ކުއްލިއަކަށް އަތުގައި އޮތް ފިޔޮހިމަތިން ހަނދާންވިއެވެ. ފިޔޮހި ހުޅުވާލުމަށްފަހު އޭއްޗަށް ހަމަލާ ދޭން ހަސަނު މަސައްކަތް ކުރިއެވެ.
މޫދުގެ ރާޅުޖަހާ ހިސާބަށް ހަސަނަށް އާދެ ވުނީ ވަރަށް ހިތްވަރުންނެވެެ. ދުއްވައިގަންނަން ފިޔަވަޅު އެޅި ވަގުތު އެ ނަންނުގަތި ހަސަނުގެ ފައިގައި ބާރަށް އޮޅާލިއެވެ. ދޮންވެލިގަނޑު މައްޗަށް ބަނޑުވަތަށް ހަސަނު ވެއްޓުނެވެ. ހަސަނު ފޮރޮޅެމުން އެއްގަމަށް އެރީ ވަރަށް ހާލުންނެވެ. އެ ނަންނުގަތި ފައިގައި އޮޅެމުން މައްޗަށް އަރަން ފެށި އިރު އޭތީގެ އަނގަ ވަނީ ތަންމިނަށް ހުޅުވާލާފައެވެ.
ހަސަނަށް އޭތީގެ ކުޑަދޫ ފެންނަހާ އެ ނަންނުގަތީގެ އަަނގަ ފުޅާ ކޮށްލިއެވެ. ހަސަނުގެ ބަނޑާ ހަމައަށް އޭތި އަރައިފިއެވެ. ބިރުން ހުރި ހަސަނަށް ހިފުނީ އޭތީގެ ބޮލުގައެވެ. ތެޅެމުން ފޮޅެމުން ހަސަނުގެ އަތުން މިންޖުވާންް އޭތި މަސައްކަތް ކުރިއެވެ. ބަލާކަށް ނުހުރެ އޭތީގެ ބޮލުގައި ހިފާފައި ހުރި ދިމާލު ބުޑުގައި އަތުގައި އޮތް ފިޔޮހި ޖައްސާ ހަސަނު ބާރު ބާރަށް ކާއްތާލިއެވެ. މުޅިތަނަށް ލޭ ބުރައިގެން ދިޔައިރު ހަސަނުގެ ހާޅޭކުގެ އަޑުން އެ ސަރަަހައްދު ގުގުމާލިއެވެ.
*** *** *** *** *** ***
އަވަސް ފަރުވާދޭ ކޮޓަރިއަށް ޑޮކްޓަރ ޝީލާ ވަދެ މީރާ އެނދުމަތި ކޮށްފައިވާ އެނދާ ދިމާއަށް އަވަސް ވެގަތީ ކައުންޓަަރުން ހަވާލުކުރި ލިޔެކިޔުންތަކާއި އެކީގައެވެ.
"ހައި މީރާ.... މިއަދު ޑޮކްޓަަރަށް ދައްކަން އައިން ދޯ... ކިހިނެއްވީސިޑިން ވެއްޓުނީ؟؟..." މީރާގެ އަތުގެ ވިންދު ބަލާލަމުން ޑޮކްޓަރ ވާހަކަ ދެއްކީ ލޯތްބާއި އޯގާތެރިކަމާ އެކުގައެވެ.
"ކުޑަކޮށް ބޯ އެނބުރީ... އެންޑް ޓަަޔަޑް... ބޭބީ ރަނގަޅުތޯ..." މީރާ ބަލަން ބޭނުންވީ ބަނޑުގައިވާ ދަރިފުޅުގެ ހާލެވެ.
"އެންމެ ފަހުން ހެދި ސްކޭން ތަކުން 6 ހަފްތާ ދެއްކިއަސް... މިހާރު ބަނޑަށްވީ 8 ހަފްތާ.... ސިސްޓަރ ބްރިންގް ދަ ޑޮޕްލަރ..." މީރާގެ ހެދުން މައްޗަށް އަރުވާލަމުން ޑޮކްޓަރ ޝީލާ މެޝިންގައި ޖެލްކޮޅެއް އުނގުޅާލިއެވެ. އަދި ދަށްބަނޑުގައި ޖައްސާލިއެވެ. ވަރަށް ފަސޭހައިން ކުޑަ ދަރިފުޅުގެ ވިންދު ލިބިއްޖެއެވެ.
"ބޭބީ އިޒް ފައިން... ބަނޑުގަ ރިއްސާތަ؟... އެއްވެސް ވަރަކަށް މުށިކުލަ ނޫނީ ރަތް ފާޑު ކުލައަކަށް ހުންނަ ޑިސްޗާޖެއް އަންނަންޏާ ލަސްނުކޮށް ހޮސްޕިޓަލަށް އަންނާތި.... ގައިގަ ނޫވެފަ ހުރިތަންތަނުގަ އުނގުޅަން ބޭސް އަދި ކާންވެސް ބޭސްް އެބަ ލިޔަން... ޕްލީސް ބީ ކެއަރފުލް އިނގޭ... އެންޑް އެތަންތަނުގަ އައިސް އަޅާތި..." ޑޮކްޓަރ ވާހަކަ ދައްކާ ނިންމާލަމުން ކައިރީ ހުރި ނަރުސް ކުއްޖާ ގާތު ބޭސްތަކެއްގެ ނަންތައް ކިޔަމުުން ކައުންޓަރާ ދިމާއަށް ހިނގައިގަތެވެ.
ދުރުގައި ބަލަން ހުރި ޞަފޫރާ ހިތްހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ. އޭރު ޞަފޫރާއަށް ވަނީ ރޮވިފައެވެ. މީރާ އެކަނި މައްޗަށް ފޮނުވުނީތީ އޭނާ އެހުރީ އަމިއްލަ ނަފްސު ކުށްވެރި ކޮށްގެންނެވެ. މީރާއަށް ދެރަގޮތެއް ނުވުމަށް ހިތުގެ އަޑިން ދުޢާ ކޮށްލަކޮށްލާ އެ ހުރީ އޭނާގެ ލަގޮނޑިއަށް ކެތްނުވާތީއެވެ.
ޓޮޕްކޮޅު ތިރިކޮށްލުމަށްފަހު ޓައިޓް މައްޗަށް އަރުވަމުން މީރާ އެނދުގައި ހަމަޖެހިލިއެވެ. އެވަގުތު މިރާގެ ބަނޑުގައި ރިޔާޒް ފިރުމާލިއެވެ. "އަހަރެން ހީކުރީ ސިކްސް ވީކްސް ކަމަށް.... އަލްހަމްދުލިއްލާހި... ބޭބީ އޯކޭދޯ..." މީރާގެ ބޮލުގައި ރިޔާޒް ފިރުމާލިއެވެ.
"ސާބަސް... ސްކޭން ކުރިފަހުން ވެސް ޓޫ ވީކްސް ވެއްޖެ... މަގޭ ހިތަށްވެސް އެރިއޭ ރިޔާއަށް އޮޅުނީއޭ..." މީރާ ހިނިގަނޑެއް ޖަހާލިއެވެ.
"ނޯޅޭ ވަރެއްތަ؟... އަހަރެން ހާދަ ބިރުގަތޭ... މީރާއަށް ގޮތެއް ވެއްޖިއްޔާ.... ކީއްކުރާކަށްތަ ސިޑިން އެރީ... ދެން ބުނެބަލަ.. ހަމަ ބޮލަށް އެނބުރުން އެރީތަ؟..." މީރާ ސިޑިން ވެއްޓެން ދިމާވި ސަބަބު އޮޅުން ފިލުވަން ރިޔާޒް ބޭނުންވިއެވެ.
އެނދު ވަށާ ދަމާފައިވާ ފަރުދާ ކަހާލި އަޑަށް ރިޔާޒާ މީރާއަށް ބަލާލެވުނީ އެ ދިމާއަށެވެ. ޟިރާރު ކުރިއަށް ޖެހިލަމުން މީރާ ކިހިނެއްތޯ އަަހާލިއެވެ. "ރަނގަޅު... ޑޮކްޓަރ ޑިސްޗަރޖް ކޮށްލީމަ ގެއަށް ދާންވީދޯ...." މީރާގެ ބޮލުގައި ފިރުމާލަމުން ރިޔާޒް ވާހަކަ ދައްކަމުން އެނދުކައިރިން ފޫހިއްލާލިއެވެ.
"އެހެންވިއްޔާ މަންމަ ގެއަށް ގޮސްލަނީ... ކަމެއް ވިޔަސް މަންމައަށް ނުގުޅާ ނުހުއްނައްޗޭ... ދެން ދަނީ..." މީރާގެ އަތުގައި ފިރުމާލަމުން ޞަފޫރާ ވާހަކަ ދެއްކިއެވެ.
*** *** *** *** *** ***
މިރޭ މާލެއަށް ފުރަން ގަޑި ކިޔާފަ އޮތީ އެގާރަ ޖަހާއިރަށެވެ.އެގާރަ ޖެހުމުގެ އެއްގަޑިއިރު ކުރިން މަންޝާމެން ގެއަށް މަޖުދީ އައިސް އެންމެންގެ ފޮށި ތަންމަތިތައް ޕިކަޕަށް އަރުވައިގެން ދޯނި އޮތް ދިމާއަށް ގެންދިއުމަށް އަވަސް ވެގަތެވެ. މަންޝާއާ އެކީ އަފްނާނު ހުރީ މަންޝާގެ ކޮޓަރީގައެވެ. އަފްނާނު ލައިގެން ހުރީ ގަޔަށް ދޫ ކަޅުކުލައިގެ ޖިލްބާބަކާ ކަޅު ބުރުގާއެކެވެ. މަންޝާ ލައިގެން ހުރީ ކަޅު ކުލައިގެ މައްޗަކާ ޖީންސެކެވެ. އެކޮޓަރި އެނދުމަތީ ދެމީހުން ތިބިއިރު އިރުއިރުކޮޅުން އަފްނާން އޭނާގެ ފޯނަށް ބަލާލައެވެ.
ހިތް އަވަސްވެފައި އިން އަފްނާނުގެ ލޮލަށް ކަރުނަ ޖަމާވާތަން މަންޝާއަށް ފެނެއެވެ. "ދޮނާ އަދިވެސް ބައްޕަ ނުގުޅާ...." އަަފްނާނަށް ކެތްނުކުރެވިގެން ބުނެވުނެވެ. އަބަދު އެއް ވާހަކައެއް އަޑު އަހައަހާ އިން މަންޝާގެ ބޮލުގައިވެސް ރިއްސަން ފެށިއެވެ. މަންޝާގެ ފޯނުން ހަސަންބެގެ ނަންބަރަށް ގުޅަން ޑައަލް ކޮށްލީ އަފްނާނު އޭނާގެ މަންމަ ނުރުހޭނެ ކަމެއް ނުކުރާނެކަަން މަންޝާއަށް އިނގޭތީއެވެ. ފޯނު ރިންގް ވޭވޭ ގޮސް ކެނޑުނު އިރުވެސް ހަސަންބެ ފޯނަކަށް ޖަވާބެއް ނުދެއެވެ. މަންޝާ ފުލުފުލުން ހައެއްކަ ފަހަރު ގުޅި އިރުވެސް ވީ ހަމަ އެހެންނެވެ. ހަސަނުގެ ފޯނަށް އެއްވެސް ޖަވާބެއް ނުދެއެވެ.
ފޯނު ކަންފަތުގައި ޖަހައިގެން އިން މަންޝާއަށް ތެޅިގަނެވުނީ ކުއްލިއަކަށް މީހަކު ދޮރު ހުޅުވާލުމުންނެވެ. ކަންފަތުން ފޯނު ދުރުކޮށްލަމުން މަންޝާ ދޮރާ ދިމާއަށް ބަލާލިއެވެ.
"އާދޭ... ޕިކަޕު އަތުވެއްޖެ... ހިނގާ.. އެއްވެސް އެއްޗެއް ބެހެއްޓިފަ އެބަހުރިތަ؟... ރަނގަޅަށް ބަލާތި؟..." މަދީހާ ކޮޓަރި ތެރެއަށް ވަދެ މުޅި ކޮޓަރިއަށް ނަޒަރު ހިންގާލިއެވެ. އޭރު އަފްނާނާ މަންޝާ އެނދުމަތިން ތެދުވެ ކޮނޑުގައި އަަތްދަބަސް އަޅުވާލިއެވެ. އަފްނާން ޗޫސް ދަމާލި އަޑަށް މަންޝާ ބަލާލިއެވެ. އަދި އަފްނާނުގެ އަަތުގައި އޮތް ދަބަސް މަންޝާ ޖަހައިގަތެވެ.
"ތިހާލުގަވެސް ދަބަސް އަަޅާތި... ދީބަލަ ދޮނާ އަތަށް..." މަންޝާ އާ އެކީ އަފްނާނު އެގެއިން ނިކުތް އިރު އެހެން އެންމެން ތިބީ ޕިކަޕުގައެވެ. ގެއިން އެންްމެން ނިކުތުމުން ހުރިހާ ދޮރުތައް ތަޅުލުމަށްފަހު މަދީހާ އައިސް ޕިކަޕަށް އަރަމުން މަޖުދީ އަތަށް ތަޅުދަނޑި ހަވާލުކުރިއެވެ. މަޖުދީއާ އެކީ ކުރީ ސީޓުގަ އިނީ މަންޝާގެ މާމަ ހަދީޖާއެވެ. ދެން ތިބި އެންމެން އެރީ ޕިކަޕުގެ ފަހަތަށެވެ.
މަޑު ދުވެލީގައި އައިސް ފާލަން ދަށަށް ޕިކަޕު ގާތްކޮށްލުމުން އެންމެން ޕިކަޕުން ފޭބިއެވެ. ދޯންޏަށް އަރާނީ އަދި ފަހުންނޭ ކިޔާ މަންޝާއާ އަފްނާން މަޑުކުރީ އަތިރި ކައިރީ ހުރި ހިލަ ގޮނޑިއެއްގައެވެ. "އަފޫ... ދޮނާ ވަރަށް ގުޅައިފިން ހަސަންބެއަށް... ހަސަންބެ ފޯނެއް ނުނަގާ..." ކައިރީގައި މީހަކު ނެތް ވަގުތެއް ބަލާފައި ހަސަންބެއަށް ގުޅި ވާހަކަ އަފްނާނު ގާތު މަންޝާ ބުންޏެވެ.
އޭރުވެސް އެ މާހައުލަށް ވަށައިގެން ކަޅި ހިންގަމުން އަފްނާނު ހޯދަމުން ދިޔައީ އޭނާގެ ބައްޕައެވެ. އޭނާގެ ބައްޕައާ ބައްދަލުކޮށްލަން ބޭނުންވެފައި ހުރިލެއް ބޮޑު ކަމުންނެވެ. އަފްނާނު ފޮނުވި މެސެޖް ބައްޕައަށް ލިބުނުތޯ ޔަގީންކުރަން އޭނާ ބޭނުމެވެ. އަފްނާން ފުރާ އިރު މިތަނަށް އަައިސް ދާނެ ކަމަށް އަފްނާންގެ ހިތް ބުނަމުން ދިޔައެވެ.
ބޯޓު ނައްޓާލާ ގަޑި ކައިރިވުމުން މަޖުދީ އައިސް މަންޝާއާ ސަަލާމް ކޮށްލިއެވެ. އަފްނާނާ މަންޝާއާ އެކީ ގޮސް ތޮށިގަނޑުކަ އިރީގައި އޮތް ބޯޓަށް އެރިއެވެ. އަދި މަތީ ޑެގުގައި ތިބި އާއިލާ މީހުން ގާތަށް އެމީހުން ދިޔައެވެ. ބޯޓުގައިވާ ކުޑަދޮރުތަކުން ބޭރުބަލަން ހުރި އަފްނާނުގެ ހިތް ތެޅި ފޮޅެނީއެވެ. ނޭނގޭ ބިރުވެރިކަމެއް އޭނާގެ ހިތުގައި ވަނީ އަށަަގެންފައެވެ. ފޯނަށް ބަލަން އިނުމަށްފަހު އެންމެފަހު ފަހަރަށް ބައްޕަގެ ނަންބަރަށް ގުޅާލަން ފިއްތާލީ ހިތާ ދެކޮޅަށެވެ. ވަށްކަޅިން މުނީރާއާ ދިމާއަށް ބަލަމުންނެވެ.
އެފޯނު ކެނޑުނު އިރުވެސް ހަސަނު އެ ކޯލަކަށް ޖަވާބެއް ނުދިނެވެ. އަފްނާނުގެ ލޯ ކަރުނުން ފުރުނެވެ.
*** *** *** *** *** ***
ރޭގަނޑު ދިހަގަޑި ބައިވީއެވެ. ހޮސްޕިޓަލުން މީރާ ޑިސްޗާޖް ކޮށްލީ ދެ ހަފްތާ ފަަހުން ޑަކްޓަަރަށް ދައްކަން އައުމަށް އެޕޮއިންޓްމަންޓް ހަމަޖައްސާފައެވެ. ހޮސްޕިޓަލުން ބޭރަށް ނުކުންނަށް މީރާއާ އެކީ ރިޔާޒާ ޟިރާރު ހިނގައިގަތެވެ. ގެއަކީ އޭޑީކޭ ހޮސްޕިޓަލާ މާ ދުރުގައި ހުރިތަނަކަށް ނުވުމުން އެމީހުން ގަސްތުކުރީ އެންްމެން އެކީގައި ހިނގާފައި ގެއަށް ދާށެވެ. މީރާގެ އަތުގައި ހިފަހައްޓައިގެން ހުރެ ސިންދިތާއާ ދިމާއަށް އެމީހުން ހިނގައިގަތެވެ.
ގެއަށް ވަދެ ލިފްޓްގެ ސްވިޗަށް ރިޔާޒް ފިއްތާލިއެވެ. ލިފްޓު އޭރު ވަނީ ހަތްވަަން ބުރީގައި ކަމުން ތިރިއަށް އަންނަން ކުޑަ ވަގުތުކޮޅެއް ނެގިއެވެ. މީރާ ހުރީ ލިފްޓް އަންނަ ސްޕީޑް ލަސްވެފައެވެ. އިރުއިރުކޮޅުން ލިފްޓަށް މީރާ ބަލާލައެވެ. އެއަށްފަހު ސިޑިއާ ދިމާއަށް މީރާ ބަލާލީ މިއަދު ދިމާވި ހާދިޡާ ލޯ މައްޗަށް ސިފަވުމުންނެވެ. ކުއްލިއަކަށް އެސިޑިއާ ދިމާއަށް ހުރި ހޮޅިބުރި ކަނިޖަހާފައި ނިވި ދިއްލުނެވެ.
މީރާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ބިރުގަނެ ހިތް އަވަސްވިއެވެ. ފަހަތަށް ފިޔަވަޅެއް އަޅާލީ ސިޑިއާ ދިމާއަށް ރަނގަޅަށް ބަލާލާށެވެ. މީރާގެ ދެލޯ އިތުރަށް ބޮޑުވެގެން ދިޔައީ ސިޑިމަތިން އޭނާއަށް ފެންނަމުން ދިޔަ މީހާ ހުރިގޮތުންނެވެ. އުއްޑުން އޮވެ ހަތަރު މޮށްގަަނޑު ޖަހައިގެން ސިޑިން ފައިބައިގެން އެ އަންނަނީ މާބަނޑު އަންހެނެކެވެ. އެނާގެ އިސްތަށިގަނޑުވަނީ ހޭވިފައެވެ. ސިޑިން ފައިބަމުން އައި އިރު އޭނާ ލައިގެން ހުރި ހުދު ކުލައިގެ ގަޔަށް ދޫ ޓޮޕް ކޮޅުވަނީ މައްޗަށް އަރާފައެވެ.
ބަނޑުގެ ބޮޑުބައިއޮތީ ހާމައަށް ފެންނާށެވެ. ބަނޑުގައި ތަންތަަންގަނޑު ހުރީ ކަޅުވެފަައެވެ. ހީވަނީ މުޅި ގައިގަ ކިސަޑު އުނގުޅާފަ ހުރިހެނެވެ. ސިޑި މައްޗަށް އަލިވާގޮތަށް ހުރި ބޮކީގެ އަލި ނިވި ދިއްލުނު ވަގުތު މީރާއަށް އެ އަންހެން މީހާގެ މޫނު ރަަނގަޅަށް ފެނުނެވެ. އެއީ ދެވަނަ މީހެއް ނޫނެވެ. އެއީ މީރާގެ ގާތްް އެކުވެރިޔާއެވެ.
"މަންޝާ..." ވައިއަޑުން މީރާ ގޮވާލީ ލޮލަށް ފެންނަމުންދިޔަ މަންޒަރު ގަބޫލު ނުކުރެވޭތީއެވެ.
"ހިނގާ ދާން... މަންޝާއަށް ގުޅާނީ މައްޗަށް ގޮއްސަ..." ރިޔާޒްގެ އަޑަށް ސިހިފައި މީރާ ބަލާލީ ލިފްޓާ ދިމާއަށެވެ. އޭރު ޟިރާރު ލިފްޓު ތެރޭގައި ދޮރު ހިފަހައްޓަައިގެން ހުއްޓެވެ. ރިޔާޒް އައިސް މީރާގެ އަތުގައި ހިފިއެވެ.
އެވަގުތު މީރާއަށް ބަލާލެވުނީ ސިޑިއާ ދިމާއަށެވެ. މަންޝާ ހުރި ގޮތް ރިޔާޒަށް ދައްކަން ބޭނުންވެފައި ހުރެއެވެ. ނަމަވެސް އޭރު ސިޑި މަތީ އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ވާހަކަ ދައްކަން އަަނގަހުޅުވި މީރާގެ އަތް އޭރު އަމާޒްވެފަައިވަނީ ސިޑިއާ ދިމާއަށެވެ. މީރާގެ އަނގައިން އެންމެ ބަހެއްވެސް ނުނިކުތެވެ.
މީރާއަށް ވަމުންދާ ގޮތް ރިޔާޒަށް ނޭނގޭނެކަން ކަށަވަރެވެ. އެ ފެންނަ ރޫހާނީ އެއްޗިސް އެ ފެންނަނީ މީރާއަށް އެކަންޏެވެ. ރިޔާޒަށް ވިސްނުނީ އެއީ މީރާ ސިޑިން ވެއްޓުނީމަ ވީ ގޮތެއް ކަމަށެވެ. ގެއަށް ވަދެ އަރާމު ކޮށްލަނިކޮށް މީރާ ހަމައަކަށް އެޅިދާނެކަމަށް ރިޔާޒްގެ ހިތް ގަބޫލުކުރިއެވެ. އަތުގައި ހިފައިގެން ގެނެސް ލިފްޓަށް މީރާ އެރުވީ ރިޔާޒެވެ. ލިފްޓުގެ ލެއްޕި ލެއްޕި ހުރި ދޮރު ދޭތެރެއިން ސިޑިއާ ދިމާއަށް މީރާ ހުރީ ބަލާށެވެ. ދެލޯ ބޮޑުކޮށް ކާއްޓެއްހެން ހަދައިގެން ބަލަބަލާ ހުއްޓާ ލިފްޓްގެ ދޮރު މުޅިން ލެއްޕިިއްޖެއެވެ.
ލިފްޓު މައްޗަށް ދާން ނައްޓާލި ވަގުތު މީރާގެ ބޮލަށް ތޫނު ތަދެއް އެރިއެވެ. ކަންފަތް ބަށްވީހެން ވެސް ހީވިއެވެ. ފަސްވަނަ ބުރިއަށް ލިފްޓް އައިސް މަޑުކޮށްލި ވަގުތު މީރާގެ ހިތް ބާރުބާރަށް ތެޅިގަތެވެ. ފަހަތަށް ފިޔަވަޅެއް އެޅުނީ ބޭއިޚްތިޔާރުގައެވެ. ފުން ނޭވާތަކެއް ލަމުން ދެލޯ ބޮޑުކޮށްގެން މީރާ ހުރީ ލިފްޓްގެ ދޮރު ހުޅުވޭތޯ ބަލަބަލައެވެ. ލިފްޓުގެ ދޮރު ހުޅުވުމާ އެކު ރިޔާޒް ލިފްޓުން ނުކުތެވެ. މީރާ އެހުރި ފިޔަވަޅުމަތީ ގުޑިވެސް ނުލާ ހުރީ ސިޑިއާ ދިމާއަށް ބަލާށެވެ. ލިފްޓު ތެރޭ ޟިރާރު ހުރީ މީރާ ނުކުންނަން ދެނެވެ.
"ދަރިފުޅާ... ނިކުންނަންވީނު... މި އާދެވުނީއްޔޭ..." މީރާގެ ކޮނޑުގައި ހިފާލަމުން ޟިރާރު ވާހަކަ ދެއްކީ މީރާއަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. އޭރު މީރާގެ ހަށިގަނޑު އެކީ ރޫރޫ އަޅަމުން ދިޔަކަަން ޟިރާރަށް އެނގުނެވެ. ދެލޯ ބޮޑުކޮށްލަމުން ރިޔާޒާ ދިމާއަށް ޞިރާރު ބަލާލިއެވެ.
މީރާއަށް އެތަނުން އެއްވެސް މީހަކު ނުފެންނަ ކަހަލައެވެ. ޟިރާރާ ރިޔާޒް އެތާ ތިބިތަން ވަނީ މީރާގެ ލޮލަށް ވަންހަނާ ވެފަައެވެ. މީރާއަށް ފެންނަނީ ސިޑިކައިރީ ފުރަގަސްދީގެން ރޯ އޮރިޔާމުން ހުރި އަންހެން ކުއްޖާއެވެ. އެކުއްޖާގެ ފަލަމަސްގަނޑާ ހަމައަށް އަންނަ ބުޅި ދިގު އިސްތަށިގަނޑުން ފުރަގަސް ނިވާވެފައި ހުއްޓެވެ. އޭރު އެ އަންހެން ކުއްޖާ މަޑުމަޑުން މީރާއާ ދިމާއަށް އެނބުރެނީއެވެ. މީ
ރާއާ ދިމާއަށް ސީދާ ބަލަހައްޓައިގެން ހުރުމަށްފަހު އޭނާގެ ނަޒަރު ތިރިކޮށްލީ މީރާގެ ބަނޑާ ދިމާއަށެވެ. ބިރުން ހުރި މީރާއަށް ހޫނުވެ ދާހިއްލަން ފެށިއެވެ. ދެބުމަ ގޮށް ޖަހައިގެން މީރާ ހުރި އިރު ތުންފަތުގައި ތުރުތުރެއް ހުއްޓެވެ. މީރާގެ ކަންހުޅިތެރެއިން ދާތިކި އޮހޮރެމުން ދިޔައިރު މީރާ ހާސްވެ ބިރުގެންފައިވާކަން އޭނާގެ މޫނުމަތިން ދޭހަވެއެވެ.
ކަޅި ޖަހާނުލާ މީރާ ހުރީ އެ ފެންނަ މަޚްލޫގާ ދިމާއަށް ބަލާށެވެ. ދެން ފެނުނީ އެ އަަންހެން ކުއްޖާގެ ކުދި ބުޅި އިސްތަށިތައް ފޯލި ފޯއްޔަށް ވައިގެތެރޭ ވިހުރެން ފެށިތަނެވެ. އޭނާގެ އިސްތަށިގަނޑެކޭ ބޯވަ ފައިތަކެކޭ ތަފާތެއް ނެތެވެ. ގައިގެ ހަންގަނޑު ހުދުވެގެން ދިޔައެވެ. މުޅިގައިގަ ހުޅުނބު ފަޅަން ފެށިއެވެ. އޭނާގެ ދެލޯ ވަނީ ނޫކުލައިން ދިއްލިފައެވެ. މީރާ ހާސްވެ ދެލޯ ބޮޑުވީ އެ މަޚްލޫގު މީރާއާ ދިމާއަށް ކުރިއަށް ޖެހުމުންނެވެ. އޭރު އެ މަޚްލޫގު ހުރީ އުޑަކު ބިމަކު ނުޖެހިއެވެ. މީރާ ގައިން ހީބި ހިލުވާލިއެވެ. މީރާގެ ގައިގައި އޭތީގެ އަތް ޖައްސާލުމާއެކީ ރޯމަހެއްހެން ތެޅެން ފެށިއެވެ.
ދެއަތުން ތަޅަމުން މީރާ ހަޅޭއްލަވާ ރޯން ފެށިއެވެ. "ނޫން.. ނޫން... އަހަރެން ގައިގަ އަތް ނުލާތި... މިތަނުން ދޭ... ނޫން... އަތްނުލާށޭ.... ކަލޭ ތިއުޅެނީ އަހަރެން ކޮށްޕާލަން... އަހަރެން މަރާލަން... އަހަރެންގެ ކުއްޖާވެސް މަރާލަން... ނޫން.. ނޫން..."
"އޭއި މީރާ.... ހަމަ ޖެހިބަލަ މީ މަށޭ...." މީރާގެ ދެއަތުގައި ހިފާ ރިޔާޒް ތަޅުވާލިއެވެ. ދެލޯ މަރައިގެން ހުރެ ދެއަތް ތެޅިފޮޅެމުން ހަޅޭއްލަވަމުން ދިޔަ މީރާގެ ކަންފަތުގައި ރިޔާޒްގެ އަޑު ޖެހުމާއި އެކީ ގަޔަށް އަރުވަމުން ދިޔަ ވަރުގަނޑު މުޅިންހެން މަޑު ވެއްޖެއެވެ.
"ކީކޭތަ ތި ކިޔަނީ؟... ކާކު މަރާލަން އުޅެނީތަ؟... ކިހނެއްވީތަ؟...މީރާ ވާހަކަ ދައްކަބަލަ..." ރިޔާޒް ހުރީ އިންތިހާއަށް ހާސްވެފައެވެ. މީރާގެ އަނގައިން ބޭރުވި ބަސްތަކުން މީރާއަށް މީހަކު އުނދަގޫ ކުރާކަށް ރިޔާޒަށް ނަގައިގަނެވުނެވެ.
"ތިވާހަކަ ދައްކާނީ އެތެރެއަށް ގޮސް.... އާދޭ އެތެރެއަށް..." ޟިރާރު ލިފްޓުން ފައިބަމުން މީރާގެ އަތުގައި ހިފަމުން އެތެރެއަށް ހިނގައިގަތެވެ. އެޕާޓްމަންޓްގެ ދޮރާ ހަމައަށް ދިޔަ އިރުވެސް މީރާގެ ނަޒަރު ހުއްޓިފައިވަނީ ސިިޑިއާ ދިމާއަށެވެ. އޭރު މީރާ ބިރުން ރޫރޫ އަޅަނީއެވެ. އަނގައިން ބަހެއް ނުބުނެވުނެވެ.
ސޯފާގައި މީރާ ބޭންދުމަށްފަހު ރިޔާޒް އަވަސްވެގަތީ ފެންތައްޓެއް އަޅާށެވެ. ފެންފޮދެއް ހިފައިގެން މީރާ ގާތަށް ޖެހުނުއިރު މީރާގެ މޫނަށް އަރާފައިވާ ކުލަވަރުން ރިޔާޒް ހުއްޓުން އެރިއެވެ. އަދިި މަޑުމަޑުން މީރާގެ ނިތްކުރީގައި ރިޔާޒްގެ އަތުގެ ކަޅުހަންޖައްސާލިއެވެ. މީރާއިނީ ހުން އައިސްފައެވެ. ޑޮކްޓަރ ދިން ބޭސްތައް ނަގާ މީރާއަށް ފަހަރަކު ގުޅައެއް ރިޔާޒް ދިއްކުރިއެވެ. ބޭސްތަކާއި އެކީ ފެންތަށި ބޮއި ހުސްކޮށްލުމަށްފަހު މީރާ ބޭނުންވީ އަރާމު ކޮށްލަން ކޮޓަަރިއަށް ދާށެވެ.
"އަހަރެންނަށް އަހަރެން ސިޑިން ކައްސާލި މަންޒަރު ފެންނަ ކަހަލަ... ހޮސްޕިޓަލުގަ އޮއްވާ ފެނުނު ބިރުވެރި ހުވަފެން އަދިވެސް ލޯމައްޗަށް ސިފަވާ ކަހަލަ... އަހަރެން ބޭނުމީ ނިދާލަން... ރިޔާ... މިދަނީ ކޮޓަރިއަށް..." މީރާއަށް ވީގޮތުން ރިޔާޒް އެތައް ސުވާލެއް ކުރާނެކަން މީރާއަށް އެނގުނެވެ. ނަމަވެސް މީރާ ބޭނުންވީ އެކަން ސިއްރު ކުރާށެވެ. އަވަހަށް ކޮޓަރިއަށް ވަދެ އަތުގައި ތަވީދު އެޅުމުން އޭތީގެ އުނދަގުލެއް ނުޖެހޭނެކަން މީރާއަށް އެނގުނެވެ. އާއިލާ އެންމެން ހާސްކުރުވަން މީރާ ބޭނުން ނުވާތީ އެ ވާހަކަ އޮޅުވާލިއެވެ.
ސޯފާއިން ތެދުވެގެން ކޮޓަރިއަށް ދިއުމަށް މީރާ އަވަސްވެގަތެވެ. ބިއްލޫރި ހުސް ތަށި ކާ މޭޒުމަތީ ބެހެއްޓުމަށްފަހު ރިޔާޒް އެނބުރުނީ މީރާ ކައިރީ ދެންމެ ވީ ކަންތައް އޮޅުން ފިލުވާށެވެ. ނަމަވެސް އޭރު މީރާ ގޮސް ކޮޓަަރިއަށް ވަންނަަނީއެވެ. އެހެންކަމުން ރިޔާޒްވެސް ބެނުންވީ ކޮޓަރިއަށް ދާށެވެ. މިއަދު އޮފީހަށް ދިޔައީތީ މީރާއާ ދުރުގަ ގިނަވަގުތު އުޅެން ޖެހުމުން ރިޔާޒް ބޭނުންވީ މީރާއާ އެކީ ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. ނަމަވެސް ރިޔާޒްގެ ފިޔަވަޅު ހުއްޓުމަކަށް އައީ ޟިރާރު ގޮވާލުމުންނެވެ. ސޯފާގައި އިށީނދެގެން އިން ޟިރާރު ކަމަކާ ވިސްނަމުންދާ ކަން ރިޔާޒަށް ނަގައިގަނެވުނެވެ. އަވަހަށް ބައްޕައަށް ޖަވާބުދާރީ ވަމުން އައިސް ސޯފާ ކައިރިއަށް ހުއްޓިލީ ބައްޕަ ބުނަން އުޅޭ ވާހަކައެއް އަޑު އެހުމަށެވެ.
"ދަަރިފުޅާ... މަންޝާ ދަންނަންތަ؟..." ދެބުމަ ގޮށް ޖަހައިގެން އިން ޟިރާރު ކުރި ސުވާލުން ރިޔާޒް ހައިރާންވިއެވެ.
"އާން... އެއީ އަޒީމްގެ އަންހެނުން... ބައްޕައަށް އިނގެއެއްނު އަޒީމް... އަލިތައްކާނާ އިބްޒީމާގެ ދަރި...." ރިޔާޒަށް މަންޝާ އެނގުނުގޮތް ކިޔައިދޭން ފެށީ ޟިރާރުގެ މަގަތުން ސޯފާގައި އިށީންނަމުންނެވެ.
"އާން...ތިކަން އިނގޭ... މީރާ އެ މަންޖެ ދަނޭތަ؟... މަންޝާ އެއީ ކޮން ރަށަކު ކުއްޖެއްތަ؟..." ޟިރާރު އިތުރު ސުވާލުތައް ކުރަމުން ރިޔާޒާ ދިމާއަށް އެނބުރިލިއެވެ.
"މީރާ އާއި މަންޝާއާ އެކީ އުޅުނީ ކިޔަވަން... މާލޭގަ ފެކަލްޓީގަ ދެމީހުން އެކީގަ ކޯސް ހަދަން އުޅުނީ.. އޭރުން ފެށިގެން މަންޝާއާއި މީރާ ވަރަށް ގާތްވާނެ.. މަންޝާ އެއީ ކާށިދޫ ކުއްޖެއް... ކިހިނެއްވީ ބައްޕާ؟..." ރިޔާޒް ސޯފާއިން ތެދުވަމުން ބައްޕަ އެހާވަރަށް މަންޝާއާ ބެހޭގޮތުން ސުވާލު ކުރީ ކީއްވެތޯ އަހާލިއެވެ.
"ކަމެއް ނުވޭ؟... ބަލަ މިއޮއް ޚަބަރެއް... މިއަދު މަޖްލިސް ކުރިއަށް ނުގެންދެވިގެން ހުއްޓާލީ ޔޯ.. މިއޮތީ ވާކަމެއް!..." ޓީވީގެ ރިމޯޓް ނަގާ އަޑުބާރުކޮށްލަމުން ޟިރާރު ވާހަކަ އޮޅުވާލަން މަސައްކަތް ކުރިއެވެ. އެވަގުތު ޓީވީން ދައްކަމުން ދިޔަ ޚަބަރަށް ރިޔާޒްގެ ސަމާލްކަން ހުސްވިއެވެ. އަނބުރާ ސޯފާގައި އިށީނދެ ހަމަޖެހިލިއެވެ.
*** *** *** *** *** ***
ފަތިހު މާލެ ފަޅަށް ބޯޓު އައިސް ވަނުމާ އެކީ މަންޝާ ތެދުވެ ހިންދެމިލިއެވެ. އަތްދަބަހަށް ހުރިހާ ސާމާނެއްލާ ހަމަކޮށްލުމަށްފަހު ބިއްދަށަށް އެނބުރިގެން އޮތް އަފްނާނުގެ ގައިގާ ކޮއްޓާލިއެވެ. އޭރު މުނީރާއާ މަދީހާއާ ވެގެން ތަންމަތި ބަންނަނީއެވެ.
ސިހިފައި އަފްނާނު ތެދުވެ އޭނަ ބޯ އަޅައިގެން އޮތް ބާލިސް މުނީރާ އަތަށް ދިއްކޮށްލިއެވެ. ބާލީހުގައި މުނީރާ ނުހިފައި އޭނާ ކުރަމުން ދިޔަ މަސައްކަތައިގެން އަވަދި ނެތި އުޅުނެވެ. އަފްނާނު ކަރު އެލުވާލިއެވެ. އޭނާގެ މަންމަގެ ފަރާތުން އަޅާލުން ނުލިބޭނެކަން އޭނާއަށް އެނގެއެވެ. އެންމެ ފަހުން އަފްނާނުގެ އަތުގައި އޮތް ބާލީހުގައި ހިފީ މަދީހާއެވެ. ބެޑްޝީޓާ އެކީ ބާލީސްތައް ބަނދެލުމަށްފަހު ބޯޓުން ފޭބުމަށް އެންމެން އަވަސްވެގަތެވެ.
"ދަރިފުޅާ... މަންމައަށް އަޒީމް ދައްކަށްޗޭ!... މަންމައަށް ނޭނގޭނެ ފެނުނަސް..." މަދީހާ ހުރީ އަޒީމާ ބައްދަލު ކުރާ ހިތުން ކެތްމަދު ވެފައެވެ.
އަޒީމްގެ ނަން ހިތަށް އެރުމުން މަންޝާގެ މޫނުގެ ކުލަވަރު އޮއްސުނެވެ. ބޯޓުން ފައިބަމުން ތޮށިގަނޑު ކައިރިއަށް އައިސްފައިވާ ޕިކަޕުތަކާއި ޓެކްސީތަކާއި އެތަނަށް އައިސް ތިބި މީހުންނާ ދިމާއަށް ބަލާލެވުނެވެ. ދުރުން މީހަކު އަތް ހަނާއަޅާލިތަން ފެނުމުން މަންޝާއަށް އެދިމާއަށް ބަލާލިއެވެ.
މަދީހާގެ އުޅަނބޮށީގައި ކޮއްޓާލަމުން މަަންމައަށް މަންމަގެ ދަނބިދަރި ދައްކާލަން އިނގިލިން އަޒީމާ ދިމާއަށް އިޝާރާތްކޮށްލަމުންނެވެ. މަދީހާމެން ތިބި ދިމާއަށް އަޒީމް އައިސް ހުއްޓެމުން މަދީހާއާ ސަލާމްކޮށްލިއެވެ.
(ނުނިމޭ)