރިޔާޒްގެ ބައްޕައާ އެ އަލިތައްކާންމެން ކުރި ކަމެއްގެ ނަތީީޖާ މީ... އަހަންނަށް ހުރިހާ ކަމެއްވެސް އިނގޭ... މިހާރު މިކަމުން ސަލާމަތް ނުވެވިގެން އެއުޅެނީ ނުން... ބަލަ އަލިތައްކާނު މިހާރު މި ދުނިޔެއަކުވެސް ނެތް... އެ ފަންޑިތަ ހެދި ދުވަހު އަލިތައްކާނު މަރުވެގެން ދިޔައީ..."

އެ ހުރިތަނަށް ރިޔާޒް ގަބުވި ކަހަލައެވެ. އޭނާގެ މަންމަ އެ ދައްކަނީ ކޮން ވާހަކައެއް ހެއްޔެވެ. އަލި ތައްކާނުބެ މަރުވީ ރިިޔާޒް ވަރަށް ކުޑައިރެވެ. ގޭގައި އަލިފާން ރޯވެގެންނެވެ. އެދުވަސް ރިޔާޒް ރަނގަޅަށް ހަނދާން ހުރެއެވެ. ބައްޕައާ އަލިތައްކާނުބެއަކީ ވަރަށް ގާތް ދެ އެކުވެރިންނެވެ. "މަންމާ ދެންދޭ ނިދަން..." އާމިނަގެ ކޮނޑުގައި ފިރުމާލަމުން ރިޔާޒް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ.

އެނދުގައި އޮށޯވެ އޮވެ ރިޔާޒަށް ނިދޭ ގޮތެއް ނުވިއެވެ. އާމިނަ ދެއްކި ވާހަކަ ތަކުން އޭނާގެ ސިކުނޑިއަށް އެތައް އުނދަގޫތަކެއް ކޮށްފިއެވެ. މާޒީގެ ދުވަސްތަކާ މެދު ވިސްނެން ފެށިއެވެ.

*** *** *** *** *** ***

ްފުސް މޫނު ހަދައިގެން ޒިބާން ހުރިގޮތް ފެނި ސަކޭރާ ގެއަށް ވަނީ އަނގައިން އެއްވެސް އެއްޗެއް ނުބުނެ ހުންނާށެވެ. ބޭސް ތައްޔާރުކުރަން ބޭނުންވާ އިތުރު އެއްޗެހި ހޯދުމަށް ސަކޭރާއަށް ދާން މަޖުބޫރުވީ ޒިބާނަށް ބޭރަށް ނުދެވޭތީއެވެ. ސަކޭރާ ގެނައި ތަކެތި މޭޒުމަތީ ބެހެއްޓުމަށްފަހު އޭނާގެ މަސައްކަތް ފެށިއެވެ.

"ބޮޑުދައިތާ.. މަންޝާގެ ހާލު ބަލާލަ ދީބަލަ... އަހަރެންނަށް އެނގޭ މަންޝާގެ ހަށިގަނޑަށް ކޮންމެސް ކަހަލަ އުނދަގުލެއް އެބަވޭ... މަންޝާއަށް ހާދަ ވޭނެއް އަޅާނޭ... އަހަންނަށް މި ކުރެވޭ އިހްސާސް ބޮޑުދައިތައަށް ކުރަންޏާ ތިހެން ނުހުންނާނެ..." ޒިބާން އާދޭހުގެ ރާގަކަށް އެހެން ބުނުމުން ސަކޭރާ ޒިބާނާ ދިމާލަށް ބަލާލިއެވެ.

"އަހަރެންނަކީ ސައިބްރޯތު ނުކުރާށޭ ބުނާ ކަންތައް ކޮށްއުޅޭ މީހެއްނޫން... ސައިބްރޯތަކީ މިހާރު އަހަރެންގެ އެއްބަނޑު އެއްބަފާ ހުރި ހަމައެކަނި މީހަކީ... އަހަންނަށް އޭނާގެ އަމުރާ އިދިކޮޅަަށް އެންމެ ކަމެއްވެސް ނުކުރެވޭނެ... ބިމަށް ފައިބާކަށް އަހަންނަކަށްް ހަމަ ލާހިކެއް ނޫން... ތިން ދުވަސް ކެތްކޮށްލާ..." ސަކޭރާ ވާހަކަ ދެއްކީ އަދިވެސް ޒިބާނަށް ވިސްނައިދެވޭތޯއެވެ. ދެބުމަ ގޮށްޖަހައިގެން ޒިބާން ހުރީ ދެން ހަދާނެ ގޮތެއް ނޭނގިފައެވެ. އެ ގޮތަށް ގޭގައި ބަންދުވެފައި ހުންނަތާ އެއްް ދުވަސް ވީއުރު ޒިބާނަށް އެއީ ސަތޭކަ އަހަރު ފަދައެވެ. އެހާވެސް ދުވަސް ދިގުހެން އޭނާއަށް ހީވެއެވެ.

ބޭހުގެ ފަހު މަސައްކަތް ނިންމާލަމުން ސަކޭރާ ހިން ދެމިލިއެވެ. ބިއްލޫރި ފުޅިއަކަށް ބޭސް އެޅުމަށް ފަހު އޭގެ މަތި ބަންދުކޮށްލަން ލަކުޑި އުނގުރިއެއް ޖަހާލިއެވެ. "މި ބޭސްް ހަދާ މިނިމުނީ... ކޮންމެ ދުވަހަކު ތިން އިރު މިބޭހުން ތިން ތިކި އަނގަޔަށް އަޅަން ވާނެ..." ސަކޭރާ އެހެން ބުނަމުން ޒިބާނަށް ފެންނަ ހިސާބުގައި އެފުޅި ބެހެއްޓިއެވެ.

"ކޮބާތަ ބައްޕަ؟... އޭނަ މިތަނަށް އަންނާކަށް ނޫޅޭތަ؟.." ރުޅި އައިސް ރަތްވެފައިހުރެ ބިއްލޫރި މޭޒު މަތީގައި ޒިބާން އަތް އަޅުވާލަމުން ވާހަކަ ދެއްކިއެވެ. ޒިބާން ރުޅިއައިސްފައިވާކަން އޭނާގެ ދެލޮލުންވެސްް ފާހަގަވެއެވެ.

"ޒިބާން.. ނިކަން ހަމަޖެހިބަލަ.. މިވަގުތު އެތަނަށް ދިއުން ރަނގަޅެއްނޫން.. އެމީހުން ޒިބާން ހޯދަން މަސައްކަތް އެބަކުރޭ... އެތަނަށް ދިއުމަށްވުރެ ނުދިއުން ބުއްދިވެރި ވާނީ..." ސަކޭރާގެ އަޑު ބާރު ވިއެވެ. ޒިބާނާ ދިމާއަށް ބަލާލި އިރު އޭނާގެ ހައިބަތު ބޮޑުކަން ސަކޭރާއަށް ފާހަގަވިއެވެ.

"ދެން އެހެންވީ އިރު މީ ކީއްކުރަން ހެދި ބޭހެއް... މިބޭސް އަހަރެން މަންޝާއަށް ދޭނީ ކިހިނެއް... ކަމެއް ކޮށްދޭށޭ ބުނީމަ ކުރާ އުސޫލުން ތިކޮށްދެނީ... އަހަރެން މިހުރީ ބަންދުކޮށްފަ... ނުވިތާކަށް ބޮޑުދަައިތަ ދާން އެއްބަސް ވީކީ ނޫން... ބައްޕަަ ކައިރީ ބުނޭ މިހެން ނުހަދާ އަަހަރެން މަރާލާށޭ..." މޭޒުމަތީ ހުރި ބޭސް ފުޅި ނަގާ ދޮރާ ދިމާއަށް ޒިބާން ހޫރާލީ އޭގެ ބޭނުން ނުހިފޭނެކަން އެނގޭތީއެވެ.

"ޒިބާން..." އެ ބޭސް ފުޅި އެއްލާލުމުން އަޑުގެ ނެތް ތަނަށް ސަކޭރާ ހަޅޭއްލަވައިގަތެވެ.

(ނުނިމޭ)