މަދީހާގެ އުޅަނބޮށީގައި ކޮއްޓާލަމުން މަަންމައަށް މަންމަގެ ދަނބިދަރި ދައްކާލަން އިނގިލިން އަޒީމާ ދިމާއަށް އިޝާރާތްކޮށްލަމުންނެވެ. މަދީހާމެން ތިބި ދިމާއަށް އަޒީމް އައިސް ހުއްޓެމުން މަދީހާއާ ސަލާމްކޮށްލިއެވެ.

"އަހާ... ކޮންކަހަލަ ސަޕްރައިޒެއް ތި ދިނީ... މަންޝާ ނުވެސް ބުނޭ މަންމަ އަންނަ ވާހަކައެއް... ހިނގާ އެއްޗިހި އަރުވަން... ޕިކަޕެއްތަ ނޫނީ ކާރެއްތަ ހޯދަންވީ...." އަޒީމް އެންމެންނަށް ބަލާލަމުން ވާހަކަ ދެއްކީ ހިނިތުން ވަމުންނެވެ.

"އަޒީމް ދަރިފުޅާ... ބޯޓުން ފޮށިތައް ބާލަ ދޭންވީނުން.. ޕިކަޕެއް ހޯދިއްޔާ ފަސޭހަވާނީ... ވަރަށް ފޮށިތައް ގިނަވާނެ...." އަޒީމާ ދިމާއަށް އަތް ހަނާއަޅަމުން މުނީރާ ވާހަކަ ދެއްކިއެވެ. އަޒީމާއެކީ ނަވާފްވެސް ހުއްޓެެވެ. މަންޝާއާ ސަލާމް ކޮށްލަމުން އަޒީމާ އެކީ ބޯޓުން ފޮށިތައް ބާލަން ނަވާފް އެހީތެރިވިއެވެ.

"އާދޭ ޕިކަޕަށް އަރަން..." ފޮށިތައް ޕިކަޕަށް އަރުވާ ނިންމާލުމަށްފަހު އަޒީމް އެންމެނަށް ގޮވާލިއެވެ. "ކޮބާ ހަސަންބެ؟... ހަސަންބެ ދިވެހި ބޭސްގަނޑެއް އަޅާ ވާހަކަ ބުނި... އެކަން ނުނިމެނީތަ؟..." މުނީރާ ކައިރިއަށް ހުއްޓެމުން އަޒީމް އަހާލިއެވެ. ލުއި ހިނިތުންވުމަކާ އެކީ މުނީރާ ހޫން އަޅުވާލި އިރު އެންމެންނަށް ވެސް ތިބެވުނީ މުނީރާ ދޭނެ ޖަވާބަކަށް ބަލާށެވެ.

ހަދީޖާ ޕިކަޕުގެ ކުރީ ސީޓަށް އަރުވައިދިނީ އަޒީމެވެ. އަޒީމްގެ އަތުގައި ހަދީޖާ ފިރުމާލަމުން ހިނިތުންވިއެވެ. "ތީ މަންޝަގެ މާމަ؟..." މަދީހާ ޕިކަޕު ފަހަތުގައި ހުރެ އަޒީމާ ދިމާއަށް ގުދުވެލަމުން ބުނެލިއެވެ. އޭރު މަންޝާ ވެސް އިނީ އެ ޕިކަޕުގެ ފަހަތުގައެވެ. އަފްނާނާ އެކީގައެވެ. އަޒީމަށް އިތުރު އެއްޗެއް ބުނާކަށް ނުކެރުނެވެ. ޕިކަޕު ނައްޓާލީ މުނީރާމެން ދިރިއުޅޭ ގެއާ ދިމާއަށެވެ. އެހެންކަމުން ނަވާފާ އަޒީމާ ދެމީހުން ސައިކަލުގައި ޕިކަޕު ފަހަތުން ދުއްވާލިއެވެ.

"ކީއްވެތަ މަންޝާ ކައިރީ ސައިކަލަށް އަރާށޭ ނުބުނީ؟..." ސައިކަލު ދުއްވަމުން ނަވާފް ވާހަކަ ދެއްކީ އަޒީމާއެވެ. އަޒީމާ ނަވާފާ ދެމީހުން އައީ ދެ ސައިކަލެއްގައެވެ.

"އެއްޗެކޭ ބުނާނެ ވަގުތެއް ނުވިއެއްނު... ދެން މަ ބަލާލި އިރު އޭނީީ ޕިކަޕަށް އަރާ... ޔަގީން އަދިވެސް އެ ހުރީ ނައްޓާފަަ...." އަޒީމް ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ ކަޅި އަމާޒްވެފައި ވަނީ މަންޝާއާ ދިމާއަށެވެ. ދޭތެރެއަކުން މަންޝާ ފަހަތަށް ބަލާލައެވެ. ނަމަަވެސް އަޒީމާ ދިމާއަށް ބަލާވެސް ނުލައެވެ.

"މަންޝާ ވަރަށް ހިކިދޯ... އަޒީމް ތި ގޮލައާ ހެދި އޭނަ ހިތާމަ ކޮށްކޮށް އެހެރީ ހިކިފަ... އެހެންހަދަން ހެޔޮވެސް ނުވާނެ..." ޕިކަޕު މަޑުކޮށްލުމުން ނަވާފް އެގޭ ކައިރީ ހުރި ޕާކިންޒޯންގެ ހުސް ޖާގައަށް ސައިކަލު ޕާކްކޮށްލަމުން އަޒީމާ ވާހަކަ ދެއްކިއެވެ. މުނީރާމެން ގެއަށް ގެނައި ފޮށިތައް ބޭލުމަށްފަހު މަންޝާގެ ފޮށިތަކާއެކީ ޕިކަޕު ދުއްވާލީ އަޒީމްގެ އެދުމަށް އަޒީމްމެން ގެއާ ދިމާއަށެވެ.

މަދީހާމެން ދޮރުމަތީ ތިއްބާ ސައިކަލަށް އަރަން އަންނަން އަޒީމް އެދުމުން މަންޝާއަށް ދެކޮޅުހަދާކަށް ނުކެރުނެވެ. އެހެންކަމުން އައިސް އަޒީމްގެ ސައިކަލު ފަހަތަށް އަރާ އިށީނެވެ. މަންޝާ އިނީ އެހެންޏާ އިށީނދެ އިންނަ ހިސާބަށްވުރެ ދުރަށް ޖެހިގެންނެވެ.

ގެއަށް އާދެވުމުން މަންޝާ އަވަސްވެގަތީ ކޮޓަރިއަށް ވަނުމަށެވެ. އަޒީމާއެކީ ނަވާފް އުޅުނީ ފޮށިތައް އަރުވާށެވެ. ގޭތެރެއަށް ފޮށިތައް ވެއްދުމަށްފަހު ނަވާފް ސޯފާގައި ޖައްސާލިއެވެ. އައިސް އަލަމާރިން ފެން ފުޅިއެއް ނެގުމަށްފަހު އަޒީމް ފެންފޮދެއް ބޯލިއެވެ. އަދި ނަވާފާ ދިމާއަށް އެފެން ފުޅި ދިއްކޮށްލިއެވެ.

"ސައެއް ބޮއިގެން ދޯ ދާނީ... މަ އެބަ އަންނަން މަންޝާ ގޮވައިގެން...." ނަވާފް ހުސްކޮށްލާފަ ދިން ފެންފުޅި މޭޒުމަތީ ބަހައްޓަމުން އަޒީމް ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ.

"ނޫނޭ... މަ ދެން މި ގޮސްލަނީ... ސަޔަކަށް ވުރެ... ތި ދެކުދިން އެއްގަލަށް އެރޭތޯ ބަލާ... އޯކޭ ދެން ކަނޑާލީއޭ... މަންޝާއާ ވާހަކަ ދައްކާއިރު ވަރަށް ވިސްނާތީ؟... ސީޒް ޕްރެގް... ވަރަށް ފަސޭހައިން ނައްޓާނެ... މި ދުވަސްކޮޅު ހޯމޯންސް ވަރަށް ހައިވާނެ... ގުޑްލަކް ބަޑީ..." އަޒީމަށް ހިތްވަރުދެމުން ނަވާފް އެގެއިން ނުކުތީ އޭނާ ގެއަށް ދާށެވެ.

ކޮޓަރިއަށް އަޒީމް ވަނީ ބޮލުގައި ފިރުމަމުންނެވެ. އޭރު ދޮރަށް ފުރަގަސްދީގެން މަންޝާ ހުރީ ބެލްކަނީގައެވެ. ހީވަނީ މީހަކާ ވާހަކަ ދައްކަނީ ހެންނެވެ. ކުއްލިއަކަށް ކޮޓަރިތެރެއަށް މަންޝާ ބަލާލިއެވެ. އަޒީމް ހުރިކަން އޭނާއަށް އެނގުނު ކަހަލައެވެ. ބެލްކަނީގެ ރޭލިން ދަގަނޑު ގަނޑުގައި ހިފަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު މަންޝާ ކޮޓަރި ތެރެއަށް ވަނެވެ. އަދި ބެލްކަނީގެ ދޮރު ލައްޕާލިއެވެ.

"މަން ހާދަ ހިކިއްޖޭ... ރަނގަޅަށް ނުކަނީތަ؟..." ދައްކާނެ ވާހަކައެއް އަޒީމަކަށް ނޭނގުނެވެ. ވާހަކަ ފައްޓަންވީ ކޮން ހިސާބަކުން ކަމެއްވެސް އޭނާއަކަށް ނޭނގުނެވެ. އަޅައަޅައި ގަންނަމުން އަޒީމް ވާހަކަ ދެއްކީ މަންޝާގެ ފަރާތުން ޖަވާބެއް ލިބޭތޯއެވެ.

"ދެން ކަން... ބަޓް އެހާވަރަކަށް ނުކެވޭ...." ފޫހިގޮތަކަށްޖަވާބުދެމުންމަންޝާއައިސްއެނދުގައިއިށީނެވެ.

"އަދިވެސް ތިހުރީ ރުޅި އައިއްސަދޯ.... ޕްލީސް ފޮގިވްމީ.. އެއީ އަހަރެން ގަސްތުގަ ކުރިކަމެއް ނޫން... ލުކް އައި ހޭވް ޗޭންޖްޑް..." ދެއަތް ފުޅާ ކުރަމުން އައިސް މަންޝާ ކައިރީގައި އަޒީމް އިށީނެވެ. އަޒީމް މަންޝާއާ ގާތްވާތީ މަންޝާގެ ހަށިގަނޑަށް އުނދަގޫވިއެވެ. އާދަޔާ ޚިލާފަށް ހޫނު ވަނީއެވެ. މުޅި މީހާ ގައިން ދާ ހިތްލަނީއެވެ. ބޮލުގައިވެސް ރިއްސާހެން ހީވެއެވެ.

"އަޒީމް... ޕްލީސް... ނޮޓް ނައު.. އަހަރެން ވަރަށް ވަރުބަލި... ބޭނުން ނިދާލަން...." އެނދުގައި އޮށޯންނަމުން މަންޝާ އެހެން ބުނެލީ އަޒީމާ ގާތްވާން ބޭނުން ނުވާތީއެވެ. އެނދުމަތީގައި އޮތް އޭސީ ރިމޯޓް ނަގާ އޭސީ ޖައްސާލީ މަންޝާއަށް ވަމުންދާ އުނދަގޫތަކަށް ލުޔެއް ލިބޭތޯއެވެ. އޭސީ ސޯޅައަށް ލައިގެން މަންޝާ ހަމަޖެހިލީ އެއް އަރިއަކަށް އޮވެ ބާލީހެއް ގައި ބައްދާލަމުންނެވެ. މަންޝާއާ ދިމާއަށް ބަލަން ހުރުމަށްފަހު ކޮޓަރިން ބޭރަށް އަޒީމް ނިކުމެ، ސިޓިންގް ރޫމް ސޯފާގައި އޮށޯވެ ފޯނުން ގޭމެއް އަޅުވާލިއެވެ.

އަޒީމް ބޭރަށް ނިކުތުމުން ބެލްކަންޏާ ދިމާއަށް މަންޝާ އެނބުރިލިއެވެ. އޭރު ކޮޓަރިތެރޭ މިހުރީ ޒިބާނެވެ. ޒިބާން އައިސް މަންޝާ ގާތުގައި އިށީނެވެ. އަދި މަންޝާގެ ބަނޑުގައި ފިރުމާލިއެވެ. "ހެއި.... ޔޫ ލުކް ޓަޔަޑް..." މަންޝާގެ ކޮލުގައި ހިފާލަމުން ޒިބާން ވާހަކަ ދެއްކިއެވެ.

"އާން... މި... ނޭނގެ ދެންމެ އަޒީމް ކައިރިވީމަ އަހަރެންނަށް ވަރަށް އުނދަގޫވި... ނޭނގެ މިވާ ގޮތެއް... ބޮލަށް ވެސް އުނދަގޫވޭ.. އެހެންވެ މި އޮށޯތީ..." މަންޝާއަށް ވަމުން ނދިޔަ އުނދަގޫތަކުގެ ވާހަކަ ޒިބާނަށް ކިޔައިދިނެވެ.

"އަސްލު އަޒީމް އަތުގަ އެބައޮތް ތަވީދެއް.. ތީ އެ ތަވީދުގެ ސަބަބުން ވާ އުނދަަގޫތައް... އަހަރެންނަށް ވެސް އަޒީމް ވަދެއްޖިއްޔާ ޖެހޭނީ ދާން.... މަންޝާއަށް އުނދަގޫ ވަނީ ޒޯއީއަށް އުނދަގޫ ވާތީ..." މަންޝާގެ ބަނޑުގައި ފިރުމާލަމުން ޒިބާން ވާހަކަ ދެއްކިއެވެ. ޒިބާން އެބުނި ތަވީދެއް ހޯދަން މަންޝާ ބޭނުންވިއެވެ. ނަމަވެސް އެވަގުތު މަންޝާ ހުއްޓުވީ ޒިބާނެވެ.

"ދެން މިގަޑީގަ ކީއްކުރަން ތި ދަނީ.... އަޒީމަށް އެހެން އޮވެ މިހާރު އެ ނިދެނީ... އޭނަ އެތާ ބާއްވާ..." އެނދުން ތެދުވަން އުޅުނު މަންޝާގެ އަތުގައި ހިފަހައްޓަމުން މަންޝާގެ މަގަތުގައި ޒިބާން ވެސް އޮށޯތެވެ. ޒިބާންގެ އަތު ތެރޭގައި މަންޝާ ފޮރުވާލިއެވެ. ބެލްކަނީގެ ދޮރުން އެތެރެއަށް ވަންނަމުން ދިޔަ އިރުގެ އަލިކަމުން އުނދަގޫވާތީ ޒިބާންގެ އަތުގެ އިޝާރާތަށް އެ ދޮރުގައި ވާ ފަރުދާ ދަމާލިއެވެ.

*** *** *** *** *** ***

ގެއަށް އައިފަހުން އަފްނާން ކޮޓަރިން ނުނިކުމެ އެހެން އޮންނަތާ ކިތަންމެ އިރެއް ވީއެވެ. އޭނާ ހުރީ ކޮޓަަރީގައި ހުރި މޭޒު ކައިރީ އިށީންދެގެން އޭނާގެ ޑައިރީގައި ވާހަކަތައް ލިޔާށެވެ. ހިތުގައި އުތުރި އަރަމުން ދާ ހުރިހާ ވާހަކައެއް އޭނާ އަބަދުވެސް ހިއްސާ ކުރަނީ އެ ޑައިރީގައެވެ. ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް އަަފްނާން ލިޔަން އިން ފޮތް ލައްޕާލިއެވެ. އަދި ދޮރާ ދިމާއަށް ބަލާލިއެވެ. މަދީހާކަން އެނގުމުން ތުންފަތަށް ލުއި ހިނިތުންވުމެއް ގެނައެވެ. މަދީހާ ކޮޓަރި ތެރެއަށް ވަދެގެން އައިސް އަފްނާނާ ވާހަކަ ދައްކަން ފެށިއެވެ.

"ކީއްވެތަ ނުކައި ތިހުންނަނީ... ނުކައި ހުންނާކަށް ނުވާނެ... ރޭގަ ބޯޓަށް އެރިފަހުން އެއްވެސް އެއްޗެއް ނުކަމެއްނު... މިއަދު ހެނދުނުވެސް ސައިހަދާފަ ގޮވީމަ ކޮޓަރިން ނުނިކުމެ ތި އިންނަނީ... ތިހެން އުޅޭކަށް ނުވާނެ... މަންމަގެ ރުޅިގަނޑު މައިތިރިވާން ދުވަސްކޮޅެއް ނަގާނެ... ހިނގާ ކޮންމެސް އެއްޗެއް ކާލަން ދާން... އަފޫއަށް ނޫޑްލްސް ކޮޅެއް ހަދައިދެންތަ؟..." މަދީހާ ވާހަކަ ދައްކަމުން ދިޔައީ ވަރަށް ލޯބިންނެވެ. އަފްނާނަށް ބޮޑާ ހާކާފަ އެހެން އިންނާކަށް ނުކެރުނެވެ. އަފްނާން އިނީ އިންތިހާއަށް ބަނޑުހައި ވެފައެވެ.

ގޮނޑިން އަފްނާނު ތެދުވެ އޭނާގެ ދިގު އިސްތަށިގަނޑު އެއްކޮށްލަމުން ހުޅިއެއް ޖަހާލިއެވެ. އެހެންޏާ ގޭތެރޭގައި ކުރު ސޯޓްބުރިލާ އަފްނާނު ހުރީ ބޮޑު ހެދުމުގައެވެ. ގަޔަށްދޫ ޖިލްބާބެއްގައެވެ. މަދީހާ އުފަލުން ކާންދާން ހިނގާށޭބުުނެ އަފްނާނުގެ ގައިގާ ފިރުމާލިއެވެ. ކޮޓަރިން ދެމީހުން ނިކުތް އިރު ސިޓިންގް ރޫމުގައި އަމަނާ އީމާނު ޓީވީ ބަލަން އިނީ ހަދީޖާއާ އެކީގައެވެ. ބަދިގެއަށް ވަދެ އަފްނާން ކާމޭޒު ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ. އޭރު ބަދިގޭގައި މުނީރާވެސް ހުއްޓެވެ. ތައްޓަކަށް ބަތާ ރިހައާ އަޅަމުން މަދީހާ ވާހަކަ ދެއްކިއެވެ. "ތިހެން ނުކައި ހުންނަން ހެޔޮވެސް ނުވާނެ މިހާރު އެއޮއް ހަވީރުވީ.. ބަނޑުގަ ގޭސް ހެދި މީހާ ބަލިވެދާނެ..."

މުނީރާ ދެލޯ އަޅާލަމުން އަފްނާނާ ދިމާއަށް ބަލާލިއެވެ. އަފްނާނު އިސްޖަހައިގެން އިނީ އޭނާގެ މަންމަ ބަދިގެތެރޭގައި ހުރީމައެވެ. "ކާން ނޫޅޭ މީހެއް ކައިރީ އާދޭސްކޮށްގެން ކީއްކުރާކަށްތަ ކާން ދެނީކީ؟... ނުކައި އޮވެ މަރުވެދާނެއްނު... މަށަށް ހެޔޮ އޭނަ ކެއަސް ނުކެއަސް... މަގޭ ހިތަކަށް އަސަރެއް ވެސް ނުކުރާނެ... ލަދުކުޑަ ކަމުން އަދި ކާން އަންނަން ކެރިއްޖެއްނު... މަގޭ ހިތަށް އަރާ އަޅެ މި ދުވަސް ދެއްކެވުމުގެ ކުރިން އަހަރެން މަރުވިނަމަ ކިހާ ރަނގަޅުހޭ...." ސިންކު ތެރޭ ހުރި ތަށިތައް ދޮންނަމުން މުނީރާގެ ބަސްތައް އަމާޒް ކުރަމުން ދިޔައީ އަފްނާނާ ދިމާއަށެވެ.

"މުނީރާ... ތިހެން ނުބުނޭ...." މަދީހާ އެޅި ބަތްތަށި އަަފްނާނު ކުރިމަތީ ބެހެއްޓުމަށްފަަހު މުނީރާއަށް ނަސޭހަތް ދެވޭތޯ މަދީހާ މަސައްކަތް ކުރިއެވެ.

"ތިހެން ނުބުނާށޭ... ދައްތައަށް އިނގޭނީ މިކަހަލަ މުސީބާތަކާ ދައްތައަށް ކުރިމަތިވީ ނަމަ.." މުނީރާގެ ވާހަކަ މެދުކެނޑުނީ މަދީހާގެ ހައުސްކޯޓު ޖީބުގައި އޮތް ފޯނު ރިންގްވާ އަޑަށެވެ. ފޯނު ނަގާ މަދީހާ ބަލާލިއެވެ. އެ ގުޅަނީ ރަށުން މަޖުދީއެވެ.

"ހަލޯ ކީކޭ؟..." މަދީހާ ފޯނަށް ޖަވާބު ދިނެވެ.

"މަދީހައްތާ... ކޮންތާކު ތިހުރީ... ވާހަކައެއް ދައްކަން ވެގެން މިގުޅީ...." މަޖުދީގެ އަޑުގައި ހުރީ ސީރިއަސް ކަމެވެ.

"އަނެއްކާ ކިހިނެއްވީ؟.. ރޭގަ ގެ ތަޅުލާފަ ފުރީމަ ރަށުގަ އުޅޭ ޕާޓެންތައް ގެއަށް ވަނީތަ؟..." މަދީހާ ރާގުލާފަ ވާހަކަ ދައްކަމުން ކާމޭޒާ ދުރަށް ޖެހިލިއެވެ. މަޖުދީ ދައްކަމުން ދިޔަ ވާހަކަ އަޑުއަހަން ހުރި މަދީހާގެ ދެލޯ ބޮޑު ވިއެވެ. މުނީރާއަށް މަދީހާގެ މޫނު ރަނގަޅަށް ފެނެއެވެ. މަދީހާ މޫނުގެ ކުލަވަރު ބަދަލުވުމުން މުނީރާ ސިންކުން އަތް ދޮވެގެން މަދީހާ ގާތަށް ލެފިގަތެވެ. އެވަގުތު މަދީހާގެ ކަންފަތުގައި ޖަހާފައިވާ ފޯނު އަތުން ދޫވެ ބިންމައްޗަށް ވެއްޓިއްޖެއެވެ. ބިމުގައި ޖެހުނު ނޮކިއާ ބައްތި ފޯނުގެ އެކި ބައިތައް ވަކިވެ ދިމަދިމާލަށް ބުރައިގެން ދިޔައެވެ.

"ދައްތާ... ކިހިިނެއްތަ ވީ؟... ގެއަށް ބަޔަކު ވަނީތަ؟... ދައްތާ ވާހަކަ ދައްކަބަލަ..." މަދީހާގެ ކޮނޑުގައި ހިފާ މުނީރާ ތަޅުވަމުން ވާހަކަ ދެއްކީ މަދީހާ ގަބުއަރާފައި ހުރުމުންނެވެ.

*** *** *** *** *** ***

މަންޝާއަށް ނިދިފައި އޮވެވުނީ ކިހާއިރަކުކަމެއް ނޭނގުނެވެ. މަންޝާއަށް އުނދަގޫވާތީ ހޭލެވުނުއިރު އަޒީމް ތުވާލި ހިފައިގެން ފާޚާނާއަށް ވަންނަނީނެއެވެ. މަންޝާ އެނދުން ތެދުވިތަން ފެނުމުން އަޒީމްގެ ފިޔަވަޅު މަޑުކޮށްލިއެވެ. "ސޮރީ.. އަހަންނަށް ވެސް ސޯފާގަ އޮވެ ނިދުނީ... ދެންމެ މި ހޭލެވުނީ... މަންޝާ ކާން އެއްޗަކަށް އޯޑަރު ދޭންވީނުން... އަހަރެން ޑިއުޓީއަށް ދާން ގަޑި ޖެހޭތީ މިއުޅެނީ... ޔުނީފޯމް ވެސް އިސްތިރި ކޮށްފިން... މަންޝާ ރެސްޓް ކުރޭ...." އަަވަހަށް ފާޚާނާއަށް ވަދެ އަޒީމް ދޮރު ލައްޕާލިއެވެ.

މަންޝާގެ ނިޔަފަތިތަކުން ދެއަތުގެ މުލައްދަނޑި ކަހަން ފެށިއެވެ. އިރުކޮޅެއް ނުވެ އިސްތަށިގަނޑު ތެރެ ދާހިއްލާތީ ބޮލު ތެރެވެސް ކަހަން ފެށިއެވެ. އޭސީ ހުރީ ނިއްވާލާފައެވެ. ކޮޓަރިތެރެ ވަރަށް ފިންޏެވެ. ނަމަވެސް މަންޝާއަށް އުނދަގޫވަމުންދާތީ މިވަނީ ކީއްކަން އޭނާއަށް އެނގުނެވެ. ދެއަތުން ބޮލުގެ އިސްތަށިގަނޑު ތެރެއަށް އަތްކޮށްޕައިގެން ކަހަމުން ދިޔައިރު ހީވަނީ އިސްތަށިތައް ވީދާލަން އުޅޭ ހެންނެވެ.

އިރު އިރުކޮޅާ މަންޝާއަށް ބަލާލެވެނީ އަޒީމް ބާލާފަ ދޮރު ބިއްދަށުގައި އަޅުވާފައިން ޖިންސާ ދިމާއަށެވެ. އެނދުމަތިން މަންޝާ ތެދުވީ ރުޅިއައިސް ރަތްވެފައި ހުރެއެވެ. އަލަމާރިން ކޮނޑެއް ނަގައިގެން އެ ޖިންސާ ކައިރިއަށް ޖެހެމުންދިޔަ އިރު މަންޝާގެ ބަނޑަށް ވެސް ތޫނު ތަދެއް އަރަމުން ދިޔައެވެ.

ބަނޑުގެ އެއްފަޅީގައި އަތް އަޅައިގެން މަންޝާ ކުރިއަށް ޖެހުނީ އަނގައިން އަޑެއް ނުލައްވާ ވޭތޯއެވެ. ޖިންސުގެ ޖީބުގައި އަތް ޖައްސާލި އިރު ވޮލެޓް އޮތް ފަރާތާ އަތް ގާތްވުމުން މަންޝާއަށް ބޮޑަށް އުނދަގޫވާ ކަން ފާހަގަ ވިއެވެ. ވޮލެޓް ނަގާ ހުޅުވާލި އިރު އޭގެ ތެރޭގައި ކަޅު ރޮއްޖެއް އޮޅާފަ އޮތް ކަރުދާސްކޮޅެއް އޮތެވެ.

ތަވީދުގައިވާ ރޮދިކޮޅުގައި އަތުގައި އޮތް ކޮނޑުން ތަންކޮޅެއް އަޅުވާލަމުން އެތަވީދު ނެގިއެވެ. އަދި އެ ހިފައިގެން ބެލްކަނިން ބޭރަށް ނިކުމެ ޖެހިގެން ހުރި ގޭގެ ފުރާޅާ ދިމާއަށް ކޮނޑާ އެކީ އެ ތަވީދު ހޫރާލިއެވެ. އެ ތަވީދު އެގެއިން ބޭރުވުމުން މަންޝާގެ ހަށިގަނޑަށް ލުޔެއް ލިބުނެވެ. ދެން މަންޝާ އަވަހަށް އެތެރެއަށް ވަދެ އެ ޖިންސު ކުރިން ހުރި ގޮތަށް އެތަނުގައި އަޅުވާލިއެވެ. އަދި ވޮލެޓްވެސް އެ ޖިންސުގެ ޖީބަށް ލިއެވެ.

އަޒީމް ފެންވަރައިގެން ނިކުތް އިރު މަންޝާ ފެންނާކަށް ނެތެވެ. އެހެންކަމުން ޔުނީފޯމް ލައިގެން ރީތިވާ މޭޒުދޮށާ ކައިރިވީ ފުނާ އަޅާ ރީތިވާށެވެ. ކުއްލިއަކަށް އަޒީމްގެ ކަންފަތުގައި ޖެހުނީ މަންޝާ ވާހަކަ ދައްކާ އަޑެވެ. ސިޓިންގް ރޫމުގައި ހުރެ މަންޝާ ވާހަކަ ދައްކަނީ ކާކާ ހެއްޔެވެ؟ އަޒީމްގެ ހިތުގައި ސުވާލު އުފެދުނެވެ. އެހެންކަމުން އަވަހަށް ކޮޓަރިން ބޭރަށް ބޯ ދިއްކޮށްލިއެވެ. އެވަގުތު މަންޝާއާ އެކީ ސޯފާގައި އެއްވެސް މީހަކު ނެތެވެ. މަންޝާ އިނީ ގުޅަދަޅެއް ހިފައިގެން ޓީވީ ބަލާށެވެ.

ބޫޓަށް އަރަމުން އަޒީމް އެންމެފަހުން ސުވާލު ކުރީ އެއީ އޭނާއަށް ހީވި ހީވުމެއްތޯ ޔަގީން ކުރާށެވެ. "ދެންމެ މަން ކާކާތަ ވާހަކަ ދެއްކީ؟..."

ސޯފާ މަތީ އޮތް ފޯނު ދަައްކާލަމުން މަންޝާ ވާހަކަ ދެއްކީ ޒުހާއާ ކަމަށް ބުންޏެވެ. "އޯކޭ... އައިމް ގޮއިން... މިއަދު އެއްވެސް އެއްޗެއް ނުކަމެއްނު... ކޮންމެހެން ކައްކާނެ ކަމެއް ނެތް؟... ޖަސްޓް ބައި ސަމްތިންގް... އަން މީގަ ހިފާ..." އަޒީމްގެ ވޮލެޓުން ފައްސަތޭކަ ރުފިޔާ ނަގާ މަންޝާއަށް ދިއްކޮށްލަމުން އަޒީމް ބުނެލިއެވެ. މަންޝާ ހުރީ ހާސްވެފައެވެ. އަޒީމަށް އެ ވޮލެޓުން އެއްޗެއް މަދުކަން ފާހަގަ ވެދާނެތީއެވެ. ނަމަވެސް އަޒީމަށް ކަމެއް ފާހަގަ ވީހެނެއް ހިއެއް ނުވެއެވެ. އަޒީމް ނިކުތުމުން މަންޝާ ގަޑިއަށް ބަލާލިއެވެ. އޭރު އިރުއޮއްސެނީއެވެ.

"މަން... ޒުހާ އެބަ އާދޭ... މަންޝާ ޒުހާއާ އެކީ ހުންނަ ކަމަށްވަންޏާ އައި ކާންޓް ބީ ހިއާ... ބަނޑު ބޮޑުވާ ކަމަށް ވަންޏާ ޒުހާއަށް ނުފެނި ދުރަށް ދާތި.. އަދި މި ބޭސް ފުޅިން އެތިފޮދެއް ބޯލާ.. އޭރުން އޯކޭ ވާނެ... އިނގޭ... ޒުހާ އައިސްފި...." ކުއްލިއަކަށް ޒިބާން އައިސް ދިއްކޮށްލި ބިއްލޫރި ފުޅީގައި މަންޝާ ހިފިއެވެ. އެ ފުޅީގައި ހުރީ ފެހި ކުލައިގެ ދިޔާ އޮލަ ބޭހެކެވެ.

ގޭގެ ދޮރުގައި މީހަަކު ޓަކި ޖަހާލި އަޑު އިވުނެވެ. މަންޝާގެ ނިތްކުރިއަށް ބޮސްދިނުމަށްފަހު ދޮރުހުޅުވަން ދާށޭ ޒިބާން ބުނެލިއެވެ. މަންޝާ ދޮރު ހުޅުވާލި އިރު ދޮރު މަތީ ހުރީ ޒުހާއެވެ. ޒުހާ ހުރީ ބުރުގާ އަޅާފައެވެ. މަންޝާ ގޭތެރެއަށް ބަލާލިއެވެ. ނަަމަވެސް ގޭތެރެއިން ޒިބާން ފެންނާކަށް ނެތެވެ. ޒިބާން ދިޔައީކަން މަންޝާއަށް ޔަގީނެވެ.

"ހެއި... މަންޝާ...ކިހިނެއްތަ ދޫނިގަނޑާ.... އަޅެ މަން... ހާދަ ހިކިއްޖޭ.... ވަރަށް ގަދައަށް ހޮޑުލެވޭތަ؟..." އެއް ފައްޗަކަށް އެތައް ވާހަކައެއް ޒުހާ އަހާލީ މަންޝާގެ ގައިގާ ބައްދާލަމުންނެވެ. ހެމުން މަންޝާ ގޭތެރެއަށް ވަންނަމުން ޒުހާ ގާތު ސޯފާގައި އިށީންނަން އެދުނެވެ. ރަށުން ގެނައި ފޮށިގަނޑުތައް ހާވާލަމުން އޭގެތެރެއިން މަންޝާ ދަޅުތަކެއް ނަގާ ބޮޑު ކޮތަޅަކަށް ލިއެވެ. އަދި ޒުހާ އަތަށް އެ ކޮތަޅު ދެމުން މީ ޒުހާއަށް ގެނައި ހަދިޔާކަމަށް ބުންޏެވެ.

ދެމީހުން ވާހަކައިގައި ތިބޭތާ އިރުކޮޅެއް ވީފަހުން މަންޝާގެ ބަނޑަށް އުނދަގޫވާން ފަށައިފިއެވެ. މަންޝާ ގަޑިއަށް ބަލާލިއެވެ. އިޝާ ނަމާދުވަގުތު ޖެހުނީކަން މަންޝާއަށް އެނގުނެވެ. ކުރިން ދުވަހުވެސް މަންޝާގެ ބަނޑަށް އުނދަގޫވީ އެވަގުތުގައެވެ.

"މަންޝާ ކިހިނެއްވީ؟...." މަންޝާ ހުއްޓުން އަރާފަ އިން ގޮތުން ޒުހާ ސުވާލު ކޮށްލިއެވެ. ބަލާކަށް ނުހުރެ މަންޝާ ސޯފާއިން ތެދުވެ ކޮޓަރިއަށް ވަނުމަށް އަވަސްވެގަތެވެ. ޒިބާން ދިން ބޭސް ފުޅި ބެހެއްޓިފައި ހުރީ މޭޒު މަތީގައެވެ. ކާ މޭޒުމަތިން އެފުޅި ނަގައިގެން މަންޝާ ގޮސް ފާޚާނާއަށް ވަނެވެ.

ފާޚާނާއަށް ވަދެ ދޮރު ލައްޕާލި ތަނާ މަންޝާގެ ބަނޑު ބޮޑުވާން ފަށައިފިއެވެ. ގަޔާދުރަށް ބަނޑު ފުއްޕަމުން ދިޔަ އިރު މަންޝާގެ ހަށިގަނޑަށް ވަރަށް ތަދުވިއެވެ. އެއް އަތް ދޮރުފަތުގަ ވިއްދައިގެން، އަނެއް އަތް މޫނު ދޮންނަ ސިންކުގަ ވިއްދައިގެން ހުރި މަންޝާ އިރުކޮޅަކު މަޑުކޮށްލިއެވެ. އަޑެއް ބަޑެއް ނުލައްވަން ދަތްކުނޑި ވިކައިގެން ހުރުމަށްފަހު އަތުގައި އޮތް ބޭސްފުޅީގެ މަތިނަގާ އޭގެ އެތިފޮދެއް މަންޝާ އަނގަޔަށް އަޅާލީ ޒިބާން ބުނި ބަސް ސިކުނޑީގައި ތަކުރާރު ވުމުންނެވެ.

އޭގެންލީ ހިތި ރަހައެކެވެ. ހީވަނީ ކޮންމެވެސް ހަކަލަ ފަތެއްގެ ރަހަ ޖެހުނު ހެންނެވެ. އެ ބޯލިތާ އިރުކޮޅެއް ފަހުން މަންޝާގެ ހަށިގަނޑަށް ލުއިވެއްޖެއެވެ. ފުއްޕާފަ ހުރި ބަނޑުވެސް ކުޑަވެ ބަނޑަށް ދޫވެއްޖެއެވެ. ބަނޑުގައި ފިރުމަމުން ފުން ނޭވާތަކެއް ބޭރުކޮށްލިއެވެ. މޫނުދޮންނަ ތައްޓާ ގާތްވެލުމަށްފަހު ލޯގަނޑުން މަންޝާގެ މޫނަށް ބަލާލަމުން އިސްކުރު ދޫކޮށްލައި، ފެންފޮދަކުން މޫނު ދޮވެލުމަށްފަހު ފާޚާނާ ތެރޭގައި ހުރި ހަރުމަތީ ބޭސްފުޅި ބަހައްޓާފައި މަންޝާ ފާޚާނާއިންް ނިކުތެވެ.

"މަން ކިހިނެއްވީ؟... ނުބައި ވަހެއް ދުވީތަ؟.. ހޮޑު ލެވުނީތަ؟..." ފާޚާނާ ދޮރު ކުރިމަތީ ޒުހާ ހުރީ ވަރަށް ހާސްވެފައެވެ.

"ނޫނޭ.. ނުބައި ވަހެއް ދުވީކީ ނޫން... އަސްލު ދަތުރުކޮށްފަ އައި ފަހުން ބޯ އަނބުރާފަ މި ހުރީ... އިރުކޮޅަކުން އޯކޭ ވެދާނެ..." މަންޝާ ބޭރަށް ނުކުމެ ސޯފާގައި ހަމަޖެހިލިއެވެ. ޒުހާ ވެސް އައިސް މަންޝާ ގާތުގައި އިށީނެވެ.

"މަން ބަނޑުބޮޑު ވީފަހުން އިސްތަށިގަނޑު ވަރަށް ވަރުގަދަވެފަ ހަންގަނޑު އޮމާވެ ވަރަށް ރީތި ވޭދޯ.... އަހަރެމެން ބަނޑުބޮޑުވީމަ ވީ ހުތުރު...." މަންޝާގެ އިސްތަށިގަނޑުގައި ޒުހާ އަތް ކާއްތާލިއެވެ. ޒުހާ އެބުނީ ދޮގެއް ވެސް ނޫނެވެ. މަންޝާ ބަނޑުބޮޑުވީ ފަހުން ހަންގަނޑު އަލިވެ މީހާ ރީތިވާކަން ފާހަގަ ވަމުން ދާކަން މަންޝާއަށް އެނގެއެވެ.

"މަންޝާ ރަށުގަ ހުއްޓާ އަޒީމްގެ ޚަބަރެއް ނުވެގެން އުޅުނީމެއްނުދޯ.. އޭރު އަޒީމް އޮތީ ހޮސްޕިޓަލުގަ އެޑްމިޓް ކޮށްފަ.. އިނގޭތަ.. އޭނަ ހިތާ ވެގެން އުޅޭ އަންހެން ކުއްޖާ އުޅުނީ އޭނާއަށް ފަންޑިތަ ހަދައިގެން... އެންމެފަހުން ރިޔާޒްމެން ރައްޓެހި އަލިބެއެއް ގެނެސް ކިޔަވާ ތަވީދެއް އެޅިފަހުން އެ އަންހެން ކުއްޖާގެ އެއްވެސް އުނދަގުލެއް ނުޖެހޭ... ވަރަށް ޅަ ރީތިވެސް މަންޖެއެއް... ކުދި ބުޅި އިސްތަށިގަނޑެއް ލާފަ، އަދި އެހާ ދޮން... ވަރަށް ރީތި ކުއްޖެއް.. ދެން ކޮންވައްތަރެއްދޯ.... މީހުންގެ ފިރިންނާ ހެދި ހޭބަލި ވަނީކީ... މަ ވަރަށް ފޫހިވާ ކުއްޖާ ގަނޑެއް އެއީ.. ފޮނިވެސް މަންޖެއެކޭ އެއީ..." ޒުހާ ދައްކަމުން ދިޔަ ވާހަކަ ކަނުލާ އަޑުއަހަން މަންޝާ އިންއިރު އޭނާ ދިޔައީ ބިޒީކޮށް ގުޅަ ދަޅުން ގުޅަ ކަމުންނެވެ.

ފާރުގަ ހުރި ގަޑި ފެނުމާއެކީ ޒުހާ ފުންމައިގެން ތެދުވެ އޭނާގެ އަތްދަބަސް ކޮނޑުގައި އަޅުވާލިއެވެ. "މަން... މިހާރު މާލަސްވެއްޖެ... ޒައިކްމެން ނިދާ ގަޑި ޖެހެނީ.. ނަވާފާ ދެކުދިން ހަވާލުކޮށްފަ އަަހަރެން މިއައީވެސް... ދެން ދަނީ އިނގޭ..." ޒުހާ ފޯނަށް ބަލާލަމުން އެގެއިން ނިކުތުމަށް އަވަސްވެގަތެވެ. ޒުހާ ނިކުތުުމުން ގޭގެ ދޮރު ތަޅުލުމަށްފަހު މަންޝާ ގޮސް އައިސްއަލަމާރި ހުޅުވާލީ ފެންފޮދެއް ބޯށެވެ.

ގަނޑުކުރާ ބައި ހުޅުވާލިއިރު އޭގެތެރޭގައި ހުރި އައިސްކުރި ރޯމަސްތައް މަންޝާއަށް ފެނުނެވެ. ކުޅުދިޔާވެ ބަނޑުހައިވެ ބަނޑުން އަޑުކީ ހެންވެސް ހީވިއެވެ. މަޑުމަޑުން އެތަނުން މަސްކޮތަޅެއް ނަގަން އަތް ޖައްސާލިއެވެ. ހަމައެވަގުތު މީހަކު ދޮރުގައި ޓަކިޖެހި އަޑު އިވުނެވެ.

މިގަޑީގަ ދެން އަންނާނީ ވެސް ކާކުބާވައޭ މަންޝާގެ ހިތަށް އެރިއެވެ. ދޮރު ހުޅުވަން ދާން ހިނގައިގަތް ވަގުތު ސޯފާ ކައިރީ ހުރި ހަދިޔާ ކޮތަޅު މަންޝާގެ ލޮލުގައި އަޅައިގަތެވެ. އެއީ ޒުހާއަށް ހަވާލުކުރި ހަދިޔާ ދަޅުތަކެވެ. އެކޮތަޅު ހިފައިގެން ގޮސް ދޮރު ހުޅުވާލަމުން މަންޝާ ވާހަކަ ދެއްކިއެވެ. "މި ބަހައްޓާފަ ދެވުނީމަދޯ ތިއައީ... ސާބަ...." ދޮރު ހުޅުވާލަމުން ކޮތަޅު ދިއްކޮށްގެން ވާހަކަ ދައްކަމުން ދިޔަ މަންޝާއަށް ހުއްޓުމެއް އައީ ދޮރުމަތީ ހުރި ޒުވާނާ ފެނުމުންނެވެ.

ހަމުގެކުލަ ދޮން ރީތި އަންހެން ކުއްޖެކެވެ. ހާވާލާފަ އޮތް ކުދިބުޅީގެ ދިގު އިސްތަށިގަނޑެކެވެ. އެއީ ދެންމެ ޒުހާ ކިޔައި ދިން ސިފަތަކެވެ. އެއީ ހަމަ އެ ބުނާ އަންހެން މީހާ ހެއްޔެވެ. ގައިމުވެސް އެއީ މަންޝާ ދަންނަ މޫނެއް ނޫނެވެ. އެއީ އަޒީމް ހިތާވި އަންހެން މީހާ ކަން މަންޝާއަށް އެނގުނެވެ. އެ އަންހެން މީހާގެ ތުންފަތަށް ވެރިވީ ލާނެއް ހިނިތުންވުމެކެެވެ.

(ނުނިމޭ)