އެ ކަބަޑު ތެރޭ ހުރި ކަރުދާސްތަކެއްގެ އަޑީގައި އޮތް ތަޅުދަނޑި ފެނުމުން ހަސަނުގެ ދެލޯ ހަނިވެގެން ދިޔައީ އޭނާގެ ތުންފަތަށް ވެރިވި ވަހުޝީ ހިނިތުންވުމުންނެވެ. އެ ތަޅުދަނޑި ނަގައިގެން ހަސަނު އަވަސްވެގަތީ މަންޝާގެ ކޮޓަރިއާ ދިމާއަށެވެ.

މަންޝާގެ ކޮޓަރިއާ ގާތްވުމުގެ ކުރިން އަފްނާނުގެ ކޮޓަރީގެ ދޮރުކައިރީ މަޑުކޮށްގެން އިރުކޮޅަކު ހުރީ އަފްނާނުގެ ހިލަމެއް ވޭތޯއެވެ. އެ ކޮޓަރިން އެއްވެސް އަޑެއް ބަޑެއް ނީވެއެވެ. އެހެންކަމުން މަންޝާގެ ކޮޓަރި ދޮރުގެ ތަޅަށް އެތަޅުދަނޑި މަޑުމަޑުން ކޮށްޕާލީ މާ ބޮޑު ޖެހިލުންވުމެއް ނެތިއެވެ. ދެން ހުރި ކޮޓަރިތަކާ ދިމާއަށް ބަލާލަމުން މަޑުމަޑުން ތަޅު އަނބުރާލީ ބާރު އަޑެއް ގޮވާފާނެތީ ވަރަށް ބަލައިގެން މަޑުމަޑުންނެވެ. ހަސަނުގެ އެދުންވެރިކަން ކޮޅުންލައިގެން ދާތީ އޭނާއަށް އެކޮޓަރިއަށް ނުވަދެ ކެތްކޮށްލެވޭ ގޮތެއް ނުވިއެވެ.

ދޮރުގެ ތަޅު ހުޅުވުނު އަޑާއެކު އިވިގެން ދިޔަ އަޑުފައްގަނޑުން ހަސަނަށް ސިހުމެއް ލިބުނެވެ. ހަތަރެސް ފައި ކޮޅަށް ޖެހުނެވެ. ކުޑަނަމަވެސް ބިރުވެރިކަމެއް ހިތަށް ވެރިވި ނަމަވެސް ހަސަނުގެ ވިސްނުން ވަރަށްވެސް މޮޅެވެ. މަންޝާގެ ކޮޓަރި ދޮރުގައިވާ ތަޅުދަނޑި ދަމައިގަތުމަށްފަހު ފެންޑާތެރެއަށް ދިއުމަށް ހަސަނު އަވަސްވެގަތީ އެ އަޑު އައި ދިމާއަށެވެ. ގޭތެރެއިން މީހަކު ހޭލައިގެން ނުކުތަސް އޭނާއާ ދޭތެރޭ މީހަކު ޝައްކެއް ކޮށްފާނެތީ ކުރިއަށް އޭނާ ވިސްނާލެވުނުކަން އެއީ އޭނާގެ ނަސީބެވެ. މަދީހާމެން ކޮޓަރި ކުރިމަތިން ހަސަން ހުރަސްކުރި ވަގުތު ވެގެންދިޔައީ އެ ދޮރު ހުޅުވާފަ މަދީހާވެސް ބޭރަށް ބޯދިއްކޮށްލި ވަގުތަށެވެ. ހަސަނު ފެނުމާއެކީ މަދީހާ އަހާލިއެވެ.

"ހަސަނާ ކޮން އަޑުފައްގަނޑެއްތަ އެ އިވުނީ...."

ބުރުގާވެސް ނާޅާ ކޮޓަރިން ނުކުމެ މަދީހާ ވެސް އަވަސްވެގަތީ ގޯތި ތެރެއަށް ނިކުމެ ވީނުވީއެއް ބަލާށެވެ. ބަދިގެ ބޭރު އަށިމަތީ ބަންޑުން ޖަހާފައި ހުރި ތެލިތަކާއި ސަރަފޯސްތައް ބިންމައްޗަށް ވެއްޓިފައި ހުރިތަން ފެނި މަދީހާ ލެފިގަތީ އެތަކެތި ނެގުމަށެވެ. ގަސް ހައްދާފައިވާ ގޯޅިގަނޑުން އެތެރެއަށް ކަޅުކުލައިގެ ބުޅަލެއް ދިޔަތަން ފެނުމުން ހަސަނު ޗޮކެއް ކަނޑާލިއެވެ.

މިރޭގެ ޕްލޭން ކާމިޔާބު ނުވީ ބުޅަލަކާ ހެދިއެވެ. އެ ބުޅަލަށް ވެސް މިކަމެއް ކުރަން އެނގުނީ މިވަގުތު ހެއްޔެވެ. މަދީހާއަށް އެހީވުމަށް ހަސަނު މަދީހާ ގާތަށް ކައިރިވިއެވެ. އެވަގުތު ގުދުވެގެން އޮތް މަދީހާގެ މޭމައްޗަށް ހަސަނުގެ ނަޒަރު ހުސްވިއެވެ. މަންޝާއަށް ލިބިފައި މިވަނީ މަދީހާގެ ރީތިކަމޭ ހަސަނުގެ ހިތަށް އެރީ އެވަގުތެވެ. ބުރުގާ ނާޅާ ހުރުމުން މަދީހާ ރީތިކަން ހާމަވަމުން ދިޔައެވެ. ހަސަނަށް އެހެން ހިމޭނަކުން ނުހުރެވޭނެ ކަން އިނގުނެވެ. ދަށް ބަނޑުގައި އަތް އަޅައިގެން ހަސަނުގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ.

މުނީރާގެ ގާތުގައި އޮށޯންނަމުން ގައިމަތީގައި ރަޖާގަނޑު ހަސަނު އަޅާލިއެވެ. މުނީރާއަށް ހޭލެވުނީ ކައިރީ އޮތް މީހާ ތެޅޭ ވަރުންނެވެ. ހަސަނަށް ކަމެއް ވަނީކަމަށް ހީކޮށް މުނީރާ ފޮތިގަނޑު ތެރެއަށް ބަލާލިއެވެ. ހަސަނުގެ އެދުން މުނީރާއަށް އެނގުމާއެކީ އޭނާގެ ފިރިމީހާ ގާތަށް ލެފިގަތެވެ. ހަސަނު މޫނީރާ ގައިގައި އޮޅުލައިގަތް ނަމަވެސް އޭނާގެ ވިސްނުމުގައި މިރޭ ވަނީ މަންޝާ އާއި އޭނާގެ މަންމަ މަދީހާއެވެ.

*** *** *** *** *** ***

ހޮސްޕިޓަލުގައި އަޒީމް ބާއްވައިގެން އުޅޭތާ ދެ ދުވަސް ވީއެވެ. ޑޮކްޓަރުން ހެއްދި ލޭގެ ރިޕޯޓްތަކުން އަޒީމްގެ ހަށިގަނޑުގައި ޖަރާސީމުގެ އަސަރު ހުރިކަމަށް ދައްކާތީ އައިވީއާ އެކީ އިންޖެކްޝަންތަކެއް ޖަހަމުން ދިޔައެވެ. އަޒީމްގެ ހާލު ރަނގަޅުވަމުން ދާ ކަމަކަށް އަދި ފާހަގައެއް ނުކުރެވުނު ނަމަވެސް އިންޖެކްޝަންތައް ޖަހަންފެށިފަހުން ހުން މަޑުވާކަން ފާހަގަވިއެވެ. ނަވާފާއެކީ ހޮސްޕިޓަލުގައި ގިނަ ވަގުތުތައް ހޭދަކުރަމުން ދިޔައީ ރިޔާޒެވެ. ބަލިވެފައި އޮތް އަޒީމް ދޭތެރެއަކުން މަންޝާއަށް ގޮވާލައެވެ. އަނެއްބައި ފަހަރު ޒޭބާއަށް ގޮވާލައެވެ.

"ކޮބާ އެއްކަލަ ކަންތައް ބަލައިދީފިންތަ؟..." ނަވާފް ސުވާލުކޮށްލީ އަޒީމަށް ވެފައިވާ ގޮތް އަވަހަށް ބަލަން ބޭނުންވާތީއެވެ.

"އާން... އަލިބެ ބުނި ދެ ދުވަސްތެރޭ އަންނަ ވާހަކަ... އޭރަށް ބޮޑުވަރު ނުވާކަމަށް ވަންޏާ އެންމެ ރަނގަޅުވާނީ މަޑުކޮށްލުން ހެން މަށަށް ހީވަނީ..." ރިޔާޒް އަލިބެ އަންނަ ކަމުގެ ޚަބަރު ދިނުމުން ނަވާފަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ނަވާފްގެ ފޯނު ރިންގް ވާން ފެށުމުން ވޯޑުން ބޭރަށް ނަވާފް ނިކުތީ ރިޔާޒް ގާތު އެބަ އަންނަމޭ ބުނުމަށްފަހުއެވެ.

"ކީކޭ...؟" ފޯނު ކަންފަތުގައި ޖަހާލުމަށްފަހު ނަވާފް ވާހަކަ ދެއްކީ ވޯޑުން ބޭރުގައި ހުރި ގޮނޑިބަރިން ގޮނޑިއެއްގައި އިށީންނަމުންނެވެ.

"ދެންމެ މަންޝާ ގުޅި... އަޒީމް ފޯނު ނިވާލައިގެން އުޅޭ ވާހަކަ ބުނި... އަޒީމަށް ނުގުޅިގެން ކަންތައް ބޮޑުވެފަ ހުރީ...." ޒުހާ ވާހަކަ ދައްކަމުން ދިޔަ އިރު ޒަފްރީންގެ ރުއިމުގެ އަޑުވެސް ފަހަތުން އިވޭތީ ދެބުމަ ގޮށްޖަހައިގެން ނަވާފް އިނީ ކަނުލާ އަޑުއަހާށެވެ.

"ދެން ކީކޭ ޒުހާ ބުނީ..." ނަވާފް ބޭނުންވީ ޒުހާ ދިން ޖަވާބެއް ބަލާށެވެ.

"އަހަރެން ބުނިން އަޅާނުލާށޭ... މަން ނުގުޅާ މަޑުކުރާށޭ އަޒީމް ގުޅަންދެން... އަދި އަޒީމްގެ ޚަބަރެއް ނުވާހާ ހިނދަކު މާލެ ނައިސް ރަށުގަ މަޑުކުރާށޭ ވެސް ބުނިން... އެއްޗެއް ބޭނުން ނަމަ އަހަންނަށް ނޫނީ ނަވާފަށް ގުޅާށޭ... ފައިސާގެ ކަމެއްވިޔަސް އަހަރެމެން ހަމަޖައްސައި ދޭނަމޭ ބުނިން..." ފޯނުން ވާހަކަ ދައްކަމުން ޒުހާ ދިޔައީ ތުއްތު ޒަފްރީން ރުއްސަން ކުޅޭ އަޑުގޮވާ އެއްޗެއް ތަޅުވަމުންނެވެ.

"ރަނގަޅަށް ތި ހެދީ.. ޒުހާ އަތުގަ ދޯ އެގޭ ތަޅުދަނޑިފަތީ އޮތީ... ނަމަނަމަ އެގެއަށް މަށަށް ނޭނގި ޒުހާ ނުދައްޗޭ... އެ ޒޭބާއަކާ ދިމާވެދާނެ.. އެއީ އެހާ ރަނގަޅު މީހެއް ނޫންހެން މަށަށް ހީވަނީ... ކީއްވެތަ އެމަންޖެއަށް އެ ރޮވެނީ؟...." ޒަފްރީންގެ ރުއިން ނުހުއްޓި އަޑު ގަދަވަމުންދާތީ ކިހިނެއްވީތޯ އަހާނުލާ ނަވާފަށް ހިމޭނަކުން ނުހުރެވުނެވެ.

ފޯނުން ވާހަކަ ދެއްކުމަށްފަހު ނަވާފް ވޯޑުތެރެއަށް ވަނެވެ. އެވަގުތު ރިޔާޒްގެ މޫނުމަތިން ހާސްކަމުގެ ކުލަވަރު ފާޅުވަމުން ދިޔައެވެ.

"ތި އައީ ދޯ... އަހަރެން އެބަ އަންނަން ގެއަށް ޖައްސާލާފަ... ކަމެއް ބޭނުންވެއްޖިއްޔާ ގުޅާލާ... އިނގޭ.." ރިޔާޒް ގޮނޑިންތެދުވެ ޖީބަށް ފޯނުލަމުން ވާހަކަ ދެއްކީ ނަވާފް ގާތު އެތާ އިށީންނަން ތަން ދައްކަމުންނެވެ.

ރިޔާޒް ސައިކަލަށް އަރާ ދުއްވާލި އިރުވެސް ވިސްނެމުން ދިޔައީ އޭނާގެ ގޭތެރޭގެ ހާލާ މެދުގައެވެ. ސައިކަލުގައި ގެއާ ހަމައަށް ދެވުމުން ސައިކަލު ޕާކުކޮށްފައި ގެއަށް ވަނުމަށް އަވަސްވެގަތެވެ. އެޕާޓްމަންޓްގެ ދޮރު ހުޅުވާލުމާ އެކީ ސޯފާގައި އިން އާމިނަ ރިޔާޒާ ދިމާއަށް ބަލާލިއެވެ. އަތުގެ އިޝާރާތުން މީރާ ވީ ކޮޓަރީގައި ކަމަށް އާމިނަ ބުންޏެވެ.

ކޮޓަރި ދޮރު ހުޅުވާލިއިރު މީރާ އޮތީ އެނދުމަތީގައެވެ. ކަފަ ރަޖާގަނޑު އަޅައިގެން ކަރުން ތިރި ނިވާކޮށްގެން އޭނާ އޮތީ ކުޑަވެގެންނެވެ. ރިޔާޒް އައިސް މީރާގެ މަގަތުގައި އިށީނެވެ. އަދި މީރާގެ ނިތްކުރީގައި އަތް ޖައްސާލިއެވެ. މީރާ އޮތީ ވަރަށް ގަދައަށް ހުން އައިސްފައެވެ. "މީރާ... ތެދުވޭ އަވަހަށް ޑޮކްޓަރަށް ދާން... މިހާރު ކިތައްބުރު ހޮޑު ލައިފިން..."

މީރާ އެނދުން ތެދުވަން މަސައްކަތް ކުރަމުން ފަސް ފަހަރު ހޮޑުލައިފިން ކަމަށް ބުނެލީ އަތުގެ ފަސް އިނގިލި ހުޅުވާލާފަ ދައްކާލަމުންނެވެ. ރިޔާޒް ހުރީ ކަންބޮޑުވެފައެވެ. މީރާ ބަލިވެއިނުމާ ވެސް އެކީގައެވެ. މާލޭގައި ޑެންގޫހުން އެހާ ހަލުވިކޮށް ފެތުރެމުންދާ ދުވަސްވަރެއްގައި މީރާއަށް ޑެންގޫ ޖެހިދާނެތީ ރިޔާޒް ހުރީ ބިރުންނެވެ.

އަވަހަށް މީރާ ގޮވައިގެން ހޮސްޕިޓަލަށް ދާން ތައްޔާރު ވިއެވެ. ބޮޑުވަރު ނުވަނީސް މިކަމަށް ފަރުވާ ހޯދުމަކީ އެންމެ ރަނގަޅުގޮތް ކަން އޭނާއަށް އެނގޭތީއެވެ. އަޒީމަށް ވެފައި އޮތްވަރު އެނގޭތީ މީރާއަށް އެހެންވާކަށް ރިޔާޒެއް ނޭދެއެވެ.

*** *** *** *** *** ***

ރަށުގައި އެކިކަހަލަ ކުޅިވަރުތައް ކުޅެ ފޯރި ނަގަމުން ދިޔައިރު އެއިން އެއްވެސް ތާކަށް ދާން މަންޝާގެ ހިތެއް ނޭދެއެވެ. މިއަދު މަންޝާ އިންތިހާއަށް ފޫހިވެގެން އެ އުޅެނީ އޭނާގެ ފޯނުގައި ޑާޓާ ވެސް ނެތުމާ އެކީގައެވެ. ކޮޓަރިއަށް ވަދެ ވޮލެޓު ނަގާ އޭގައި އޮތް ސަތޭކަ ރުފިޔާ ހިފައިގެން ބޭރަށް ނިކުތީ ފޯނަށް ރީލޯޑެއް ކޮށްލުމުގެ ނިޔަތުގައެވެ. ކޮޓަރިން ނިކުތް މަންޝާގެ ފިޔަވަޅު ހުއްޓުނީ އަފްނާނުގެ ކޮޓަރި ދޮރުދޭތެރެއިން ފެނުނު މަންޒަރުންނެވެ. މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. އަތުގައި އޮތް ނޫޓު ވެސް އަތުން ދޫވިއެވެ.

ގުދުވެ އެ ސަތޭކަ ރުފިޔާ ނަގަމުން މަންޝާ އެ ކޮޓަރީގެ ދޮރާ ގާތްވެލިއެވެ. ދޮރު ހުޅުވިފައި ހުރި ތަންކޮޅުން އެތެރޭގައި ހިނގަމުން ދިޔަ ކަންތައް ވަރަށް ސާފުކޮށް މަންޝާއަށް ފެނުނެވެ.

ހަސަނު އިނީ އަފްނާނުގެ އެނދުގައި އިށީންދެގެންނެވެ. ތެޔޮ ފުޅިއެއްގެ މަތި ނަގަމުން އަފްނާނުގެ އަތަށް އެ ފުޅި ހަސަނު ދިއްކޮށްލިއެވެ. ނުރުހުންވެފައި ހުރިކަން އަފްނާނުގެ މޫނުމަތިން ފާޅުވި ނަމަވެސް އަފްނާނު އަނގައިން ބަހެއް ނުބުނެއެވެ. ފުޅީގައި އަފްނާނު ހިފުމުން ހަސަނު ލައިގެން ހުރި ޓީޝާޓް ބޭލުމަށްފަހު އެނދުގައި ބަންޑުން އޮށޯތެވެ. ތެޔޮ ފުޅިން ތެޔޮ ކޮޅެއް އަތަށް އަޅާ ހަސަނުގެ ބުރަކަށީގައި އަފްނާނު އުނގުޅާލިއެވެ. އަނެއްކާވެސް ތެޔޮ ކޮޅެއް އަޅާލުމަށްފަހު އެތެޔޮ ފުޅި ހަސަނު އަތަށް ހަވާލު ކޮށްލިއެވެ.

އަފްނާނު ހުރީ އޮށޯވެގެން އޮތް ހަސަނުގެ ބޮލާ ދިމާލުގައެވެ. ހަސަނުގެ ގަޔާ ދިމާއަށް އަފްނާނު ގުދުވެލަމުން ހަސަނުގެ ބުރަކަށީގައި އަފްނާނުގެ ދެއަތުން ތެޔޮ ހާކާލިއެވެ. ހަސަނުގެ ބުރަކަށީގެ މަސްގަނޑުގައި އަފްނާނުގެ މަޑު އިނގިލިތަކުން ތެޔޮތައް ވަށަމުން ދިޔައެވެ.

އަފްނާނު ތެޔޮ ހާކަމުން ދިޔަ ވަރަކަށް ހަސަނު ހޫން ލައްވަމުން ދިޔައެވެ. "އަފޫ... އާން... ތިދިމާލަށް އެހާ ބާރަށް ނުފިތައްޗޭ!.... އާން... އާން... ވަރަށް އަރާމު..."

އަތުގައި އޮތް ތެޔޮ ފުޅިން ތެޔޮ ކޮޅެއް ހަސަނުގެ އަތަށް އަޅާލިއެވެ. ބޯ ހިއްލާލަމުން ހަސަނު ކުރިއަށް ބަލާލީ އަފްނާނު ހުރި ދިމާއަށެވެ. ހަސަނުގެ މޫނާ ދިމާއަށް ހުރީ އަފްނާނުގެ ފައެވެ. ލައިގެންހުރި ކުރު ޝޯޓުބުރީގެ ސަބަބުން އަފްނާނުގެ ފަލަމަސްގަނޑުގެ ބޮޑުބައި ފެނެއެވެ. ހަސަނުގެ އަތުގައި ހުރި ތެޔޮތަކާ އެކީ އަފްނާނުގެ އޮމާން ފައިގެ ކުޑަކަޅުވާގައި އަތް ހާކާލިއެވެ.

އަފްނާނަށް އުނދަގޫވި ކަހަލައެވެ. ނުރުހުންވެފައި ހަސަނުގެ އަތުގައި ހިފާ ދުރަށް ޖައްސާލިއެވެ. ނަމަވެސް ހަސަނު ދެވަނަ ފަހަރަށްވެސް އަތްލިއެވެ. މިފަހަރު އަފްނާނުގެ ކަކުލުގައި ހަސަނު ހިފާލިއެވެ. އަދި އަތް ކާއްތަމުން ދިޔައީ ފަލަމަސްގަނޑާ ދިމާލުން މައްޗަށެވެ.

ދޮރުން ބޭރުގައި މަންޒަރު ބަލަން މަންޝާ ހުރީ ހަދާނެ ގޮތް ހުސްވެފައެވެ. ހަސަނުގެ މި އަމަލުން މަންޝާ ގާތަށް ވަރަށް ރުޅިއައެވެ. ހަދާނެ ގޮތަކާ ދޭތެރޭ ވިސްނާލަން ވަގުތު ކޮޅެއް ނެގިއެވެ. ނަމަވެސް މަންޝާއަށް ގޮތެއް ނުނިންމެނީސް ފެންޑާތެރެއިން އެތެރެއަށް ދުވެފައި އައި އަމާނާ އީމާނު އެ ކޮޓަރި ތެރެއަށް ދެމިގަތެވެ.

ސިއްސައިގެން ގޮސް އެނދުން ތެދުވެ ދޮރާ ދިމާއަށް ހަސަނު ބަލާލިއެވެ. ދޮރުމަތީ ހުރި މަންޝާ ފެނުމުން އަފްނާނު އިސް ޖަހާލިއެވެ. ހަމައެވަގުތު ހަސަނު އެތިވަރުތައް ގޮވާލިއެވެ. "ހަމަ މިހާރު ކޮޓަރިން ނިކުމޭ... މި މީހުންނާ ހެދި ބުރަކަށީ ތެޔޮ ދެމޭ ވަރެއް ވެސް ނޫން... ނިކުމޭ... އަހަ ނިކުންނާށޭ..." އަމުރުވެރި ރާގަކަށް ހަސަނު ވާހަކަ ދެއްކުމުން އެ ދެކުދިން އަވަހަށް އެކޮޓަރިން ނިކުމެ ގޯތިތެރެއަށް ދިއުމަށް ދުއްވައިގަތެވެ.

އެނދުމަތިން ތެދުވަމުން މަންޝާއާ ދިމާއަށް ހަސަނު ހިނގާފައި އައީ އޭނާ ލައިގެން ހުރި ޝޯޓުބުރި އަރުވަމުންނެވެ. ދޮރު ކުރިމައްޗަށް ހުއްޓިގެން ހުރެ މަންޝާއާ ދިމާއަށް ހަސަނު ބަލަން ހުރީ ނުބައި ޒާތަކަށް ހިނި އައިސްފައެވެ. ދެލޯ އަޅައިގެން މަންޝާ ހުރީ ދެންވާނެ ގޮތަކާ މެދު ކަންތައް ބޮޑުވެފައެވެ. އެ ނުބައި ނުލަފާ މީހާގެ ޖާހިލުކަން ހިތަށް އެރުމުން މަންޝާގެ ރުޅި އިހުނަށް ވުރެ ގަދަވިއެވެ.

ޝޯޓުމަތިން ކުރިމަތި ފަރާތުގައި ހަސަނު އަތް ކާއްތާލުމުން އެދިމާއަށް މަންޝާއަށް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ. އައި ރުޅިންނާ ވީ ފޫއްސެއްގެ ބޮޑުކަމުން އަނެއް ފަރާތަށް މަންޝާގެ މޫނު އަނބުރާލިއެވެ. ހަމަ އެވަގުތު ހިނިގަނޑެއް ޖަހާލަމުން ހަސަނު އެ ދޮރު ލައްޕާލިއެވެ. ދޮރު ލައްޕާލިއިރު ދޮރު ދޭތެރެއިން އަފްނާނުގެ މޫނު ވަރަށް ސާފުކޮށް މަންޝާއަށް ފެނުނެވެ. އޭނާ ހުރީ އިސް ޖަހައިގެންނެވެ. ރުޅިއައިސް ދެބުމަ ގޮށް ޖަހައިގެންނެވެ.

މިވަނީ ކިހާވަރެއްގެ ކަމެއްކަން މަންޝާއަށް ރޭކާލީ ދެނެވެ. ފަޔަށް ލެވުނުހާ ބާރެއްލާފައި ގޯތިތެރެއަށް ނިކުމެވުނު އިރު ގޭ މައިދޮރުން މަދީހާ އާއި މުނީރާ ނިކުންނަނީއެވެ. މަންޝާ މަޑުކުރާކަށް ބޭނުމެއް ނުވިއެވެ. މުނީރާއްތައަށް ހަރުއަޑުން ގޮވާލިއެވެ. މަންޝާގެ އަޑަށް މަދީހާމެން އެނބުރި ބަލާލިއެވެ. އަދި ކިހިނެއްވީތޯ ސުވާލު ކުރުމުން މަންޝާ ވާހަކަ ދައްކަން ފެށިއެވެ. "އަފޫ... އަފޫ އެބައުޅޭ ތެޔޮ ފުޅިއެއް ހިފައިގެން ހަސަންބެގެ ބުރަކަށީގަ...."

މަންޝާގެ ވާހަކަ ނުނިމެނީސް ދޮރުކައިރިއަށް އައިސް ހުއްޓުނު އަމާން ވާހަކަ ދައްކަން ފެށިއެވެ. "މަންމާ.. އަވަސްކުރޭ... މިހާރު މެޗު ފެށެން ފަނަރަ މިނެޓަށްވީ... މަންމާ... ލަހުން ދިޔައިމަ ކުރިން ޖާގައެއް ނުލިބޭނެ..."

"އާން ލައިނުގަނެގެން މިސޮރުމެން އުޅޭނީ... އެހެރަ ދަނީ ފާޒިރާ، އޭނާއާ އެކީ ދޭ.. މަންމަމެން މިދަނީ... ބަސްއަހައިގެން އުޅޭތި..." އެ ދެކުދިން ފާޒީރާއާ އެކީ ދާން ހުއްދަ ދިނުމުން އެ ސޮރުމެން ފާޒިރާ ހުރި ދިމާއަށް ދުއްވައިގަތެވެ. އެމީހުންނާ ދިމާއަށް ބަލަންހުރެ އަނެއްކާވެސް ވާހަކަ ދެއްކީ މުނީރާއެވެ.

"ހޫން.... ދެންމެ ހަސަނު އައިސް ބުނި ތެޔޮ ދަމަން... އޭނައަށް ވެސް އަންނަން އެނގުނީ މި ގަޑީގަވިއްޔަ... އަފޫ ބުނި ފުޓުބޯޅަ މެޗު ބަލާކަށް ނުދާނަމޭ.. އެހެންވެ އަހަރެން ބުނިން އަފޫ ކައިރީ ތެޔޮ ދަމާލަ ދީބަލާށޭ... އަނެއްކޮޅުން އަފޫ ވަރަށް މޮޅުވާނެ ތެޔޮ ދަމަން..."

އަޖައިބުވެ އަންތަރީސްވެފައި މަންޝާ ހިމޭނުން ހުރީ މުނީރާއްތަ ދެއްކި ވާހަކަތައް އަޑުއަހާށެވެ. މުނީރާއަށް ހަސަނު އެފަދަ ކަމެއް ކޮށްފާނެއޭ ހިތަކަށްވެސް ނާރާނެ ނޫން ހެއްޔެވެ. އިތުރަށް ވާހަކަ ދައްކާނެހާ ހިތްވަރެއް މަންޝާގެ ގަޔަކު ނެތެވެ. އެވާހަކަތައް ދައްކަން އުޅުމުގެ ތެރޭގައި މަންޝާއާ ހަސަންބެއާ ދެމެދުގައި އޮތްގުޅުން ހާމަކުރެވިދާނެތީ އެކަމާ މަންޝާ ފަސްޖެހުނެވެ. ސަބަބަކީ އެއީ އަދި މިވީހާ ތަނަށް އެކަކަށްވެސް އަންގަން އޭނާ ބޭނުން ނުވާ ވާހަކައެވެ.

"މިހާރު ބޭސްގަނޑު ނެގީތަ... ކީކޯ ދޮން ހައްވަ ބުނީ... މިހާރު ބުރަކަށީގެ ރިހުން ކިހިނެކޯ؟..." މުނީރާގެ ކޮނޑުގައި ކޮއްޓާލަމުން މަދީހާ ސުވާލުކޮށްލިއެވެ.

"ދޮންހައްވަ ބުނި ބުރަކަށީ ކަޅުވެފައި ހުރިތަންގަނޑުގެ ހަގީގަތް ބަލަން ފަންޑިތަ ހަދާމީހަކަށް ދައްކަން... ހައްވައަކަށް ހިޔެއް ނުވެޔޯ އެއީ އެކްސިޑެންޓެއް ހެން.. ބުނީ އެއީ ރޫހާނީ ކޮންމެވެސް ކަމެއް ހެނޯ ހީވަނީ... ދެން މަށަކަށް ނޭނގޭ.... އަދިވެސް ހަސަނު އުޅެނީ އެތަނަށް ތަދުވާތީ.." މުނީރާ މިހެން ބުނެ އަތުކުރީގައި އޮތް ގަޑިއަށް ބަލާލިއެވެ.

"އެހެންތަ... ދެން މީހަކަށް ދައްކާލަންވީނުން.. ހައްވަމެން ދިވެހިބޭސްކުރުމުގަ އުމުރުން މިވީހާ ދުވަހެއް މިވީ.. ގައިމު އޭނައަށްވެސް ލައްކަ އެއްޗިސް އިނގޭނެދޯ... މީހަކަށް ދައްކާލަބަލަ... ތި ވެފަހުރި ކަމެއްވެސް އެނގިދާނެއްނު..." މަދީހާ ހުރީ ވަރަށް ސީރިއަސް މޫޑެއްގައެވެ.

"ތިޔަހެން މަ ބުނެފީމޭ... ހަސަނު އެއްގޮތަކަށް ވެސް އެކަމެއް ގަބޫލުކުރާ ގޮތެއް ނުވި... ދެން ގަދަކަމުން މީހަކުލައްވާ ކަމެއް ކުރެވޭނެތަ؟... އޭއި އެއޮއް ގަޑި ޖެހެނީ ހިނގާ ދާން..." މަދީހާގެ އަތުގައި ހިފަމުން ބޭރަށް ދިއުމަށް މުނީރާ ހިނގައިގަތެވެ.

އެމީހުން ގެއިން ނިކުމެގެން ދިޔައިރު ވެސް މަންޝާ އެ ހުރި ފިޔަވަޅުމަތީ ހުރީއެވެ. އެމީހުން ދިޔަތާ އިރުކޮޅެއް ވީ ފަހުން މަންޝާ ފުން ނޭވާއެއް ދޫކޮށްލިއެވެ. އަދި މަންޝާގެ އަތަށް ބަލާލިއެވެ. އަތުގައި އޮތް ސަތޭކަ ރުފިޔާ ފެނުމުން އަސްލު ބޭރަށް ނިކުތް މަގްސަދު ހަނދާންވިއެވެ.

އެވަގުތު އެގެއާ ޖެހިގެން އޮތް ގޯޅިތެރެއަށް މަޖުދީ ހިނގާފައި ދާ މަންޒަރު ފެނުމުން އޭނާ ކައިރިއަށް ދާން މަންޝާގެ ފިޔަވަޅު އަވަސްކޮށްލިއެވެ. ގޯޅިތެރެއިން މަޖުދީ މަޑުކޮށްލީ އެ ގޯޅީގެ މެދެއްހާ ހިސާބުންނެވެ. ސަތޭކަ ރުފިޔާ ދިއްކޮށްލަމުން މަންޝާގެ ފޯނު ނަންބަރު ދިނުމަށްފަހު އެ ނަންބަރަށް ރީލޯޑެއް ކޮށްދިނުމަށް އެދުމުން މަޖުދީ އާއެކޭ ބުނެ ކުރިޔަށް ހިނގައިގަތެވެ.

މަޖުދީ ގޮސް ލޮލުކޮޅަށް ގެއްލުމުން މަންޝާ ގެއަށް ދާން ހިނގައިގަތެވެ. ވަގުތުގެ ގޮތުން މަގުމަތިން މީހަކު ފެންނާކަށް ނެތެވެ. މުޅި ހިސާބުގަނޑު ވަނީ ފަޅުވެފައެވެ. ރަށުގެ އެންމެން ކަހަލަ ގޮތަކަށް ވާނީ ދަނޑަށް ގޮހެވެ. ހަވީރު އޮތް ފައިނަލް މެޗު ބަލަން ރަށު އެންމެން އެތަނަށް އެއްވާނެކަން ޔަގީނެވެ.

ފަހަތުން މީހަކު ގޮވާލިއަޑަށް ފަސްއެނބުރި މަންޝާ ބަލާލިއެވެ. މަންޝާގެ ކަކުލު ހުޅުން ވާގި ދޫ ނުވީ ހަމަ ކިރިޔާއެވެ.

މަންޝާއަށް އެ ގޮވަނީ ޒިބާނެވެ. ދެލޯ އަޅާލަމުން މަންޝާ އެނބުރުނީ ގެއަށް ދާށެވެ. ނަމަވެސް ގެއާ ދިމާއަށް ދާން އެނބުރުނު ވަގުތު ޒިބާން އައިސް މަންޝާގެ ކުރިމައްޗަށް އެރިއެވެ. ޒިބާނަށް ލިބިފައިވާ ބާރުގެ ބޭނުންކޮށްގެން އެހާ އަވަހަށް ގެއްލިފައި ކުރިމައްޗަށް އައުމަކީ ކުރެވިދާނެ ކަމެއްކަން މަންޝާއަށް އިނގުނެވެ. އެހެންނަމަވެސް ޒިބާންދެކެ ބިރުގަނެ ޖެހިލުންވާ ގޮތެއް އޭނާ ނުވެއެވެ.

"މަންޝާ...އަހަރެންނަށް މާފު ކުރޭ... ޕްލީސް..." މަންޝާއާ ދިމާއަށް ބަލަން ހުރުމަށްފަހު ޒިބާން ވާހަކަ ދެއްކިއެވެ.

އެ އާދޭހުގެ އަޑުތައް އަހަން މަންޝާ ބޭނުމެއް ނުވިއެވެ. ފަހަތަށް ފިޔަވަޅު އަޅަމުން ދިޔައީ ޒިބާނާ ގާތްވާން ބޭނުން ނުވާތީއެވެ. ހިތަށް އަރާ ފައިބަމުން ދިޔަ އެތައްހާސް ސުވާލެއް ކުރަން ބޭނުންވި ނަމަވެސް އެއިން އެއްވެސް ސުވާލެއް ނުކޮށް މަންޝާ އިސްޖަހާލިއެވެ. އެ ހަމަހިމޭންކަން ވެރިވެފައިވާ މާހައުލުން މަންޝާގެ ކަންފަތުގައި ޖެހުނީ ދެމީހަކު ދައްކަމުން ދިޔަ އޮލަ ވާހަކައިގެ އަޑެވެ. މަންޝާމެން ގޭގެ ކޮޓަރިތަކުގެ ކުޑަދޮރުތަކާ ދިމާލުން ދޮރެއް ހުޅުވިފައި ހުއްޓެވެ. އެ ކުޑަދޮރާ މަންޝާ ގާތްވެލީ އެތެރެއިން ދައްކަމުން ދިޔަ ވާހަކަ ސާފުކޮށް އަޑު އިވޭތޯއެވެ.

އެއީ އަފްނާނުގެ ކޮޓަރިއެވެ. ކުޑަދޮރު ހުޅުވިފަ ހުރި ހިސާބުން މަންޝާއަށް ފެންނަނީ ހަސަނެވެ. ހަމައެކަނި ޝޯޓު ބުރިއެއްލައިގެން ހަސަނު ހުރި އިރު އޭނާގެ މުޅިގައިގާ ތެޔޮ ވަށާފަ ހުރިކަން އެނގެނީ ހަންގަނޑުގައި ހުރި އޮފް ދަޅައިންނެވެ. ފާޚާނާއާ ދިމާއަށް ބަލަންހުރެ ހަސަނު ވާހަކަ ދައްކަމުން ދިޔައެވެ. ވާހަކަ ހުރިގޮތުން އޭނަ އެ މުޚާތަބު ކުރަނީ އޭނާގެ ދަރިފުޅަށް ކަން އެނގުނެވެ.

"އަފޫ.... އެވާހަކަ އެއްވެސް މީހެއް ކައިރީ ނުބުނާތި.. ދެން ބޮޑާ ނުހާކާ އާދޭ...." އަމުރުވެރި ކަމެއް ހަސަނުގެ އަޑުގައި ހުރިކަން މަންޝާއަށް ފާހަގަވިއެވެ.

އަތް ހަނާ އަޅަމުން އަފްނާނާ ދިމާއަށް އިޝާރާތް ކުރަމުން ހަސަނު އެދެމުން ދިޔައީ އޭނާ ގާތަށް އައުމަށެވެ. މަންޝާއަށް އެގަޑީގަ ވިސްނާލެވުނެވެ. އަފްނާން ގާތުގައި ހަސަނު ނުބުނާށޭ ކިޔާފައި މި އަމުރުކުރަނީ ކޮން ވާހަކައެއް ހެއްޔެވެ. މަންޝާގެ ހަނދާނަށް އައީ މަންޝާގެ ކޮޓަރިއަށް ވަދެ އޭނާއާ ދިމާކޮށްލަން ހަސަނު މަސައްކަތް ކުރި ރެއެވެ. އެރޭ އެ ނުލަފާ ބޭގަނޑުގެ ކިބައިން މަންޝާ ސަލާމަތްވީ ކޮޓަރިއަށް އަފްނާން އައީތީއެވެ.

ކުރިއަށް މަންޝާ ޖެހިލީ ހަސަނަށް އެތާ އޭނަ ހުރިކަން އަންގާލާށެވެ. ނަމަވެސް ކުރިއަށް އެޅި ފިޔަވަޅު ހުއްޓުނީ އޭނާގެ އަތުގައި މީހަކު ހިފުމުންނެވެ. އަތުގެ މުލައްދަނޑިއަށް މަންޝާ ބަލާލީ ދެ ބުމަ ގޮށްޖަހާލަމުންނެވެ. މަންޝާ ހުއްޓުވަން މަސައްކަތް ކުރަނީ މަންޝާގެ އެއްފަރާތުގައި ހުރި ޒިބާންކަން އެނގުނީ އޭނާ ދެއަތަށް ބޯ ހޫރާލުމުންނެވެ. އަނެއްކާވެސް ކޮޓަރިއާ ދިމާއަށް މަންޝާ ބަލާލީ ދެން ވާން އުޅޭ ގޮތެއް ބަލަން ބޭނުންވެފައި ހުރުމުންނެވެ.

(ނުނިމޭ)