އެއީ އަޒީމް ހިތާވި އަންހެން މީހާ ކަން މަންޝާއަށް އެނގުނެވެ. އެ އަންހެން މީހާގެ ތުންފަތަށް ވެރިވީ ލާނެއް ހިނިތުންވުމެކެެވެ.
"ކަލޭ ކީއްކުރަން މިގެއަށް ތިއައީ؟... އެހެން ނޫނަސް ތި ހޯދަން އައި މީހާ މިގެއަކު ނެތް؟... އޭނަ ވީ ޑިއުޓީގަ... މާދަމާ އޭނަ ހޯދަން އާދޭ..." އެއީ އަޒީމް ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެން މީހާ ކަން މަންޝާއަށް އެނގުނެވެ. މަންޝާ ވާހަކަ ދައްކާ ނިންމާލުމާ އެކީ ގޭގެދޮރު ލައްޕާލަންް އުޅުނީ އެ އަންހެން މީހާގެ ފަރާތުން އިތުރު ޖަވާބެއް އަޑުއަހަން ބޭނުން ނުވާތީއެވެ.
"އޭއި.. މަޑުކޮށްބަލަ... އަހަރެން މިތަނަށް މިއައީކީ އަޒީމާ ބައްދަލުކުރާކަށް ނޫނޭ... މި އައީ މަންޝާ ކައިރިއަށް..." ޒޭބާގެ މޫނުމައްޗަށް ލައްޕާލަން މަންޝާ އުޅުނު ދޮރުފަތުގައި ހިފަހައްޓަމުން ޒޭބާ އެ ދޮރު ހުޅުވާލީ ސާބިތުކަމާ އެކީގައެވެ. ހައިރާންވެފައި މަންޝާއަށް މަޑުކޮށްލެވުނީ އެ އަންހެން މީހާ މަންޝާއާ ބައްދަލުކުރަން އައި ވާހަކަ ބުނުމުންނެވެ. ހުޅުވުނު ދޮރުގެ ތަޅުގައި އަތް ވިއްދާލަމުން މަންޝާ ފުން ނޭވާއެއް ބޭރުކޮށްލިއެވެ.
"އަަހަރެންނަކަށް ނުވިސްނުނު... އަހަރެންނާ ބައްދަލު ކުރަންޖެހޭ ސަބަބެއް އެބައޮތްތަ؟... އަހަރެންނަށް ހެޔޮ އަޒީމް ކޮންމެ މީހަކާއެކީ އުޅުނަސް... ތި މީހުން ކައިވެނި ކުރަންޏާ އެކަންވެސް ކުރަންވީ... ބޭނުމިއްޔާ އަޒީމް މިތަނުން ގެންދިޔަސް އަހަރެންގެ މައްސަލައެއް ނެތް؟... އަހަރެންނަށް މާ ރަނގަޅު އެގޮތް... ކަލޭ މިގެއަށް ތިއައީ އަހަރެން ރުޅި އައިސް ޒުވާބު ކުރާނެ ކަމަށްތަ؟... އަަހަރެންނާ ދިމާކޮށް އެއްޗެހި ކިޔަންތަ؟... ބަލަ ތިހެން އުޅޭ އަންހެނުންގެ ފާޑު އެއީ..." މަންޝާ ވާހަކަ ދައްކަމުން ދިޔަ އިރު އޭނާގެ އަޑުގައި ނުރުހުމުގެ ކުލަވަރު ފާޅުވަމުން ދިޔައެވެ.
"އަމްދަކުން އަހަރެންނެއް ވެސް ނޫޅެން އަޒީމް ބޭނުންވެގެންނެއް... ކާކު އެކަހަލަ ބޭވަފާތެރިއެއް ބޭނުން ވާނީ... އެއް ފުޅަށް މަތިން ފުންމާލި ބަކަރި ހަތް ފުޅަންމަތިން ފުންމާލައޭ ބުނަނީ ކަމެއް ވެގެން..." ޒޭބާ ބުނި ޖުމްލައިން މަންޝާއަށް އިތުރު ހައިރާންކަމެއް ލިބުނެވެ. ޒޭބާ އެބުނި އެއްޗަކާ ދޭތެރޭ ވިސްނާލަން މަޑުޖެހުނެވެ. ރައްދުގައި އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އަނެއްކާވެސް ވާހަކަ ދެއްކީ ޒޭބާއެވެ.
"މަންޝާއަށް ވުރެއް އަހަރެން ކަންނޭނގެ އަޒީމް ބޭނުންވެގެން އުޅެންވީ... ގައިމު އަހަރެންގެ ބަނޑުގަ މިއޮތީ އަޒީމްގެ ދަރިއެއް... އެކަމަކު މަންޝާގެ ބަނޑުގަ ތިއޮތީ އަޒީމްގެ ދަރިއެއް ނޫން ކަން އަހަންނަށް އިނގޭ... ނޫންތަ؟..." އެއްމިޔަކަނުން ހިނިއައިސް ހުރެ ޒޭބާ ވާހަކަ ދައްކަމުން ދިޔައީ ޖެއްސުމަށްކަން މަންޝާއަށް އެނގުނެވެ. ނަމަވެސް ޒޭބާގެ ބަސްތަކުން މަންޝާ ބިރު ގަންނަ ގޮތްވިއެވެ.
ޒޭބާއަށް މަންޝާގެ ބަނޑުގައި އޮތް ދަރިފުޅުގެ ހަގީގަތް އެނގެނީ ކިހިނެއް ކަމެއް މަންޝާގެ ސިކުނޑިއަކަށް ނަގައެއް ނުގެނެވުނެވެ. އެއަށް ވުރެއް ބޮޑަށް މަންޝާ ހުރީ ގަބުވެފައެވެ. ސިއްސައިގެން ގޮސް ޒޭބާއާ ދިމާއަށް މަންޝާ ބަލާލީ އޭނާ އަތްތިލައިގައި ޒޭބާ ހިފާލުމުންނެވެ. ޒޭބާގެ އަތްވަރަށް ފިންޏެވެ. ތަޅުމަތީގައި އަތް އަޅުވާލައިގެން ހުރި މަންޝާ އޭނާގެ އަތަށް ބަލާލިއެވެ.
"އަހަރެން ބުނަންތަ އެއީ ކާކުގެ ދަރިއެއް ކަން..." ޒޭބާގެ މޫނުމަތިން ފާޅުވަމުން ދިޔަ ވިހަ ހިނިތުންވުން ފެނި މަންޝާ ބިރުގަތެވެ. ޒިބާނަށް ގޮވާލަން ބޭނުންވެގެން ދޫ ހަރަކާތް ކުރަން މަސައްކަތް ކުރިވެސް މެއެވެ. ނަމަވެސް މަންޝާގެ ދޫވަނީ ބަނދުވެފައެވެ. މަންޝާގެ ދެލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ. ދުރަށްޖެހެން ބޭނުންވި ފަހަތަށް ފިޔަވަޅެއް އަޅަން މަސައްކަތް ކުރި ނަމަވެސް އެ ހުރި ފިޔަވަޅުމަތިން ގުޑާވެސް ނުލެވުނެވެ. ޒުހާ ބުނި ފަދަ ސިހުރުވެރި ނުބައި އަންހެނެކޭ މަންޝާގެ ހިތަށް އެރިއެވެ.
"ތީ ޒިބާންގެ ދަރިއެއް... އެއީ އިންސާނެއް ވެސް ނޫން... އަހަރެން ވެސް މީ ހަމަ ޒިބާން ކަހަލަ ޖިންނިއެއް... އަހަރެންނަކީ ޒިބާންގެ ކޮއްކޮ ޒޭބާ...." އެހިސާބަށް ޒޭބާގެ ވާހަކަ ދިޔައިރު އޭނާގެ އަޑުވަނީ ބަދަލުވެފައެވެ. މަންޝާއަށް ބަލާލެވުނީ ޒޭބާގެ ލޮލަށެވެ. އެލޮލުން ނޫކުލައިގެ އަލިކަމެއް ފާޅުވެގެން ދިޔަކަން މަންޝާއަށް އެނގުނެވެ. އެ އަލިކަން ގަދަވާން ފެށުމުން މަންޝާ ދެލޯ މަރާލިއެވެ. އޭރުވެސް ޒޭބާގެ ފިނި އަތްތިލަ އޮތީ މަންޝާގެ އަތް މަތީގައެވެ.
މުޅި ގޭތެރެއަށް ޒޭބާގެ ހަށިގަނޑުން ފާޅުވަމުން ދިޔަ ނޫކުލައިގެ އަލީގެ ދަޅައެޅިފައި ވިއެވެ. މާ ގިނަ އިރުތަކެއްނުވެ އެއަލިކަން މަޑުވެގެން ދިިޔައެވެ. ތަޅުގައި ހިފަހައްޓައިގެން ހުރި މަންޝާގެ އަތްތިލަ ތަޅުން ދޫވިއެވެ. އޭރު ޒޭބާ އެތާކު ނެތެވެ. މަންޝާގެ ދެލޯ ހުޅުވާލީ ފުން ނޭވާއެއް އެތެރެ ކޮށްލަމުންނެވެ. މަންޝާގެ ބޮޑު ދެލޮލުން ފާޅުވީ ޒޭބާގެ ލޮލުން ފެނުނު ނޫކުލައިގެ ވިދުމެވެ. އެވަގުތު މަންޝާގެ ތުންފަތަށް ވެރިވީ ލާނެއް ހިނިތުންވުމެކެވެ. ދޮރުން އެތެރެއަށް ވައްދާލި ވައިރޯޅިއާ އެކީ މަންޝާގެ މޫނުމައްޗަށް ވެއްޓިފައިވާ ކުދި އިސްތަށިތައް ވިހުރިލިއެވެ. ދޮރުފަތް ލައްޕާލަމުން މަންޝާ އެތެރެއަށް ވަނުމަށް ހިނގައިގަތެވެ.
*** *** *** *** *** ***
ބިންމައްޗަށް ވެއްޓުނު ފޯނު ނަގަމުން މުނީރާ ވާހަކަ ދެއްކީ މަދީހާއާއެވެ. "ކާކުތަ ދެންމެ ގުޅީ؟... ރަށުންތަ؟... މަޖުދީތަ؟..." ގެ ބަލަހައްޓަން ތަޅުދަަނޑި ދިނީ މަޖުދީ އަތަށް ކަން މުނީރާއަށް އިނގޭތީ އަހާލިއެވެ.
ގަބުވެފައިއިން މަދީހާ އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. ކާން ބަތް ތައްޓަަށް އަތް ލައިގެން އިން އަފްނާން ހާސްވަމުން ދިޔައީ އެ ލިބުނު ޚަބަރަކާ އޭނާއާ ގުޅުމެއް ވާކަން އިހްސާސް ވާތީއެވެ. މަދީހާ ހުއްޓުމެއް ނެތި އަފްނާނާ ދިމާއަށް ބަލަމުން ދިޔަކަން އަފްނާނަށް އެނގުނެވެ. ކުޑަ ބަތްކޮޅެއް އަރު ތެރެއިން ދިރުވާލެވުނީ ވެސް ފެންފޮދެއްގެ އެހީގައެވެ. އިތުރަށް ކާން އަފްނާނަށް އުނދަގޫ ވިއެވެ.
މުނީރާ ބަދިގެ ތެރެއިން ނިކުތުމުން އަފްނާނަށް ހަމަ ނޭވާ ލެވުނު ކަހަލައެވެ. މުނީރާ ދިޔައީ ޗާޖަށް ޖަހާފައި އޮތް އޭނާގެ ފޯނު ބަލައެވެ. ބަތް ތަށި ހާވާލަ ހާވާލަ އިން އަފްނާން ގޮނޑިން ތެދުވެ އެ ބަތްތަށީގައި ހުރި ބަތްތައް ކުނި ވަށިގަނޑަށް އަޅާލުމަށްފަހު ތަށި ދޮންނަން ސިންކު ދޮށަށް ލެފިގަތެވެ. އަފްނާން އަތް ދޮވެ ބަދިގެއިން ނިކުތުމަށް އެނބުރުނު ތަނާ މުނީރާ ބަދިގެއަށް އައިސް ވަނީ ފޯނާ ކުޅެމުންނެވެ.
"އަޅެ މި މަޖުދީ ނަންބަރަކަށް ނުވެސް ގުޅޭ... ފޯން ބިޒީޔޯ..." މުނީރާ ވާހަކަ ދައްކަމުން އައިސް ކާމޭޒު ކައިރީ ހުރި ގޮނޑިއެއް ދަމާލާފަ އިށީނެވެ. މުނީރާ ފޯނު ހިފަހައްޓައިގެން މަޑުކޮށްލީ އިރުކޮޅަކުން މަޖުދީއަށް ގުޅަން ކަަމަށެވެ. މިވަގުތު މަޖުދީވެސް މީހަކަށް ގުޅަން މަސައްކަތް ކުރާތީ އެ ފޯނަށް ނުގުޅެނީ ކަން މުނީރާއަށް އެނގުނެވެ. މުނީރާ ކުރި ހުރަސްކޮށްފައި ދާން ފަސްޖެހިފައި ހުރުމުން އަފްނާން ސިންކު ކައިރީ މަޑުކޮށްލިއެވެ. ސިންކު ތެރޭގައި ނުދޮވެ ހުރި ތަށިތައް ނަގަން ސްޕޮންޖަށް މާމާ ލެމަން ކޮޅެއް އަޅާލަމުން އިސްކުރު ދޫކޮށްލިއެވެ.
އެންމެންގެ ހިތްވެސް ވަނީ އަވަސްވެފައެވެ. މަދީހާއަށް މުނީރާއާ ދިމާއަށް ބަލާލެވުނެވެ. އޭނާ އެވާހަކަ ބުނަން އަނގަ ހުޅުވާލިއެވެ. "މުނީރާ.... ހަސަނު....." މަދީހާ ވާހަކަ ދައްކަން ފެށުމުން އެންމެންގެ ސަމާލުކަން ހުއްޓުނީ މަދީހާއާ ދިމާއަށެވެ. އިތުރު އެއްޗެއް މަދީހާއަށް ނުބުނެވެނީސް މުނީރާގެ ފޯނު ރިންގް ވިއެވެ. އެއާއެކު މުނީރާ އޭނާގެ އަތުގައި އޮތް ފޯނަށް ބަލާލިއެވެ.
"އެގުޅަނީ މަޖުދީ... މަޑު ކުރޭ..." މުނީރާ މިހެން ބުނެ ފޯނު ނަގާ ކަންފަތުގައި ޖަހާލަމުން އަވަސް އަވަހަށް ހަލޯއޭ ބުނެލިއެވެ.
"މުނީރައްތާ... މަޖުދީއޭ... މި އުޅެނީ ވަރަށް ބޮޑު ވާހަކައެއް ބުނަން... މަދީހައްތަ ފޯނަށްވެސް ގުޅިން... ވާހަކަ ދައްކަދައްކަ ހުއްޓާ ފޯނު ކެނޑުނީ.. ދެން ގުޅި އިރު ފޯނު ނިވާލާފަ އޮތީ..." މަޖުދީ ވާހަކަ ދައްކަމުން ދިޔައީ މާ ނޭވާ ލަމުންނެވެ.
"އާން ކީކޭ މަޖުދީ... ކިހިނެއްވީއްޔޭ... ދައްތަ ފޯނު ވެއްޓުނީ... ދައްތަ އަތަށް ފޯނު ދޭންވީތަ..." ގޮނޑީގައި ރަނގަޅަށް ހަމަޖެހިލަމުން މުނީރާ ވާހަކަ ދެއްކިއެވެ. ނަމަވެސް އެވަގުތު މަދީހާ ބޯހޫރާލީ އޭނާ އަތަށް އެފޯނު ނުދޭށޭ ބުނާށެވެ. ތަށި ދޮންނަން ހުރި އަފްނާންގެ ހިތްވެސް އަވަސް ވަމުން ދިޔައެވެ.
"ނޫން... ދައްތައަތަށް ދޭނެ ކަމެއް ނެތް... މި ވާހަކަ ދައްކަން ޖެހޭނީ މުނީރައްތައާ... އަސްލު ވީ ގޮތަކީ... ފުއްޓަރު ފަރާތަށް މަސްހިފަން ދިޔަ ކުދި ބަޔަކަށް މީހަކު މަރުވެފަ އޮއްވާ ފެނިގެން އެކުދިން އައިސް ބުނީ އަަހަރެމެން އަތިރި ކައިރީ އަނގަ ތަޅަން ތިއްބާ... ދެން އަހަރެމެން ގޮސް އެތަން ބެލީ.. އެތާ އޮތީ ހަސަނު... އޭނާ އޮތީ ރޯ އޮރިޔާމުން... މިހާރު ފުލުހުން އައިސް އެބައުޅޭ... އޭނާ މަރުވީ އަމިއްލައަށްހެން ހީވަނީ... އެއް އަތުގައި ފިޔޮއްސެއް އޮތް... އަނެއް އަތުގަ އޮތީ... އޭނާގެ... ކުރިމަތިފަރާތް... އެތަން ބުރިކޮށްލާފަ އޮތީ... މުޅި ތަނުގަ އޮތީ ހުސް ލޭ... އަހަރެން... އަހަރެންނަށް ފެނުނު... އެއްޗެއް ނެގިން... އަފްނާނާ ހަސަންބެގެ ކަމަކާ ގުޅިގެންހެން ހީވަނީ ހަސަނު މިކަމެއް ކުރީ... މުނީރާއަށް މިކަންތައް އެނގިގެންދޯ ހަސަނު ބަހައްޓާފަ މާލެ ދިޔައީ... އަހަރެން އެހެން މީހަކަށް އެ ނުދައްކާ ފޮރުވައިފިން..." މަޖުދީ ވާހަކަ ދައްކަމުން ދިޔައިރު އެނާ ޖެހިލުންވެފައި ހުރިކަން ދޭހަވެއެވެ. މުނީރާ މާ ގިނަ ވާހަކައެއް ނުދައްކައެވެ. މަޖުދީ ކީ ކޮންމެ އެއްޗަކަށް އާން ހޫން ކިޔަމުން އެ ފޯނު ކޯލު ނިންމާލިއެވެ.
ފޯނު ކަނޑާލިއިރު އޭނާގެ ލޮލަށްވަނީ ކަރުނަ ޖަމާވެފައެވެ. ލައިގެން ހުރި ހެދުމުގެ ކަރުވަޅުން ދެލޯ ފޮހެލުމަށްފަހު އިސްއުފުލާލިއެވެ. އެވަގުތު މުނީރާއަށް ފެނުނީ ސިންކު ކައިރީ ހުރި އަތްފުހިން އަފްނާން އަތް ފޮހެން ހުއްޓައެވެ.
"އަފްނާން... ކަލޭގެ ބަފާ މަރުވެއްޖެ..." ގޮނޑިން ތެދުވަމުން ރުޅިވެރިކަމާއެކީ މުނީރާ ވާހަކަ ދެއްކީ އަފްނާނާ ދިމާއަށް އަތް އުކަމުންނެވެ. މަދީހާ އަވަސް ވެގަތީ ބަދިގޭގެ ދޮރު ލައްޕާށެވެ. އެމީހުން ދައްކާ ވާހަކަ ބޭރަށް އަޑު އިވޭކަށް އޭނާއެއް ނޭދެއެވެ. ސިޓިންގް ރޫމުގަ ހުރި އޭނާގެ މުސްކުޅި މަންމައާ މުނީރާގެ ދެ ފިރިހެން ކުދިންނަށް އެ އަޑު އިއްވަން ބޭނުން ނުވާތީއެވެ.
އަފްނާން ހައިރާން ވެހުރެ އެނާގެ މަންމައާ ދިމާއަށް ބަލާލިއެވެ. "އާން ހަސަނު މަރުވެއްޖެ ޔޯ... އޭނަ މަރުވީ އަމިއްލައަށް.. އޭނާގެ ލަދުވެތި ގުނަވަން ބުރިކޮށްލައިގެން... ބަލަ މަރުވާންވީ ހަގީގަތުގަ އަހަރެންނެއް ނޫންތަ... ލަދުން ބޯ ހަލާކު... ދެން ރަށު ރައްޔިތުން މަށަށް ގުޅާވަރުން ބޮލާ ނުކުޅަދާނަ ވާނެ... މަދީހާ އެހެރަ ޓީވީން އެ ޚަބަރު އައިސްދާނެ... ކުދިން މާލެ ޓީވީއަށް އެޅުވިޔަ ނުދެއްޗޭ..." ދެބުމަ ގޮށް ޖަހަމުން ވާހަކަދެއްކި ނަމަވެސް މުނީރާގެ އަޑުގައި ރުޅިއައިސްގެން ހުންނަ ފޯރިއާ ބާރެއް ނެތެވެ. އޭނާ ހުރީ ހިތުގަ ޖެހިފައެވެ. ރިހޭ ފައިމައްޗަށް ފޮއެ ވެއްޓުނު ކަހަަލައެވެ.
ގޮޮނޑިން ތެދުވެ ފޯނު ހިފައިގެން މުނީރާ ހިނގައިގަތީ އޭނާގެ ކޮޓަރިއާ ދިމާއަށެވެ. މަދީހާ ވެސް މުނިރާ ފަހަތުން ބޭރަށް ނިކުތުމަށް ހިނގައިގަތެވެ. ބަދިގޭގަ އޭރުހުރީ އަފްނާން އެކަންޏެވެ. އޭނާގެ މަންމަ އެ ބުނި ވާހަކަތަކުން އަފްނާންގެ ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލައެވެ.
އޭނާގެ ބައްޕަ އަމިއްލައަށް އެ މަރުވީ ކީއްކުރަން ހެއްޔެވެ. އަނެއްކާ ބައްޕައަށް އޭނާ ފޮނުވި މެސެޖް ލިބިގެން އެކަމާ ހިތްދަތިވެގެން މަރުވީ ހެއްޔެވެ. އަފްނާން އަވަހަށް ދުއްވައިގަތީ އޭނާގެ ކޮޓަރިއަށެވެ. ހަސަނު މަރުވި ގޮތް މުނީރާ ކިޔައި ދިނުމުން އަފްނާން މޭ ނުބައި ކުރާ ގޮތްވިއެވެ. ކޮޓަރިއަށް ވަދެ ދޮރު ލައްޕާލުމަށްފަހު ދޮރުގައި އަފްނާން ލެނގިލިއެވެ.
ރުއިން ކޮންޓްރޯލް ކުރަން މަސައްކަތް ކުރި ނަމަވެސް އަފްނާނު ވަނީ ވަރަށް ބޮޑަށް ހިތުގަ ޖެހިފައެވެ. ދޮރު ބުޑަށް ތިރިވެ އަފްނާންގެ ކަކޫ މަތީ ނިތްކުރި ޖައްސާލުމަށްފަހު އަޑުންއަޑު ނަގާ ރޯން ފެށިއެވެ. އޭނާގެެ ބައްޕަގެ ފުރާނަ މި ދުނިޔެއާ އަލްވަދާއު ކީ ހާދަ ހިތި ގޮތަކަށެވެ. ފަހު ފަހަރަށް ބައްޕައާ ވާހަކަ ދައްކާލާނެ ފުރުސަތެއް ވެސް ނުލިބުނެވެ.
ކޮޓަރީގައި އަފްނާނު އެހެންް އިންނަތާ އެތައް އިރެއް ވެއްޖެއެވެ. ރޮއިރޮއި އެ މޫނު ވަނީ ދުޅަވެފައެވެ. އަފްނާނަށް ކުށްވެރި ކުރެވުނީ އެނާގެ އަމިއްލަ ނަފްސެވެ. މިހުރިހާ ކަމެއްވެސް މި ދިމާވީ އޭނާގެ ސަބަބުން ކަން އޭނާއަށް ވިސްނުނެވެ. އެއިންތަނުުން ތެދުވެގެން ގޮސް މޭޒުމަތީގައި އޮތް އަފްނާންގެ ފޯނު ނަގާ ފޯނަށް ބަލާލިއެވެ. އަފްނާންގެ ނަންބަރަށް އެއްވެސް މީހަކު ގުޅާފަ ނެތުމުން އޭނާ ހުޅުވާލީ ޚަބަރު ފަތުރާ ނޫސްތަކުގެ އެޕްލިކޭޝަންއެކެވެ. ކޮންމެ ނޫހެއްގެ ފަލަ ސުރުޚީގައި ލިޔެފައިވާ އަވަސް ޚަބަރު އަފްނާން ކިޔާލިއެވެ.
"ކ. ކާށިދޫ ގޮނޑުދޮށުގައި ބަރަހަނާ ހާލުގައި މީހަކު މަރުވެފަ އޮއްވާ ފެނިއްޖެ...." ޚަބަރު އެކީ ކިޔާލުމުން ވެސް އޭގެން މާބޮޑު ތަފްސީލެއް ނެތެވެ. އިތުރު މަޢުލޫމާތު ލިބެމުން ދިޔަހެން މައުލޫމާތު ގެނެސްދޭނެ ކަމަށް ބުނެފައި އޮތެވެ.
*** *** *** *** *** ***
ރޭގަނޑު ކާން އެންމެން އެކީ ތިބީ ކާމޭޒު ދޮށުގައެވެ. ޓީވީން އޭރު ކިޔަމުން ދިޔަ ޚަބަރަށް އެންމެންގެ ސަމާލުކަން ދިޔައެވެ. ޚަބަރުގައި ދައްކަމުން ދިޔަ ޚަބަރަށް ސަމާލުކަން ދީގެން ހުރި ޟިރާރު ވާހަކަ ދެއްކިއެވެ. "މަށަށް ހީވަނީ ބޯލައިގެން ހުރި މީހެއް ކަންނޭނގެ.. ދެން އެހާ ފަސޭހައިން ވާ ކަންކަންތައެއީ... ރިޔާޒް ތި ޗެނަލް ބަދަލުކޮށްލަބަލަ... އިރު އޮއްސުނީއްސުރެ ތި ނޫން ވާހަކައެއް ނުދައްކާ..." ޟިރާރުގެ އެދުމަށް ރިޔާޒް އަތުގަ އޮތް ރިމޯޓުން ޗެނަލް ބަދަލުކޮށްލިއެވެ.
މީރާ ކައި ނިމިގެން ތަށިތައް ނަގާ މޭޒުމަތި ސާފު ކުރުމަށްފަހު ކޮޓަރިއަށް ދިޔައެވެ. މިރޭ ރިޔާޒްވެސް ބޭނުންވީ އަަވަހަށް ނިދާށެވެ. "ބައްޕާ އަހަރެން މި ދަނީ ނިދަން... މާދަން ވަރަށް އަވަހަށް އޮފީހަށް ދާން ޖެހޭ..." ރިޔާޒް ކޮޓަރިއަށް ވަނުމަށް ހިނގައިގަތެވެ. "އާން ބައްޕަ ފަތިސް ނަމާދަށް ތެދުވެފަ ގޮވާނަން... އަވަހަށް ދޭ ނިދަން...." ޟިރާރު ވާހަކަ ދެއްކީ ޓީވީއަށް ބަަލަން ހުރެއެވެ.
ރިޔާޒް ކޮޓާރިއަށް ވަދެ ލައިގެން ހުރި ޓީޝާޓް ބޭލިއެވެ. އަދި ހެދުން އަޅުވާ ތަނުގައި ޓީޝާޓް އަޅުވާލުމަށްފަހު އެނދުގައި އިށީނެވެ. އޭރު މީރާ ވީ ފާޚާނާގައި ކަމުން ރިޔާޒް ފޯނާ ކުޅެން މަޑުކޮށްލިއެވެ. މީރާ ފާޚާނާއިން ނިކުތުމަށްފަަހު ލޯގަނޑު ކައިރިއަށް ޖެހިލިއެވެ. އިސްތަށިގަނޑުގައި ފުނާ އަޅާލުމަށްފަހު އެނދަށް އަރާ ހަމަޖެހިލީ ދެފައި ކަފަ ރަޖާގަނޑު ތެރެއަށް ކޮށްޕާލަމުންނެވެ.
"ދޭ ފާޚާނާއަށް ވަދެފަ އަންނަން...." މީރާ އެހެން ބުނެލީ ބޯ އަޅާ ބާލީހުގައި ތަޅާލާ ބާލިސް ރަނގަޅު ކޮށްލަމުންނެވެ. ފާޚާނާއަށް ވަންނަން ދާނި ފަހުންނޭ ހިތާ ރިޔާޒް މީރާގެ ގާތުގައި ޖައްސާލިއެވެ. ރިޔާޒްގެ ގައިގައި ބައްދާލަމުން ރިޔާޒްގެ ކަރުދަށުން މީރާ ވަސް ބަލާލިއެވެ.
"މީރާ... އަޅެ ބުނެބަލަ... ކިހިނެއްތަ އެދުވަހު ވީ... ސިޑިން ވެއްޓުނު ދުވަހު... އަދި އެވާހަކަ ނުކިޔައި ދެމެއްނު..." މީރާގެ އިސްތަށިގަނޑާ ކުޅެމުން ރިޔާޒް ވާހަކަ ދެއްކީ ވަރަށް ލޯބިންނެވެ.
"އަސްލު ވީ ގޮތް ބުނެފިއްޔާ ރިޔާޒް ހިނި އަންނާނެ... އަހަރެންނަށް ސިޑި މައްޗަށް ހީސް ލެވުނީ... ދެން އެގަޑީ ފައި ކައްސާލީ... އެއީ ވީ ގޮތަކީ... އެހެން މީހެއް ކައިރީ އެހެން ނުބުނައްޗޭ..." މީރާ ވާހަކަ ދައްކަމުން އެނާގެ އަތުގައި އޮތް ތަވީދުގައި އަތް ޖައްސާލިއެވެ. އަދިވެސް މީރާއަށް އެ ދުވަހު ފެނުނު ބިރުވެރިސޫރަ ލޮލަށް ފެންނަ ކަހަލައެވެ. ތަވީދު އެޅި ފަހުން އެކަހަލަ ކަމެއް ނުވާކަން މީރާއަށް ފާހަގަ ވިއެވެ.
"ހެހެހެ... އެހެންވެދޯ އެތަނުން އެހާ ހީސްވަސް ދުވީ... މަގޭ ހިތަށްވެސް އެރިއޭ ހާދަ ހީސްވަސް ގަދައޭ ސިޑިއާ ދިމާލުން... ހެހެހެ.... މީރަ ނެޕީ ޖަހަންވީ ދޯ... އަަބަދު ލެވިފަ ހުންނަނީ..." ރިޔާޒް ދިމާކޮށްލީ މީރާ ހިތްހަމަ ޖައްސައި ދޭށެވެ. "ނޫޅެން ދެން... ރިޔާޒޫ.... ރުޅި..." މީރާގެ ޅަ ގޮތް ދައްކާލަމުން ބޮޑާ ހާކާލިއެވެ. ރިޔާޒް މީރާގެ ހަށިގަނޑުގައި ލޯބިން ބައްދާލަމުން މީރާގެ ނިތްކުރިއަށް ބޮސްދިނެވެ.
"މަ އެބަ އަންނަން ފާޚާނާއަށް ވަދެފަ...." ރިޔާާޒްގޮސް ފާޚާނާއަށް ވަނެވެ. އެވަގުތު މީރާ ކޮޓަރި ތެރޭ އެކަނިވުމުން އޭނާ ޖެހިލުން ވިއެވެ. އެނދުކައިރީ ހުރި ބޮކި ދިއްލާލަމުން މުޅި ކޮޓަަރިތެރެއަށް ވަށައިގެން ބަލާލެވުނެވެ. ކޮޓަރީގެ ކުޑަ ދޮރުތަކާ ދިމާއަށް ކަޅި ޖަހާނުލާ ބަލަން އިން މީރާއަށް އިވިގެންް ދިޔަ އަޑުން ސިހުންވިއެވެ.
"ހެއީ މީރާ މީ މަށޭ...." ބިރެއް ފެނިގެންް މީރާ ތެޅިގަތެވެ. ރިޔާޒް އަވަަހަށް މީރާ ގާތަށް ޖެހިލަމުން ވާހަކަ ދެއްކިއެވެ. އަދި އެނދުކައިރީ ހުރި ބޮކި ނިއްވާލަން ރިޔާޒް ސްވިޗަށް ފިއްތާލިއެވެ.
"ނޫން.. ރިޔާ... ބޮކި ނުނިއްވާ ޕްލީސް...." މީރާގެ އެދުމަށް ރިޔާޒް ބޮކި ދިއްލާލިއެވެ. އަދި މީރާ ގާތުގައި އޮށޯތެވެ. ފަހަކަށްއައިސް މީރާ އުޅޭ ގޮތުން ރިޔާޒް ކަންބޮޑުވާން ފަށައިފިއެވެ. މީރާއަށް މިވާ ގޮތަކީ އަނެއްކާ ބައެއް ބަނޑުބޮޑު މީހުންނަށް ދިމާވާ ކަމަކީ ބާވައޭ ރިޔާޒްގެ ހިތަށް އެރިއެވެ. ކައިރީ އޮތް ފޯނުން ގަޑި ބަލާލުމަށްފަހު ރިޔާޒް ދެލޯ މަރާލިއެވެ.
*** *** *** *** *** ***
ބެލްކަނި ކައިރިއަށް ހުއްޓުނު ރަތް އަލިގުޅަ ޒިބާންގެ ސިފައަށް ބަދަލުވިއެވެ. ބެލްކަނީގެ ރޭލިންގް ދަގަނޑުގަނޑު މަތީގައި އިށީނދެލައިގެން އޭނާ ހުރީ ބެލްކަނީގެ ބިއްލޫރިގަނޑުން އެތެރެ ފެންނާތީއެވެ. އެނދުގައި އޮށޯވެގެން އަރާމް ނިންޖަކުން ނިދާފައި އޮތް މަންޝާއާ ދިމާއަށް ބަލާށެވެ. ދަތުރުގެ ވަރުބަލިކަން ފިލުވަން ބޭނުންވެފައި އޮތް މަންޝާއަށް އުނދަގޫ ކުރަން ޒިބާން ބޭނުމެއް ނޫނެވެ. މަންޝާ ކައިރިއަށް އަޒީމް ގޮސްފިނަމަ އޭނާއަށް އުނދަގޫ ވެދާނެތީއެވެ. އަދި ސަކޭރާ ބުނެފައިވާ ފަދައިން މިދުވަސްކޮޅު ޒިބާން ހުންނަން ޖެހޭނީ ބަލަބަލައެވެ. މަންޝާއަށް ލިބިދާނެ ކޮންމެ ގެއްލުމަކަށް އޭނާ ވިސްނަން އެބަ ޖެހެއެވެ.
ޒިބާން އެހެން އިންނަތާ އިރުގަނޑެއް ވެއްޖެއެވެ. ފަތިސްވެ އަލިވާން ފެށުމުން ޒިބާން އެތަނުން ދާން ޖެހޭ ވަގުތު ޖެހުމުން ތެދުވިއެވެ. ދަގަނޑުގަނޑުމަތީ ކޮޅަށް ހުރެ އޭނާ މައްޗަށް ބަލާލިއެވެ. މީ ސަކޭރާއާ ބައްދަލުކުރަން ދާން ޖެހޭ ވަގުތެވެ. މަންޝާ ވިހަންވާއިރަށް ވާންޖެހޭ ތައްޔާރީގެ އެތައް ކަމެއް ކުރަން ހުރުމުންނާ އެކީގައެވެ.
ވިދާލި ވިދުވަރާ އެކީ ބެލްކަނި ކައިރީ ހުރި ޒިބާން ގެއްލުނެވެ. އެވަގުތު އެނދުގައި އޮތް މަންޝާގެ ދެލޯ ތަންް މިނަށް ހުޅުވާލިއެވެ. އެނދުގައި އިށީނދެ ހަށިފުރާ ނޭވާއެއް ދަމާލީ އޭނާއަށް މީރު ވަހެއް ދުވާތީއެވެ. ދެލޯ މަރައިގެން ހުރެ ފުން ނޭވާތައް އެތެރެ ކުރަމުން ދިޔައިރު މަންޝާގެ މޫނު މައްޗަށް ވެރިވެފައި ވަނީ ހިތްހަމަޖެހުމުގެ ހިނިތުންވުމެވެ. އެވަގުތު އަޒީމް ދޮރު ހުޅުވާފަ ކޮޓަރި ތެރެއަށް ވަނެވެ. ޑިއުޓީ ނިންމާފަ އަޒީމް އައިސް ވަނުމުން އަޒީމާ ދިމާއަށް މަންޝާ ބަލަން އިނީ ބުޅާ މަސްގަނޑާ ދިމާއަށް ބަލާ ފަދަ ގޮތަކަށެވެ.
ހިނިތުންވުމެއް ރައްދުކޮށްލަމުން އަޒީމް މިސްރާބް ޖެހީ ފާޚާނާއާ ދިމާއަށެވެ. އޭނާ ލައިގެން ހުރި ޔުނީފޯމް ބާލަމުން ޔުނީފޯމުން ވަސް ބަލާލިއެވެ. "މީގެން ފަރުވަސް ދުވާދޯ... ޑިއުޓީ ނިންމާފަ އެންމެން ތޮށިގަނޑުމައްޗަށް މަސްހިފަން ދިޔައީ... މިއައީ ފަރު މަހެއްވެސް ހިފައިގެން... މަންޝާ މިއަދު ކޯއްޗެއް ކެއީ..." ތުވަލި ނަގައިގެން ފާޚާނާއަށް ވަންނަންދަމުން އަޒީމް ވާހަކަ ދައްކަދައްކާ ހުއްޓެއް ކަމަކު މަންޝާގެ އަމަލު ހުރި ގޮތުން އަޒީމް ހައިރާން ވިއެވެ.
އޭރު މަންޝާ އެނދުމަތިން ތެދުވެ އަޒީމާ ދިމާއަށް އަންނަނީއެވެ. މަންޝާގެ ހޭވިފައިވާ އިސްތަށިތައް ފަންކަލުގެ ވަޔާ އެކީ ވިހުރިލިއެވެ. އޭނާ ލައިގެން ހުރި ހުދު ކުލައިގެ ނައިޓީގައި ފެނުމުން ހާދަ ފުރިހަމައޭ އަޒީމްގެ ހިތަށް އެރިއެވެ. މަންޝާގެ ތުންފަތަށް ވެރިވެފައިވާ ހިނިތުންވުން ފެނި އަޒީމް އެ ހުރި ފިޔަވަޅު މައްޗަށް ގަނޑުވިއެވެ. އަޒީމާ ގާތްވަމުން ދިޔަ މަންޝާ އާ ދުރަށް ޖެހެން އަޒީމް ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ.
"މަން.. އަހަރެން އެބަ އަންނަން ފެންވަރައިގެން އަހަރެން ގައިން ދުވަނީ މަސް ވަސް...." އަޒީމްގެ ދުލުގައި ތަޅެއް ލެވުނު ކަހަލައެވެ. މަންޝާ ދިޔަ ގޮތަށް ގޮސް އަޒީމްގެ ތުންފަތުގައި އަނގަ ޖެހުމަށްފަހު އޭނާގެ ހަށިގަނޑުގައި ބައްދާލިއެވެ. އަޒީމްގެ ހަށިގަނޑުން ވަސްބަލަމުން ދިޔައިރު އެނާ ހީވަނީ އެތައް ދުވަހަކަށް ފަހު ނުލިބި ހުރި މީރު ކާއެއްޗެއް ލިބިގެން އުޅުނު ހެނެވެ.
"މަން އޭއި... މަން.... އަހަރެން އެބަ އަންނަން ފެންވަރައިގެން...." މަންޝާގެ ހަށިގަނޑުގައި ހިފާ ދުރުކޮށްލަމުން އަޒީމް ވާހަކަ ދެއްކިއެވެ.
"ނޫން އަޒީމް... އައި ނީޑްޔޫ..." މަންޝާގެ ދުލުން ނުކުންނަމުން ދިޔަ ލަފްޒުތަކުން އަޒީމަކަށް ވެސް ހިމޭނަކުން ނުހުރެވުނެވެ. މަންޝާގެ އުނަގަނޑުގައި ހިފާ ބައްދާލިއެވެ. އަދި ދެމީހުން އެކީ ފާޚާނާއަށް ވަތް އިރު ހީވަނީ އެކަތިގަނޑެއް ހެންނެވެ. މާގަނޑު ދަށަށް ވަދެ މާގަނޑު ދޫކޮށްލިއެވެ. މާގަނޑު ފައިބަމުންދިޔަ ފެންތަކުން އެ ދެހަށިގަނޑު ތެއްމާލިއެވެ.
(ނުނިމޭ)