ހުނި އަޅަން ގެނައި ތަށި ތެރޭގައި އޮތް ހަ ކާށި ކިބައިން އެއް ކިބަ ނަގާ ހުނިގޮނޑީގެ ދަތްގަނޑުގައި ޖައްސާލިއެވެ. އެއް ކާށި ކިބަ ގާނާ ނިންމާލިތަނާ މަންޝާގެ ކަންފަތުގައި ޖެހުނީ އޭނާ އެމީހަކު ދެކެ އެންމެ ފޫހިވާ މީހާގެ އަޑެވެ. ހަސަނުގެ އަޑެވެ.
"އަހާ... މަންޝާ ވެސް މަސައްކަތު ނިކުތީތަ... މުނީރާ ކޮބާތަ އަފްނާނު؟...." ޖޯލިފަތީގައި އިށީންނަމުން ހަސަނު ވާހަކަ ދެއްކީ ޖެހިގެން އޮތް ޖޯލީގައި އޮތް މަންޝާގެ މާމަ، ހަދީޖާގެ އުނގުގައި އިން އަޑަފިގަނޑު ނަގަމުންނެވެ.
"އަފްނާނު ދެންމެ މިތާ އުޅުނު... ފާޒިރާމެން ގޯއްޗަށް ދިޔައީ ކަމަށްވާނީ... އެގޭ ކުދިބަޔަކާ އެކީ އުޅުނީ..." ވަޅު ދޮށުގައި ތެލިތައް ދޮންނަން އޮތް މުނީރާ ވާހަކަ ދެއްކީ ބުރުގާ މައްޗަށް އަރުވަން ބޯމަތީގައި އަތް ޖައްސާލަމުންނެވެ.ހަސަނުގެ ވާހަކައަށް ފަރުވާލެއް ނުބަހައްޓާ މަންޝާ އަވަސްވެގަތީ އަނެއް ކާށިކިބަ ގާނާށެވެ. އަދި ގާނަން އިތުރު ހަތަރު ކާށިކިބަ އެބައޮތެވެ. ހަސަނު އެތަނަށް އައުމުން މަންޝާ ބޭނުންވީ އަވަސް ކުރާށެވެ. އަވަސް އަވަހަށް އަތް ހަރަކާތް ކުރަމުން ދިޔައިރު އިސް އުފުލާލަން ވެސް މަންޝާ ބޭނުން ނުވިއެވެ. އެހެން އިން އިރު މަންޝާގެ ލޯ މައްޗަށް ސިފަވެގެން ދިޔައީ މިއަދު ހަވީރު ފެނުނު މަންޒަރެވެ.
އަނގަޔަށް ފޯއް ފޮއްޗެއް ލަމުން ހަސަނު ބަލާލީ މަންޝާއާ ދިމާއަށެވެ. ހުޅިއެއް ޖަހާ އިސްތަށިގަނޑު ހަރުކޮށްލާފައި އިން އިރުވެސް ދެ ކަންހުޅިއާ ދިމާލުން ބައެއް ކުރު އިސްތަށިތައް ދޫވެފައި ހުއްޓެވެ. ކުޑަކޮށް ގުދުވެގެން މަންޝާ އިނުމުން ލައިގެން ހުރި ޓޮޕްކޮޅުގެ ކަރުވަޅު ތެރެއަށް ހަސަނުގެ ނަޒަރު ގޮސް ހުސްވިއެވެ.
ހުނިގާނަން މަންޝާގެ އަތް ހަރަކާތް ކުރަމުން ދިޔަ ދިޔަހެން މަންޝާގެ ހަށިގަނޑަށް އަންނަމުން ދިޔަ ލޮޅުމާ އެކީ ހަސަނުގެ ސިކުނޑީގައި އެދުންވެރިކަމުގެ ޙިޔާލު އެނބުރިގަތެވެ. ވަށައިގެން އެ މާހައުލަށް ހަސަނު ބަލާލީ އޭނާގެ ހަރަކާތަށް އެހެން މީހަކު ބަލަން ހުރި ތޯއެވެ. އެވަގުތު ފުއްމޮޑެން ގުދަށް އޮތް ފާޒިރާ ފެނުމުން ވެސް ހަސަނުގެ ދެލޯ އަމާޒުވީ ފާޒިރާގެ ކަރުވަޅާ ދިމާއަށެވެ. ހަސަނު ޖޯލީގައި ލެނގިލިއެވެ. ހަމަޖެހިލަމުން މަންޝާއާ ދިމާއަށް ބަލާލީ މޭގައި ފިރުމާލަމުންނެވެ.
ހަތަރު ކާށިކިބަ ގާނާ ނިންމާލުމަށްފަހު ހުނިގޮނޑި މަތިން ތެދުވެ މަންޝާ ހިންދެމިލިއެވެ. އެވަގުތު ހަސަނުގެ ނަޒަރު މަންޝާއަށް ހުއްޓިފައިވާ ތަން ފެނުމުން މަންޝާ މޫނު ހަދާލިއެވެ. ހުނިގާނާ ނިމުމުން މަދީހާ ހުނިތަށި ނަގާ މަސްގަނޑު މޮޑެން ތިބި މީހުންނަށާއި ހަވާދު ހަދަން ތިބި މީހުންނަށް ހުނިތައް ބަހާލިއެވެ.
މަންޝާ ގޭތެރެއަށް ވަންނަން ދާން ހިނގައި ގަތް ވަގުތު ހަދީޖާ ގޮވާލިއެވެ. "ދަރިފުޅާ... މާމަ ނަގައިދީ ބަލަ..." ހަސަނާ ގާތް ވާކަށް މަންޝާ ބޭނުމެއް ނޫނެވެ. ނަމަވެސް މާމަ ގޮވުމުން އެދިމާއަށް ކައިރިވާން މަންޝާއަށް މަޖުބޫރު ވިއެވެ. މާމަގެ އަތުގައި ހިފާ މަންޝާ އެހީވާން މަސައްކަތް ކުރި ގަޑީގައި ހަސަނު ވެސް ގާތްވިއެވެ. ހިތްނުތަނަވަސްވެ މަންޝާ ރުޅިއަންނަ ގޮތް ވިއެވެ. މަންޝާގެ ފަލަމަސްގަނޑުގައި ހަސަނު އަތް ހާކާލީ އެތަނުގައި ތިބި އެއްވެސް މީހަކަށް ނޭނގޭނެ ހެންނެވެ. މަންޝާ ހުއްޓުން އެރިއެވެ. މަދިހާއާ މުނީރާއާ ދިމާއަށް ބަލާލެވުނެވެ. ދެވަނަ ހަމަލާ އައީ މާމަ ނެގުުމުގެ ތެރޭގައި ހަސަނުގެ އުޅަބޮށިންނެވެ. މަންޝާގެ މޭމަތީގައި ކާއްތާލިއެވެ.
ކުއްލިއަކަށް މަންޝާއަށް ދުރަށް ޖެހިލެވުނެވެ. މާމައަށް ބެލުމެއް ނެތި މަންޝާ ގޭތެރެއަށް ވަނުމަށް އަވަސްވެގަތެވެ. އެންމެންނަށް އެދިމާއަށް ބަލާލެވުނީ ހައިރާންކަމާ އެކީގައެވެ. ހަސަނުހުރީ ހަދާނެގޮތް ހުސްވެފައެވެ. މަދީހާ އެވަގުތު ކިހިނެވީތޯ އަހާލީ ނިތައް ރޫ ގިނަކޮށްލަމުުންނެވެ.
"ހޮޑުލަވައިގަތީހެން ހީވަނީ... ހުނިގާނަން އެވަރަށް ތެޅުނީމަ ބޯ އެނބުރީ ކަމަށް ވާނީ..." ހަސަނުގެ ޖަވާބު ވަރަށް މޮޅެވެ. ހަދީޖާ ގޮވައިގެން ދާން ހިނގައިގަންނަމުން ހަސަނު ފެންފުޅިއެއް ނެގީ މަންޝާއަށް ފެންފޮދެއް ގެންގޮސްދޭށެވެ. އޭރު މަދީހާއާ މުނީރާގެ އަތް ހަޑިކޮ ށްހުރުމުން މަންޝާ ގާތަށް ހަސަނު މިދަނީއޭ ބުނެ އޭނާ ގޭތެރެއަށް އަވަސްވެގަތެވެ.
މަންޝާ ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ. ފަލަމަސްގަނޑުގައި އަދިވެސް ހަސަނުގެ އަތް ބީހޭހެން އޭނާއަށް ހީވިއެވެ. ފަލަމަސްގަނޑު މަތީގައި އަތުން ތަޅަމުން އެ ދިމާ ފޮޅާލިއެވެ. ސިހިފައި ދޮރާ ދިމާއަށް ބަލާލެވުނީ ޓަކި ޖަހާލި އަޑަށެވެ. އެއްޗެކޭ ނުބުނެ މަންޝާ މަޑުކޮށްލީ އެކޮޅުން މީހަކު ވާހަކަ ދައްކާތޯއެވެ.
"މަންޝާ.. އަން މިއޮތީ ފެންފުޅި..." ހަސަނުގެ އަޑު ޖެހުމުން މަންޝާގެ ތުންގަނޑު އޫކޮށްލަމުން ދޮރާ ދިމާލަށް ވައްތަރު ޖެއްސިއެވެ. ދޮރު ހުޅުވާކަށް ބޭނުމެއް ނުވިއެވެ. އެހެންކަމުން މަންޝާ ގާތްވެލީ ކުޑަދޮރު ކައިރިއަށެވެ. ކުޑަދޮރު ހުޅުވާލި އިރު ދޮރު ކައިރީ ހުރި ޒިބާންގެ ރުޅިވެރި މޫނު ފެނުމުން މަންޝާ އޭނަ ގާތު ދެންމެ ހިނގި ކަންތައް ކިޔައިދިނެވެ.
ހަސަނު މިހާރު ދޮރު ކައިރީގައި ނެތް ވާހަކަ ބުނުމުން މަންޝާ ކޮޓަރީގެ ދޮރު ހުޅުވާ ބޭރު ބަލާލިއެވެ. ތެދެކެވެ. ހަސަންބެއެއް ނެތެވެ. ހަސަންބެ ގެނައި ފެންފުޅި ދޮރު ކައިރީ ބަހައްޓާފަ އިނެވެ. މަންޝާ އެ ފެންފުޅި ނަގާ އެތެރެއަށް ވަނެވެ. "އާން ހަސަންބެއެއް ނެތް..." މަންޝާ ވާހަކަ ދެއްކީ ޒިބާނާއެވެ. ނަމަވެސް އޭރު ޒިބާން ވެސް ކޮޓަރި ތެރެއަކު ނެތެވެ. ކުޑަދޮރުން ބޭރު ބަލާލީ ބޭރުގައި ހުރިތޯއެވެ. ބޭރަކުވެސް ނެތެވެ.
*** *** *** *** *** ***
ޖޯލީގައި ހަސަނު ހަމަޖެހިލައިގެން އޮތީ ކައިރިން ފެންނަމުން ދާ ހީވަގީ އަންހެންވެރިންގެ މަސައްކަތްތަކަށް ބަލާށެވެ. ކުއްލިއަކަށް ހަސަނުގެ ލޮލުގައި އަޅާއިގަތީ ފެންޑާއިން ބޭރަށް ނިކުތް މަންޝާއެވެ. ކަޅުކުލައިގެ ކުރު ހެދުމެއް ލައިގެން ހުރި އިރު އެ ހެދުމުގެ ފަހަތުފަސްބައި އޮތީ ފުންނާބާ ހަމައަށް ދިގުކޮށެވެ. ލޮލުގައި އަނދުންއަޅާ ގަދަ މޭކަޕެއް ކޮށްފައިވާ އިރު ތުންފަތުގައި ޖައްސާފައި ވަނީ މަޑު މުށި ކުލައެކެވެ. އިސްތަށިގަނޑު ހާވާލާފާ އޮތް އިރު ހީވަނީ ދެންމެ ފެންވަރާލައިގެން ނިކުތް ހެންނެވެ. މަޑު ހިނގުމެއްގައި ގެއިން ބޭރަށް މަންޝާ ނިކުތީ ވަށްކަޅިން ހަސަނާ ދިމާއަށް ބަލަމުންނެވެ.
ދޮރުން ބޭރަށް ނިކުމެ ޖެހިގެން ހުރި ގޯޅިއަށް މަންޝާ ލަނބާލުމުން ހަސަނު ބަލާލީ މަސައްކަތުގައި އަވަދިނެތި އުޅެމުން ދިޔަ މުނީރާއާއި މަދީހާއަށެވެ. އެމީހުންނަށް މަންޝާ ނިކުތްކަން ނޭނގޭކަން ޔަގީނެވެ. ހަސަނު އަވަހަށް ގެއިން ބޭރަށް ނިކުތުމަށް ހިނގައިގަތެވެ. މުނީރާއަށް ފެނިދާނެތީ ފިޔަވަޅު އަވަސްކޮށްލިއެވެ. ގެއިން ނިކުމެ ޖެހިގެން އޮތް މަގަށް އަޅާލި އިރުވެސް މުނީރާގެ އަޑެއް ބަޑެއް ނީވުމުން މުނީރާއަށް ނުފެންނަކަން ޔަގީން ވިއެވެ. އެ މަގު ކޮޅުން މަންޝާ ހިނގާފައި ދާތަން ފެނުނެވެ. މަގުގެ ދެފަރާތަށް ބަލާލަމުން ކުރިއަށް ހަސަނު ހިނގައިގަތީ ދުރުދުރުގައި ބޮޑެތި ފިޔަވަޅު އަޅަމުންނެވެ.
މަންޝާ ފަސް އެނބުރި ހަސަނާ ދިމާއަށް ބަލާލައެވެ. ބަލާލާ ކޮންމެ ފަހަރަކު ހަސަނާ ދިމާއަށް އަންނާށޭ ބުނެ އިޝާރާތެއް ކޮށްލާ ހެން ހީވެއެވެ. ހަސަނު މަގުމަތިން ފެންނަ މަދު މީހުންނަށް ސަމާލުވެގެން ހުރެ ދިޔައީ މީހަކަށް ޝައްކެއް ވެދާނެތީއެވެ. މަންޝާގެ މިސްރާބު ހުރީ ވަލާ ދިމާއަށެވެ. ވަލުތެރެއަށް ވަންނަމުން މަންޝާގެ ފިޔަވަޅު މަޑުކޮށްލިއެވެ. ދެފަރާތުން ހެދިފައި ވާގަސްތައް ދެއަތަށް ފޭވެ އެތެރެއަށް ވަންނަން މަގު ހެދުނެވެ. މަންޝާ ކުރިއަށް ފިޔަވަޅު އަޅާލި އިރު ހަސަނު ދުރުގައި ބަލަން ހުއްޓެވެ.
ހަސަނުގެ ހިތުގައި އުތުރިއަރަމުން ދިޔަ ޖަޒްބާތުން މަންޝާގެ ހަރަކާތްތަކާ ބެލުމުގަ ތަފާތުކަމެއް ހުރިކަންވެސް ހަސަނަށް ރޭކައެއް ނުލިއެވެ. ވަލުތެރެއަށް ހަސަނު ވަންނަން ހިނގައިގަތް އިރު އޭނަ މިކަމާ އުފާވެފައިވާ ވަރު ދިލުވައިގެން ހުރި ދަތްތަކުން އެނގޭނެއެވެ.މަންޝާ ފަހަތުން ވަލުތެރެއަށް ވަދެވޭތީ އަފްނާނަށް މިކަންތައް ސިއްރުވާނެކަން ކަށަވަރުވުމުން ހަސަނު ވަރަށް އުފާވިއެވެ.
ހަސަނު ވަނީ މަންޝާއާ ގާތް ނުވާނަން ކަމަށް އަފްނާނަށް ވައުދުވެފައެވެ. އެކަމަކު މަންޝާއަށް އެންމެ ކުރިންސުރެ ހަސަނު ހިތް ކިޔާފައި ވާތީ އެކަން ހުއްޓޭ ގޮތެއްވެސް ނުވިއެވެ.
*** *** *** *** *** ***
ފެންފުޅި ނަގައިގެން ކޮޓަރި ތެރެއަށް މަންޝާ އެނބުރިލީ ޒިބާނާ ވާހަކަ ދައްކަމުންނެވެ. ދޮރު ލައްޕާލަމުން މުޅި ކޮޓަރިއަށް ނަޒަރު ހިންގާލިއެވެ.
"ޒިބާން.... އޭއި... ދެން ޒިބާނަށް ފިލޭނެކަން އިނގެޔޭ... ސަކަރާތް ނުޖަހަބަލަ... މަން މީނީ ވަރަށް މޫޑީ ވެފައޭ..." ދޮރު ތަޅުލުމަށްފަހު މަންޝާ ގޮސް އެނދުގައި އިށީނެވެ. ފަންކާއަށް ބަލަހައްޓައިގެން މަންޝާ އޮތީ ޒިބާންގެ ހުނަރުތަކުން ޖާދުވީ މަންޒަރެއް ފެންނާނެ ކަމަށް ހީކޮށެވެ.
ސިހިފައި ބޯ ހިއްލާލަމުން ކުޑަދޮރާ ދިމާއަށް މަންޝާ ބަލާލީ ކުޑަދޮރުގެ އެއް ދޮރުފަތް ބަންލާފައި އައިސް ޖެހުމުންނެވެ. އެވަގުތު މަންޝާއަށް ހުޅުވިފައި ހުރި އަނެއް ދޮރުން ބޭރުގައި ހުރި އަލިކަމެއް ފުނުމުން އެއީ ޒިބާން ކަން ޔަގީން ވިއެވެ.
ކޮޓަރީގައި ހުރި ހުދު ބޮކީގެ އަލި ދެބުރަކަށް ނިވިދިއްލުނެވެ. މަންޝާ ބޮތްކަށް ބަލާލި ނަމަވެސް ތުންފަތަށް ވެރިވީ ފަނޑު ހިނިތުންވުމެކެވެ. ހަނދާނަށް އައީ ޒިބާނާ ފުރަތަމަ ދިމާވި ދުވަހެވެ. އައިޖީއެމްއެޗްގެ ލިފްޓުގައި ހުރި ބޮކިތައް ނިވިދިއްލުނު ގޮތެވެ. ކުއްލިއަކަށް މުޅި ކޮޓަރިން ކަރަންޓު ހިނގައްޖެއެވެ.
"ތި އުޅެނީ އަހަންނަށް ބިރު ދައްކަންތަ؟... ދެން ފިލާ ނުހުރެ އާދޭ އެތެރެއަށް...." ތުންގަނޑު ވިކާލަމުން މަންޝާ އެހެން ބުނެލީ ކުޑަދޮރާ ދިމާލަށް ބަލަން އޮވެއެވެ. މަންޝާ އެހެން ބުނުމާ އެކު ކުޑަދޮރުން އެތެރެއަށް އަލިގުޅައެއް ވަނެވެ. އެ އަލިގުޅަ އެހެންޏާ މަންޝާއަށް ފެންނަ އަލި ގުޅައާ ހާސްބައި ތަފާތެވެ. މި އަލިގުޅަ ހުރީ ނޫކުލައިގައެވެ.
އަލި ގުޅަ އައިސް ހުއްޓުނީ މަންޝާ ކުރިމަތީގައެވެ. ހިނިތުންވަމުން މަންޝާގެ އެއް އަތް ދިއްކޮށްލީ އެއްފަރާތަކަށް ވާނެހެން ކުރުއަތް މައްޗަށް އޮށޯންނަމުންނެވެ. އަލިގުޅަ އައިސް މަންޝާގެ އަތުތެރެއަށް ހެޔޮވަރުވެލިއެވެ. އޭގެ ނޫކުލައިގެ ދަޅަ މަންޝާގެ މޫނަށް އެޅިފައި ހުއްޓެވެ.
ހިނިތުން ވަމުން އެ އަލިގުޅައަށް ބަލަހައްޓައިގެން އޮތް މަންޝާއަށް އަޖައިބު ވާކަހަލަ ކަމެއް ފާހަގަ ވިއެވެ. އެ އަލިގުޅަ ކުޑަވަމުން ދާ ކަމެވެ. ހީވަނީ މަންޝާގެ އަތު ތެރެއަށް އޭގެ އަލި ހިނދެމުން ދިޔަ ހެންނެވެ. މަންޝާގެ އަތްތިލައިން އުޅަނބޮއްޓާ ހަމައަށް ނަޒަރު ހިންގާލީ އަތުގެ ލޭ ނާރުތައް ފުއްޕާލުމުންނެވެ.
އެ ނާރުތަކުގެ ތެރެއިން ހަލުވިމިނެއްގައި ނޫކުލައިގެ އަލި ދަތުރުކުރަމުން ދިޔައީ ފަނިތަކެއް ހެން ބަނޑި ބަނޑި ލައްވަމުންނެވެ. ބިރުން މަންޝާ ތެޅިގަތީ ދެނެވެ. ހާސްވެ ބިރުގަތް ނަމަވެސް އޭރު އެ އަލިގުޅަ އެކީހެން މަންޝާގެ ހަށިގަނޑު ތެރެއަށް ވަދެ ހުސްވެއްޖެއެވެ.
އަތް ތަޅުވަމުން އެނދުން ތެދުވަން މަންޝާ އުޅުނީ މިވަނީ ރަނގަޅު ކަމެއް ނޫންކަން އޭނާއަށް އިހްސާސް ވާން ފެށުމުންނެވެ. ތެދުވެ ތެދުވެ ހުރި މަންޝާގެ ގަޔަށް އެރި ބާރަކާ ތޫނު ތަދަކާ އެކީ އެނދު މައްޗަށް އުއްޑުން ވެއްޓި ޖެހުނު އިރު ހީވީ މީހަކު އޭނަ ކޮށްޕާލި ހެންނެވެ.
ހަތަރެސް ފަޔަށް ވާންވެ އަތެއް ފައެއް ގުޑުވާވެސް ނުލެވި އޮތް އިރު މަންޝާގެ އަތުގެ އިނގިލިތައް ހުރީ ވާންވެ ފޭވެފައެވެ. މަންޝާގެ ހަންގަނޑުން ވެސް ނޫކުލައިގެ ދަޅައެއް އަޅަމުން ދިޔައެވެ. ހީވަނީ ގައިން ލޭމަދުވެ ހަންގަނޑު ހުދުވެފައިވާ ހެންނެވެ.
ހަރަކާތް ހުއްޓިފައި އޮތް މަންޝާގެ ދެލޯ ބޮޑުކޮށްލިއެވެ. އެވަގުތު މަންޝާގެ ދެލޮލުން ފާޅުވީ ނޫކުލައިގެ ވިދުމެކެވެ.
*** *** *** *** *** ***
ވަލުތެރެއަށް ވަންނަން ކުރިޔަށް ހަސަނު ފިޔަވަޅު އެޅީ ވަރަށް އުފަލުން ހުރެއެވެ. ނަމަވެސް އެވަގުތު ހަސަނުގެ ފިޔަވަޅު ހުއްޓުމަކަށް އައީ ހަސަނުގެ ކަންފަތުގައި ޖެހުނު އަޑުންނެވެ. މަޖުދީގެ އަޑެވެ.
"ހަސަންބޭ.... މިހިސާބުގަ ކީއްކުރަނީ؟..." ހަސަނު ހުއްޓުން އެރިއެވެ. ބުނާނެ އެއްޗަކާ މެދު ދެވަނަ ފަހަރަށް ވިސްނާލެވުނީ އެހިސާބުންނެވެ. ހަސަނަށް މިހިސާބަށް އާދެވުނު ބޭނުން އޭނަ ހަނދާން ނެތުނީ ހެއްޔެވެ.
ބުނާނެ އެއްޗެއް ހަސަނަށް ނޭނގިގެން އުޅެނިކޮށް އަނެއްކާ ވެސް ވާހަކަ ދައްކަން ފެށީ މަޖުދީއެވެ. "މާ ރަނގަޅަކަށްނު މިދިމާވީ.... މަދީހައްތަ ބުނެގެން ތިގެއަށް އެއްޗެއް ހިފައިގެންނޭ މި ނިކުތީ... އަން މި ތިގެއަށް ގެންދެބަލަ..." މަޖުދީ ދިއްކޮށްލި ކޮތަޅުގައި ހިފުމަށްފަހު ގެއަށް ދިއުމަށް ހަސަނު މިސްރާބު ޖެހިއެވެ.
ގެއާ ހަމައަށް އައި އިރުވެސް ހަސަނު ވިސްނަމުން ދިޔައީ އޭނާއަށް އެ ހިސާބަށް ދެވުނު ގޮތެއް ހަނދާނަށް ނާންނާތީއެވެ. މުސްކުޅިވެގެން ހަނދާނަށް ގޮތް ވާން ފެށީބާއޭ ވެސް އޭނާގެ ހިތަށް އެރިއެވެ. ހަސަނު އެތެރެއަށް ވަދެގެން އައި ތަން ފެނުމުން މުނީރާ ގޮވާލީ އަދި މިރޭ ހަސަނު ނުކައި ހުރުމުންނެވެ.
އަތުގައި އޮތް ކޮތަޅު މުނީރާ އަތަށް ދެމުން އެއީ މަޖުދީ ދިން އެއްޗެކޭ ބުނެ ހަސަނު ދިޔައީ އޭނާގެ ކޮޓަރިއަށެވެ. މިރޭ ކާންވެސް ބޭނުންނުވާ ކަމަށް ބުނުމަށް ފަހުއެވެ. ހަސަނަށް ކޮންމެވެސް ކަމެއް ވެއްޖެކަން މުނީރާއަށް ނަގައި ގަނެވުނެވެ. ގޭތެރެއަށް ވަދެގެން ދިޔަ ހަސަނާ ދިމާއަށް ބަލަން މުނީރާ ހުރީ ކަޅި ޖަހާނުލައެވެ.
*** *** *** *** *** ***
މަންޝާގެ ކޮޓަރި ތެރެއަށް ޒިބާން ވަނީ ވަރަށްވެސް ހާސްވެފައި ހުރެއެވެ. އެއްބުރުން ހަސަނުގެ ކުޅިގަނޑު ނިންމާލަން ހިތުއަޅައިގެން ހުރި ނަމަވެސް ޒިބާނަށް މިރޭ ކުރަމުން ދިޔަ އާދަޔާ ޚިލާފް އިހްސާސްތަކުން އެކަންތައް ހުއްޓާލަން މަޖުބޫރުވިއެވެ. ޒިބާންގެ ބާރުން ހަސަނު ގޮވައިގެން ވަލަށް ވަންނަން ދިޔަ ވަގުތު މަންޝާ ގޮވާލި އަޑު އޭނާއަށް އިވުނެވެ.
ކުޑަ ވަގުތުކޮޅަކަށް ޒިބާން މަޑުޖެހިލީ އެ އިވުނު އަޑަކީ މަންޝާގެ އަޑުތޯ ޔަގީން ކުރާށެވެ. ދެވަނަ ފަހަރަށް އިވުނު އަޑާ އެކީ ޒިބާންގެ ޕްލޭން ބަދަލުކޮށްލަން ޖެހުނުކަމީ ހަސަނުގެ ނަސީބެވެ. އެހެންކަމުން ދުމެއް ޖަހާފައި ޒިބާން އެއައީ މަންޝާއަށް ކަމެއް ވީތޯ ބަލާށެވެ.
އެނދުގައި އޮށޯވެގެން މަންޝާ އޮތީ ނިދާފައެވެ. އަރާމުކޮށް ނިދާފައި އޮތް މަންޝާއަށް އުނދަގޫ ކުރަން ޒިބާން ބޭނުމެއް ނުވިއެވެ. އެވަގުތު ޒިބާންގެ ލޮލުގައި އަޅައިގަތީ މަންޝާގެ ބަނޑެވެ. ކައިރިއަށް ޖެހި މަންޝާގެ ބަނޑުގައި ޒިބާން އަތް ޖައްސާލިއެވެ. ބަނޑުގައިވާ ދަރިފުޅުގެ ހަރަކާތްތައް ޒިބާނަށް ފުރަތަމަ ފަހަރަށް އިހްސާސް ކުރެވުނެވެ. އަތުންނާ ފައިން އޭނާ ކޮށްޕަމުން ދިޔައެވެ. ޒިބާންގެ ލޮލަށް ކަރުނަ ޖަމާވިއެވެ. އުފާވެރިކަމުގެ ކަރުނައެވެ.
ކުއްލިއަކަށް މަންޝާގެ ދެލޯ ބޮޑުކޮށްލަމުން ފުންމައިގެން ތެދުވެ ހަށިފުރާ ނޭވާއެއް ދަމާލިއެވެ. ނޭވާ އެތެރެއަށް ލިއެއް ކަމަކު މަންޝާ އެންމެ ނޭވާއެއްވެސް ބޭރުކުރާ ކަން ފާހަގައެއް ނުވެއެވެ. މަންޝާ ކޮންމެ ފަހަރަކު އެތެރެއަށް ނޭވާ ދަމާ ވަރަކަށް ދެލޯ ބޮޑުވެ ރަތްވާތަން ފެނުމުން މަންޝާގެ އަތުގައި ޒިބާން ހިފާ ތަޅުވާލިއެވެ. ހަ
ދާނެގޮތް ހުސްވެފައި ހުރެ މަންޝާގެ ބުރަކަށީގައި އަތް ހާކާލަމުން މަންޝާގެ މޫނަށް މަޑުމަޑުން ޒިބާން ފުމެލިއެވެ. އިސާހިތަކު މަންޝާގެ އެސްފިޔަތަކަށް ބަރުވެ ދެލޯ މެރިއްޖެއެވެ. އެނދުގައި މަންޝާ ބާއްވާލަމުން މަންޝާގެ މަގަތުގައި ޒިބާން އޮށޯތެވެ. އަދި މަންޝާގެ ބަނޑުގައި އަތް ޖައްސާލަމުން ޒިބާން ވާހަކަ ދެއްކީ އޭނާގެ ދަރިފުޅާއެވެ.
"މަންމައަށް އެހާ އުނދަގޫ ނުކުރައްޗޭ... މަންމައަކީ އަހަރެމެން ކަހަލަ ޖިންނިއެއް ނޫން... ދަރިފުޅަށް ލިބިފައިވާ ބާރުގެ ބޭނުން ހިފަން އަދި މަޑުކޮށްލާ... މަންމައަށް ދެރަގޮތެއް ވެއްޖިއްޔާ ބައްޕަވެސް ވަރަށް ދެރަވާނެ..." ތޮޅެމުން ދިޔަ އެ ކުއްޖާގެ ހަރަކާތް މަޑުވިކަން ޒިބާނަށް އިހްސާސްވީ މަންޝާގެ ބަނޑަށް ވެފައިހުރި ވާންކަން ކެނޑުމުންނެވެ.
ބޯ ހިއްލާލަމުން މަންޝާގެ މޫނަށް ޒިބާން ބަލާލިއެވެ. ހޭވިފައިވާ އިސްތަށިތައް އެއްވެސް ތަރުތީބެއް ނެތި މަންޝާގެ މޫނުމައްޗަށް ވެއްޓިފައި ހުރުމުން އެ އިސްތަށިތައް އެއް ފަރާތަކަށް ޖައްސާލަމުން މަންޝާގެ މޫނާ ޒިބާން ގާތްވެލިއެވެ. މަންޝާގެ ނިތްކުރިއަށް ބޮސްދިނުމަށްފަހު ޒިބާން ތެދުވީ އެތަނުން ދާށެވެ. އެވަގުތު ޒިބާންގެ އަތުގައި މަންޝާ ހިފުމުން ޒިބާން އެނބުރި މަންޝާއާ ދިމާއަށް ބަލާލިއެވެ.
"މައި ބިއުުޓީ ކުއީން... އަހަރެން ހީކުރީ ނިދާފަ ކަމަށް...." ޒިބާން ދެއްކި ވާހަކައަށް ސަމާލުކަން ދިނުމަށް ވުރެ މަންޝާގެ ވިސްނުން މުޅިން ހުރީ އެހެން ދިމާއަކަށެވެ. މަޑުމަޑުން މަންޝާގެ އަތަށް އޭނާ ބަލާލީ ޖެހިލުންވެ ހުރެ ކުރިން ވީ ކަންތައް ހަނދާން ވުމުންނެވެ.
އަތުގައި އެއްވެސް ކަހަލަ ތަފާތުކަމެއް ފެންނާކަށް ނެތެވެ. އެހެންކަމުން މަންޝާ ލައިގެން ހުރި ޓޮޕްކޮޅު ހިއްލާލަމުން ބަނޑަށް ބަލާލިއެވެ. މަންޝާގެ ބަނޑުގެ ދެފަރާތުގައި ނޫކުލައިގެ ނާރުތަކެއް ފުއްޕާފައި ހުރިތަން ފެނި މަންޝާ އެނދުން ތެދުވިއެވެ. ލޯގަނޑު ކުރިމައްޗަށް ގޮސް ހުއްޓުމަށްފަހު ބަނޑުގައި އަތް ހާކާލަމުން ޒިބާންގެ މޫނަށް ބަލާލީ ސުވާލުން ފުރިގެންވާ ފަދަ ގޮތަކަށެވެ.
"މަން... ކުރިން އަހަރެންނަށް ގޮވިންތަ؟... އަހަރެންނަށް މަން ގޮވިހެން ހީވެގެން އައި އިރު މަން އޮތީ ނިދާފަ... ކިހިނެއްވީ ގޮވީ..." މަންޝާގެ އަތުން އުފުލާލައިގެން ހުރި ޓޮޕްކޮޅު ތިރިކޮށްލަމުން ޒިބާން ވާހަކަ ދެއްކީ މަންޝާއާ ގާތް ވަމުންނެވެ.
"ނޭނގެ... އަހަރެން އެހާ ބޮޑަކަށް ހަނދާނެއް ނެތް... ހީވަނީ ހުވަފެނެއްހެން... އެކަމަކު ވަރަށް އަސްލުހެން ހީވަނީ... އަހަރެންގެ ގައިގެ ނާރުތައް ނޫކުލައިގެ އަލިން ފުއްޕާލިތަން ފެނުނީ... ނޭނގެ.. އަހަރެންގެ ބަނޑުވެސް އެހެރީ މިހާރު އެހެން... އެއީ ކީއްވެތަ؟... ޖިންނިންނަށް ބަނޑުބޮޑު ވީމަ ވާގޮތަކީތަ..."
މަންޝާ ދެއްކި ވާހަތައް އަޑުއަހަން ހުރި ޒިބާނަށް އެކަމާ ގުޅުންހުރި ކަންތައްތައް ނޭނގޭތީ ބުނާނެ ވަކި އެއްޗެއް ނޭނގުނެވެ. ނަމަވެސް ނޫކުލައިގެ އަލިކަމެއްހެން ނާރު ފުއްޕުމޭ ބުނުމުން ޒިބާންގެ ތުންފަތަށް ވެރިވީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ.
"ޒިބާން... ދެން ބުނެބަ.. ކީއްވެތަ ތި ހެނީ... ކީއްވެތަ މިހެންވަނީ... އަހަރެން މުޅި ގަޔަށް މިހެން ވެއްޖިއްޔާ ކިހިނެއް ބޭރު ތެރެއަށް ނިކުމެ އުޅޭނީ..." ޒީބާންގެ މޫނަށް ކަޅިޖަހާ ނުލާ ބަލަން ހުރެ މަންޝާ ވާހަކަ ދެއްކީ ވަރަށް ހާސްވެ ހުރެއެވެ.
މަންޝާގެ ކޮލުގައި ހިފާލުމަށްފަހު ޒިބާން، މަންޝާ އުރާލިއެވެ. އެވަގުތު ޒިބާންގެ ކަރުގައި މަންޝާ އަތް އަޅުވާލަމުން ދެލޯ މަރާލިއެވެ.
"އަސްލު ނޫކުލައިގެ އަލިން ދިއްލިފައި އެހުންނަނީ އަހަރެމެންގެ ތެރެއިން އަންހެން ޖިންނިން... ފިރިހެން ޖިންނިން ދިއްލޭނީ ރަތްކުލައިން.. އަހަރެން ބޭނުންވަނީ މަންޝާ ކަހަލަ ލޯބި ލޯބި އަންހެން ކުއްޖެއް... މަންޝާގެ ހަށިގަނޑުގައި ނޫކުލައިގެ ނާރު ފުއްޕާކަމަށް ވަންޏާ ތީ އަންހެން ކުއްޖެއްކަން ޔަގީން ވެއްޖެ...." ޒިބާން ވާހަކަ ދައްކަން ފެށުމުން މަންޝާ ލޯ ހުޅުވާލިއެވެ. އޭރު އެމީހުންނަށް ތިބެވުނީ ބެރެބެދި ގަސްދަށަށް ވެރިފައިވާ މަލުގެ ތަން މައްޗެއްގައެވެ.
މަންޝާ ހިތްހަމަ ޖައްސައި ދޭން އެތަނަށް ގެނެސްދިނުމުން މަންޝާ ވަރަށް އުފާވިއެވެ. މާތަކުގެ މަތީގައި އޮށޯވެގެން ތިބި އިރު އެމީހުނަށް ފެންނަނީ ބެރެބެދި ގަހުގެ ގޮފިތަކެވެ. ގަސް ވަށާ އުދުހެމުން ދިޔަ އަލިފާން ކޮކާތަކެވެ. އޭގެތެރެއިން ބައެއް ކޮކާތައް އުދުހެމުން އައިސް މަންޝާގެ ގައިމައްޗަށް ތިރިކޮށްލައެވެ. އެ ގަހުގެ ގޮފިތަކުގެ ތެރެއިން ފުރޭނިގެން އެމީހުންނާ ހަމައަށް އެޅިފައިވާ ހަނދުވަރުގެ ފަނޑު އަލިން އެމަންޒަރު އިތުރަށް ފުރިހަމަ ކޮށްދެއެވެ.
*** *** *** *** *** ***
މަސައްކަތުން އަވަދިވެގެން މުނީރާ ވަނީ އޭނާގެ ކޮޓަރިއަށެވެ. އޭރު ހަސަނު އެނދުގައި އޮށޯވެގެން އޮތް ތަން ފެނުމުން މުނީރާ ގޮސް ވަނީ ފާޚާނާއަށެވެ. ފެންވަރައިގެން މުނީރާ ނުކުމެ ތުވާލިން އިސްތަށިގަނޑު ހިއްކަމުން އެނދުގައި އިށީނެވެ.
"މިރޭ މީ ކިހާ ސަޅި ރެއެއް... ކުދިވެރިން ހަސަނު ބައްޕަމެން ގެންދިޔައީ ވިއްޔަ... ކިހިނެއްވީ ނުނިދިފަ ތިއޮތީ..." މުނީރާ ވާހަކަ ދެއްކީ ހަސަނާއެވެ. ނަމަވެސް ހަސަނު އެއިން އެއްވެސް ވާހަކައަކަށް ޖަވާބެއް ނުދީ ނިތްކުރި މައްޗަށް އެއް އަތް ވައްޓާލައިގެން އޮތީ ފުން ޚިޔާލެއްގެ ތެރޭގައެވެ.
(ނުނިމޭ)