ޓޮޕްކޮޅު އުފުލާލަމުން ބަނޑަށް ބަލާލީ އިތުރު ކަމެއް އިހްސާސްވާން ފެށުމުންނެވެ. އޭރު މަންޝާގެ ބަނޑުހުރީ ކޮންމެވެސް ވަރަކަށް ފުއްޕާފައެވެ. ބަނޑުގެ ދެފަރާތުން ފުއްޕާފައިވާ ލޭނާރުތަކުން ނޫކުލައިގެ ދަޅަ އަރާކަން ފާހަގަ ވިއެވެ. ބަނޑުތެރޭގައިވާ ދަރިފުޅު ކޮއްޕާލިހެން ވެސް ހީވިއެވެ.
މަންޝާގެ ފަހަތުން ޖެހުނު ވައިރޯޅިއަކާ އެކީ ނިއުޅުވާލައިފައިވާ އިސްތަށިގަނޑު ވިހުރިލުމުން މަންޝާ ފަހަތަށް ބަލާލިއެވެ. އޭރު މަންޝާގެ ފަހަތުގައި ހުރީ ޒިބާނެވެ. މަންޝާއަށް ކަމެއް ވަނީހެން ހީވުމުން ޒިބާން އެއައީކަން މަންޝާއަށް އެނގުނެވެ. އަތުގެ އިޝާރާތުން ޒިބާން ގާތު އެތަނުން މަންޝާ ނަގައި ދިނުމަށް އެދުނެވެ.
"ކޮންތާކުން ތިއައީ؟... އަހަރެންގެ ބަނޑަށް ވަރަށް އުނދަގޫވޭ.... ހިނގާ ގެއަށް ދާން... ބަނޑުވެސް ފުއްޕާފަ.. އަދި މާގިނަ ދުވަހެއްވެސް ނުވޭ... ކީއްވެތަ ބޭބީ ތޮޅެންވީ..." އަރިކަށީގައި އަތް ވިއްދައިގެން ހުރެ މަންޝާ ވާހަކަ ދެއްކީ ކުރު ނޭވާތަކެއް ލަމުން ތަންތަން ކޮޅަށް ހުއްޓަމުންނެވެ.
ޒިބާން އައިސް މަންޝާގެ އުނަގަނޑުގައި ފިރުމާލަމުން ބަނޑުގައި އަތްޖައްސާލިއެވެ. އަދި ކަކޫޖަހާ ތިރިވެ ބަނޑުގައިވާ ދަރިފުޅާ މުޚާތަބުކޮށް ވާހަކަ ދެއްކިއެވެ. "ޒޯއީ... މަންމިއަށް ތަދު ނުކުރޭ... ތީ މަންމިއާ ބައްޕިގެ ލޯބި ފުއްގަނޑެއްނު... ބަސްއަހައިގެން ނިދާލާ..."
މަންޝާގެ ބަނޑުގައި ފިރުމާލަމުން ޒީބާން ދެއްކި ވާހަކަތައް އަޑުއިވިގެން ބަނޑުގައި އޮތް ދަރިފުޅުގެ ތޮޅުން މުޅިންހެން ކެނޑިއްޖެއެވެ. ވާންވެ ހަރުކޮށްލާފަ ހުރި ބަނޑުގެ މަސްތަކަށް ދޫކަމެއް ލިބި މަންޝާއަށް ހަމައަށް ނޭވާ ލެވޭވަރު ވެއްޖެއެވެ.
"މީ ހަމަ ޒިބާންގެ ކުއްޖެއް... ބަލަ ޒިބާންގެ ބަސްއަހާވަރު... ކޮންތާކުން ތި އައީ...؟" މަންޝާ ސުވާލު ކޮށްލަމުން އަނެއްކާ ވެސް ބަނޑަށް ބަލާލިއެވެ. އަދި ބަނޑުގައި ފިރުމާލިއެވެ.
"ކުއްލިއަކަށް މިދިޔައީ ހަސަންބެ ތި ކޮޓަރިއަށް ދާހެން ހީވެގެން..." ޒިބާން މޫނު ހަދާލަމުން ވާހަކަ ދެއްކިއެވެ.
"އެހެންތަ.. ދެނޯ... ކިހިނެއްވީ؟... އަނެއްކާ ޒިބާން ފެނުނުތަ؟..." މަންޝާ ހުރީ ހާސްވެ ބިރުގެންފައެވެ.
"ދޮރު ހުޅުވިޔަކަ ނުދެން.. އެކަމު މުނީރާއާ މަންޝާގެ މަންމަ އެ ކޮޓަރިއަށް ވަތް..." ވައްކަޅިން ޒިބާން ބަލާލީ މަންޝާގެ މޫނަށެވެ. މަންޝާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
"މިހާރު މަންމަމެންނަށް އިނގޭނެ އަހަރެން ގޭގަ ނެތްކަން.. އޯ ޝިޓް.. ލެޓްސް ގޯ ހޯމް..." ޒިބާންގެ އަތުގައި އެލެމުން މަންޝާ ވާހަކަ ދެއްކިއެވެ. މިހާރު މަންޝާ ބޭނުމީ އަވަހަށް ގެއަށް ދާށެވެ. މަންމަމެން ކޮށްފާނެ ސުވާލުތަކާ ދޭތެރޭ ވިސްނާލެވުނެވެ. މަންޝާއަށް ވީގޮތް ފެނުމުން ޒިބާނަށް ހެވުނެވެ.
"ސާބަސް މަން.. އަހަރެންމީ މޮޔައެއް ނޫނޭ... ކޮޓަރިއަށް ވަންނަނީ މަންމައާ މުނީރާކަން އެނގުމުން އަހަރެން އޮތީ މަންޝާގެ ސިފައަށް ބަދަލުވެގެން މަންޝާގެ އެނދަށް އަރާ...." ވާހަކަ ދައްކަމުން މަންޝާ ކުރިމަތީ ހުރެ ޒިބާންގެ ސިފަ މަންޝާގެ ސިފައަށް ބަދަލުކޮށްލިއެވެ.
ކަނދުރާއާ ހަމައަށް އަރާ ޒިބާންގެ ފަން އިސްތަށިގަނޑު ދިގުވެ އުނަގަނޑުން ތިރިއަށް ފޭބިއެވެ. އެ ދިގު މޫނު ވަށްވެ، ލޮލުގެ އެސްފިޔަތައް ދިގުވެ، އަދި ބުމައިގެ ކުލަ ގަދަވިއެވެ. ހަށިގަނޑުގެ ވަނާތައްވެސް މަންޝާ ހުރިހެން ބަދަލުވެ އަންހެނެއްގެ ސިފަ ޖެހި އިސްކޮޅުވެސް މަންޝާއެކޭ އެއްވަރަށް ކުރުވެއްޖެއެވެ.
މަންޝާއަށް ހީވީ އޭނާ ބަލަން އެހުރީ ލޯގަނޑަކާ ދިމާއަށް ހެނެވެ. ތަރި ބުރާފައި މަންޝާއަށް ބަލަން ހުރެވުނީ އަޖައިބުވެފައެވެ. އަތް އުފުލާ ޒިބާންގެ ކޮލުގައި އަތްޖައްސާލީ މަންޝާއާ އެ ސޫރައާ އެއްވެސް ތަފާތެއް ނެތްކަން އެނގުމުންނެވެ. "ވޯވް... ވޯވް..."
"ހިނގާ އަވަހަށް ގެއަށް ދާން.. ގޭތެރެ އެހާ ރަނގަޅެއް ނޫން... މަންމައާ މުނީރާއަށް ހަސަނާ އަފްނާންގެ ކުޅިގަނޑު ފަޅާއަރައިފި..."
ޒިބާންގެ ސިފަ ކުރިން ހުރި ސިފައަށް ބަދަލުކޮށްލުމަށް ފަހު މަންޝާއާ ދިމާއަށް އަތް ދިއްކޮށްލަމުން އަތުގައި ހިފާށޭ ބުނެލިއެވެ. މަންޝާގެ އަތް ދިއްކޮށްލަމުން އެއީ ކިހިނެއްވީ ކަމެއްތޯ ސުވާލުކޮށްލީ ނިތައް ރޫގިނަ ކޮށްލަމުންނެވެ. މަންޝާގެ އަތުގައި ހިފާ ޒިބާނާ ދިމާލަށް ދަމައިގަތެވެ. މަންޝާގެ ފަހަތުން އޭނާގެ ހަށިގަނޑުގައި ބައްދާލަމުން ދެލޯ މަރާށޭ ޒިބާން ބުނެލީ ވައި އަޑުން ކަންފަތް ދޮށުގައެވެ. މަންޝާ ދެލޯ މަރާލީ ހިނިތުން ވެލަމުންނެވެ. ނަމަވެސް ހިތުގައި އުފެދެމުން ދިޔަ އެތައް ސުވާލެއް ހުރުމުން ފަސްޖެހޭ ގޮތްވިއެވެ.
ޒިބާންގެ ސިފަ ކުރިން ހުރި ސިފައަށް ބަދަލުކޮށްލުމަށް ފަހު މަންޝާއާ ދިމާއަށް އަތް ދިއްކޮށްލަމުން އަތުގައި ހިފާށޭ ބުނެލިއެވެ. މަންޝާގެ އަތް ދިއްކޮށްލަމުން އެއީ ކިހިނެއްވީ ކަމެއްތޯ ސުވާލުކޮށްލީ ނިތައް ރޫގިނަ ކޮށްލަމުންނެވެ. މަންޝާގެ އަތުގައި ހިފާ ޒިބާނާ ދިމާލަށް ދަމައިގަތެވެ. މަންޝާގެ ފަހަތުން އޭނާގެ ހަށިގަނޑުގައި ބައްދާލަމުން ދެލޯ މަރާށޭ ޒިބާން ބުނެލީ ވައި އަޑުން ކަންފަތް ދޮށުގައެވެ. މަންޝާ ދެލޯ މަރާލީ ހިނިތުން ވެލަމުންނެވެ. ނަމަވެސް ހިތުގައި އުފެދެމުން ދިޔަ އެތައް ސުވާލެއް ހުރުމުން ފަސްޖެހޭ ގޮތްވިއެވެ.
*** *** *** *** *** ***
މުނީރާ ދޮރުފަތް ލައްޕާލި އިރުވެސް ހަނދާނެ ގޮތެއް ނޭނގިފައި ހަސަނާ އަފްނާނު ތިބީ އެ ތިބި ތަނުން ގުޑިލަން ވެސް ނޭނގިފައެވެ. ދޮރުފަތް ލެއްޕުމާއެކު އަފްނާނު އެނދުން ތެދުވެ ހަސަނު ކުރިމައްޗަށް ހުއްޓުނެވެ. އަފްނާން ހުރީ ޖަންގިޔާ ކޮޅެއްގައި އެކަންޏެވެ. ބިންމަތީގައި އޮތް ޓީޝާޓް ނަގާ ގަޔަށް މަހާލި އިރު އަފްނާންގެ ހިތް ނެގިނެގިފައި ޖެހެމުން ދިޔައެވެ.
"ބައްޕާ... ދެން ކިހިނެއް ހަދާނީ؟... މަންމަ ނުނިދަނީސް ދޯ ތި އައީ... އޯނޯ..." އަފްނާންގެ އަތުން އިސްތަށިގަނޑުގައި ހިފާލެވުނީ އެ މީހުންގެ ކުޅިގަނޑު މަންމައަށް ފަޅާ އެރުމުންނެވެ.
"ބައްޕާ... އަޅެ ދެން ކިހިނެއްތަ ހަދާނީ...؟" އަފްނާނު ދެއަތަށް ކޮޓަރި ތެރޭ ހިނގަން ފެށިއެވެ.
"އަފޫ މައިތިރި ވެބަލަ.... އަދި މީނަ އެބަ ހާސްވެގެން އެބިތުގަ ޖެހިފަ މި ބިތުގަ އެބަ ޖެހެއެއްނު.. މިކަމުގަ ކުށްވެރިވާނީ އަހަރެން... އަހަރެން އަފްނާން ގަޔަށް އެރީ ކަމަށް ވާނީ..." ހަސަނު އަވަސް އަވަހަށް އޭނާގެ ސޯޓު ބުރިއަށް ފައި މަހާލިއެވެ.
އަތުގެ އިނގިލިތައް ބިންދަމުން ދެ އަތަށް ހިނގަމުން ދިޔަ އަފްނާން ފެންކަޅިވެ ރޯން ފެށިއެވެ. އަފްނާން ރޯން ފެށީ ހަސަނު ހަރުކަށިކޮށް ވާހަކަ ދެއްކުމުންކަން އޭނާއަށް ވިސްނުނެވެ.
"އަފޫ ކައިރީ އަހައިފިއްޔާ ބުނޭ ބައްޕައޭ ކުރީ.. ދެން މާ ތަފްސީލުކޮށް އަހަންޏާ ނުކިޔައިދޭތި... ބައްޕަ މިކަން ހަމައަކަށް އަޅުވާނަން.. އަފޫއަށް ދެރަގޮތެއް ވިޔަކަ ނުދޭނަން..." އަފްނާންގެ މޫނުގައި ހިފަހައްޓައިގެން ހުރެ ހަސަނު ވާހަކަ ދެއްކީ އޭނާ ހަމައަކަށް އަޅުވާށެވެ.
"ބައްޕަ މިދަނީ މަންމައާ ވާހަކަ ދައްކަން... ހުރިހާ ކަމެއް ވެސް އޯކޭ ވާނެ... ނުރޮއި ހުއްޓާލާ... އަފޫ... ދެން ހުއްޓާލާ... ހުރިހާ ކަމެއް އޯކޭ ކޮށްފަ ބައްޕަ ގުޅާނަން..." އަފްނާންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެދިނުމަށްފަހު އެ ކޮޓަރިން ނިކުމެ ހަސަނު ދޮރު ލައްޕާލިއެވެ.
ހިތް އަވަސްވެ ހަދާނެ ގޮތް ހުސްވެފައި ވުމުން އަފްނާން އަނެއްކާ ވެސް ކޮޓަރީގެ ދެފަރާތަށް ހިނގަން ފެށިއެވެ. އެނދުމަތީ ގައި އޮތް ފޯނަށް އިރުއިރުކޮޅާ ބަލާލެވެއެވެ.
މުނީރާ އިނީ އޭނާގެ ކޮޓަރީގެ އެނދުމަތީގައި ބަންޑުން އޮށޯވެގެން ރޯށެވެ. އޭނާގެ ހިތަށް މިއަދު ވަނީ ފުން އަސަރުތަކެއް ކޮށްފައެވެ. ވިހި އަހަރު ވަންދެން ކައިވެނިކޮށްގެން އުޅުނު މީހާ އެފަދަ ނުބައި އަމަލެއް ހިންގަފާނެ ކަމަކަށް ހިތަކަށް ވެސް ނާރައެވެ. ފަހަކަށް އައިސް ޚަބަރުތަކުގައި ވެސް މިފަދަ ވާހަކަތައް އައި ނަމަވެސް ދަރިއަކާ އެކު އެފަދަ ގުޅުމެއް ބައްޕައަކު ހިންގާފާނެ ކަމާމެދު މުނީރާ ދުވަހެއްގެ ކޮޅުން ވެސް ޝައްކެއް ނުކުރެއެވެ. އަދި ހާއްސަކޮށް ހަސަނު އެފަދަ ކަމެއް ކޮށްފާނެ ކަމަށް އޭނާ ހިތަކަށް ވެސް ނާރައެވެ.
އަފްނާނަށް މިކަމުން ކުރާނެ އަސަރާ އޭނާގެ ހަށިގަނޑުގައި އަޅާނެ ވޭނާ ކެކުޅުން މުނީރާއަށް އިހްސާސް ކުރެވުނެވެ. ނަމަވެސް މިވަގުތު އަފްނާނާ ހަތަރު ކަޅި ހަމަކުރަން މުނީރާ ލަދު ގަތެވެ. ހަމަލޮލުން އެ މަންޒަރު ފެނުމުންނާ އެކީގައެވެ. ނަމަވެސް އަފްނާން ކައިރިއަށް ނުގޮސް ހުރެއްޖެ ނަމަ އަފްނާންގެ ހިތަށް އަރާނީ ވެސް ވަކި ކީކޭ ހެއްޔެވެ. އެކަންތައްގަނޑު ފަޅާ އެރުމުން މަންމަ އަޅާ ވެސް ނުލީ ކަމަށް އަފްނާނު ހީކޮށް މަންމައަށް އޮތް ލޯތްބާއި ގަދަރުވެސް ވެއްޔާ މޮޑެވިދާނޭ މުނީރާގެ ހިތަށް އެރިއެވެ.
ދެލޯ ފޮހެލާފައި އެނދުމަތިން މުނީރާ ތެދުވީ އަފްނާނާ ވާހަކަ ދައްކަން ދިއުމަށް ނިންމައިގެންނެވެ. އަދިވެސް އެ ހަސަނު އެތަނުން ނުނިކުންނަނީ ހެއްޔެވެ. އެއީ ލަދެއް ހަޔާތެއް ވެސް ނެތް މީހެކޭ މުނީރާ ހިތަށް އެރިއެވެ.
ކޮޓަރިން ނިކުތުމަށް ހިނގައިގަތް ވަގުތު މުނީރާގެ ކޮޓަރީ ދޮރު ހުޅުވާފަ އެތެރެއަށް ވަތް ހަސަނާ ދިމާއަށް ބަލާލެވުނެވެ. އެ ނުލަފާ މީހާގެ ސޫރަ ދެކެން ވެސް މުނީރާ ބޭނުމެއް ނޫނެވެ. މޫނު އަނެއް ފަރާތަށް އަނބުރާލަމުން މުނީރާ ވާހަކަ ދެއްކިއެވެ. "ކަލޭގެ ލަދު ކޮބާ؟.. އަމިއްލަ ދަރި ރޮލާ ހަފާ ކާލި އިރު ކަލޭގެ ހިތުގަ ރަހުމުގެ ކަންފުޅެއް ވެސް ނެތީތަ؟.. ކަލޭ ކުރާ ނަމާދުން ވާ އެއްވެސް ފައިދާއެއް އޮންނާނެ ބާވައޭ މަގޭ ހިތަށް އަރާ..."
ހަސަނު ވާހަކަ ދައްކަމުން ކުރިއަށް ޖެހިލިއެވެ. "މުނީރާ.. އަހަރެންނަށް އެނގޭ ތިހުރީ ރުޅިއައިސްފަ ކަން އެކަމަކު މިކަން އަހަރެންނަށް ކުރެވިއްޖެ.. އަހަންނަށް މާފް ކުރޭ..." ހަސަނު ވާހަކަ ދައްކަމުން ކުރިއަށް ޖެހި މުނީރާގެ ގައިގާ ފިރުމާލިއެވެ.
"ހަބަރު ދާރު... ތި މުޑުދާރު އަތުން އަހަރެން ގައިގަ އަތް ނުލާތި... މިތަނުން ރައްކާވޭ... ހަސަނާ މިއަދު އަހަރެން މި ބުނަނީ މީ އަހަރެންގެ ގެ.... ތި ޖައްބާރު މިތަނުން ރައްކާވޭ... އަހަރެންނަށް ކަލެއާ އެކީ ދެނެއް ނޫޅެވޭނެ..." ހަސަނުގެ އަތް ފޮޅާލަމުން މުނީރާ އެ ކޮޓަރިން ބޭރަށް ނިކުތެވެ. ފެންޑާއިން ބޭރަށް ނިކުމެ ބަދިގެއާ ދިމާއަށް ދިޔައީ މުނީރާގެ މަންމައާ މަންޝާއަށް އެމީހުން ޒުވާބު ކުރާ އަޑު އިވިގެން ހޭލެވިދާނެތީއެވެ.
ބަދިގެއަށް މުނީރާ ވަތް އިރު މުޅި މީހާ ރުޅިގަދަވެގެން ތުރުތުރު އަޅަނީއެވެ. ކާމޭޒު މަތީ އޮތް މަސްކަނޑާ ބޮޑުވަޅި ނަގާ އަތަށް ހެޔޮވަރު ކޮށްލުމަށްފަހު ބަދިގެއިން ބޭރަށް ނިކުތީ ލައިގެން ހުރި ހައުސްކޯޓު ހެދުން އެއް އަތުން އަރުވައި ޖަހައިގެންނެވެ. ހަސަނު އައިސް އޭރު ބަދިގެއަށް ވަންނަން ދިމާ ކުރަނީއެވެ. މުނީރާ ހުރި ގޮތް ފެނުމުން ހަސަނު ކުރިއަށް އެޅި ފިޔަވަޅު މަޑުޖެހުނެވެ.
"މުނީރާ.. ހަމަޖެހިބަލަ... އަހަރެން އެމަންޖެއާ އެކަހަލަ ކަމެއް ނުކުރަން... އަދި އެންމެ ބޮޑުކަމެއް ނުކުރަން..." މުނީރާ ހަމައަކަށް އަޅުވަން ހަސަނު މަސައްކަތް ކުރިނަމަވެސް މުނީރާގެ ރުޅި ދިޔައީ ހައްތަހާ މައްޗަށެވެ.
"ބަލަ ކަލޭ ހީކުރީ މަމީ މޮޔައެއް ކަމައްތަ؟... ލޮލުން ދެކި އަތުން ހިފީމަވެސް ތިބުނަނީ... ކަލޭ ތިހާ ނުބައިވެދާނެއެކޭ ދުވަހަކުވެސް މަ ހީނުކުރަން..." ރުޅި އައުމުގެ ސަބަބުން މުނީރާގެ މޫނު ވަނީ ރަތްވެފައެވެ. ދެލޯ ބޮޑުކޮށްގެން ވަޅި މަޅާލަމުން އޭނާ ކުރިއަށް ޖެހުނެވެ. ހަސަނު ބިރުން ހުރެ ފަހަތަށް ފިޔަވަޅެއް އަޅަމުން މަގާ ދިމާއަށް ބަލާލީ އެހިސާބުގައި މީހަކު ހުރިތޯއެވެ.
"މުނީރާ... މޮޔަވީތަ؟.. މައިތިރިވެބަލަ..." ހަސަނު ވާހަކަ ދެއްކީ މުނީރާ އަތުގައި އޮތް ވަޅި ހޯދާށެވެ.
"މިއަދު ކަލޭ އަހަރެން އަތުން މަރުވާނެ... ކަލޭ މަރާލާނަން..." ހަސަނާ ދިމާއަށް ވަޅި ދިއްކޮށްގެން ހުރެ މުނީރާ ވާހަކަ ދެއްކީ ދަތްކުނޑި ވިކާލަމުންނެވެ. ރުޅިއައިސްގެން ވާހަކަ ދައްކަމުން ދިޔަ މުނީރާގެ ބަރު އަޑުވަނީ ކުރަކި ވެފައެވެ. އެވަގުތު ފެންޑާ ތެރެއިން ދުވެފައި ބޭރަށް ނިކުތް މަންޝާ އެމީހުންގެ ދެމެދަށް ހުއްޓެމުން މުނީރާއާ ދިމާއަށް ބަލާލިއެވެ.
ކުޑަ ވަގުތުކޮޅަކަށް ފިޔަވަޅު ހުއްޓެމުން މަޖުޖެހުމަށްފަހު މުނީރާއާ ގާތްވާން ކުރިއަށް ފިޔަވަޅު އަޅަމުން މަންޝާ ވާހަކަ ދެއްކިއެވެ. "މުނީރައްތާ!.. ތި ވަޅި ގެނޭ ރުޅި އައިސްގެން ތިކަހަލަ ކަމެއް ކުރުމުން އެ ކުދިންނަށް ވާނެ ގޮތް އެންމެ ފަހަރަކުވެސް ވިސްނާލިންތަ؟... ހަސަންބެ މަރާލައިފިއްޔާ މުނީރައްތަ ޖަލަށް ދިޔައިމަ އެކުދިން އެކަނިވެރިވީ... ތިކަންތައް ހައްލުކުރަން އެހެން ގޮތްތައް ވެސް އެބަހުރި... ރުޅިި މަޑުކޮށްފަ ވާހަކަ ދައްކަމާ.." މަންޝާގެ ވާހަކަތަކުން މުނީރާގެ ސިކުނޑިއަށް ވެސް ކޮންމެވެސް އެއްޗެއް ވިސްނުނު ކަހަލައެވެ. އަތް ތިރިކޮށްލަމުން މުނީރާ ކަކޫ ޖަހާ ބިންމައްޗަށް ތިރިވިއެވެ.
ރުޅިވެރިކަމުން ފުރިފައިވާ މޫނުމަތި އޭރު ވަނީ މިލާ މޯޅިވެފައެވެ. އަނގަޗޭކޮށްގެން ހުރެ މުނީރާ ރޯން ފެށީ ހިފެހެއްޓުމެއް ނެތިއެވެ. އޭނާގެ ހިތްވަނީ ކުދިކުދި ވެފައެވެ. އިސް އުފުލާލަމުން މަންޝާއާ ދިމާއަށް ބަލަމުން މުނީރާ ވާހަކަ ދެއްކިއެވެ. "މަންޝާ..، އަހަރެން ކިހިނެއް އުޅޭނީ... މި ނުލަފާ މީހާގަނޑު އަފްނާން ރޮލާ ހަފާ ކައިފި... އޭނާ އަހަރެންގެ ދަރި ސުންނާފަތި ކޮށްލައިފި... މަގޭ ދަރިފުޅުގެ ދުވަސް ދުއްވާލައިފި... އެ މަންޖެއަށް އަހަރެން ކޮން މޫނެއް ދައްކާނީ..." މުނީރާ އަޑުން އަޑު ނަގާ ރޮމުން ވާހަކަ ދައްކަމުން ދިޔައިރު އޭނާ ކިޔާ އެއްޗިހި ސާފު ވަނީ ހަަމަ ކިރިޔާއެވެ.
އެ އަޑަށް މަދީހާ ވެސް ބޭރަށް ނިކުތެވެ. މުނީރާ ގާތަށް މަދީހާ އައިސް އޭނާގެ ކޮނޑުގައި ހިފާ ކޮޅަށް ޖަހަމުން އަމާ ހޭލާފާނޭ ބުނުމުން މުނީރާ އޭނާގެ ދެލޯ ފޮހެލިއެވެ. ނަމަވެސް އޭނާގެ ދެލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަތައް އޮހެމުން ދިޔައެވެ. މުނީރާ ގޮވައިގެން މަދީހާ ގޭތެރެއަށް ވަނުމަށް ހިނގައިގަތުމުން ބިންމަތީގައި އޮތް ވަޅި ނަގާ މަންޝާ ބަދިގެއަށް ވަނީ އެ ވަޅި ރައްކާ ކުރާށެވެ. ބަދިގެއިން ނިކުމެ މަންޝާ ވެސް ގޭތެރެއަށް ވަނެވެ. އޭރުވެސް ހަސަނު ހުރީ އަނބު ގަސްދޮށުގައެވެ. ގަޑިއެއް ހާ އިރުވީ ފަހުން ހަސަނު ގޭތެރެއަށް ވަނުމަށް ހިނގައިގަތީ ކަރު އެލުވާލައިގެން ހުރެއެވެ.
ފެންޑާތެރޭ ހުރި އުނދޯއްޔާ އަރާ ހަމަވިތަނާ ހަސަނު ސިއްސައިގެން ދިޔައީ އޭނާގެ ފައިބުޑަށް އައިސް ޖެހުނު ދަބަސް ފެނިފައެވެ. އިސް އުފުލާ ކޮޓަރިބަރިތަކާ ދިމާއަށް ބަލާލިއިރު ހަސަނުމެން ކޮޓަރި ދޮރުމަތީ ހުއްޓިގެން މުނީރާ ހުރީ އުނަގަނޑުގައި އެއް އަތް ވިއްދައިގެންނެވެ. ފައި ބުޑުގައި އޮތް ދަބަސް ނަގަން ހަސަނު ގުދުވުމުން މުނީރާ ވާހަކަ ދެއްކިއެވެ.
"މިގެއަށް ވަދެގެންވެސް ނުވާނެ... އެތިކޮޅު ހިފައިގެން ކަލޭގެ ގެއަށް ރައްކާ ވޭ... ކަލޭގެ ހުރިހާ ސާމާނެއް ތި ދަބަހުގަ ހުންނާނެ... އަހަރެން ވަރިވާން މާލެގޮސް ކޯޓަށް ފޯމް ލާނަން... މަގޭ ދަރިއެއް ދެކިލަންވެސް އައިސްގެން ނުވާނެ... އަހަރެންނާ އަހަރެންގެ ތިން ދަރިން މާދަމާ ރޭ ފުރާ ބޯޓުން މާލެ ދާނަން... މާލެ އަޔަސް އަހަރެމެން ދިރިއުޅޭ ގެއަށް ކަލޭ ވަދެގެން ނުވާނެ... މަ މިބުނާ ގޮތާ ޚިލާފަށް އެންމެ ކަމެއް ކުރިއަސް ކަލޭ އަފްނާނާ ބެހުނު މައްސަލަ އަހަރެން ކޯޓަށް ހުށައަޅާނަން..." މުނީރާ މިހެން ބުނެ އޭނާގެ ކޮޓަރިއަށް ވަނުމަށް ކޮޓަަރީގެ ދޮރު ހުޅުވާލިއެވެ.
އޭރުވެސް މުނިރާއާ ދިމާއަށް ބަލަން އެހުރި ފިޔަވަޅުމަތީ ގަބުވެފައި ހަސަނު ހުރީއެވެ. "ބަލަ މިހާރު މިގެއިން ނުކުންނާށޭ... ހެނދުނު ހޭލީމަ އާމާނާ އީމާން މިގެއަށް ފޮނުވާތި..." ގޭގެ މައި ދޮޮރާ ދިމާއަށް އިޝާރާތް ކުރަމުން މުނީރާ އަޑުހަރުކޮށް ވާހަކަ ދައްކާ ނިންމާލިއެވެ. ހަސަނު ދަބަސް ހިފައިގެން އެގެއިން ނިކުންނަން ހިނގައިގަތީ މުނީރާއަށް ފަސްދެމުންނެވެ.
*** *** *** *** *** ***
ހުންގަނޑު މަޑުވެ އަޒީމް މުޅިން ހަމައަކަށް އެޅިއްޖެއެވެ. އޭނާގެ އަތަށް ނަވާފް ފޯނު ދިިނުމުން މަންޝާ ގުޅިތޯ އަހާލިއެވެ. އަޒީމްގެ ފޯނު އޮތީ ނިވިފައި ކަމުން ނަވާފް އެ ފޯނު ޗާޖަރަށް ގުޅާލިއެވެ. އަޒީމް ހޮސްޕިޓަލުން ދޫކޮށްލުމުން ގެއަށް އައި މީ ފުރަަތަމަ ދުވަހެވެ. އަޒީމް ގެއަށް އަންނަން ވާއިރަށް ޒުހާ އެގެއަށް އައިސް ގޭތެރެ ސާފުކޮށް ރީތި ކޮށްލިއެވެ. އަޒީމް އެނދުގައި އިށީނދެގެން އިނދެ ނަވާފްގެ މޫނަަށް ބަލާލިއެވެ.
"މަންޝާ ހުންނާނީ އަހަރެން ދެކެ ވަރަށް ރުޅި އައިސްފަ ދޯ..." ނަވާފް ސިހިފައި އަޒީމާ ދިމާއަށް ބަލާލިއެވެ.
"މަށާ ޒުހާއާ ބުނިން މަންޝާ ކަމަކު ބޭނުން ވިޔަސް ގުޅާށޭ.. އަޒީމް ގުޅަންދެން އިހަށް އަޒީމަށް ނުގުޅާ މަޑުކުރަން ވެސް ބުނިން... ކޮބާ އަލިބެ ދިން ތަވީދު؟.. އަދިވެސް އެ އަޅާކަށް ނުވޭތަ؟..." ހޮސްޕިޓަލުން ގެނައި ކޮތަޅުތައް ހާވަމުން ނަވާފް އަހާލިއެވެ.
"ނަވާފް ގަބޫލު ކުރަންތަ އަލިބެ ދެއްކި ވާހަކަ؟... އަހަރެންނަކަށް ހަމަ އެއް ގޮތަކަށްވެސް ގަބޫލެއް ނުކުރެވޭ... އޭނަ ބުނީ މިހާރު އަހަރެންނަށް އެބުނާ އެއްޗެއްގެ އެއްވެސް އުނދަގުލެއް ނުވާނެ ޔޯ... ނަމަވެސް ކުރިއަށް އޮތްތަނުގަ އައިސްދާނެ ހަމަލާއަކަށް ރައްކާވާން އެ ތަވީދު އަޅާށޯ... މަށަކަށް ތި ތަވީދެއް ނޭޅޭނެ..." ދެއަތަށް ބޯ ހޫރުވަމުން އަޒީމް އެނދުގައި ހަމަޖެހިލަން ހެޑްބޯޑުގައި ބާލީހެއް ލައްކޮށްލިއެވެ. އަދި އެނދަށް ދެފައި އަރުވަމުން އެބާލީހުގައި ލެނގިލިއެވެ.
"އަހަންނަށް ހީވަނީ ޒޭބާއަކީ އިންސާނެއް ނޫންހެން.. އަލިބެ ދައްކާ ވާހަކަ އަހަންނަށް ގަބޫލުކުރެވޭ... ނޫނީ ޒޭބާ އަޒީމަށް ފަންޑިތަ ހަދަނީ..." ނަވާފް އޭނާގެ ޒަމީރު ގަބޫލުކުރާ ގޮތް ހާމަކުރިއެވެ.
"ހެޔޮ ކޮންމެ ގޮތެއް ވިޔަކަސް.. އަހަރެން އެ ތަވީދު އަޅާނީ އަހަންނަށް ނުރައްކަލެއް ފެންނަން ފެށީމަ... އަހަރެން ބޭނުންވަނީ މިވަގުތު ޒޭބާއަށާ މަންޝާއަށް ގުޅަން... އޭރުން އަހަރެންނަށް ގޮތެއްް ނިންމޭނީ..." އަޒީމް ދައްކަމުން ދިޔަ ވާހަކައަށް އިތުރު އެއްޗެއް ބުނަން ނަވާފް ބޭނުން ނުވީ އަޒީމްއަކީ ހިސާބަށްވުރެ ބޯހަރު މީހަކަށް ވީމައެވެ. ކަމެއްގަ ހިފައިފިއްޔާ އެކަމެއް ނުކޮށް ދުލެއް ނުކުރާނެއެވެ.
އަޒީމްގެ މަގަތުގައި ނަވާފް އިށީނެވެ. އަޒީމް އެވަގުތު އޭނާގެ ފޯނު ނަގާ އޮންކޮށްލިއެވެ. އޭރުވެސް އެ ފޯނު އޮތީ ޗާޖަށް ޖަހާފައެވެ. ފުރަތަމަ އަޒީމް ގުޅާލީ ޒޭބާގެ ނަންބަރަށެވެ. ތިން ހަތަރު ބުރަށް ގުޅިއިރުވެސް ޒޭބާގެ ފޯނަށް ގުޅޭ ގޮތެއް ނުވިއެވެ. އެހެންކަމުން ދެން އޭނަ ގުޅީ ރިޒްވީގެ ނަންބަރަށެވެ. ރިޒްވީގެ ގެސްޓް ހައުސްގައި ދިރިއުޅޭ ކުއްޖަކަށް ވީމަ ޒޭބާ ވީ ތަނެއް ދެން އެންމެ ފަސޭހަައިން ހޯދޭނީ ރިޒްވީއަށް ގުޅީމަކަން އޭނާއަށް އެނގުނެވެ.
އެކޮޅުން ފޯނު ނެގުމާއެކީ އަޒީމް ވާހަކަ ދައްކަން ފެށިއެވެ. "ހަލޯ ރިޒްވީ.. މީ އަޒީމޭ..."
"(އަހާ.. އަޒީމްދޯ.. މަހާދަ ގުޅައިފީމޭ... ގެސްޓް ހައުސްގެ މަސައްކަތު ކަންތަކާ... ތި ފޯނު ނުނަގާތީ އޮފީހަށް ޖައްސާލީމަ އެނގުނީ އަޒީމް ބަލިވެގެން ސަލާމުގަ ހުރިކަން... ކޮބާ މިހާރު ކިހިނެއް؟..." އަޒީމްގެ އަޑުޖެހުމާއެކީ ރިޒްވީގެ ޝަކުވާތައް ބަންޑުންކޮށްލިއެވެ.
"މިހާރު ދެން އޯކޭ... މިއަދު ހޮސްޕިޓަލުން މި ދޫކޮށްލީ.. އަހަރެން މިއުޅެނީ އެމަރޖެންސީ ލީވް ނަގައިގެންނޭ... ވާހަކައެއް އަހާލަން މިގުޅީ... ކޮބާ ތިތާ އުޅޭ ޒޭބާ؟... އޭނާއަށް ނުގުޅިގެން މި ގުޅީވެސް..." އަޒީމް އޭނާ އަހަން ބޭނުންވި ސުވާލުކޮށްލީ ހިތާ ދެކޮޅަށެވެ. ރިޒްވީ ކޮންމެ އެއްޗެއް ހިތަށް އެރިޔަސް ހެޔޮ ކަމަށެވެ.
"ޒޭބާ ދޯ... ނޭނގެ އެމަންޖެ އުޅޭ ގޮތެއް ބުނާކަށް... ކުއްލިއަކަށް އެ ގެސްޓް ހައުސްއިން އޭނަ ނުކުތްތާ ތިން ދުވަސް ވެއްޖެ... ނޭނގެ ވީ ގޮތެއް ވެސް... ގުޅާގުޅާ މޮޔަވި އިރުވެސް އޭނަގެ ފޯނަކަށް ނުގުޅުނު... އެހެންވެ އަހަރެން ރަމްޒީއަށް ގުޅާފަވެސް އަހައިފިން.... ރަމްޒީވެސް ބުނި ނޭނގެޔޯ އޭނާއަކަށް ނުގުޅަޔޯ... ފަހަރެއްގައި ވެދާނެ ރަށަށް ދިޔައީ ކަމަށް ވެސް.... ޒޭބާގެ ޚަބަރެއް ވެއްޖިއްޔާ އަހަރެންނަށް ގުޅައްޗޭ..." ރިޒްވީގެ ފަރާތުން ލިބުނު ޖަވާބުން އަޒީމް އިތުރަށް މާޔޫސް ވިއެވެ. ކަރު އެލުވާލަމުން ނަވާފާ ހަތަރު ކަޅި ހަމަކޮށްލީ ޒޭބާ ކޮބައިހޭ ނަވާފް އަހާލުމުންނެވެ. ނަވާފަށް ދޭނެ ޖަވާބެއް ނޭނގި އިނދެ އަޒީމް ދެކޮނޑު އަރުވާލަމުން ނޭނގެއޭ ބުނެލިއެވެ.
"ޒޭބާއާ އަހަރެންނާ ދިމާވި.... އެއީ މީގެ ހަތަރު ދުވަސް ކުރިން... އަހަރެންނާ އޭނާއާ ދިމާވީ ހޮސްޕިޓަލްގެ ލިފްޓު ތެރެއިން... ބުނި އަޒީމް ކަހަލަ ބޭވަފާތެރިޔަކާ އެކީ އުޅޭކަށް ބޭނުމެއް ނޫނޯ.. ދެން މަންޝާ ވީ ތަނެއް އޭނަ ބެލީ.. އަހަރެން ބުނިން މަންޝާ ވީ ރަށުގައޭ..." ނަވާފްގެ ވާހަކަ އަޑު އެހުމަށްފަހު އަޒީމް އޭނާގެ ފޯނުގެ ސްކްރީނުން ފެންނަން ހުރި މީހުންގެ ލިސްޓުން މަންޝާގެ ނަމަށް ފިއްތާލިއެވެ.
*** *** *** *** *** ***
ހެނދުނު ސަޔަށްފަހު މަންޝާ ކޮޓަރިއަށް ވަދެ އުޅުނީ އޭނާގެ ފޮށި ތައްޔާރު ކުރާށެވެ. މިރޭ އެގާރަ ޖަހާއިރު ފުރާ ވާހަކަ ދައްކާފަ އޮތުމުންނާ ވެސް އެކީގައެވެ. ކޮޓަރީގެ އެކި ދިމަދިމާލުގަ ސާމާނުތައް ފުނިޖަހާފައި ހުއްޓެވެ. ހެދުންތައް ފަތްޖެހުމަށްފަހު ފޮއްޓައް އަޅަމުން ދިޔައިރު ދޭތެރެއަކުން މަންޝާގެ ބަނޑަށް އުނދަގޫ ވާތީ އެނދުގައި އިށީންނަށް ޖެހެއެވެ. ބަނޑުގައި ފިރުމާލަ ފިރުމާލަ އެހެން އިންނަތާ އިރުކޮޅެއް ވީފަހުން މަންޝާއަށް ގޮތެއްވާން ފެށިއެވެ. ފުންމައިގެން އެނދުމަތިން ތެދުވެވުނީ ބޭއިޚްތިޔާރުގައެވެ.
ހިނިއައީ ކަންތައް އަސްލު ވީ ގޮތް އެނގުމުންނެވެ. މަންޝާއަށް އިނދެވުނީ އޭނާގެ ފޯނު މަތީގައި ކަމުން އެއީ ފޯނު ވައިބްރޭޓްވުމުންވީ ގޮތެއްކަން އެނގުނެވެ. ފޯނު ނަގާ ޑިސްޕްލޭއަށް ބަލާލިއިރު އެ ގުޅަނީ އަޒީމެވެ. މަންޝާގެ ހިތް ތެޅިގަތެވެ. މިއިން ދުވަހަކު އަޒީމަކީ ހުރި މީހެއްކަން ވެސް މަންޝާ ހަނދާނެއް ނެތެވެ. އެވަގުތު ޒުހާ ބުނި ބަސް މަންޝާގެ ހަނދާނަށް އައެވެ. "އަޒީމް ގުޅަންދެން މަންޝާ އޭނާއަށް ގުޅައިގެން ނުވާނެ..."
ފޯނު ނަގާ ކަންފަތުގައި ޖަހާލަމުން މަންޝާ ހަލޯ އޭ ބުނެލީ މަޑުމަޑުންނެވެ.
"މަން... ތިހުރީ ރުޅިއައިސްފަތަ؟... އަހަރެންނަށް އިނގޭ އަހަރެންނަކީ ކުށްވެރިއެއްކަން.. މަން... ކޮން އިރަކުން އަންނަނީ... އަަހަރެން ހުރިހާ ވާހަކައެއް ކިޔައިދޭނީ މަން މާލެ އައިމަ... އަހަރެން މަންއަށް ދެރަ ގޮތެއް ނުހަދާނަން.... އިނގޭ..." އަޒީމް ދައްކަމުން ދިޔަ ކޮންމެ ވާހަކައަކަށް މަންޝާ އާން ހޫން ލައްވަމުން ދިޔައެވެ. މަންޝާ ހުރީ އެހާ ގަޔާވެފައެއް ނޫނެވެ. ފޯނުން ދައްކަމުން ދިޔަ ވާހަކަ އަޑު އަހަން ހުރި އިރު މަންޝާ ހުރީ ދެބުމަ ގޮށް ޖަހައިގެންނެވެ.
ފޯނު ކަނޑާލުމުގެ ކުރިން އަޒީމް އޭނަ ލޯބިވާ ވާހަކަ ވެސް ބުންޏެވެ. ރައްދުގައި މަންޝާ ބުނެލީ އޯކޭ ބާއި އެކަންޏެވެ. ފޯނު ކަންފަތުން ދުރުކޮށްލަމުން އަޒީމް މޮޔަވީ ބާވައޭ މަންޝާގެ ހިތަށް އެރިއެވެ. މިއިން ދުވަހަކު މަންޝާ މަތިން ހަނދާން ނުވާ އަޒީމް ކުއްލިއަކަށް މިއަދު އެހާ ލޯތްބެއް އެވީ ކީއްވެ ހެއްޔެވެ. ދެންމެ ގުޅައިގެން ވާހަކަ ދެއްކި އިރުވެސް މަންޝާ ކިހިނެއްތޯ އަހާލާކަށް އަޒީމަކަށް ނޭނގުނު ހެއްޔެވެ. އެވަނީ ލޯބިކަމަކަށް މަންޝާގެ ހިތް ގަބޫލެއް ނުކުރެއެވެ. އަޒީމް ގުޅުމުން މަންޝާގެ ބޮލުގައިވެސް ރިހުމެއް އުފެދުނެވެ. އަޒީމާ ދޭތެރޭ މަންޝާގެ އެއްވެސް ޝައުގުވެރިކަމެއް ނެތުމުން އެކަަމާ ފޫހިވެސް ވިއެވެ.
ތުންގަނޑު ދިގު ކޮށްލަމުން އެނދުމައްޗަށް ފޯނު ހޫރާލުމަށްފަހު މަންޝާ ކޮޓަރިން ނިކުމެގެން ބަދިގެ ފަރާތަށް ދިޔައީ މިއަދު މެންދުރުގެ ކެއްކުމަށް މަންމައަށް އެހީވާށެވެ. ފެންޑާއަށް ނިކުތް އިރު އަމާނާއި އީމާނު ތިބީ އުނދޯލީގައި އިށީނދެގެން ޓީވީ.އެމް އިން ދައްކަމުން ދިޔަ ކުއިޒް މުބާރާތެއް ބަލާށެވެ. އެމީހުން އެހާ ފޯރީގައި އެ ޕްރޮގްރާމް ބަލަން ތިބިތަން ފެނުމުން މަންޝާ ސުވާލުކޮށްލިއެވެ. "އައްދޭ މިއަދު ކާޓޫން ނުބަލާ ދުވަހަކީތަ؟..."
އަމާންގެ ބޮލުގައި ފިރުމާލަމުން މަންޝާ ވާހަކަ ދެއްކީ ވަރަށް ލޯބިންނެވެ. "ދޮނާ.. އަޅުގަނޑުމެން މިއުޅެނީ މި ކުއިޒް މުބާރާތުގަ ބައިވެރިވާން އެސްއެމްއެސް ކޮށްގެން.. އެކޮޅުން ގުޅައިފިއްޔާ ހެލްޕް ވައްޗޭ..." އަމާން ބޮލުގެ އިސްތަށިގަނޑުގައި އަތްހާކާ ރީތިކޮށްލަމުން ވާހަކަ ދެއްކިއެވެ.
"އޯކޭ.. ގުޅީމަ ދޮނާއަށް ގޮވާލާ... ކޮބާތަ މަންމަ؟..." އެވަގުތު މުނީރައްތަ ވީ ތަނެއް އޮޅުން ފިލުވަން މަންޝާ ބޭނުންވިއެވެ.
"މަންމަ އެބަ އޮތް ކޮޓަރީގަ... ހީވަނީ ބަލީހެން.. އަޅުގަނޑުމެން ވާހަކަ ދެއްކީމަވެސް ވާހަކައެއްވެސް ނުދައްކާ... ލޯމަރައިގެން އޮންނަނީ..." އީމާން އެހެން ބުނުމަށްފަހު އުނދޯލިން ފައިބައިގެން ބަދިގެއާ ދިމާއަށް ހިނގައިގަތެވެ. ވިސްނުމެއްގައި ހުރެ މަންޝާ ވެސް ނިކުތީ ބަދިގެއަށް ދާށެވެ. ރޭގަ ހިނގާދިޔަ ކަންތަކާ މެދު މުނީރައްތަ ވިސްނާނެ ވަރު އޭނާގެ ހިތަށް އެރުމުން އެކަމާ ވަރަށް ދެރަވިއެވެ.
(ނުނިމޭ)