ރިޔާޒަށް އެކޮޅުން ޖަވާބުދިނީ ޟިރާރެވެ. އޭނާގެ ބައްޕައެވެ. ކުއްލިއަކަށް ހޮސްޕިޓަލަށް އަންނަން އެދުމުން ރިޔާޒްގެ ބޮލުގައި ރިއްސާލިއެވެ. ކިހިނެއްވީތޯ ސުވާލުކުރުމުން މީރާ ހޮސްޕިޓަލަށް ގެންދިޔަ ވާހަކަ ޟިރާރު ބުނެ ފޯނު ކަނޑާލިއެވެ.
ރިޔާޒް ތެދުވެ ޖީބުން ވޮލެޓުނަގާ މުނާޒް އަތަށް ދެހާސް ރުފިޔާ ހަވާލުކުރުމަށްފަހު ބިލް ދައްކާލަ ދިނުމަށް އެދެމުން އޭނާ އެތަނުން ނުކުންނަން ހިނގައިގަތެވެ. ކާމޭޒުވަށާ ތިބި އެންމެންގެ ލޯތައް އޭރު އަމާޒްވެފައި ވަނީ ރިޔާޒާ ދިމާއަށެވެ. މަޖާކޮށް ސަކަރާތް ޖަހަމުން ދިޔަ އެންމެންގެ އަޑު ކެނޑި މުޅިތަނަށް ހަމަހިމޭންކަން ވެރިވެއްޖެއެވެ. ރިޔާޒްގެ އަތުގަަައި މުނާޒް ހިފާލީ ވީ ގޮތެއް އޮޅުން ފިލުވާށެވެ. އެވަގުތު މުނާޒާ ދިމާއަށް އެނބުރުނު ރިޔާޒްގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔަތަން ފެނުނެވެ.
"މީރާ ކުއްލިއަކަށް ހޮސްޕިޓަލަށް ގެންގޮސްފި... ފަހުން ގުޅާނަން.. ސޮރީ... އައި ހޭވްޓު ގޯ..." މުނާޒަށް ބަހެއް ނުބުނެވެނީސް ރިޔާޒް ސިޑިން ފައިބަން ހިނގައިގަތެވެ. އެންމެން ތިބީ ބުނާނެ އެއްޗެއް ނޭނގިފައެވެ. މީރާއަށް ދެރަގޮތެއް ވާކަށް އެތަނުން އެކަކު ވެސް ނޭދެއެވެ.
ދޮންމަނިކު ރެސްޓޯރަންޓުން ނުކުމެ ރިޔާޒް މިސްރާބް ޖެހީ ހޮސްޕިޓަލާ ދިމާއަށެވެ. އޭރު ރިޔާޒްގެ ސިކުނޑީގައި އެކި ފާޑުފާޑުގެ ނުބައި ހިޔާލުތައް އެނބުރެމުން ދިޔައެވެ. އޭނާއަށް ކަމެއް ގޯސް ވެއްޖެކަން ކަށަވަރެވެ. ބައްޕަގެ އަޑާއި ރާގު ހުރިގޮތުން އޭނާއަށް އެކަން ޔަގީނެވެ.
ހޮސްޕިޓަލަށް ވަދެ ރިޔާޒް ގުޅާލީ ޟިރާރުގެ ނަންބަރަށެވެ. ފޯނު ނެގުމާއެކު އަވަސް ފަރުވާދޭ ކޮޓަރިއަށް އައުމަށް ޟިރާރު އެދުނެވެ. ތެޅިތެޅިއޮތް ހިތަކާއި އެކީ ރިޔާޒް މިސްރާބުޖެހީ އަދިވެސް ވެގެން އުޅޭގޮތެއް ނޭނގޭ ހާލުގައެވެ. އޭނާގެ ހިތަށް ތަފާތު އުނދަގޫތަކެއް ވަމުންދިޔައެވެ. އަވަސް ފަރުވާދޭ ކޮޓަރިއަށް ވަނުމާއި އެކު ކުރިމަތީ ހުރި އެނދުގެ ފަރުދާކަހާލަމުން ޟިރާރު ބޭރަށް ނުކުތް ތަން ފެނުނެވެ. ރިޔާޒް އެ އެނދާ ގާތް ވުމަށް ކުރިއަށް ޖެހިލިއެވެ. އެވަގުތު ޟިރާރު އިސް އޮބާލިއެވެ.
"ބައްޕާ... މީރާއަށް ކިހިނެއްވީ؟... މާ ގިނައިން ހޮޑުލަނީތަ؟..." ރިޔާޒް ކުރި ސުވާލުތަކުން ޟިރާރުގެ ހިތުގައި ރިހުމެއް އުފެދުނެވެ.
"މީރާ... ސިޑިން ވެއްޓުނީ... ލިފްޓް ހުއްޓިފައި ހުރީމަ އޭނަ ސިޑިން މައްޗަށް އެރީ... ހަޅޭއްލަވައިގެން އަޑަށް އަހަރެން ނުކުތީ... އޭރު މީރާ..." ޟިރާރު ވާހަކަ ދައްކަދައްކަ ހުއްޓާ ރިޔާޒް އެނދާ ދިމާއަށް މިސްރާބު ޖެހީ އޭނާގެ ހިތަށް ކެތްނުކުރެވިގެންނެވެ.
އެނދު ކައިރިއަށް ދިޔައިރު އެނދުގައި އޮށޯވެގެން އޮތް މީރާ ފެނުނެވެ. އޭނާގެ ދޮން ހަށިގަނޑުގެ އެތަން މިތަން ވަނީ ނޫފައިގެންފައެވެ. ނިތްކުރިމަތީގައި އޭރު ލޭގަނޑުވެފައި ހުއްޓެވެ. މޫނުވެސް ވަނީ ދުޅަވެފައެވެ. މީރާއަށް ރިޔާޒް ގޮވާލި އިރު އޭނާގެ އަޑުގައި ކުރަކިކަމެއް ހުއްޓެވެ. ރިޔާޒާ ދިމާއަށް މީރާ ބަލާލިއެވެ. އޭނާގެ ލޯވަނީ ރޮއިރޮއި ދުޅަވެފައެވެ.
އަނގައިން ބަހެއްވެސް ބޭރުނުކޮށް އެނދުން ބޯ ހިއްލާލަމުން އޭނާ ރިޔާޒްގެ ގައިގައި އޮޅުލައިގަތެވެ. ރިޔާޒް މީރާގެ ބޮލުގައި ފިރުމާލިއެވެ. އެވަގުތު އެތަނަށް އޭޑީކޭ ޔުނީފޯމްގައި ހުރި ނަރުސްކުއްޖެއް އައެވެ. މީރާގެ މަންމަ ޞަފޫރާ އެތާ ހުރިކަން ރިޔާޒަށް އެނގުނީ އެވަގުތެވެ.
ނަރުސް ކުއްޖާ އައިސް ހުންބަލާ މެޝިން މީރާގެ ކަންފަތަށް ކޮށްޕާލިއެވެ. "ޝީޒް.. ހެވިން ފީވާ... ބަޓް ވެރީ ލިޓްލް..." ބޭރު ނަރުސްކުއްޖެއް ކަމުން އޭނާ ވާހަކަ ދެއްކީ އިނގިރޭސި ބަހުންނެވެ. އެއަށްފަހު ލޭގެ ޕްރެޝަރު ބަލަން މީރާގެ އަތުގެ މުލައްދަނޑީގައި އެއްޗެއް އޮޅާލިއެވެ. އެ އެނދު ކައިރިއަށް ދެވަނަ ނަރުސް ކުއްޖެއް އައިސް މީރާއާ ގާތް ވެލީ ނިތްކުރީގައި ބޭސް އަޅާދޭށެވެ.
"ސިސްޓަރ... ޝީސް ސިކްސް ވީކްސް ޕްރެގްނަންޓް... ހައުޒް އަވަރ ބޭބީ..." ބޭސްއަޅަން އައިސް ގާތްވި ފިލިޕީންސް ނަރުސް ކުއްޖާ ގާތު ރިޔާޒް ސުވާލު ކޮށްލިއެވެ.
ބަނޑުގައިވާ ދަރުފުޅުގެ ވިންދުބަލަން ނަރުސްކުއްޖާ އަވަސް ވެގަތީ ދެނެވެ. އަދި މީރާ ދައްކަނީ އަންހެނުންގެ ހާއްސަ ކޮން ޑޮކްޓަރަކަށް ތޯ އޮޅުން ފިލުވުމަށްފަހު އެ ނަރުސްކުއްޖާ އަވަސް ފަރުވާދޭ ކޮޓަރީގެ ކައުންޓަރުގައި ހުރި އަންހެނެއް ގާތު ޑޮކްޓަރު ޝީލާއަށް ގުޅާލަން އެދުނެވެ.
މީރާ ސިޑިން ވެއްޓުނީކަން ރިޔާޒަށް އެނގިގެން ކިހިނެއްތޯވީ މީރާއާވެސް ސުވާލުކޮށްލިއެވެ. މީރާ ޖަވާބެއް ނުދީ ހިމޭނުން އޮތީ އޭނާއަށް ފެނުނު މަންޒަރު ސިފަކޮށްދީފިއްޔާ އެމީހުން ގަބޫލު ނުކުރާނެ ކަން އެނގޭތީއެވެ. ސިޑި މަތިން އޭނާއަށް ފެނުނު ނުބައި ސިފައަކަށް ހުރި އެތީގެ ސޫރަ އޭނާގެ ހިތުން ފިލައިގެން ނުދާނެ ކަން ކަށަވަރެވެ. މިވަގުތު އެވާހަކަ ދައްކާކަށް މީރާއަކަށް ލާހިކެއް ނޫނެވެ. އޭނާގެ އަތުގައި ތަވީދުނެތުމުން އެކަމާ ޖެހިލުންވިއެވެ.
ބޭބީގެ ވިންދުބަލަން އައިސް އެއެނދު ވަށާ ފަރުދާ ކަހާލަމުން ނަރުސް ކުއްޖާ ވާހަކަ ދެއްކިއެވެ. "ޑޮކްޓަރ ޝީލާ އިޒް ކަމިން... ޑޯންޓް ވޮރީ.... އައި ނީޑް ޓު ޗެކް ބޭބީސް ހާޓް ބީޓް... ވައި ޔޫ ފެލް ފްރޮމް ދަ ސްޓެއާސް... ވާ ޔޫ ފީލިން ޑިޒީ..."
މީރާ ލައިގެން ހުރި ޓޮޕްކޮޅު މައްޗަށް އަަަރުވާލަމުން، ތިރިއަށް ލައިގެންހުރި ޓައިޓު ދަށްބަނޑު ފެންނަވަރަށް ތިރިކޮށްލަމުން މީރާ ބޯ ޖަހާލިއެވެ. މީރާގެ ބަނޑުގައި ވެސް ނޫފައިގަތްފައިވާ ތަންތަން ހުއްޓެވެ. މީރާގެ އަތުގައި ހިފަހައްޓައިގެން ހުރި ރިޔާޒްގެ ހިތް ބާރުބާރަށް ތެޅިގަތެވެ. ސިޑިން ވެއްޓުނު އިރު މީރާއަށް ވެފައި ހުރި ގޮތް ފެނުމުން އެކަމާ ރިޔާޒް ވަރަށް ދެރަވިއެވެ.
މީރާގެ ބަނޑު މައްޗަށް ޖެލްއަޅާލުމަށްފަހު ނަރުސް ކުއްޖާ އެ މެޝިން ބަނޑުގައި ޖައްސާލިއެވެ. އެއްފަހަރު ކަނާތް ފަރާތުގައެވެ. އަނެއްފަަަހަރު ވާތް ފަރާތުގައެވެ. މީރާއަށާ ރިޔާޒަށް ބެލުނީ އެކަކު އަނެކަކުގެ މޫނަށެވެ. އިރުކޮޅެއް ވީ އިރުވެސް ނަރުސް ކުއްޖާއަށް ބޭބީގެ ވިންދެއް ނުލިބުނެވެ. ނަރުސް ކުއްޖާވެސް ހާސްވީ ދެނެވެ.
*** *** *** *** *** ***
އަފްނާނަށް ގުޅާ ގުޅާ މޮޔަވިއިރުވެސް ހަސަނުގެ ފޯނަކަށް އަފްނާނު ޖަވާބެއް ނުދިނެވެ. އެކަމާ ހަސަނު ބޯހާސް ވިއެވެ. ގެއާ ދުރު ހިސާބެއް ކަމަށް ވިޔަސް މުނީރާމެން ގޯއްޗާ ކައިރި އަތިރިމަގަށް ހަސަނު ނިކުތީ ފަހަރުގައި އެގެއިން މީހަކު ފެނޭތޯއެވެ. ފޯނާ ކުޅެމުން ހަސަނު ގޮސް ހުއްޓިލީ ހިރުނދުގަހެއްގެ ކައިރީގައެވެ. ފޯނުން ނަޒަރު ދުރުކޮށްލި އިރު ހަސަނުގެ ލޮލުގައި އަޅައިގަތީ މަންޝާއެވެ. ގަހުގައި ލެގިލައިގެން ހުރި އިރު މަންޝާއަށް ކޮންމެވެސް އުނދަގުލެއް ވާކަން ހަސަނަށް ނަގައިގަނެވުނެވެ.
ހަސަނު ކުރިއަށް ޖެހިލަމުން ގޮވާލިއެވެ. "މަންޝާ... މިތާ ކީއްކުރަނީ؟..."
އެވަގުތު ހަސަނުގެ ފޯނަށް މެސެޖެއް އައެވެ. އެއީ އަފްނާނުގެ މެސެޖެކެވެ. ހަސަނު އެމެސެޖް ކިޔަން އުޅުނު ނަމަވެސް އެ ކިޔާކަށް ނޭނގުނެވެ. ހަސަނަކީ އެހާ މޮޅަށް އިނގިރޭސި ލިޔަންކިޔަން ދަންނަ މީހަކަށް ނުވާތީއެވެ. އެހެންވެ ފޯނު އެއޮތް ގޮތަށް ސްކްރީން ނިއްވާލުމަށްފަހު ޖީބަށް ލިއެވެ.
ހަސަނު އިސް އުފުލާލަމުން މަންޝާއާ ދިމާލަށް ބަލާލިއެވެ. ދެންމެ ފެނުނު މަންޝާއާ މިހާރު މަންޝާ ހުރިގޮތް ހާސްބައި ތަފާތެވެ. އެކަން ހަސަނަށް ފާހަގަވީ މަންޝާގެ މޫނުންނެވެ. ކުރިން މޫނުމަތި މިލާފައިވާ މަންޝާ މިހުރީ ހެވި ދިލިފައެވެ. މޫނުމަތިން ފެންނަނީ ތާޒާ ކަމެވެ.
ހިނިތުންވަމުން މަންޝާ ހިނގައިގަތީ ހަސަނާ ދިމާއަށެވެ. އޭރު ހަސަނު ހުރީ މަންޝާ ގާތުން އެތައް ވާހަކައެއް އޮޅުން ފިލުވަން ބޭނުންވެފައެވެ. މަންޝާގެ ބޮލުންފެށިގެން ފަޔަށް ހަސަނުގެ ނަޒަރު ހިންގާލިއެވެ. މަންޝާ ލާފައި ހުރި ހެދުން ވަރަށްވެސް ރީއްޗެވެ. އެހާ ނަލަހެދިލައިގެން އެ ނިކުތީ ކޮން ބޭނުމަކުތޯ އަހާލާ ހިތްވިއެވެ. މަންޝާގެ ތުންފަތަށް ވެރިވެފައިވާ ހިނިތުންވުމަށް ބަލަން ހުރުމަށްފަހު ހަސަނު ވާހަކަ ދެއްކީ ކަރު ކެހިލަމުންނެވެ.
"ކޮބާތަ އަފޫ؟.. އަހަރެން ގުޅިއަސް މިހާރު ފޯނެއް ވެސް ނުނަގާ؟.. މުނީރާ ކިހިނެއް؟... މިރޭ.... ތި މީ..ހުން... ފުރާ..ދޯ..." ޖޯޝާއެކީ ވާހަކަ ދައްކަމުން ދިޔަ ހަސަނުގެ ބަސްތައް ދެމެމުން ހުއްޓެމުން ދިޔައީ މަންޝާ އައިސް އޭނާގެ ގާތުގައި ހުއްޓުމުންނެވެ. މަންޝާ ހުރީ ސީދާ ހަސަނުގެ ލޮލަށް ބަލާށެވެ. މިފަދަ ދަނޑިވަޅެއްގައި ހަސަނުގެ ހިއްސުތައް ހިމޭނުން ހުންނާނީ ކިހިނެއް ހެއްޔެވެ. އަފްނާނު ރުހިގެން ހަސަނާ އެކީ އުޅުނު ހެން އުޅެން މަންޝާ ވެސް ބޭނުންވަނީ ކަންނޭނގެއެވެ.
މަންޝާގެ މުލައްދަނޑީގައި ހަސަނު ފިރުމާލަމުން ވާހަކަ ދެއްކިއެވެ. "މަންޝާ... މުނީރާގެ ކިބައިން އަހަރެން ސަލާމަތް ކޮށްދިނީމަ އެކަމާ ޝުކުރު ވެސް އަދާ ނުކުރަން ދޯ... މަންޝާ އެދުވަހު އެތަނަށް ނައިނަމަ މުނީރާ އަހަރެން ކޮށާލީސް..."
ހަސަނު ފިރުމާލި އަތާ ދިމާއަށް މަންޝާގެ މޫނު އަނބުރާލަމުން ބަލާލިއެވެ. އަދި ހަސަނުގެ އަތުގައި ހިފާލިއެވެ. އެ ހުރި ފިޔަވަޅުމަތީ ހަސަނު ހުރީ ގުޑިވެސް ނުލައެވެ. ހަސަނުވަށާ މަންޝާ ހިނގާލިއެވެ. އަދި ހަސަނުގެ ފަހަތުގައި ހުއްޓިހުރެ ގަސްތަކުގެ ތެރެއަށް ވަނުމަށް މަންޝާ މިސްރާބު ޖެހީ ހަސަނުގެ ބުރަކަށީގައި ފިރުމާލަމުންނެވެ.
ހަސަނުގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ފަހަތަށް އެނބުރި ބަލާލިއިރު މަންޝާ ހުރީ ހަސަނާ ފަސްވަރަކަށް ފޫޓު ދުރުގައެވެ. ގަސްތަކުގެ ތެރެއަށް ވަނުމަށް މަންޝާގޮސް ހުއްޓިގެން ހުރެ އެއްއަރިއަށް އެނބުރެމުން ހަސަނާ ދިމާއަށް މަންޝާ ބަލާލީ ކަތި ނަޒަރަކުންނެވެ. މަންޝާގެ މޫނުމަތިން ފާޅުވަމުން ދިޔައީ މަސްތީ ގޮތެކެވެ. ދެ ތުންފަތް މަޅާލަމުން ތުންފަތުގައި ހުރި ލިޕްސްޓިކްތައް ދެ ތުންފަތުގައި ހާކާލިއެވެ. މަގުގެ ދެފަރާތަށް ބަލާލުމަށްފަހު މަންޝާގެ ފަސްފަހަތުން ވަލުތެރެއަށް ވަނުމަށް ހަސަނު އަވަސް ވެގަތެވެ.
ވަލުތެރެއަށް ވަދެވުމުން ފާޅުވަމުން ދިޔައީ އަނދިރިކަމެވެ. އެ އަނދިރި ކަމުގެ ތެރެއިން މަންޝާ ފެންނާކަށް ނެތެވެ. އޭނާ ހަސަނަށް ފިލީހެއްޔެވެ. ލާނެއް މަންޖެގަނޑެކޭ ހަސަނުގެ ހިތަށް އެރިއެވެ. އަނދިރިކަމުގެ ތެރެއިން ކުރިއަށް ދާން ހަސަނު ފިޔަވަޅު އަޅާލިއެވެ. ބިންމަތީގައިވާ ކުނިބުނިތަކާއި، ހިކިފައިވާ ފަތްތަކާއި، ގޮފިކޮޅުތަކުގެ މަތިން ހަސަނު ފިޔަވަޅު އަޅާލި އިރު އެތަނުން އިވެމުން ދިޔައީ އެ ތަކެތި މުގުރުމުން ގޮވާ އަޑެވެ. ކުއްލިއަކަށް ހަސަނަށް ސިހުމެއް ލިބުނީ މަންޝާގެ ހުނުމުގެ އަޑު ވަލުތެރޭ ގުގުމާލުމުންނެވެ.
އަޑު އައި ދިމާއަށް ހަސަނު ބަލާލިއެވެ. ލޮލުގައި އަޅައިގަތީ ދުރުގައި އޮތް ހުދުކުލައިގެ ބޫޓު ކިބައެވެ. ހަސަނު ހިނިތުންވަމުން އެ ދިމާއަށް ހިނގައިގަތެވެ. އަދި ބޫޓުކިބަ އަތަށް ނަގާ ކުރިއަށް ހިނގަމުން ދިޔައީ މަންޝާއަށް ގޮވަމުންނެވެ. އަނެއްކާވެސް މަންޝާގެ ހުނުމުގެ އަޑު އިވިގެން ދިޔައެވެ. ގަހެއްގެ ބުޑުގައި މަންޝާގެ ބޫޓު ކިބައާ ކަރުގައި އަޅާފައި އޮތް ފަށް އޮތެވެ. އެ ބޫޓުކިބަ ނަގަމުން ހަސަނު އަނެއްކާ ވެސް ކުރިއަށް ހިނގައިގަތެވެ. ދެބޫޓު ދެއަތަށް ލައިގެން ހަސަނު ކުރިއަށް ދިޔައީ މަންޝާ އަތު ޖެހޭތޯ ވަރަށް ބާރަށެވެ. ޖެހުނު ވައި ރޯޅިއަކާ އެކީ ހަސަނަށް ފެނުނީ ގަހެއްގެ ގޮފިކޮޅެއްގައި އެލިފައިވާ ހުދުކުލައިގެ ފޮތިގަނޑެކެވެ.
އެއީ ހުދުކުލައިގެ ފޮތިގަނޑެއް ނޫނެވެ. އެއީ މަންޝާ ލައިގެން ހުރި ހެދުމެވެ. ގަހުގެ އަތް ނުފޯރާ ހިސާބުގައި ހުރި ގޮފިޅެއްގެ މަތީގައި އަޅުވާލާފައި އޮތް ހެދުމަށް ހަސަނު މަޑުމަޑުން ދަމާލިއެވެ. ސޮހިގެން އެ ހެދުން ވަރަށް ފަސޭހައިން ހަސަނުގެ އަތަށް ވެއްޓުނެވެ. އެހެދުމުގައި އަތް ހާކަމުން ހެދުމުގެ މޭމައްޗާ ދިމާލަށް ހަސަނުގެ މޫނު ކޮއްޕާލަމުން އޭގެން ވަސްގަތެވެ. ދެލޯ މަރާލަމުން ކުރިއަށް ހަސަނު ބަލާލީ މަންޝާ ބަލާލުމުގެ ބޭނުމުގައެވެ. ހެދުމާ ނުލާ މަންޝާ ހުންނާނެ ގޮތް ސިފަކޮށްލިއެވެ.
އެހިސާބުން ހަސަނަށް ނިކުމެވުނީ ރަތްކުލައިގެ މަލުން ފުރިފައިވާ ބެރެބެދި ގަސްދޮށަށެވެ. ގަސްދަށަށް ވެރިވެފައިވާ ބެރިބެދި މާތަކަށް ބަލަން އަޖައިބުވެފައި ހަސަނަށް ހުރެވުނެވެ. ގަސް ދަށުގައި ހެދުމާއ ބޫޓު ބެހެއްޓުމަށްފަހު ހަސަނު ވަށައިގެން ބަލާލީ މަންޝާ ދިޔަ ދިމާލެއް ހޯދާށެވެ. އޭރު އަތިރިއާ ދިމާލަށް މަންޝާ ނިކުތް ތަން ލޮލުގައި އަޅައިގަތެވެ. އެހެދުމުގެ އަޑިން ލާފަ ހުރި ހުދުކުލައިގެ ކުރު ހެދުންކޮޅުގައި މަންޝާ ހުރި އިރު، އޭނާގެ އިސްތަށިގަނޑު ނިއުޅުވާލާފަ ހުރުމުން ހަސަނަށް ފެނުނީ މަންޝާގެ ފުރަގަހުންވެސް ތަންކޮޅެކެވެ.
ދުވެފައި ހަސަނު އެދިމާއަށް އަވަސްވެގަތެވެ. ބުރަކަށިން އެވަގުތު ތޫނު ތަދެއް އަރަމުން ދިޔަ ނަމަވެސް ހަސަނު މަޑުކުރާކަށް ބޭނުމެއް ނުވިއެވެ. މިރޭ މަންޝާ ފުރުމުގެ ކުރިން އޭނައާ ގާތްވެލަން ބޭނުންވިއެވެ. މިދަތުރުގަ އަދި މަންޝާއާ ލޯބިކޮށްލާނެ ފުރުޞަތެއް ނުލިބޭތީ ހަސަނު ހުރީ އެކަމަށް ފެންބޮވައިގެންފައެވެ.
މޫދުގައިވާ ކަނދުފައްޗަށް އަރާ އިށީނދެގެން އިން މަންޝާ ފެނުމުން ހަސަނަށް އެދިމާއަށް ދާން ފިޔަވަޅު އަވަސް ކޮށްލިއެވެ. އޭނާ ލައިގެން ހުރި ޓީޝާޓާ ބޭލުމަށްފަހު ރާޅު ނުޖަހާ ހިސާބުގައި ބޭއްވިއެވެ. އަދި ފަޓުލޫނު ތެރޭ އޮތް ފޯނާ ވޮލެޓުވެސް ނެގިއެވެ.
މޫދުގެ އޮއެވަރާއެކީ ކަނދުފަތި ދަތުރު ކުރަމުން ދިޔަ ދިމާލަށް ދިއުމަށް ހަސަނު މޫދަށް އެރި ފަތައިގަތެވެ. އެނާގެ މުސްކުޅިވެފައިވާ ހަށިގަނޑަށް ޒުވާންކަމާއި، ޖޯޝާއި، ބާރު ލިބިފައިވާ ކަހަލައެވެ. ކަނދުފައްޗާ އަރާ ހަމަވުމުން އޭނާ އެ ކަނދުފަތި މައްޗަށް އެރިއެވެ. މާނޭވާ ލެވިފައި ހުރި ނަމަވެސް އޭނަ މަޑުކުރާކަށް ބޭނުމެއް ނުވިއެވެ. މަންޝާގެ ހަށިގަނޑުގައި ފަހަތުން އޮޅުލައިގަތެވެ.
މަންޝާގެ ކަނދުރާގައި ބޮސްދެމުން ހަސަނާ މަންޝާގެ ގުޅުން ފެށުނު ހިސާބު ކިޔައިދޭން ފެއްޓިއެވެ. "ހަސަނުބެއަށް ކޮންކަހަލަ ސަޕްރައިޒެއް ތި ދިނީ... މީ ހާދަ ބޭނުންވި ދުވަހެކޭ.. މަންޝާ ހަސަންބެ ދެކެ ލޯބިވާނެކަން އިނގޭ... ކޮން ދުވަހެއް ހަސަންބެ މަންޝާ ގައިގަ ފިރުމާތާ.. އެންމެ ތުއްތު އިރުއް ސުރެ އަހަރެން މަންޝާ ގައިގާ ފިރުމާ ހަދަަަން... މަދީހާއާ މުނީރާއާ ދެބެން ކުނިކަހަން، ނޫނީ އެހެންވެސް މަސައްކަތްތަކުގައި ދިޔައިމަ މަންޝާ ބަލަން އަހަރެން ހުންނަނީ ގޭގަ... އަހަރެން މަންޝާ ގައިގާ ހާދަ ބީހެމޭ... ހީސްލީމަ ހީސް ދޮއްވާ އިރުވެސް ހާދަ ބަލައިގެން މަޑުމަޑުންނޭ ހަސަންބެ އެކަން ކޮށްދެނީ.. ދެން ހަސަންބެ މާލެ ބަދަލުވާން ޖެހުނީ.. އެއީ މަންޝާ ވަރަށް ކުޑައިރު... މަންޝާ ހަނދާންވެސް ނުހުންނާނެ... ދެން ހަސަންބެ ކައިރިއަށް މަންޝާ ކިޔަވަން އައިމަ ކިހިނެއް ދުރުގަ ބަލަން ހުރެވޭނީ.... މުނީރާއާ އަފްނާނުއާ ފުރައިގެން ދިޔުމުގެ ކުރިންވެސް މަންޝާ ގައިގަ ފިރުމަން... މަންޝާއަށް އެކަން ނޭނގޭކަން ހަސަންބެއަށް އެނގުނު.. އެހެންވެ ނިދާބޭސް ދީގެން ބެހުނީވެސް... އަސްލު ގަދަކަމުން ކުރީ މަންޝާ ގަދަ ހެދީމަ.. އެހެންނޫނީ ހަސަންބެ ނުލާހިކު ލޯބިން ފުއްދައިދޭނަމޭ... އަދޭ ހަސަންބެ ކައިރިއަށް...އާދޭ... މިރޭ ފުރަން ކައިރިވީމަ ދޯ ދާނީ..."
މަންޝާގެ ކަނދުރާ މައްޗަށް ވެއްޓިފައި ހުރި އިސްތަށިތައް އެއްކައިރިއަށް ޖައްސާލަމުން ހަސަނު ނޯށް ދަމާލިއެވެ. އެގަޑީ ހަސަނުގެ ނޭފަތުގަ ޖެހުނީ ފަރުހަކި ވަހެވެ.
ޖެހިލުންވެ ހުރެ ވަށައިގެންވާ މާހައުލަށް ހަސަނު ކަޅި ހިންގާލިއެވެ. އޭރު އެ ކަނދުފަތި ރަށު ފުއްޓަރު ފަރާތުން ބޭރުގައިވާ ފަރުތަކާ ގާތްވަަނީއެވެ. ދިޔަވަރު ހިކިފައިވާތީ މި ސަރަހައްދުން ފަރުވަސް ދުވާނެކަން ހަސަނަށް އެނގުނެވެ.
މަންޝާގެ ކޮނޑުގައި ހިފާ ކަނދުފަތި މަތީގައި ބާއްވާލަމުން ހަސަނު އޭނާގެ ހަށިގަނޑާ ގާތްވެލިއެވެ. އެވަގުތު ޖެހުނު ވައި ރޯޅިއާ އެކީ މަންޝާގެ ހޭވިފައިވާ އިސްތަށިގަނޑުން މޫނު ފޮރުވުނެވެ.
ހަސަނުގެ ކަޅި އަމާޒްވީ މަންޝާގެ ހަށިގަނޑަށެވެ. މަންޝާގެ ހެދުން ވަނީ ތެމިިފައެވެ. ކޮނޑަށް ވާކޮޅެއް ލާފައިވާ ކުރު ހެދުން ފިޔަވާ އިތުރު ފޭރާމެއް މަންޝާގެ ހަށިގަނޑުގައި ނެތްކަން އެނގުނީ އެ ހެދުން ތެމިފައިވާތީއެވެ. ހަށިގަނޑުގެ ވަނާތައް ފުރިހަމަ ފާޅުވާން ހުއްޓެވެ. ކޮނޑަށް އައްސާފައިހުރި ވާތައް މޮހެލަމުން މަންޝާގެ ހަށިގަނޑުގައި ހަސަނު ފިރުމަމުން ދިޔައީ ފެން ބޮވައިގެންފައިވާ ހިޔަޅެއް ހެނެވެ. މަންޝާގެ ކޮނޑުމަތިން ފާޅުވަމުން ދިޔަ ކަޅުކުލައިގެ ކެހެރިތައް ރޭގަނޑުގެ އަަނދިރިކަމުގެ ތެރެއިން ހަސަނުގެ ލޮލުގައި އަޅައެއް ނުގަތެވެ.
މަންޝާގެ މޫނާ ގާތްވަމުން ހަސަނު އޭނާގެ މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިތައް ދުރު ކޮށްލިއެވެ. މަންޝާގެ މޫނުފެނި ބިރުން ހަސަނު ފަހަތަށް ޖެހުނެވެ. މަންޝާގެ ދެލޯ ވަނީ ރަތްކުލައިން ދިއްލިފައެވެ. ރަތްކަމުން ހީވަނީ ލޮލުން ލޭ ފައިބަފާނެ ހެންނެވެ. ބަލަބަލާހުއްޓާ އިސްތަށިގަނޑު ވެސް މުޅިން ބަދަލު ވެއްޖެއެވެ. އޭނާގެ އިސްތަށިގަނޑު ނުރަވިއެވެ. ވަަޔާ ވިހުރެމުން ދިޔަ އިސްތަށިގަނޑަށް ހަސަނު ބަލާލިއެވެ. އެވަގުތު މަަންޝާގެ މޫނުގެ ހަންގަނޑު ކަޅުވަމުން ދިޔައީ މުޅި މޫނުގައި ކެހެރި ފަޅަމުންނެވެ. މަންޝާގެ ސިފަ މުޅިންހެން ބަދަލު ވެއްޖެއެވެ.
"ތީ... ތީ ކާކު؟؟... މީހެކޭ މަ ސަލާމަތް ކުރޭ..... މީހެކޭ..." މަންޝާއާ ދުރަށް ޖެހެމުން ހަސަނު ވާހަކަ ދެއްކީ ވަށައިގެން ވާ މާހައުލަށް ބަލަމުންނެވެ.
ފަސްފަހަށް ޖެހެމުންދިޔަ ހަސަނުގެ ފައި އެ ކަނދުފަތިން ބޭރަށް ކައްސާނުލީ ހަމަ ކިރިޔާއެވެ. ހަސަނު ވަށައިގެން ހޯދަމުން ދިޔައީ ކާށިދޫ ފެނޭތޯއެވެ. ނަމަވެސް އެހިސާބުން ރަށެއް ނުފެނުނެވެ. ރަށާ އެހާ ދުރަށް ދެވޭނެހާ ވަގުތެއް ވެސް ނުވެއެވެ. ކަނޑު މެދުގައި އެމީހުން ތިބި އިރު ކައިރި އެއްވެސް ހިސާބަކުން ރަށެއް ފެންނާކަށް ނެތެވެ.
ހަސަނު ހާސްވިއެވެ. ކަނދުފަތިމަތީ ކޮޅަށް ހުރި ހަސަނު އަނެއްކާވެސް ބަލާލީ މަންޝާ އޮތް ދިމާއަށެވެ. މިފަހަރު އެތަނުން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެ ކަނދުފަތި މަތީ ހުރީ ހަސަނު އެކަންޏެވެ. ބިރުން ހަސަނު ތުރުތުރު އަޅަަން ފެށިއެވެ.
ދުންފިނީގެ އަސަރު ފާޅުވަމުން ދިޔައެވެ. ވަށައިގެންވާ މާހައުލު ނުފެންނަހާ ފުސްވެއްޖެއެވެ. ދުންގަނޑެއްހެން އެ ކަނދުފަތި ވަށާލާފައި ވަނީ ނާމާންކަމާއި ބިރުވެރި ކަމެވެ. ބިރުން ހަސަނު ދެފައި ކުރުކޮށްލައިގެން ހިމޭނުން ކަނދުފަތި މަތީ އިނީ ހަދާނެގޮތް ހުސްވެފައެވެ. ލޯމަތިން އެއްޗެއް ފެންނަހެން ހީވިއެވެ. ހަސަނު ދެލޯ ހަނިކޮށްލަަމުން ކުރިއަށް ބަލާލީ ފުސްގަނޑުގެ ތެރެއިން އެ ފެންނަ އެއްޗެއް ޔަގީން ކުރާށެވެ.
އެ ކަނދުފައްޗާ ދިމާއަށް އޮޔާއެކީ އެ އަންނަނީ ބޮޑު ފޮށިގަނޑެކެވެ. ރަނގަޅަށް އެ މަންޒަރު ބަލަން ހަތަރު މޮށްގަނޑުޖަހާ ހަސަނު ކުރިއަށް ޖެހިލިއެވެ. އެއީ ފޮށިގަނޑެއް ނޫނެވެ. އެއީ ސަންދޯކެކެވެ. ވަށައިގެން އެކި ހިސާބުތަކުން ލޮނުގަނޑުމަތިން ދަތުރު ކުރަމުން ދިޔަ ސަންދޯއްތަައް ފާޅުވިއެވެ. ހަސަނުގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ.
ކަނދުފަތި މަތީ އޮތް ދިގު ދަނޑި ބުރިއެއް ފެނުމުން އެ ދަނޑިބުރި ނަގާ މޫދުގެ ލޮނުގަނޑަށް ކޮށްޕާލަމުން ފަލި ޖަހަން ފެށިއެވެ. ހަސަނަށް ދާންވީ ވަކި މަންޒިލެއް ނޭނގޭތީ ފަލިޖެހީ އެ ސަންދޯއްތަކާ ދުރަށްދާށެވެ. ނަަމަވެސް ފަލި ޖަހާ ޖަހާ ވަރުބަލި ވީއިރުވެސް އެ ކަނދުފަތި ދިމާލަކަށް ގުޑާލިހެން ވެސް ހިއެއް ނުވިއެވެ. ދެން ފެނުނީ ދިމަދިމާލުން ރަތްކުލައިގެ އަލިގުޅަ ތަކެކެވެ. ހަސަނު ބިރުން ސިހުންވީ ވަރުން އަތުގައި އޮތް ދަނޑިބުރި މޫދުގެ ތެރެއަށް ދޫވިއެވެ. ކަނދުފަތި ކައިރިން ރެނދަންގެ އަސަރުވެސް ފާޅުވަމުން ދިޔައެވެ.
ކުއްލިއަކަށް އިވިގެން ދިޔައީ ބާރު ހިނިގަނޑެއްގެ އަޑެވެ. އެއަޑު ވަރަށް ވެސް ބަރެވެ. ބިރުވެރިއެވެ. ފަޒާގެ ތެރޭގައި އެ އަޑު ގުގުމާލިއެވެ. "ތީ ކާކު؟... ތީ ކާކުހޭ؟.." ތުރުތުރު އަޅާ ހާލުގައި ހަސަނު އަހާލިއެވެ.
އެ ވަގުތު ހަސަނު ގެ ކުރިމައްޗަށް ފާޅުވީ އިންސާނެއް ފަދައިން ދެއަތާއި ދެފައި ލާފަ ހުރި އެއްޗެކެވެ. އެނާ ހުރީ މޫދުގެ ލޮނުގަނޑުގައި ފައި ނުޖެހި ވައިގެ ތެރޭގައެވެ. އޭނާގެ ހަމުގެ ކުލަ ކަޅެވެ. ރަތްކުލައިން ދިއްލިފައިވާ ދެލޮލެވެ. އިސްތަށިގަނޑު އޮތީ ކަނދުރާއާ ހަމައަށް ކުރުކޮށެވެ. ވަޔާއެކު އޭތީގެ ހުދު އިސްތަށިގަނޑު ވިހުރެމުންދާ އިރު ހީވަނީ ދުންކޮޅެއް ހެންނެވެ. އެއީ ބިރުވެރި ސޫރައަކަށް ހުރި ވަރަށް ބިޔަ އެއްޗެކެވެ. އިސްކޮޅުގައި ދިހަވަރަކަށް ފޫޓު ހުންނާނެއެވެ. ކަނދުފަތި މަތީ އިން ހަސަނު ކަރު މައްޗަށް ޖަހައިގެން އެ މަޚްލޫގާ ދިމާއަށް ބަލާލިއެވެ.
"ކަލޭ.... ހަހަހަ ... ކަލެއަަށް އަހަރެން އެހާ ދުއްތުރާ ކުރީމަވެސް މަންޝާއާ ބެހުން ހުއްޓޭ ގޮތެއް ނުވިދޯ... އެގޭ ސިޑިން ކަލޭ ވައްޓާލީވެސް އަހަރެން.... ބަލަ މުނީރާ ކައިރިން ކަލޭ ސަލާމަތް ކޮށްދިނީ މަންޝާއެއް ނޫން... އެކަންވެސް ކުރީ އަހަރެން... އަހަރެން ބޭނުން ނުވީ މުނީރާ އަތުން ނުބައެއް ހަދަން... ކަލޭ މަރާލަން އަހަރެން ބޭނުންވީ އަހަރެންގެ އަތުން.... ކަލޭ ހީކުރީތަ ބޭނުންހާ ގޮތަކަށް އުޅެވޭނެ ކަމަށް... މަންޝާއަށް ތިހާ ދުއްޕާންކޮށްފަ ކަލޭގެ ލަދު ހަޔާތްކުޑަ ކަމުން އަމިއްލަ ދަރިއާ ވެސް ބެހެފި... ކަލޭތީ އިންސާނެއްގެ ސިފައިގަ ހުއްޓަސް ޝަައިތޯނެއް..." ބަރު އަޑަކުން ވާހަކަ ދައްކަމުން ދިޔަ އިރު ޒިބާންގެ ލޮލުން އަލިފާން ކަނި ބުރަމުން ދިޔައެވެ.
"ތިހެން ނުހަދާ... އަހަރެންނަށް މާފް ކުރޭ.. އަހަރެން ދެން އެކަހަލަ ކަމެއް ދުވަހަކުވެސް ނުކުރާނަން... އަންހެނަކާ ދިމާއަށް އެފަަދަ ނަޒަރަކުން ނުވެސް ބަލާނަން.... އަހަރެން ދޫކޮށްލާ...." ދެކަކޫ މައްޗަށް ތިރިވެގެން ހުރެ ހަސަން އާދޭސްކުރަން ފެށިއެވެ. ވިދާލި ވިދުވަރާ އެކީ ލޯމަތިން ފެންނަން ހުރި މަޚްލޫގު އެތަަނުން ގެއްލުނެވެ. ހަސަނު ވަށައިގެން އެ މާހައުލަށް ބަލާލިއެވެ. ވަށައިގެން ވަނީ އަނދިރިކަމެވެ.މާ ގިނައިރެއް ނުވެ ވައިބާރުވެ ކަނޑު ގަދަވެއްޖެއެވެ. ނަގަމުން ދިޔަ ބިޔަ ރާޅުތަކުގެ ތެރޭގައި ހަސަނު ކަނޑަށް ނުވެއްޓި ކަނދުފަތިމަތީ ހުންނަން ވަރަށް މަސައްކަތް ކުރިއެވެ. ބަނޑުން އޮށޯވެގެން ކަނދުފަތީގެ އެއް ފަރާތުގައި ހަސަނު އެލިގެން އޮންނަަ ފަހަރު ގިނައެވެ.
ހަސަނު ލައިގެން ހުރި ފަޓުލޫނު ތެރޭ އެއްޗެއް އުޅޭކަމުގެ އިހްސާސްވުމުން ހަސަނު އޭނާ ލައިގެން ހުރި ފަޓުލޫނު ބޭލިއެވެ. އެވަގުތު ފަޓުލޫނު ޖީބުން ވެއްޓުނު ފިޔޮހި މޫދަށް ނުވެއްޓެނީސް ހަސަނު ނެގިއެވެ. ނަމަވެސް ވަޔާ އެކީ ހަސަނު ބޭލި ފަޓުލޫނު މޫދަށް ހިނގައްޖެއެވެ. މިހާރު ހަސަނު އެހެރީ ރޯ އޮރިޔާމުންނެވެ. ރޭގަނޑުގެ ފީނީގައި ކަނޑުމަތީ ތެމިފޯވެގެން ހުންނަން ޖެހުުމުން ހަސަނު ހީކަރުވަން ފެށިއެވެެ. ތުރުތުރު އަޅާ ވަރުން ސީދަލަށް ހުރެވޭ ގޮތެއް ނުވިއެވެ. ދެފައި ކުރުކޮށްގެން ހަސަނު ކަނދުފަތިމަތީ އޮށޯތެވެ.
ދެން ފެށީ ގުގުރާށެވެ. ވިދާ ގުގުރާ ވާރޭވެހެން ފެށިއެވެ. ވާރޭގެ ބޮޑެތި ކަނިތައް ގައިގައި ޖެހުމުން ހަސަނުގެ ހަންގަނޑުން ތޫނު ދިލައެއް ނަގަމުން ދިޔައެވެ. ނަމަވެސް ކެތްކޮށްގެން އޮތީ ސަލާމަތުގެ އައްސޭރިއަކަށް ފޯރަން ދެނެވެ. ލޮލުކޮޅަށް ރަށެއްގެ މަލަަމަތި ފެނުމުން ހަސަނު އުފަލުން ފޮޅުނެވެ. މޫދުގެ ތެރެއަށް ގުދުވެ އަތް ކޮށްޕާލައިގެން ފަލިޖަހަން ފެށީ އަވަހަށް އެރަށާ ހަމައަށް ދިއުމުގެ ބޭނުމުގައެވެ.
އެރަށާ ފުދޭ ވަރަކަށް ގާތްވެއްޖެއެވެ. ހަސަނުގެ ހިތަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބުނެވެ. އުފަލުންގޮސް ހަސަނަށް ރޮވެން ފެށުނީ އެއީ ކާށިދޫކަން ހަސަނަށް ރޭކާލުމުންނެވެ. ރަށާ ފުދޭ ވަރަކަށް ކައިރިވުމުން ހަސަނު މޫދަށް ފުންމާލިއެވެ. ހީކަރުވާފަ ހުރުމުން އެހާ ބާރަށް ފަތައިގަންނަހާ ހިތްވަރެއްވެސް ނެތެވެ. ކަށިން ހިތްވަރު ނެރެ ހަސަނު ހަތަރެސްފައި ފަލިޖަހާލިއެވެ. ރަށުގެ ގޮނޑުދޮށާ އަރާ ހަމަވުމުން ހަސަނު ތެދުވެ މޫދުން އެއްގަމަށް އެރުމަށް ހިނގައިގަތެވެ. ނަމަވެސް އެވަގުތު ހަސަނުގެ ފައިގައި އެއްޗެއް އޮޅާލި ކަމުގެ އިހުސާސް ވުމުން ފަޔަށް ބަލާލިއެވެ.
ފިޔަވަޅު މަޑުކޮށްގެން ހުރި ހަސަނުގެ ދެލޯ ބޮޑުވެގެން ދިޔައީ އޭނާއަށް ފެނުނު އެއްޗަކުންނެވެ. ކަޅުކުލައިގެ ވިދުމެއް ހުރި ނަންނުގައްޗެއް ކަހަލަ އެއްޗެކެވެ. ހަސަނު ގަނެފައި ހުރި ބިރުން ހަޅޭއްލަވަމުން އޭތިން މިންޖުވާން ތެޅިގަނެވުނެވެ. ކުއްލިއަކަށް އަތުގައި އޮތް ފިޔޮހިމަތިން ހަނދާންވިއެވެ. ފިޔޮހި ހުޅުވާލުމަށްފަހު އޭއްޗަށް ހަމަލާ ދޭން ހަސަނު މަސައްކަތް ކުރިއެވެ.
(ނުނިމޭ)