މަންޝާ ހުއްޓުވަން މަސައްކަތް ކުރަނީ މަންޝާގެ އެއްފަރާތުގައި ހުރި ޒިބާންކަން އެނގުނީ އޭނާ ދެއަތަށް ބޯ ހޫރާލުމުންނެވެ. އަނެއްކާވެސް ކޮޓަރިއާ ދިމާއަށް މަންޝާ ބަލާލީ ދެން ވާން އުޅޭ ގޮތެއް ބަލަން ބޭނުންވެފައި ހުރުމުންނެވެ.
ކުރިއަށް ނާންނަން ހުރި އަފްނާނު މަޑުމަޑުން ކުރިއަށް ޖެހުނެވެ. މަންޝާ ހުރީ ރަނގަޅަށް ބަލާށެވެ. މަންޝާ ހުރި ދިމާލުން އަފްނާނުގެ އަތުން ތަންކޮޅެއް ފެންނަނީ ކިރިޔާއެވެ. ހަސަނު އެވަގުތު ކުރިއަށް ޖެހި އަފްނާނުގެ އަތުގައި ހިފާ ހަސަނުގެ ގަޔާ ދިމާއަށް ދަމައިގަތެވެ. ފެނުނު މަންޒަރުން މަންޝާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
އަފްނާނުގެ ހަށިގަނޑުގައި އެއްވެސް ނިވާކަމެއް ނެތެވެ. އޭނާގެ ދޮން ހަށިގަނޑުގައި ހަސަނު ބައްދާލުމުން މަންޝާގެ އަތުގެ އިނގިލިތައް ބާރުކޮށްލަމުން މުށްކަވާލެވުނެވެ. ހަސަނުގެ އެ ކުޅިގަނޑު ހުއްޓުވަން މަންޝާ ބޭނުން ވިއެވެ. ނަމަވެސް މަންޝާއަކަށް އޭނާގެ ދެފައި ގުޑުވާވެސް ނުލެވުނެވެ. ބިމަށް ފައި ހަރުލާފައިވާ ކަހަލައެވެ. ދެލޯ އަޅާލަމުން ޒިބާނާ ދިމާއަށް މަންޝާ ބަލާލީ މީ ޒިބާން ކުރާ ކަމެއްކަން މަންޝާއަށް އެނގޭތީއެވެ. ޒިބާނާ ދިމާއަށް އެއްޗެކޭ ބުނަން އަނގަހުޅުވާލި ނަމަވެސް ދޫ ހަރަކާތެއް ނުކުރިއެވެ.
މަންޝާގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ. އެތަނުން އަފްނާނު ސަލާމަތް ކުރަން ބޭނުންވިއެވެ. މަންޝާއަށް ލިބުނު ކަހަލަ ދެރައެއް އަފްނާނަށް ލިބޭކަށް މަންޝާގެ ހިތެއް ނޭދެއެވެ. ކުޑަދޮރުން ހުޅުވިފައިވާ ދޭތެރެއަށް މަންޝާ ބަލާލިއެވެ. މަންޝާގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފޭބިއެވެ. ހިތާހިތުން ޒިބާނާ ދިމާއަށް އެއްޗިހިވެސް ކިޔުނެވެ. ޒިބާން އޭނާ ހުއްޓުވި ސަބަބު އެނގެން ބޭނުންވިއެވެ.
އެނދުގައި ހަސަނު ހަމަޖެހިލަމުން އަފްނާނު ގެނެސް އުނގުތެރޭ ބޭންދިއެވެ. މަންޝާއަށް އެމަންޒަރު ބަލާކަށް ނުކެރުނެވެ. ދެލޯ މަރާލަމުން މޫނު އަނެއް ފަރާތަށް އަނބުރާލިއެވެ. އަފްނާނު ސަލާމަތްކުރަން ހަދާނެ ގޮތަކާ ދޭތެރޭ މަންޝާ ވިސްނަމުން ދިޔަ ނަމަވެސް މަންޝާގެ ސިކުނޑިއަށް އިތުރު ހިޔާލެއް އަންނަ ގޮތެއް ނުވިއެވެ.
"ބައްޕާ.... އަހަރެން ކުރިންވެސް ބުނަން ދޮނާއާ ދިމާއަށް ބައްޕަ ބަލަނީ ކީއްކުރަންހޭ... ދޮނާ އާ ކައިރިވާންޏާ އަފޫ ރުޅި...." އަފްނާންގެ އަޑު ކަންފަތުގައި ޖެހުމާއި އެކީ ނިތައް ރޫ ގިނަކޮށްލަމުން މަންޝާގެ ތަގުޅިކޮށްފައިވާ ދެލޯ ހުޅުވާލިއެވެ. އޭރު ހަސަނުގެ މޫނަށް ބޮސްދެމުން އަފްނާނު ވާހަކަ ކުރިއަށް ގެންދިޔައެވެ.
"ކުރިންވެސް ދޮނާއާ ހެދި އުޅެނީ... އެކަމު ބައްޕަ ބުނި ދޮނާ މެރީކޮށްގެން ދިޔަ ހިސާބުން ބައްޕަ އެންމެ ލޯބިވަނީ އަފޫ ދެކެޔޭ.... ދެން މިހާރު ކީއްކުރަން ދޮނާ ކައިރިއަށް ދަނީ..." އަފޫ ވާހަކަ ދެއްކީ ބޮޑާ ހާކަމުންނެވެ.
"މަންމަ ނިދީމަ އަފޫ ކައިރިއަށް އާދެބަލަ...މާލޭގަ އުޅޭ އިރުވެސް އަންނަމެންނު... އައި މިސްޔޫ..." ދެއަތް ހަސަނުގެ ކަނދުރާ ވަށާލަމުން ހަސަނު ގައިގާ އަފްނާނު ބައްދާލިއެވެ. ދެމީހުން އެކީ އެނދުމައްޗަށް ވެއްޓިގަތެވެ. އެވަގުތު މަންޝާ ފަހަތަށް ޖެހެން ނެގިފިޔަވަޅު ބިމުން ހިއްލާލެވުނެވެ. ފަސް ފަހަތަށް މަންޝާ ޖެހެމުންދިޔަ އިރު އެ ކޮޓަރިން ބޭރަށް އަފްނާނުގެ ހިނިގަނޑުގެ އަޑު ގުގުމާލިއެވެ. ކުރިމަތިން ފެނިގެން ދިޔަ ކަންތައްގަނޑުގެ ނުބައިކަން މަންޝާގެ ސިކުނޑީގައި ހަރުލާފައިވިއެވެ.
ހަސަނުގެ ހުރި ނުބައިކަން މަންޝާގެ ހިތަށް އެރިއެވެ. އޭނާ މިހާރު ރޮލާ ހަފާ އެކަނީ އޭނާގެ އަމިއްލަ ދަރިއެވެ. އަފްނާނުވެސް އެވަރުގެ ކަމަކަށް އެއްބަސްވެ ހުރެ މިހިންގާ ނުބައި ގުޅުން ފެނުމުން މަންޝާ ހުރީ ހައިރާންވެފައެވެ. އަފްނާނަކީވެސް ހަސަނުގެ ލެޔެވެ. އެހެނަސް އެފަދަ ނުބައިކަމެއް ކޮށްފާނެ ކަމަކަށް މަންޝާ ދުވަހަކުވެސް ހިއެއް ނުކުރެއެވެ.
ނިތްކުރިމަތީ ހިއްލާފައިވާ ދާތައް ފޮހެލި ވަގުތުގައި މަންޝާ އޯކާ ދެމިގަތެވެ. ގޭގެ ފާރު ބުޑާ ދިމާއަށް މަންޝާ ގުދުވިއެވެ. ހޮޑުލާ ނިމުމުން މަންޝާ ދުވެފައިގޮސް ވަނީ ގޭތެރެއަށެވެ. މަންޝާގެ ކޮޓަރިއާ ހަމައަށް އެރި އިރު އަފްނާނުގެ ކޮޓަރިން ބޭރަށް އިވެމުންދިޔަ އަޑުން އެމީހުންގެ ކުޅިގަނޑު ހުރި ހިސާބު މަންޝާއަށް ދެނެގަންނަން އެނގުނެވެ.
ކޮޓަރިއަށް ވަދެ ދޮރުފަތް ބާރަށް ޖަހާލީ އެމީހުން އެކަންތައްގަނޑު ހުއްޓާލާތޯއެވެ. ދުވެފައި ގޮސް އެނދުމައްޗަށް ވެއްޓި މަންޝާ ރޯން ފެށިއެވެ. ބާރަށް ރޮވިދާނެތީ ބާލީހުގެ ތެރެއަށް މޫނު ވައްދާ ފިއްތާލީ ނޭވާލާން ވެސް ޖާގައެއް ނުލިބޭނެ ވަރަށެވެ. އަފްނާނު ދެއްކި ވާހަކަތައް މަންޝާގެ ކަންފަތުގައި ހަރުލާފައިވާ ކަހަލައެވެ. އެހެންކަމުން ހަސަނާ މަންޝާއާ ދެމެދުގަ އޮތް ގުޅުން އަފްނާނަށް އެނގޭކަން މަންޝާއަށް ޔަގީންވިއެވެ. އެއީ ކިހިނެއް ހެއްޔެވެ. އަނެއްކާ ހަސަނު ދޮގު ވާހަކަ ދައްކައިގެން އަފްނާނުގެ ބޮލަށް އެރުނީ ހެއްޔެވެ.
އެހެން އޮއްވާ މަންޝާއަށް އިވުނީ މަދީހާގެ އަޑެވެ. މެޗުބަލާ ނިންމާފަ އެންމެން ގެއަށް އަތުވެއްޖެކަން މަންޝާއަށް އެނގުނެވެ. މަންޝާގެ ކޮޓަރީގައި މަދީހާ ޓަކި ޖެހިކަންވެސް އެނގުނެވެ. މަންޝާ ދޮރު ހުޅުވާކަށް ބޭނުމެއް ނުވިއެވެ. ހިމޭނުން އޮތީއެވެ. ރޮއިރޮއި ދުޅަވެފައިވާ ދެލޯ ފެނުމުން މަދީހާގެ ސުވާލުތައް ނުހުއްޓޭނެކަން އެނގޭތީއެވެ. އެތައް އިރެއްވަންދެން މަންޝާ އެހެން އޮތެވެ. ކޮންމެވެސް ވަރަކަށް ނިދުނުވެސް މެއެވެ.
ބަނޑުހައިވެގެން ނިދިފައި އޮތް މަންޝާއަށް ހޭލެވުމާ އެކީ ބާލީސް މަތިން ބޯ ހިއްލާލި އިރު މަންޝާ ދިޔައީ ސިއްސައިގެންނެވެ. މަންޝާގެ މަގަތުގައި މީހަކު ހުރުމުންނެވެ. މުޅި ކޮޓަރިތެރޭގައި ވަނީ އަނދިރިކަމެވެ. ކައިރީ ހުރި މީހަކީ ކާކުކަން ނޭނގޭހާ ކޮޓަރިތެރެ އަނދިރިއެވެ. "ކާކު..." ބިރުން ހުރެ މަންޝާ އަހާލީ ބާލިސް ދަށުގައި އޮތް ފޯނު އަތު ޖެހޭތޯ އެނދުމަތީ އަތް ހާކަމުންނެވެ.
މަންޝާގެ ހިތް ބިރުގަތީ ކޮޓަރީގައި ހުރި މީހަކު ނޭނގޭތީއެވެ. ކުއްލިއަކަށް ދިއްލުނު އަލިކަމުން މަންޝާ އިސް އުފުލާ ބަލާލިއެވެ. ޒިބާން ހުރީ މަންޝާއާ ދިމާއަށް ބަލަހައްޓައިގެންނެވެ. މަންޝާއާ ދިމާއަށް ދިއްކޮށްގެން ހުރި އަތު ތެރޭގައި ހުޅުކޮޅެއް ފެންނަން ހުއްޓެވެ. ކޮޓަރީގައި ހުރީ ޒިބާން ކަން އެނގުމުން މަންޝާގެ ހިތަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބުނެވެ.
"ސޮރީ މަން... އަހަރެން މަންޝާއަށް އެ މަންޒަރު ދައްކަން ބޭނުންވީ އަސްލު އެކަމުގެ ހަގީގަތް ހާމަކުރަން... އަހަންނަށް އެނގުނު މަންޝާއަށް އޭރު ގޯސްވީ ހަސަނުކަން... އެކަމު އެއީ އަފްނާނުވެސް ރުހިގެން ކުރާ ކަމެއް...." ޒިބާންގެ އަތް މުއްކަވާލުމާ އެކީ ކުރިން ވެސް ހުރި އަނދިރިކަން ކޮޓަރި ތެރެއަށް ވެރިވިއެވެ.
މަންޝާ އެނދުން ތެދުވިއެވެ. އަދި ޒިބާންގެ ގައިގާ އޮޅުލައިގަތެވެ. "އަސްލު ވެސް... އަހަރެން ހީކުރީ އަހަންނާ ބެހެމުން ދިޔަ ގޮތަށް ހަސަންބެ އަފޫއާ ވެސް ބެހެނީ ކަމަށް.... ޒިބާން ބުނީ ރަނގަޅަށް... މި ދުނީޔޭގައި މިތާ މި އުޅޭ ނުލަފާ މީހުންނަށް ވުރެ ޒިބާންވެސް މާ ރަނގަޅު... ސޮރީ އަހަންނަށް ޒިބާންދެކެ ވަރަށް ރުޅި އާދެވިއްޖެ... އެކަމަކު މި ހަސަންބެގެ މުސީބާތުން...." ޒިބާންގެ މޭމަތީ ބޯއަޅައިގެން ހުރި މަންޝާގެ ވާހަކަ މެދުކެނޑުނީ މަންޝާގެ ކޮނޑުގައި ޒިބާން ހިފާ ދުރަށް ޖައްސާލުމުންނެވެ.
"މަން... ހާސް ނުވޭ.. ދެން ލާހިކެއް ނޫން އޭނައަށް މަންގެ ގައިގަ އިނގިލި ކުރިވެސް ޖައްސާލަން... އެހިސާބުން އެވާނީ އޭނާގެ ފަހު ދުވަހަށް.... މަގޭ ޒޯއީ ކިހިނެއްތަ؟..." ވާހަކަ އޮޅުވާލަން ޒިބާން އަހާލީ މަންޝާގެ ބަނޑުގައިވާ ދަރިފުޅުގެ ވާހަކައެވެ. ބަނޑުގައި އަތް ޖައްސާލަމުން އެތުއްތު ކުއްޖާ ރަނގަޅުކަމަށް މަންޝާ ބުންޏެވެ.
މަންޝާގެ މޫނުގައި ހިފާ ޒިބާން ގާތްވެލީ މަންޝާ ދެކެވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. ކައިރިވަމުން ގޮސް ޒިބާންގެ ނޭވާ އިހްސާސްވާހާ ކައިރިއަށް ދެވުމުން މަންޝާގެ ދެލޯ މަރާލިއެވެ.
*** *** *** *** *** ***
ވޯޑް ތެރެއަށް ވަދެގެން އައި ރިޔާޒް ފެނުމާއި އެކީ ނަވާފް ގޮނޑިން ތެދުވިއެވެ. އޭރު އަޒީމް އޮތީ ނިދާފައިކަމުން އެދެމީހުން އެކީގައި ބޭރަށް ނިކުތެވެ. ބޭރުގައި ހުރި ގޮނޑިބަރިން ގޮނޑިއެއްގަ އިށީންނަމުން ރިޔާޒް ވާހަކަ ދެއްކިއެވެ. "މީރާ ހުން އައިސްގެންނޭ މަ ދިޔައީ... ބިރުން ހަލާކު ނުވީ ކިރިޔާ.. މަ ހީކުރީ އޭނައަށް ވެސް ޑެންގޫ ޖެހުނީ ކަމަށް...."
"އަޅެ.. ޑޮކްޓަރަށް ދައްކައިފިންތަ؟..." ހާސްވެފައި ހުރެ ނަވާފް އަހާލިއެވެ.
"އާން.. އަހަރެން ދުމެއް ޖަހާފަ ގެއަށް ދިޔައީ މަންމަ ގުޅާފަ އެވާހަކަ ބުނީމަ... ގެއަށް ވަދެ އަހަރެން އަތް ޖައްސާލި އިރު މީރާ އޮތީ ހެސް ކިޔާފަ ހުން އައިސްފަ.. ދެން ހޮސްޕިޓަލަށް ދިޔައީ... ހުން ބެލި އިރު 37.7.. އަހަރެން ބުނިން ތިހެން ނުވާނޭ... އަހަރެން އަތްލި އިރު ހުމާ ފިހެނީއޭ.... އަސްލު މަގޭ އަތް ފައި ހުރީ ބިރުން ފިނި ވެފަ... އެކަމާ މިހާރު މީރާ އެބަ ދިމާ ކުރޭ...."
ރިޔާޒް ހޮސްޕިޓަލަށް އައުމުން ނަވާފް ބޭރަށް ނިކުތީ އޭނަ ގެއަށް ގޮސްލާފަ އަންނާށެވެ. އިރުއޮއްސެމުން އައި ވަގުތު ކަމުން ހޮސްޕިޓަލް ތެރޭ ފުދޭ ވަރަކަށް މީހުން ގިނައެވެ. ލިފްޓަށް އަރާ ނަވާފް ތިރިއަށް ދާން ފިތަކަށް ފިތާލިއެވެ. އެވަގުތު ލިފްޓުގައި ހުރި ބޮކި ދެބުރަކަށް ނިވި ދިއްލުނެވެ. ނަވާފްގެ ފަހަތުގައި ހުރި އަންހެން ކުއްޖާ ނަވާފަށް ގޮވާލިއެވެ. "އޭއި.."
ފަސްއެނބުރި ނަވާފް ބަލާލިއެވެ. އެއީ އަޒީމްގެ ޒޭބާކަން ނަވާފަށް އެނގުނެވެ. ބަހެއް ނުބުނެ ހުރުމުން ދެންވެސް ވާހަކަ ދެއްކީ ޒޭބާއެވެ. "ކޮބާ އަޒީމްގެ އަންހެނުން..." ނަވާފް ޖަވާބު ނުދޭން ހުރުމުން އަނެއްކާވެސް ޒޭބާ ވާހަކަ ދެއްކިއެވެ. "އަހަރެން ދެކެ ބިރު ގަންނަނީތަ؟.. އަހަރެން ނޫޅެން އަޒީމަށް ގޮތެއް ހަދާކަށް... އަދި އެކަހަލަ ބޭވަފާތެރިޔަކާ ދެން ވައި އެޅޭކަށް ވެސް ނެތިން..."
"އަހަރެން ކީއްކުރަން ޒޭބާ ދެކެ ބިރު ގަންނަންވީކީ... މަންޝާ ވީ ރަށުގަ... އޭނަ އަންނާނީ ދެ ދުވަސް ފަހުން..." ލިފްޓު ތިރިއަށް އައިސް ދޮރު ހުޅުވުމާއެކު ނަވާފް ލިފްޓުން ފޭބިއެވެ. އަދި ހަލުވި ހިނގުމެއްގައި ހޮސްޕިޓަލުން ނިކުމެ ޕާކް ކޮށްފައިވާ ސައިކަލާ ދިމާއަށް ހިނގައިގަތެވެ.
*** *** *** *** *** ***
ރޭގަނޑުގެ ވަގުތެއް ކަމުން މަގުމަތީ ފުދޭ ވަރަކަށް މީހުން މަދެވެ. ރޭގަނޑުގެ ކެއުމަށްފަހު މަންޝާާ ގެއިން ނިކުތީ ޒިބާންގެ އެދުމަށެވެ. ޒިބާންގެ ފަސްފަހަތުން މަންޝާ ގޮސް ވަނީ ވަލަށެވެ. ވަލުތެރެއިން ހިނގަމުން އެތެރެއަށް ދިޔައިރު މަންޝާގެ ޖެހިލުންކުޑަކަން ޒިބާނަށް ފާހަގަވިއެވެ.
ގަސްތަކުގެ ތެރެއަށް ވަންނަން އުނދަގޫވެދާނެތީ ޒިބާން ދިޔައީ މަންޝާއަށް މަގު ހަދައިދެމުންނެވެ. ޒިބާންގެ އިޝާރާތަށް ގަސްތަކުގެ ގޮފިކޮޅުތަކާ ފަތްތަކާ އެހެނިހެން ކުނިބުނިތައް އެއް ފަރާތަކަށް ޖައްސަމުންނެވެ. ދެމީހުންނަށް ހިނގަމުން ގޮސް ނިކުމެވުނީ އެރަށުގެ ފުއްޓަރަށެވެ. އެހިސާބުން އިވެމުން ދިޔައީ ރާޅު ޖަހާ އަޑެވެ.
ދެލޯ މަރާލުމަށްފަހު މަންޝާ ހަށިފުރާ ނޭވާއެއް ދަމާލިއެވެ. ދުވި މީރުވަހުން ދެވަނަ ފަހަރަށް ނޭވާ ދަމާލަމުން ކުރިމަތިން ފެންނަން ހުރި ގަސްތަކުގެ ތެރެއަށް މަންޝާ ހިނގައިގަތެވެ. ޒިބާން ހުރީ މަންޝާގެ ފަހަތުގައެވެ. މަންޝާ ދާ ދިމާލެއް ބަލަމުން ޒިބާން ކުރިއަށް ޖެހިލިއެވެ. ގަސްތަކުގެ ތެރެއިން މަންޝާއަށް ނިކުމެވުނީ ބިޔަކޮށް ހެދިފައިވާ ބޮޑު ބެރެބެދި ގަހެއްގެ ކައިރިއަށެވެ. ކުރިއަށް މަންޝާ އެޅި ފިޔަވަޅު ޒިބާން ހުއްޓުވިއެވެ.
އެއީ ވަރަށް ބިޔަކޮށް ހެދިފައިވާ ގަހެކެވެ. އެގަހުގައި ހުރި ފަތްތަކަށްވުރެ ގިނައީ އަޅާފައިވާ ރަތް މާތަކެވެ. އެ ގަހަކީ ބެރެބެދި ގަސްތަކުގެ ތެރެއިން ކަށި ފަޅާފައި ހުންނަ ބާވަތެވެ.
ޒިބާން ފުއްޓައްކެއް ޖަހާލުމާ އެކީ އެ ގަސް ދަށުން އެތައް ހާސް އަލިފާން ކޮކާތަކެއް ފާލުވިއެވެ. މިއީ އަނދިރީގައި ރެދަންލާ ދިއްލިފައި ހުންނަ ސޫތްޕެކެވެ. އެ ކޮކާތައް އުދުހެމުން މުޅި ގަސް ވަށާލިއެވެ. އެ ސަރަހައްދަށް ހީވަނީ އެތައްހާސް ތަރިތަކެއް ފައިވާފައިވާ ހެންނެވެ. އަތުގެ އިޝާރާތުން ބިންމަތީގައި ހުރިފަތްތައް ޒިބާން އެއްފަރާތަކަށް ކަހާލީ ގަސްދަށަށް ވެއްޓިފައި ހުރި އެ ގަހުގެ ކަށިތަކުން މަންޝާއަށް ހާނިކައެއް ވެދާނެތީއެވެ. ހަމަ އެއާ އެކު ގަހުގައި ހުރި މާތަށް މަޑު މަޑުން ބިންމައްޗަށް ފޭބިއެވެ. ގަސްދަށަށް ހިނގާފައި ދިޔަ އިރު މަންޝާގެ ބޯމަތިން މަލުގެ ވާރޭހެން މާތައް ފައިބަމުން ދިޔައެވެ. އުފަލުން މަންޝާ އެނބުރިލީ ދެއަތް ފުޅާކޮށްލަމުން ފައިބަމުން ދިޔަ މާ ތަކާ ދިމާލަށް މޫނު އިސް އުފުލާ ލޯ މަރާލަމުންނެވެ.
ޒިބާން އައިސް މަންޝާ ގާތަށް ހުއްޓުމުން މަންޝާ ޒިބާނާ ގާތްވެލިއެވެ. އޭރުވެސް މަންޝާ ހުރީ އެމާހައުލަށް ބަލާށެވެ. އެވަގުތު ޒިބާން މަންޝާ އުރާލިއެވެ. ޒިބާންގެ ކަރުގައި މަންޝާގެ އަތް އަޅުވާލިއެވެ. ޒިބާނާ ދިމާލަށް ބަލަން ހުރުމަށްފަހު ޒިބާންގެ މޫނާ ގާތް ވެލިއެވެ. ދެމީހުންގެ ތުންފަތް ބައްދަލުވެގެން ދިޔަ ވަގުތު މަންޝާގެ ބަނޑަށް ހީލި އަރާ ކަހަލަ ގޮތެއް އިހްސާސް ވުމުން ދުރަށް ޖެހިލަމުން ލޯ ހުޅުވާލިއެވެ. ވަށައިގެން ބަލާލެވުނީ އެމީހުން ތިބި ތަނަށް ތަފާތެއް އައިސްފައިވާކަމުގެ އިހްސާސް ވުމުންނެވެ. އޭރުވެސް ޒިބާން ހުރީ މަންޝާ އުރާލައިގެންނެވެ. އެހެންކަމުން މަންޝާއަކަށް މިވާނުވާއެއް ނޭނގުނެވެ. ވަށައިގެން ފެންނަމުން ދިޔައީ ތަރިތަކެވެ.
ރޭގަނޑުގެ އަނދިރިކަމުން ފުރިފައިވާ އުޑުމަތީގައި ވާ ހުރިހާ ތަރިތަކެއް އެހާ ސާފުކޮށް މަންޝާއަށް ފެންނާތީ އަޖައިބުވިއެވެ. ތިރިއަށް ފޭބުމަށް މަންޝާ ތިރިއަށް ބަލާލިއެވެ. މޭގަނޑު އަނގަޔަށް ނައީ ކިރިއާއެވެ. އެމީހުން އެތިބީ ކާށިދޫ މަތިން ދަތުރު ކުރަމުން ދިޔަ ވިލާ ކޮޅެއްގެ މަތީގައެވެ.
ބިރުންހުރެ ޒިބާންގެ ގައިގާ މަންޝާ ބައްދާލިއެވެ. ފައިބަން އެދުމުންވެސް މަންޝާ ދެކޮޅު ހެދިއެވެ. ޒިބާނަށް އިތުބާރު ކުރުމަށް އެދުމުން މަންޝާ ޒިބާންގެ އަތްމަތިން ފޭބިއެވެ. ނަމަވެސް އަތުން ދޫ ނުކުރުމަށް ޒިބާން ގާތު މަންޝާ އެދުނެވެ. އޭރުވެސް އެވިލާކޮޅު މަޑުމަޑުން ދަތުރުކުރަމުން ދިޔައެވެ.
ވިލާކޮޅުމަތީ ހުރެ މަންޝާ ތިރިއަށް ބަލާލީ މަޑުމަޑުން ގުދުވަމުންނެވެ. އޭރުވެސް މަންޝާގެ ހަށިގަނޑަކުން ޒިބާން ދުލެއް ނުކުރެއެވެ. މަންޝާގެ ފުރަގަހުގައި ހުރި އިރު، އުންގަނޑުގައި ހިފަހައްޓައިގެން އޭނާ ހުރީ މަންޗާގެ ހަރަކާތް ހުރި ގޮތުން ހިނި އައިސްފައެވެ. ކާށިދޫ ގޮނޑުދޮށަށް ބީއްސަމުންދާ ރާޅުތައް އުފެދޭ މަންޒަރު ވެސް ވަރަށް ފުރިހަމަކޮށް ފެނުނެވެ. މަންޝާއަށް އަދިވެސް ބެލެމުން ދެވުނީ ބެރެބެދި ގަސް ހެދިފައިވާ ދިމާއަށެވެ. އެ ހިސާބުގައި އުޅޭ އަލިފާން ކޮކާތަކުގެ ދަޅައިން ހީވަނީ އެތަނުގައި ކުދިކުދި ޕަރީތަކެއް އުޅޭ ހެންނެވެ.
"ޒިބާން... ކިހިނެއް ވިލާ ކޮޅެއްގެ މަތީ މި ތިބެވެނީ... ވިލާ މަތީ ހުރެވޭނެތަ؟..." ހައިރާންވެފައި ހުރިލެއް ބޮޑުކަމުން މަންޝާއަށް ވާހަކަ ދެއްކޭ ވަރުވީ އިރުކޮޅެއް ފަހުންނެވެ.
ވަޔާއެކު ވިހުރެމުންދިޔަ އޭނާގެ އިސްތަށިތައް އަންގަޔަށް ވަންނާތީ އަތުން އިސްތަށިގަނޑު އެއްފަރާތަކަށް ގެނެސް ހިފަހައްޓާލިއެވެ. ހަށިގަނޑަށް ފިނިވަމުންދާތީ ފަހަތަށް ޖެހި ޒިބާންގެ ހަށިގަނޑުގައި ލައްވެލީ އެ ހަށިގަނޑުން ހޫނުކަމެއް ލިބޭތީއެވެ.
"އަހަރެމެން މިތިބީ ވިލާ މަތީގައެއް ނޫން. އަހަރެމެންނަށް މިހިސާބަށް އެރޭނެ... މަންގެ ހަށިގަނޑުގައި އަހަރެން ހިފަހައްޓައިގެން ހުރިހާ ހިނދަކު މަން ވެސް ބިއްމައްޗަށް ނުވެއްޓި އަހްނަނާ އެކީގައި ހުރެވޭނެ.... ވިލާކޮޅުމަތީގައި މި ހުރީ މަން ބިރުގެންފާނެތީ... ދެން ދެލޯ މަރާލާ... މިހާރު ދާން ވެއްޖެ..." ޒިބާންގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔަތަން މަންޝާއަށް ފެނުނެވެ.
ޒިބާންގެ އެދުމަށް މަންޝާ ދެލޯ މަރާލީ ހިތާ ދެކޮޅަށެވެ. އެވަގުތު ޒިބާންގެ އަތް ތިލައިން މަންޝާގެ ލޯމަތި ނިވާކޮށްލިއެވެ. މާގިނަ އިރެއް ނުވެއެވެ. މަންޝާއަށް އިހްސާސްވަމުން ދިޔަ ވަޔާއި ޖައްވުގެ ފިނިކަން މުޅިން ހެން ބަދަލުވެއްޖެއެވެ. "ގުޑްނައިޓް" މަންޝާގެ ކަންފަތްދޮށުގައި އިވިގެން ދިޔަ އަޑާއެކީ މަޑުމަޑުން ލޯ ހުޅުވާލިއެވެ.
މަންޝާއަށް ހުރެވުނީ އޭނާގެ ކުޓަރީގެ ކުޑަދޮރު ކައިރީގައެވެ. އެވަގުތު ވަށައިގެން މަންޝާ ބަލައިލީ ކައިރީގައި ޒިބާން ހުރިތޯއެވެ. ޒިބާން ފެންނާކަށް ނެތެވެ. ކުޑަދޮރުން ބޭރު ބަލާލިއިރު ދުރުދުރުން ފެނުނު ރަްތކުލައިގެ އަލިގުޅަ މަންޝާގެ ލޮލުގައި އަޅައިގަތެވެ. ހިނިތުންވަމުން އެ އަލިގުޅައަށް މަންޗާ ހަނާ އަޅާލީ "ގުޑްނައިޓް" ކިޔަމުންނެވެ.
*** *** *** *** *** ***
ޒަފްރީން ނިދުމުން އެ މަންޖެ ތަންމަތީގައި ބޭއްވުމަށްފަހު ޒުހާ އެނބުރި ބަލާލީ އެނދުގައި ނިދާފައި އޮތް ޒައިކަށެވެ. ވާހަކަ ފޮތް ހިފައިގެން ނިދިފައި އޮތް ޒައިކް ގައިމަތީގައި ރަޖާގަނޑު އަޅާލުމަށް ފަހު އެނާ ހިފަހައްޓައިގެން އޮތް ފޮތް ނެގުމަށް ފަހު އެ ކުއްޖާގެ ބޮލުގައި ޒުހާ ފިރުމާލިއެވެ.
މަޑުމަޑުން އެ ކޮޓަރީގެ ދޮރުލައްޕާލުމަށް ފަހު ޒުހާ ސިޓިން ރޫމަށް ނިކުތީ ފޯނުގެ ޑިސްޕްލޭގެ ލޮކް ފިލުވާލަމުންނެވެ. މަންޝާގެ ނަންބަރަށް ގުލާލީ އެކުވެރިޔާގެ ހާލުއަހުވާލު އޮޅުން ފިލުވާލުމަށެވެ. ފޯނު ރިންގުވުމާއެކު މަންޝާ އެ ފޯނަށް ޖަވާބު ދިނެވެ.
"މަންޖޭ ކިހިނެތްތަ؟... މިހާރު ވެސް ވަރަށް ހޮޑު ލެވޭތަ؟.." ލޯބިން ފުރިގެންވާ ރާގަކުން ޒުހާ ވާހަކަ ދެއްކިއެވެ.
"ހޫން މިހާރު ވަރަށް މަދުން ހޮޑު ލެވެނީ... އިނގޭތަ އަހަރެންނަށް މީރު ވަސް ދުވާ އެއްޗެއް... ބެރެބެދިމާ... މަންމަމެން ވެސް ތިބީ ހައިރާން ވެފަ.... ބުނި އަސްލު އެ މަލުން ދުވާނީ ހިތި ވަހެކޯ... އެކަމު އަހަންނަށް އެ މަލުން ވަރަށް މީރުވަސް ދުވާ..." މަންޝާގެ ވާހަކަ އަޑުއަހާފައި ޒުހާ ވެސް އިނީ ހައިރާން ވެފައެވެ.
"ކީކޭ ބެރެބެދި މަލޭ... ސާބަސް މަން... އެއީ ދެން މީރު ވަސްވެސް ދުވާއެއްޗެއް ނޫން.... ދެން އެކި މީހުންނަށް މީރުވަސް ދުވާނީ އެކި އެއްޗިހިން ދޯ.... އެއްބަޔަކަށް ކަރުބޮލަކުން ވެސް މީރު ވަސް ދުވޭ ވިއްޔާ..." މަންޝާގެ ހިނގަނޑު ދިޔައީ ފަޅައިގެންނެވެ.
ޒުހާ އަމިއްލައަށް މަލާމާތްކޮށްފަ އެ ދެއްކީ އޭނާގެ އަމިއްލަ ވާހަކައެވެ. ޒަފްރީނަށް ބަނޑުބޮޑު އިރު ޒުހާ ދުފަން ގެންގުޅޭ ދުފާ ދަޅު ތެރެއަށް ކަރުބޮލަކު ލާފައި ހުންނާތީ ވިހަވެދާނެޔޭ ކިޔައި މަންޝާ އެއްޗިހި ކީ ހަނދާން ވިއެވެ.
"ކޮބާތަ މީރާ.. އޭނާ ކިހިނެއްތަ؟... އަހަރެން އަދި މީރާއަށް ގުޅާ ވެސް ނުލަން..." ކުއްލިއަކަށް މީރާ މަތިން ހަނދާނވުމުން މަންޝާ އަހާލީއެވެ.
"ހެހެހެ.... އެ މަންޖެއަށް މަ ވަރަށް ސިންޕަތީވޭ... ބޭރަށް ނިކުމެވޭ ވަރެއް ވެސް ނޫން... ތަނަކުން ސިނގިރޭޓް ވަސް ޖެހޭ އިރަށް އޭނަ ހޮޑުލާ ވަރުން ކިހިނެއް ބޭރަށް ނިކުންނާނީ.... އަދި ވަކި އެއްޗެއް ކާން މީރު ވެގެން އުޅޭ ކަމެއް ނޭނގޭ.... ދެން އަބަދު ގޭގަ ރިޔާޒް ވެސް ސިނގިރޭޓް ބުއިން ހުއްޓާލައިފި.. އަޅެ ރިޔާޒް ކިހާ ރަނގަޅު ދޯ..." ވާހަކައިގައި ހުރެ ރިޔާޒްގެ ރަނގަޅު ވާހަކަ ޒުހާއަށް ބުނެވުނީ އެ ވާހަކަތަކުން މަންޝާގެ ހިތަށް އަސަރު ކުރާނެ ކަމަށް ވިސްނާނުލައެވެ.
"ދެ ދުވަސް ފަހުން މާލެ ދާން މިއުޅެނީ... އޭ... ދެން ބޭއްވީ މީހަކު އެބަ ދޮރުގަ ޓަކި ޖަހާ... ބާއި.. ފަހުން ގުޅާނަން..." މަންޝާ އެހެން ބުނުމުން ޒުހާ ފޯނު ކަނޑާލިއެވެ. ކުއްލިއަކަށް ފޯނު ކަނޑާލުމުން މަންޝާ ހިތުގައި ޖެހުނީހެން ޒުހާއަށް ހީވިއެވެ. ރިޔާޒް ކަހަލަ ރަނގަޅު ފިރިއެއްގެ ވާހަކަ ދެއްކުމުން އަޒީމްގެ ބޭވަފާތެރިކަމުގެ މަތިން މަންޝާ ހަނދާންވާނެ ނޫން ހެއްޔެވެ. އެ ޙިޔާލުތަކުގައި ހުރެ ޒުހާ ބަދިގެއަށް ވަދެ ރިހަ ތެލި ހޫނުކުރަން ޖައްސާލިއެވެ.
*** *** *** *** *** ***
ދޮރުގައި މީހަކު ޖަހާލުމާ އެކީ މަންޝާ ގޮސް ދޮރު ހުޅުވާލިއެވެ. ދޮރުމަތީ ހުރީ މަދީހާއެވެ. "ދަރުފުޅާ... ރަނގަޅުތަ؟... އާދެބަލަ ބޭރަށް...." މަދީހާ ވާހަކަ ދައްކަމުން ކޮޓަރިތެރެއަށް ވަދެ ކުޑަދޮރު ލައްޕާލިއެވެ. އޭރު ބޭރު ތެރެއިން ގިނަ މީހުންތަކެއް ވާހަކަ ދައްކާ ހީ ސަމާސާ ކުރާ އަޑު އިވެއެވެ.
"މަންމާ،... ކޮން ބައެއްތަ ބޭރުގަ އެ އުޅެނީ...." ބޭރަށް ބޯ ދިއްކޮށްލަމުން ކޮޓަރި ތެރޭ ހުރި މަދީހާއާ މަންޝާ ސުވާލުކޮށްލިއެވެ.
"އަބަދު ކޮޓަރިތެރޭ އޮންނަންޏާ ގޭތެރޭގަ ކަމެއް ކުރިއަސް ނޭނގޭނެ ދޯ... މަންޝާމެން މާލެ ދާންވާއިރަށް މިއުޅެނީ ހަދިޔާ ދަޅު ހަދަން... ފުރަން ދެ ދުވަހަށް ވީ... ދެން އަންނަ ދަތުރުގަ މަންމަ ވެސް މާލެ ދާނަން... ދަރިފުޅު ވިހައިގެން ގަދަވަންދެން މަންމަ ބޭނުންވަނީ މާލޭގަ ހުންނަން..." މަދީހާ ވާހަކަ ދައްކަމުން އައިސް މަންޝާ ކައިރިއަށް ހުއްޓުނެވެ.
މަދީހާގެ މޫނަށް ބަލަން ހުރުމަށް ފަހު މަންޝާ ވާހަކަ ދެއްކީ އޭނާގެ ދިރިއުޅުމުގައި ޖެހިގެން އުޅޭ މައްސަލަތައް މަންމައަށް އަންގަން ބޭނުން ނުވާތީއެވެ. "މަންމާ... އޭރުން މާމަޔޯ... މާމަ އެކަނި ކިހިނެއް އުޅޭނީ... ވިހަން ކައިރިކޮށްފަ މަންމަ އަންނާނީ..."
"ސާބަސް ރަންކޮޅާ... އަމާ މިފަހަރު މާލެގޮސް މުނީރާމެން ގޭގަ މަޑުކުރާނީ... ދެން މިގެ ބަލަހައްޓަން މަޖުދީއާ ހަވާލުކޮށްފަ ދާނީ... ރަނގަޅުވާނެއްނު އެގޮތް... ދެން ހިނގާބަލަ ބޭރަށް.... ފާޒިރާމެން އެންމެން އެބައުޅޭ ބޭރުގަ...." މަދީހާ ކޮޓަރިން ނިކުންނަމުން މަންޝާގެ އަތުގައި ހިފާލިއެވެ.
މަދީހާގެ ފަހަތުން މަންޝާ ކޮޓަރިން ނިކުތެވެ. ގޯތިތެރޭގައި ޖަހާފައިވާ އަލިފާންގަނޑު ފެނި މިހާރު ވެސް ބައެއް ސާމަނުތައް ތެލުލަން ތައްޔާރު ކުރަނީކަން މަންޝާއަށް ޔަގީންވިއެވެ. މަދީހާ ގޮސް އަށި ކައިރީ ހުރި ގޯނިން ނެގި ކާށިތައް ބިންނަން ފެށިއެވެ. މަންޝާ ވެސް އެވަގުތު މަންމައާ ގާތްވެލަމުން ހުނި ގާނަން މަންޝާއަށް ދޭށޭ ބުނެލިއެވެ. ކާށިތައް މަދީހާ ހަވާލު ކުރުމުން މަންޝާ ހުނިގޮނޑި ހިފައިގެން ދިޔައީ އަނބު ގަސްދޮށުގައި ފުށްމޮޑެން ތިބި އަންހެނުންތައް ކައިރިއަށެވެ. ލައިގެން ހުރި ޖިންސު އަރުވާލަމުން ތިރި ހުނި ގޮނޑީގައި މަންޝާ އިށީނުމާއެކީ ފާޒިރާ ވާހަކަ ދެއްކީ އޭނާގެ ނިތްކުރިމަތީގައި ހިއްލާފައި ހުރި ދާތިކިތައް ފުހެލަމުންނެވެ.
"މަންޝާ... އެކޮއެ މިހާރު ރަނގަޅުތަ... މަދީހާ ގައިމު ބުނި މަންޝާ ބޯ އަނބުރާތީއޭ އުޅެނީ..." މަންޝާ ހިނިތުންވަމުން މިހާރު އޭނަ ރަނގަޅު ކަމަށް ބުނަމުން ދޫކޮށްލާފައިވާ އިސްތަށިގަނޑު އެއްކޮށްލަމުން ހުޅިއެއް ޖަހާލިއެވެ. ހުނި އަޅަން ގެނައި ތަށި ތެރޭގައި އޮތް ހަ ކާށި ކިބައިން އެއް ކިބަ ނަގާ ހުނިގޮނޑީގެ ދަތްގަނޑުގައި ޖައްސާލިއެވެ. އެއް ކާށި ކިބަ ގާނާ ނިންމާލިތަނާ މަންޝާގެ ކަންފަތުގައި ޖެހުނީ އޭނާ އެމީހަކު ދެކެ އެންމެ ފޫހިވާ މީހާގެ އަޑެވެ. ހަސަނުގެ އަޑެވެ.
(ނުނިމޭ)