އަދި މާތަކުގެ މަތީގައި އޮތް މަންޝާގެ އަތުގެ އިނގިލިތަކުން މާތަކުގައި ހިފާ ބޮނޑިކޮށްލިއެވެ.
ވާރޭ ހުއްޓާލި އިރު އެމީހުން ތިބީ އެކަތި ގަނޑެއް ހެންނެވެ. ޒިބާންގެ އަތް ވަނީ މަންޝާގެ އުނަގަނޑުގައި ވަށާލާފައެވެ. މަންޝާގެ ބޮޑުވެފައިވާ ބަނޑު އެ ދެމީހުން މެދުގައި ވާއިރު މަންޝާގެ ދެއަތް ޒިބާންގެ ކަނދުރާގައި ވަށާލިއެވެ. ދެލޯ މަރައިގެން އޮތް މަންޝާއަށް ލޯ ހުޅުވާލީ ވައި ގަދަވާކަމުގެ އިހްސާސެއް ވުމުންނެވެ. ދެލޯ ހުޅުވާ ބަލާލިއިރު އެމީހުން ތިބީ ބެރެބެދި ގަސްދަށަކު ނޫނެވެ. އެގަސް މަތީގައެވެ.
މަންޝާއަށް އެނގޭ ކަމަކީ އެމީހުންގެ ފައި އެއްވެސް ތާކު ނުޖެހޭ ކަމެވެ. ވައިގެތެރޭ ނަގުލު ރޯޅިއެއްހެން އެނބުރެމުން މައްޗަށް އަރަމުން ދިޔަ އިރު އެމީހުން ވަށާ އަލިފާން ކޮކާތަކާ ބެރެބެދިމަލުގެ ފިޔަތައް ވެސް އެނބުރެމުން ދިޔައެވެ. ވިލާތަކާ ހަމައަށް އެރުމާއެކު ޒިބާންގެ ބާރުގައި އެމީހުން މަޑުމަޑުން ތިރިއަށް ފޭބިއެވެ. އޭރު މަންޝާ ލައިގެން ހުރި ހެދުމާއި އިސްތަށިގަނޑު ވެސް ވަނީ މުޅިން ހިކިފައެވެ.
ބިމުގައި ފައި ޖެހުމާ އެކީ މަންޝާގެ ތުންފަތުގައި ޒިބާން ބޮސްދިނެވެ. އަދި ބަނޑުގައި ފިރުމާލަމުން މަންޝާ ނުދަންނަ ބަހަކުން އޭނާގެ ބަނޑުގައި ވާ ދަރިފުޅާ ވާހަކަ ދައްކަމުން ތުންތަޅުވަމުން ދިޔައެވެ. މަންޝާގެ ބަނޑަށް ދޫކަމެއް ލިބުނީ އެވަގުތުއެވެ. ދެން ޒިބާން އެދުނީ މަންޝާ އަވަހަށް ގެއަށް ދާށެވެ.
ބޫޓަށް ފައި ކޮށްޕާލަމުން ޒިބާންގެ އަތުގައި ހިފާ މަންޝާ ސަލާމްކޮށްލިއެވެ. "އައި ވިލް ނެވާ ފޮގެޓް ދިސް ނައިޓް... އައި ލަވްޔޫ..." މަންޝާގެ ޖުމްލަތަކުން ޒިބާންގެ ހިތަށް ފިނިކަމެއް ލިބުނު ކަމުގައި ވީ ނަމަވެސް މަންޝާގެ އަތްތިލައިން ޒިބާންގެ އަތަށް ހޫނުކަމެއް އިހްސާސް ވަމުން ދިޔައެވެ.
މަންޝާގެ އަތުގައި ހިފާ ހުޅުވާލަމުން އަތުގެ ހުދުހަމަށް ޒިބާން ބަލާލިއެވެ. ފެނުނު މަންޒަރުން ޒިބާންގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
"މީ މީ ކިހިނެއްވީ ކަމެއްތަ؟... ކޮން އިރަކު އަތް ފިހުނީ؟..." ޒިބާންގެ މޫނުމަތިން ފާޅުވަމުން ދިޔައީ ނުތަވަސް ކަމެވެ. ވާހަކަ ދެއްކުމުގައި ވެސް އަޅައިގަތުމެއް ހުއްޓެވެ. ދެލޯ ބޮޑުކޮށްލަމުން މަންޝާގެ މޫނަށް ބަލަން ހުރެ ޒިބާން ސުވާލު ކުރީ މަންޝާގެ ވާއަތް ތިލައިގެ ހުދުހަން އަނދާފައި ހުރުމުންނެވެ.
"ނޭނގެ ކޮން އިރަކު ކަމެއް؟... ތިތަނުން ކުޑަކޮށް ދިލަ ނަގާ... މިހާރު ދެން އޯކޭ... ކިހިނެއްވީ؟ ޒިބާން ހާދަ ހާސްވީ.. ބަލަ އަހަރެމެން އިންސާނުންގެ ތަންތަން ފިހިދާނެ، ކަޅުވެދާނެ. އެއީ މާ ބޮޑު މައްސަލައެއް ނޫނޭ..." މަންޝާ ވާހަކަ ދެއްކީ ވަރަށް މަޖާވެލާފައެވެ.
"ނޫން... މީ އާދައިގެ ކަމެއް ނޫން... މަންޝާ ހަނދާންކޮށްބަލަ... އާދަޔާ ޚިލާފްކަމެއް ފާހަގަ ވިތަ؟.. ތަފާތު އަލިކަމެއް.. ނޫނީ އަޑުތަކެއް އިވުނުތަ؟..." ޒިބާން އަނެއްކާ ވެސް ސުވާލު ކުރީ އެވީކަމެއް ރަނގަޅަށް އޮޅުން ފިލުވާށެވެ.
"މްމްމްމް... އާން ހަނދާން ވެއްޖެ... އެއްރޭ ކޮޓަރީގައި އޮއްވާ ނޫކުލައިގެ އަލިގުޅައެއް ވަދެ އަހަރެން ކުރިމަތީ ހުރެ ވަރަށް ތުއި ދެއްކުނު... ދެން އަހަރެން މި އަތް ދިއްކޮށްލީމަ އަހަރެންގެ އަތަށް ތިރިކޮށްލި.. ދެން ފެނުނީ އެ އަލިގުޅަ ގައި ތެރެއަށް ވަތްތަން... އަހަރެންގެ މުޅި ގައިގެ ނާރުތައް ނޫކުލައިން ފުއްޕާލި... ވަރަށް ބޮޑަށް ދިލަ ނެގި.. ގައިގެ ނާރުތައް ބުރިކޮށްލިހެން ހީވީ.. އަތެއް ފައެއް ގުޑުވާ ވެސް ނުލެވުނު... އެކަމު އެއީ އަހަންނަށް ފެނުނު ހުވަފެނެކޭ... އޭގެ ފަހުން ވެސް އެއްރޭ މިތާ މި ގަސްދަށުގައި އޮއްވާވެސް ނޫކުލައިގެ ބޮޑު އަލިގުޅައެއް ދުށިން... އެއީ ހަމަމި ބެރެބެދި ގަސް މަތިން... ކިހިނެއްވީ... އަނެއްކާ ނުބައެއް އުޅެނީތަ؟..." ޒިބާންގެ މޫނަށް ބަލަަން ހުރި މަންޝާ ވާހަކަ ދެއްކީ ވަރަށް ސީރިއަސްކޮށެވެ.
"މަން... ދެން ދޭ ގެއަށް އެކަހަލަ އެއްވެސް އާދަޔާާ ޚިލާފް ކަމެއް ފެނިއްޖިއްޔާ އަހަންނަށް ގޮވާތި... އެއްވެސް މީހަކަށް މަންޝާއަށް ގެއްލުމެއް ދޭކަށް ނުކެރޭނެ... ބަންގި ގޮވުމުގެ ކުރިން ގެއަށް ދެވޭތޯ ބަލާތި... މިވަގުތު މީހުންގެ ލޯތަކަށް މަންޝާ ފޮރުވިފަ ހުއްޓަސް ބަންގީގެ އަޑުއިވޭ ވަގުތު އެހެން މީހުންނަށް މަންޝާ ފެންނާނެ... އަވަސް ކުރޭ..." މަންޝާގެ އަތަށް ޒިބާން ބޮސްދިނެވެ. އަދި ގެއަށް ދާށޭ ކިޔާ މަންޝާ ފޮނުވާލިއެވެ. މަންޝާ ހިނގަމުން ގޮސް ގަސްތަކުގެ ތެރެއިން ނުކުތެވެ.
މަންޝާ ހިނގާފައި ގޮސް ލޮލުކޮޅަށް ގެއްލެންދެން ޒިބާން ހުރީ އޭނާގެ ރުޅި ކޮންޓްރޯލް ކޮށްގެންނެވެ. އައިސްފައިވާ ރުޅީގެ ސަބަބުން ޒިބާންގެ ދެލޯ ދިއްލުނެވެ. އެލޮލުން އަލިފާން ކަނި ބުރަމުންދާ ކަހަލައެވެ. ގަޔަށް ލެވުނުހާ ބާރެއްލާ ޒިބާން ހަޅޭއްލަވައިގަތެވެ.
"ޒޭބާ...."
ފަޒާގެ ތެރޭގައި އެ އަޑު ގުގުމާލިއެވެ. ގަސްތަކުގައި ޖައްސާފައިވާ ދޫނިތައް ވެސް އެ އަޑު އިވިގެން އޭއްޗިހިން ތިބި ދިމާލުން ދުރަށް ދާން ފިޔަތައް ތަޅުވާލިއެވެ. ޒިބާންގެ ފަހަތުން އަލިކަމެއް ފާޅުވާން ފެށުމުން ފަހަތަށް އެނބުރިލީ ޒޭބާއާ ދިމާއަށް އެތިވަރުތައް ގޮވާލާށެވެ. ނޫކުލައިގެ ފުރިހަމަ އަލިކަން ގަދަ އެ އަލިގުޅަ ފެނުމުން އެއީ ޒޭބާ ނޫންކަން ޒިބާނަށް އެނގުނެވެ. އަލިގުޅައިގެ އަލިކަން ގަދަވުމުގެ މާނައަކީ އެ ޖިންނީންގެ ބާރު ގަދަ ކަމާއި އެމީހުންނަކީ ދުވަސްވީ ބައެއް ކަމެކެވެ.
ޒިބާން އޭރުވެސް ހުރީ އިންތިހާއަށް ރުޅި އައިސްފައެވެ. އޭރު އެ ނޫކުލައިގެ އަލިގުޅަ އައިސް ޒިބާން ގާތަށް ހުއްޓުނެވެ. އަލިގުޅައިގެ ނޫއަލި މަޑުވަަމުން ދިޔައިރު އެތަނުން ފާޅުވީ ކަޅުރަތްކުލައިގެ ދިގު ހެދުމެއްގައި ހުރި އަންހެނެކެވެ. އޭނާގެ ފަން ދިގު އިސްތަށިގަނޑުގެ ބޮޑުބައި އޮތީ ބިންމަތީގައެވެ. ދޮން ރީތި އަންހެނެކެވެ. ބޮޑު ދެލޮލެވެ. އޭނާ ޒިބާން ގާތަށް ޖެހިލީ ލޯބިން ފުރިގެންވާ ނަޒަރަކުން ބަަލަމުންނެވެ. ޒިބާންގެ ދެލޯ ދިއްލިފައި ހުރި ނަމަވެސް އެ އަންހެން މީހާ ގާތްވުމުން އޭނާގެ ލޮލުގެ ރަތްކަން މުޅިންހެން ކެނޑިއްޖެއެވެ.
"ބޮޑުދައިތާ.... އަހަރެން މަންޝާ ރަައްކާކުރަން ވަރަށްމަސައްކަތް ކުރިން... ޒޭބާ އެކަމެއް ނުހުއްޓި.. އޭނާއަށް ވިސްނައިދީ... މަންޝާ އޭނީ އަހަރެންގެ ދަރިއަކަށް ބަލިވެ... އަހަރެން ބޭނުމެއް ނޫން އެދެމައިންނަށް ދެރަގޮތެއް ވާކަށް..." ސަކޭރީގެ ކޮނޑުގައި ހިފަހައްޓަމުން ޒިބާން ވާހަކަ ދެއްކިއެވެ.
"ޒޭބާއަށް ވަރަށް ވިސްނައިދެވިއްޖެ.. އޭނާ ހުރީ ގޮތް ދޫކުރާ ކަހަލަ ގޮތަކަށް ނޫން... މިހާރު މަ ކައިރިއަށްވެސް ނާންނަތާ ކޮން ދުވަހެއް؟ މަންޝާއަށް ނުރައްކަލެއް ކުރިމަތިވެދާނެތީ ދުރުދުރުން މަ ބަލަބަލާ އުޅެން... މަހުރި ވަގުތެއްގައި ޒޭބާއަށް އެކަހަލަ ކަމެއް ނުކުރެވޭނެކަން ޔަގީން..." ސަކޭރާ ދެއްކި ވާހަކަތަކުން މަންޝާ ބުނި އެއްކަންތައް މަތިން ހަނދާންވިއެވެ. ބެރެބެދި ގަސްދޮށުގައި މަންޝާ ބާއްވާފަ ޒިބާން ދިޔަ ދުވަހު ދިޔައީ ބޮޑުދައިތަ ގާތު މަަންޝާ ރައްކާތެރިކުރުމަށް އެދެމުންނެވެ.
"ކޮބާ ބައްޕަ؟..." ޒިބާންގެ ބައްޕަ ނުފެންނަތާ ގިނަ ދުވަސްތަކެއް ވެފައި ހުރުމުން ޒިބާން ބޭނުންވީ ބައްޕަގެ ހާލު އޮޅުން ފިލުވާށެވެ.
"ސައިބްރޯތަށް ޒިބާން ތިއުޅޭ ގޮތް އެނގިގެން ހުންނަނީ ވަރަށް ހިތްހަމަނުޖެހިފަ... ހުރި ހަމައެކަނި ފިރިހެން ދަރިއަށް ވީމަ ޒިބާނަށް އަމުރެއް ނުކޮށް އެހުރީ... ސައިބްރޯތަށް ވިސްނައިދެވޭތޯ މަ ވަރަށް މަސައްކަތް ކުރަން... ޒިބާން... އެ ކުއްޖާއަށް ރަނގަޅަށް ބަލާތި... ވިހަން ދުވަސް ކައިރިވީމަ މަންްޝާއަށް ވަރަށް އުނދަގޫތައް ވާނެ... އެ ހުރިހާ ވަގުތެއްގައި މަންޝާއާއެކީ ހުންނަން ވާނެ... ވަގުތު ޖެހެންވާއިރަށް މަ ކައިރިއަށް މަންޝާ ގެންނާތި އިނގޭ... އެމަންޖެ އެކަނި ވިހަން ވަރަށް އުނދަގޫވާނެ..."
އާއެކޭ ބުނުމުގެ ގޮތުން ޒިބާން ބޯޖަހާލިއެވެ. ގަސްތަކާ ދިމާއަށް ޒިބާން ބަލާލީ ކަމެއްވާން އުޅޭކަމުގެ އިހްސާސް އޭނާއަށް ވުމުންނެވެ. ބަންގީގެ އަޑު މުޅި ތަށުތެރެއަށް ފެތުރިގެންް ދިޔައީ އެވަގުތުއެވެ. އެ ދެމަޚްލޫގު އަލިކޮޅެއްގެ ސިފައަށް ބަދަލުވެ، ފަޒާގެ ތެރެއަށް ހަލުވި މިނެއްގައި އަރައިގެން ދިޔައެވެ.
*** *** *** *** *** ***
ގަސްތަކުގެ ތެރެއިން ނިކުމެވުމުން އަވަހަށް ގެއަށް ދިއުމަށް މަންޝާ ހިނގައިގަތީ އަތިރި ފަރާތު މަގުންނެވެ. ތަންްކޮޅަކަށް ދެވުނު ތަނާ ބަންގީގެ އަޑު މަންޝާގެ ކަންފަތުގައި ޖެހުމުން އޭނާގެ ފިޔަވަޅު ހުއްޓުނެވެ. ވަށައިގެން އެ މާހައުލަށް ބަލާލެވުނީ މީހަކު ފެންނަން ހުރިތޯ ޔަގީން ކުރާށެވެ. ބަންގީގެ އަޑާ އެކީ މަންޝާގެ ބަނޑަށްވެސް ކޮންމެވެސްް ވަރަކަށް އުނދަގޫ ވާން ފެށިއެވެ. އަތިރި ކައިރީ ހުރި ހިރުނދު ގަހެއްގައި އަތް ވިއްދާލަމުން މަންޝާ ފިޔަވަޅު މަޑުކޮށްލީ އެވާ އުނދަގޫތަކުން ކުރިއަށް ފިޔަވަޅެއް ނޭޅުނީމައެވެ.
ގަހުގައި ލެނގިލައިގެން ފުން ނޭވާތަކެއް ބޭރުކުރަމުން ދިޔައިރު މަންޝާގެ ހިތުގެ ވިންދު އަވަސްވެފައި ވާކަން އެނާއަށް އިހްސާސް ވެއެވެ. ޢިޝާ ނަމާދަށް ބަންގި ގޮވަމުން ދިޔަ މުދިމުގެ އަޑު ކެނޑޭނެ ވަގުތަކަށް މަންޝާ އިންތިޒާރު ކުރަމުން ދިޔައިރު އޭނާގެ ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނަށް ކެތެއް ނުކުރެވުނެވެ.
ނިތްކުރިމަތިން އޮއްދާ ހިއްލަމުން ދިޔައެވެ. ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ. ބާރަށް ނުރޯން ދެތުންފަތް ފިއްތާލަމުން ތިރީ ތުންފަތުގައި ދަތް އަޅާލިއެވެ.
އިރުކޮޅެއް ފަހުން ބަންގި ގޮވާ ނިމިއްޖެއެވެ. މަންޝާއަށް ވަމުން ދިޔަ އުނދަގޫތަކުން ނަޖާ ވިއެވެ. ވަރުބަލިކަމެއް އިހްސާސް ވުމުން އެގަސް ކައިރިން ދުރަށްޖެހި މަންޝާ ހިނގައިގަތީ ގެއަށް ދިއުމަށެވެ. ކުރިއަށް އެޅި ފިޔަވަޅަށް ހުއްޓުމެއް އައީ ފަހަތުން މީހަކު ގޮވާލި އަޑު ކަންފަތުގައި ޖެހުމުންނެވެ. "މަންޝާ... މިތާ ކީއްކުރަނީ؟..."
ހިން ދިރުވާލަމުން ދޭނެ ޖަވާބަކާ ދޭތެރޭ ވިސްނާލިއެވެ. އެ އިވުނީ ހަސަންބެގެ އަޑުކަން މަންޝާއަށް އެނގުނެވެ. މިއޮއްފަދަ ގަޑީގައި އަތިރި މަގުން ހަސަންބެ ދާނީ ވަކި ކޮންތާކަށް ހެއްޔެވެ. ހަސަންބެގެ ގެ ހުންނަނީ ވެސް އަނެއް އަވަށުގައެވެ. މީހަކަށް ނުފެނި ގެއަށް ދާން މަންޝާ މަސައްކަތް ކުރި ނަމަވެސް ހަސަންބެއަށް އެވަގުތު ފެނުމުން ވީ ފޫއްސެއް ވެސް ބަޔާންކޮށްދޭކަށް ނޭނގުނެވެ. ތުންގަނޑު އޫކޮށްލަމުން ފަހަތަށް އެނބުރި ބަލާލީ ހަސަންބެއާ ވާހަކަ ދައްކާށެވެ.
މަންޝާއަށް ހައިރާންކަމެއް ލިބުނީ އެއްވެސް މީހަކު ފެންނަން ނެތުމުންނެވެ. ހަސަންބެގެ އަޑު އިވުނުކަން މަންޝާއަށް ޔަގީނެވެ. ހަސަންބެއަށް ގޮވާލަން އަނގަ ހުޅުވާލި ވަގުތު މަންޝާގެ އަނގަމަތި މީހެއްގެ އަތުން ނިވާކޮށްލިއެވެ. މަންޝާގެ ފަހަތުން މީހަކުއައިސް މަންޝާގެ އުނަގަނޑު ވަށާ ހިފަހައްޓާލީ މަންޝާއަށް ސަލާމަތް ނުވެވޭނެހާ ބާރުކޮށެވެ.
ސަލާމަތްވާން މަންޝާ ތެޅިގަތެވެ. އަނގަމަތި ނިވާކޮށްފައިވާ އަތުގައި ހިފާ ދުރަށް ޖެއްސޭތޯ މަންޝާ ވަރަށް މަސައްކަތް ކުރިއެވެ. ހަޅޭއްލަވަން ވެސް މަސައްކަތް ކުރިއެވެ. ނަމަވެސް އެމީހަކު ވަރަށް ވެސް ބާރު ގަދައެވެ. ދެއަތުން އެމީހާގެ ގައިގާ ތަޅަމުން ދިޔައިރު މަންޝާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައީ އެމީހާގެ އަތް ތެތްމަމުންނެވެ.
ހާސްވެގެން ތެޅި ތެޅި މަންޝާ ހުރި އިރު އޭނާގެ ހިތުގައި އެތައް ސުވާލެއް ފުނިޖެހިފައިވިއެވެ. އެމީހަކު މަންޝާ ގޮވައިގެން ބިމުން މައްޗަށް އަރަން ފެށުމުން މަންޝާއަށް އިތުރު ހައިރާން ކަމެއް ލިބުނެވެ. އެއީ ޒިބާން ބާވައޭ މަންޝާގެ ހިތަށް އެރިއެވެ. ޒިބާން ކަމަށްވާ ނަމަ އެހެން ހަދާކަށް ނުޖެހޭނެއެވެ. ގަދަކަމުން މަންޝާ ތަނަކަށް ގެންދަން ޒިބާނަކަށް ނުޖެހޭނެއެވެ.
މަންޝާގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. އަނެއްކާ ޒިބާންގެ ކޮއްކޮ ނޫނީ ޒިބާންގެ ބައްޕަ ބާވައޭ ހިތަށް އެރިއެވެ. ނޫނީ މީ ޒިބާން ދެކެ ރުޅި އަންނަ މީހަކަށް ވެސް ވެދާނެއޭ ހިތަށް އެރިއެވެ. މި ލައްވާލަނީ ކިހާވަރެއްގެ މުސީބާތެއް ބާއޭ ހިތަށް އެރިއެވެ.
މަންޝާ އަދިވެސް ދިޔައީ ގަދަ ހަދަަަމުންނެވެ. ވައި ގަދަވެއްޖެ ކަމުގެ އިހްސާސްވަމުން ދިޔައެވެ. ބިރުން ހިތް ވިރެމުން ދިޔައިރު، ދެލޯ މަރާ ފިއްތާލެވުނީ ދުންގަނޑަކުން އެހިސާބުގެ ވައި ކިލަނބުވެ ލޮލަށް އެއްޗެއް ނުފެންނަ ވަރަށް ފުސްވުމުންނެވެ. ދެލޯ ފިއްތާލައިގެން ހުރުމަށްފަހު ލޯ ހުޅުވާލިއިރު ގަދަ ވިދުވަރެއް ލޯމައްޗަށް ފާޅުވިއެވެ. ވިދުވަރުގެ އަލިގަދަކަމުން މަންޝާގެ ލޮލަށް އެއްޗެއް ނުފެނި އިރުކޮޅެއް ވިއެވެ. ލޮލުގެ ފެނުން ދިޔަ ކަހަލައެވެ. ދެލޯ މަރާ ބާރުކޮށްލައިގެން ހުރެ މިކަމުން ސަލާމަތްވުމަށް ހިތުގެ އަޑިން ގޮވަމުން ދިޔައެވެ. ޒިބާން އަންނާނެ ނަމައޭ ހިތަށް އެރި އަަަދަދުވެސް ބުނެދޭކަށް ނޭނގެއެވެ. ކުއްލިއަކަށް ބިމުގައި ފައި ޖެހުނުކަމުގެ އިހްސާސްވުމުން ތަގުޅިކޮށްފައިވާ ދެލޯ ހުޅުވާލީ ތަނެއް ފެންނާނެ ކަަަމުގެ އުންމީދުގައެވެ.
މަންޝާއަށް ހުރެވުނީ އޭނާގެ ކޮޓަރީގައެވެ. އެވެސް އޭނާ އެކަންޏެވެ. ވަށައިގެން މުޅި ކޮޓަރި ތެރެއަށް ނަޒަރު ހިންގާލެވުނީ އެތާ އިތުރު މީހަކު ހުރިތޯ ޔަގީން ކުރާށެވެ. އެހިސާބުން މަންޝާގެ ނަޒަރު ހުއްޓުނީ ކޮޓަރީގެ ހުޅުވިފައިވާ ކުޑަދޮރާ ދިމާއަށެވެ. ކުޑަދޮރު ކައިރިއަށް ދުވެފައި ގޮސް ބޭރު ބަލާލިއެވެ. ޖެހިގެން ހުރި ގޭގެ ބިޔަ ބަނބުކެޔޮ ގަހުގެ މަތިން ދުރަށް އޮއްސެމުން ދިޔަ ނޫކުލައިގެ އަލިގުޅައެއްގެ ވިދުން ފެނުމުން އެއީ ޒިބާން ނޫންކަން މަންޝާއަށް އެނގުނެވެ.
ދޮރުގައި މީހަކު ޓަކި ޖަހާލި އަޑަށް މަންޝާ ސިހުނެވެ. "މަޑުކޮށްލާ.. މި ހުޅުވަނީ..."
ލައިގެން ހުރި ހެދުން ބޭލުމަށްފަހު އަލަމާރި ތެރެއަށް ލިއެވެ. އަދި ދަތުރު މައްޗަށް ލާން ނަގާފައިވާ މައްޗާއި ޖިންސު ނަގާ މަހާލިއެވެ. އިސްތަށިގަނޑު އެއްކޮށްލާ ހުޅިޖަހަމުން މަންޝާ ގޮސް ދޮރު ހުޅުވާލިއެވެ.
ދޮރުމަތީ ހުރީ އަފްނާނެވެ. އޭނާ ފެނުމުން އެތެއަށް ވަންނަން އެދުނެވެ. އަފްނާނު ވަނީ ކޮރެއް ޖަހަމުންނެވެ. އެކޮޓަރީގެ އެނދުގައި އިށީންނަމުން ކޮޓަރި ތެރެއަށް އަފްނާނު ބަލާލިއެވެ. އަފްނާން ގައިގައި ރިއްސާތޯ އަހާލަން މަންޝާ ބޭނުންވިއެވެ. "އަފޫ މިހާރު ގައިގަ ރިއްސާތަ؟... ކޮބާ މަންމަ؟..."
"އާން ކުޑަކޮށް ރިއްސާ... ބޭސް ކައިގެން މީނީ.... މަންމަ ދެންމެ ކޮޓަރިއަށް އައި...އެހި ހެދުންތައް ޕެކް ކޮށްފިންހޯ.. ޕެކް ކޮށްފަ ހުރީމަ ދެން ހިނގައްޖެ... އިތުރު ވާހަކައެއް ނުދައްކާ..." އަތުގެ އިނގިލިތަކާ ކުޅެމުން އަފްނާން ވާހަކަ ދެއްކި އިރު އޭނާ ހުރީ ކަމަކާ ހާސްވެފައި ކަން މަންޝާއަށް އެނގުނެވެ.
"އަފޫ ކިހިނެއްވީ؟... ކޮން ކަމަކާ ހާސްވެފަ... މަންމަ ހަމައަކަށް އެޅެން ޓައިމް ނަގާނެ.. ދެން އަފޫ އެކަހަލަ ގޯސް ކަމެއް ނުކުރައްޗޭ... އަފޫގެ މަންމަ އެހެރީ ވަރަށް ދެރަވެފަ.... އަފޫވެސް ދެން އެކަމާ ނުވިސްނާތި..." އަފްނާންގެ ގާތުގައި އިށީނދެގެން އިނދެ މަންޝާ ވާހަކަ ދެއްކީ ވަރަށް ލޯބިންނެވެ. އެވަގުތު މަންޝާގެ މޫނަށް އަފްނާން ބަލާލިއެވެ. އޭނާގެ މޫނުމަތިން އެތައް ކަމެއް ފާހަގަ ވަމުން ދިޔައެވެ.
"ކޮން ކަމަކާ އަފޫ ތި ވިސްނަނީ؟... ދޮނާއަށް ކިޔައިދީ... އަފޫގެ ކޮންމެ ވާހަކައެއް ސިއްރުކޮށްދޭނަން..." ދައްކަން ބޭނުންވެގެން އުޅޭ ވާހަކައެއް އަފްނާނަށް ނުބުނެވިގެން އުޅޭކަހަލަ އިހްސާސެއް މަންޝާއަށް ކުރިއެވެ. އަފްނާނަކަށް ކެތެއް ނުކުރެވުނެވެ. ބަޑި ފަޅައިގެން ދިޔައީ އެވަގުތެވެ. ދެއަތުން އަފްނާނުގެ މޫނު ފޮރުވާލުމަށްފަހު ރޯން ފެށިއެވެ. މީހަކު އައިސް ދާނެތީ މަންޝާ ގޮސް އެ ކޮޓަރީގެ ދޮރު ތަޅުލިއެވެ. އެނބުރި އައިސް އަފްނާނު ކުރިމައްޗަށް ހުއްޓުނެވެ.
"ދޮނާ... ބައްޕަ ވަރަށް ގިނައިން އެބަ ގުޅާ.. އަހަރެންނަކަށް ނުކެރޭނެ ފޯނު ނަގާކަށް... އެކަމަކު.. އަފޫއަށް ވަރަށް އުނދަގޫ ވޭ... ފޯނަށް ޖަވާބު ދީފިއްޔާ މަންމަ ރުޅި އަންނާނެ... އަފޫ ބޭނުން އެންމެ ފަހު ފަހަރަށް ނަމަވެސް ބައްޕައާ ވާހަކަ ދައްކަން... ބައްޕަ ކައިރީ ސޮރީއޭ ވެސް ބުނަން ބޭނުން... މިކަމެއް ހިނގީކީ ހަމައެކަނި ބައްޕައާ ހެދިއެއް ނޫން... އަފޫވެސް މިކަމުގަ ބައްޕައެކޭ އެއްވަރަށް ބައިވެރިވިން... މަންމަ ރުޅި އަންނާނެ.. އަފޫއަކަށް ނުކެރޭނެ ޓޯކް ކުރާކަށް..." ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް އަތުގެ ނުފުށުން ފޮހެލަމުން އަފްނާން ވާހަކަދައްކަމުން ދިޔައިރު މަންޝާ އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
"ދޮނާއަކަށް ނޭނގޭ ތިކަމަށް ބުނާނެ އެއްޗެއް... އަފޫއަށް ބައްޕައާ ވާހަކަ ދައްކަން ނުކެރެންޏާ ފޯނުން މެސެޖެއް ކޮށްލަންވީނުން...." މަންޝާ އޭނާއަށް ހީވާ އެންމެ ރަނގަޅު ގޮތް ހާމަ ކުރިއެވެ.
"މެސެޖްކޮށްފިން... ބަޓް ބައްޕައަށް މެސެޖް ކިޔަން އިނގޭނެތަ؟... އަފޫ މެސެޖް ކުރިފަހުން ބައްޕައެއް ނުގުޅާ..." އަފޫ ދެލޯ ބޮޑުކޮށްލަމުން ވާހަކަ ދެއްކިއެވެ.
"ބައްޕައަށް މެސެޖް ކިޔަން އިނގޭނެހެން ހީވަނީ... އަފޫ މެސެޖް ލިބިގެން އެ ކިއީމަ ދޯ ބައްޕަ ނުގުޅާވެސް އެހުރީ..." މަންޝާ ދިން ޖަވާބުން އަފްނާނުގެ ހިތުގައި އިތުރު ރިހުމެއް އުފެދުނެވެ. މަދީހާގެ އަޑު އިވުމުން އަފްނާން އެނދުމަތިން ތެދުވިއެވެ. މަންޝާ އަވަހަށްްް ކޮޓަރި ދޮރު ހުޅުވާލިއެވެ.
"މިރޭ އެގާރަ ޖަހާއިރު ފުރަނީ.... ކޮން އިރަކުން ކާނީ... ހުންނާނެ ވަރަށް މީރުކޮށް ކައްކާފަ.... އަވަހަށް ކައި ނިމުނީމަ ދޯ ތެލިތައް ނަގާފަ ބަދިގެ ސާފުކޮށްލެވޭނީ ވެސް...." މަދީހާ ވާހަކަ ދައްކަމުން މަންޝާ ކޮޓާރި ތެރެއަށް ބޯ ދިއްކޮށްލިއެވެ. އޭރު ކޮޓަރިތެރޭ ކޮޅަށް ހުރި އަފްނާން ފެނުމުން މަދީހާ ހީލިއެވެ. "ދަބަހަށް އެއްޗިސް އެޅީތަ؟... މިގެ ތަޅުލާފަ މަޖުދީއާ ހަވާލުކޮށްފަ ދާން މި ވިސްނަނީ...." މިހެން ބުނެ މަދީހާ ފެންޑާތެރެއަށް ހިނގައިގަތެވެ. "ދެން އަވަހަށް އާދޭ ކާން..."
"އަފޫ... ހިނގާ ކާން ދާން" މަދީހާ ދިއުމުން ކޮޓަރި ދޮރު ކައިރިކޮށްލަމުން މަންޝާ އެދުނެވެ. ނޫނެކޭ ބުނަމުން އަފްނާނު ގޮސްވަނީ އޭނާގެ ކޮޓަރިއަށެވެ.
އަފްނާން ދިއުމުން މަންޝާ އެކަނިވިއެވެ. އެވަގުތު އަނެއްކާވެސް ހަނދާނަށް އައީ މަންޝާ ގެއަށް ގެނެސް ދިން ގޮތް ނޭނގޭ މަޚްލޫގަކީ ކޮބައިތޯ ބަލާށެވެ. އެއީ ކާކުކަން އޮޅުން ފިލުވަން މަންޝާ ވަނީ ކެތް މަދުވެފައެވެ.
*** *** *** *** *** ***
ރައްްޓެހިންނާ އެކީ ހީ ސަމާސާކޮށް ދޮންމަނިކުގެ މީރު ކެއުމަަަށް އިންސާފްކުރަން އިން ރިޔާޒްގެ ފޯނު ވައިބްރޭޓް ވުމުން ބަލާލިއެވެ. ރިޔާޒްގެ ފޯނަށް އެ ގުޅަނީ މީރާއެވެ. މީރާ ލަސްވެގެން ގޭގަ ހުންނަން ފޫހިވެގެން ގުޅަނީކަން ރިޔާޒަށް އެނގުނެވެ. އޮފީހުގެ އެކުވެރިން ދައްކަމުންދިޔަ މަޖާ ވާހަކަތަކަށް ހިނިގަނޑެއް ޖަހާލަމުން ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ. "ކިހިނެއްވީ؟... މިދަނީއޭ..."
ރިޔާޒަށް އެކޮޅުން ޖަވާބުދިނީ ޟިރާރެވެ. އޭނާގެ ބައްޕައެވެ. ކުއްލިއަކަށް ހޮސްޕިޓަލަށް އަންނަން އެދުމުން ރިޔާޒްގެ ބޮލުގައި ރިއްސާލިއެވެ. ކިހިނެއްވީތޯ ސުވާލުކުރުމުން މީރާ ހޮސްޕިޓަލަށް ގެންދިޔަ ވާހަކަ ޟިރާރު ބުނެ ފޯނު ކަނޑާލިއެވެ.
(ނުނިމޭ)