ނޭނގޭ ބާރަކުން މަންޝާއަށް އެދިމާއަށް ދެވުނެވެ. ރާޅުޖަހާ ހިސާބަށް ނުކުތް އިރު މަންޝާގެ ލޮލުގައި އަޅައިގަތީ ދޮންވެލިގަނޑުމަތީ އުޑުފައިން އިށީނދެގެން އިން ޒިބާނެވެ. ލައިގެން ހުރި ބޫޓުގެ ކަށި ދޮންވެލިގަނޑަށް ގެނބޭތީ ހިނގާކަށް ފަސޭހައެއް ނުވިއެވެ. އެހެންކަމުން ބޫޓު ބާލައިގެން އެއް އަތުން ހެދުން އުފުލާލަމުން ކުރިއަށް ހިނގައިގަތް އިރު މަންޝާ ހީވަނީ ހިޔާލީ ވާހަކަތަކުގައި ބުނާ ކަހަލަ ޕްރިންސަސްއެއް ހެންނެވެ.
އެހެން ދުވަސްތަކާ ޒިބާން މިއަދު ވަރަށް ތަފާތެވެ. އާންމު ގޮތެއްގައި އަނދިރި ކުލައިގެ ހެދުން ލުމަށް ލޯބިކުރާ ޒިބާން ލާފައި ހުރީ މަޑު އަޅިކުލައިގެ ތުނި ގަމީހެކެވެ. އޭރު ޒިބާންގެ ކަނދުރާއާ ހަމައަށް އަރާ އިސްތަށިގަނޑު ވަޔާއެކީ ވިހުރިލަ ވިހުރިލަ އޮތެވެ. އިރުއޮއްސެމުން ދިޔަވަގުތުގައި އިރުގެ ދޯދިން ޒިބާންގެ އިސްތަށިގަނޑަށް އެޅިފައިވާ އަވިން އެ އިސްތަށިގަނޑުގެ އެކި ދިމަދިމާލުން ފާޅުވަމުންދާ ރަތްކުލަ ވަރަށް ފުރިހަމައަށް ހާމަވަމުން ދިޔައެވެ.
މަންޝާ ކުރިއަށް ފިޔަވަޅު އަޅާލިއެވެ. ހިމުން ދޮންވެލިގަނޑުގައި މަންޝާގެ ފިޔަަވަޅުގެ ނިޝާންތައް ފާހަގަވާން ހުއްޓެވެ. ކުރިއަށް ގޮސް ޒިބާން ކައިރިއަށް ހުއްޓުނު އިރު މަންޝާގެ ފައިތިލައިގައި ރާޅު ބީއްސާލިއެވެ. ޒިބާން ކުރަމުން ދިޔަ މަސައްކަތް މަންޝާއަށް ފެނުނީ ދެނެވެ.
އެހިސާބުގައި ބޮޑު ކަނދު ފައްޗެއް ތައްޔާރުކޮށްފައި އޮތެވެ. ޒިބާންގެ އަތުގައި ހުރި ރަތް ބެރެބެދި މާތަށް އެ ކަނދުފަތި މައްޗަށް އެއްވެސް ތަރުތީބެއްނެތި އުކާލިއެވެ. މަންޝާއާ ދިމާއަށް ޒިބާންގެ އަތް ދިއްކޮށްލަމުން އަންނާށޭ ބުނެލީ ވަރަށް ލޯބިންނެވެ. ލަދުރަކި ހިނިތުންވުމަކާ އެކީ އެ ކަނދުފައްޗަށް އަރާ އޭގެ މެދުގައި މަންޝާ އިށީނީ ހެދުމުގެ ދިގު ފަސްބައި ފަތުރާލަމުންނެވެ.
ޒިބާންގެ އަތުގެ އިޝާރާތަށް އެ ކަނދުފަތި މޫދުގެ ތެރެއަށް ކެހިގެން ދިޔައީ މަޑުމަޑުން އެއްވެސް ލޮޅުމަކާ ނުލައެވެ. ލޮނުގަނޑުމަތިން ކަނދުފަތި ދާން ފެށުމުން މަންޝާ ހީކުރީ އޭނާ ލައިގެން ހުރި ހެދުން ތެމޭނެ ކަމަށެވެ. ނަމަވެސް އެކަނދުފަތި މަތީގައި ވަނީ ބޯ ބިއްލޫރިގަނޑެއް ބާއްވާފައެވެ. މާތަށް ހުރީ ބިއްލޫރިގަނޑު މައްޗަށް އަޅާފައެވެ. އުދަރެސްމަތިން ފާޅުވަމުން ދިޔަ އޮރެންޖް ކުލައިގެ ދަޅަ އެ ބިއްލޫރިގަނޑަށް އެޅިފައިވާ އިރު އެ މަންޒަރު ވަރަށް ވެސް ޗާލެވެ. ސާފު ރީތި މޫދާ ދިމާއަށް މަންޝާ ގުދުވެލިއެވެ. މަންޝާއަށް އޭނާގެ އަމިއްލަ ސޫރަ ފެނުނެވެ. ނިތްކުރި މައްޗަށް ވެއްޓިފައިވާ އިސްތަށިތައް އެއް އަރިއަކަށް ޖައްސާލަމުން އިސްތަށިގަނޑުގައި އަތް ހާކާލިއެވެ.
ދުރުދުރުން ފެންނަމުން ދިޔަ އިރުއޮއްސޭ މަންޒަރަށް މަންޝާ ބަލާލީ އުފަލުން ފޮޅިފައި އިނދެއެވެ. ކާށިދޫގައި އުޅެ ބޮޑުވި މަންޝާއަށް މިފަދަ ރީތި މަންޒަރެއް ކާށިދޫ އިން އަދި ނުފެނެއެވެ. ހީވަނީ ޕަރީންގެ ދުނިޔެއަކަށް ދެވިގެން އުޅޭ ހެންނެވެ. މަންޝާގެ ކޮނޑުގައި މީހަކު ހިފާލުމުން ސިހިފައި ފަސްއެނބުރި ބަލާލިއެވެ. ޒިބާން އޭރު އިނީ މަންޝާގެ ގާތުގައި އިށީނދެގެންނެވެ.
"ޒިބާން... ދިސް އިޒް އެމޭޒިންގް.... ދުވަހަކު ވެސް މިދުވަސް ހަނދާނެއް ނުނެތޭނެ...." މަލެއްހެން ފޮޅިފައި އިން މަންޝާ ވާހަކަ ދެއްކި އިރު އޭނާގެ ނުފެންނާކަށް ދަތެއް ނެތެވެ.
ޒިބާންގެ އަތް މަންޝާއާ ދިމާލަށް ދިއްކޮށްލުމުން މަންޝާ އެއަތަށް ބަލާލިއެވެ. އޭރު ޒިބާންގެ އަތުގައި ވަނީ ޝާހީ ގޮތަކަށް ކުރެހުންތަކެއް އަޅާފައިވާ ވަރަށް ރީތި ލޯ ތައްޓެކެވެ. މަންޝާ އެތަށީގައި ހިފާ އެތެރެ ބަލާލިއެވެ. އެއީ ހުސް ތައްޓެކެވެ. ޒަމާންވީ ރަސްރަސްކަލުން ފެންބޯން ގެންގުޅޭ ކަހަލަ ތައްޓެކެވެ. ކަނދުފަތީގެ އެއް ފަރާތުގައި އިން ކުރައެއް ފާޑުގެ އެއްޗެއް ޒިބާން ނެގިއެވެ. އެކުރައިން މަޑު ރަތްކުލައަކަށް ހުރި ދިޔާ އެއްޗެއް އެތަށީތެރެއަށް އޮއްސާލިއެވެ.
"މީ ކޯއްޗެއް؟..." ސުވާލުގެ ނަޒަރަކުން ޒިބާނާ ދިމާއަށް މަންޝާ ބަލާލިއެވެ.
ޝަހާދަތް އިނގިލި މަންޝާގެ ތުންފަތުގައި ޖައްސާލަމުން ވާހަކަ ނުދައްކަން ޒިބާން އެދުނެވެ. އަދި މަންޝާ އަތުގައިވާ އެ ތަށީގައި ހިފުމަށްފަހު މަންޝާގެ ތުބުގައި ޖައްސަމުން އެ ބޯލާށޭ ޒިބާން ބުނެލީ ހިނިތުންވަމުންނެވެ. ފުރަތަމަ ފަހަރު އެތިފޮދެއް ރަހަ ބަލާލިއެވެ. އެ ބުއިމަކީ ވަރަށް މީރު ފޮނި ރަހައެއްލާ ފިނި ބުއިމެކެވެ. އެ ވަގުތު މަންޝާގެ އަރުތެރެވަނީ ހިކިފައެވެ. ނަމަވެސް އެ ބުއިމަށްފަހު ކަރުހިއްކުން މުޅިން ފިލައިފިއެވެ.
އެތަށީގައި ތުންޖަހާ އެއް ނޭވާއިން އެތަށީގައި ހުރި އެއްޗެހި އެކީ ބޮއި ހުސްކޮށްލިއެވެ. މަންޝާ ދިއްކޮށްލި ހުސްތަށި ނަގާ ދުރުގައި ބަހައްޓަމުން މަންޝާ ގާތު އޭނާގެ އުނގުގައި ބޯ އަޅާލަން ޒިބާން އެދުނެވެ. ބޮލަށް ބަރުވެފައިވުމުން ވަރަށް ފަސޭހައިން ޒިބާންގެ އުނގުގައި މަންޝާ އޮށޯތީ އިތުރު ޝަކުވާއަކާ ނުލައެވެ. ޒިބާންގެ އިނގިލިތަކުން މަންޝާގެ އިސްތަށިގަނޑާ ކުޅެލިއެވެ. އަދި ގުދުވަމުން މަންޝާގެ ތުންފަތަށް ބޮސްދިނެވެ. އެވަގުތު މަންޝާގެ ދެލޮލަށް ބަރުވެ ދެލޯ މެރުނެވެ.
މޫދުގެ ލޮނުގަނޑުގައި ބީހިލާފައި އަންނަ ތެތް ފިނި ވައިރޯޅިން ލިބެމުން ދިޔަ ފިނިކަމުގެ ތެރެއަށް މަންޝާ ގެނބެމުން ދިޔައެވެ. މަންޝާގެ ދިގު ހެދުމުގެ ފަސްބައިން އެއްބައި ވަނީ މޫދުގެ ލޮނުގަނޑު ތެރޭގައެވެ. ޒިބާންގެ އަތުގެ އިނގިލަތައް މަންޝާގެ އަތު ތެރެއަށް މަހާލިއެވެ. އަދި މަޑުމަޑުން މަންޝާގެ ބަނޑުގައި އަނެއް އަތުން ފިރުމާލިއެވެ.
ކަނދުފަތި އޭރު ދަތުރު ކުރަމުން ދިޔައީ ރަށާ ތަންކޮޅެއް ދުރަށެވެ. މޫދުގައި އޮމާން ތަރަފާއްޔެއް އަޅާފައިވާ ކަހަލައެވެ. އެހާވެސް މަޑު ދުވަހެކެވެ. މަންޝާގެ ބަނޑުގައިވާ ދަރިފުޅު ތޮޅެލިކަން އިހްސާސްވުމުން ޒިބާންގެ މޫނަށް މަންޝާ ބަލާލީ މަޑުމަޑުން އެސްފިޔަތައް ހުޅުވާލަމުންނެވެ. ޒިބާން އިނީ މަންޝާގެ ބަނޑުމަތީގައި އަތް ބާއްވައިގެން ކަމުން އެ ކުއްޖާގެ ތޮޅުމުގެ އިހްސާސް ޒިބާނަށް ކުރާނެކަން މަންޝާއަށް އެނގުނެވެ. ބަނޑަށް ވާންވެއްޖެކަމުގެ އިހްސާސްކުރުމުން މަންޝާ ބަނޑާ ދިމާއަށް ބަލާލިއެވެ. އޭރު މަންޝާގެ ބަނޑުވަނީ ފުއްޕާފައެވެ. ލައިގެން ހުރި ހެދުމަކީ ބަނޑުމަތިން ރޫ ޖައްސާފައިވާ ހެދުމެއްކަމުން މަންޝާއަށް އެހެދުން ބާރުވެ އުނދަގޫވާ ގޮތެއް ނުވެއެވެ. މަންޝާ ވެސް ބަނޑުގެ އެއްފަރާތުގައި މަޑުމަޑުން ފިރުމާލިއެވެ.
*** *** *** *** *** ***
އޭޑީކޭ ހޮސްޕިޓަލުގެ ބޭސް ނަގާ ކައުންޓަރުން ނަންބަރެއް ނަގައިގެން މީރާއާ އޭނާގެ މަންމަ ޞަފޫރާ އެތަނުން ގޮނޑިއެއްގައި އިށީނެވެ. ނަންބަރު ޖެހޭނެ ވަގުތެއްގެ އިންތިޒާރުގައި އިން މީރާގެ ފޯނަށް އެވަގުތު އައި ކޯލު ނަގަން ފޯނަށް ބަލާލިއެވެ. އެއީ ރިޔާޒްކަން އެނގުމުން މީރާ ފޯނު ނެގީ ހިނިތުން ވަމުންނެވެ.
"ހެއި.... މިހާރު މީނީ ބޭސް ނަގަން އައިސް... ޑޮކްޓަރ ބުނީ ސްކޭނުން ދައްކާ ގޮތުން ބޭބީ އިނީ ވަރަށް ތިރީގަޔޯ.. ސޯ ވީހާ ވެސް ގިނައިން ބެޑް ރެސްޓް ކުރާ ށޯ... ދެން ބޭސްތަކެއް ދިން... ދެން ދައްކަން އަންނަންވީ ނެކްސްޓް މަންތުގަޔޯ.... ރިޔާ... ކޮބާ ކޮންއިރަކުން ގެއަށް އަންނަނީ..." މީރާ ވާހަކަ ދައްކަދައްކަ އިންދާ އެމީހުންގެ ނަންބަރު ކައުންޓަރަށް އަރުވާލިއެވެ. މީރާ ފޯނެއްގައި އިނުމުން އެ ކައުންޓަރު ދޮށަށް ޞަފޫރާ ލެފިގަތެވެ.
"މިތިބީ އޮފީސް އެންމެން ގޮވައިގެން ދޮންމަނިކުގަ... ނިމުނީމަ ދާނަން... މީރާ ކޯއްޗެއް ބޭނުމީ..." ރިޔާޒް އޭނާ ހުރިތަން ހާމަ ކޮށްލިއެވެ.
"އޯހް... މްމްމް... ސީފުޑް ރައިސް އެއް...." ކާން އެންމެ ބޭނުންވާ އެތި ވަރަށް ހަނދާން ކޮށްލުމަށްފަހު މީރާ ބުނެލިއެވެ.
"އޯކެ ދެން ބޭއްވީއޭ... މިއަދު ވަރަށް މިސްވޭ... ސީޔޫ ސޫން..." ރިޔާޒް އެހެންބުނެ ފޯނު ކަނޑާލި އިރު ފަހަތުން ގިނަ ބަޔަކު ވާހަކަ ދައްކާ ހީ ސަމާސާ ކުރާ އަޑު މީރާއަށް އިވުނެވެ. ތެދެކެވެ އެތައް ދުވަހަކަށް ފަހު ރިޔާޒް އޮފީހަށް ދިއުމުން މީރާވެސް އެހުރީ ރިޔާޒް ދެކިލާ ހިތުންނެވެ. ރިޔާޒް ގެއަށް އަންނަން ވާ އިރަށް ފެންވަރައިގެން ނަލަހެދިލައިގެން ހުންނަން މީރާ ބޭނުންވިއެވެ.
"ހިނގާ ގެއަށް ދާން.. އިރުކޮޅަކުން ބަންގިގޮވާނެ... އެންމެ ބޭހެއް ފިޔަވާ ހުރިހާ އެއްޗެއް ލިބުނު..." ބޭސްތައް ނަގައިގެން އައިސް މީރާ ކައިރިއަށް ހުއްޓެމުން ޞަފޫރާ ވާހަކަ ދެއްކީ ޑޮކްޓަރު ލިޔެދިން ބޭސް ސިޓީއަށް ބަލަމުންނެވެ.
"އޯކޭވާނެ މަންމާ... ރިޔާޒް އައީިމަ އޭނަ ލައްވާ ތި ބޭސް ނަގަން ފޮނުވާނީ.. ހިނގާ ގެއަށް ދާން.. ވަރަށް ބޮޑަށް ހީސްލަވާ..." އޭޑީކޭއިން ނުކުންނަމުން މީރާ އެހެން ބުނެލީ ބަނޑުގައި ފިރުމާލަމުންނެވެ. ސިންދިތާއާ އަރާ ހަމަވުމާއި އެކީ ޞަފޫރާގެ ހިނގުން މަޑުކޮށްލިއެވެ. މީރާ ވާހަކަ ދައްކަމުން ކުރިއަށްގޮސް މަންމަގެ ޚަބަރެއް ނުވުމުން ފަސް އެނބުރި ބަލާލިއެވެ.
"އާދޭ މަންމާ... ކިހިނެއްވީ... ޔަގީނޭ މިތަނަށް ވަންނަންވެގެންދޯ..." ސިންދިތާ ތެރޭ ހުރި ފޮތިތަކާ ދިމާއަށް ބަލަންހުރި ޞަފޫރާ ފެނުމުން މީރާ ވާހަކަދެއްކިއެވެ.
"ދަރިފުޅާ ހިނގާބަލަ އެތެރެއަށް ވަންނަން... އޭނީ ހާދަ ރީތި ފޮތިގަނޑެކޭ...." ޞަފޫރާ އެދުނެވެ.
"ނޫން... މަންމަ ވަދޭ... އަހަރެން މިދަނީ މައްޗަށް... ވަރަށް ބޮޑަށް ހީސްލަވާ އެބަ.. ކެތެއް ނުކުރެވޭނެ..." ޞަފޫރާގެ އަތުގައި އޮތް ފައިލް ހިފައިގެން މީރާ އެގެއަށް ވަތްއިރު ޞަފޫރާ ވަނީ ސިންދިތާ ފިހާރައަށެވެ.
ލިފްޓު ކައިރިއަށް ގޮސް ސްވިޗަށް ފިތައިގެން ހުރެ ހުރެވެސް ލިފްޓް ތިރިއަށް އަންނަ ގޮތެއް ނުވިއެވެ. އެހެންކަމުން މީރާ ގަސްތުކުރީ ސިޑިން މައްޗަށް އަރާށެވެ. މާ ގިނަ އިރު ތިރީގައި ކެތްނުކުރެވޭނެ ކަން އިނގޭތީއެވެ. ސިޑިން މައްޗަށް އަރަމުން ދިޔައިރު ވަރުބަލިވެގެން ދެ ދިމާލަކުން މީރާ މަޑުޖެހުނެވެ. އެ ގަޑީގެ ގޮތުން ސިޑިމަތި ކޮންމެވެސް ވަރަކަށް އަނދިރިއެވެ. ކޮންމެ ސިޑިއަކާ ހަމައިން މީރާ ދިޔައީ ބޮކި ދިއްލަމުންނެވެ.
ހަތަރުވަނަ ބުރި ސިޑީގެ ފާރުގައި ހުރި ސްވިޗް ޖައްސާލި އިރު މީރާއަށް މައި ނޭވާ ލެވެނީއެވެ. ނަމަވެސް މީރާ މަޑުކުރާކަށް ބޭނުމެއް ނުވިއެވެ. ސިޑިން މައްޗަށް އަރަން ހިނގައިގަތެވެ. ދެ ހަރުފަތެއް މައްޗަށް އެރުނު ތަނާ ކުއްލިއަކަށް ސިޑީގެ ލައިޓް ކަނިކަނި ބުރާ ނިވި ދިއްލެން ފެށުމުން މީރާއަށް ސިހުމެއް ލިބުނެވެ. އެކަމަށް ފަރުވާލެއް ނުބަހައްޓާ ސިޑިން މައްޗަށް އަރަން ފިޔަވަޅު އަވަސްކޮށްލިއެވެ. އިސްއޮބައިގެން ހުރެ ފަސްވަނަ ބުރިއަށް އެރުމަށްފަހު ދަބަސްތެރެއަށް އަތް ކޮށްޕާލީ އެޕާޓްމަންޓްގެ ތަޅުދަނޑި ނަގާށެވެ.
ކުއްލިއަކަށް މީހަކު ފެނުމުން ސިހިފައި މީރާ ކުރިއަށް ބަލާލިއެވެ. އިސްތަށިގަނޑު ހާވާލައިގެން ހުރި އަންހެން ކުއްޖެކެވެ. އޭނާ ހުރީ މީރާއަށް ފުރަގަސްދީގެންނެވެ. މީރާ ހީކުރީ އެއީ އެގޭ ދޮރު ތަޅުލާފަ ހުރުމުން އެތެރެއަށް ނުވަދެވިފައި ހުރި ކުއްޖެއް ކަމަށެވެ. ފަހަރުގައި ރިޔާޒްމެން ރަށު ކުއްޖަކަށްވެސް ވެދާނެއެވެ.
އަތުގައި ތަޅުދަނޑި ޖެހުމާއެކީ ހިނިތުންވެލަމުން މީރާ ވާހަކަދެއްކީ އެ ގޮތްނޭނގޭ އަންހެން ކުއްޖާއަށް މުޚާތަބު ކުރަމުންނެވެ. "ހެއި... ކީއްކުރާ ކުއްޖެއް؟... ކާކު ހޯދަނީ..."
*** *** *** *** *** ***
ލޯމެރެމުން ދިޔަ މަންޝާގެ މޫނުގައި ފިރުމާލަމުން ޒިބާން ވާހަކަ ދެއްކިއެވެ. "މަން... އަހަރެން މަންދެކެ ވަރަށް ލޯބިވޭ.. މިރޭ މާލެ ފުރަންޖެހޭ ކަން ވެސް އިނގޭ... ދެން މާލެއިން ބައްދަލުވާން ވަރަށް އުނދަގޫވާނެކަންވެސް އިނގޭ... އެހެންވެ މިރަށުގަ... މި މާހައުލުގަ... އަހަރެން މި ގޮތަށް މަންއާ ބައްދަލުކުރަން ބޭނުންވީ... އަހަރެން މިދިން ބުއިމުގެ ސަބަބުން މިހާރު ތި ފެންނަނީ މަންގެ އަސްލު ބަނޑު ހުންނާނެ ގޮތް... ހިޔެއްނުވޭ ދެން މާ ގިނަ ދުވަސްތަކެއް ވާނެހެނެއް.... މަންއަށް މިކަމުގަ އެހީވާން އަހަރެން މަން ބަލާ އަންނާނަން... ވަގުތު ޖެހުނީމަ މަންޝާ މީހުންގެ ލޯތަކަށް ފޮރުވަންޖެހޭނެ..." ޒިބާންގެ ވާހަކައިގައި ހުރި ސީރިއަސްކަން މަންޝާއަށް ނަގައިގަނެވުނެވެ.
ޒިބާންގެ މޫނަށް ބަލާލަމުން މަންޝާ ވާހަކަ ދެއްކިއެވެ. "ޒިބާން... އަޅެ... ވިހާ އިރު ވަރަށް ތަދުވާނެތަ... މީހުން އެހެން ބުނާތީ ވަރަށް ބިރުގަނޭ.... ދެން ނޭނގެ ވަރަށް އެހެންކަހަލަ ދޯ... އިނގޭ ޒިބާން އަހަންނަށާ މިދަރިފުޅަށް ދެރަ ގޮތެއް ނުހަދާނެކަން... އެކަމަކު... ޒިބާންގެ އާއިލާއިން މިކަމާ ގަބޫލުތަ... އިންސާނުންނާ ޖިންނީންނާ ގުޅިގެން އުޅުމާ ދޭތެރޭ އެމީހުން ދެކެނީ ކިހިނެއް... ތި އާއިލާ ޒިބާންގެ ބައިވެރިއެއް ގޮތަށް އަހަރެން ގަބޫލުކުރާނެތަ؟..." މަންޝާ ކުރި ސުވާލުތަކުން ޒިބާންގެ މޫނުގެ ކުލަވަރު މުޅިން ބަދަލުވެއްޖެއެވެ.
ޒިބާންގެ އުނގުމަތިން ބޯ ހިއްލާލަމުން މަންޝާ ކަނދުފަތީގައި އަރިއަކަށް އިށީނދެލީ އެއްއަތް ވިއްދާލަމުންނެވެ. އޭރުވެސް މަންޝާގެ ބަނޑު ހުރީ ބޮޑުކޮށެވެ. "ޒިބާން... އަހަރެން ޒިބާންގެ އާއިލާއަކަށް ނުދައްކާނަންތަ؟... އަހަރެންނަށް ޒިބާންގެ މާގިނަ ކަންތައްތަކެއް ނޭނގޭކަން ޒިބާނަށް އިނގޭނެ.. ޕްލީސް ވާހަކަ ދައްކަބަލަ...." ޒިބާންގެ އަތުގައި ހިފާ މަންޝާ ތަޅުވާލިއެވެ.
ޒިބާން ކަރުކެހިލިއެވެ. ވާހަކަ ދައްކަން އުނދަގޫވެފައި އިންކަން ޒިބާންގެ ހަރަކާތްތަކުން މަންޝާއަށް ދޭހަވިއެވެ. "އަހަރެންގެ ބައްޕަ އަކީ... ވަރަށް ބާރުގަދަ ޖިންނިއެއް... އެކަމަކު އަހަރެންގެ މަންމަ މި ދުނިޔެއަކު ނެތް... މަންމަ ވަނީ ކިޔަމަންތެރި ނުވުމުގެ ސަބަބުން އާއިލާއިން ވަކިކޮށްލާފަ... މަންމައަށް ދިމާވި ކަންތައް އެއީ ވަރަށް ހިތްދަތި ކަމެއް... ދެން އަހަރެންގެ ހުންނަނީ ކޮއްކޮއެއް... އޭނަ ވަރަށް ޒީލަގަދަަވާނެ... އަހަރެންގެ ކޮއްކޮ މަންޝާއާ އެހާ ގަބޫލެއް ނޫން... ބައްޕަވެސް.... އެކަމަކު އަަހަރެން މަންޝާ ދުލެއް ނުކުރާނަން... ބޮޑުދައިތަމެން ތިބީ އަހަރެންނާ އެއްކޮޅަށް... އަހަރެންގެ ބައްޕަމެންނަށް އަހަރެން އުޅޭ ނޫޅޭގޮތް އިނގޭނެ.. ނަމަވެސް ބޮޑުދައިތައާ އިދިކޮޅަށް އެއްޗެއް ނުބުނަން ބައްޕަ އެހުންނަނީ.... މިބުއިންވެސް ދިނީ ބޮޑު ދައިތަ..." ސައިކުރާ ދައްކާލަމުން ޒިބާންގެ ވާހަކަ ނިންމާލިއެވެ.
ޒިބާންގެ ވާހަކަތައް އަޑުއަހާފަ މަންޝާ އެ އާއިލާއާ ބައްދަލުކުރަން ބޭނުންވިއެވެ. ނަމަވެސް އާއިލާ ތެރޭގައި އެދެމީހުންގެ ގުޅުމާ ނުރުހުންވާ ބަޔަކު ތިބުމުން މަންޝާގެ ހިތުގެ އެދުން ހާމަކުރާކަށް ނުކެރުނެވެ.
މަންޝާގެ މޫނަށް ބަލަން ޒިބާން އިންއިރު މަންޝާގެ ހިތުގެ އެދުން ޒިބާނަށް ރަނގަޅަށް އެނގެއެވެ. ނަމަވެސް އެ އެދުން ފުރިހަމަ ކޮށްދޭނީވެސް ކިހިނެއް ހެއްޔެވެ. މަންޝާއަށް ލިބިދާނެ ނުރަކައްލަކަށް ޒިބާން ބަލަން ޖެހޭނެއެވެ. އެހެން ނޫނީ އޭނާގެ ލޯބި މިދުނިޔެއަށް އަލްވަދާއު ކިޔާނެއެވެ. އޭނާގެ ކޮއްކޮ ނުރުހޭވަރުން، މިހާރުވެސް ޒިބާން އެހުންނަނީ މަންޝާގެ ހަށި ފާރަވެރިއެއްހެން ތާ އަބަދު ކައިރީގައި ބަލާށެވެ. ކިރިޔާ އަތަކަށް ޖެހިލިއަސް ނުރައްކަލެއް އައިސްދާނެ ކަމުގެ ބިރު ޒިބާންގެ ހިތުގައި ވަނީ އުފެދިފައެވެ.
*** *** *** *** *** ***
މީރާއާ ދިމާއަށް އެ އަންހެން ކުއްޖާ އެނބުރި ބަލާލިއެވެ. ފުރަތަމަ ފެނިލުމުން ވެސް އެ ކުއްޖާއަކީ ކޮންމެވެސް ތަނަކުން ފެނުނު ކުއްޖެއް މަތިން މީރާ ހަނދާން ވިއެވެ. އެޕާޓްމަަންޓަަށް ވަންނަން ކެތްމަދުވެފައި ވހުރި ނަމަވެސް މީރާ އެކުއްޖާ ފެނުނު ދުވަސް ހަނދާންކުރަން ބޭނުން ވިއެވެ. އެ ކުއްޖާ ފެނުނީ ހޮސްޕިޓަލުންނެވެ. ރިޔާޒްގެ ކޮއްކޮ މަރުވެގެން އުޅުނުއިރު ހޮސްޕިޓަލުން ނެރެގެން ސަހަރާއަށް ގެންދިޔައިރު މީރާއަށް އެ އަންހެން ކުއްޖާ ފެނުނު މަތިން ހަނދާންވިއެވެ.
އެއީ އެ އަންހެން ކުއްޖާކަން މީރާއަށް ޔަގީންވީ އެކުއްޖާގެ ކުދި ބުޅި އިސްތަށިގަނޑުންނާ ކަންފަތް ދަށުން ފެށިގެން ކަރުގެ އެއްފަރާތުގައިވާ ބޮޑު ލަކުނުންނެވެ. އަދި އެއީ އާދަޔާ ޚިލާފަށް ދޮން، ރީތި ކުއްޖެކެެވެ. ގުދުރަތީގޮތުން ލިބިފައިވާ މުށިކުލައިގެ ބޮޑު ކަޅިއެއްގެ ވެރިއެކެވެ.
"ތީ ހުޅުދޫ ކުއްޖެއްތަ؟... ހޮސްޕިޓަަލުން ދިމާވި ދޯ... އަހަރެން މީ މީރާ.... ރިޔާޒްގެ އަންހެނުން...." އިސްވެ އެއަންހެން ކުއްޖާއާ މީރާ ތައާރަފްވެލިއެވެ.
ޒޭބާގެ ކަޅި އަމާޒުވެފައި ވަނީ މީރާގެ ބަނޑާ ދިމާއަށެވެ. އޭނާ ކުރިއަށް ފިޔަވަޅެއް އެޅިއިރު މީރާގެ ބަނޑާ ދިމާލުން ކަޅި ވަތްކެއް ނުކުރެއެވެ. ބަހެއްވެސް ނުބުނެއެވެ. މީރާއަށް ހައިރާން ކަމެއް ލިބުނީ ޒޭބާގެ އަމަލުތައް ހުރި ގޮތުންނެވެ. މީރާ ފަހަތަށް ފިޔަވަޅެއް އެޅީ ބަނޑުގައި ހިފަހައްޓަމުންނެވެ. ޒޭބާ އަދިވެސް ހުރީ މީރާގެ ބަނޑަށް ބަލާށެވެ. ރުންކުރުގޮތެއް ހުންނަ މީރާއަކަށް ހިމޭނަކުން ނުހުރެވުނެވެ. "ތީކާކުތަ؟... ކިހިނެވެގެން ތިއުޅެނީ؟... އަހަރެން ގެއަށް ވަންނަން ވެއްޖެ... ދުރަށް ދޭ..."
މީރާ ބޭނުންވީ އެ އަޖައިބެއް ކަހަލަ އަންހެން ކުއްޖާގެ ކުރިމަތިން ދުރަށް ދާށެވެ. އަރިއަކަށް ޖެހެމުން ޒޭބާ ކައިރިން ނެއްޓިގެން ދާން މަސައްކަތް ކުރި ނަމަވެސް މީރާގެ ފިޔަވަޅު މަޑުޖެހުނީ އަޖައިބުކުރުވަނިވި ކަމެއް ފެނުމުންނެވެ. ޒޭބާގެ ދެލޯ ނޫކުލައިން ދިއްލިގެން ދިޔުމުންނެވެ. އޭނާގެ ހަންގަނޑަށް އޭރުވަނީ ހުދުކުލަ އަރާފައެވެ. ބުޅި އިސްތަށިގަނޑު ފޯލި ފޯއްޔަށް ވައިގެތެރޭގައި އުދުހެން ފެށިއިރު ހީވަނީ ބޯވައެއްގެ ފައިތަކެއް ހެނެވެ.
ބިރުންހުރި މީރާ ފުރަތަމަވެސް އަތް ޖައްސާލީ އޭނާގެ އަތުގެ މުލައްދަނޑީގައެވެ. ތަވީދު ނެގުނުމަތިން ހަނދާންވީ ދެނެވެ. މިއަދު މީރާ ލީ އޭނާގެ މަންމަ ގެނެސްދިން އަތްކުރު ހެދުމެކެވެ. އުޅަބޮށިން ތިން އިިންޗިއެއްހާ މަތީގައި އަޅާފައިވާ ތަވީދު ފެންނާތީ މީރާ އެތަވީދު ނެގީ ހޮސްޕިޓަލުން އައިސް އަޅާށެވެ. މިވީ ކުޑަ ވަގުތުކޮޅު ތެރޭގައި މިފަދަ ޝައިތާނަކާ ދިމާވެދާނެކޭ މީރާ ހިތަކަށްވެސް ނާރައެވެ.
އިރުއޮއްސުނު ވަގުތުކަމުން މިވަގުތަކީ އެމީހުންގެ ބާރު ގަދަވެގެން އަންނަ ވަގުތެކެވެ. މީރާ ފަސް އެނބުރުނީ އެ އަންހެން ކުއްޖާގެ ހަންގަނޑުގައި ހުުޅުނބުފާޑުގެ އެއްޗެއް ފާޅުވާން ފެށުމުންނެވެ. އެ ހުޅުނބުތަކުގައި މަޑު ނޫކުލައިގެ ވިދުމެއް ވިއެވެ. ބިރުންގޮސް މީރާ ދާހިއްލާ ފޯވަނީއެވެ. ދެފައި ފިއްތައިގެން ހުރި މީރާއަށް ނުހިފޭއްޓި، އެހުރިތަނަށް ކުޑަކަމުދެވުނީވެސް އޭނާގެ އިޚްތިޔާރުން ބޭރުގައެވެ. އޭރުވެސް ސިޑިއާ ދިމާލުން ހުރި ބޮކި ނިވިދިއްލެމުން ދިޔައެވެ. ސިޑިން ތިރިއަށް ފައިބަން އެޅި ފިޔަވަޅާ އެކީ މީރާގެ ބުރަކަށީގައި މީހަކު ޖެހިކަން އެނގުނެވެ.
"މަންމާ....."
އަޑުގެ ނެތްތަނަށް މީރާ ހަޅޭއްލަވައިގަތީ ދެން ވެދާނެ ގޮތަކާދޭތެރޭ ވިސްނާލެވުމުންނެވެ. ބަނޑުގައިވާ ދަރިފުޅު ސަލާމަތްކުރަން މީރާ ބޭނުންވިއެވެ. ބަނޑުވަތަށް ސިޑިން ތިރިއަށް މީރާ ވެއްޓުނީ މީރާއަށް ކުޑަކަމުދެވިފައިވާ ތަނުގެ މަތިން ފައި ކައްސާލުމުންނެވެ. ވެއްޓިގެން ދިޔައިރު އޭނާގެ ބަނޑުގައި ދެއަތުން ހިފަހައްޓާލިއެވެ. ފާރުގައި ނިތްކުރި ޖެހުނުލެއް ބާރުކަމުން މީރާގެ ޚަބަރު ހުސްވިއެވެ.
*** *** *** *** *** ***
އާމިނައަށް ނިދިފައި އޮތުމުން ޟިރާރު ސިޓިންގް ރޫމުގައި ހުރި ސޯފާގައި އިށީނދެގެން އިނީ ބަންގި ގޮވަން ދެނެވެ. ކުއްލިއަކަށް ޟިރާރުގެ ކަންފަތުގައި ޖެހުނީ މީރާގެ ހަޅޭކުގެ އަޑެވެ. އެއީ މީރާގެ އަޑުކަން ޔަގީނެވެ. ޟިރާރު އެޕާޓްމަންޓުން ބޭރަށް ނުކުންނަން ދޮރު ހުޅުވާލި ވަގުތަކީ މަޢްރިބް ނަމާދަށް ބަންގި ގޮވި ގަޑިއެވެ. އެޕާޓްމަންޓް ކުރިމައްޗަށް ވާގޮތަށް ހުރި ސިޑިބަރި ކައިރީގައި އަތް ދަބަހެއް ހުރިތަން ފެނުމުން ޟިރާރު ކުރިއަށް ހިނގައިގަތީ ފައިވާންވެސް ނުލައެވެ.
ސީޑިއާ އަރާ ހަމަވި އިރު ސިޑިން ތިރީގައި ގުޅަވަރަކަށް ޖެހިފައި އޮތް މީރާ ފެނުމުން ޟިރާރު ސިޑިން ތިރިއަށް ފައިބަން ދުއްވައިގަތެވެ. ޟިރާރުގެ ފައި ތެމުމުން ސިޑިމަތީ ކޮންމެވެސް ވަރަކަށް ފެންއެޅިފައި ހުރިކަން ޟިރާރަށް ފާހަގަވިއެވެ. ވެއްޓިފައި އޮތް މީރާ ނަގަން ޟިރާރު މަސައްކަތް ކުރިއެވެ. އޭރު މީރާގެ ނިތްކުރި ފަޅައިގެން ގޮސް ލޭ އަންނަނީއެވެ.
"ދަރިފުޅާ... މީރާ... މީރާ..." މީރާގެ މޫނުގައި ހިފާ ތަޅުވަމުން ޟިރާރު ގޮވަމުން ދިޔައެވެ. މީރާގެ ޚަބަރެއް ނުވުމުން ޟިރާރު އޭނާ ނަގަން މަސައްކަތް ކުރިއެވެ. ޟިރާރަށް މީރާ ނެގޭ ގޮތެއް ނުވިއެވެ. އެވަގުތު އިވުނީ ލިފްޓު މައްޗަށް އައިސް ދޮރު ހުޅުވުނު އަޑެވެ.
"މީހެކޭ... މީހެކޭ... އާދެބަލަ...މިތަނަށް..." އަޑުގެ ނެތްތަނަށް ޟިރާރު ގޮވާލީ އެ ލިފްޓުން އައި މީހެއްގެ އެހީތެރިކަމެއް ހޯދާށެވެ.
ލިފްޓުން ނިކުތް ޞަފޫރާ ސިޑިއާ ދިމާއަށް އަވަސްވެގަތީ މީހަކު ގޮވާ އަޑު އިވޭތީއެވެ. މީރާ ވެއްޓިފައި އޮތް ތަން ފެނުމުން ޞަފޫރާގެ އަތުގައި ވާ ފޮތިކޮތަޅު ދޫވިއެވެ. ކުރިއަށް އެޅި ފިޔަވަޅު މަޑުޖެހުނީ ޟިރާރު ސިޑި މައްޗަށް އިޝާރާތް ކުރުމުންނެވެ. އެހެންކަމުން ޞަފޫރާ ސިޑިން ތިރިއަށް ފޭބީ ވަރަށް ބަލައިގެންނެވެ.
*** *** *** *** *** ***
އިރު އޭގެ ވާޖިބު އަދާކުރުމަށްފަހު އޮއްސިގެން ދިޔުމުން ދުނިޔެއަށް ވެރިވި އަނދިރިކަމުގެ ތެރެއަށް ފުރިހަމަ ކަމެއް ގެނެސްދެނީ އުޑުމަތިން ފެންނަމުން ދާ ތަރިތަކާއި ހަނދެވެ. މިރޭ ތަރިއެއް އަދި ހަނދެއް ވެސް ނުފެނެއެވެ. އަނދިރިކަމުގެ ސަބަބުން މަންޝާ ބިރުގަންނާކަށް ޒިބާނެއް ނޭދެއެވެ.
އެހެންކަމުން ޒިބާން ފުއްޓައްކެއް ޖާހަލިއެވެ. އެވަގުތު އެތަނަށް އަލިފާން ކޮކާތައް ފާޅުވިއެވެ. އެ ސޫފިތައް އައި ނައި ދިމާލެއް މަންޝާއަކަށް ނޭނގުނެވެ. ޒިބާންމެން ތިބި ކަނދުފަތި ވަށާ އުދުހެމުން ދިޔަ އަލިފާން ކޮކާތަކުގެ ދަޅަ މޫދުގެ ލޮނުގަނޑަށް އެޅިފައިވާއިރު ވަރަށް ވެސް ރީއްޗެވެ.
ގުގުރާލުމާ އެކީ ވިއްސާރައިގެ ކުލަވަރު ދައްކާލުމުން އިސްއުފުލާ މައްޗަށް މަންޝާ ބަލާލިއެވެ. އޭރު ތުނިތުނިކޮށް ވާރޭ ކަނިޖަހަން ފަށައިފިއެވެ. އިރުއޮއްސުނު ވަގުތުގައި އެހާ އަނދިރިވީ އެހެންވެ ކަން މަންޝާއަށް އެނގުނެވެ. ވާރޭގެ ކަނިތައް މަންޝާގެ މޫނުގައި ޖެހުމުން އޭނާގެ ލޯ މަރާލިއިރު ތުންފަތަށް ވެރިވި ހިނތުންވުން ފެނި ޒިބާނަށް ވެސް ހެވުނެވެ.
ވާރޭ ބޯ ކުރަން ފެށިއެވެ. އެވަގުތު ޒިބާން އެކަނދުފަތީގެ މިސްރާބު ރަށާ ދިމާއަށް އަނބުރާލިއެވެ. ވެހެމުން ދިޔަ ވާރޭގެ ތެރޭ އެމީހުން ތިބީ ތެމި ފޯވެފައެވެ. ރަށުގެ ގޮނޑުދޮށާ ހަމައަށް އައިސް އެ ކަނދުފަތި ކައިރިކުރުމުން ފުރަތަމަ ފޭބީ ޒިބާނެވެ. ޒިބާންގެ އަތުގައި ހިފަމުން ކަނދުފަތިން މަންޝާ ފޭބީ އެއް އަތުން އެ ދިގު ހެދުން އަރުވާލަމުންނެވެ.
ގޮނޑުދޮށު ކައިރިން ހިނގާފައި ދެމީހުން އެއްގަމަށް އެރިއެވެ. ވާރޭ ދިޔައީ ފަހަރެއް ފަހަރެއް ބޯކުރަމުންނެވެ. އެދެމީހުން އެކީގައި ގޮސް ވަނީ ބެރެބެދި ގަސްދަށަށެވެ. ހީކަރުވާތީ މަންޝާ ހަށަން ބަނދެލީ ދެއަތް ދެއަތާ ހާކާލަމުންނެވެ. ޒިބާންގެ ނަޒަރު ހުއްޓުނީ މަންޝާގެ ފޯވެފައިވާ ހަށިގަނޑަށެވެ. ލައިގެން ހުރި ހުދުކުލައިގެ ހެދުންވަނީ ތެމުމުގެ ސަބަބުން ގައިގާ ތަތްލާފައެވެ. ކުރިއަށް ޖެހިލަމުން މަންޝާގެ ކޮނޑުގައި ޒިބާން ހިފާލިއެވެ. އެވަގުތު ޒިބާންގެ މޫނަށް މަންޝާ ބަލާލިއެވެ. ޒިބާންގެ ތެމިފައިވާ އިސްތަށިގަނޑުގެ ތެރެއަށް އޭނާގެ އެއް އަތް މަހާލަމުން މައްޗަށް އިސްތަށިތައް އަޅާލި އިރު ޒިބާންގެ ނިތްކުރިމަތިން މޫނަށް ފައިބަމުން ދިޔަ ފެންތިކިތަކަށް މަންޝާ ހުރީ ބަލާށެވެ.
އެގަސްދަށުގައި އެމީހުން އިށީނެވެ. ބެރެބެދި މާތަކުގެ މަތީގައެވެ. ޒިބާންގެ ހިއްސުތައް ހޭލައްވާލައިފިއެވެ. މަންޝާގެ ކަނދުރާ ދަށަށް ޒިބާން ގުދުވެލި ވަގުތު މަންޝާ ދެލޯ މަރާލިއެވެ. އެވަގުތު ވެހެމުން ދިޔަ ވާރޭ މަޑުމަޑުން ތުނި ކޮށްލިއެވެ. މަޑުމަޑުން މާތަކުގެ މަތީގައި މަންޝާ ބާއްވާލުމަށްފަހު ޒިބާންގެ ހަށިގަނޑު މަންޝާ ކައިރިއަށް ތިރިކޮށްލިއެވެ. މަންޝާގެ ކޯތާފަތުގައި ތަތްލާފައިވާ މަލުގެ ފިޔައެއް ޒިބާން ނަގާ ދުރަށް ޖައްސާލިއެވެ. މަންޝާއަށް ކުރަމުން ދިޔަ އިހްސާސުން އޭނާގެ ލޯ މަރާލިއެވެ. އަދި މާތަކުގެ މަތީގައި އޮތް މަންޝާގެ އަތުގެ އިނގިލިތަކުން މާތަކުގައި ހިފާ ބޮނޑިކޮށްލިއެވެ.
(ނުނިމޭ)