ޑޮކްޓަރގެ އެދުމަށް ނަވާފް ބޭރަށް ނުކުތީ މެމޯއެއް ހެއްދުމަށާ ބޭސްތަކެއް ނަގާށެވެ. ބޭސް ނަގަން ކައުންޓަރު ދޮށުގައި ހުއްޓާ ނަވާފްގެ ލޮލުގައި ރިޔާޒް އަޅައިގަތެވެ. ބޭސް ނަގައިގެން ރިޔާޒް ކައިރީހުރި ގޮނޑީގައި ނަވާފް މަޑުކޮށްލީ ކުޑަ ވާހަކައެއް ދައްކާލާށެވެ. "ރިޔާޒް.. އަހަރެން ވަރަށް ބޮޑު ކަމަކު ބުންނަ މި އުޅެނީ..."
"މަޑު ކުރޭ... މި ނަންބަރު އެ ޖެހުނީ އެބަ އަންނަން..." ރިޔާޒް ވެސް އައިސް ހުރީ ބޭސްތަކެއް ނަގާށެވެ. އެހެންކަމުން އޭނާ އަވަސްވެގަތީ ކައުންޓަރާ ދިމާއަށެވެ.
ނަވާފް ބޭރުގައި މަޑުކޮށްގެން ހުރީ ރިޔާޒް އަންނަން ދެނެވެ. "ކޮބާ ކީކޭ؟... ކީއްކުރަނީ މިތާ؟.. އަހަރެން މިއައީ މަންމަގެ ބޭސްތަކެއް ނަގަން... މިއަދު މަންމަ ދޫކޮށްލާތީ މިއުޅެނީ..." ނަވާފްގެ ކޮނޑަށް އަތް ވައްޓާލަމުން ރިޔާޒް ވާހަކަ ދެއްކީ ވަރަށް އުފަލުން ހުރެއެވެ.
"އެހެންތަ.. އަހަރެން މިއުޅެނީ އަޒީމް ބާއްވައިގެން.. މަންޝާ ވީ ރަށުގަ.. އެކަމު މަންޝާ ކައިރީ މި ވާހަކަ ނުބުނައްޗޭ... އޭނަ ބަނޑުބޮޑު..." ނަވާފް ވާހަކަ ކިޔައިދޭން ފެށީވެސް މަންޝާއަށް މިކަންތައް ސިއްރުކޮށް ދިނުމަށް އެދެމުންނެވެ.
"އަޒީމް އުޅެނީ ކޮންމެސް އަންހެން ކުއްޖަކާ ހެދި... ފަހަކަށް އައިސް އޭނާގެ ފަރާތުން ވަރަށް އާދަޔާ ޚިލާފް ކަންކަން އެބަފެނޭ.. އަހަންނަށް ހީވަނީ މީ ފަންޑިތައިގެ ކަމެއްހެން... ރިޔާޒްގެ ކޮއްކޮގެ ކަންތަކުގަ ފަންޑިތަ ހަދާ މީހަކު ގެނެސްގެން އުޅުނީމެއްނު ދޯ!!.. އޭނާ ކައިރީ ބުނެގެން މިކަން ބަލާލަން ހިނގާބަލަ... މަންޝާއަށް ވެސް އެ އަންހެން ކުއްޖާ ފަންޑިތައެއް ހަދާފާނެ... ނޫންތަ... މިހާރު އެ އަންހެން ކުއްޖާ ގެއަށްވެސް ވައްދައިފި... އަޒީމް އޮތް ހާލު ބަލާލީމަ ރިޔާޒަށް މަމިބުނަން އުޅޭ އެއްޗެއް ވިސްނޭނެ..." ނަވާފްގެ ވާހަކަ މެދުކަނޑާލީ އެމީހުންނަށް އަވަސް ފަރުވާދޭ ކޮޓަރި ކައިރިއަށް އާދެވުމުންނެވެ.
އަވަސް ފަރުވާދޭ ކޮޓަރިއަށް ދެމީހުން އެކީގައި ވަނެވެ. އޭރު ޑޮކްޓަރުންނާ ނަރުސް ކުދިންތަކެއް އުޅުނީ އަޒީމް ނުހިފޭއްޓިގެންނެވެ. މުޅި މީހާގެ ގަޔަށް ބާރުތަކެއް އަރަމުން ދިޔައިރު އޭނާގެ އަނގައިގެ އެއް މިޔަކަނުން ފޮނުތަކެއް ފައިބަނީއެވެ. ނަވާފްމެން ގާތްވުމުން ދުރުގައި މަޑުކޮށްލުމަށް ޑޮކްޓަރުން އެދެމުން އެނދުވަށާ ފޮތިގަނޑެއް ދަމާލިއެވެ.
"ތިކަމުގައި އެހީއެއް ވެވޭތޯ ބަލާނަން.. އަހަރެމެންނަށް ކަންތައް ކޮށްދިން އަލިބެވީ ރަށަކަށް ގޮސް... އޭނަ އައިމަ ތިކަމާ އުޅެވޭނީ... އަހަރެން ބައްޕަ ގާތު އަދި ވާހަކަ ދައްކާނަން... ބައްޕައަށް ވެސް މިކަމުގެ ވަރަށް ގިނަ ކަންތައް މިހާރު އެނގޭނެ..." ރިޔާޒް ވާހަކަ ދެއްކީ ނަވާފްގެ ކޮނޑުގައި ހިފާލަމުންނެވެ.
އެނދުގެ ފަރުދާ ކަހާލުމަށް ފަހު ޑޮކްޓަރު ބޭރަށް ނުކުތެވެ. ނަވާފާ ގާތްވަމުން އަޒީމަށް ވީގޮތް ޑޮކްޓަރު ކިޔައި ދިނީ އަތުގައި އޮތް ފައިލަށް ބަލަމުންނެވެ. "މާބޮޑަށް ހުން ގަދަވުމުން ފިޓް ޖެހޭ ގޮތް މެދުވެރި މިވީ... އަޅުގަނޑަށް ފެންނަނީ ޑެންގޫއަށް ޓެސްޓް ހަދަން... ގައިގަ ފޮޅުތަކެއް ވެސް ފެންނަން އެބަހުރި... ދެންމެ ހޮޑުލެވުނު.. އޭގައިވެސް ހުރީ ހުސް ލޭ... ފެންނަން ހުރި އަލާމާތްތަކުން މީ ޑެންގޫ ކަމަށް ވަރަށް ބޮޑަށް ލަފާ ކުރެވޭ... އަދި ލޭގެ ރިޕޯޓްތަކަށް ފަހު މީނާއަށް ލޭދޭނެ މީހަކު ވެސް ހޯދަން ތައްޔާރަށް ތިބެން ވާނީ...."
*** *** *** *** *** ***
އެނބުރި މަންޝާ ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. ދޮރު ތަޅުލުމަށްފަހު މަންޝާ އެނދުގައި އިށީނީ ބެރެބެދި މަލެއް ނަގައިގެންނެވެ. ފަހުން ލިބުނު މާތައް މި ލިބުނީ ކިހިނެއް ކަމާމެދު ހިތުގައި ސުވާލު އުފެދުނެވެ. ޒިބާން އެމާތައް ހިފައިގެން ކޮޓަރިއަށް ވަންނާނީ ކިހިނެއް ހެއްޔެވެ. އެހެން ނޫނަސް ޒިބާނަކަށް މި ކޮޓަރިއެއް އަދި ކިއެއްތަ މި ގެއެއް ވެސް ނޭނގޭނެއެވެ.
މަލަށް ބަލަން އިސްއޮބާލައިގެން އިން މަންޝާގެ ކަޅި އަމާޒުވީ އޭނާގެ ބަނޑަށެވެ. އެހިސާބުން އަޒީމާ ދޭތެރޭ މަންޝާ ވިސްނާލިއެވެ. ބަނޑުބޮޑު ވާހަކަ ބުނުމުން އަޒީމްގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބުނަސް އަޒީމް ދެރަގޮތެއް ނުހަދާނެކަމަށް މަންޝާ ގަބޫލު ކުރެއެވެ. އެކި ހިޔާލުތައް މަންޝާގެ ސިކުނޑީގައި އެނބުރެމުން ދިޔައެވެ. އެ ހުރިހާ ކަމަކުން ދުރަށް ދެވުނީ ފުރާޅު މައްޗަށް ވާރޭ ކަނި ޖަހަން ފެށި އަޑަށެވެ.
މަންޝާގެ ތުންފަތަށް ވެރިވީ ފަނޑު ހިނިތުންވުމެކެވެ. މަންޝާގެ ހިތަށް ހަމަޖެހުމެއް ލިބުނު ކަހަލައެވެ. އެނދުމަތިން ތެދުވެ ކުޑަދޮރު ކައިރިއަށް ދިއުމަށް އަވަސްވެގަތެވެ. ފަހަރަކަށް ވުރެެ ފަހަރެއް ވާރޭ ބޯކުރަމުން ދިޔައެވެ. ކުޑަދޮރުގައި ދެއަތް އަޅުވައިގެން ބޭރުބަލަން ހުރީ މަންޝާގެ ހިތަށް ތަސައްލީއެއް ލިބޭތޯއެވެ. ވެހެމުން ދިޔަ ވާރޭގެ ކަނިތައް މަންޝާގެ މޫނުގައި ބީހެމުން ދިޔައިރު ލައިގެންހުރި ހުދު ކުލައިގެ ގަމީސްވެސް ތެމެމުން ދިޔައެވެ. ދެލޯ މަރައިގެން މަންޝާ ހުރީ ވެހެމުން ދިޔަ ވާރެން ލިބޭ ފިނިކަމާއި އެއްވަރަށް ދުވަމުން ދިޔަ މީރު ވަހުންނެވެ. ހިތްފުރޭވަރަށް ފުން ނޭވާއެއް ދަމާލުމަށްފަހު މަންޝާ ދެލޯ ހުޅުވާލިއެވެ.
އެވަގުތު މަންޝާ މޫނާ ދިމާއަށް ފެންނަން ހުރި ބެރެބެދި މާ ބޮނޑިއަށް މަންޝާ ބަލާލީ ހައިރާންކަމާ އެކުގައެވެ. އެ މާބޮނޑި ހިފައިގެން ޒިބާން ހުރީ ވާރެއާ ތެމިގެންނެވެ. މަންޝާ އެދުނީ ޒިބާން ގާތު އަވަހަށް ނުތެމި އެތެރެއަށް ވަންނާށެވެ. ކުޑަދޮރުން އެތެރެއަށް ޒިބާން ދެމިގަތެވެ. މަންޝާގެ ތުވާލި ނަގާ ޒިބާނަށް ދިއްކޮށްލަމުން އޭނާގެ އަތުގައި އޮތް މާ ބޮނޑީގައި ހިފާލިއެވެ.
"ޒިބާން... ތެންކިއު އަސްލު މަންޝާ ވަރަށް ބޭނުން މިމާ އަޅާ ގަސް ބަލާލަން ދާން... މާދަމާ އެތަނަށް ގެންދާނަންތަ؟..." މާބޮނޑިއަށް ބަލަން ހުރެ މަންޝާ ވާހަކަ ދެއްކިއެވެ. ތުވާލި އެނދުކޮޅުގައި ބާއްވަމުން ޒިބާން އައިސް މަންޝާގެ ފަހަތުން ބައްދާލިއެވެ. ޒިބާންގެ އަތް ވަށާލީ މަންޝާގެ ބަޑުމަތިންނެވެ. އެކަމުން މަންޝާއަށް ހިތްހަމަޖެހުން ލިބުނެވެ. ޒިބާންގެ ފަރާތުން ލިބެމުން ދިޔަ އޯގާތެރި ބީހުންތަކަށް ފުރަގަސްދީ ދުރަށް ދާން މަންޝާގެ ހިތެއް ނޭދެއެވެ.
"ބޭބީއަށް ކިޔާނީ ކޮން ނަމެއް؟... އަންހެން ކުއްޖެއްމީ... ޒޯއީ ކިޔަމާ..." ޒިބާންދެއްކި ވާހަކައިން މަންޝާއަށް ތެޅިގަނެވުނެވެ. މަންޝާގެ ބަނޑުމަތީގައި އޮތް ޒިބާންގެ ދެއަތް ފޮޅާލާ ދުރަށް ޖައްސާލިއެވެ. ޒިބާނާ ކުރިމަތިލަމުން ދެބުމަ ގޮށްޖަހައިގެން ހުރެ މަންޝާ ބަލާލީ އެތައް ސުވާލުތަކެއްގެ ޖަވާބު ބޭނުންވެފައިވާ ފަދައަކުންނެވެ.
"ކީކޭ؟... ޒިބާން... ކިހިނެއް އިނގުނީ؟..." މަންޝާއަށް ރަނގަޅަށް ވާހަކަ ދައްކަންވެސް ނޭނގުނެވެ. އޭރު ވާރޭ ވެހޭލެއް ބޯކަމުން އެމީހުންނަށް އެ ދެމީހުން ދައްކާ ވާހަކަ ކިރިޔަކިރިޔާ އަޑު އިވޭ ކަމެވެ.
ޒިބާން ކުރިއަށް ޖެހިލަމުން މަންޝާގެ އަތުގައި ހިފިއެވެ. "މަން... މި ދައްކާ ވާހަކަ ކަނުލާ އަޑުއަހާ... އަހަރެންމީ މަންޝާ ތިހީކުރާ ކަހަލަ މީހެއް ނޫން... އަހަރެން މިވާހަކަ ބުނަން ބޭނުން... އެކަމަކު ނުބުނެވުނީ އަހަރެންގެ ފިނޑިކަމުން..."
އެނދުގައި މަންޝާ އީށިނެވެ. ޒިބާންވެސް މަންޝާގެ މަގަތުގައި އިށީނެވެ. އެވަގުތު މަންޝާގެ އަތުގައި އޮތް މާބޮނޑި އަތުން ދޫވެ ތަޅުންމައްޗަށް ވެއްޓުނެވެ. ޒިބާން އެ މާތަކަށް ބަލާލިއެވެ. މާތަކުގެ ފިޔަތައް މަލުންވަކިވެ ވަކިންވަކިން އެ ކޮންމެ ފިޔައެއް ބިމުން މައްޗަށް އަރަން ފެށީ އެއްވެސް އެއްޗެއްގެ އެހީއަކާ ނުލައެވެ. އެފިޔަތައް ދެމީހުން ވަށާ މަޑުމަޑުން އެނބުރެން ފެށިއެވެ. މަންޝާއަށް ލިބުނު ހައިރާންކަމުން އެ މަންޒަރަށް ބަލަން ހުރެ އަނގަ ތަންމިނަށް ހުޅުވާލިއެވެ. "ވާއު.. ޒިބާން މެޖިކް ހަދަނީތަ؟... ވާވު އިޓްސް ސޯ ބިއުޓިފުލް...."
އެ މަލުގެ ރަތްކަން ގަދަ ފިޔަތަކުގައި އާދަޔާ ޚިލާފް ރީތި ވިދުމެއް އެކުލެވިފައި ހުރުމުން އެ މަންޒަރު ވަރަށް ވެސް ފުރިހަމައެވެ. އަތް ދިއްކޮށްލަމުން އެތަނުން ފިޔައެއްގައި މަންޝާގެ އަތް ޖައްސާލީ ހިނިތުންވަމުންނެވެ. މަންޒަރު ރީތިކޮށް ބަލަން ބޭނުންވާތީ އެނދުގައި މަންޝާ އޮށޯތެވެ. ޒިބާންގެ އަތުގައި ހިފާ ކައިރީގައި އޮށޯންނަން މަންޝާ އެދުނެވެ. އެމީހުންގެ ބޯމަތީގައި ނަށަމުން ދިޔަ ފިޔަތައް މަޑުމަޑުން ތިރިއަށް ފޭބީ އެއް ރޮނގަކަށެވެ. ހިނިއައިސްފައި މަންޝާ ބަލަން އޮތީ ކުޑަކުއްޖަކު ފަދައިންނެވެ. ފިޔަތައް ތިރިވީ މަންޝާގެ ބަނޑުމައްޗަށެވެ. "ޒޯއީ ދޯ މި ބޭބީއަށް ކިޔާނީ.... މަންޝާއަށް އެނަން ރީތިތަ؟..." ޒިބާން ވާހަކަ ދެއްކީ ލޯބިން ފުރިގެންވާ ގޮތަކަށެވެ.
"ޒިބާން... އެކަމަކު މީ އަޒީމްގެ ދަރިއެއް... ޒިބާން އަހަރެމެންގެ މިގުޅުން މިހެން ބޭއްވޭކަށް ނެތް..." ކުއްލިއަކަށް ކަމެއް ހަނދާންވެގެން ކަހަލަ ގޮތަކަށް ފުންމައިގެން އެނދުން ތެދުވަމުން މަންޝާ ވާހަކަ ދެއްކިއެވެ.
"ނޫން.. މަން.. ތިހެން ނުބުނޭ.. ތީ އަހަރެމެންގެ ލޯބީގެ ނިޝާން... އަހަރެންނަށް އިނގޭ ތީ އަހަރެންގެ ދަރިއެއް ކަން..." ޒިބާން ހުރީ ދެރަވެފައެވެ. ވަކިވާން ބޭނުންވާ ވާހަކަ މަންޝާ ދެއްކުމުން ޒިބާންގެ ހިތް ކުދިކުދި ވިއެވެ.
"ކިހިނެއް ޒިބާނަށް އެނގެނީ... އެކަމުގެ ހަގީގަތް ބަލަން ވެސް ޖާދޫ ހެދީތަ... ޒިބާން... އަހަރެންނަށް ޒިބާން ކިތަންމެ ކަމުދިޔަޔަސް މިކަން މިހެންވާކަށް ނެތް... އެންމެ ރަނގަޅު ވާނީ އަހަރެން ދޫކޮށްލިއްޔާ..." މަންޝާގެ ފަހުގެ ނިންމުން ހާމަ ކުރިއެވެ.
"މަން.. ތިހެން ނުބުނޭ އަހަރެން ބޭނުންވީ މަންޝާ އަހަރެންނާ އެކީ ވާން... މި ދުނިޔޭގަ ވިޔަސް އަހަރެންގެ މައްސަލައެއް ނެތް... އަހަރެންގެ ދުނިޔެއަށް މަންޝާ ގަދަކަމުން ގެންދާކަށް ނެތިން... އަހަރެންމީ .. އަހަރެންމީ އިންސާނެއް ނޫން..." މަންޝާއަށް ފުރަގަސްދެމުން ޒިބާން ވާހަކަ ދެއްކިއެވެ.
މަންޝާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. "ދެން މޮޔަ ވާހަކަ ނުދައްކާ.. ޒިބާން...."
ޒިބާން އަތުގައި ހިފާ މަންޝާއާ ދިމާއަށް ޒިބާން އަނބުރާލިއެވެ. އޭރު ޒިބާންގެ ދެލޮލުގެ ކުލަވަނީ ބަދަލުވެފައެވެ. މަންޝާއަށް ލިބުނު ސިހުމާއެކީ ފަހަތަށް ޖެހެވުނީ ބޭއިޚްތިޔާރުގައެވެ. މިހާރު ޒިބާން ހުރި ސިފަ ފެނުމުން މަންޝާއަށް ކުރިން ފެނުނު ހުވަފެން ސިފަވިއެވެ. މަންޝާމެންގޭ ބެލްކަނީގައި ދެމީހުން ތިބި ވަގުތެވެ. ޒިބާން ބެލްކަންޏަށް އަރާ ބަލާލި ބާލާލުމެވެ. އެ ރަތް ދެލޮލެވެ. އަދި އެއަށްފަހު ބެލްކަނިން ބޭރަށް ފުންމާލި ގޮތެވެ.
"ނޫން... ތިހެން ނުވާނެ... ޒިބާން... މިދެން ކީއްކުރަން ކުރިކަމެއް..." ދެއަތަށް ބޯ ހޫރަމުން ފަހަތަށް ޖެހެމުން ގޮސް ފާރުގައި ލަށްވިއިރު މަންޝާއަށް ހަމަ ރަނގަޅަށް ވެސް ރޮވިއްޖެއެވެ.
"މަން... އަހަރެން ދައްކާ ވާހަކަ އަޑު އަހާބަލަ... މީ އަސްލު ޒިބާންގެ ސިފައެއް ނޫން... މަންއަށް އެދުވަހު ފިހާރައަކުން ފެނުނު މީހަކީ މިސިފައިގެ އަސްލު ވެރި ފަރާތް... އަހަރެމެން ސިފަ ބަދަލުވުމުގެ ބާރު ލިބިފައި ވިޔަސް ދުނިޔޭގައި ދިރިހުރި އިންސާނެއްގެ ސިފައިގައި ހުރެވޭނީ... އަސްލު އަހަރެން އައި ބޭނުމަކީ ތަފާތު ބޭނުމެއް ނަމަވެސް މަންއާ ގާތްވަމުން ދިޔަ ވަރަކަށް އަހަރެންގެ ހިތުން މަންއަށް ހާއްސަ ކަމެއް ދެވިއްޖެ... އަހަރެންނަށް މަންދެކެ ލޯބި ވެވިއްޖެ... މަން..." މިހާރު ޒިބާންގެ ލޮލުގެ ރަތްކަން ކެނޑިއްޖެއެވެ. ޒިބާންގެ ލޮލުން ކަރުނައިގެ ވިދުން ފާޅުވަމުން ދިޔައެވެ. ކުރިއަށް ޖެހި މަންޝާގެ އަތުގައި ޒިބާން ހިފާލިއެވެ.
"ނޫން ޒިބާން މިތަނުން ދޭ... ޒިބާން އަހަރެންނަށް އޮޅުވާލީ... މަކަރު ހެދީ... އަހަރެން... އަހަރެން ދެން އުޅޭނީ ކިހިނެއް... ނޫން ނޫން.. މިކުއްޖާ އަހަރެން ބޭނުމެއް ނޫން..." ޒިބާންގެ ދެއަތް ފޮޅާލަމުން މަންޝާ ވާހަކަ ދެއްކި އިރު އޭނާއަށް ގިސްލެވެނީއެވެ. މުށްކަވައިގެން ހުރި އަތުން މަންޝާގެ ބަނޑުގައި ތަޅަން ފެށިއެވެ. ފާރުގައި ލަށްވެގެންހުރެ މަޑުމަޑުން ތަޅުން މައްޗަށް ތިރިވިއެވެ.
މަންޝާގެ އަތުގައި ޒީބާން ހިފެހެއްޓީ އޭނާގެ ދަރިފުޅަށް އަނިޔާއެއް ވެދާނެތީއެވެ. "ތިހެން ނުހަދާ މަން.. އަހަރެން މަންއަށް ދެރަގޮތެއް ވިޔަކަ ނުދޭނަން... މަން އަހަރެންނަށް އިތުބާރު ކުރޭ... އަހަރެން ބޭނުން ނަމަ މިއިން އެއްވެސް ވާހަކައެއް ނުދައްކާ ހުރެވުނީސް... އެކަމަކު މިހިސާބުން މިވާހަކަ މި ހާމަކުރީ އޮޅުވާލަން ބޭނުން ނުވާތީ... މި ދުވަސްވަރު މަންޝާއަށް އެކިކަހަލަ އުނދަގޫތައް ވާނެ... އަހަރެންނަށް އެހީތެރި ވެވޭނީ... މަންއާ އެކީ އުމުރު ދުވަހު އެހީވާން ހުންނަން އަހަރެން މިހުރީ ތައްޔާރަށް... މަން ޕްލީސް ތިހެން ނުހަދާ..." އެތައް ގޮތަކަށް މަންޝާއަށް ވިސްނައިދޭން ޒިބާން މަސައްކަތް ކުރިއެވެ. ނަމަވެސް މަންޝާގެ ދުލުން އެންމެ ބަހެއް ވެސް ބޭރެއް ނުކުރެއެވެ. ޒިބާން ތެދުވެ ކުޑަދޮރު ކައިރިއަށް ގޮސް ބޭރަށް ފޭބީ މަންޝާގެ ފަރާތުން ޖަވާބެއް ނުލިބުމުންނެވެ.
އިސްޖަހައިގެން މަންޝާ އިނީ ދައްކާނެ އިތުރު ވާހަކައެއް އޭނާގެ ސިކުނޑިއަށް ނުވިސްނޭތީއެވެ. ޒިބާން ކުޑަދޮރުން އެތެރެއަށް ބަލާލިއެވެ. އެވަގުތު ޒިބާނާ ދިމާއަށް މަންޝާވެސް ބަލާލިއެވެ. "އަހަރެން މަންޝާއަށް ދެރައެއް ނުދޭނަން... އަދި މަންޝާއަށް ވިސްނޭނެ..." ވިދާލި ވިދުވަރާ އެކީ މަންޝާގެ ލޯމަތިން ޒިބާން ގެއްލުނެވެ. އޭރުވެސް ހުއްޓުމެއް ނެތި ބޯކޮށް ވާރޭވެހެމުން ދިޔައެވެ.
ކޮޓަރީގައި މީހަކު ޓަކި ޖަހާލި އަޑަށް މަންޝާ ދިޔައީ ސިއްސައިގެންނެވެ. ދެލޯ ފުހެލުމަށްފަހު މަންޝާ ދޮރު ހުޅުވާލިއެވެ. ނުބައި ޒާތަކަށް ހެވިފައި ދޮރުމަތީ ހުރީ ހަސަނެވެ. ހަސަނު ފެނުމާ އެކީ މަންޝާ ބިރުގަތެވެ. ދޮރު ލައްޕާލަން މަސައްކަތް ކުރި ނަމަވެސް ހަސަނު އެއަށްވުރެ ހުށިޔާރެވެ. އަތުން ޖަހާ ދޮރު ހުޅުވާލަމުން ހަސަނު އެތެރެއަށް ވަނީ ނުލަފާ ޒާތަކަށް ހިނިއައިސް ހުރެއެވެ.
މަންޝާ ފަހަތަށް ޖެހެމުން ދިޔައެވެ. ދޮރުގެ ތަޅު އަނބުރާލުމަށް ފަހު ދޮރު ފައިންޖަހާ ހަސަނު ލައްޕާލިއެވެ. ވާރެއާ ތެމިފޯވެގެން ހަސަނު ހުރުމުން އޭނާގެ ގައިން ފައިބަމުން ދިޔަ ފެންތަކުން ތަރުފާލުގަނޑު ތެންމަަމުން ދިޔައެވެ. ކުރިއަށް ހަސަނު ޖެހުނީ ދަހިވެތި ނަޒަރަކުން މަންޝާގެ ހަށިގަނޑަށް ބަލަމުންނެވެ. ކޮންމެވެސް ވަރަކަށް މަންޝާ ލައިގެން ހުރި ގަމީސް ތެމިފައި ވުމުން ހެދުންވަނީ ގައިގާ ތަތްލާފައެވެ. ފަހަތަށް ޖެހެމުން ދިޔަ މަންޝާގެ ފައި އެނދުގައި ޖެހި އެނދުމައްޗަށް މަންޝާ ވެއްޓުނެވެ. މަންޝާއަށް އިތުރު ހަރަކާތެއް ނުގެނެވެނީސް ހަސަނު އައިސް މަންޝާގެ ގަމީހުގައި ހިފާ ދަމައިގަތެވެ. ހުރިހާ ގޮށްތައް ނެއްޓި މަންޝާގެ ގަމީސް ހާސާ ވެއްޖެއެވެ. ދެއަތުން މޭމަތި ނިވާކުރަމުން މަންޝާ ރޮއިގަތީ ޒިބާނަށް ގޮވަމުންނެވެ.
ހެމުންހެމުން ދިޔަ ހަސަނުގެ އަޑު ކުއްލިއަކަށް ކެނޑުމުން މެރިފައިވާ މަންޝާގެ ލޯ ހުޅުވާލަމުން ބަލާލީ ބިރުން ހުރެއެވެ.
ހަސަނުގެ ކަޅި އޭރު އަމާޒުވެފައި ވަނީ އެ ކޮޓަރީގެ ދޮރާ ދިމާލަށެވެ. މަންޝާގެ ނަޒަރު ވެސް އެހިސާބުން ހުއްޓުނީ ކޮޓަރީގެ ދޮރާ ދިމާލަށެވެ. ދޮރު ހުޅުވައިގެން ދޮރުމަތީ ހުއްޓިގެން ހުރި އަފްނާނުގެ ރުޅިވެރި މޫނު ފެނިފައި މަންޝާއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. ގަމީހުގެ މޭމަތީގައި ހިފަހައްޓައިގެން ގުޑިލަން ވެސް ނޭނގިފައި މަންޝާ އޮތީ ހަދާނެ ގޮތެއް އޭނާއަށް ނުވިސްނޭތީއެވެ. ދެން ކަންތައް ވެދާނެ ގޮތަކާ މެދު ފިކުރު ބޮޑުވެފައެވެ.
ދޮރުމަތީ ބަލަން ހިނދުކޮޅަކަށް ހުރި އަފްނާނުގެ މޫނުން ނުރުހުމުގެ ކުލަ ފާޅުވަމުން ދިޔައެވެ. އަނގައިން ބަހެއް ނުބުނެ އަފްނާނު އެކޮޓަރިއަށް ފުރަގަސްދީ ގޮސް ވަނީ އޭނާގެ ކޮޓަރިއަށެވެ. މަންޝާއަށް އެކަމުން ހައިރާންކަމެއް ލިބުނެވެ. އަފްނާނުގެ ފަހަތުން ހަސަނު ހިނގައިގަތީ ބޯ ހާސްވެފައިވާ މީހަކު ފަދައިންނެވެ.
"ދަރިފުޅާ... އަފްނާނޫ... މަޑުކޮށްބަލަ..." އަފްނާނަށް ގޮވަމުން މަންޝާގެ ކޮޓަރިން ހަސަނު ނިކުތީ ނުތަނަވަސްކަމާ އެކުގައެވެ. ދެން ވާނެ ގޮތް ހިތަށް އަރުވަމުން އެނދުން ތެދުވެ ގޮސް ކޮޓަރީގެ ދޮރު މަންޝާ ލައްޕާ ތަޅުލިއެވެ. ޖެހިލުންވެ މޭ ތެޅޭ ގޮތް ވިއެވެ. ރުޅި ގަދަވެފައި ހުރުމުގެ ސަބަބުން މަންޝާގެ ދެއަތް ތުރުތުރު އަޅަމުން ދިޔައެވެ. އަދި ގަމީހުގެ ނެއްޓިފައިވާ ގޮށްތަކަށް ބަލާލިއެވެ. ގަމީހުގެ ދެ ދިމާލަކުން ދެގޮށް ނެތްކަން އެނގުމުން އޭނާ ލައިގެން ހުރި ގަމީސް ބާލައި ޓީޝާޓެއް މަހާލިއެވެ. އެއްލި ކަޅިން ކުޑަދޮރުން ބޭރުގައި ހިޔަންޏެއް ހުރިހެން މަންޝާއަށް ހީވިއެވެ. އެއީ ހަސަންބެ ބާވައޭ ހިތަށް އެރުމުން ކޮންމެވެސް ވަރަކަށް މަންޝާ ޖެހިލުން ވިއެވެ.
މަޑު ފިޔަވަޅުތަކެއްގައި ދޮރު ކައިރިއަށް މަންޝާ ގާތްވެލީ ދޮރު އެއްކޮށް ލައްޕާ ތަޅުލާށެވެ. އަނދިރީގައި ހުރި މީހާގެ ސިފަ މަންޝާއަށް ފެނުމުން ހިތަށް ކޮންމެވެސް ވަރެއްގެ ލުއި ކަމެއް ލިބުނެވެ. ނަމަވެސް އޭނާއާ ހަތަރުކަޅި ހަމަކުރާކަށް ބޭނުމެއް ނުވިއެވެ. ދޮރު ލައްޕާލަން ކުޑަ ދޮރުގެ ތަންޑުގައި ހިފާ ގާތްކޮށްލަން އުޅުނު ވަގުތު އެ ދޮރު ކައިރިއަށް އަންނަ ގޮތެއް ނުވިއެވެ. މަންޝާ ބާރުލަމުން ދުރުގައި ހުރި ޒިބާނަށް ބަލާލީ މީ އޭނަ ކުރާ ކަމެއްކަން ޔަގީން ވާތީއެވެ.
"މަން... ދެންމެ ގޮވީމަ މި އައީ... އެކަމު އޭރު އަފްނާނު ހުރީމަ އެތެރެއަށް ނުވަނީ... އަހަންނަށް ހެދޭ އެންމެ ގޯހަކުން ވެސް ތި ދަރިފުޅަށް ގެއްލުމެއް ލިބިދާނެތީ ދުރުގަ މަޑުކުރީ... މަން.... އަހަންނަށް މާފު ކުރޭ... މި ދުނިޔެމަތީ އުޅޭ ނުބައި އިންސާނުންގެ އަތްދަށުވެގެން ތި ހުންނަނީ ކޮން އުފަލެއް ލިބޭތީ... އަހަރެން މަންޝާ ހިމާޔަތް ކުރާނަށް... ޕްލީސް މަންޝާ..." ޒިބާންގެ ވާހަކަ މެދުކެނޑުނީ މަންޝާގެ ލޮލުން ކަރުނަ ފައިބާތަން ފެނުމުންނެވެ. ޒިބާން މިދެއްކި ވާހަކައިން މަންޝާގެ ހިތަށް އަސަރުކޮށްފިކަން ކަށަވަރެވެ. މަންޝާ ރޮއްވަން ޒިބާން ބޭނުމެއް ނޫނެވެ. އެހެންކަމުން ޒިބާން އެތަނުން ދިޔުމަކީ މަންޝާގެ ހިތް އެދޭ ގޮތްކަން ވިސްނި ޒިބާން އެތަނުން ދިޔައެވެ.
މަޑުމަޑުން ކުޑަދޮރު ލެއްޕުމުން މަންޝާއަށް ސިހިފައި ބަލާލެވުނެވެ. ޒިބާން ދިޔައީކަން އޭނާއަށް ޔަގީންވިއެވެ. ޒިބާންދެއްކި ވާހަކަތަކަށް ފުންކޮށް މަންޝާ ވިސްނާލީ ދެނެވެ. ޒިބާން އެބުނީކީ ވެސް މުޅިން ދޮގު ވާހަކައެއް ނޫނެވެ. ނުބައި ނުލަފާކަމުން ފުރިފައިވާ އިންސާނުންގެ އަނިޔާތަކަށް ކެތްކޮށްގެން އަހަރެން މިހުންނަނީ ކީއްވެ ހެއްޔެވެ. ތެދެކެވެ. އެއަށް ވުރެ ޒިބާންވެސް ރަނގަޅެވެ. މަންޝާގެ ސިކުނޑީގެ ކަނަކުން އޭނާގެ އަމިއްލަ ނަފްސާ ވާހަކަ ދައްކާ ކަހަލައެވެ.
"ނޫން ޒިބާންވެސް އޮޅުވާލީ... އަހަރެންނަށް ދޮގު ހެދީ... އެކަމަކު އޭނަ ތެދަށް ނުބުނިނަމަ މިވަރަށްވެސް މިކަންތައް ނޭނގުނީސް..." މަންޝާ އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ގޮސް އެނދު މައްޗަށް ވެއްޓިގަތެވެ. އޭރު އެނދުމަތީގައި ހުރި ބެރެބެދި މަލުގެ ފިޔަތަކުން ދުވަމުންދިޔަ މީރު ވަހަށް، ހަށިފުރާ ނޭވާއެއް ދަމާލިއެވެ. އެއަށްފަހު އެނދުމަތީ އޮތް އޭނާގެ ފޯނު ނަގާ ވައިބާ މެސެޖްތައް ހުޅުވާލިއެވެ.
ރޭގަނޑުގެ ކުޅިވަރުތައް ބަލަން ދިޔަ އެންމެން އެރޭ ގެއަށް އައި އިރު ދިހަގަޑި ބައި ވަނީއެވެ. މުޅި ގޭތެރޭގައި ވަނީ އާދަޔާ ޚިލާފް ހަމަހިމޭން ކަމެކެވެ. ވަރުބަލިވެފައި ހުރުމާއެކީ މުނީރާ ކޮޓަރިއަށް ނިދަން ދިޔައެވެ. މަންޝާގެ ކޮޓަރީގައި ޓަކި ޖަހާލަމުން ދެބުރަކަށް މަދީހާ ގޮވާލިއެވެ. މަންޝާ އޮތީ ކައިގެންތޯ ޔަގީން ކުރާށެވެ.
ކޮޓަރީގައި މަންޝާ އޮތީ އެއްވެސް މީހަކާ ވާހަކަ ދައްކަން ބޭނުން ނުވެފައެވެ. ބެރެބެދި މަލެއް ހިފައިގެން މަލުގެ ފިޔަތަކާ ކުޅެލަ ކުޅެލަ ހިމޭނުން އޮތީއެވެ. ޓަކިޖަހާ އެތައްފަހަރަކު މަދީހާ ގޮވުމުންވެސް މަންޝާގެ ޚަބަރެއް ނުވިއެވެ. މަދީހާވެސް އޭނާގެ ކޮޓަރިއަށް ނިދަން ދިޔައީ މަންޝާ ވެސް ނިދީ ކަމަށް ނިންމާފައެވެ.
ފޯނުގެ ޑާޓާ އޮންކޮށްލުމަށްފަހު އަފްނާނު އޭނާގެ ފޯނަށް އައިސްފައިވާ މެސެޖްތައް ބަލާލުމަށް ވައިބާ ހުޅުވާލިއެވެ. އެވަގުތު މަންޝާ ފޮނުވާފައިވާ މެސެޖެއް ފެނުމުން އަފްނާން އެ މެސެޖް ހުޅުވާލިއެވެ.
"އަފޫ... ތެންކިއު..." އެ މެސެޖަށް ޖަވާބެއް ދޭން ވެސް އަފްނާނު ބޭނުން ނުވާ ކަހަލައެވެ. ފޫހިގޮތަކަށް އެނދުގެ ހެޑްބޯޑުގައި ލެނގިލައިގެން ވިސްނަން އިނެވެ. ނަމަވެސް މިހާރު އެ މެސެޖް އަފްނާން ބަލައިފިކަން މަންޝާއަށް އިނގޭނެތީ އަފްނާނު އެ މެސެޖަށް ޖަވާބުދިނުމަށް ފޯނުގެ ކީބޯޑުގެ އަކުރުތަކަށް ފިއްތަން ފެށިއެވެ.
"އިޓްސް އޯކޭ ދޮނާ..."
އިތުރު އެއްޗެއް ލިޔަން ޓައިޕްކުރަން އުޅެފަވެސް އަފްނާނަށް އިތުރު ވާހަކައެއް ލިޔާކަށް ނުކެރުނެވެ. ހިތުގައި އުތުރި އަރަމުން ދިޔަ ޖަޒްބާތުތަކުން ދައްކަން ބޭނުންވާ ކިތަންމެ ވާހަކައެއް އެބަހުއްޓެވެ. މިރޭ މިފެނުނު މަންޒަރުން އަފްނާނުގެ މޫޑު މުޅިން ޚަރާބުވެފައި ވާތީ މިރޭ އަފްނާނަށް ނިދޭ ގޮތެއް ވެސް ނުވިއެވެ.
ހަސަނުގެ ހާލަކީ ވެސް އެއީއެވެ. ކުޑަކޮށް ނިދާލެވުނު ނަމަވެސް ހުވަފެެނުގައި ވެސް ހަސަނަށް ފެންނަނީ މަންޝާއެވެ. އެމަންޖެ ބަނޑުބޮޑުކަން އެނގުނު ފަހުން އެމަންޖެއާ ގާތްވެލާ ލޯބިކޮށްލަން ބޭނުންވެފައިވާ މިންވަރު އިތުރު ވިއެވެ. ހުވަފެނުން ހޭލެވުނު ފަހުން ހަސަނަށް ނިދޭ ގޮތެއް ނުވިއެވެ. ސީލިންގަށް ބަލަހައްޓައިގެން އޮތީ ދެން ހަދާނެ ގޮތަކާ މެދު ވިސްނާށެވެ.
ހަސަނުގެ މަގަތުގައި ނިދާފައި އޮތް މުނީރާ، ހަސަނު އޮތް ފަރާތަށް އެނބުރިލަމުން އޭނާގެ އެއް އަތް ހަސަނުގެ މޭމައްޗަށް ވައްޓާލިއެވެ. މުނީރާ އޮތީ ގަދައަށް ނިދާފައިކަން ޔަގީންކުރުމަށްފަހު ހަސަނު މަޑުމަޑުން އެނދުން ތެދުވިއެވެ. ލައިގެން ހުރި ޝޯޓުބުރީގެ ނާޑުވާފަށްގަނޑު ބާރުކޮށްލަމުން އެ ކޮޓަރީގައި ނިދާފައި ތިބި އޭނާގެ ދެ ފިރިހެން ކުދިންނަށް ބަލާލިއެވެ. މަޑު ފިޔަވަޅުތަކެއްގައި އެ ކޮޓަރިން ހަސަނު ނިކުތީ ސިއްރުސިއްރުންނެވެ. މުނީރާއާ ކުދިންނަށް ހޭލެވިދާނެތީ ދޮރުގެ ތަޅު އަނބުރާލީ ވެސް ވަރަށް ބަލައިގެން މަޑުމަޑުންނެވެ.
ކޮޓަރިން ބޭރަށް ނިކުމެ ދޮރުފަތް ލައްޕާލުމަށްފަހު ފެންޑާގައި ހުރި ގަޑިއަށް ހަސަނު ބަލާލިއެވެ. އޭރު ގަޑިން ހަތަރެއް ޖަހަންއުޅެނީ އެވެ. ޓީވީ ބަހައްޓާފައި ހުރި މޭޒުގެ އެއްފަރާތުގައިވާ ވަތްގަނޑު ހުޅުވާލީ ހަސަނު ފޮރުވާފަ ބޭއްވި އެއްޗެއް އޮތްތޯ ޔަގީން ކުރާށެވެ. އެ ކަބަޑު ތެރޭ ހުރި ކަރުދާސްތަކެއްގެ އަޑީގައި އޮތް ތަޅުދަނޑި ފެނުމުން ހަސަނުގެ ދެލޯ ހަނިވެގެން ދިޔައީ އޭނާގެ ތުންފަތަށް ވެރިވި ވަހުޝީ ހިނިތުންވުމުންނެވެ. އެ ތަޅުދަނޑި ނަގައިގެން ހަސަނު އަވަސްވެގަތީ މަންޝާގެ ކޮޓަރިއާ ދިމާއަށެވެ.
(ނުނިމޭ)