މީރާ އަވަސްވެގަތީ ފާޚާނާއަށް ވަންނާށެވެ. ކުއްލިއަކަށް އޭނާގެ ފިޔަވަޅު މަޑުކޮށްލިއެވެ. ފާޚާނާއަށް ވަނުމުގެ ކުރިން މީރާގެ އަތް ޖައްސާލެވުނީ އޭނާގެ އަތުގައެވެ. ތަވީދު އޮތްތޯ ޔަގީން ކުރާށެވެ.
އަތުގައި ތަވީދު އޮތުމުން މީރާއަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ފާޚާނާއަށް ވަދެ ދޮރު ލައްޕާލިއެވެ. ފާޚާނާކޮށްލުމަށްފަހު ތަށިމަތިން މީރާ ތެދުވެ ފްލަޝް ކޮށްލިއެވެ. އަދި މޫނު ދޮންނަ އިސްކުރާ ކައިރިވެ ލޯގަނޑުން މޫނަށްް ބަލާލިއެވެ. މީރާގެ މޫނު ވަނީ މިލާ މޯޅިވެފައެވެ. މީރާގެ ލޯކައިރި ވަޅުވަދެފައިވާ ކަން ފާހަގަ ވިއެވެ. މޫނު ދޮވެލަން ދެލޯ މަރާލި ވަގުތު ފާޚާނާ ދޮރުގައި މީހަކު ޓަކި ޖަހާލިހެން ހީވިއެވެ.
އިސްކުރުދަށުން އަތް ދުރުކޮށްލަމުން އިސްކުރު ބާރުކޮށްލިއެވެ. އަދި އަތުގައި ހުރި ފެންތައް ފޮޅާލަމުން ފާޚާނާގެ ދޮރު ހުޅުވާލިއެވެ. މީރާ ސައިބޯން ނުގޮސް ލަސްވާތީ މީރާއަށް ގޮވަން އާމިނަ އައީ ކަމަށް ހީކުރެވުނު ނަމަވެސް ދޮރުމަތީ މީހަކު ފެންނާކަށް ނެތެވެ. މަންމަ ކޮޓަަރިއަށް ވަދެފަ ދިޔައީކަމަށް ނިންމާ މީރާ މޫނު ދޮވެ ދަތް އުނގުޅަން އަވަސްވެގަތެވެ.
ހެދުން ބަދަަލުކޮށްގެން މީރާ ނިކުތް އިރު އާމިނަ އިނީ ކާމޭޒު ކައިރީގައެވެ. މީރާއަށް ކަމުދާ ގޮތަށް އާމިނަ ސޭންޑްވިޗެއް ތައްޔާރުކޮށްފަ ހުރުމުން މީރާ ވަރަށް ހިތްހަމަޖެހުނެވެ. ހެވި ދިލިފައި އަައިސް ކާމޭޒު ކައިރީ ހުރި ހުސް ގޮނޑީގައި އޭނާ އިށީނެވެ. އަދި މޭޒުމަތީ ހުރި ޖަގުން ޖޫސް ތައްޓެއް އަޅާލުމަށްފަހު ޖޫސްފޮދަކުން އަރުތެރެ ތެއްމާލިއެވެ. "މަންމަ ލަސްވެގެން ގޮވިން ދޯ!..." ސޭންޑްވިޗް އަނގަޔާ ގާތް ކޮށްލަމުން އާމިނައާ މުޚާތަބުކޮށް މީރާ ވާހަކަ ދެއްކިއެވެ.
"ނޫން.. ނުގޮވަން... ކިހިނެއްވީ ދަރިފުޅާ..." ސޭންޑްވިޗްގައި ދަތް އަޅަން އަނގަ ހުޅުވާލި މީރާ ހުއްޓުން އެރިއެވެ. މީރާއަށް ވީ ގޮތުން ސޯފާގައި ޓީވީ ބަލަން އިން ޟިރާރަށް ކާމޭޒާ ދިމާއަށް ބަލާލެވުނެވެ.
"ކީކޭ..." މީރާ ދުލުން އެބަސް ނިކުތީ ބޭއިޚްތިޔާރުގައެވެ. މީރާ ހާސްވެ ކަންބޮޑުވާ ގޮތް ވިއެވެ. ނަމަވެސް އެކަން މީރާ ފޮރުވަން މަސައްކަތް ކުރިއެވެ. މީރާއަށް އެ ފެނުނު ޝައިތޯނާގެ އުނދަަގުލުން ސަލާމަތް ނުވެވޭކަން އެނގުމުން ހިން ދިރުވާލެވުނެވެ.
ސިޑިކައިރިން އޭނައަށް ފެނުނު މަޚްލޫގުގެ މަތިން ހަނދާން އެބަހުއްޓެވެ. އޭތި ބެލީ ސިދާ މީރާގެ ބަނޑަށެވެ. އަދި މީރާ މަރާލަން އޭނާ މަސައްކަތް ކުރަން އުޅުނުކަން ވެސް އެނގުނެވެ. ނަމަވެސް ސިޑިމަތިން މަންޝާ ފެނުމުން އެކަމާ މީރާ އަޖައިބު ވިއެވެ. މަންޝާ ފެންނަންވީީ ސަބަބެއް މީރާއަކަށް ނޭނގުނެވެ. އެހެންކަމުން މަންޝާއަށް ގުޅާ ހާލު ބަލަން ބޭނުން ވިއެވެ.
ގޮނޑިން ފޫ ހިއްލާލި ވަގުތު މީރާގެ ކަންފަަތުގައި ޖެހުނީ މީހަކު ދޮރުގައި ޓަކި ޖަހާލި އަޑެވެ. މީރާގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެއީ ދެންމެ ފާޚާނާގައި ހުއްޓާވެސް މީރާއަށް އިވުނު އަޑެވެ. ޓަކިޖެހި އަޑު އެ އައީ ހަމަ އެގޮތަށެވެ. ދެވަނަ ފަހަރަށް ޓަކި ޖަހާލި އަޑަށް މީރާ ދެލޯ ބޮޑުކޮށްލިއެވެ. އެވަގުތު ސޯފާގައި އިން ޟިރާރު ދޮރު ހުޅުވަން ދިއުމަށް ސޯފާއިން ތެދުވެއްޖެއެވެ.
"ނޫން ބައްޕާ... ދޮރު ނުހުޅުވާތި.. އެއީ އޭތި.. އޭނަ އެ އަންނަނީ އަހަރެންނާ މި ދަރިފުޅު މަރާލަން... ޕްލީސް ބައްޕާ ދޮރު ނުހުޅުވާތި...." މީރާގެ އަޑު އައި ދިމާއަށް ޟިރާރު ބަލާލިއެވެ. އޭރު މީރާ ދެފައި ތަޅާ ރޮނީއެވެ. ބިރެއްފެނިފައިވާ މީހެއް ފަދައެވެ.
އާމިނަ މީރާއާ ގާތްވެލީ އޭނާ ހަމައަކަށް އަޅުވާށެވެ. މީރާ ބާރު ބާރަށް އާމިނަ ގައިގާ ބައްދާލިއެވެ. އާމިނަގެ ކޮނޑުގައި ބޯއަޅައިގެން މޫނު ފޮރުވަމުން ދިޔަ އިރު އޭނާގެ ޝަކުވާއެއް ނުހުއްޓެއެވެ. "ޕްލީސް ބައްޕާ ދޮރު ނުހުޅުވާތި... އެ ބިރުވެރި އެތި އެ އުޅެނީ އަންނަން.. އޭނަ އަހަރެން ސިޑިން ކޮއްޕާލީ ވެސް... ދެންމެ ފާޚާނާގަ ހުއްޓާވެސް އޭނަ ޓަކި ޖެހި... ނޫން ބައްޕާ ދޮރު ނުހުޅުވާތި..."
މީރާ އުޅުނު ގޮތުން ޟިރާރު ޖެހިލުން ވިއެވެ. ނަމަވެސް އެނާގެ ހަށިގަނޑުގައި ތަވީދު އޮތްކަން ހަނދާންވުުމުން އޭނާ ގަސްތުކުރީ ދޮރު ހުޅުވާށެވެ. ދޮރު ހުޅުވަން ޟިރާރު ގޮސް ތަޅު އަނބުރާލި އަޑަށް އާމިނަގެ ކޮނޑުމަތިން މީރާ ބޯ ހިއްލާލާ ބަލާލިއެވެ. ދޮރުފަތް ހުޅުވެން ފެށުމުން އެނާގެ މޫނު އަނބުރާ އާމިނަގެ ކޮނޑުގައި އަޅަމުން ދެލޯ ފިއްތާ ބާރުކޮށްލިއެވެ. އާމިނަ ދޮރާ ދިމާއަށް ބަލާލިއެވެ. ޟިރާރަށް ދޮރުމަތިން މީހަކު ފެންނަން ނެތުމުން ބޭރަށް ބޯދިއްކޮށްލީ ޖެހިލުންވެހުރެެވެ. ސިޑި ކައިރީ ހުއްޓިގެން ހުރީ ސްޓެލްކޯގެ މުވައްޒަފެކެވެ.
ޟިރާރު އަތަށް އޭނާގެ ފައިލުން ކަނޑާލި ބިލް ދިއްކޮށްލަމުން ވާހަކަ ދެއްކިއެވެ. "ރިޔާޒް އެބައުޅުއްވާ ތޯ..."
ބިލްގައި ހިފަމުން ޟިރާރު އެ ފިރިހެން މީހާގެ މޫނަށް ބަލާލިއެވެ. "ރިޔާޒް... އޭނަ ވީ އޮފީހަށް ގޮސް... ކިހިނެއްތޯ ވީ؟..." ޟީރާރު ސުވާލުކޮށްލީ ވާނުވާ ނޭނގޭތީއެވެ.
"އަޅުގަނޑަކީ ރިޔާޒްގެ ރައްޓެއްސެއް.. ރިޔާޒަށް ބައްދަަލުކޮށްލަން ބޭނުންވެފަ ހުރީމަ އަހާލީ... މައްސަލައެއް ނެތް.. އަޅުގަނޑު ގޮސްލަނީ...." ޟިރާރަށް ހިނިތުންވުމެއް ރައްދު ކުރުމަށްފަހު ސިޑިން މައްޗަށް އެޒުވާނާ ހިނގައިގަތެވެ. އޭނާ އެދިޔައީ އެގޭ މަތީ ބުރިއަށްކަން ޟިރާރަށް އެނގުނެވެ.
"ސާބަސް މީރާ.. އެއައީ ސްޓެލްކޯ އިން ބިލް ހިފައިގެން... ދަރިފުޅާ މިއޮތީ ބިލް ވެސް..." މިރާއަށް ބިލް ދައްކަމުން ޟިރާރު ވާހަކަ ދެއްކިއެވެ. އާމިނަގެ ހަށިގަނޑުން މީރާ ދޫކޮށްލިއެވެ. އޭރު އާމިނަ ހުރީ ވަރުބަލިވެފައެވެ.
މީރާ ގޮނޑީގައި ބޭންދުމަށްފަހު ޖޫސްދެވޭތޯ އާމިނަ އުޅުނެވެ. މީރާ ގާތުގައި ހުރި ގޮނޑި ދަމާލަމުން ޟީރާރު އިށީނީ މީރާއަށް ސިޑިމަތިން ފެނުނު އެއްޗެއް އޮޅުން ފިލުވާށެވެ.
"މީރާއަށް ފެނުނު އެއްޗެއް ބައްޕައަށް ކިޔައިދީ ބަލަ... މީރާއަަށް އެއްވެސް ކަމެއް ވިޔަކަ ނުދޭނަން... ދަރިފުޅާ ބިރު ނުގަނޭ... މި އާއިލާއާ ޖައްސާލައިގެން އުޅޭ އެއްޗަކުން އަހަރެމެންނަށް ސަލާމަތް ވެވޭނީ ދަރިފުޅަށް ފެނުނު އެއްޗެއް ވެސް ކިޔައިދިނީމަ... އަހަރެން އަލިބެއާ ވާހަކަ ދައްކައިގެން މިހާރު ވެސް މިއުޅެނީ ތިކަމާ..." ޟިރާރުގެ މޫނަށް ބަލަން ނުކެރި އިސްޖަހައިގެން އިން މީރާ އިސް އުފުލާ ޟިރާރާ ހަތަރުކަޅި ހަމަކުރިއެވެ.
އެވާހަކަ ފޮރުވައިގެން އަބަދަކު ނޫޅެވޭނެކަން އެނގޭތީ މީރާއަށް ވިސްނުނު އެންމެ ބުއްދިވެރި ގޮތަކީ އެފެނުނު އެއްޗެއް ތެދުތެދަށް ކިޔައިދިނުމެވެ.
*** *** *** *** *** ***
އިންޑިޔާގެ ދަނޑަކަށް ޒިބާން ފޭބިއެވެ. އެތަނަކީ ހާއްސަކޮށް ކަޅުދިރި ހައްދާ ދަނޑެއް ކަން ޒިބާނަށް އިނގެއެވެ. ވަގުތުގެ ގޮތުން އެ ދަނޑުގައި މިވަގުތު އެއްވެސް އިންސާނަކު ފެންނާކަށް ނެތެވެ. ދޮޅު ފޫޓަށް ހެދިފައިވާ ގަސްތަކު ތެރޭގައި ޒިބާން ހިނގަމުން ދިޔަ އިރު އޭނާއަށް ތަފާތުކަމެއް ފާހަގަ ވިއެވެ. ގަސްތަކުގައި ބީހެމުން ކުރިއަށް ހިނގަމުން ގޮސް ޒިބާން ކުއްލިއަކަށް ފަހަތަށް އެނބުރުނެވެ. ވައި ރޯޅިއެއްހާ ބާރުމިނުގައި ކުރިން އައި ދިމާއަށް ޒިބާން މިސްރާބު ޖެހިއެވެ. ގަސްތަކުގެ ތެރޭގައި ފިލާ މީހަކު ހުރިކަން އެނގުނެވެ. އެއީވެސް ޒިބާންކަހަލަ ބާރު ލިބިފައިވާ މަޚްލޫގެއްކަން އޭނާއަށް އިހްސާސް ވިއެވެ.
"މިތާ ކީއްކުރަނީ؟.. އަހަރެންނަށް ފާރަލަނީތަ؟..." އެއީ ކާކުކަން ޒިބާނަށް އެނގުނެވެ. ގަސްތަކުގެ ތެރެއިން އޭނަ ނުކުތެވެ. ކަޅުދިރި ގަސްތަކުގެ ތެރެއިން ނިކުތް އިރު އޭނާ ވަރަށް ފުރިހަމައެވެ. އެ ގަސްތަކުގައި އަޅާފައިވާ ހުދު ކުލައިގެ މާތަކުގެ ތެރޭގައި ތަޒްކިޔާ ހުރި އިރު އެ މަންޒަރު ވަރަށްވެސް ޗާލެވެ. ހުދުކުލައިގެ ހެދުމެއްގައި ހުރި ތަޒްކިޔާއަށް ލިބިފައި ވަނީ ފުންނާބާ ހަމައަށް އަރާ މަޑު މުށިކުލައިގެ ފަން އިސްތަށިގަނޑެކެވެ. ހަމުގެ ކުލަ ދޮންވެފައި ރީއްޗެވެ. ލޮލުގައި ވަނީ އިސްތަށިގަނޑުގައިވާ ކަހަލަ މުށި ކުލައެކެވެ. އޭނާގެ ފުރިހަމަ ކަމަށް ޒިބާނަށް ބަލަން ހުރެވުނެވެ.
"ޒިބާން... އިންސާނުން ދިރިއުޅޭ ހިސާބުތަކަށް އަންނަ އިރު ޖެހިލުމެއް ނުވޭތަ؟... އަހަރެން ދުވަހަކު ވެސް ނާންނަން... އެއިން މީހަކަށް އަހަރެމެންް ފެނިއްޖިއްޔާ ވެދާނެގޮތެއް ނޭނގެނީތަ؟... އަހަރެމެންގެ ނަސްލު ހަލާކުވެގެން މި ދަނީ މިތަނަށް އަންނާތީ ކަން ޒިބާނަށް ނޭނގެނީތަ؟... އަހަރެން ވަރަށް ބިރުގަނޭ...." ތަޒްކިޔާގެ ވާހަކަ ދެއްކުމުގައި ހުރީ މަޑުމައިތިރި ކަމެވެ. ތަޒްކިޔާގެ މޫނުމަތިން ފެންނަމުން ދިޔައީ ނުތަނަވަސްކަމެވެ. އެކަމުން ޒިބާންގެ ތުންފަތަށް ވެރިވީ ލާނެއް ހިނިތުންވުމެކެވެ.
"ދެންް ތިހާ ބިރުގަންނަ އިރު ތި އައީޔޯ... އަލަށް ދޯ ދުނިޔެއަށް މީހުންގެ ތެރެއަށް ތި ފޭބީ...." ތަޒްކިޔާއަށް މަލާމާތް ކުރަމުން ޒިބާން ހިނގައިގަތީ އެންމެ ތާޒާ ކަޅުދިރި ހުރި ދިމާއަށެވެ. އެގަހުގައި ހުރި ތޮޅިތަކެއް ބިންދެލުމަށްފަހު ހިކިފައި ވާ ތޮޅިތައް ހުޅުވާލިއެވެ. އަދި އަތުގައިވާ ބިއްލޫރި ފުޅި މަތި ނަގާލިއެވެ. ތަޒްކިޔާ ވެސް އެތަނުން ހިކިފައިވާ ތޮޅިތައް ނަގާ ޒިބާން އަތުގައިވާ ބިއްލޫރި ފުޅިއަށް ދިރިތައް އަޅައި ދިނެވެ. ފުޅި ފުރިއްޖެއެވެ. އެހިސާބުން ޒިބާން ގަސްތު ކުރީ އެނބުރި ސަކޭރާ ގާތަށް ދާށެވެ.
"ތީ ޒިބާން ބޮޑު ދައިތައަށް ގެންގޮސްދޭ އެއްޗެއް ދޯ... އަހަރެންވެސް ދާނަން..." ޒިބާން މައްޗަށް އަރަމުން ކަޅުދިރި ގަހުން ދެތިން މަލެއްވެސް ބިނދެލިއެވެ. އެއީ މިއަދު ބޭސް ހެދިއިރު ބޭހުގައި ސަކޭރާ ބޭނުންކުރި މާކަން ޒިބާނަށް އެނގޭތީއެވެ.
"ކޮންކަހަލަ ބޭހެއް ހަދަން ތިއުޅެނީ...." ޒިބާންގެ ފަހަތުން ބިމުން މައްޗަށް އޭނާގެ ހަށިގަނޑު އުފުއްލާލަމުން އަހާލިއެވެ. ޒިބާންގެ ފަރާތުން އެ ސުވާލަށް ޖަވާބެއް ނުލިބުނެވެ. ދެމީހުން ދެ އަލިކޮޅުގެ ސިފައިގައި މައްޗަށް އަރައިގެން ދިޔައެވެ.
ގެއާ ހަމައަށް ދެވުމުން ޒިބާން އެގޭތެރެއަށް ވަންނަން ހިނގައިގަތެވެ. ދޮރާ ހަމައިން އޭނާގެ ފިޔަވަޅު މަޑުޖެހުނެވެ. އެގޭތެރޭގައި މިވަގުތު ހުރީ ސަކޭރާ އެކަނި ނޫންކަން އޭނާއަަށް އެނގުނެވެ. ބާރުގަދަ އެހެން ޖިންނިއެއް އެތާ ހުރިކަން އިހްސާސް ވިއެވެ. ޒިބާން އެތެރެއަށް ވަންނަން ފިޔަވަޅު އަޅާލި ނަމަވެސް ތަޒްކިޔާ ގަސްތު ކުރީ ބޭރުގައި މަޑު ކުރާށެވެ.
ބިއްލޫރި މޭޒު ކައިރީގައި ސަކޭރާ ބޭސްހަދަން ހުރި އިރު ސަކޭރާ ކުރިިމަތީގައި ވާހަކަ ދައްކަން ހުރީ ސައިބްރޯތެވެ. "ޒިބާނަށް ސަކޭރާ ވިސްނައިދީބަލަ.. އަހަރެން ވެސް ބޭނުމެއް ނުވޭ ޒިބާނަށް ދެރަ ގޮތެއް ވާކަށް.... ޒިބާން އެހެރަ ހަލާކުވަނީ.. އެމީހުންގެ ފަންޑިތައިގައި ޖެހި އޭނާ މަރުވާކަށް އަހަރެން ބޭނުމެއް ނުވޭ...."
"ބޭބޭ... އަހަރެންވެސް ބޭނުމެއް ނޫން ޒިބާނަށް ދެރައެއް...." ސަކޭރާގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސްް އޭނާގެ ދުލުގައި ތަޅެއް ލެވުނު ކަހަލައެވެ. ސައިބްރޯތުގެ ފަަހަތުގައި ހުއްޓިހުރި ޒިބާން ފެނުމުން ސަކޭރާއަށް އިތުރު ވާހަކައެއް ނުދެއްކުނެވެ.
"ކިިހިނެއްވީ؟..." ޒިބާން ދެބުމަ ގޮށް ޖަހާލަމުން ކުރިއަށް ޖެހުނެވެ.
"ޒިބާން... އެމީހުން ޒިބާން ހޯދަން ކިއެވެލި ކިޔަވަން ފަށައިފި... އަަހަރެން ބޭނުމެއް ނޫން ޒިބާން އިންސާނުން ގާތަށް ދާކަށް... އެހިސާބަށް ނުގޮސް ތިން ވަރަކަށް ދުވަހު މިކޮޅުގަ މަޑުކޮށްލާ...." ސައިބްރޯތު ވާހަކަ ދެއްކީ މަޑުމައިތިރި ކަމާ އެކުގައެވެ. ޒިބާނަށް އެއްޗެއް ވިސްނައި ދެވޭތޯއެވެ.
"ތިން ދުވަހޭ... ނޫން... އަހަރެން ޖެހޭނެ މަންޝާ ގާތަށް ދާން.. އޭނަ ހިމާޔަތްކުރަން ޖެހޭނެ... އެހެން ނޫނީ.. ޒޭބާ އޭނައަށް ހަމަލާއެއް ދީފާނެ..." ޒިބާން ނުބުނަން ހުރި ވާހަކަތައް ސައިބްރޯތުގެ ކުރިމައްޗަށް ބަނޑުން ކޮށްލެވުނީ ނޭނގުމެއްގެ ތެރޭގައެވެ.
"އަަހަރެން ބުނީމެއްނު ތިދުވަސް އައިސް ދާނޭ... ކައޭޝާއަކީ ކާފަރެއް ކަމުގައިވީ ނަމަވެސް އޭނައަށް ދިމާވި ގޮން ޖެހުންތަކުން އަހަރެން އޭނަ ސަލާމަތްކޮށްގެން ކައިވެނި ކުރީ އޭނާ މުސްލިމް ކޮށްގެން.... އެކަމަކު ފަހުވަގުތު ވެސް އޭނާއަކަށް އަހަަރެމެންގެ އުސޫލިތަކާ އެއްގޮތަށް ނޫޅެވުނު... ޒޭބާ ގައިގަ އެ ހުންނަނީ އޭނާގެ މަންމަގެ ގޮތްގަނޑު..." ސައިބްރޯތުގެ ދެލޯ ރަތްކުލައިން ދިއްލުނެވެ. މާޒީ ހަނދާންވުމުން އޭނާ ރުޅިގަދަވެއެވެ. ކައޭޝާއަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމުގެ ހިތި ނަތީޖާ އޭނާއަށް މިއަދު އެބަ ފެނެއެވެ. ނަމަވެސް ސައިބްރޯތު އުންމީދު ކަނޑައެއް ނުލައެވެ. ޒިބާންއަކީ ރަނގަޅު ފިރިހެން ދަަރިއަކަށް ވާނެކަމަށް އޭނާ އުންމީދު ކަނޑައެއް ނުލައެވެ.
"އެހެންދޯ ވާނީވެސްް... އެކަމާ ޒޭބާ ކުށްވެރި ކުރާނެކަމެއް ނެތް... އެންމެ ތުއްތު އިރު އޭނަ ގެންގުޅުނީ ވެސް ކަައޭޝާގެ އާއިލާ... އެއީ އޭނަ މި އާއިލާގައި ގެންގުޅެން ސައިބްރޯތު އެއްބަސް ނުވީމަ ވީގޮތް... ސައިބްރޯތުގެ ތި ރުޅިގަނޑަަކާ ހުރެ މިހާރު އެމަންޖެ އަހަރެން ކައިރިއަށް ވެސް ނާދޭ..." ސަކޭރާއަކަށް ހިމޭނަކުން ނުހުރެވުނެވެ. ޒީބާނާ ޒޭބާ ދެކެ އިންތިހާއަށް ސަކޭރާ ލޯބިވެއެވެ.
"މަންޝާގެ ހުރި ވަރެއްވެސް އިނގޭނީ ޒިބާން ނުގޮސް މަޑުކޮށްލީމަ... ތި މަންޝާގެ ހުރި ވަފާތެރިކަމެއް ވެސް އޭރުން އެނގިދާނެ ދޯ... އިންސާނުންނަކީ ތަފާތު ބައެއް... ޒިބާން ނުފެނި ދުވަސްކޮޅެއް ވާއިރަށް ޒިބާން މަތިންފޫހިވެ އެހެން ލޯބިވެރިއަކާ ގުޅޭނެ... ތި މަންޝާއަށް ވުރެ ތަޒްކިޔާ މާ ރަނގަޅުވާނެ... ދަރިފުޅަށް ދެރަގޮތެއް ވާން ނޭދޭތީ ބައްޕަގެ ނިންމުން މި ބުނަނީ... ޒިބާން ކައިވެނި ކުރަންވާނީ ތަޒްކިޔާއާ... ބައްޕަ މި ބުނަނީ ޒިބާން މިތާ މަޑުކުރަން... މީ އެދުމެއް ނޫން... މީ އަމުރެއް..." ދޮރުން ބޭރަށް ނިކުންނަމުން ދޮރުކަނީގައި އަތް ވިއްދާލަމުން ސައިބްރޯތު ގޭތެރެއަށް ފުމެލިއެވެ. ދޮރުވަށާ އަތް ކާއްތާލުމަށްފަހު ސައިބްރޯތު އެތަނުން ގެއްލުނެވެ.
"ބޮޑުދައިތާ.... ބައްޕައަށް ކިހިނެއްތަވީ..." ޒިބާން ކަރުއެލުވާލިއެވެ. ބައްޕަ ރުޅިއައުމުން ޒިބާން ވަނީ އިންތިހާއަށް ދެރަވެފައެވެ.
"ދަރިފުޅާ ހެޔޮނުވާނެ ތިން ދުވަސް ވަންދެން މަޑުކޮށްލާ... އެމީހުން ދަރިފުޅު ހޯދަން ފަށައިފި..." ސަކޭރާ އާދޭހުގެ ރާގަކަށް ބުނެލީ ޒިބާން މަޑުނުކުރާނެ ކަން އިނގޭތީއެވެ.
"ނޫން އަހަރެން ދާން ޖެހޭނެ... ތިބޭސް ތައްޔާރު ކުރެވުނީމަ މަންޝާއަށް ދޭންވެސް ޖެހޭނެ... އަހަރެން ނުގޮސް ކިހިނެއް އެކަން ކުރާނީ...." ޒިބާން އެތަނުން ނިކުންނަން ހިނގައިގަތެވެ. ސަކޭރާ ޒިބާން ހިފަހައްޓާކަށް ނޫޅުނެވެ. ޒިބާނަށް އެތަނުން ނުދެވޭނެކަން ސަކޭރާއަށް އެނގުނެވެ.
ބޭރަށް ނިކުންނަން ޒިބާން ދިޔައީ ވަރަށް ބާރަށެވެ. ނަމަވެސް ދޮރާހަމައަށް ގޮސް އެއްޗެއްގައި ޖެހިގެން ބުރައިގެން އަންނަ ފަދައިން ޒިބާން އެތެރެއަށް އައިސް ވެއްޓުނެވެ. ސަކޭރާއާ ދިމާއަށް ޒިބާން ބަލާލީ އެވީ ކިހިނެއްހޭ އަހާފަދަ ގޮތަކަށެވެ. ޒިބާން އަނެއްކާވެސް ތެދުވެ ދޮރާދިމާއަށް ދިޔައެވެ. މިފަހަރުވެސް ވީ އެހެންނެވެ. ޒިބާން އެދޮރުގައި އަތް ޖައްސާލިއެވެ. ޒިބާނަށް ނުނިކުމެވޭ ގޮތަށް އެ ދޮރުގައި ވަނީ ނުފެންނަ ފަށަލައެއް ލެވިފައެވެ.
"ސައިބްރޯތު އެދިޔައީ ޒިބާން މިތާ ބަަންދުކޮށްފަ... ޒިބާން ގޮތްދޫ ނުކުރާނެކަން އެނގޭތީ... ބައްޕަ ބުނާ ބަސް ގަބޫލުކޮށްބަލަ.. މަންޝާއަށް ދެރަގޮތެއް ނުވާނެ... ތިންދުވަސް ވަންދެން މަޑުކުރޭ..." ޒިބާނަށް ވިސްނައިދޭން ސަކޭރާ މަސައްކަތް ކުރިއެވެ.
"ދެން ބޮޑުދައިތަ ދާންވީނު މަންޝާއަށް ބޭސް ދޭން... އަަހަރެންނަށް ހާދަ އުނދަގުލެއް އެބަ ވެޔޭ... މަންޝާއަށް އެވާ އުނދަގޫތައް އަހަންނަށް އެބަ އިހްސާސްވޭ...)" ޒިބާން ހިތާ ދިމާލުގައި އަތުން ފިރުމާލަމުން ވާހަކަ ދެއްކީ ސަކޭރާގެ މޫނަށް ބަަލަމުންނެވެ. ސަކޭރާ އިސްޖަހާލިއެވެ. ޚުދު ސަކޭރާއަށް ވެސް އިންސާނުން ގާތަށް ދިޔުން ވަނީ މަނާކޮށްފައެވެ. ޒިބާން އެ އެދޭ ކަންތައް ކުރާކަށް ސަކޭރާއަކަށް ނުކެރޭނެއެވެ.
އެތަނަށް ވެރިވެފައިވާ ހަމަހިމޭންކަން ނަގާލީ އެތެރެއަށް ވަތް ތަޒްކިޔާގެ އަޑެވެ. "އަހަރެން ތިކަން ކޮށްދީފާނަން..." ސަކޭރާއާ ޒިބާނަށް ބަލާލެވުނީ އެތަނަށް ވަންނަ ދޮރާ ދިމާއަށެވެ. ދޮން ޕަރީއެއް ފަދަ ރީތި ތަޒްކިޔާ ހުރީ ޒިބާނާ ދިމާއަށް ބަލާށެވެ. ތަޒްކިޔާ އެތެރެއަށް ވަނުމުން ޒިބާން ގާތްވެލީ ދޮރު ކައިރިއަށެވެ. އޭނާ އަނެއްކާވެސް ނިކުންނަން މަސައްކަތް ކުރިއެވެ. ނަމަވެސް ޒިބާނަކަށް އެތަނުން ނިކުމެވޭ ގޮތެއް ނުވިއެވެ.
"ތަޒްކީ ނުލާހިކު ބިރުގަނެއެއްނު.. އަދި ދުވަހަކު ވެސް އިންސާނުން ކައިރިއަށް ނުދާއިރު ތަޒްކީ މިކަން ކުރަން ތިއުޅެނީ ކީއްވެ..." ޒިބާން ސުވާލުކޮށްލީ އޭނާއަށްޓަކައި ތަޒްކީ ގުރުބާންވާން ތައްޔާރަށް ހުރުމުންނެވެ.
"ޒިބާން... އަހަރެން ޒިބާނަށްޓަކައި ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނަން... އަަހަރެންނަށް އިނގޭ ޒިބާން އުޅެނީ އިންސާނަކު ދެކެ ލޯބިވެގެންކަން.. ދެންމެ މިތާ ދެކެވުނު ހުރިހާ ވާހަކައެއް އަޑުއިވުނު.. އަހަރެން ހުރީ ބޭރުގަ އަޑުއަހަން..." ތަޒްކިޔާގެ ފަރާތުން އެހީތެރިކަމެއް ލިބޭތީ އެކަމާ ޒިބާން އުފާވިއެވެ. ނަމަވެސް އިންސާނުންގެ ތަންދޮރު ނޭނގޭ ތަޒްކިޔާއަށް ދިމާވެދާނެ ގެއްލުމަކާ ދޭތެރޭ ވިސްނާލުމުން ޒިބާންގެ ހިތް ބިރުގަތެވެ.
*** *** *** *** *** ***
އިރުއޮއްސުނު ވަގުތު ކަމުން އަޒީމް އަވަސްވެގަތީ ފާޚާނާއަށް ވަދެ ފެންވަރާލާށެވެ. ފެންވަރަން ހުރި އަޒީމަށް ތަފާތުކަމެއް ފާހަގަ ވިއެވެ. މާގަނޑު ދަށުގައި ހުރި އިރު އޭނާގެ ހަށިގަނޑުން ދިލަ ނަގާކަމެވެ. ހާއްސަކޮށް ބުރަކަށިންނެވެ. އެކަމުގެ ސަބަބުން އަޒީމްގެ ހަނދާނަށް އައީ ޒޭބާއެވެ. ޒޭބާއާ އެކީ އުޅުނު އިރު އޭނާގެ ބުރަކަށީގައި ޒޭބާ ވަކި އެޅި ހަނދާނެވެ.
ފެންވަރައިގެން އަޒީމް ނިކުތީ ތުވާލި އޮޅާލައިގެންނެވެ. އަޒީމް ފާޚާނާއަށް ވަތް އިރު މަންޝާ އޮތީ އެނދުގައެވެ. ނަމަވެސް މިހާރު އެތާ ނެތުމުން އަޒީމްގެ ކަޅި އަމާޒްވީ ބެލްކަންޏާ ދިމާއަށެވެ. އަޒީމްގެ ދެލޯ ބޮޑުވިއެވެ. މަންޝާ އިން ގޮތުން އަޒީމް ޖެހިލުންވިއެވެ. އެއްވެސް ބިރެއް ނެތި އޭނާ އިނީ ބެލްކަނީގެ ރޭލިންގް ދަގަނޑު ގަނޑުމަތީގައި އިށީނދެގެންނެވެ. ކިރިޔާ ފަހަތަށް އަރިއަޅާލިއަސް އޭނާ ވެއްޓޭނީ މަގު މައްޗަށެވެ.
އަވަސް ފިޔަވަލުތަކެއްގައި އަޒީމް ބެލްކަންޏަށް ނިކުތެވެ. އަދި މަންޝާގެ އަތުގައި ހިފަމުން އެތަނުން ފައިބާށޭ ބުންޏެވެ. "ވަޓްސް ރޯންގް... ހަމަޖެހިފެލަ..." މަންޝާގެ ދުލުން ނުކުތް ލަފްޒުތަކުން އަޒީމް އިތުރަށް ހައިރާން ވިއެވެ. ޒޭބާގެ ވާހަކަ ދެއްކުމެކޭ ތަފާތެއް ނެތެވެ. އައްޑޫބަހުން މަންޝާއަށް ވާހަކަދައްކަން އެނގޭ ހެއްޔެވެ.
"ކީކޭ..." މަންޝާ ބުނި ބަސް ދެވަނަ ފަހަރަށް އަަޑުއަހަން ބޭނުންވެގެން އަޒީމް އަހާލިއެވެ.
"ހަމަޖެހިބަލާށޭ.... މި ފައިބަނީއޭ..." މަންޝާ ރޭލިންގް ދަގަނޑުގަނޑު މަތިން ފޭބުމަށްފަހު ތުންގަނޑު ދަަމާލާފަ އެހެންބުނެލީ އަޒީމަށް ސާފުކޮށް އަޑު އިވޭނެ ވަރަށެވެ. އެއީ އަޒީމަށް ހީވިހީވުމެއް ކަމަށް ނިންމާ އަޒީމްވެސް މަންޝާގެ ފަހަތުން އެތެރެއަށް ވަނެވެ.
"މަންޝާ... އަހަރެންގެ މަންމައާ ކޮއްކޮއާ މާލެ އައިސްފި.. މިއަދު ހަވީރު އަހަރެން ބޭރުގަ އުޅެނިކޮށް ގުޅާފަ ބުނީ... މިވަގުތު އެމީހުން ތިބީ ކޮންމެވެސް ތިމާގެ ބައެއްގެ ގޭގަ.. ވަރަށް އަވަހަށް ތަނެއް ކުއްޔަށް ހިފާނެ.." ތުވާލި ބާލަމުން އަޒީމް ފަޓްލޫނު ލިއެވެ.
"އެހެންތަ.. ކިހިނެއްވީޔޯ މާލެއަައީ..." ފަރުވާ ކުޑަގޮތަކަށް މަންޝާ އަހާލިއެވެ.
"ކޮއްކޮއަށް ވަޒީފާ ހަމަޖެހުނީމަ މާލެ ބަދަަލުވީ... މިރޭ މިގެއަށް އަންނާނެެ... ބުނި މަންޝާ ދެކިލަން ބޭނުމޯ ވެސް... ކޯއްޗެއް ކާން ހަދާނީ..." ގަމީހުގެ ގޮށްތައް އަޅުވަމުން އަޒީމް ވާހަކަ ދެއްކިއެވެ.
"ނޭނގެ... ޕިއްޒާއެއް ގެންނަމާ..." މަންޝާ ވާހަކަ ދައްކަމުން އޭނާގެ ނިޔަފަތިތަކާ ކުޅެލިއެވެ. އަޒީމްގެ ވޮލެޓުން ފައްސަތޭކަ ރުފިޔާ ނަގާ މަންޝާ އަތަށް ދިއްކޮށްލަމުން އަޒީމް ޕިއްޒާއަކަށް އޯޑަރު ދިނެވެ. ފޯނު ކަންފަތުން ދުރުކޮށްލުމަށްފަހު ޕިއްޒާ އިރުކޮޅަކުން އަންނާނޭ ބުނެ އަޒީމް ބޭރަށް ނިކުތެވެ.
މަންޝާގެ މޫނު މަތިން ފެންނަމުން ދިޔައީ ފޫހިކަމެވެ. ހިތްހަމަ ނުޖެހުމެވެ. އަޒީމްގެ މަންމަ ކުއްލިއަކަށް އަންނަ ވާހަކަ ބުނުމުން އޭނާގެ ހިތުގައި ނަފްރަތުގެ ހުޅު އިތުރަށް ބޮޑުވިއެވެ.
ބޫޓަށް އަރައަރާ ހުރި އަޒީމަށް މީހަކު ދޮރުގައި ޓަކި ޖަހާލިއަޑު އިވުނެވެ. ދޮރު ހުޅުވާލި އިރު ދޮރުމަތީ ހުރި މީހާ ފެނުމުން މަންޝާއަށް ގޮވާލިއެވެ. ކޮޓަރިން މަންޝާ ނިކުތީ ވީ ކީއްތޯ ބަލާށެވެ. އޭރު ސޯފާގައި އިށީނދެގެން ތިބި ދެ އަންހެނުންނާ ދިމާއަށް މަންޝާ ބަލާލިއެވެ.
"މަންޝާ.. މީއަހަރެންގެ މަންމަ... ދެން މީނީ އަހަރެންގެ ކޮއްކޮ ޒިމީ...." ޒިމްނާ ގޮނޑިން ތެދުވެ މަންޝާ ގާތަށް ދިޔައެވެ. އަދި މަންޝާގެ ބަނޑަށް ބަލަންހުރެ މަންޝާގެ ގައިގާ ބައްދާލިއެވެ.
"ހާއި ފަހަރީ... ކިތައް މަންތްސްތަ؟.. ބޭބެ ބުނި ފަހަރި ޕްރެގް އޭ... އޯ އައިމް ސޯ އެކްސައިޓެޑް..." ޒިމްނާ ވާހަކަ ދެއްކީ ވަރަށް އުފަލުން ހުރެއެވެ. މަންޝާ ހިނިތުންވެލަމުން ބަލާލީ ސޯފާގައި އިން އަޒީމްގެ މަންމައާ ދިމާއަށެވެ. ތުންގަނޑު އެއްފަރާތަށް އަރިކޮށްގެން އޭނަ މަންޝާއާ ދިމާއަށް ބަލަން އިން ގޮތުން އެނާގެ ފޮނިކަމާ ބޮޑާކަން ދޭހަ ވެއެވެ. އިބްޒީމާގެ ކަޅި ހިންގާލީ މުޅި އެ އެޕާޓްމަންޓަށެވެ.
"މަން.. އައި ހޭވް ޓު ގޯ... އިރުކޮޅަކުން ޕިއްޒާ އަންނާނެ... ބާއި... މަންމާ މަ އޭބޭނީވާ..." އަޒީމް ދޮރުން ބޭރަށް ނުކުންނަމުން މަންޝާއާ ދިމާއަށް ބަލާލިއެވެ. މަންޝާ ލުއި ހިނިތުންވުމެއް ރައްދުކޮށްލިއެވެ.
ޓީވީ ހުޅުވާލުމަށް ފަހު މަންޝާ ވެސް އެސޯފާގައި އިށީނެވެ. ކުއްލިއަކަށް ސޯފާއިން އިބްޒީމާ ތެދުވިއެވެ. އަދިި ބަދިގެއާ ދިމާއަށް ހިނގައިގަތެވެ. ބޯ ތަށިތަކެއް ނަގައިގެން އައިސް މޭޒުމަތީ ބެހެއްޓިއެވެ. އެއަށް ފަހު އިބްޒީމާ ގެނައި ކޮތަޅުތަކުގެ ތެރެއިން ދަޅެއް ނެގުމަށްފަހު މޭޒު ކައިރިއަށް ލެފިގަތެވެ.
އޭރު މަންޝާއާ ޒިމްނާއާ ދެމީހުން ތިބީ ޓީވީން ދައްކަމުން ދިޔަ ޕްރޮގްރާމަށް ގެއްލިފައެވެ. އިބްޒީމާގެ ހައުސްކޯޓުގެ ޖީބުން ނެގި ކުޑަ ފުޅީގެ މަތި ނަގާލިއެވެ. އަދި އެ ދަޅުން އެއް ތައްޓަށް އެޅި ބަނބުކެޔޮ ބޮނޑިބަތް ގަނޑުގެ ތެރެއަށް އެ ފުޅީގައި ހުރި ފެންކުލައިގެ ދިޔާ އެއްޗެއް އަޅާ އެއް ކޮށްލިއެވެ.
ދެ ބޮނޑިބަތް ތަށި ހިފައިގެން ގޮސް އެއްތަށި މަންޝާ އަތަށް އަނެއް ތަށި ޒިމްނާ އަތަށްް ދިއްކޮށްލިއެވެ. ހިނިތުންވެލަމުން މަންޝާ ތަށީގައި ހިފިއެވެ. އިބްޒީމާ ސޯފާގެ އެއްކޮޅުގައި އިށީންނަމުން ޓީވީއާ ދިމާއަށް ބަލާލިއެވެ. ވަށްކަޅިން މަންޝާ ބަލާލީ އިބްޒީމާއާ ދިމާއަށެވެ. އޭނަ ކުރި ހުރިހާ ކަމެއް މަންޝާއަށް އިނގެއެވެ. އެހެން މީހުންނަަށް އެއީ މަންޝާ ކަމުގަ ވިޔަސް މަންޝާގެ ހަށިގަނޑުގައި ހިނގަމުން އެދަނީ ޒޭބާގެ ބާރެވެ.
"މަންމާ.. އަހަރެންނަށް މިއެއްް ނުކެވޭނެ... އަހަރެންނަށް ފޮނި އެއްޗިސް ވަރަށް ނުބައި..." އަނގަޔަށް ވައްތަރެއް ޖައްސަމުން މަންޝާ އަތަށް ދިން ބޯތަށި އިބްޒީމާ އަތަށް މަންޝާ ދިއްކޮށްލިއެވެ. އޭރު ޒިމްނާ ކާން އިން ތަށި ހުސްކޮށްލައިފިއެވެ.
"އިސްރާފް ކުރާކަށް ނުވާނެ.. މަންމަ ކާލާ..." ޒިމްނާ އެހެން ބުނުމުން އިބްޒީމާ އެ ތައްޓަށް ބަލާލިއެވެ.
(ނުނިމޭ)